ތިރީސްވަނަ ބައި
ޝެލީގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ. ލިބިގެންދިޔަ ސިހުމުގައި ދޯނީގެ އަރިމަތީ ދަނޑިއެއްގައި ހިފަހައްޓައިގެން ޝެލީ އިނީ ކުދިންތައް ކަނޑަށް ފައިބައިގަތް ދިމާލަށް ބަލަހައްޓައިގެންނެވެ. ޝެލީގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ވަށައިގެންވި މާހައުލުގައި ހިނގާ އެއްވެސް ކަމެއް ޝެލީއަށް އިހުސާސް ނުވެއެވެ. އޭނާއަށް ފެންނަމުން ދަނީ ވަށައިގެންވި މާކަނޑު އެކަންޏެވެ. މާކަނޑުތެރެއަށް ހިތުގެ އެއްބައި ވެއްޓި ގެންބެމުން ދިޔައިރު ޝެލީ ހުރީ ޝޮކެއްގައެވެ.
ކުއްލިއަކަށް ޝެލީއަށް ތެޅިގަނެވުނީ ހުރި ތަނަށް ދޯނި މަޑުކޮށްފައި ސަލާމަތުން ތިބި ހުރިހާ ފިރިހެނުންތައް ކަނޑަށް ފުންމާލި ތަނާއެވެ. ރާޅާ ދޯނި ދެއަތަށް ހެލެމުންދަނިކޮށް އީމާ އައިސް ޝެލީގެ ގައިގައި އޮޅުލައިގަނެއްޖެއެވެ.
"ކިހިނެއްމިވީ؟ އެއިން އެކަކުވެސް ފެންނާކަށް ނެތް" އީމާ ރޮމުން ކިޔަމުން ދިޔައެވެ.
"ޖޭޑީ... ޖޭޑީ ފެންނާނެ. އަހަރެންގެ ޖޭޑީ ފެންނާނެ" އީމާއަށް އިވޭ ވަރަށް ޝެލީ ބުންޏެވެ. ދެން ދުވެފައި ގޮސް ސާޖިދު ވެއްޓުނު ދިމާލަށް ފުންމާލަން އުޅުނެވެ. އަންހެން ކުދިންތައް ޝެލީ ނުހިފެހެއްޓިނަމަ ޝެލީއަށް ވާނެ ގޮތެއް ބުނަން ނޭނގެއެވެ. ޝެލީގެ ބޭނުމަކީ މާ ކަނޑާ އަމިއްލަ ފުރާނަ ހަވާލުކުރުމެއް ނޫނެވެ. އެންމެންނަށް ވުރެ ކުރިން ސާޖިދު ހޯދައިގެން ސަލާމަތުން ދޯންޏަށް އެރުވުމެވެ.
ދޯނީގައި ތިބި އަންހެނުންގެ ތެރެއިން އެކަކު އިސްވެ ބާކީ ތިބި މީހުންނާ ކުރިމަތިލިއެވެ. އެންމެން ހަމަޖެހިގެން ތިބުމަށް ނަސޭހަތްތެރިވިއެވެ. ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފި ކަމުގައި އެއްކުއްޖަކު ބުންޏެވެ.
"އެއޮށް ފަތަނީ ކާކު؟" އެކަކު ބުންޏެވެ. އޭރު ދޯންޏާ ތަންކޮޅެއް ދުރުން މީހަކު ޖަހާފައި އަންނަތަން ފެނެއެވެ. ކަނޑުގެ ލޮނުގަނޑާ ހެދި މީހާގެ މޫނު ސާފެއް ނުވެއެވެ.
"އަސްލަމް އަރައިފި ދިރުނބާކޮޅުން. އެ އަންނަނީ އިއްބެ" އަޝްފާ ބުނެލިއެވެ. އޭރު ކަނޑަށް ފޭބި ގުރޫޕްތަކުން ފަހަރަކު މީހަކު ދޯންޏަށް އަރަމުން ދިޔައެވެ.
"ތިން މީހުން އަރައިފި ދޯ. އަދި ދެމީހުން ވެއްޖެ. ސާއްޖޯ އާއި މާޖީ ސަރ" އަޝްފާ ބުންޏެވެ.
އީމާގެ ގައިގައި ހިފައި ގަނެގެން ޝެލީ އިނެވެ. އަދިވެސް ޝެލީގެ ކަޅި ހުއްޓިފައިވަނީ ދޯނި ތެރޭގައި ސާޖިދު ހުއްޓިގެން ހުރި ދިމާލަށެވެ. ހިތާހިތުން ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ޝެލީ ދިޔައެވެ. ފައިބައިތްގަތް ގުރޫޕުން ގިނަ މީހުން ދޯންޏަށް އެރީތީ އެންމެފަހު ވަގުތާ ޖެހެންދެންވެސް އުންމީދެއްގައި ޝެލީ ހުއްޓެވެ.
