ވާހަކަ

މޮޔަކޮށްލި މާ - 25

2

ފަންސަވީސްވަނަ ބައި

"މާޝް" ލަކްޔަންގެ އަޑު އަލްމާޝްގެ ކަންފަތާ ހަމައަށް ފޯރިއެވެ. ވަގުތުން އަލްމާޝް ލަކްޔަން އާ ނަޒަރު ބަދަލުކޮށްލިއެވެ. ޝެލީ އާ ކުރިމަތިލާފައި ސިޔާއަށް ސަމާލުކަންދިނެވެ. ލަކްޔަން އަކީ މިހާރު އަލްމާޝް އާ ގުޅުމެއް އޮތް މީހެއް ނޫނެވެ.

"ޝެލީދައްތަ އިޒް ފައިން ނައު. އަލްހަމްދުލިއްލާހް" ސިޔާގެ މޫނުގައި ފިރުމާލާފައި ޝެލީ ބުންޏެވެ. ޝެލީ އާ މެދު ސިޔާ ކަންބޮޑުވީވަރު އީމާގެ ފަރާތުން ޝެލީއަށް ވަނީ އެނގިފައެވެ.

"ތޭންކްގޯޑް ޝެލީދައްތަ އާ ދިމާވިކަން. އެނގޭތަ އޭގެފަހުން ސިޔާވެސް އޮފީހަށް ނުދަން. އެކޮޅުގަ ވަން އިޔާ އުޅެފަ މިއައީ. ޝެލީދައްތަ އޮފީހަށް ދާނަންތަ؟ އޭރުން ސިޔާވެސް ދާނީ" ސިޔާ ވާހަކަދެއްކިއެވެ.

ސިޔާގެ ވާހަކަދެއްކުމުގައި ހުރި މައުސޫމު ކަމެއްގެ ސަބަބުން އަލްމާޝްގެ ހިތަށް ހިތްހަމަޖެހުން ގެނުވިއެވެ. އެއީ ޝެލީގެ ދިރިއުޅުން އެފުއްމިފުށަށް ޖަހާލި މީހާއާ ލޭގެ ގުޅުމެއް އޮތް މީހެއް ކަން ނޭނގި އަލްމާޝްގެ ހިތް ސިޔާއަށް ދީފިއެވެ.

"މިއީ ޝެލީގެ އޮފީސް ކުއްޖެއްތަ؟" އަލްމާޝް އެހިއެވެ.

"ގެއަށް ގޮސްފައި މަންމަ ބުނެދޭނަން އެއީ ކޮން ކުއްޖެއްކަން" އަލްމާޝްގެ ކަންފަތާ ގާތްވެލާފައި ފަޒްނާ ބުންޏެވެ. އިތުރަށް އަލްމާޝް ސުވާލެއް ނުކުރެއެވެ.

އަލްމާޝްއަށް ވުރެ ގިނައިން ލަކްޔަންއަށް ބެލުނީ ޝެލީގެ މޫނަށެވެ. ޝެލީގެ ތުންފަތްމަތިން ފެންނަމުންދިޔަ ހިނިތުންވުމުގެ ސަބަބުން ލަކްޔަންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ފާއިތުވެފައިވާ ކަންކަން ބަދަލުކުރުމުގެ ބާރު އިންސާނުންނަށް ލިބިގެންވާނަމަ ޝެލީގެ ދިރިއުޅުން އުފާވެރިކަމަށް ލަކްޔަން ބަދަލުކުރީހެވެ.

"އެއީތަ އަލްމާޝްއަކީ؟" ޝިއުރާ އެހިއެވެ. އެހިނދު ލަކްޔަންގެ ނަޒަރު ޝެލީ އިން ނެއްޓި އަލްމާޝްއަށް އަމާޒުވިއެވެ. ދެން ލަސްލަހުން ބޯޖަހާލިއެވެ.

"ދެން އަވަހަށް ދޭ. ސިޔާގެ ބައްޕަމެން އެތިބެނީ ލަސްވެފަ" ޝެލީ ބުންޏެވެ. އަލްމާޝް އެދިމާލަށް ބަލައިލިއެވެ. ސިޔާ ގޮސް ލަކްޔަންގެ އަތުތެރެއަށް ވަނީ އަލްމާޝް ބަލަހައްޓައިގެން ހުއްޓައެވެ. ސިޔާއަކީ ލަކްޔަންގެ ދަރިއެއްކަން އެނގުމުން އަލްމާޝްއަށް ހައިރާންކަމެއް ލިބުނެވެ. ލަކްޔަން ހީލި މަންޒަރު ފެނުމުން އަލްމާޝް ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

