އަށާވީސްވަނަ ބައި
ދެ ދަރިން ކާމޭޒު ދޫކޮށްފައި ދިޔުމުން އައްބާސްއަށް ވެސް އުނދަގުވިއެވެ. އަނގައަށް ލި ކާއެތިކޮޅު ދިރުވާލަން ޖެހުނީ ފެންފޮދަކާ އެކުގައެވެ. ޝިއުރާ ބަލަހައްޓައިގެން ހުރި ގޮތް ފެނި އައްބާސް މާދެރަވިއެވެ.
"ދެން އެހެން ދޯ ވާނީވެސް" އައްބާސް ބުންޏެވެ. އަސަރާއެކު އައްބާސް ބުންޏެވެ. ޝިއުރާ ބަހެއް ނުކިޔައެވެ. އިރުކޮޅަކުން އިކާން ތެދުވެގެން ހިނގައިގަނެއްޖެއެވެ. ގެއަށް ދޫކޮށްލިފަހުން އިކާން ރަނގަޅަށް ކައިބޮއެ ނަހަދާކަން ޝިއުރާއަށް ފާހަގަވާތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ.
ފިކުރުތަކުގެ ކަނޑަކަށް ޣަރަގުވެފައި އިން ޝިއުރާ ސިހުނީ ކައިރީގައި މީހަކު އިށިންހެން ހީވެފައެވެ. ބަލައިލިއިރު ދާދި ގާތުގައި ފާރޫގް އިނެވެ. އަނބިމީހާގެ ދުލުން ނުބުނި ކަމުގައި ވީނަމަވެސް އަނބިމީހާގެ ފިކުރުތަކާ ގުޅިފައިވަނީ ކޮންކަމެއްކަން ފާރޫގަށް އެނގުނެވެ. ޝިއުރާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. ޝިއުރާގެ ދެލޮލުން ކަރުނަ އޮހިގަތީ ފާރޫގްގެ ކޮނޑުގައި ބޯއެޅުނު ވަގުތުގައެވެ. ހިތްދަތިވެފައި އިން ވަގުތުގައި ފިރިމީހާގެ އޯގާތެރިކަން އިހުސާސްވުމުން ޝިއުރާގެ ހިތަށް މާބޮޑަށް އަސަރުކޮށްފިއެވެ.
"ހިތްވަރުކުރޭ. މިދުވަސް ވެސް ހިނގައިދާނެ" ފާރޫގް ބުންޏެވެ.
********
ލެޕްޓޮޕުން އިނގިރޭސި ފިލްމެއް އަޅުވައިގެން އިކާން އޮތެވެ. ޖަލުން ދޫކޮށްލި ފަހުން އިކާން އަދި އެންމެ ފަހަރަކުވެސް ގެއިން ބޭރަށް ނުނިކުމެއެވެ. ފޫހިވެގެން މީހާ މޮޔަވާ ދަރަޖައަށް އިކާންގެ ހާލަތު ދާފަހަރު އާދެއެވެ. ކާން ނުކުންނަ ވަގުތުގައި ނޫނީ ކޮޓަރިންވެސް ނުނިކުމެއެވެ. ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު އިކާން ފޯނު ނަގާފައި ބަލައިލިއެވެ. ދުރުގައި ހުރެ އިކާންގެ ފޫހި ފިލުވައިދޭ ބައިވެރިޔާ ކަމުގައި ވެފައި ވަނީ ރާވީއެވެ. ލަކްޔަން ދެކެ ޖެހިލުންވާވަރުން ރާވީ އެއްގޮތަކަށްވެސް އެގެއަށް ނާދެއެވެ.
"އަހަރެން ދީފާނަން މޮޅު ހިޔާލެއް" ރާވީ ބުންޏެވެ.
"އޭރުން އިސާހިތަކު ލަކީބެވެސް އޯކޭ ވެދާނެ. ސިޔާގެ ޓްރަސްޓްވެސް ލިބިދާނެ" ރާވީ ބުންޏެވެ.
**********
މޭދަށަށް ބާލީހެއް ލައްވައިގެން އެނދުގައި އޮތް ޝެލީ ފޮތެއްގައި އެއްޗެހިތަކެއް ލިޔަމުން ދިޔައެވެ. އިރުކޮޅަކާ ހިޔާލަކަށް ގެއްލޭ ފަދައިން އޮވެދާނެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައި އަނެއްކާވެސް ލިޔަން ފަށައެވެ.
