ހަތާވީސްވަނަ ބައި
ފެންޑާ އާ ދިމާލަށް ހިނގައިގަތް ޝެލީއަށް ބަލަހައްޓައިގެން ސަމީރާ ހުއްޓެވެ. އެގޮތަށް އަންގައިވެސްނުލައި ޝެލީ ގެއަށް އައިސް ހުއްޓައި ފެނުމުން ސާޖިދު އުފާވާނޭ މިންވަރު ސަމީރާއަށް އަންދާޒާކޮށްލެވުނެވެ.
ސާޖިދުގެ ކޮޓަރި ދޮރުމަތީގައި ހުއްޓިފައި ޝެލީ މަޑުޖެހުނެވެ. ޓަކިޖަހަން އަތް ހިއްލާލާފައިވެސް އަތް ތިރިކޮށްލިއެވެ. ދުރުގައި ހުރި ސަމީރާއަށް އެ މަންޒަރު ފެނުމުން ޝެލީ ކައިރީގައި އައިސް ހުއްޓުނެވެ.
"މަންމަ ނުކުތްއިރު ފޯނާ ކުޅެން އޮތް އެނދުމަތީގައި" ސަމީރާ ބުންޏެވެ. ޝެލީ ސަމީރާއަށް ބަލާލައިފައި ހީލިއެވެ.
"ޓަކިޖަހާލާފަ އެތެރެއަށް ވަދޭ" އެހެން ބުނެފައި ސަމީރާ ހިނގައިގަތެވެ. ޝެލީ ދޮރުފަތުގައި މަޑުމަޑުން ޓަކިޖަހާލިއެވެ. ހަބަރެއް ނުވިއެވެ. ދެވަނަ ފަހަރަށް ޓަކިޖަހާލާފައި މަޑުކޮށްލިއެވެ. އެތެރެއިން ހަބަރެއް ނުވުމުން ޝެލީ ހާސްވިއެވެ. އެހިސާބަށް އައިސްފައި ސާޖިދާ ބައްދަލުނުކޮށް ގެއަށް ދާން ޝެލީ ބޭނުމެއް ނުވިއެވެ. އެހެންކަމުން ތަޅުގައި ހިފާފައި އެތެރެއަށް ހުޅުވާލިއެވެ. ހުދު އަލިކަމެއް ފެތުރިފައިވާ ކޮޓަރި ތެރެއިން ސާޖިދު ފެންނާކަށް ނެތެވެ. ޝެލީ އެތެރެއަށް ވަދެލިއެވެ. ދޮރު އޭގެ އަމިއްލަ ޒާތުގައި ލެއްޕިގެން ދިޔުމާއެކު ޝެލީގެ ހަފަރާތުން ހާސްކަމެއް ވަށާލިއެވެ. ދެލޯ މަރާބާރުކޮށްލެވުނީ ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެއް ހިތަށް އުނދަގުކުރަން ފެށުމުންނެވެ. ނޭވާ އަވަސްވެ އަތްފައި ފިނިވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
"ޖޭޑީ...." ދެލޯމަރާލައިގެން ހުރި ޝެލީ މަޑުމަޑުން ކިޔާލިއެވެ.
"އެބަހުރިން" ކައިރިން އިވުނު ސާޖިދުގެ އަޑާއެކު ޝެލީ އަވަސް އަވަހަށް ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ސާޖިދު ހުއްޓެވެ. ޝެލީ އައި ވަކި ބޭނުމެއް ނޭނގޭތީ ސާޖިދުގެ ތުންފަތް މަތީގައި ހިނިތުންވުމެއް ނެތެވެ.
"އަހަ... އަހަރެން" ޝެލީ އެއްޗެއް ބުނަން އުޅުނެވެ. ހުޅުވާލާފައި ހުރި ސާޖިދުގެ ދެއަތުގެ އިނގިލިތައް ކުއްލިއަކަށް ލައްޕާލެވުނީ ޝެލީ ގުޅުން ކަނޑާލާފައި ދާން އުޅޭ ކަމަށް ހީވެފައެވެ.
