ސައްބީސްވަނަ ބައި
ލަކްޔަންގެ ޒަމީރު އެއްބަސްވި ގޮތަށް ދޮރުލައްޕަން ހިފާލިއެވެ. އެހެންނަމަވެސް އިކާން ދޮރުފަތުގައި ހިފެހެއްޓިއެވެ. ހިތްހަމަނުޖެހިފައި ލަކްޔަން ދޮރުން ދޫކޮށްލާފައި އިކާނަށް ފުރަގަސްދިނެވެ. ލަކްޔަންގެ އެ އަމަލުން އެންމެ ބަހެއް ބުނަންވެސް އިކާނަށް ނުކެރުނެވެ. އެހެންނަމަވެސް ދޮރުލައްޕަން ލަކްޔަން ގަދަނުހެދުމުން އިކާން ހަމަޖެހުނެވެ. ގޭތެރެއަށް ވަނުމަށް އެއްވެސް މީހަކު ނުބުނަނީސް ކުރިއަށް ފިޔަވަޅެއް އަޅަން އިކާނަށް ނުކެރުނެވެ.
"ކާކު؟" އައްބާސްގެ އަޑު އިވުނެވެ.
ދޮރުހުޅުވަން ދިޔަ ލަކްޔަންގެ ހަބަރެއް ނުވާތީ ޝިއުރާ ބޯދިއްކޮށްލިއެވެ. ދޮރުމަތީގައި ހުރި ލަކްޔަން ފެންނަން ހުއްޓަސް ބޭރުގައި ހުރި މީހާ ނުފެނެއެވެ. އެހެންކަމުން ޝިއުރާ ލަކްޔަން ކައިރިއަށް އައެވެ.
"އިކާން" ދޮރުމަތީގައި ހުރި އިކާން ފެނުމާއެކު ޝިއުރާއަށް ބުނެވުނެވެ. ދެވަނަ ސިކުންތުގައި އިކާން ހުރި ނިކަމެތި ހާލު ފެނިފައި ޝިއުރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މުޅި މީހާ ހުރީ ހިކި އަނަރޫފަވެފައެވެ. ދެލޯ ވަޅުވަދެފައެވެ. ތުނބުޅި އާއި އިސްތަށިގަނޑު ބޮލެވެ. ކުރީގެ އިކާނޭ ބުނެވޭވަރެއްވެސް ނޫނެވެ. ލައިގެން ހުރި އަތްކުރު ގަމީސް އޮތީ ކުލަ ވެއްޓިފައެވެ.
"އާދޭ އެތެރެއަށް" ފުރަގަސްދީގެން ހުރި ލަކްޔަން ބަލާލައިފައި ޝިއުރާ އިކާނަށް ބުންޏެވެ. ދޮރު ހުޅުވަން ދިޔަ ދެ ދަރިންގެ ހަބަރެއް ނުވުމުން އެންމެފަހުން އައްބާސް އައެވެ. އެހެންނަމަވެސް އިކާން ފެނުމުން އައްބާސް އަށްވެސް ފުރަތަމަ އަމަލުކުރާނެ ގޮތެއް ނޭނގިފައި ހުއްޓެވެ.
އެނދުގައި އިށީނދެގެން ދެއަތް ފައިގެ ދެ ފަލަމަސްގަނޑުގައި ޖައްސައިގެން ދެއަތުން މޫނު ފޮރުވައިގެން އިން ލަކްޔަން ރޮނީއެވެ. މިއަދު އަމިއްލަ ނަފުސުގެ މައްޗަށް ލަކްޔަންއަށް ބާރެއް ނުފޯރުވުނެވެ. އިކާންގެ ހުރި ހާލުން ލަކްޔަންގެ ހިތުގައި ވޭން އަޅަމުން ދިޔައެވެ. އެހެންނަމަވެސް އިކާން ކުރީކީ އެހާ ފަސޭހައިން ލަކްޔަން ހަނދާނުން ފިލާވަރުގެ ކަމެއް ނޫނެވެ. އެކަމުގައި ގެއްލުން ލިބިގެން ދިޔައީ ހަމައެކަނި އަނިޔާ ލިބުނު އަންހެންކުއްޖާއެއް ވެސް ނޫނެވެ. އެކަމުގެ ސަބަބުން ދެފަރާތުގެ އާއިލާ ވަނީ ދުވަހަކުވެސް އަރައިނުގަނެވޭ ފަދަ ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. އެކަމުގެ ސަބަބުން އިކާނަށް އިހުސާސް ނުވިޔަސް ލަކްޔަންގެ ހިތުގައި އުފެދުނު ޒަހަމް ދުވަހަކު ފަސޭހަނުވާނެއެވެ. ދެވަނަ ފަހަރަށް އިކާން ގެއިން ނެރެލަން ލަކްޔަން މަސައްކަތްކުރީ އެހެންވެއެވެ. އިކާންގެ ކުރިމަތީގައި އުޅެން ލަކްޔަންއަށް ފަސޭހަނުވާނެތީއެވެ. ފުރަތަމަ ފަހަރަށް ޝިއުރާ އާ ދެބަސްވާން ޖެހުނީވެސް އިކާންގެ ކޮޅަށް ޝިއުރާ އެރުމުންނެވެ.