"ސާހިލް، އައި މިސް ޔޫ ސޯ މަޗް. ބަޓް ޔޫ ޑޯންޓް ދޯ. އެނގޭތަ! އައި ޑޯންޓް ހޭވް އަ ފްރެންޑް އަދާ ދެން ޔޫ. ކޮންތާކު ތިއުޅެނީ؟ ކޮންއިރަކުން ދިމާވާނީ؟ އަހަރެންގެ ލައިފްގަ ވަރަށް ގިނަ ކަންތައްތައް ހިނގައިފި. ބޭނުން ޝެއާކުރަން. އަދިވެސް ހަނދާންވޭ އެއްކަލަ ޖަތިން. ހެހެހެ.... އެދުވަހު އަސްލު މަޖަލަކަށޭ ޖަތިން ސްނޯ ބޯލް އޭ ކިޔާފަ ގޮފީ... އެކަމު ސާހިލް މާ އަވަހަށް ރުޅި އިސްކުރީ. އެދުވަހު ވަރަށް މަޖާވި. ބިރުވެސްގަތް. ޕްރިންސިޕަލް ރޫމަށްވެސް ގެންދިޔައެއްނު. އެދުވަހު ހީކުރީ ސާހިލް ކޮލެޖްގެ ފަހު ދުވަސް ކަމަށް. އެކަމަކު ތޭންކް ގޯޑް.... މިއުޅެނީ މެރީކުރަން. އޭރަށް ވެސް ނާންނާނަންތަ؟ އަހަރެންގެ ޖޭޑި ކައިރީގައި ސާހިލްގެ ވާހަކަ ވަރަށް ދެއްކޭ. އަބަދު އަބަދު ސާހިލް އެކޭ ކިޔާތީ ޖޭޑީގެ ޖޭ ބޮކި ފަޅައިގެން ދިޔައީ. ދެން އުޅޭ އަންނަން. ބޭނުން ޖޭޑީ އާއި ސާހިލް މީޓްކުރުވަން. އަދި ހަނދާންނެތިފައޭ މިހުރީ. އެއްކަލަ ރޫޔާ އަދިވެސް ސާހިލް ފަހަތުންތަ؟ ތިދެމީހުން ރިލޭޝަންޝިޕަކަށް ދިޔައީތަ؟...." އެނދުމަތީގައި އޮތް ފޮތުގައި ޝެލީ ލިޔަމުން ދިޔައެވެ.
ގާތް އެކުވެރިއެއް ކަމުގައި ޝެލީ ދެކުނު ހަމައެކަނި މީހާ އާ ޝެލީ ވާހަކަދައްކާ ގޮތަކީ އެއީއެވެ. ސާހިލް މާލޭގައި ހުރިކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ޝެލީއަށް ނޭނގެއެވެ. އެހެންނަމަވެސް ޝެލީ އެ ރަހުމަތްތެރިކަން ހަނދާންނައްތާ ނުލައެވެ. ކޮންމެވެސް ދުވަހަކުން އެކުވެރިޔާއާ ދިމާވާނެކަމަށް ޝެލީ އުންމީދު ކުރެއެވެ. އެދުވަހަކުން ޝެލީ ސާހިލްގެ ކައިރިން މާފަށްވެސް އެދޭނެއެވެ.
އަލްމާޝް ޝެލީގެ ކޮޓަރިއަށް ވަދެފައި މަޑުކޮށްލިއެވެ. ޝެލީ އިނީ މުސައްލަ މަތީގައެވެ. ދެއަތް ތިލަ ވަނީ ހެއްދެވިފަރާތުގެ މަދަދަށް އެދި މައްޗަށް އުފުލާލެވިފައެވެ. އަޑެއްވެސް އިއްވާނުލާ އަލްމާޝް މަޑުކޮށްލިއެވެ.
މުސައްލަ އޮޅާލާފައި ތެދުވި ޝެލީ އަލްމާޝް ކައިރީގައި އައިސް ހުއްޓުނެވެ. އޮޅާލާފައި އޮތް މުސައްލަ އޭރުވެސް އޮތީ ޝެލީގެ އަތު ތެރޭގައެވެ.
"މަންމަ ބުނީމެއްނު ކާފަ ދުނިޔޭގެ ރައްޓެހި އައްބާސްބެ އެއް ހުރެއޭ. އިރުކޮޅަކުން އެ ފެމެލީ އަންނާނެ މިގެއަށް. ތައްޔާރުވެގެން ބޭރަށް ނުކުންނައްޗެ އިނގޭ" އަލްމާޝް ބުންޏެވެ.