"ޖޭޑީ... އައި... އައިމް ސޮރީ.... އައިމް ސޮރީ ފޯ އެވްރީތިންގް" ޝެލީ ބުންޏެވެ. ތުންފަތް މަތީގައިވި ސީރިޔަސްކަން ކެނޑި ފަނޑު ހިނިތުންވުމެއް ސާޖިދުގެ ތުންފަތަށް ވެރިވިއެވެ. ހަށިގަނޑަށް އަރާފައިވާ ބާރު އިސާހިތަކު ކެނޑިގެން ދިޔައެވެ. މިހުރިހާއިރު ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. ފުން ނޭވައެއް ދޫކޮށްލާފައި ޝެލީގެ މޫނަށް ސާޖިދު ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
"އިޓްސް އޯކޭ... ޝެލީ ދުވަހަކުވެސް އަހަރެން ކައިރީގައި ސޮރީ އޭ ބުނާކަށް ނުޖެހޭނެ. އެނގޭ އަހަރެން ދޫކޮށްލާފައި ޝެލީ ނުދާނެކަން. އައި ޓްރަސްޓް ޔޫ" ސާޖިދު ބުންޏެވެ. ސާޖިދުގެ ދެއަތް ޝެލީގެ ކޮނޑުގައި ހިފަހައްޓާލުމަށް ދެއަތް އުފުލާލިއެވެ. އެހެންނަމަވެސް އެ އަތް ތިރިކޮށްލީ ސާޖިދު އެ އަމަލުން ޝެލީއަށް އުނދަގުލެއް ވެދާނެ ކަމަށްޓަކައެވެ.
"ވިލް ޔޫ މެރީ މީ" ޝެލީ ބުންޏެވެ. ޝެލީގެ ދެލޮލަށް ބަލަހައްޓައިގެން ހުރެފައި ސާޖިދު ޝެލީ އާ ގާތަށް ފިޔަވަޅެއް އެޅިއެވެ.
"ޔެސް... ވަރަށް އަވަހަށް އިންޝާﷲ" ސާޖިދު ބުންޏެވެ. ޝެލީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ސާޖިދު ނުވިސްނާ ހުއްޓައި ޝެލީ ހިފީ ސާޖިދުގެ ދެއަތުގައެވެ. އެ ދެއަތް މަޑުމަޑުން ހިއްލާލާފައި ވަކިވަކިން އެ ދެއަތުގައި ޝެލީ ބޮސްދިނެވެ. ޝެލީގެ އެ އަމަލުން ސާޖިދުގެ ދެލޮލުން ކަރުނަ އޮހިގަތެވެ. މިހުރިހާ ދުވަހު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ތިރިއަށް އޮހިގަތެވެ. އެމަންޒަރު ފެނި ޝެލީ ހިތުގައި ރިއްސާލިއެވެ.
"އަޑުއަހާނަންތަ؟ އަހަރެން ވަރަށް ބައިވަރު ވާހަކަދައްކަން ބޭނުން" ޝެލީ ބުންޏެވެ. ޝެލީގެ މޫނުގެ ދެފަރާތުގައި ހިފާލާފައި ކުޑަކޮށް މައްޗަށް އުފުލާލިއެވެ. ދެން ޝެލީގެ ނިތުގައި ބޮސްދިނެވެ. ކަރުނަތައް ބަންޑުންވަމުން ދިޔަ ދެލޮލުން ޝެލީ ސާޖިދަށް ބަލައިލިއެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާ ދެ ލޯބިވެރިން އެތައް ޒަމާނެއް ވަންދެއް ދިމާނުވެ ހުރުމަށްފަހު ދިމާވެފައިވާ ކަހަލައެވެ.
"އެހެން ހީވަނީތަ؟ އަހަރެން ދުވަހަކުވެސް ޝެލީގެ ވާހަކަތައް އަޑުނާހާ ހުރީތަ؟ އަހަރެން ކައިރީގައި ހުރެ ޝެލީ ކިތަންމެ ވާހަކައެއް ދެއްކިޔަސް އަހަރެން ފޫއްސެއްނުވާނެ. މަރުވެފައި އޮތަސް އަހަރެން ޝެލީ ވާހަކަދައްކަން ފެށިއްޔާ ލޯހުޅުވާނަން" ސަމާސާ ރާގެއްގައި ސާޖިދު ބުންޏެވެ. އެވަގުތު ސާޖިދުގެ ތުންފަތުގައި ޝެލީ އިނގިލި ހުރަސްކޮށްލިއެވެ.
"މަރުގެ ވާހަކަނުދައްކާ. ޕްލީޒް" ޝެލީ ބުންޏެވެ. ޝެލީގެ އެ އިނގިލީގައި ވެސް ސާޖިދު ބޮސްދިނެވެ.
"ދެން ނުދައްކާނަން. އައި ޕްރޮމިސް" ސާޖިދު ބުންޏެވެ. ޝެލީ ސާޖިދުގެ މޭގައި ބޯއެޅިއެވެ. އަނެއް އަތުން ސާޖިދުގެ މޭގައި ފިރުމާލިއެވެ.