"ކިހިނެއް ހަދަން ކޮއްކޮ ވިސްނަނީ؟ ގެއިން ނެރެ އެއްލާލީމަ ހުރިހާ ކަމެއް ހަމަޖެހުނީތަ؟ އަހަރެން ފާއިތުވެގެން ދިޔައިރު އަހަރެމެންގެ އެކަކުވެސް އިކާނާ ބައްދަލެއް ނުކުރަން. އިކާން ކުރީކީ އަހަރެމެންވެސް ހިތްހަމަޖެހޭ ކަމެއްނޫނޭ. އެކަމަކު ކުށްކުރެވޭނީ އިންސާނުންނަށް. އެކުށަށް އިންސާނާ ތައުބާ ވަނީ އެކަލާނގެ އިންސާނާއަށް ބުއްދި ދެއްވާފައިވާތީ. އަނެއްކާ ގެއިން ނެރެލީމަ ލޭގެ ގުޅުން ކެނޑޭނެތަ؟ ތިއަށް ވުރެ ރަނގަޅުވާނެ އެއްފަހަރުން ކަރުގައި ހިފައި މަރާލިއްޔާ. ކަފުންކޮށް ފަސްއަޅައި ފޮރުވީމަ ދުވަހަކުވެސް ކޮއްކޮއަށް ނުފެންނާނެ" ލަކްޔަންގެ ހިތުގައި ޖެހުނީ ޝިއުރާ ފަހުން ބުނެލި ޖުމްލައިންނެވެ. އިތުރަށް އެތަނުގައި ލަކްޔަންއަށް ނުހުރެވިގެން ކޮޓަރިއަށް އަންނަން ޖެހުނު ސަބަބަކީ އެއީއެވެ.
އެއް އަހަރު ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ޖަލުގައި ހައްޔަރުކޮށްފައި ތިބި އެކި މައްސަލަތަކައިގެ ތިބި މީހުންގެ ބަންދަށް ލުއިތަކެއް ދިންއިރު އެ ލިސްޓުގައި އިކާން ހިމެނުނެވެ. ދޫކޮށްލާ ވާހަކަ އާއިލާގެ އެއްވެސް މެންބަރެއް ކައިރީގައި ބުނަން ނުކެރިންގެ އިކާންގެ އެދުމުގެ މަތިން އެ މައުލޫމާތު ދިނީ ސިރާޖަށެވެ. ސައިކަލުގައި އިކާން ގޭ ކައިރިއަށް ބާލާފައި ސިރާޖް ދިޔައީއެވެ.
"ޝަރުތުކޮށްފައި ދޫކޮށްލި ކަމަށް ބުނީ. ރޭގަނޑުގެ ވަކި އިރެއްގެ ފަހުން ބޭރުގައި އުޅުން މަނާ ގަޑިއެއް އެބައިން" ޝިއުރާ ވާހަކަދެއްކީ ކޮޓަރީގައި އިން އައްބާސްއާއެވެ. "އަޅުގަނޑު ދުށިން ޗިޓް"
"އެހެން އަދި ގެއަށް ދޫކޮށްލުމަކުން އަނިޔާ ލިބުނު ކުއްޖާއަށް އިންސާފެއް ނުލިބޭ. ވަރަށް ދެރަ ކޮންމެއަކަސް. ގޭގަ ނުބަހައްޓާނަމޭ ކިޔައި އަލުން ގެއިން ނެރެލާކަށް ނުކެރޭނެ. ކުރިން އޮތް ގާތްކަމެއްވެސް ދެން އެސޮރަކާ ނުބެހެއްޓޭނެ" އައްބާސް ބުންޏެވެ.
*********
ޝެލީއަށް ސާޖިދު ދިން މުހުލަތުން އެއް ދުވަސް ކެނޑިގެން ހިނގައްޖެއެވެ. ޝެލީ ނިންމީ ކޮން ގޮތަކަށްތޯ ބަލަން އެގެއަށް ދާން ސާޖިދު ބުނީ ތިންވަނަ ދުވަސް ނިމި ހަތަރުވަނަ ދުވަހުއެވެ. އެދުވަހު ޝެލީ ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެ ނިންމުމަށް ސާޖިދު އިހުތިރާމު ކުރާނެއެވެ. ސާޖިދުގެ ދިރިއުޅުމުގައި އޭގެފަހުން ދެން ކަންތައްވެގެންދާނެ ގޮތެއް ހުދު ސާޖިދަށް ވެސް ނޭނގެއެވެ. އެހެންނަމަވެސް އެ ކައިވެނި ކުރެވޭނެ ކަމަށް ސާޖިދު އުންމީދު ކުރެއެވެ.