ތައްޔާރުކޮށްފައި ހުރި ހެދިކާގެ ވައްތަރުތައް މޭޒު މައްޗަށް އަރުވަމުން ދިޔައިރުވެސް އަލްމާޝް ހުރީ ހިޔާލެއްގައެވެ. ދެ ދުވަހެއްގައި ލަކްޔަން ފެނުނީ ކުޑަ ވަގުތުކޮޅަކަށެވެ. އެތައް ދުވަހަކަށް ފަހު މިއަދު ގޭތެރެއިން ލަކްޔަން ފެންނާނެއެވެ. އެތައް އަހަރަކަށް ފަހު ލަކްޔަން އާ ކުރިމަތިލައިގެން ވާހަކަދައްކައި ރަހުމަތްތެރިކަމުގެ ގުޅުމެއް އުފައްދަން އަލްމާޝް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. ދެމީހުންނަށްވެސް ރަނގަޅު ވާނީ މިހާރު އޮތް ގުޅުން އެގޮތުގައި ދެމެހެއްޓުމެވެ.
ކުއްލިއަކަށް އަލްމާޝް ސިހުނީ ފަހަތުން އޭނާގެ ހަށިގަނޑުގައި މީހަކު ބައްދާލުމުންނެވެ. އެއީ ދަރިއެއް ނޫންކަން އަލްމާޝްއަށް އެނގުނީ އެ ބީހުމަށް އޭނާގެ ހިތުން އެހެން ތަފާތު ވިންދެއް ޖަހާލުމުންނެވެ.
"ސާބަހޭ މާން" އަލްމާޝް ބުންޏެވެ. އަވަސް އަވަހަށް ނިމާންގެ އަތު ތެރެއިން ވީއްލިގަނެގެން ގޮސް އަލްމާޝް ހުއްޓުނީ އުނދުން ކައިރީގައެވެ.
"އަހަރެމެންގެ ދޮށީ ދަރިފުޅުގެ ކައިވެނި ކުރެވެނީ. މާދަމާ ކަންނޭނގެ މާން ކާފައަކަށް ވާނީ" އަލްމާޝް ބުންޏެވެ.
"ކާފައަކަށް ވީމަ އަހަރެންގެ ހިތް ގާ ވަނީތަ؟" ނިމާން ބުންޏެވެ. "ތިހެރީ ޝޯނާ ދައްކާ ވާހަކަ"
"އެހެން މިބުނީ މާން ތިހެން އުޅޭތަން އެއިން ކުއްޖަކަށް ފެނިދާނެތީ އޭ. އަހަރެން ލަދުގަނޭ" އަލްމާޝް ބުންޏެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ނިމާން ހުއްޓުނީ އަލްމާޝް އާ ދާދި ކައިރީގައެވެ. އަލްމާޝް ދުރަށް ދާން އުޅުނު ހިނދު ނިމާން ހިފީ އަލްމާޝްގެ އަތުގައެވެ.
"އަހަރެން ހަނދާނެއްނުވޭ ޝޯނާ ލަދު ނުގަންނަ ޒަމާނެއް. އިޓްސް ބީން ޓްވެންޓީ އިޔާސް... އަދިވެސް އަހަރެންނަށް ފެންނަނީ އެދުވަހު ކޮލެޖުން ފެނުނު ޝޯނާ. އެދުވަހު ޝޯނާ ފެނުމުން އަހަރެންގެ ހިތަށް ވީގޮތް މިހާރުވެސް ވޭ...." ނިމާން ކިޔަމުން ދިޔައެވެ. ނޫންކަމަށް ހެދެން އުޅުނަސް ނިމާންގެ ކޮންމެ ޖުމްލައަކާއެކު އަލްމާޝްގެ ހިނިތުންވުން ފުންވަމުން ދިޔައެވެ.
"ދެން ހެޔޮ. ތިވާހަކަ ދައްކަން މިއީ އެންމެ ރަނގަޅު ތަނެއް ނޫން" ނިމާންގެ ބަނޑުގައި ކުޑަކޮށް ވިކާލާފައި އަލްމާޝް ބުންޏެވެ.
********
ފާހާނައިން ނުކުތް ގޮތަށް އިކާން އެނދުގައި އިށީނެވެ. އަތުގައި އޮތް ތުވާއްޔާއެކު އެނދުގައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. އަޅާނުލައި ފޯނު އޮތް ތަނުގައި ބާއްވާފައި ދުރަށް ނަޒަރު ހުއްޓާލިއެވެ. ފޯނު ރިންގުވަމުން ދިޔަސް އިކާންގެ މާބޮޑު ސަމާލުކަމެއް އެކަމަށް ނެތެވެ. ފޯނަށް އަރާފައި އިން ނަމަކީ އިކާނަށްމާ މުހިންމު ނަމެއް ނޫނެވެ.