"އަހަރެންގެ ހުރިހާވެސް އުންމީދަކީ ތިއީ. ޖޭޑީ ނެތް ދުނިޔެއެއްގައި އަހަރެން ވަކި ހުންނާނީ ކިހިނެއް. ތިކަހަލަގެ ލޯބިވާ މީހަކު އަހަރެންނަށް ދެން ދުވަހަކުވެސް ނުލިބޭނެ... މިރޭ އާދެވިދާނެތަ ގެއަށް. ބޭނުން ވަރަށް ގިނައިން ވާހަކަދައްކާލަން" ޝެލީ ބުންޏެވެ.
"ކިހާ އިރަކަށް ދާންވީ. ބޭބީ ގަޑި ބުނޭ" ސާޖިދު ބުންޏެވެ. އިޝާކޮށްލައިގެން އާދޭ. ކާންވާނީ އެގެއިން. އަހަރެން މިރޭ ޖޭޑިއަށް އެންމެ މީރު އެއްޗެހި ކައްކާފަ ބަހައްޓާނަން" ޝެލީ ބުންޏެވެ. ސާޖިދު ބޯޖަހާލިއެވެ
ޝެލީގެ ވިސްނުން ބަދަލުވެފައިވާކަން އެނގުމުން ސާޖިދަށް ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިއްޖެއެވެ. ލޯބި ނުލިބި ބީވާން އުޅޭކަމުގެ ބިރު އެއްކޮށް ނެތިގެން ހިނގައްޖެއެވެ. ޒުވާން ލޭ ހަށިގަނޑުގައި ދައުރުވާން ފެށިއްސުރެ ފެށިގެން ޝެލީ އަކީ ސާޖިދަށް އެންމެ ފުރަތަމަ ލޯބިވެވުނު އަންހެންކުއްޖާއެވެ. ޝެލީގެ ޖަވާބު އެގުޅުން ނިމުމަކަށް ގެނައިނަމަ ސާޖިދަށް ވެދާނެ ގޮތަކާމެދު އެތައް ރެއެއްގެ ނިދި ނަގާލާފައިވެސް ސާޖިދު ވިސްނިއެވެ. އެހެންމަވެސް ހެއްދެވިފަރާތުން ހުރިހާ ކަމެއް ބަދަލުކޮށްދެއްވައިފިއެވެ. ކައިވެންޏަކާ ހަމައަށް ދެވޭނެކަމުގެ ޔަގީންކަން އާކޮށްދީފިއެވެ. ޝެލީ އާނ ބަސް ބުނުމަށްފަހު އެންމެ ދުވަހަކަށްވެސް އެ ކައިވެނި ލަސްކުރަން ސާޖިދު ބޭނުމެއް ނުވިއެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝެލީ އަންބަކަށް ހަދައިގެން އޭނާގެ ހިތުގެ ތެރޭގައި ފޮރުވާލާށެވެ. އުފާވެރި ހަޔާތެއް ޝެލީ އާ އެކުގައި ހޭދަކުރާށެވެ. ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ޝެލީގެ ފަސްބަޔަށް ބަންޑުންކޮށްލާށެވެ.
އެހެންނަމަވެސް ތަގުދީރަކީ އިންސާނާ މިދުނިޔެއަށް އައުމުގެ އެތައް ބިލިޔަން އަހަރެން ކުރިން ލިޔެވިފައިވާ އެއްޗެކެވެ. އެކަމެއް ވެގެންދާނީ އެކަމެއް ވުމަށް އެކަލާނގެ އިރާދައިގައި ހުރި ގޮތަކަށެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިދުނިޔެއަކީ އިންސާނާ އިމްތިހާނުކުރެވޭ ޓެސްޓް ހޯލެއް ކަމެވެ. އެ އިމްތިހާނުން ފާސްވެއްޖެ އަޅަކަށް ކާމިޔާބު ވެއްޖެއެވެ. އަދި ނާކާމިޔާބުވެއްޖެ މީހާ ގެއްލި ހަލާކުވެއްޖެއެވެ.