މާގިނަ އިރެއްނުވެ ކޯސްޓްގާޑް ކައިރިކޮށްފިއެވެ. ހުރިހާ މައުލޫމާތުތަކެއް ނެގުމަށްފަހު ބައެއް ސިފައިން ކަނޑަށް ފޭބިއެވެ. ސިފައިންގެ ދެތިން މީހަކު ފަތާފައި އައި މީހުން ކޯސްޓްގާޑަށް އަރުވަން އުޅުނެވެ. ފަހަރަކު އަންހެން ކުއްޖަކު ކަމަށް ކޯސްޓްގާޑަށް އަރުވަމުން ގޮސް ޝެލީ އާ ޖެހުނުތަނާ އެންމެންނަށް ހައިރާންކަމެއް ލިބުނީ ޝެލީ ފަހަތަށް ޖެހުމުންނެވެ.
"އަހަރެން ހުންނާނީ މީގަ. އެމީހުން ފެންނަންދެން" ޝެލީ ބުންޏެވެ. ވަގުތުގެ ނާޒުކު ކަމުން އެއްވެސް މީހަކު ޝެލީއަށް މަޖުބޫރެއް ނުކުރެއެވެ. ޝެލީ ކައިރީގައި އީމާ ހުއްޓެވެ.
"މާޖީ ސަރ ގޮވައިގެން އެއޮށް އެރީ" އެތަނުން އެކަކު ބުންޏެވެ. ސިފައިންގެ މީހުންގެ އެހީތެރިކަމާއެކު މާޖިދު ކޯސްޓްގާޑަށް އެރުވިއެވެ. ސީޕީއާރް ދޭން ފެށުމާއެކު މާޖިދު ހަރަކާތްކޮށްލިތަން ފެނުނެވެ.
"ސާއްޖޯ... ހެއެއް ނެތް" ދޯނި ތެރެއިން ހަޅޭއްލަވައިގަތެވެ. ޝެލީ ލަސްލަހުން އެދިމާލަށް ބަލައިލިއެވެ. އޭރު ސާޖިދުގެ ކޯސްޓްގާޑަށް އަރުވައިފިއެވެ. ޝެލީ ދުވެފައި އެދިމާލަށް ދިޔައެވެ.
އީމާގެ ކޯލު އަލްމާޝްއަށް ލިބުނީ އެއްޗެހި ދޮންނަން އުޅެނިކޮށެވެ. ލޯންޑްރީ ބައިގައި ހުރެފައި ދުވެފައި ސިޓިންރޫމަށް ނުކުތް އަލްމާޝް ފެނުމުން ބަދިގެ އިން ކޮޓަރިއަށް ވަންނަން އައި ފަޒްނާގެ ދެފައިގައި ރޫރު އަޅަން ފެށިއެވެ. އަލްމާޝްގެ ބޮޑުވެފައިވާ ދެލޯ ފެނި ކަމެއް ގޯސްވެއްޖެކަން ފަޒްނާއަށް އެނގުނެވެ.
"މަ ން މާ... މަ ން މާ،.... ޝެލީ ޝެލީ....." އަލްމާޝްއަށް ޖުމްލަ ފުރިިހަމަ ނުކުރެވުނެވެ.
"ކިހިނެއްވީ...؟ ޝެލީއަށް ކަމެއްވީތަ؟...." ފަޒްނާ ހާސްވިއެވެ.
"ފް...ފޯނު... ފޯނު ކޮބާ؟ މާ ން އަށް ގު....ގުޅަންވެއްޖެ" އަލްމާޝް ކިޔަމުން ދިޔައެވެ. ފަޒްނާ ފަދައިން އަލްމާޝްގެ ހަށިގަނޑުވެސް ރޯމަހެއް ތެޅޭހެން ތެޅެމުން ދިޔައެވެ.
ކޮޓަރިއަށް ފޯނު ބަލައި ދިޔުމަށްވެސް ވަގުތުތަކެއް ފާއިތުވެގެންދާނެތީ ލައިގެން ހުރި ހައުސްކޯޓުގެ ޖީބުގައި އޮތް ފަޒްނާގެ ފޯނު އަލްމާޝްއަށް ދިނެވެ. ދެއަތް ތުރުތުރު އަޅާވަރުން އަލްމާޝްއަށް ފޯނުގައި ނިމާންގެ ނަންބަރު ޖެހުނީ އެތައް އިރެއްވީ ފަހުންނެވެ.
