ނަވާވީސްވަނަ ބައި
ފޯނު ހިފައިގެން އެނދުގައި އިން އަލްމާޝް އިނީ ވިސްނުމެއްގައެވެ. ރެއަށް ކެއްކުމުގެ މަސައްކަތެއްގައި ބަދިގޭގައި ހުރެފައި އަލްމާޝް ކޮޓަރިއަށް ވަނީ ފާހާނާ ކޮށްލުމަށެވެ. ޗާޖަރަށް ޖަހާފައި އޮތް ފޯނު ރިންގުވާން ފެށީ ކޮޓަރިން ނުކުންނަން ދަނިކޮށެވެ. ނުދަންނަ ނަންބަރުތަކުން އަންނަ ކޯލުތަކަކީ އަލްމާޝް މާބޮޑު ސަމާލުކަމެއް ދޭ ކޯލްތަކެއް ނޫނެވެ. އެހެންނަމަވެސް އެ ކޯލު އަލްމާޝް ނެގިއެވެ. ނިމާނާއި މިކާލް ގެއިން ބޭރުގައި ވި ވަގުތެއްގައި އެތަނުން މީހެއްގެ ހަބަރެއްދޭން މީހަކު ގުޅީ ކަމަށް ވެދާނެތީއެވެ. ލަކްޔަންގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްމާޝްއަށް އެނގުނެވެ. ފޯނު ކަނޑާލަންވީ އޭ ހިތަށް އަރާފައި އިރުކޮޅެއް ވަންދެން ވާހަކަނުދައްކައި އަލްމާޝް އިނެވެ. އެންމެފަހުން ލަކްޔަން ފޯނު ކަނޑާލަނީ އޭ ބުނި ވަގުތު އަލްމާޝް ހަމައެކަނި 'ހޫމް' އެއް ލައްވާލިއެވެ. ލަކްޔަން އެދުނު ފަދައިން ބައްދަލުކުރަން އަލްމާޝް ހިތް އެއްބަހެއް ނުވިއެވެ. ތަންތަނުން ބައްދަލުކޮށް އެކުވެރިކަން ދެމެހެއްޓި ޒަމާން ހިނގައްޖެއެވެ. އަލްމާޝްގެ ސިފަ އާއި އުޅުމަށް ބަދަލު ނައި ކަމުގައި ވިޔަސް ދިރިއުޅުމަށް އެތައް ބަދަލެއް އަތުވެއްޖެއެވެ. ދެ ދަރިން ބޮޑުވެ ޒުވާން އުމުރުން ފަހަތަށް ޖެހެން ފަށައިފިއެވެ. ވީއިރު މިހާރު ލަކްޔަން ބައްދަލުކުރަން ބޭނުންވާ ވާހަކަ އެބުނީ ކީއްކުރަން ހެއްޔެވެ؟
ކޮޓަރި ދޮރުހުޅުވާލި އަޑަށް އަލްމަޝް ބަލާލިއެވެ. ނިމާން ވަދެގެން އަންނަމުން އަލްމާޝްއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ދަބަސް އެނދުމަތީގައި ބަހައްޓާފައި ނިމާން އަލްމާޝްއަށް ހީލިއެވެ.
"ކިހިނެއްވެފަ" ނިމާން އެހިއެވެ. އަލްމާޝް ދެފަރާތަށް ބޯހޫރާލިއެވެ. ހިނިތުންވެލަމުންނެވެ.
"އައިމް ސްޓާވިންގް" ބަނޑުގައި އަތްހާކާލާފައި ނިމާން ބުންޏެވެ.
"އޭރުވެސް ބުނިން ދޯ ގުޅާފަ ކާން އަންނާށޭ. ނައީނު. ހިނގާ ސައިބޯން" އަލްމާޝް ބުންޏެވެ.
"ނާދެވުނީ ބިޒީކަމުން. އޯޕީޑީ ނިންމާފައި ކާން ދާންވެގެން ޖިނާއަށް ގުޅިތަނާ ބުނެފި އެމެޖެންސީއެއް ދިމާވެގެން އޯޓީގައޭ" ނިމާން ބުންޏެވެ.
"ތީ މާންއަށް އަބަދުވެސް ވާވަރެއްނު. ދެންވެސް އާދޭ ފްރެޝްވެލައިގެން" އަލްމާޝް ތެދުވަމުން ބުންޏެވެ. ހިނގައިގަތް އަލްމާޝްގެ އަތުގައި ނިމާން ހިފެހެއްޓިއެވެ. ގާތަށް ދަމާލިގޮތަށް ގެނެސް ދެއަތް ތެރޭގައި އަލްމާޝް ހައްޔަރުކޮށްލިއެވެ.
"މިހާރު ހާދަ ނޯޓީވެގެން ތިއުޅެނީ. ލަސްވޭ އެބަ. ދޫކޮށްލާ" އަލްމާޝް ބުންޏެވެ.
"އަހަރެން ބައްދާލާހިތުން ބައްދާލީމަ ނޯޓީވީތަ އެ. ދަރިން ބޮޑެތި ވީމަ އަހަރެމެންގެ ހިތްވެސް މުސްކުޅިވީތަ؟ އެހެންނޫނަސް މިއީ ކޮޓަރިއެއްނު. މިތާކަށް ނާންނާނެ އެއްވެސް މީހަކު" ނިމާން ބުންޏެވެ.