ރޭގަނޑުގެ ކެއުމުގައި ޝެލީ އެދުނު ފަދައިން ސާޖިދު ބައިވެރިވިއެވެ. ކުރިއަށް އޮތް ހަފުތާގައި ޝެލީއާއި ސާޖިދުގެ ކައިވެނި އިއުލާން ކުރެވިގެންދާނެކަން ނިމާން އިއުލާން ކުރިއެވެ. ކުރިއާ ހިލާފަށް ކުލަގަދަ ޕާޓީއެއް ބާއްވަން އެކަކުވެސް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ދެފަރާތުގެ އާއިލާ އެއްވެގެން ކުޑަކުޑަ ޕާޓީއެއް ބާއްވާގޮތަށް ހަމަޖެހުނެވެ. މޭޒު ކައިރީގައި އިނދެފައި ސާޖިދަށް ޝެލީގެ މޫނަށް ބަލާލެވުނެވެ. އެހިނދު ޝެލީގެ ތުންފަތްމަތިން ފެނުނު ހިނތުންވުމަށް ފިދާވާން ސާޖިދު ބޭނުންވިއެވެ. ތާ އަބަދު ޝެލީގެ ތުންފަތްމަތިން އެ ހިނިތުންވުމަށް ދުށުމަށް ސާޖިދަށް އެދެވުނެވެ.
ރޭގަނޑުގެ ކެއުމަށްފަހު އަވަހަށް ގެއަށް ދާން ސާޖިދު ހިޔާލު ނުކުރިއެވެ. ބޭނުންވީ ޝެލީ އާ އެކުގައި ގިނަ ވަގުތު ހޭދަކުރާށެވެ. ޝެލީ ރުހޭކަމަށްވާނަމަ މުޅި ރޭގަނޑު އެއްކޮށް ޝެލީގެ މޫނު ފެންނަ ހިސާބުގައި ހޭދަކުރާށެވެ. ދެ ޒުވާނުން އަތުގައި ހިފައިގެން ތިބެ ނުކުތީ ބަގީޗާއަށެވެ.
"މިރޭ އެކުގައި މިގޭގަ މަޑުކުރަން އަހަރެންނަށް ހުއްދައެއް ދޭންވީނުން" މަޑުމަޑުން ލަސް ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން ދިޔަ ސާޖިދު ބުންޏެވެ.
"އައި ވިޝް...." ޝެލީ ބުންޏެވެ.
"ﷲ އިރާދަކުރެއްވިއްޔާ މިއަންނަ ހަފުތާގަ. އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ދުވަސްތައް ހިނގައިދާނެ. ކައިވެންޏަށްފަހު ޝެލީ އަބަދުވެސް ބަހައްޓާނީ އަހަރެންގެ ކުރިމަތީގައި" ސާޖިދު ބުންޏެވެ.
ސާޖިދުގެ ލޯބިވެތި ކޮންމެ ޖުމްލައަކާއެކު ޝެލީގެ ހިތަށް އެތައް ހާސް އުފާވެރިކަން ގެނުވަމުން ދިޔައެވެ. އިރުއިރުކޮޅުން ޝެލީގެ ހީލުމުގެ އަޑު އިވިލާ ކޮންމެ ހިނދަކު ސާޖިދު ލޯބިވެތި ނަޒަރަކުން ޝެލީގެ މޫނަށް ބަލައިލައެވެ.
"ހިނގާބަލަ މިތަނަށް އަރަން" ޝެލީ ބުންޏެވެ.
"މިތާ...." ސާޖިދު އިޝާރަތްކުރީ ބަގީޗާ ފުރަގަހުން ފަރުބަދައެއް ގޮތަށް ހައްދާފައިވާ ކަޅު ކުލައިގެ ހިލަތަކަށެވެ. އެ ހިލަތަކުގެ އެންމެ މަތީގައިވެސް އަލްމާޝް ހުރީ އެކި ވައްތަރުގެ ގަސް އިންދާފައެވެ.
"ކީއްވީ. ހިނގާބަލަ. ވަރަށް ދުވަސްވެއްޖެ އެތަނަށް ނާރާތާ" ޝެލީ ބުންޏެވެ. ސާޖިދުގެ އަތަށް ޝެލީ ކުޑަކޮށް ދަމާލިއެވެ. ސާޖިދު ޝެލީގެ މޫނަށް ބަލައިލިއެވެ. އެއާއެކު ކުޑަކުއްޖެއް ފަދައިން ޝެލީ 'ޕްލީޒް' އޭ ބުނެލިއެވެ.
"ބީ ކެއާފުލް" ހިލަތަކުގެ މައްޗަށް ކުރިން އެރީ ސާޖިދެވެ. އެއަށްފަހު ތިރީގައި ހުރި ޝެލީއަށް އަތް ދިއްކޮށްލިއެވެ. ސާޖިދުގެ އަތުގައި ހިފައިގެން މަޑުމަޑުން ހިލަތަކުގެ މައްޗަށް އަރައި ހަމަޖެހިލުމަށްފަހު ވަށައިގެން ޝެލީ ބަލައިލިއެވެ. ބަގީޗާގެ އެކި ހިސާބުތަކުން ނިވި ދިއްލެމުންދިޔަ ބޮކިތައް ފެންނަމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ.