"މިދެން ކިހާ ދެރަކަމެއް" އެންމެފަހުން ފޯނު ނަގައި ދުރަށް ހޫރާލިއެވެ.
"ހައްގު ހޯދަން ނުތެޅިބަލަ. އަހަރެން އަދި އެއްކޮށް މިނިވަނެއް ނުވެއޭ" އެންމެފަހުން ފޯނު ނަގައިގެން އައިސް ކަންފަތުގައި ޖަހާފައި ބުންޏެވެ. ދެން ކޯލު ކަނޑާލާފައި ފޯނު އެއްލާލީ އެނދު މައްޗަށެވެ.
ކޮޓަރި ދޮރުގައި ޓަކިޖަހާލީ އެވަގުތުއެވެ. އަލަމާރިން ނެގި ސޯޓެއް ލައިގެން އިކާން ގޮސް ދޮރުހުޅުވިއެވެ. ދޮރުމަތީގައި ހުރީ ޝިއުރާއެވެ. ބޭރަށްދާން ތައްޔާރުވެގެން ބާކީ ތިބި މީހުންވެސް ދޮރުމަތީގައި ތިއްބައި އިކާނަށް ފެނުނެވެ. އެންމެން އެއްކޮށް ތަނަކަށް ދަނީ ހެއްޔެވެ؟ އެކަމަކު ކޮންތާކަށް ހެއްޔެވެ؟ މިވީ ގޮތުން ފެގެއް އެއްޗެއް ބޯން ބޭރަށް ނުކުމެވޭނެއެވެ.
"ކުޑާމެން މިދަނީ ކާފަގެ ރައްޓެއްސެއްގެ ގެއަށް ދާން އިނގޭ" ޝިއުރާ ބުންޏެވެ. އިކާން ބޯޖަހާލުމުން ޝިއުރާ ދޮރުލައްޕަން އުޅުނު ވަގުތު މަޑުޖެހުނީ ލަކްޔަން ވާހަކަދެއްކުމުންނެވެ،
"ދައްތަ އޭނަ ކައިރީގައި ބުނޭ މިގެއިން ނުކުމެގެން ތަނަކަށް ދާން އެންމެ ފިޔަވަޅެއް އެޅިޔަސް އަނބުރާ މިގެއަށް ވަދެގެން ނުވާނޭ. ދަންޏާ އެއްކޮށް ދާށޭ" ލަކްޔަން ބުންޏެވެ. ޝިއުރާ އިކާނަށް ބަލައިލިއެވެ. އިކާން އިސްޖަހާލިތަން ފެނުމުން ޝިއުރާ އިތުރަށް އެވާހަކަ އޮޅުންފިލުވައިދޭން ނުޖެހޭކަން އެނގުނެވެ. ދެން މަޑުމަޑުން ދޮރުލައްޕާލާފައި ނުކުތެވެ.
"ބައްޕަ ހާދަ ފުއްޕައޭ" އަމިއްލަ ނަފުސަށް އިކާން ބުންޏެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ އެއްޗެހި ބަދަލުކޮށްގެން އިކާން ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. އެންމެން އެކީގައި ކާރަށް އަރައިގެން ނައްޓާލި މަންޒަރު ބަލަން ހުރެފައި އިކާން ބޯޖަހާލިއެވެ. ތުނިތުނިކޮށް ހުރި ތުނބުޅީގައި ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލިން އެއްކޮށް އަތް ހާކާލުމަށްފަހު ވިސްނާލިއެވެ. ގެއިން ނުނިކުމެ އެގޮތަށް އުޅެންވެއްޖެނަމަ ލަސްތަކެއް ނުވެ އޭނާ މޮޔަވެދާނެއެވެ. ކޯޓުން ހުރީ އިކާން ދޫކޮށްލައިފައެވެ. ވީއިރު ގެއިން ނުނިކުމެ ކޮންމެހެން ހުރުމުގެ ބޭނުމެއް ނެތެވެ.