އަލްމާޝް އެނބުރިފައި ނިމާންގެ މޭގައި ބޯއެޅިއެވެ. ދެލޯމަރާލައިގެން އިރުކޮޅަކު ހުރެފައި ނިމާން ފަހަތަށް ކޮށްޕާލިއެވެ. ހަރުގައި އޮތް ތުވާލި ހިފައިގެން އައިސް ނިމާން އަތަށް ދީފައި އަތުގައި ހިފައިގެން ފާހާނާ އާ ދިމާލަށް ގެންދިޔައެވެ.
"ފައިވް މިނިޓްސް މިދިނީ. އަވަހަށް އަންނާތި" ފާހާނާގެ ދޮރުން އެތެރެއަށް ނިމާން ވައްދާފައި އަލްމާޝް ބުންޏެވެ. ނިމާނަށް ހެވުނެވެ. އެހިނދުކޮޅުގައި ވެސް އަލްމާޝްގެ އަތުގައި ހިފައި ދަމައިގަނެފައި ކޮލުގައި ތުންފަތްޖައްސައި ބާރުކޮށްލިއެވެ.
"ދެން.... ..." ނިމާންގެ އަތު ތެރެއިން ނުކުމެ އަލްމާޝް ބުންޏެވެ. ހީލާފައި ނިމާން ދޮރުފަތް ލައްޕާލިއެވެ. އަލްމާޝް ކޮޓަރިން ނުކުމެގެން ދަމުން ނިމާން ލާނެ ޓީޝާޓަކާއި ސޯޓެއް ނަގާފައި އެނދުމަތީގައި ބޭއްވިއެވެ.
***************
ޝަހާނާ އުޅެއުޅެވެސް އާނާއަށް ކާއެއްޗެއް ނުދެވުނެވެ. އެންމެފަހުން ގޮތްހުސްވެފައި ޝަހާނާ ބަލައިލީ ޖިނާނަށެވެ. ފޯނު ބާއްވާފައި ޖިނާން އައިސް ޝަހާނާ ކައިރީގައި ހުއްޓުނެވެ. އެހިނދު ޝަހާނާ ގޮނޑިން ތެދުވިއެވެ. އެގޮނޑީގައި އިށީނދެފައި ޖިނާން ނަޒަރު ހުއްޓައިލީ ޖެހިގެން އިން ގޮނޑީގައި އިން އާނާ އަށެވެ.
"އާނާ..." ޖިނާން މަޑުމައިތިރިކަމާއެކު އާނާއަށް ގޮވާލިއެވެ. ލަސްލަހުން އިސްއުފުލާލާފައި އާނާ ޖިނާނަށް ބަލައިލިއެވެ. އާނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ނެތެވެ. ފަން އިސްތަށިގަނޑު އެއްކޮށްލާފައި ކޮނޑުގެ އެއްފަރާތުން ގެނެސްފައި އޮތެވެ. ވިހައިގެން ގިނަ ދުވަސްތަކެއް ވަންދެން އާނާ އަކީ ފަލަ އަންހެނެކެވެ. އެހެންނަމަވެސް އެ ހަށިގަނޑު އަނަރޫފަވަމުން ގޮސް ކަށިކޮޅަކަށް ވެއްޖެއެވެ. ތާއަބަދު އާނާގެ ދުލުގައި ވަނީ ދަރިފުޅުގެ ނަމެވެ.
"ދަރިފުޅާ ހަމައަށް ދެވޭނީވެސް އާނާ ހެޔޮހާލުގައި ހުރެގެނެއްނު. ނުކައި ނުބޮއެ ތިހެން އުޅެގެން މީހާ ހައްތަހާ ދަށަށް ދާނީ. އާނާ ތިހެން އުޅޭތީ ދޮންތަ އެހުންނަނީ ކިހާ ދެރަވެފަ. އާނާއަށްޓަކައި ދޮންތަ ނުކުރަނީ ކޮންކަމެއް. ރާއްޖެއިން ބޭރުގަ އުޅެފަ އާނާއަށްޓަކައި މާލެއަށް ދިރިއުޅުން ބަދަލުކުރީ. ހިނގާ ކޮންމެވެސް ވަރަކަށް ކާލައިގެން މާދަމާ ހަވީރުން ހިނގާލަން ނުކުމެލަން" ޖިނާން ލޯތްބާއެކު ވާހަކަދެއްކިއެވެ. ޖިނާންގެ ދެލޮލަށް އާނާ ބަލައިލިއެވެ. ޖިނާންގެ ދެލޮލުން ފެނުނު އޯގާތެރިކަން އާނާގެ ހިތުގައި މަލަން އެޅި ކަހަލައެވެ. އާނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން އައީ ޖިނާން ބަލަހައްޓައިގެން އިންދައެވެ.
"އަހަރެން ކާއެއްޗެއް ބޯއެއްޗެއް ބޭނުމެއްނޫން. އަހަރެންގެ ދަރިފުޅު ހުރި ހިސާބަކަށް ގެންގޮސްދީ. އެދަރިފުޅާ މެދު އެގޮތަށް ކަންތައް ކުރެވުނީމަ މިއަދު މިހާލު އަހަރެންނަށް ޖެހިފަ މިވަނީ" އާނާ ވާހަކަދެއްކިއެވެ. ޖިނާން އިސްޖަހާލިއެވެ.