"މާޝާﷲ" ސާޖިދު ބުންޏެވެ.
"މަންމަގެ މަސައްކަތް. ކުރީގަ އަފޫދައްތަ އާއި ޝަހާދައްތަ މިކޮޅުގަ ނޫޅޭއިރު މަންމަ އަބަދު ފެންނާނީ މިތާ ތެރެއިން. އެހެންދޯ ވާނީވެސް. މަންމަ ބުނި ކޮންމެ އެއްޗެއް ބައްޕަ ގެނެސްދޭނެ. މަންމަ ދެކެ ބައްޕަ ވަރަށް ލޯބިވާނެ" ޝެލީ ބުންޏެވެ. ނުވިސްނާ ހުރި ގަޑީގައި ސާޖިދު ޝެލީގެ އުނގަނޑުގައި އަތް އަޅުވާލިގޮތަށް ގާތަށް ދަމައިލިއެވެ. އެހިނދު ޝެލީ އައިސް ތަތްވީ ސާޖިދުގެ މޭގައެވެ. ހައިރާންވެފައި ސާޖިދަށް ޝެލީ ބަލައިލިއެވެ. ނުވިސްނާ ހުއްޓައި ސާޖިދު އެފަދަ ސަމާސާއެއް ކުރުމުން ޝެލީއަށް ފުރަތަމަ ކިޔާނެ ބަހެއް ނޭނގުނެވެ.
"އެއަށް ވުރެ މާބޮޑަށް އަހަރެން ޝެލީދެކެ ލޯބިވާނަން" ސާޖިދު ބުންޏެވެ. ޝެލީގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.
"އާދެބަލަ އިށީންނަން" ހިލަތަކުގެ މަތީގައި އިށީންނަމުން ސާޖިދު ބުންޏެވެ. ޝެލީ ސާޖިދުގެ ގާތުގައި އިށީނެވެ. ކުރުކޮށްލާފައި އިން ސާޖިދުގެ ފައި މަތީގައި ޝެލީ ދެއަތް އަޅުވާލިއެވެ. ދެން ދެއަތް މަތީގައި ދަތްދޮޅި ޖައްސާލައިގެން ޝެލީ އިނެވެ.
"އަހަރެންނާ ތިހާ ގާތުގައި އުޅެފައި ދޫކޮށްލާފަ ނުދައްޗޭ. ޖޭޑީ އަހަރެން ދޫކޮށްލިއްޔާ މިދުނިޔޭގައި އަހަރެން ބޭނުންވާނެ އެއްވެސް ފިރިހެނަކު ނުހުންނާނެ. އަމިއްލަ އެދުމެއް ހާސިލުކުރަން ފިރިހެނަކު އަހަރެން ނުގެންގުޅޭނެއެކޭ ނޫން. އެކަމަކު ޖޭޑީއަށް އަހަރެން ކުރާ އިތުބާރު، ޖޭޑީއަށް އަހަރެން ބަލާލާ ނަޒަރަކުން ނޫނީ ޖޭޑީ އަހަރެންނަށް ބަލާލާ ނަޒަރަކުން ބަލާނެ އެއްވެސް އިންސާނަކު ނުހުންނާނެ" ޝެލީ ވާހަކަދައްކަމުން ދިޔައެވެ.
"އެއްކަލަ. ޝެލީ... ތިކަހަލަ ވާހަކަ ނުދައްކަބަލަ"
"ޝްޝްޝް... ޖޭޑީ ވާހަކަނުދައްކަބަލަ. އަހަރެން އަދި ވާހަކަދައްކާ ނުނިމޭ. ބުނީމެއްނު ވަރަށް ބައިވަރު ވާހަކަދައްކަން ބޭނުމޭ" ޝެލީ ބުންޏެވެ. ޝެލީގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލައިގެން ސާޖިދު ޝެލީގެ މޫނަށް ބަލައިލިއެވެ. ވާހަކަތައް ކުރިއަށް ގެންދާށޭ ބުނާ ފަދައިން ޝެލީ ބަލާލުމާއެކު ލޮލުން އިޝާރާތެއް ކޮށްލިއެވެ.