**********
ހަވީރުގެ ސައި ތައްޔާރުކޮށްފައި އޮތީ ގޯތި ތެރޭގައެވެ. ޝެލީ ނޫން ހުރިހާ މީހުން މޭޒު ކައިރީގައި ތިއްބެވެ. ގޭޓު ކައިރީގައި ހުރި މީހާއަށް ނިމާން ކޮށްލި އިޝާރަތަކާއެކު ގޭޓު ހުޅުވާލިއެވެ. އެއާއެކު ކަޅު ބިއްލޫރިޖެހި ކާރެއް އެތެރެއަށް ވަދެގެން އައެވެ. ކާރު ތެރޭގައި އިން ސިޔާ އިނީ ޝިއުރާގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އަނެއްކާވެސް މިކާލްގެ ކުރިމައްޗަށް އަރަންޖެހޭތީ ސިޔާ އިނީ ކަންބޮޑުވެފައެވެ. ކާފަގެ އެކުވެރިކަން މިކާލްގެ އާއިލާ މީހަކާ ގުޅިފައިވާކަމެއް މީގެކުރިން ސިޔާއަށް ނޭނގެއެވެ. އެކަން އެނގުނީ އައި މަގުމަތީގައި ކާރު ތެރޭގައި އައްބާސް ބުނުމުންނެވެ.
"ޝެލީއަށް ގޮވާލަންވީނުން. ބުނޭ މެހެމާނުން އަތުވެއްޖެއޭ" ކައިރީގައި އިން އީމާއަށް އަލްމާޝް ބުންޏެވެ.
ކާރުން އައްބާސް ފޭބުމާއެކު ނިމާން އައްބާސް އާ ސަލާމްކޮށްލައިފިއެވެ. ކުޑަކޮށް އައްބާސްގެ ގައިގައި ބައްދާލާފައި ހާލުއަހުވާލު އޮޅުންފިލުވިއެވެ. ފަހަތުގައި ހުރި ޝިއުރާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އެހެންނަމަވެސް ނިމާނަށް ލަކްޔަން ހިނިތުންވުމެއް ދިނީ ގަދަކަމުންނެވެ. ނިމާނާ ކުރިމަތިލާން ލަކްޔަންއަށް ނުކެރިގެން އުޅޭ ކަހަލައެވެ. ލަކްޔަންގެ ހަފަރާތުން ލަދުވެތިކަމުގެ ފަރުދާއެއް ވަށާލާފައިވާ ކަހަލައެވެ.
"ހިންގަވާ އެތެރެއަށް" ނިމާން ބުންޏެވެ. އައްބާސްގެ އަތުގައި ހިފަހައްޓައިގެން ހުރީ ޝިއުރާއެވެ. ފަހަތުގައި ފާރޫގާއި ލަކްޔަން އަދި ސިޔާ އެއް ހަމައެއްގައި ހުރިއިރު ލަކްޔަންގެ އަތާއި ސިޔާގެ އަތް ވަނީ ގުޅި ލާމެހިފައެވެ.
"އައްސަލާމް އަލައިކުމް" އައްބާސް އަރާ ހަމަވުމާއެކު ފަޒްނާ ސަލާމް ގޮވިއެވެ. އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމެއްނެތި އައްބާސް ސަލާމް ބަލައިގަތެވެ. ދެފަރާތުގެ އާއިލާ ތައާރަފުވެލީ ދެނެވެ. ހިނިތުންވެގެން ހުރި އަލްމާޝް ލަސްލަހުން އައްބާސްގެ ފަހަތުގައި ހުރި ލަކްޔަންއަށް ބަލައިލިއެވެ. އެވަގުތު އެއީ ލަކްޔަންވެސް އަލްމާޝްއަށް ބަލައިލި ވަގުތެވެ. ދުލުން ބަހެއް ނުބުނި ކަމުގައި ވިޔަސް އެކަކު އަނެކަކަށް ހީލިއެވެ. ނިމާން ކައިރީގައި ހުރި މިކާލް އެހެން ދިމާލަކަށް ކަޅިޖަހާވެސް ނުލައެވެ. ސިޔާ އެފެނުނީ އަހަރު ދުވަހަށް ފަހުގައެވެ. އަދިވެސް އެ ރީތިކަމާއި މައުސޫމު ކަމެވެ. ކުޑަކޮށް އިސްކޮޅުން ދެމިލާފައި ހުރިހެން މިކާލްއަށް ހީވެއެވެ. ސިޔާ ބަލާލާނެކަމަށް މިކާލް ހީކުރިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާނެ ކަމަށް މިކާލް އުންމީދު ކުރިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ސިޔާ ނުކުރިއެވެ. އިސްއުފުލާ މިކާލަށް ނުބަލަން ހުވާކޮށްގެން ހުރި ކަހަލައެވެ. އެހުރިހާއިރު ހިމޭނުން ހުރި ސިޔާ ލަކްޔަންގެ އަތުން އަތް ދަމައިގަތެވެ. ގެއިން ނުކުމެގެން އެދިމާލަށް އަންނަމުންދިޔަ ޝެލީ އާ ދިމާލަށް ސިޔާ ހިނގައިގަތެވެ. ސިޔާއަށް ޝެލީ ފެނުމުން ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ދެކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކު ގައިގައި ބައްދާލި މަންޒަރު ފެނުމުން މަންޒަރު ބަލަން ތިބި ކޮންމެ މީހެއްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ކޮބާ ހިނގާ ސައިބޯން" އަލްމާޝް ބުންޏެވެ.