"ދޮންތާ..." އާނާ ކުއްލިއަކަށް ހިފީ ކައިރީގައި ކޮޅަށް ހުރި ޝަހާނާގެ ދެއަތުގައެވެ. "އަހަރެންނަށް އެކުއްޖާފުޅު ފެންނާނެތަ؟ ދިމާވާނެތަ؟ ދުވަހަކުވެސް އަހަރެންނަށް މަންމާ އޭ ކިޔާފަ ގޮވާލާނެތަ؟ އާނާ ބުންޏެވެ. އާނާގެ ސުވާލުތަކާއެކު ޝަހާނާގެ ދެލޯ ފެންކަޅިވިއެވެ. އެކުއްޖާ އަނާއަށް ފެންނާނެ ކަމުގެ ޔަގީންކަން ޝަހާނާ ދޭނީ ކިހިނެއް ހެއްޔެވެ؟ އާނާގެ ދަރިފުޅު ދުނިޔޭގައި ހުރިކަމެއްވެސް ނޫނީ ނެތްކަމެއްވެސް ޝަހާނާއަށް ނޭނގެއެވެ. އަމިއްލަ އެދުން ބޮޑުވީވަރުން އާނާ އެކުއްޖާ ދޫކޮށްލި ހިސާބުން ހޯދަން ޝަހާނާއަށް ވެސް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނެތެވެ. ދަރިފުޅާ އާނާ ވަކިކޮށްލުމުގެ ވިސްނުން ޝަހާނާގެ ނެތަސް ހުދު ޝަހާނާވެސް ބޭނުންވީ އުމުރުން ދުވަސްވީ މީހާގެ ކިބައިން އާނާ ސަލާމަތްކުރުމެވެ.
"ޖާޔާ ފެންނަ ކޮންމެފަހަރަކު އަހަރެން ހިތަށް ތަދުވޭ. ދަރިފުޅު އަހަރެންނާ ވަކިކޮށްލީ ހާދަ ބޭބީ އިރުގައޭ. އޭރު ބޭބީ ހާދަ ބައްޔޭ" އާނާ ބުންޏެވެ. "މިހުރިހާ ކަމެއްވީ އެ ހަމްދާނަކާ ހެދި. މެރީކުރަން އެހާ ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް އޭނަ އަހަރެންނަށް ބިޓްރޭ ވީ" ރޮމުން އިނދެ އާނާ ކިޔަމުން ދިޔައެވެ. ޝަހާނާ އާއި ޖިނާން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ. މީގެކުރިން އެހާ ވަރަށްވެސް އާނާ ވާހަކަނުދައްކައެވެ. ގޮނޑިއެއް ހިފައިގެން އައިސް ޝަހާނާ އިށީނެވެ. ދެން އާނާގެ އަތްތިލަ ނަގާފައި ޝަހާނާގެ އަތުގެ ތެރެއަށް ލިއެވެ. ގިނަގިނައިން ވާހަކަދެއްކުމަކީ އާނާ އާދައިގެ ދިރިއުޅުމަކަށް އެނބުރި ދިޔުމަށް އޮތް އެންމެ ރަނގަޅު ފަރުވާކަމުގައި ޑޮކްޓަރުން ވަނީ ބުނެފައެވެ. އެކަމުގެ ކޮޅުމަތި ފެނުމުން ޝަހާނާއަށް ހަމަޖެހުން ލިބިއްޖެއެވެ.
"ހަމްދާނު އާނާ ދޫކޮށްލާފައި ދިޔުމަކީ ހަމްދާނުގެ މައްސަލަ. އެކަމަކު ދޮންތަ އާއި ދޮންތަބެގެ ނުގަބޫލުގަ އެހާ އުމުރުން ދުވަސްވީ މީހަކާ އާނާ މެރީކުރީ ކީއްވެ؟ އެވެސް އުމުރުން އެހާ ޅަކޮށް ހުއްޓަ. ހަމްދާނު ދެކެ އައި ރުޅިމަތީގަ އެގޮތަށް ކައިވެންޏެއް ކުރީމަ އާނާއަށް ވި ފައިދާއެއް އެބައޮތްތަ؟ ހަމްދާނަށް ވި ގެއްލުމެއް އެބައޮތްތަ؟ ހަގީގަތުގަ ދޮންތަ ގޯސްކުރާނީ ކޮއްކޮ. މިހާރު ހަމްދާން ބްލޭމްކުރަނީ ކީއްކުރަން. އަދި ކުއްޖަކު ލިބުނީމަ ކުއްޖާ ބައްޕަދެކެ ވީ ފޫހި ކުއްޖާއަށްވެސް ބޭލީ. ދެން މިހާރު ކުރާނެކަމެއް ނޯންނާނެ" ޝަހާނާ ވާހަކަދެއްކިއެވެ. އިސްތިރިކޮށްލައިގެން އިނދެ އާނާ ރޮމުން ދިޔައެވެ.