"އަހަރެންގެ ހަޔާތުގައި ފާއިތުވެގެން އެދިޔަ ބިރުވެރި ދުވަސްތައް. ދުލުން ބުނެލަން ވަރަށް ފަސޭހަވާނެ. އެކަމަކު ދުނިޔެއިން ދިޔަ ކޮންމެ ދުވަހަކު އަހަރެންގެ ހިތަށް ލިބެމުންދި އަނިޔާތައް. އަހަރެން ހާދަ ހާދަ ހިތްވަރެއް ކުރީމޭ. އަމިއްލަ ފުރާނަ ދުއްވާލުމަކީ އިންސާނާއަށް ކުރެވޭ ފާފައަކަށް ނުވާނަމަ އަހަރެން އަހަރެންގެ ދުވަސް ދުއްވާލީމުސް. އަހަރެން އަތުގައި ޖޭޑީއަށް ދޭނެ އެއްޗެއް ނެތޭ އަހަރެން ބުނީ ސަބަބަކީ އަބަދުވެސް ޖޭޑީ އަހަރެން ކައިރީގައި ކައިވެނީގެ ފުރަތަމަ ރޭގެ ވާހަކަ ދައްކަމެއްނު. ޖޭޑީ ކުރަމުން އައި ފޮނިފޮނި އުންމީދުތައް އަހަރެންނަށް ފުރިހަމަކޮށްނުދެވޭނެތީ ދުރަށް ދާން އުޅުނީ. އެމީހާ އަހަރެންނަށް ވަރަށް އަނިޔާކުރީ. އަހަރެންގެ ހަށިގަނޑު ކަޝްފު ވީ ހަމައެކަނި އެމީހާ ކުރިމަތީގައެއް ނޫނޭ. އެމީހާގެ ރަހުމަތްތެރިޔާ ވެސް އެކަމުގައި ބައިވެރިވި. އަހަރެން ހިތަށް އެރި އެރޭ އަލުން ދުނިޔެއަށް އަހަރެން ދެލޯ ނުހުޅުވުނު ނަމައޭ. ހަމަ ތެދެއް މިބުނީ. ދިރިހުރުމުގެ އެއްވެސް ބޭނުމެއްނެތޭ ހީވަނީ. ދުނިޔޭގެ އެކި ދިމާލުން އެކި ކުލަކުލައިގެ ރީތި މަންޒަރުތައް ފެނުނަސް އަހަރެންގެ ދެލޮލަށް އެ މަންޒަރުތަކެއް ކުލައެއް ނުވޭ. އަހަރެންނަށް ފެންނަނީ ކަޅާއި ހުދުގެ މަންޒަރުތައް. ލޯގަނޑު ކުރިމައްޗަށް އަރައިފިއްޔާ އަހަރެންނަށް ފުރަތަމަވެސް ބަލާލެވެނީ އަހަރެންގެ ދެލޮލަށް. ދެ ލޮލުން އަހަރެންނަށް ފެންނަނީ މުސްތަގުބަލުގައި އަހަރެންގެ ދިރިއުޅުން ވީރާނާވެގެންދާ ތަން. އެހެންވާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންނަށް އެނގޭ ނެގެޓިވް ތިންކިންއެއް އެބަ އުޅޭކަން. ޖޭޑީ، އަހަރެންނަށް އެހީވެދީ. ޕްލީޒް... އަހަރެންގެ މުސްތަގުބަލު އުޖާލާކޮށްދީ. ޖޭޑީ ތިއީ އަހަރެންގެ އެންމެ ފަހު އުންމީދު. މާޒީ އަކީ އަހަރެންގެ ކުރިމަގަށް އެޅޭ ހުރަހަކަށް ވާކަށް އަހަރެން ބޭނުމެއްނޫން. ބޭނުންވަނީ އެކަން ހަނދާނުން ފޮހެލަން... ފޮހެލަން" އިސާހިތަކު ޝެލީއަށް ރޮވުނެވެ. ސާޖިދުގެ ކަކުލުގައި ބޯ އެޅިގޮތަށް ޝެލީއަށް ގިސްލެވެން ފެށުނެވެ.
އަނެއްކާވެސް އެ ބިރުވެރި ހަނދާންތަކުން ޝެލީގެ ހިތް ފޮތިފޮތި ކޮށްލައިފިއެވެ. އެހާ ފަސޭހައިން ޝެލީއަށް ރޮވުނީ ސާޖިދާ މެދު ކުރެވޭ އުންމީދެއްގެ ބޮޑުކަމުންނެވެ. އަތުގައި ހިފައިގެން ހިތްވަރާއެކު ކުރިއަށްދާނެ ބައިވެރިޔަކު ހުރިކަން އެނގޭ އިރުވެސް ޝެލީ ހިތް ބިރުގަންނަނީ އިންތިހާއަށެވެ.