***********
ޓެކްސީ ގޭ ދޮރުމައްޗަށް މަޑުކޮށްލުމާއެކު ޒުވާނާ ކާރުން ފައިބައިފިއެވެ. ޑިކީ ތެރޭގައި ހުރި ބްރީފްކޭސް ޑްރައިވަރު ނަގައި ދިނުމުން ޒުވާނާ ހިނިތުންވެ ޑްރައިވަރު އަތަށް ފައިސާ ދިނެވެ. ޓެކްސީ ނައްޓާލުމާއެކު ޒުވާނާ ކުރިމަތީގައި ހުރި ގޭގެ ދޮރާއްޓަށް ބަލައިލިއެވެ. ޖަންބުގެ އުތުރުބައި ޖަހާފައިވާ ތަން ފެނުމުން ޒުވާނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.
ގޯތިތެރެ ކުނިކަހަން އޮތް ސަމީރާއަށް އޭނާ އާ ދިމާލަށް ފޮށި ދަމަމުން އައި ޒުވާނާ ފެނުމާއެކު ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ނުފެންނަތާ އެތައް ޒަމާނެއް ފަހުން ދޮށީ ދަރިފުޅު ފެނުމުން ވަގުތުން ސަމީރާއަށް ޖަޒުބާތީ ވެވިއްޖެއެވެ. މާބޮޑަށްވެސް ސަމީރާއަށް ވުރެ އިސްކޮޅުން ދިގު ފިރިހެން ދަރިފުޅުގެ މޭގައި ސަމީރާ ބޯއަޅައިފިއެވެ.
"ދަރިފުޅުގެ ހާލު ކިހިނެއް؟ ސަމީރާ އެހިއެވެ. އިރުއެރި ފަހުން މަންމަ މިއުޅެނީ ހިތް ނުތަނަވަސްވާވަރުން. އެހެން ދޯ ވާނީވެސް. ތިބީ ދެ ދަރިން. ދެ ދަރިން ލޯމަތީގައި ފެންނަން ނެތީމަ ފާޑުފާޑުގެ އެއްޗެހި ހިތަށް އަރާނެއްނު. އަޅެ އަހްމަދު ތިއައީވެސް ކޮއްކޮ ދަތުރަކު ދިޔަތަނާ"
"މަންމާ... އަހްމަދެއް ނޫނޭ..... " ޒުވާނާ ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ލޯތްބާއެކު ސަމީރާގެ ނިތުގައި ބޮސްދިނެވެ. ފެނުމާއެކު މަންމަގެ ލޯބިވެތި ޝަކުވާތައް ބަންޑުންކޮށްލާނެކަން މާކުރިންވެސް އޭނާއަށް އެނގެއެވެ. ހެވުނީ އެހެންވެއެވެ.
"އަހްމަދު ނުކިޔާ ދެން ކޮން ނަމަކުން ގޮވަންވީ. އަހްމަދު ޖަމާލްތަ" ދަރިފުޅުގެ ފަހަތުން އުނަގަނޑުގައި އަތް އަޅުވައިގެން ފެންޑާ އާ ދިމާލަށް ހިގަމުން ދިޔަ ސަމީރާ ބުންޏެވެ.
"ހެހެހެ... އަހްމަދާ ޖަމާލާ ދެމެދުގައިވެސް އިނދެއޭ ނަމެއް" ހެމުން ޒުވާނާ ބުންޏެވެ.
"މަންމަ ކިޔާނީ އެންމެ ކުރިންވެސް ކިޔާހެން" ސަމީރާ ބުންޏެވެ.
"ސާހިލް ކިޔާބަލަ. ހުރިހާ އެކުވެރިންވެސް ކިޔާނީ އެނަމުން" ސާހިލް ބުންޏެވެ. "ކިހާ ރީތި ނަމެއް"
"ދެން ހެޔޮ. އެއްޗެއް ކެއިންތަ؟" ސަމީރާ އެހިއެވެ.
"މަންމަ ހުރި ފަސްގަނޑަށް އައިސްފަ އަހަރެން އެހެން ތަނަކުން ކައިފާނެތަ؟" ސާހިލް ބުންޏެވެ.
"ހިނގާ ސައިބޯން. ހުންނާނެ ރޮއްޓާ ތޮރާ މަސްހުނި ހަދާފަ" ސަމީރާ ބުންޏެވެ.