އަލްމާޝްގެ އާއިލާ އާއި އައްބާސްއާ އޮތް ގުޅުން ލަކްޔަންއަށް އޮޅިފައިނުވާތީ ފަޒްނާ އާ ބައްދަލުކޮށް ހާލުއަހުވާލު އޮޅުންފިލުވަން ބޭނުންވިއެވެ. އައްބާސް އެތަނުގައި ހުރިނަމަ ޔަގީނުންވެސް އެ އާއިލާއަށް ފުރަގަސްދީފައި ނުދާނެކަން ކަށަވަރެވެ. އެހެންނަމަވެސް ލަކްޔަންއަށް ކުރިއަށް އެންމެ ފިޔަވަޅެއް އަޅަންވެސް ނުކެރުނެވެ. އިކާންގެ ފަރާތުން އަލްމާޝްއަށް ލިބުނު ގެއްލުމަކީ ހިތްހެޔޮކަމާއެކު ދުލުން ބުނެލާ ބަހެއްގެ ސަބަބުން ފޫބެއްދޭނެ ވަރުގެ ގެއްލުމެއް ނޫނެވެ.

"ހިނގާބަލަ ފަޒްނާއްތަ އާ ބައްދަލުކޮށްލަން" ޝިއުރާ ބުންޏެވެ.

"ނުކެރޭނެ" ލަކްޔަން ބުންޏެވެ. "ހިނގާ ގެއަށް ދާން. މިހާރު ބައްޕަ އާއި ޅިޔަނު ހުންނާނީ ލަސްވެފަ"

މިކާލްއަށް އަލްމާޝް ފެނުމާއެކު ބައްދާފައި ރޯން ފެށިއެވެ. ކުޑަކުއްޖެއްހެން އަލްމާޝް މަތިން ވަރަށް ބޮޑަށް ހަނދާންވިކަމުގައި ބުނެ ޝަކުވާކުރިއެވެ. ޝެލީ ހުރީ ނިމާންގެ ދެއަތުގެ ތެރޭގައެވެ. ޝެލީގެ މޫނުމަތިން ފެނުނު އުފާވެރިކަން ނިމާންގެ މުޅި ނަފުސަށް ޖެހިލި ފިނި ވައިރޯޅިއެއް ފަދައެވެ. ލޯބިން ފުރިގެންވީ ބެލުމަކުން އަލްމާޝްގެ މޫނަށް ނިމާން ބަލައިލީ ޝުކުރުވެރިވަމުންނެވެ. ޝެލީއަށް އައިސްފައި އެވާ ބަދަލަކީ އަލްމާޝްގެ އެތައް މަސައްކަތެއްކަން ނިމާނަށް އެނގެއެވެ.

"ނުދޭނަން ގެނައި ހަދިޔާ. އާނ އެހެންޏަ އަހަރެންގެ ބެސްޓީއަށް އަހަރެން ފެނުނުކަމަށްވެސް ނުވި ވިއްޔާ" ފަޒްނާ ބުންޏެވެ. މިކާލް ފަޒްނާގެ މޫނަށް ބަލައިލާފައި ހީލިއެވެ. ދެން ފަޒްނާގެ ދޮން ކޮލުގެ ދެފަރާތުގައި މަޑުމަޑުން ހިފާލާފައި ތަޅުވާލިއެވެ.

"ބެސްޓީ އައިމަ ނިމުނީ. ވަރަށް ވާހަކަ ހުންނާނެ އިނގޭ ބެސްޓީއަށް ކިޔައިދޭން" މިކާލް ބުންޏެވެ. އަހަރަކަށްފަހު ލޯބިވާ މީހުން އެއްތާކުން ފެނުމުން މިކާލްގެ ހިތަށް ހިތްހަމަޖެހުން ލިބިފައިވިއެވެ.

**********

ރޭގަނޑުގެ ކެއުމަށްފަހު ފަޒްނާގެ ކޮޓަރިއަށް އަލްމާޝް ވަނީ ފެންޖަގެއް ހިފައިގެންނެވެ. އެނދުގައި ފަޒްނާ އިނީ އަލްމާޝްގެ އިންތިޒާރުގައި ކަހަލައެވެ. އަލްމާޝް ވަދެގެން އަންނަތަން ފެނުމުން ލޮލުގައި އިން ނަންބަރު އައިނު ނަގާފައި އަރިމަތީ ކަބަޑުމަތީގައި ބޭއްވިއެވެ.

"މާން ބުނި މާދަމާ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާން" އަލްމާޝް ބުންޏެވެ. ދެން އަތުގައި އޮތް ބޭސްކާޑުން ކަނޑާލާފައި ބޭސްގުޅައެއް ފަޒްނާގެ އަތަށް ދިނެވެ. އަނގަ ހަދާލާފައިވެސް ފަޒްނާ ބޭސްގުޅަ ކާލިއެވެ.

"މަންމަ ދެން ނިދާލާ އިނގޭ. ދަތުރު ވަރުބަލިވެސް ވާނެއްނު" އަލްމާޝް ބުންޏެވެ.