"އަހަރެން މިހުރީނު. އަހަރެން ދުވަހަކުވެސް ޝެލީ އެކަނިވާން ދޫކޮށްނުލާނަން. އަހަރެންގެ އެންމެ ފަހު ނޭވާ އާ ހަމައަށްވެސް ހުންނާނީ ހަމައެކަނި ޝެލީގެ މީހެއްގެ ގޮތުގައި. އެންމެ ފަސޭހައިން މާޒީ މަތިން ހަނދާންނައްތާލެވޭނީ މާޒީގެ ވާހަކަ އެކަކުވެސް ނުދެއްކިއްޔާ. އެހެންވީމަ މީގެފަހުން އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު މާޒީގެ ވާހަކައެއް ނުދައްކާނަން. އެއްބަސްތަ؟" ސާޖިދު ބުންޏެވެ. ލޯތްބާއި އޯގާތެރިކަމާއެކު ޝެލީގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ސާޖިދު ފޮހެދިނެވެ.
**********
އަނެއް ދުވަހު ޝެލީ އޮފީހަށް ނުކުތެވެ. އެކަން ވީ މުޅި އޮފީހަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒަކަށެވެ. ބުނެނުލައި ޝެލީ އައުމުން ހުރިހާ މީހުން ޝެލީ ވަށައިލިއެވެ. އެނބުރި އައުމުން ވަރުގަދަ މަރުހަބާއެއް ކިޔެވެ. ތަނުގައި މަސައްކަތްކުރާ މަސައްކަތު ދައްތަމެންވެސް އައިސް ޝެލީގެ ބުރަކަށީގައި ފިރުމާ ހެދިއެވެ. ހިތްވަރުގެ ބަސްތައް ކިޔަމުން ދިޔައެވެ. އެ އެންމެންގެ ލޯބި އިހުސާސްވެފައި ޝެލީ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ.
"ސަ ޕް ރާ އި ޒް......" ކުއްލިއަކަށް ފަހަތުން އިވުނު އަޑަކުން ޝެލީ ބަލައިލިއެވެ. އޮރެންޖު ކުލަ އާއި ނޫ ކުލަ ހިމެނޭ ބޮޑު ކޭކެއް ހިފައިގެން ހުރީ އީމާއެވެ. ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ޝެލީއަށް ހީލެވުނެވެ.
"ޝެލީއަށް އެކަންޏެއްނޫނޭ މީހުންނަށް ސަޕްރައިޒް ދެވެނީ" އަޝްފާ ބުންޏެވެ.
އިސާހިތަކު މޭޒުތަކާއި ގޮނޑިތައް އެއްކައިރިކޮށްލާފައި ޖާގައެއް ހަދާލިއެވެ. ފިރިހެން އެކުވެރިޔަކު ގެނެސް ބެހެއްޓި ކުޑަ މޭޒު މަތީގައި އީމާ ކޭކު ބެހެއްޓިއެވެ. އަޝްފާ އާއި އީމާ ޝެލީ ގޮވައިގެން ގޮސް މޭޒު ކައިރީގައި ބެހެއްޓިއެވެ. ކުޑަ ވަޅީގައި ހިފާފައި ޝެލީ ކޭކުގައި ޖަހާފައިވާ ލިޔުންކޮޅު ކިޔާލިއެވެ.
"ވެލްކަމް ބެކް ޝެލީ" ޝެލީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ދެން އުޅެބަލަ ފަޅަން. އެހެންނޫނީ މަށަށް ކާލެވިދާނެ" އިތުރު އަންހެން އެކުވެރިޔަކު ބުންޏެވެ. ކޭކުގައި ވަޅި ޖައްސާލުމުގެ ކުރިން ޝެލީ ހުރިހާ ދިމާ ވަށައިގެން ހޯދާލިއެވެ. ސާޖިދު ފެނޭތޯ މުޅި ތަން ސްކޭން ކޮށްލި ކަހަލައެވެ. ދެ ކުއްޖަކު ދޭތެރެއިން ފެންނަން ހުރި ސާޖިދު އިޝާރާތުން ކޭކު ފެޅުމަށް ޝެލީ ކައިރީގައި ބުންޏެވެ.
"ކާކުތަ މާ ވަރަކަށް ތިހޯދަނީ" ފަހަތް ބަލައިލަމުން އަޝްފާ ބުންޏެވެ. އެހިނދު ސާޖިދު ފޯނާ ކުޅެން ކަމަށް ހެދުނެވެ.