އެއްޗެއް ވެއްޓި ތަޅައިގެން ދިޔަ އަޑަށް ނިދިފައި އޮތް އައްބާސް ފުންމައިގެން ތެދުވިއެވެ. ދޮރުހުޅުވާލާފައި ކޮޓަރިން ނުކުތްއިރު ސޯފާތަކުގެ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަ މޭޒު މުޅިން ފުނޑުފުނޑު ވެފައެވެ. އައްބާސް ނަޒަރު ސީދާކޮށްލީ ފާރުގައި އެއް އަތް ވިއްދައިގެން ހުރި ލަކްޔަންއަށެވެ. އަނެއްފަރާތުގައި ޝިއުރާ ހުއްޓެވެ. ލަކްޔަން ރުޅިގަދަވެގެން އެފަދަ އަމަލެއް ހިންގުމުން ލޫހްވެސް ބިރުން ޝިއުރާގެ ގައިގައި ބައްދައިގެން ހުއްޓެވެ. ސޯފާގައި އިކާން އިންއިރު ކޮޓަރި ދޮރުހުޅުވަލައިގެން ދޮރުމަތީގައި ސިޔާ ހުއްޓެވެ. ފާރޫގް ގޭތެރެއިން ނުފެނެއެވެ. ސޯފާގައި އިން އިކާން އިސްއޮބާލައިގެން އިނެވެ.
"ލޫހް... އަދިވެސް ނުނިންދަވަންތަ؟" ގޭތެރޭގެ މާހައުލު ރަނގަޅު ނޫންކަން އެނގުމުން އައްބާސް ބުންޏެވެ. ވީކަމެއް ދަރިން ކައިރިން އަހައިގެން އޮޅުންފިލުވުމުގެ ކުރިން އައްބާސް ލޫހް ކޮޓަރިއަށް ވެއްދިއެވެ.
"މައާފްކުރައްވާ ބައްޕާ. އަޅުގަނޑުގެ ސަބަބުން ބައްޕަގެ ރޭގަނޑުގެ ނިދި ހަރާބުކޮށްލެވިއްޖެ" އައްބާސް އެއްޗެއް ބުނުމުގެ ކުރިން ލަކްޔަން ބުންޏެވެ. އަދިވެސް ވީކަމެއް ނޭނގޭތީ އައްބާސް އޮޅުންފިލުވަން ބޭނުންވިއެވެ. އެހެންކަމުން ހިނގަމުން ގޮސް ލަކްޔަން ކައިރީގައި ހުއްޓިފައި ލަކްޔަންގެ ކޮނޑުގައި އަތްޖައްސާލިއެވެ.
"ކިތަންމެ ރުޅިއެއް އަޔަސް ތަކެއްޗަށް ގެއްލުންދޭން މިގޭގަ އެހާ ކުޑަކުއްޖަކު ނޫޅޭ. ރުޅި އަންނަ ހިނދު އެ ހައްދެއްގެ މަތީގައި ބަހައްޓަން ދަސްކޮށްބަލަ. އެއީ ނަރަކައިން ނަގާ އެއްޗެއް. ރުޅި ފިލައިގެންދާއިރު އެދަނީ މުޅި މީހާގެ ހައިބަތާއި ބުއްދި ހިފައިގެން" މަޑުމައިތިރިކަމާއެކު އައްބާސް ވާހަކަދެއްކިއެވެ.
"މީހަކު ރުޅި ނައިއްޔާ ދެރައެއްނު. މީނދަ ފެންނަ ގޮތެއްނެތް ފިރިހެނާއަށް މިގޭ މީހުން އަންގާ އަހަރެންނާ ވާހަކަނުދައްކަން" ލަކްޔަން ބުންޏެވެ. އައްބާސް އިކާނަށް ބަލައިލާފައި ފިރިހެން ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ. އިކާނަށްޓަކައި ލަކްޔަންގެ ހިތުގައި އެވާ ނަފުރަތަކީ ދާއިމީ ނަފުރަތެއް ނޫންކަން އައްބާސަށް އެނގެއެވެ. ބޭނުންވަނީ އެކަމުން އަރައިގަންނަން ލަކްޔަންއަށް ވަގުތެވެ.
"ބައްޕައަށް ވިސްނޭ ދަރިފުޅާ. އެކަމަކު ރުޅި ކޮންޓްރޯލްކުރޭ" އައްބާސް ބުންޏެވެ. އޯގާތެރިކަމާއެކު އައްބާސް ވާހަކަދެއްކުމުން ލަކްޔަންގެ ރުޅި ފިނިވެއްޖެއެވެ.
"ކޮބާ މައްސަލައަކީ؟" އައްބާސް އެހިއެވެ.
"އެ އަންހެންކުއްޖާގެ ދިރިއުޅުން ހަލާކުކޮށް، މިހާރު ކޮން ދެރައެއް މީނަ ވާކަށް" ލަކްޔަން ބުންޏެވެ. "އަހަރެން ހަމަ ހައިރާންވެއްޖެ ޝެލީ އޭ ކިޔާފައި އަހަރެންގެ ކުރިމަތީގައި އަނގަ ހުޅުވީތީ؟ ކޮބާ ކަލޭގެ ލަދު؟ ޝެލީ އެބައުޅޭތަ މޮޔަވެގެން ކަލެ އާ ނީނދެވިގެން" ލަކްޔަން ހަޅޭއްލަވަމުން ދިޔައިރު އޮބާލައިގެން އިން އިސް އުފުލައިލަންވެސް ނުކެރިފައި އިކާން އިނެވެ.