**********
ސޯފާއަށް ދެފައި އަރުވައިގެން ފޯނާ ކުޅެން އިން ސިޔާ ފުންމައިގެން ތެދުވިއެވެ. ސިޓިންރޫމުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޮފީސް ވައިބަރ ގުރޫޕަށް އައި މެސެޖެއް ކިޔާފައި ސިޔާގެ ނޭވާ ހާސްވާން ފެށިއެވެ. މޫނު މައްޗަށް އަނދިރިވާހެން ވެސް ހީވިއެވެ. އަރި އަޅާލައިގެން ވެއްޓެން ދިޔަ ވަގުތު މޭޒު މަތީގައި ހުރި ބިއްލޫރި ވާސްގައި އަތުން ޖެހުނެވެ. އެއާއެކު މުށިތަކުގެ މައްޗަށް ވާސް ވެއްޓި ތަޅައިގެންދިޔަ އަޑު އިވުނެވެ. ސޯފާ އާ އެންމެ ކައިރީގައި ހުރި އިކާންގެ ކޮޓަރިއެވެ. އެހެންކަމުން ކޮޓަރިން އެންމެ ކުރިން ނުކުތީ އިކާނެވެ. ސޯފާ ގޮނޑި އާއި ކުޑަ މޭޒު ދޭތެރޭގައި ވެއްޓިފައި އޮތް ސިޔާ ފެނުމާއެކު އިކާނަށް ބާރަށް ސިޔާއަށް ގޮވާލެވުނެވެ. އެހެން މީހުން ކޮޓަރިތަކުން ނުކުތީ އެވަގުތުއެވެ.
"ދަރިފުޅާ.. ސިޔާ... ކް..ކިހިނެއްވީ" ހުރިހާ މީހުން އެއްފަހަރާ އިކާންގެ އަތްމަތީގައި އޮތް ސިޔާ އާ ގާތްވެލިއެވެ.
"މިތަނުގަ ބާއްވާ. ކޮޓަރިއަށް ގެންދާނެކަމެއް ނެތް" ޝިއުރާ ބުންޏެވެ. "ދޭބަލަ ފެން ތައްޓެއް ހިފައިން އަންނަން"
ސޯފާގައި ދިގަށް ސިޔާ އޮތެވެ. ބޮލާ ދިމާލުގައި އިން ލަކްޔަން ސިޔާގެ ބޯ ހިއްލާލާފައި އޭނާގެ އުނގުގައި ބޭއްވިއެވެ. ދެން މަޑުމަޑުން ސިޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.
"މާބޮޑު ކަމެއްނޫން" ހުރިހާ ދަރިންގެ މޫނަށް ބަލާލައިފައި އައްބާސް ބުންޏެވެ. ސިޔާ އާ ދިމާލަށް ގުދުވި ޝިއުރާ އިކާން ގެނެސްދިން ފެންތަށިން އަތަށް ކޯވަރެއް އަޅާފައި ސިޔާގެ މޫނަށް ބުރުވާލިއެވެ. ދެފަހަރަކު ބުރުވިތަނާ ލަސްލަހުން ސިޔާ ދެލޯ ހުޅުވާލިއެވެ.
"ތޭންކް ގޯޑް" ލަކްޔަން ބުންޏެވެ.
މަޑުމަޑުން ކަންތައްތައް ފަހުމްވާން ފެށުމާއެކު ސިޔާ ފުންމައިގެން ތެދުވެއްޖެއެވެ. ލަކްޔަންގެ އަތުގައި ބައްދައިގަނެފައި ބާރަށް ރޯން ފެށިއެވެ. ކަންބޮޑުވީވަރުން ލަކްޔަން އިނީ ކުރާނެކަމެއް ނޭނގިފައެވެ.
"ކަންތައްތައް ވަރަށް ގޯސްވެއްޖެ ބައްޕާ." ރޮމުން ސިޔާ ކިޔަމުން ދިޔައެވެ.
"ކް...ކޮބާ ފޯނު؟" ސޯފާއިން ފައިބައިފައި ސިޔާ ތަންތަން ހޯދަން ފެށިއެވެ.
"މިއޮތީީ" ތިރީގައި އޮތް ފޯނު ނަގާފައި އިކާން ބުންޏެވެ. ސިޔާ ބަލައިލި ގޮތަށް އިކާން އަތުން ފޯނު ޖަހައިގަތެވެ. އަވަސް އަވަހަށް ފޯނު ހުޅުވާލާފައި މެސެޖްތައް ބަލަން ފެށިއެވެ.
"ހިނގާ ހޮސްޕިޓަލަށް ދާން. އޮފީސް ކުދިންތައް ދަތުރު ދިޔަ ދޯނި އަޑިއަށް ދިޔައީ އޯ. ހާލު ގޯސްވި އެންމެން މިހާރު ވީ ހޮސްޕިޓަލުގަ" ސިޔާ ބުންޏެވެ. ދެން ލަކްޔަން އަތުގައި ހިފާފައި ދަމަން ފެށިއެވެ. ސިޔާ ހުރީ ހިތްއަވަސްވެފައެވެ.
"ތިހެން ހުރެތަ ދަނީ. ދޭ ރެޑީވެގެން އަންނަން" ލަކްޔަން ބުންޏެވެ. ސިޔާ ދުވަމުން ގޮސް ވަނީ ކޮޓަރިއަށެވެ.