ދެފަރާތުގެ އާއިލާ ގޮނޑިތަކުގައި އިށީނެވެ. މިކާލް ސިޔާ އާ ދިމާލަށް އިން ގޮނޑީގައި އިށީނުމުން ސިޔާ އެ ގޮނޑި ބަދަލުކޮށްލިއެވެ. ދެން ތަނުގައި ދެކެވެން ފެށީ މަނިކުގެ ހެޔޮކަމުގެ ވާހަކައެވެ. އެންމެފަހު ވަގުތާ ހަމައަށްވެސް މަނިކު އާއިލާއަށްޓަކައި ވި ގުރުބާނީތަކުގެ ވާހަކައެވެ. މަނިކު އާއިލާ ދެކެ ވަރަށް ލޯބިވާ ވާހަކަ ބުންޏެވެ. އެހުރިހާ ވާހަކަތަކެއް ދެއްކީ އައްބާސެވެ.
"ދަރިންނާއެކު އަހަރެން މިގެއަށް މިއައީ އަހަރެންގެ އެންމެ ދުވަސްވީ އެކުވެރިޔާގެ އާއިލާ އާ ބައްދަލުކޮށް އެކުވެރިކަން ދަމަހައްޓަންވެގެން. އެއާޕޯޓުން މި އާއިލާ ފެނިގެން އަހަރެންގެ އަންހެން ދަރިފުޅު އެވާހަކަ އަހަރެން ކައިރީގައި ދެއްކިއިރު ނޭނގޭ ދުވަހަކުވެސް އަރައިނުގަނެވޭފަދަ ބޮޑު ވޭނެއްގަ އަހަރެންގެ އެކުވެރިޔާގެ އާއިލާ އޮތްކަމެއް" އައްބާސް ބުންޏެވެ. އައްބާސް ދެން ބަލައިލީ ނިމާނާއި އަލްމާޝް އާ ދެމެދުގައި އިން ޝެލީ އަށެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކޮށްލާފައި ޝެލީ އިސްއޮބާލިއެވެ. އެފަދަ އުފާވެރި މާހައުލެއްގައި ދެކެވެން އެއީ އެންމެ ރަނގަޅު ވާހަކައެއްތޯ އަމިއްލަ ހިތާ ޝެލީ ސުވާލުކޮށްލިއެވެ.
"އެދުވަސް ހިނގައްޖެ. ވީކަމެއް ނުވާކަމަކަށް ނެހެދޭނެ ދޯ. ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ މާމަ ދަރިފުޅު އަހަރެންނަށް ލިބިއްޖެ" ފަޒްނާ ބުންޏެވެ.
"ރަނގަޅު. ވެދިޔަ ކަމެއްގެ ވާހަކަދައްކައިގެން ކުރާނެ ފައިދާއެއް ނޯންނާނެ. އެކަމަކު އަހަރެން ވަރަށް ބޮޑު ހަގީގަތެއްގެ ވާހަކަ ހިއްސާކުރަން ބޭނުން" އައްބާސް ބުންޏެވެ.
"އަޅުގަނޑު އެބަ އަންނަން" ވަގުތުން ލަކްޔަން ތެދުވިއެވެ. އަލްމާޝްއަށް ހައިރާންކަމެއް ލިބުނެވެ.
"މަޑުކުރޭ ދަރިފުޅާ. ހަގީގަތާ ކުރިމަތިލާންޖެހޭނެ" އައްބާސް ބުންޏެވެ. އެކަމަކު ލަކްޔަންއަށް އިށީންނަން ނުކެރުނެވެ. އެވާހަކަތައް އަލްމާޝްގެ ކުރިމަތީގައި ހާމަވެގެންދާއިރު އޭނާ އެ މަޖިލިސްގައި އިންނާނީ ކިހިނަކުން ހެއްޔެވެ؟
"ލަކީ،" އަލްމާޝްގެ އަޑު ކަންފަތުގައި ޖެހުމާއެކު ލަކްޔަންގެ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔަހެން ހީވެއްޖެއެވެ. "ސައިބޮއެގެން ދާންވީނުން" އަލްމާޝް ބުންޏެވެ. އަލްމާޝްއަށް ހީވީ ލަސްވެގެން ލަކްޔަން ދާން އުޅުނުހެންނެވެ. އަލްމާޝްގެ އެ ޖުމްލައާއެކު ލަކްޔަންއަށް އަލްމާޝްގެ މޫނަށް ބަލައިލެވުނެވެ. ނަޒަރު ވަކިކޮށްލީ އަލްމާޝްއެވެ.