ޝެލީ އާ އިނުމުގެ ހިޔާލު އާއިލާއަށް ހުށަހަޅަން އިކާނަށް ހިޔާލު ދިނީ ރާވީއެވެ. ލަކްޔަންގެ ރުހުން ލިބި ކުރީގެ ދިރިއުޅުމަށް އެގޮތުން ދެވިދާނެކަމަށް އިކާން ހީކުރިއެވެ. ކޮންމެހެން ޝެލީ އާ އިނދެގެން ދިރިއުޅުމެއް އުޅުމުގެ ވިސްނުމެއް އިކާންގެ ނެތެވެ. ބޭނުންވީ އާއިލާ މީހުންގެ ގެއްލިފައިިވި އިތުބާރު އަލުން ހޯދުމެވެ. ދޮގެއް ހަދައިގެން ނަމަވެސް ލަކްޔަންގެ ރުހުން ހޯދާށެވެ.
"ހައު ޝޭމްލެސް ޔޫ އާ" ސިޔާގެ އަޑާއެކު ހުރިހާ މީހުން ސިޔާއަށް ބަލައިލިއެވެ. "އިފް ޔޫ ރުއިންޑް ޝެލީދައްތަގެ ލައިފް އަގެއިން އައި ވިލް ފޮގެޓް އަބައުޓް ދަ ކިންޝިޕް ވިދް ޔޫ...."
އިކާން އިސްއުފުލާ ސިޔާއަށް ބަލައިލިއެވެ. އެއްބަނޑު އެއްބަފާ ކޮއްކޮވެސް ގެއްލިއްޖެއެވެ. ކަންތައްތައް ރަނގަޅުކުރަން ހަދައިގެން ހުރިހާ ކަމެއްވީ ގޯހެވެ. މިހުރިހާ ކަމެއް މިވީ އެ ޝެލީ އަކާ ހެދިއެވެ. އަހަރެން ހަމަ އަތުގައި ހިފާލާއިރަށް އެހާ އެޓިޓިއުޑް ދައްކަން ޖެހޭ ހެއްޔެވެ؟ އެދުވަހު އަހަރެންގެ ދެލޮލަށް މިރުސް ފެން ނުޖެހިނަމަ ސަލާމަތުން ހުރެވުނީހެއްނު. އެ ޝެލީއެއްގެ ސަބަބުން ހުރިހާ ކަމެއް ގޯހުން ގޯހަށް އެދިޔައީ" އިކާން އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ.
***********
މުޅިން އާ ދުވަހެކެވެ. އާ އުންމީދުތަކެއް އެއްބަޔަކަށް އާކޮށްދެމުން ދިޔައިރު އަނެއް ބައެއްގެ ހަޔާތުގެ ހުޅުކޮޅު ނިއްވާލާނެ ދުވަހެކެވެ. ދުނިޔެއަށް އުފަންވާ ކޮންމެ ފުރާނައަކާއެކު ފުރާނައެއް ނެތިގެންދާނެއެވެ. މާދަމާ ވާނެ ގޮތެއް ނޭނގޭ ހާލު ކޮންމެ މީހަކު އާ ދުވަހާ ކުރިމަތިލީ ދިރިއުޅުމުގެ މުހުތާދުތައް ފުރިހަމަ ކުރުމަށްޓަކައެވެ. ހިތުގައި އުންމީދެއް އޮތީތީ، އެ އުންމީދުތައް ފުރިހަމާވާނެކަމުގެ އުންމީދާ އެކުގައެވެ.
ފަތިސްނަމާދުގެ ބަންގިއާއެކު ސާޖިދު މިސްކިތަށް ދިޔައެވެ. ހެނދުނުގެ ޒިކުރުތައް ކިޔާފައި ގުރުއާން ކިޔަވަން އިރުކޮޅަކު މަޑުކޮށްގެން އިނެވެ. މިސްކިތުން ސާޖިދު ފޭބީ އެވަގުތު މިސްކިތުގައި ތިބި އުމުރުން ދުވަސްވީ މީހުންތައް އެއްކޮށް ހުސްވުމުންނެވެ. މަގުމައްޗަށް ނުކުތްއިރު މަގުމަތި އަދިވެސް ހަމަހިމޭނެވެ. ދުއްވާ އެއްޗެހި މަދެވެ. ޕާކިން ޒޯނުގައި ހުރި ސައިކަލު ނަގައިގެން އާދައިގެ ދުވެއްޔެއްގައި ގެއާ ދިމާލަށް ދުއްވާލިއިރު ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުން ސާޖިދުގެ ހިތަށް އިހުސާސްވަމުން ދިޔައެވެ.
ގޭތެރެއަށް ވަންއިރު ހޫނު ކޮފީތައްޓެއް ހިފައިގެން ބޮޑު އުނދޯލީގައި ސަމީރާ އިނެވެ. ސާޖިދު ފެނުމާއެކު ކޮފީތަށި ދިއްކޮށްލައިފިއެވެ.