"އޯވް... ސިޔާ ދޯ.... ޝެލީވެސް ތި ނުކުތީނު. މާދަމާ ސިޔާވެސް ނުކުންނާނެ" އަޝްފާ ބުންޏެވެ. ޝެލީ ކޭކު ފެޅިއެވެ. ފުރަތަމަ ކޭކުކޮޅު ޝެލީ ބޭނުންވީ ސާޖިދަށް ދޭށެވެ. އެހެންނަމަވެސް އެފަދަ ހިތްވަރެއް ކުރަން ޝެލިއަށް ނުކެރުނެވެ. އެހެންކަމުން އެންމެ ފުރަތަމަ ކޭކުކޮޅު ޝެލީ ދިނީ އީމާ އަށެވެ. ދެން އޮފީސް ބޮޑު މީހާ މާޖިދަށެވެ.
"ވެލްކަމް ބެކް. އައިމް ސޯ ޕްރައުޑް އޮފް ޔޫ" ޝެލީގެ ބޮލުގައި ފިރުމާލާފައި މާޖިދު ބުންޏެވެ.
*********
އާދައިގެމަތިން ނިދުމުގެ ކުރިން އަލްމާޝް ޝެލީ އާ ބައްދަލުކުރަން އެކޮޓަރިއަށް ވަނެވެ. ސާޖިދަށް ގުޅައިގެން ވާހަކަދައްކަން އޮތް ޝެލީއަށް އަލްމާޝް ފެނުމާއެކު ފޯނު ކުރުކޮށްލާފައި އެނދުގައި އިށީނެވެ.
"ކިހިނެއްތަ؟" ޝެލީގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަލްމާޝް އެހިއެވެ.
"އަލްހަމްދުލިއްލާހް. މަންމަ އާއި ބައްޕަ ކައިރީގަ ހުއްދައެއް ހޯދަން ދާން އުޅެނިކޮށް ތިއައީ" ޝެލީ ބުންޏެވެ.
"ކޮން ހުއްދައެއް. އަވަހަށް އަހާ" އަލްމާޝް ބުންޏެވެ.
"މި ސަޓަޑޭގަ އޮފީސް އެންމެ ޕިކްނިކް ދާން އެބައުޅޭ. އަޅުގަނޑުވެސް ދާން ބޭނުން" ޝެލީ ބުންޏެވެ.
"ސާޖިދު ދޭތަ؟" އަލްމާޝް އެހިއެވެ. ޝެލީ ބޯޖަހާލިއެވެ.
"މަންމައަށް އެންމެ ރަނގަޅު ދިޔަސް. ސާޖިދު ކައިރީގައި ހުރިއްޔާ މަންމައަށް ޔަގީން ޝެލިއަށް ބަލާނެކަން" އަލްމާޝް ބުންޏެވެ.
"ކޮން ރަށަކަށް ދަނީ؟" އަލްމާޝް އެހިއެވެ.
"ރަށް އެނގޭނީ އަދި މާދަމާ" ޝެލީ ބުންޏެވެ.
**********
މެންދުރުގެ ކެއުން ކާމޭޒު މައްޗަށް އަރުވައި ނުނިމެނީސް ހުރިހާ މީހުން މޭޒު ކައިރިއަށް ޖަމާވެއްޖެއެވެ. ފަހަރަކު މީހެއްގެ ކައިރީގައި ހުރި ތައްޓަށް ޖޫސް އަޅަމުން ދިޔަ ޝިއުރާ ބަލައިލީ ކޮޓަރިން ނުކުތް އިކާނަށެވެ.
"އާދޭ އަވަހަށް ކާން" އިކާނަށް ޝިއުރާ ބުންޏެވެ. ހުއްޓުމެއް އައީ ލަކްޔަން އާއި ސިޔާ އަށެވެ. ކާން އަންނަން ޝިއުރާ އެބުނީ އިކާން ކައިރީގައި ކަން ލަކްޔަންއަށް އެނގުނެވެ. އަންނަން ނާންނަން ހުރެފައި އިކާން އައިސް އާއިލާ އެހެން މީހުންނާ ބައިވެރިވެ ގޮނޑީގައި އިށީނެވެ. ތައްޓެއް ހިފައިގެން ގޮސް އިކާން ކުރިމަތީގައި ބެހެއްޓި ޝިއުރާއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް ކާމޭޒު ދޫކޮށް ލަކްޔަން ދިޔުމުންނެވެ. ޝިއުރާ ބަހެއްނުކިޔައި ލަކްޔަން ދިޔަ ދިމާލަށް ބަލަން ހުއްޓައި ސިޔާވެސް ތެދުވެގެން ހިނގައްޖެއެވެ.
(ނުނިމޭ)