ތައްޔާރުވެގެން އައިސް ސާޖިދު އިށީނީ ކާ މޭޒު ކައިރީގައެވެ. ފެންތަށި ސާޖިދަށް ކައިރިކޮށްދީފައި ސާޖިދާ ދިމާލުން ހުރި ގޮނޑީގައި ސަމީރާ އިށީނެވެ. ދެން ވަރަށްވެސް ފުން ނަޒަރަކުން ސާޖިދުގެ މޫނަށް ބަލައިލިއެވެ. ހިމޭންކަމާއެކު ސައިބޮމުން ދިޔަ ސާޖިދަށް ސަމީރާ އިނީ ބަލަހައްޓައިގެން ކަން އެނގުމުން ހީލިއެވެ.
"ބާރަގަޑި ފަނަރައަށް މަންމަ ތައްޔާރުވާތި އިނގޭ" ސާޖިދު ބުންޏެވެ. ސާޖިދު އެއްވެސް ކަމަކާ ވިސްނަމުންދާކަން ސަމީރާއަށް އެނގެން ބޭނުމެއް ނުވިއެވެ.
"މަންމަ ތައްޔާރުވެދާނަން. އެކަމަކު ހިތަށް އަރަނީ ސާޖިދު މިއަދު ރަނގަޅުބާއޭ" ސަމީރާ ބުންޏެވެ. ކަޅުސައިތަށި ހުސްކޮށް ފޮށިން ޓިޝޫއެއް ދަމައިގަނެފައި ސާޖިދު ސަމީރާއަށް ބަލައިލިއެވެ.
"ވަރަށް ރަނގަޅު. ދަނީ އިނގޭ މަންމާ" ސާޖިދު ތެދުވެގެން ހިނގައިގަތެވެ. ސަމީރާއަށް އިތުރު ވާހަކައެއްދައްކަން ފުރުސަތު ނުދިނެވެ. ހިތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ސަމީރާގެ ބުނުމެއްގެ ސަބަބުން ލޮޅުމެއް އަންނަން ސާޖިދު ބޭނުމެއް ނުވެއެވެ.
**********
އުނދުން ނިއްވާލާފައި އަލްމާޝް ގޮސް ހުއްޓުނީ އައިސް އަލަމާރި ކައިރީގައެވެ. އައިސް ފެންފުޅިއެއް ނެގި ގޮތަށް ފެންފުޅި ހިފައިގެން ގޮސް އަލްމާޝް އިށީނީ މޭޒު ކައިރީގައެވެ. އިރުއޮށްސުމާ ދެމެދު ހުރީ ކުޑަ ވަގުތުކޮޅެކެވެ. ބިއްލޫރި ތައްޓަކަށް ފެން އަޅައިގެން ލަސްލަހުން ފެންބޮމުން ދިޔަ އަލްމާޝްގެ ސިކުނޑި ތެރޭގައި ވަނީ މީގެ އިރުކޮޅެއް ކުރިން ގުޅާފައި ނިމާން ދެއްކި ވާހަކަތަކެވެ. ހަގީގަތުގައި ނިމާން ވާހަކަދައްކަން ބޭނުންވީ ފަޒްނާއާ އެވެ. މަނިކު ގާތް ދުވަސްވީ އެކުވެރިޔަކު ބައްދަލުކުރަން ބޭނުންވީ ފަޒްނާ އާއެވެ. މެހެމާނުންނަށް ކަމޭހިތުމަށާއި މެހެމާންދާރީ އަދާކޮށްދިނުމަށް އަލްމާޝްގެ ކިބައިން ނިމާން އެދުނެވެ. އަލްމާޝްއަށް އުނދަގޫތަކެއް ވީ ބައްދަލުކުރަން އެގެއަށް އަންނަ ބައެއްގެ ގޮތުންނެވެ. އެހެންނަމަވެސް އެކަމަކީ އަލްމާޝްއަށް ބާރުދެއްކޭނެ ކަމެއް ނޫންކަން އެނގެއެވެ. އައްބާސް އާއި މަނިކުގެ އެކުވެރިކަން ފެށުނީ އަލްމާޝް އާއި ލަކްޔަންގެ ފަރާތުންނެއް ނޫނެވެ.