"އަސްލު މި އާއިލާއަށް އެވަރުގެ ބޮޑު އަނިޔާއެއް ލިބުނީ އަހަރެންގެ ދަރިއެއްގެ ފަރާތުން" އައްބާސްގެ އެ ޖުމްލައާއެކު ތަނުގައި ހިފާފައި ހުރި އަޑު ކެނޑުނުހެން ހީވިއެވެ. އުފާވެރިކަމުގެ މާހައުލަކުން ހަމަހިމޭން މާހައުލަކަށް ބަދަލުވިއެވެ. ނިމާން އަލްމާޝް އަދި ފަޒްނާ އެކަކު އަނެކަކާ ނަޒަރު ބަދަލުކޮށްލިއެވެ. ހައިރާންކަމެއް ނުފެނުނީ ޝެލީ އާއި މިކާލްގެ މޫނުމަތިންނެވެ.
"އިކާނަކީ އަހަރެންގެ ކާފަ ދަރިއެއް. އިކާނު އެކުރި ކަންތަކަށް އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު ހިތްވަރުނުދެން. ކުރިން ބުނިހެން ވެދިޔަ ކަމެއް އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް ބަދަލުނުކުރެވޭނެ. އެކަމަކު އަހަރެން އެކަމަށްޓަކައި ތިއާއިލާގެ ހުރިހާ މީހުންގެ ފަރާތުން މައާފަށްއެދެން" އައްބާސް ބުންޏެވެ. އެއްވެސް މީހަކު އެއަށް ޖަވާބެއް ނުދެއެވެ. ލިބުނު ޝޮކްގައި އަލްމާޝް ހުއްޓެވެ. އެއް ދިމާލަކަށް ބަލަހައްޓައިގެން ހުރެފައި ލަސްލަހުން އަލްމާޝްގެ ނަޒަރު އަމާޒުކޮށްލީ އެއްފަރާތުގައި ކޮޅަށް ހުރި ލަކްޔަން އަށެވެ. އޭރު ލަކްޔަން ހުރީ އަލްމާޝްއަށް ބަލަހައްޓައިގެންނެވެ. ލަކްޔަން އިން ނަޒަރު ވަކިކޮށްލާފައި އަލްމާޝް ދެން ބަލައިލީ އައްބާސްގެ ކޮނޑުގައި ހިފަހައްޓާލައިގެން އިން ޝިއުރާ އަށެވެ. ޝިއުރާވެސް އިނީ އަލްމާޝްއަށް ބަލަހައްޓައިގެންނެވެ. އަލްމާޝްގެ ހިތުގައި ސުވާލެއް އުފެދިފައި ވިއެވެ. އިކާނަކީ އައްބާސްގެ ކާފަ ދަރިއެއް ކަމުގައި ވަންޏާ އިކާނަކީ އެތަނުން ކާކު ދަރިއެއް ހެއްޔެވެ؟ ލަކްޔަންގެ ހެއްޔެވެ؟
"ޝެލީދައްތާ" ތަނުގެ ހަމަ ހިމޭންކަން ނަގާލީ ސިޔާގެ އަޑުންނެވެ.
"ދޮންބެ އެރޭ ސިޔާގެ ފޯނުން މެސެޖް ފޮނުވީ ސިޔާއަށް އެނގިގެނެއް ނޫން. އެއީ ޑެވިލްއެއް. ދުވަހަކުވެސް މައާފެއް ނުކުރާނަން. ބޭނުމެއްނޫން ދުވަހަކުވެސް ވާހަކަދައްކާކަށް. ކުޑާ ނޫން އެއްވެސް މީހަކު ދޮންބެ އާ ވާހަކައެއް ނުދައްކާ. ބައްޕަވެސް އެހުންނަނީ އޭގެފަހުން ވަރަށް ދެރަވެފަ. ސިޔާ އާއި ދޮންބެ ނޫނީ ވަކި ބައްޕަގެ ތިބީ ކޮން ބައެއް. އައި ހޭޓް ހިމް. ރިއަލީ އައި ހޭޓް ހިމް" ސިޔާ ވާހަކަދެއްކިއެވެ.