ޝޮކެއްގައި އިން ލަކްޔަން ޓީވީ ހުޅުވާލިއެވެ. މައި ޓީވީ ޗެނަލުން ގެނެސްދެމުން ދިޔަ ލައިވް ޕްރޮގްރާމުން ސިޔާ އެބުނީ ތެދެއްކަން ހާމަވިއެވެ. ހޮސްޕިޓަލް އޮތީ މީހުންތަކުން ފުރި ބާރުވެފައެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭ ވަރަށް މީހުންތަކުން ތޮއްޖެހިފައެވެ. ނޫސްވެރިންތައް އެމީހުންގެ ވާޖިބު އަދާކުރުމުގައި ހަރަކާތްތެރިވަމުން ދިޔައިރު ބައެއް މީހުންގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. ކަނޑުވި މީހުން އެމްބިޔުލާންސްގައި ހޮސްޕިޓަލަށް ގެނައި ވީޑިޔޯތައްވެސް ދައްކަމުން ދިޔައެވެ. ރަތްކުލައިން ތިރިއަށް އަރަމުން ދިޔަ 'ބްރޭކިންގް ނިއުސް' ތަކުގެ ތެރޭގައި އިން ހަބަރު ކިޔާލާފައި ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ.
***************
އަފާފް ގޭތެރެއަށް ވަންއިރު ޝަހާނާގެ އާއިލާ ޓީވީ ކުރިމައްޗަށް ބޮނޑިވެފައި ތިއްބެވެ. ކުޑަކުޑަ ޖާޔާ އުރާލައިގެން ޝަހާނާ ތަންކޮޅެއް ދުރުގައި ހުއްޓެވެ. އަފާފް ފެނުމާއެކު ޝަހާނާ މާޔޫސީ ނަޒަރަކުން ބަލައިލިއެވެ.
"ތިއައީ ދޯ" އަފާފް ފެނުމުން ޝަހާނާ ބުންޏެވެ. "ނުކުންނަން އުޅުނު ގަޑިއަށް ޖާޔާ ހޭލީ. އާދޭ ކޮޓަރިއަށް" އެތެރެއަށް ވަންނަމުން ޝަހާނާ ބުންޏެވެ.
"ހާދަ ދެރައޭ ދޯ" ޖާޔާ އެނދުމަތީގައި ބާއްވާފައި ބާލީސްތައް ވަށައިގެން ކައިރިކޮށްލަމުން ޝަހާނާ ބުންޏެވެ.
"ދެން ކީއްކުރާނީ ދޯ. އެހުރިހާ ކުދިންނަށް އަހަރެން ހަމްދަރުދީވަން" އަފާފް ބުންޏެވެ.
"ހެދުން ގެނައިންތަ؟" ޝަހާނާ އެހިއެވެ. އަފާފް ބޯޖަހާލާފައި އަތުގައި އޮތް ކަރުދާސް ބޮޑު ކޮތަޅު ތެރެއިން ނަގާފައި ޝަހާނާއަށް ހެދުން ދައްކާލިއެވެ.
އަފާފް އެގެއަށް އައީ ޝެލީ ގެ ކައިވެންޏަށް އަފާފް ފެހި ހެދުން ހިފައިގެންނެވެ. އެއީ ޝެލީއަށް އަފާފް އާއި ޝަހާނާ ދޭ ކައިވެނީގެ ހަދިޔާއެވެ. މާކުރިން އަލްމާޝްއަށް ގުޅާފައި ހެދުން ހިފައިގެން ދާނެ ކަމަށް އަފާފް ބުންޏެވެ. ޝެލީ އޮފީހުގައި ހުއްޓަސް ގުޅާފައި ގެނެސް ހެދުން ހެޔޮވަރުކުރަން ޖެހޭނެކަމަށް އަފާފް ބުންޏެވެ. އެހެންނަމަވެސް އަލްމާޝްގެ ވާހަކަތަކުން ޝެލީ ދަތުރަކު ދާން އުޅޭ ވާހަކަ ބުންޏެވެ. އެހިސާބުން އަފާފް ނިންމީ ހެނދުނުން ގޮސް ހަވީރު ވަންދެން އަލްމާޝް ކައިރީގައި އެގޭގައި މަޑުކުރުމަށެވެ.
"އަފޫ އިންނަހާ އިރެއް ވަންދެން މަށަކަށް ނީނދެވޭނެ. ޖާޔާ ފަދައިން އާނާ ވެސް އަހަރެން ބަލަންޖެހޭ" ޝަހާނާ ބުންޏެވެ. އަދި އަފާފް ކައިރީގައި ހުރެފައި ޝެލީގެ ކައިވެނީގެ ބޮޑު ހެދުން ފަތުރާލާފައި ބަލައިލިއެވެ.