އެފަދަ ވިސްނުންތަކެއްގައި ހުރެފައި އަލްމާޝް ގޮސް ހުއްޓުނީ ބަދިގެއިން ގޯތި ތެރެއަށް ހުޅުވާލާފައިވާ ކުޑަދޮރު ކައިރީގައެވެ. ބޭނުމަކަށްވީ ބަދިގޭ މަސައްކަތްތައް ނިންމާފައި ދަމުން ކުޑަދޮރު ލައްޕާލުމެވެ. އެހެންނަމަވެސް ބަގީޗާ ގަސްތައް ކައިރީގައި ފޮޅިފައިވާ މާތަކުގެ ފޮޓޯ ނަގަން ހުރި ޝެލީ ފެނިފައި އަލްމާޝް ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ. އެ މަންޒަރަކީ ބަލާލަން އޭނާގެ ލޮލަށް ފަސޭހަކުރުވި މަންޒަރެކެވެ. އަލްމާޝްގެ ތުންފަތް ދެފަރާތަށް ދެމިލީ ޝެލީގެ ހިނިތުންވުން ފެނިފައެވެ. ޝެލީގެ ތުންފަތްމަތިން އެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ހުރިހާ ފިކުރުތަކާއި ވިސްނުންމަތިން އަލްމާޝް ހަނދާންނެތިކޮށްލައެވެ.
***********
ފިރިހެން ދަރިފުޅު ދެކެ ހިތްހަމަނުޖެހިގެން އެއްޗެއް ބުނެވުނު ހަނދާނެއް އައްބާސްގެ ނެތެވެ. އެހެންނަމަވެސް ގޭތެރޭގެ ބަހުސް ކުރެވެމުން ދިޔަ މައުލޫއެއްގެ ސަބަބުން މިއަދު ފުރަތަމަ ފަހަރަށް ލަކްޔަންދެކެ އައްބާސް ހިތްހަމަނުޖެހިއްޖެއެވެ. ބާރަށް އެއްޗެއް ބުނެވުނު ހިނދު އައްބާސް ކޮށި އަރައިގެން ކެއްސައިގަތެވެ. ކައިރީގައި އިން ފާރޫގް އައްބާސްގެ ބުރަކަށީގައި ކުޑަކޮށް ތަޅައިލިއެވެ. އައްބާސްގެ ނޭވާ ހަމަޔަކަށް އެޅުނީ ޝިއުރާ ގެނެސްދިން ފެންތަށިން ދެތިން ކޯވަރު ފެން ބުއި ފަހުންނެވެ. އޮބާލައިގެން އިން އިސް އުފުލާލަންވެސް ނުކެރިފައި ލަކްޔަން އިނެވެ.
"ސޮރީ ބައްޕާ. އަޅުގަނޑަކީ އޭރުވެސް މިހާރުވެސް ބައްޕައަށް ކިޔަމަންތެރި ދަރިއެއް" ލަކްޔަން ބުންޏެވެ. ދެން ތެދުވެގެން ކޮޓަރި އާ ދިމާލަށް ދިޔައެވެ. ޝިއުރާގެ އެއްފަރާތުގައި އިށީނދެގެން އިން ސިޔާ އިނީ ލަކްޔަން ތެދުވެގެން ދިޔަ މަންޒަރު ބަލަން ރޮވިފައެވެ. ލަކްޔަން ހުރިގޮތުންވެސް މިއަދު ވަރަށް ބޮޑަށް ހިތުގައިޖެހިފައި ހުރިކަން ސިޔާއަށް އެނގުނެވެ. އެހެންނަމަވެސް ބޮޑެތި މީހުން ދެއްކި ވާހަކައިގެ ތެރެއަށް އަނގަލާން ސިޔާ ބޭނުމެއް ނުވިއެވެ.
"ބައްޕާ، ރުޅިމަޑުކޮށްބަލަ. ތިހާ ވަރަށް ރުޅިއައިމަ ބައްޕަ ބަލިވެދާނެއްނު. ލަކީކޮއްކޮ އެހެން އެބުނީ ސަބަބެއް ނެތިއެއް ނޫނޭ" ޝިއުރާ އައްބާސްއަށް ވިސްނައިދިނެވެ. އެހެންނަމަވެސް ފުން ނޭވާތަކެއް ލަމުން ދިޔަ އައްބާސް އެއަށް ޖަވާބެއް ނުދިނެވެ.