"އަން. މި ބޯލައިގެން ދޭ" ސާޖިދު ކޮޓަރި އާ ދިމާލަށް ދާން ފެށުމުން ސަމީރާ ބުންޏެވެ.
"މި އަންނަނީ ދަބަސް ހިފައިގެން" އެހެން ބުނެފައި ސާޖިދު ވަނީ ކޮޓަރި ތެރެއަށެވެ.
މާގިނަ އިރެއްނުވެ ދަބަހާއެކު ކެމެރާ ކަރުގައި އަޅުވައިގެން ސާޖިދު އައިސް އުނދޯލީގައި އިށީނދެއްޖެއެވެ. ސަމީރާ ދިއްކޮށްލި ކޮފީތަށީގައި ހިފާފައި ކޯވަރެއް ބޯލިއެވެ. ދެން ފުން ނަޒަރަކުން ސަމީރާގެ މޫނަށް ބަލައިލިއެވެ.
"ހާދަ ގޮތަކަށޭ މަންމައަށް ތިބަލަނީ" ސަމީރާ ބުންޏެވެ. ސާޖިދު ހީލިއެވެ.
"މަންމައަށް ހަމަ ލޯބިން މި ބަލައިލީ. މަންމަ އެކަނި ބަހައްޓާފަ ދާން ޖެހިލުންވާތީ" ސާޖިދު ބުންޏެވެ. ސާޖިދުގެ އެ ޖުމްލައާއެކު ސަމީރާއަށް ޖަޒުބާތީ ވެވުނެވެ. އެހެންނަމަވެސް ހީލަމުން އެ އިހުސާސްތައް ފޮރުވާލިއެވެ.
"ތިދަނީ މަރުވާންތަ؟" ސަމީރާ ބުންޏެވެ. "ދަރިފުޅު އޮފީހަށްވެސް ތިދަނީނު" ސަމީރާ ބުންޏެވެ.
"އަހަރެން ނެތަސް ބަލައިގެން އުޅެއްޗެ. ކަމެއްވިއްޔާ ގުޅާތި އިނގޭ" ސާޖިދު ބުންޏެވެ.
"މަންމަ މި އިންނަނީ ވަރަށް އުފަލުން. ގަބޫލެއްވެސްނުކުރެވޭ މާދަމާ އިރުއޮށްސެންވާއިރަށް އަހްމަދު އަންނާނެ ކަމަކަށް. މިހާރުވެސް ހިއްއަވަސްވެއްޖެ" ސަމީރާ ބުންޏެވެ.
"ނަސީބެއް ހަމަ އެރެއަށް ދޮންބެ އަންނަކަން. ޝެލީ ކައިރީގަ ބުނަންޖެހޭނެ" ސާޖިދު ބުންޏެވެ. ކޮފީ ހުސްކޮށްފައި ހުސްތަށި ސަމީރާ އަތަށް ދިނެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު ފޯނު ނަގާފައި ބަލައިލިއެވެ.
"ދަނީ އިނގޭ މަންމާ. ޝެލީ ގޮވައިގެން އަދި އެކޮޅަށް ދެވޭނީ" ސާޖިދު ބުންޏެވެ.
ފެންޑާއިން ނުކުމެގެން ހިނގައިގަތް ސާޖިދުގެ ފަހަތުން ސަމީރާވެސް ނުކުތެވެ. ދޮރާއްޓާ ދިމާލަށް ހިނގާފައި ދިޔަ ސާޖިދަށް ބަލަހައްޓައިގެން ހުރި ސަމީރާގެ ދެލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ.
*********
ޝެލީ ގޮވައިގެން ދޮރާށި ކައިރިއަށް އަލްމާޝް ނުކުމެ ހުއްޓެވެ. ބަގީޗާ ވަށައިގެން ފަޒްނާ ގޮވައިގެން ހިނގުމުގައި މިކާލް އުޅުނެވެ. ފަތިސް ނަމާދަށްފަހު ދުވަން ނުކުތް ނިމާންގެ ހަބަރެއް އަދި ނުވެއެވެ. ޝެލީއާއެކު ގޭޓު ކައިރީގައި އަލްމާޝް މަޑުކޮށްގެން ހުރީ ސާޖިދު މިއަންނަނީއޭ ބުނުމުންނެވެ.
"ގޭތެރެއިން ޝެލީ ނުފެންނާނެ ދޯ މިއަދު. މިސްވާނެ ވަރަށް" އަލްމާޝް ބުންޏެވެ.
"އިރާދަކުރެއްވިއްޔާ އަންނާނަމޭ ހަވީރަށް" ޝެލީ ބުންޏެވެ. "އަޅެ ކޮބާތަ ޖޭޑީ. ހާދަ ލަސްވެއްޖޭ"
ކެތްތެރިކަން ކުޑަވެފައި ހުރި ޝެލީއަށް ބަލަހައްޓައިގެން ހުރި އަލްމާޝްއަށް ހެވުނެވެ. ސާޖިދު ލަސްވެގެން ޝެލީ އުޅުމުން އަލްމާޝްގެ ހަނދާނަށް އައީ ތަނަކަށްދާން ތައްޔާރުވެގެން ހުއްޓައި އަންނަން ބުނި ގަޑި ފާއިތުވެގެންދާއިރުވެސް ނިމާންގެ ހަބަރެއް ނުވުމުން ހުދު އޭނާއަށް ކުރެވިފައި ހުރި އިހުސާސްތަކެވެ.