"މާޝާﷲ. ހާދަ ރީއްޗޭ. މި ހީވަނީ ހަމަ ޝެލީ ހެން" ޝަހާނާ ބުންޏެވެ.
"އެހެންވީމަ ޝަހާ މަޑުކުރޭ. އަހަރެން ހިނގައިދާނަން އެގެއަށް" އަފާފް ބުންޏެވެ.
އަފާފް ގެއިން ނުކުމެގެން ޓެކްސީއެއް ހޯދަން ވަކި ހިސާބަކަށް ހިނގައިގަތްތަނާ ފޯނަށް މެސެޖެއް އައެވެ. ބަލައިލިއިރު މެސެޖް ފޮނުވާފައި އޮތީ އަލްމާޝްއެވެ. އެ މެސެޖް ކިޔާލާފައި އަފާފްގެ ދެ ކަކުލުން ވާގި ދޫވެގެން ތިރިއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ދުވަހަކުވެސް އެވަރުގެ ސިހުމެއް ނުލިބެއެވެ. ދެތުންފަތް ބާރުކޮށްގެން ހުރިއިރުވެސް ނޭވާ އަވަސްވެއްޖެއެވެ. ޕޭވްމަންޓް މަތީގައި ފާރުގައި އަތް ވިއްދާލައިގެން އަފާފް މަޑުކޮށްލީ މީހާ ކުޑަކޮށް ހަމަޔަކަށް އެޅެންދެކަށެވެ.
**************
ސާހިލްގެ އެހީގައި ޓެކްސީ އިން ފޭބި ސަމީރާގެ މުޅި ހަށިގަނޑު ރޫރު އަޅަމުން ދިޔައެވެ. ސާހިލްގެ އަތްތިލައިގެ ތެރޭގައި އޮތް ސަމީރާގެ އަތުން ބާރަށް ސާހިލްގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. ރޫޖެހި ފުސްއަރާފައިވާ ސަމީރާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ. ހޮސްޕިޓަލް ކައިރިއަށް ޖަމާވެފައިވާ މީހުންގަނޑުގެ ތެރެއިން ސަމީރާ ކުރިއަށް ދިޔައެވެ. ބައެއް ނޫސްވެރިންގެ ކެމެރާ ސަމީރާއަށް އަމާޒުކޮށްލީ މީހުންގަނޑު ތެރެއިން ސަމީރާއަކީ ކާކުކަން ބުނަން ފެށުމުންނެވެ. ދެފައި ރޫރު އަޅަމުން ދިޔަވަރުން ކުރިއަށް ހިނގަންވެސް ސަމީރާއަށް އުނދަގުވިއެވެ. އެހެންނަމަވެސް ހިތުގައި ކުޑަކުޑަ އުންމީދެއް އޮތީތީ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް ކެތްކުރަމުން ސަމީރާ ދިޔައެވެ.
އަލްމާޝްގެ ގައިގައި ބައްދައިގަނެގެން ހުރި ޝެލީ ދުވެފައި ހޮސްޕިޓަލުގެ އަވަސްފަރުވާ ދޭ ބައިގެ ތެރެއަށް ވަދެގެން ދިޔައެވެ. ނުވިސްނާ ހުއްޓައި ޝެލީ އެކަހަލަ ކަމެއް ކުރުމުން އަލްމާޝްއަށް ވެސް އެދިމާލަށް ދެވުނެވެ. ޝެލީގެ ނަމުން ބާރަށް ގޮވަމުންނެވެ. ވަކި ހިސާބަކުން ނިމާން އަލްމާޝް ހުއްޓުވިއެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނު އަފާފް އާ އަލްމާޝް ހަވާލުކޮށްފައި ނިމާން އަވަސްފަރުވާ ދޭ ބައިގެ ދޮރުކުރިމަތީގައި ތިބި ފުލުހުންގެ ހުއްދަ ލިބިގެން އެތެރެއަށް ވަނެވެ. ބަލި މީހުންނާއި އެމީހުންގެ އެހީތެރިންގެ ތެރެއިން ނިމާން ކަންފަތުގައި ޖެހުނީ ޝެލީގެ ރުއިމުގެ އަޑެވެ. ވަގުތުން ނިމާން އެދިމާލަށް ދިޔައެވެ.
އެތެރޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ހަރަކާތްތައް ވަރަށް އަވަހެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.
"އެއް މަރު އަދި އައީ. އެކަކު ވަރަށް ހާލުދެރަ. ދެން ތިބި މީހުންނަށް ފަރުވާދެމުން ދަނީ" ނިމާންގެ ކަންފަތުގައި ނަރުހެއްގެ އަޑު ޖެހުނެވެ.