ކޮޓަރިއަށް ވަންގޮތަށް ލަކްޔަން ދެކޮޅަށް ހިނގަން ފެށިއެވެ. ލަކްޔަން އިސްކުރީ ކެތްތެރިކަމެވެ. ބައެއް ކަހަލަ ވާހަކަތަކަކީ ހަމަ ކޮންމެ މީހެއް ކައިރީގައި ހާމަކުރެވޭނެ ވާހަކަތަކެއް ނޫނެވެ. އިކާންގެ ވަކިތަކުގެ ދަށުގައިވީ އައްބާސްގެ އެކުވެރި މަނިކުގެ ކާފަދަރިއެއް ކަން އަދިވެސް އައްބާސްއަށް ނޭނގެއެވެ. ގޭތެރޭގައި އެވާހަކަ ނުދައްކާތީ އައްބާސް ހުރީ އޮޅުމެއްގެ ތެރޭގައެވެ. އެއާޕޯޓުން ފަޒްނާ ފެނުނު ވާހަކަ އައްބާސް ކައިރީގައި ބުނީ ޝިއުރާއެވެ. އައްބާސް ބޭނުންވީ ޒަމާންވީ އެކުވެރިޔާގެ ހުވަފަތް އަނބިމީހާ އާއި ދަރިންނާ ބައްދަލުކުރުމަށް އެގެއަށް ދިޔުމަށެވެ. އެހެންކަމުން ޑޮކްޓަރަށް ދައްކަން ދިޔުމުގެ ތެރޭގައި ނިމާނާ ބައްދަލުވެ ފަޒްނާގެ ނަންބަރު އައްބާސް ހޯދިއެވެ. ގެއަށް އައިސް އައްބާސް އެންމެ ފުރަތަމަވެސް ގުޅީ ފަޒްނާއަށެވެ. ދެ އާއިލާ އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރަން ހިޔާލު ދިނީ އައްބާސެވެ. ހަވޭލީގައި ހަވީރުގެ ސައި ހަމަޖެހިފައި އޮތް ވާހަކަ އައްބާސް ބުނީ އާއިލާ އެއްތަނަކަށް އެއްކޮށްފައެވެ. ވަގުތުން ލަކްޔަން ދެކޮޅު ހެދިއެވެ. އަލްމާޝް ކުރިމައްޗަށް އަރަން ލަކްޔަން ތައްޔާރެއްނޫނެވެ. އައްބާސް އެދުނަސް އެކަން ކުރަން ލަކްޔަންއަށް ހިތްވަރެއް ނުލިބޭނެއެވެ. ލަކްޔަން ދެކޮޅު ހެދުމުން، ސަބަބު އައްބާސް އޮޅުންފިލުވީ ފުރަތަމަ މަޑުމައިތިރިކޮށެވެ. ރުޅިއިސްކުރެވުނީ ތަކުރާރުކޮށް އެހުމުންވެސް ލަކްޔަން ޖަވާބެއް ނުދިނުމުންނެވެ.
************
މުޅިން އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އެތައް ބައެއްގެ އުންމީދަށް ދިރުން ގެނުވަމުންނެވެ. އަނެއް ބަޔަކަށް ހިތާމަ އާއި ހިތްދަތިކަމުގައި އިމްތިހާނު ކުރުވަމުންނެވެ. ފަތިސް ނަމާދަށްފަހު ހެނދުނުގެ ޒިކުރުތަކާއި ޤުރުއާން ކިޔެވުމުގައި ޝެލީ ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. ބެލްކަނީގައި ދޮރުފޮތިގަނޑު ފޭކޮށްލާފައި ބަލައިލިއިރު ދުނިޔެ އަލިކޮށްލައިފިއެވެ. މަޑުމަޑުން މަގުތަކުގައި މީހުންނާއި ދުއްވާ އެއްޗެހި ގިނަވާން ފަށައިފިއެވެ. ހެނދުނުގެ އެވަގުތުގައި ޝެލީ ބެލްކަނީގައި މަޑުކޮށްލައިގެން ހުއްޓެވެ. ބަގީޗާ ގަސްތައް ކައިރިީގައި ފައިބާފައި ހުރި ފަތްތައް ނަގަން އޮތް އަލްމާޝްއަށް ޝެލީ ފެނުމުން ހަނާ އަޅާލިއެވެ. އޭގެ ރައްދު ޝެލީ ދިނީ ހިނިތުންވުމަކާއެކުގައެވެ. އާދުވަހެއްގެ ފެށުން ޝެލީއަށް ގެނެސްދިނީ އުންމީދުތަކަކާ އެކުގައެވެ. ދިރިއުޅުމުގެ މުހިންމު ކަމެއް ޝެލީ ނިންމައިފިއެވެ. ހިތާއި ސިކުނޑި ކޯޅެމުން ދިޔަ ކަންތަކުގައި ހިތް ކުރި ހޯދައިފިއެވެ. އަލަތު ލޯތްބާ ދުރަށް ދިޔުމުގެ ވިސްނުން ޝެލީ ދޫކޮށްލައިފިއެވެ. ރަހުމެއްނެތި ޝިކާރަކޮށްލާފައިވަނީ ހަމައެކަނި ޝެލީގެ ހަށިގަނޑެއް ނޫނެވެ. ޝެލީ ކަހަލަ ކިތަންމެ އަންހެންކުއްޖެއް ހިތާމަ އާއި ހިތްދަތިކަމުގައި ދުވަސްތައް ހޭދަކޮށްފައި އެބަހުއްޓެވެ. އެތަނުން ކޮންމެ އަންހެންކުއްޖެއްގެވެސް ދިރިއުޅުން ކާމިޔާބެވެ. ރޭގައި ނުނިދައި ބޮޑުބައެއް ޝެލީ ހޭދަކުރީ އިންޓަނެޓުން އެކަމާ ގުޅޭ އެކި ދިރާސާތަކާއި އާޓިކަލްތައް ކިޔުމުގައެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުގައި ހިނގާފައި ހުރި އެފަދަ އެތައް ހާދިސާތަކެވެ. ޝެލީގެ ވިސްނުން ބަދަލުކުރަން އެހީތެރިވީ އެ ފޮތްތަކެވެ.