"ސާބަސް މަންމަގެ ދަރިފުޅަށް. މަންމަ ކައިރީގައި މިގޮތަށް މަޑުކޮށްލައިގެން ހުންނަން ދަރިފުޅަށް ދެން ކޮންވަގުތެއް ލިބޭނީ. މާދަމާ ރޭ ސާޖިދުގެ ވައިފްއަށް ވެގެން މިގެ ދޫކޮށްފަ ޝެލީ ދާނެ" އަލްމާޝް ބުންޏެވެ.
"އޯ މަންމާ... އެއްކޮށްތަ މިދަނީ. ނޫނެއްނު. އެހެންވީމަ މިގަޑީގަ ދެރަކޮށްލަން ނޫޅެބަލަ" ޝެލީ ބުންޏެވެ. ދެން އަލްމާޝްގެ ކަރުގައި ދެއަތް އަޅުވާލާފައި ކައިރިއަށް ގެނެސް އަލްމާޝްގެ މޫނުގައި ޝެލީ ބޮސްދިނެވެ.
"އީމާ ކީއްވެޔޯ އެހާ އަވަހަށް އެދިޔައީ" އަލްމާޝް އެހިއެވެ.
"އީމް އޭ ޓްރިޕްގެ ޕްލޭނަރަކީ. އެހެންވެ އެދިޔައީ އޮފީހަށް. އެތަނުން ތިން ނަންބަރަށް ދާނަމޭ ބުނި" ޝެލީ ބުންޏެވެ.
ހަވޭލާ އާ ގާތަށް އާދެވުމާއެކު ސާޖިދު ސައިކަލު މަޑުކޮށްލިއެވެ. އަލްމާޝް އާއި ޝެލީ އެދިމާލަށް ބަލައިލުމާއެކު ކެމެރާ ނަގާފައި ސާޖިދު ފޮޓޮއެއް ނެގިއެވެ. ސާޖިދު އެ އަމަލުން އަލްމާޝް ކައިރިއަށް ހިނިއައެވެ.
"ސޭފް ޖާރނީ" އަލްމާޝް ގޭޓުން އެތެރެއަށް ވަނީ ޝެލީ ގޮވައިގެން ސާޖިދު ނައްޓާލީމައެވެ.
"ކީއްކުރަން ނެގި ފޮޓޮއެއް" ޝެލީ އެހިއެވެ.
"އެއީ މިއަދުގެ ޓްރިޕްގެ ގެ ފުރަތަމަ ފޮޓޯ" ސާޖިދު ބުންޏެވެ. "އެހެންނޫނަސް މިހާ ހެނދުނުގެ ވަގުތެއްގަ މާލޭގެ މަގުމަތި މިހާ ހަމަހިމޭންކޮށް އޮތްއިރު ގެއިން ފެށިގެން ތިގެއާ ހަމައަށް ދުއްވާފައި އައިއިރު އަހަރެންނަށް ފެނުނު ހިތްގައިމު މަންޒަރަކީ އެއީ. ނުލާހިކު ރީތި ދެ ބިޓުން ވިއްޔާ" ސާޖިދު ބުންޏެވެ. ހީލާފައި އަރިމަތިން ސާޖިދުގެ ބަނޑުގައި ޝެލީ ވިކާލިއެވެ.
އޮފީސް ކުއްޖަކަށް ފެނިދާނެތީ މިފަހަރު ސާޖިދު ހާސްނުވިއެވެ. ޝެލީގެ ކައިވެނި މާދަމާ އޮންނަކަން އެނގޭ އިރުވެސް ޝެލީގެ ޕާޓްނަރަކީ ސާޖިދު ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އީމާ ފިޔަވައެވެ. ސައިކަލް ޕާކްކޮށްފައި ޝެލީ އާއި ސާޖިދު ފެރީ އާ ދިމާލަށް އައިއިރު އޮފީހުގެ ބައެއް ކުދިންގެ ނަޒަރު އެދެމީހުންނަށް އަމާޒުވެފައި ހުއްޓެވެ.
"އަހަރުމެން ހީކުރީ ޝެލީ އަންނާނީ ވާންއުޅޭ ފިރި ގޮވައިގެން ކަމަށް" އަޝްފާ ދިމާކޮށްލިއެވެ.
"ވާންއުޅޭ ފިރިއާ އެކުއޭ އައީ" ޝެލީ ބުންޏެވެ. "ނުފެނޭތަ؟" ޝެލީ ބުންޏެވެ. ކައިރީގައި ސާޖިދު ހެވިފައި ހުއްޓެވެ.
"މީތަ ވާންއުޅޭ ފިރިއަކީ" ސަމާސާ ރާގެއްގައި އަޝްފާ ބުންޏެވެ. "މާދަމާ ރޭ ފެންނާނެތާ ފޮރުވައިގެން ތިގެންގުޅޭ މީހާ. ދޯ ރަހޫ" ކައިރީގައި ހުރި ރަހުލާއަށް ދޯ ދެމުން އަޝްފާ ބުންޏެވެ.