"އައި އެމް ޑޮކްޓަރ ނިމާން ޝާކީ އިބްރާހީމް" ޖީބުން ނެގި ކާޑު ދައްކާފައި ނިމާން ދިޔައީ ޝެލީގެ އަޑު އަންނަމުން ދިޔަ ދިމާލަށެވެ. ނިމާނަކީ ޑޮކްޓަރެއްކަން އެނގުނު ހިސާބުން އެއްވެސް މީހަކު ނިމާނާ އިތުރު ސުވާލެއް ނުކުރެއެވެ.
"ޝެލީ... ޝެލީ..." ނިމާން ގޮވަމުން އެތެރެއަށް ވަނެވެ. އިތުރު ނަރުހުންތަކެއް ޝެލީގެ ކޮނޑުގައި ހިފައި އެނދާ ދުރުކުރަމުން ދިޔައެވެ. އެނދުގައި އޮތީ ސާޖިދު ކަން ދެވަނަ ވިސްނުމަކަށް ނުގޮސް ނިމާނަށް އެނގުނެވެ. ނަރުސް ކުދިންތަކުގެ ތެރެއިން ނިމާން އެތެރެއަށް ވަންނަން އުޅުނު ވަގުތު އެތަނުން އެއް ނަރުހަކު އެނބުރި ނިމާނަށް ބަލައިލިއެވެ.
"މައި ޑޯޓަރ" ނިމާން ބުންޏެވެ. އެއާއެކު ނަރުސް ކުދިންތައް އެއް ކައިރިވެލައިފިއެވެ.
"ތެދުވޭ... ތެދުވޭ ޖޭޑީ...." އެނދުގައި އޮތް ފުރާނަ ނެތް މަސްގަނޑުގައި ދެއަތުން ތަޅަމުން ޝެލީ ގޮވަމުން ދިޔައެވެ. މުޅި ތަނުގެ ތެރޭގައި ޝެލީގެ ރުއިމުގެ އަޑު ގުގުމާލާފައި ހުއްޓެވެ. ސާޖިދުގެ ފުރާނަ ނެތްކަން އެނގުނު ހިސާބުން ނިމާނަށްވެސް އިހުސާސްތައް ހިފަހައްޓަން ދަތިވިއެވެ. އެހެންނަމަވެސް ހުދު ނިމާނަކީ ޑޮކްޓަރަކަށް ވެފައި ފިރިހެނަކަށް ވީތީ ކެތްތެރިވަމުން ދިޔައެވެ.
"ދަރިފުޅު.. އޭތް... ހަމަޖެހިބަލަ" ޝެލީ ހިފަހައްޓަން މަސައްކަތް ކުރަމުން ނިމާން ބުންޏެވެ.
"ބައްޕާ... ޖޭޑީ މަރެއް ނުވެއޭ. އެމީހުންނޭ އެހެން ކިޔަނީ... ޖޭޑީ.... ޖޭޑީ ލޯ ހުޅުވަބަލަ. ހަނދާންނެތުނީތަ؟ މާދަމާ މިއީ ކޮން ދުވަހެއް. އަދިވެސް ވަރަށް ބައިވަރު ކަންކަން އެބަހުރި ނުނިމޭ. ބުނީމެއްނު..... ބުނީމެއްނު ރޫމް ދައްކާލަން ގެންދާނަމޭ" މަޔައެއް ފަދައިން ސާޖިދުގެ މޭގައި ދެއަތް އަޅުވައި ތަޅުވަމުން ޝެލީ ދިޔައެވެ.
"ޝެލީ... އެންމެން އެބަލަނީ ދަރިފުޅަށް... ތިހެން ނޫޅެބަލަ. ތިއީ އެއްވެސް އެއްޗެއް ނުވިސްނޭ ކުއްޖެއް ނޫނެއްނު. ހިނގާބަލަ ބައްޕައާއެކު ބޭރަށް. މަންމަމެން އެބަހުރި ދަރިފުޅަށް މަޑުކޮށްގެން" އޯގާތެރިކަމާއެކު ނިމާން ވާހަކަދެއްކިއެވެ.
"ނުދާނަން. ޖޭޑީ ގޮވައިގެން ދާނީ. ބައްޕަ ދޭ... ދުރަށް ދޭ. އެއްވެސް މީހަކު އަޅުގަނޑު ބޭނުމެއްނޫން. ނުފެނޭތަ.... ނުފެނޭތަ ބައްޕައަށް ޖޭޑީ ހީލައިގެން އޮތްތަނެއް" ސާޖިދާއި ޝެލީ ދެފިޔަވަޅު ދުރުކުރާއިރަށް ނިމާންގެ އަތުން ލޫދިގަނެގެން އަނެއްކާވެސް ސާޖިދު ކައިރީގައި ޝެލީ ހުއްޓެއެވެ.