"އާދޭ ކޮފީބޯން" ފަތްތައް ޖަސްތު ގަނޑަށް އަޅައިގެން ދަމުން އަލްމާޝް ޝެލީއަށް ގޮވާލާފައި ބުންޏެވެ. ޝެލީގެ މޫޑު މާބޮޑަށްވެސް ރަނގަޅުކަން އަލްމާޝްއަށް އެނގިއްޖެއެވެ.
ކޮފީ މެޝިން ކައިރީގައި ހުރި އަލްމާޝްގެ ގައިގައި ފުރަގަހުން މީހަކު ބައްދާލައިފިއެވެ. އެއީ ކާކުގެ އަމަލެއްކަން އެނގުމުން އަލްމާޝް ހީލިއެވެ.
"މަންމަ ހިތަށް އަރަނީ މިއަދު އިރުއެރީ ކޮންދިމާލަކުން ބާއޭ" އަލްމާޝް ބުންޏެވެ.
"މަންމާ. ވިޝް މީ" ޝެލީ ބުންޏެވެ. އަލްމާޝްއަށް ޝެލީ އެބުނި އެއްޗެއްގެ މާނައެއް ނޭނގުނެވެ. ޝެލީއަށް ވިޝް ކުރަންވީ ކޮންކަމަކާ ގުޅުވައިގެން ކަމެއް ނޭނގުނެވެ.
"ދެން ވިޝްކޮށްބަލަ.... އޭރުން މަންމައަށް ދޭނަން ވަރަށް ހެޕީ ނިއުސްއެއް" ޝެލީ ބުންޏެވެ.
"ހިތަށް މިއަރަނީ ވިޝްކުރަން ކީކޭބާއޭ ބުނަންވީ. ހާއްސަ ދުވަހެއްވެސް ނޫނެއްނު" އަލްމާޝް ބުންޏެވެ.
"އެނގެއޭ. އެކަމަކު މިއަދު ޝެލީ ދެވަނަ ފަހަރަށް އުފަންވެއްޖެ. ހެޕީ ބާތް ޑޭ ޓު މީ" އަލްމާޝް އާ ދުރަށް ޖެހިލާފައި ދެއަތް ފުޅާކޮށްލަމުން ޝެލީ ބުންޏެވެ. އަލްމާޝްއަށް ހުރެވުނީ ހައިރާންކަމާއެކު ޝެލީއަށް ބަލަހައްޓައިގެންނެވެ. ޝެލީގެ ފަރާތުން އެހާ ބޮޑު ތަފާތެއް ފެނުނީތީ ވިސްނަންވީ އެއްޗެއް ނޭނގިފައި އަލްމާޝް ހުއްޓެވެ.
"ހެޕީ ބާތް ޑޭ ދަރިފުޅު" ޝެލީގެ ކޮލުގައި އަތްޖައްސާލަމުން އަލްމާޝް ބުންޏެވެ.
"ދެން ކޮބާ އުފާވެރި ހަބަރަކީ" ޝެލީ ފަހަތަށް ބަލައިލީ ނިމާންގެ އަޑަށެވެ. ކަސްރަތު ހެދުމުގައި ނިމާން ބަދިގޭ ދޮރުމަތީގައި ހުއްޓެވެ. ނިމާން ބަދިގެއަށް އައީ ގެއިން ނުކުތުމުގެ ކުރިން އަލްމާޝްގެ މޫނު ދެކިފައި ދާން އާދަވެފައި ހުރުމުން ވާޖިބު އަދާކުރުމުގެ ގޮތުންނެވެ.
"ބައްޕަވެސް އާދޭ..." ޝެލީ ގޮސް ނިމާންގެ އަތުގައިވެސް ހިފިއެވެ. މަންމަ އާއި ބައްޕަގެ އަތުގައި ހިފައިގެން ގޮސް މޭޒު ކައިރީގައި ބޭންދިއެވެ. ޝެލީ އިށީނީ މެދުގައެވެ. ދެއަތުން މައިންބަފައިންގެ އަތުގައި ހިފަހައްޓައިގެން ޝެލީ އިނެވެ. ވާނުވާ ނޭނގި ނިމާން އަލްމާޝްގެ މޫނަށް ބަލައިލިއެވެ. އަލްމާޝްގެ ތުންފަތްމަތީގައި ވެސް ވީ ހިނިތުންވުމެކެވެ. އުފާވެރި ހަބަރު ހާމަކުރުމުގެ ކުރިން އަލްމާޝް ކައިރީގައި އެދުނު ގޮތަށް އާ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ނިމާންގެ ކައިރިން ޝެލީ އެދުނެވެ.