ހަގީގަތުގައި ސިޔާ އެއްވާހަކަތައް އޮޅުންފިލުވައިދިނީ މިކާލްއަށެވެ. އެއްވެސް ހަގީގަތެއްނެތް ތުހުމަތުތަކެއް މިކާލް ސިޔާއަށް ކުރީތީ އެކަމުގެ ހަގީގަތް އޮޅުންފިލުވައިދިނެވެ. އެހެންނަމަވެސް ސިޔާގެ ވާހަކަތަކުން އަލްމާޝްގެ ހިތުގައި އުފެދިފައިވި ސުވާލުތަކުގެ ޖަވާބު ލިބިގެން ދިޔައެވެ. އިކާނަކީ ލަކްޔަންގެ ދަރިއެކެވެ. އަލްމާޝްގެ ދެލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލީ ލަކީ ގެ ދަރި ހެއްޔެވެ؟ އަލްމާޝްއަށް ގަބޫލުކުރަން ދަތިވިއެވެ. ލަކްޔަންގެ މޫނަށް ބަލައިލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. އެތަނުން ދާން ލަކްޔަން ބޭނުންވި ސަބަބު އަދި އެނގުނީއެވެ.
"މާޒީގެ ފޮތް އަޅުގަނޑު ލައްޕާލިތާ ކޮން ދުވަހެއް. އެވާހަކަ ނުދެއްކުން ރަނގަޅީ. އަޅުގަނޑު ނަފުރަތާއި ރުޅިވެރިކަން އަމާޒުވެފައިވަނީ އެނުބައި އަމަލު ހިންގި މީހާއަށް. ސިޔާ ގެ ފެމެލީއަކަށް ނޫން. ސިޔާގެ ކާފަ ކަންބޮޑުނުވޭ" ޝެލީ ބުންޏެވެ. ކައިރީގައި އިން ނިމާން ޝެލީގެ އަތް މަތީގައި އަތް ބޭއްވިއެވެ. އެ ދަރިފުޅާ މެދު ނިމާން ފަހުރުވެރިވިއެވެ.
"ހިނގާ ސައިބޯން ފަށަން" ފަޒްނާ ބުންޏެވެ.
އިސާހިތަކު ކުރީގެ އުފާވެރިކަމަށް މާހައުލު އެނބުރި އަތުވެއްޖެއެވެ. އެކިއެކި ވާހަކަދައްކަމުން ދެ އާއިލާ ދިޔައެވެ. ކައިރީގައި އިން ލޫހްގެ ތުނބުގައި ކިރުތަށި ޖައްސާލާފައި ޝިއުރާ ބަލައިލީ ކުރިމަތީގައި އިން އަލްމާޝް އަށެވެ. ލަކްޔަން އެހާ ވަރަކުން ލޯބިވި އަންހެންކުއްޖާ އަކީ ސިފަ ރީތި ކުއްޖެއް ކަމަށް ޝިއުރާގެ ހިތް އެއްބަސްވިއެވެ. ހަމަ އެއާއެކު އަލްމާޝް ޝެލީއަށް ދީފައިވާ ތަރުބިއްޔަތަށް ޝިއުރާ ތައުރީފު ކުރިއެވެ.
"މާދަމާ ނޫން އަނެއް ދުވަހު އަޅުގަނޑުގެ ވެޑިން އެބައޮތް. ހުރިހާ އެންމެންވާނެ އަންނަން" ޝެލީ ބުންޏެވެ. އެވަގުތު ލަކްޔަން ޝެލީއަށް ބަލައިލިއެވެ. ޝެލީ އާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ޝެލީއަށްޓަކައި ލަކްޔަން އުފާކުރިއެވެ.
ގޭޓުން ނުކުންނަން ގޮސްފައި ލަކްޔަން އެނބުރި އައިސް ޝެލީ ކުރިމަތީގައި ހުއްޓުނެވެ. އަލްމާޝް އާއި ނިމާން ކައިރީގައި ހުއްޓަސް އެއިން މީހަކަށް ލަކްޔަން ނުބަލައެވެ. އެއް އަތް އުފުލާލުމަށްފަހު ލަކްޔަން ޝެލީގެ ބޮލުގައި ފިރުމާލިއެވެ. އެހިނދު ލަކްޔަންގެ ދެލޮލުން ރިހުމެއްގެ އަސަރު އަލްމާޝްއަށް ފެނުނުހެން ހީވިއެވެ.
(ނުނިމޭ)