"ޝެލީ... ޝެލީ" މިފަހަރު ނިމާންގެ އަޑު ބާރުވިއެވެ. ކޮންމެސް ގޮތަކަށް ޝެލީ މައިތިރިކުރަން ޖެހެއެވެ. ނަރުހުންނާއި ޑޮކްޓަރުންގެ މަސައްކަތަށް ޝެލީގެ ސަބަބުން ހުރަސް އެޅެމުން ދިޔައެވެ. "ސާޖިދު އެ އޮތީ މަރުވެފަ. ދެން ނާންނާނެ މިދުނިޔެއަކަށް. ގަބޫލުކޮށްބަލަ. ހަގީގަތާ ކުރިމަތިލާބަލަ. ސާޖިދު އިޒް ޑެޑް...." ނިމާންގެ ދެއަތުން ޝެލީގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުއްޓެވެ. ނިމާން ފަހުން ބުނެލި ބަސްތަކާއެކު ޝެލީ ހުއްޓުން އަރާފައި ނިމާންގެ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. ނިމާންގެ ދެއްކި ވާހަކަތައް ޝެލީގެ ކަންފަތުން ގުގުމަމުން ދިޔައެވެ.
"ޝެލީ......" ޝެލީ ބަހެއްނުކިޔާ ހުންނަން ފެށުމުން ނިމާން މާބޮޑަށް ކަންބޮޑުވިއެވެ. ޝެލީ ޝޮކަކަށް ހިނގައިދާނެތީ ނިމާން ހާސްވިއެވެ.
ކުއްލިއަކަށް ނިމާން ސިހުނީ ނިމާންގެ ގައިގައި ބައްދައިގަނެފައި ޝެލީ ރޮއެގަތުމުންނެވެ. ހީވީ ނީމާންގެ ފުރާނަ ރޮއެގަތް ހެންނެވެ. ވަގުތުން ނިމާންގެ ދެލޮލުން ކަރުނަ އޮހިގަނެއްޖެއެވެ. މަޑުމަޑުން ޝެލީ ގޮވައިގެން ބޭރަށް ނުކުންނަން ދިޔައިރުވެސް ޝެލީ ގިސްލާފައި ރޮމުން ދިޔައެވެ. އެތެރޭގައި ތިބި ކޮންމެ މީހެއް ރޮއްވާލާފައެވެ.
އަވަސްފަރުވާދޭ ބައިން ޝެލީ ނެރުނުތަނާ ނިމާންގެ އަތު ތެރެއަށް ހަބަރު ހުސްވެގެން ޝެލީ ދެމިއްޖެއެވެ.
ސާޖިދު ހަށިގަނޑު އޮތް ތަނަށް ސަމީރާ ވަދެފައި ނުކުތްއިރު މީހަކު ހިތްފަޅައިގެން ދާނެއެވެ. އެ އުމުރުން ދުވަސްވީ މީހާ ރުއިމުގެ އަޑު ނީވުނެއް ކަމަކު ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ގޮނޑީގައި ސަމީރާ ބޭންދިތަނާ އަނެއްފަރާތުން ފަޒްނާ ސަމީރާ އާ ގާތްވެލިއެވެ. މިއަދު ސަމީރާއަށް މީހެއްގެ އެހީތެރިކަން ބޭނުންވާނެކަން ފަޒްނާއަށް އެނގެއެވެ. އެހުރިހާ މީހުންގެ ތެރެއިން އެންމެ ހިތްވަރުގަދަ މީހަކަށް ހުރީވެސް ފަޒްނާއެވެ.
އެތައް އަހަރަކަށްފަހު ދުނިޔެއިން އެންމެ ލޯބިވި މީހުންތައް ތިބި ފަސްގަނޑަށް ސާހިލް އައީ ވަރަށް ފޮނި އުންމީދުތަކާއެކުގައެވެ. އެހެންނަމަވެސް ހުރި ހަމައެކަނި ކޮއްކޮގެ ޖާނާޒާއަށް އާދެވުމުން ސާހިލްގެ ހިތްވަރު ކެނޑުނެވެ. ސަމީރާ އާ ޖެހިގެން ސާހިލް އިންއިރު މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެންމެފަހުން ދެކަކުލުގައި ދެއަތުގެ އުޅަނބޮށި ޖައްސައި ދެއަތުގެ ތެރޭގައި މޫނު ފޮރުވާލިއެވެ. ހަށިގަނޑަށް އަންނަމުންދިޔަ ލޮޅުންތަކުން ސާހިލް ރޮމުން ދިޔަކަން ބަލަން ހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.