"އުފާވެރި ހަބަރު ދިނުމުގެ ކުރިން އެންމެ ފުރަތަމަ ބޭނުމީ ހުއްދައެއް ހޯދަން" ޝެލީ ބުންޏެވެ. އަލްމާޝް އާއި ނިމާން އެކަކު އަނެކަކަށް ބަލައިލިއެވެ.
"ބޭރަށް ނުކުތުމުގެ ހުއްދައެއް. އެބަޖެހޭ ވަރަށް މުހިންމު މީހަކާ ބައްދަލުކުރަން"
************
އައްބާސްއަށް ވީ ކިރުތަށި ހިފައިގެން އެކޮޓަރިއަށް ވަނީ ލަކްޔަންއެވެ. ކުށެއް ކުރެވުނަސް ދަރިންނަކީ އަބަދުވެސް މައިންބަފައިންގެ ކިބައިން ހިތް ހަލާލު ހޯދައިގެން ތިބެންޖެހޭ ބައެކެވެ. ކުރިން ވަކިވެގެންދާނީ ކާކުކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ލަކްޔަން ކޮޓަރިއަށް ވަންއިރު ރޭޑިޔޯ އުނގަށް ލައިގެން އައްބާސް އިނެވެ. ފެންނަ ފެނުމަށް އައްބާސް އިނީ ހަމަޖެހިފައެވެ. ލަކްޔަންގެ ފަހަތުން ޝިއުރާވެސް ވަނެވެ.
"ބައްޕަގެ ކިރުތަށި" ލަކްޔަން ކިރުތަށި އައްބާސްއަށް ދިއްކޮށްލިއެވެ. އައްބާސް ކިރުތަށީގައި ހިފުމުން ލަކްޔަންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހުސްތަށި އައްބާސް ދިނީ ޝިއުރާ އަތަށެވެ.
"ބައްޕަ އަޅުގަނޑަށް މާފުކުރޭ" ލަކްޔަން އައްބާސް ކައިރީގައި އިށީނެވެ. އައްބާސް ބަހެއް ނުކިޔާ އިނުމުން ލަކްޔަން ހިފީ އައްބާސްގެ އަތުގައެވެ. އެ އަތުގައި ލަކްޔަން ބޮސްދިނެވެ.
"ކޮބާ ސަބަބަކީ؟ ދަރިފުޅުމެން ބައްޕައަށް ސިއްރުކުރަނީ ކޮންކަމެއް؟" އައްބާސް އެހިއެވެ. ލަކްޔަން ބަލައިލީ ޝިއުރާއަށެވެ. ހުރިހާ ހަގީގަތެއް އައްބާސްއަށް އިނގެންވީ ވަގުތު ޖެހުނީކަން ލަކްޔަންއަށް އެނގުނެވެ.
"ބައްޕާ... އިކާންގެ އެ ނުލަފާ އަމަލު ހިންގި އަންހެންކުއްޖާއަކީ ޝެލީ. އެއީ ފަޒްނާއްތަގެ މާމަ ދަރިފުޅު. ނިމާނާއި އަލްމާޝްގެ ދޮށީ ދަރިފުޅު" ލަކްޔަން ބުންޏެވެ. އައްބާސް ޝޮކަކަށް ދިޔަ ކަހަލައެވެ. ބުނަންވީ ކީކޭ ކަމެއް އައްބާސްއަށް ނޭނގުނެވެ. ފުރަތަމަ ސިކުންތުގައި އެވާހަކަތައް ގަބޫލުނުކުރެވޭނޭ ހީވިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އެއީ ހަގީގަތްކަން އައްބާސް ގަބޫލުކޮށްފިއެވެ.
"ކުރާނެކަމެއް ނެތް" އައްބާސްއަށް ރޮވުނެވެ. "ގެއްލިއްޖެ ވަގުތަކީ އެއްވެސް މީހަކަށް އަނބުރާ ގެނެވޭނެ ވަގުތެއްނޫން" އައްބާސް ބުންޏެވެ.
"އެއީ އަޅުގަނޑު އެގެއަށް ނުދާން ބުނި އެއް ސަބަބު. އަނެއް ސަބަބަކީ..." ލަކްޔަންއަށް އެ ހަގީގަތް ހާމަނުކުރެވުނެވެ.
"އަނެއް ސަބަބަކީ މިހުރިހާ ދުވަހު ކޮއްކޮ ކައިވެންޏެއްނުކޮށް ހުރީ ދެވަނަ ކުއްޖެއްގެ އިންތިޒާރުގައެއް ނޫން. ބައްޕާ، ކޮއްކޮ މިދުނިޔެއިން ހަމައެކަނި ލޯބިވީ އަލްމާޝްދެކެ" ޝިއުރާ ބުންޏެވެ.