ދޯންޏަށް ޝެލީ އެރީ ސާޖިދުގެ އަތުގައި ހިފައިގެންނެވެ. އެ މަންޒަރުތައް އީމާ ފޯނުގައި ރައްކާކުރިއެވެ. އަދި ވައިބާ މެދުވެރިކޮށް ވަގުތުން އެ ފޮޓޯ ޝެލީއަށް ފޮނުވިއެވެ.
"މާ ދިގު ދަތުރެއްނޫން. ގާތްގަނޑަކަށް ވަން އަވަރ. އެހާ ކަނޑުގަދައެއްވެސް ނޫން. އެހެންވީމަ ހޮޑުލާ ކުދިން އެކޮޅަށް. ހޮޑުނުލާ ކުދިން މިކޮޅަށް" ޗާންސް އޮންލައިންގެ ވެރިޔާ މާޖިދު ސަމާސާ ރާގެއްގައި ވާހަކަދެއްކިއެވެ. ހުރިހާ ކުދިންނަށް އެއްފަހަރާ ހެވުނެވެ.
ކޮންމެވެސް ވަރަކަށް ވައިޖެހެމުން ދިިޔަސް ކަނޑު އެހާ ގަދައެއް ނޫނެވެ. ބޯމަތިން އުދުހިލާފައި ދާ ދޫނި ސޫފާސޫފިތަކުގެ ނަލައަޑުން މުޅި ޖައްވު ވަނީ ގުގުމާލާފައެވެ. ދޯނި ތެރެއިން ސަކަރާތުގެ އަޑު ނުކެނޑެއެވެ. އަންހެން ކުދިންނާ ދިމާކުރުމުގެ ގޮތުން ބައެއް ފިރިހެން ކުދިން ހޮޑުލާކަމަށް ހެދިގެން ކަނޑަށް ގުދުވެގެން އޮތެވެ. އެކަކު އަނެކަކާ ދިމާކޮށް ހޭ އަޑުވެސް އިވިއިވި ހުއްޓެވެ. ހިމޭންކަމާއެކު ކަނޑުގެ ލޮނުގަނޑަށް ބަލަހައްޓައިގެން ޝެލީ އިނެވެ. އެ ފުން ކަނޑުގެ ލޮނުގަނޑަކީ ބައެއް މީހުންނަށް ނުރައްކާތެރި ހަތިޔާރަކަށް ވާއިރު އެ ލޮނުގަނޑު ތެރެއަށް ޣަރަގުވުމަށްފަހު ވެސް ސަލާމަތުގެ އައްސޭރިއަށް އާދެވިފައި ތިބި މީހުން މަދެއް ނޫނެވެ.
"މަ ން މާ" ކައިރިން ދިޔަ ލޯންޗަކުން ނެގި ރާޅަކާ ދޯނި ވަރަށް ބޮޑަށް އަރިކޮށްލިއެވެ. މަންޒިލާ ނުހަނު ކައިރިވެފައި ވަނިކޮށް އެގޮތަށް ދިމާވުމުން ޝެލީއަށް މޭގަތް އަތް އެޅުނެވެ. ހީވީ ކަނޑުގެ ލޮނުގަނޑުގައި މޫނު ޖެހުނު ހެންނެވެ.
އެއިންގޮތަށް ޝެލީއަށް ނަޒަރު ހުއްޓާލެވުނީ ދިމާ ކުރިމަތީގައި ފިރިހެން ގުރޫޕެއް ކައިރީގައި ކޮޅަށް ހުރި ސާޖިދަށެވެ. ޝެލީ ބިރުން އިންހެން ހީވުމުން ސާޖިދު ކޮށްލި އިޝާރާތަކާއެކު ޝެލީ ހިނިތުންވެލިއެވެ. އެ ބިރުވެރިކަން ހިތުން ނުފިލައި އުޅެނިކޮށް އަނެއްކާވެސް ލޯންޗެއްގެ ރާޅާއެކު ދޯނި އަރިކޮށްލައިފިއެވެ. މިފަހަރު ކުރިއަށް ވުރެ މާ ބޮޑަށެވެ. އަންހެންކުދިންތަކުގެ ހަޅޭކުގެ އަޑުން ނުރައްކަލުގެ އިންޒާރެއް ދިން ކަހަލައެވެ. ފުރާނަތަކެއް ގެއްލިގެން ހިނގައިދާނެހެން އެންމެންނަށް ހީވިއެވެ. ވީ ވެސް އެހެންނެވެ. އަރިކޮށްލި ދިމާލުގައި ތިބި ގުރޫޕްތަކުން އެކަކު ފިޔަވައި ބާކީ ތިބި ހުރިހާ މީހުން ކަނޑުގެ ލޮނުގަނޑުގައި ޖެހުނު ގޮތަށް އަޑިއަށް ދިޔައެވެ. މަންޒަރު ފެނުމާއެކު ޝެލީއަށް ހީވީ ދުނިޔެ ގިޔާމަތްވީ ހެންނެވެ. އަމާން ދަތުރު ބިރުވެރި ދަތުރަކަށް ވެ ނިމިއްޖެއެވެ. ދޯނި ތެރެއިން ތަކުބީރުގެ އަޑާއި ރުއިމުގެ އަޑު ނޫން އަޑެއް ނީވެއެވެ.
(ނުނިމޭ)