ލަކްޔަން ފެށިގެން ނިމެންދެކަށް ހުރިހާ ވާހަކަތަކެއް އައްބާސްއަށް ކިޔައިދިނެވެ. އަލްމާޝްދެކެ ލޯބިވެވުނު ގޮތެވެ. ފަހަރެއްގައިވެސް އަލްމާޝްގެ ދިރިއުޅުން ހަލާކުކުރަން ލަކްޔަން މަސައްކަތް ކޮށްފައި ނުވާނޭ ބުންޏެވެ. މާލެ ދޫކޮށް ދާންޖެހުނު ސަބަބަކީވެސް ލޯބި ނުލިބުނު ބިމުގައި ހުންނަން ބޭނުން ނުވެގެން ކަމުގައި ބުންޏެވެ. އިކާންގެ އަނިޔާތަކާ ކުރިމަތިލާން ޖެހުނު ކުއްޖަކީ އަލްމާޝްގެ ދަރިފުޅުކަން އެނގުނު ވަގުތު ލަކްޔަންގެ މުޅި ދުނިޔެ އަނދިރި ވީހެން ހީވި ކަމަށް ބުންޏެވެ. އެހުރިހާ ވާހަކަތަކެއް ލަކްޔަން އައްބާސްގެ ކުރިމަތީގައި ހުޅުވާލީ އިތުރަށް ހިތު ތެރޭގައި އެއްވެސް ކަމެއް ސިއްރުކޮށްފައި ބޭއްވުމުގެ މާނައެއް ނެތިގެންނެވެ.
"މާޒީގައި ހިނގާފައިވާ ކަމެއް އަހަރެމެންނަށް ބަދަލެއް ނުކުރެވޭނެ. ކަންތައްތައް ވެފައިވާ ގޮތުން މިހާރު ކޮންމެހެންވެސް އެ އާއިލާ އާ ބައްދަލުކުރަން އަހަރެން ބޭނުން" އައްބާސް ބުންޏެވެ. ލަކްޔަން ކަންބޮޑު ވިޔަސް މިފަހަރު ދެކޮޅެއް ނުހަދައެވެ.
"ދަރިފުޅު އެންމެ ރަނގަޅު ނުދިޔަސް" އިރުކޮޅެއްގެ ހިމޭންކަމަށް ފަހު އައްބާސް ބުންޏެވެ.
********
ގޭދޮރު މައްޗަށް ކާރު ހުއްޓައިލުމާއެކު ޝެލީ ކާރުން ފޭބިއެވެ. ދޮރާށި ހުޅުވާލާފައި ޝެލީ އެތެރެއަށް ވަންނަންދެން ނިމާން ބަލަހައްޓައިގެން އިނެވެ.
ގޯތިތެރެ ކުނިކަހަން އޮތް ސަމީރާއަށް ކުރިއަށް ހިނގާފައި އައި އަންހެންކުއްޖާ ފެނި ގަބޫލުކުރަންވެސް ދަތިވިއެވެ. ބޭސްފަރުވާއަށް ފަހު ޝެލީ ސަމީރާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ދަތިގަނޑު ހިފައިގެން ސަމީރާއަށް ޝެލީ އާ ދިމާލަށް ހިނގައިގަނެވުނެވެ.
ޝެލީ ގައިގައި ބައްދާލިގޮތަށް ހާލު އަހުވާލު ސަމީރާ އޮޅުންފިލުވިއެވެ. ޝެލީގެ ނިތުގައި ބޮސްދިނެވެ. ޝެލީ ފެނުމުން ހިތްހަމަޖެހިއްޖެ ކަމުގައި ސަމީރާ ބުނި ހިނދު ޝެލީގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ސާޖިދު ފަދައިން ސަމީރާވެސް ޝެލީ ބަލައިގަންނަން ތައްޔާރަށް ހުރިކަން އެނގުމުން އިތުރަށް ދެން ވިސްނަންޖެހޭ އެއްވެސް ކަމެއް ނެތެވެ.
"ޖޭޑީ..." ޝެލީ ބުންޏެވެ.
"އެބައޮތް ކޮޓަރީގަ" ފެންޑާ އާ ދިމާލަށް އިޝާރާތްކޮށް ސަމީރާ ބުންޏެވެ.
ފެންޑާ އާ ދިމާލަށް ހިނގައިގަތް ޝެލީއަށް ބަލަހައްޓައިގެން ސަމީރާ ހުއްޓެވެ. އެގޮތަށް އަންގައިވެސްނުލައި ޝެލީ ގެއަށް އައިސް ހުއްޓައި ފެނުމުން ސާޖިދު އުފާވާނޭ މިންވަރު ސަމީރާއަށް އަންދާޒާކޮށްލެވުނެވެ.
(ނުނިމޭ)