ކޮޓަރިން ނުކުންނަން ހިނގައިގަނެފައި އަލްމާޝް އެނބުރި ފަޒްނާއަށް ބަލައިލިއެވެ. ކުއްލިއަކަށް ކަމެއްގެ މަތިން އަލްމާޝް ހަނދާންވިއެވެ. ދެން އަލުން އައިސް ފަޒްނާ ކައިރީގައި އިށީނެވެ. އަލްމާޝްއަށް ފަޒްނާ ބަލައިލީ ހައިރާންކަމާއެކުގައެވެ.

"މަންމަ ބުނީމެއްނު މިއަދު އެއާޕޯޓުން ދިމާވި ކުއްޖާގެ ވާހަކަ ބުނާނަމޭ" އަލްމާޝް ބުންޏެވެ. ފަޒްނާއަށް ހެވުނެވެ. ދެން އަލްމާޝްގެ އަތްމަތީގައި އަތް ބާއްވާލާފައި މިކާލްގެ ކޮޓަރިން ސިޔާ ފެނުނު ދުވަހުގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.

*********

ލޯގަނޑު ކުރިމަތީގައި ޝެލީ އިންނަތާ ވިއްސަކަށް މިނެޓް ވެއްޖެއެވެ. އަހަރު ދުވަހުގެ ތެރޭގައި އަމިއްލަ ހަށިގަނޑަށް އައިސްފައިވާ ބަދަލު ޝެލީ ފާހަގަކުރަމުން ދިޔައެވެ. ކުރިއަށް ވުރެވެސް ބޮޑަށް ހިކިފައި ހުރުމުން އިތުރަށް ދިގު ކަމަށް ދައްކައެވެ. ބައެއް ހެދުންތަކުގެ ފަތިޖަހަންވެސް ޖެހުނެވެ. މޭޒުމަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ވާގަނޑާ ފޯނު ވަކިކޮށްލާފައި އަލްމާޝްގެ ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.

"ކީކޭ މަންމަ" ޝެލީ ބުންޏެވެ.

"ލައްބަ. ނިމިފަ މިހުރީ. މަންމަ ތިއަންނަނީތަ؟" ޝެލީ އެހިއެވެ.

"ޝަހާއްތަ އޭ. މިގަޑީގަތަ؟ އޭރުން ލަސްނުވާނެތަ؟" އަލްމާޝް ދައްކަމުން ދިޔަ ވާހަކަތަކާ ގުޅުވައިގެން ޝެލީ ބުންޏެވެ.

"އޯކޭ. އެކަމު ޝަހާއްތައަށް ގުޅާފަބުނޭ އަވަސްކޮށްލާށޭ. އެ ފިހާރަވެސް ބަންދުކުރާނެ އިރުކޮޅަކުން" ޝެލީ ބުންޏެވެ. ދެން ފޯނު ކަނޑާލާފައި އަލުން ޗާޖަރަށް ޖެހިއެވެ. ދެން އެނދުގައި އިށީނދެފައި ޝަހާނާއަށް އިންތިޒާރުކުރިއެވެ.

ރޯސް މެލޯ މާ ގަންނަން ޝެލީ ބޭނުންވެގެން ބުނުމުން އެކަނި ފިހާރައަށް ދާން އަލްމާޝް މަނާކުރިއެވެ. އަފާފް އާ އެކުގައި ވިޔަފާރިކޮށްގެން ޝެލީ އާ އެކުގައި ދާނެ ވާހަކަ ބުނެފައި އޮތުމުން ޝެލީ އިންތިޒާރުކުރީ އަލްމާޝް އަންނާނެ އިރަކަށެވެ. އެހެންނަމަވެސް ފަހު ވަގުތުގައި ޝަހާނާ ޝެލީ އާ ބައްދަލުކުރަން އަންނާނެ ވާހަކަ އަލްމާޝް ގުޅާފައި ބުނުމުން ޝެލީގެ ވަގުތުތައް އިތުރަށް ދިގުވެއްޖެއެވެ. ދެކޮޅަށް ދައްކާނެ ބަހަނާއެއްވެސް ނެތީއެވެ. ޝަހާނާއަކީ އަލްމާޝްގެ އެންމެ ގާތް ދެ އެކުވެރިންގެ ތެރެއިން އެކަކެވެ. ޝެލީއަށް މައެއްފަދަ މީހެކެވެ. އެހެންކަމުން ޝަހާނާ އަންނަން ބުނުމުން ޝެލީ މަޑުކުރިއެވެ.

ސާޖިދުގެ ހިޔާލުތަކެއްގައި އިންދައި ޝެލީ ސިހުނީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުންނެވެ. އެ އައީ ޝަހާނާކަން ޝެލީއަށް އެނގުނެވެ. ދުވެފައި ގޮސް ދޮރުހުޅުވާލިއިރު ޝެލީއަށް ލިބުނީ ހައިރާންކަމެކެވެ. ޝެލީގެ މޫނު މައްޗަށް ހުރަސްކޮށްލާފައިވާ މަލުގެ ގުލްދަސްތާ ކޮޓަރީ ދޮރުން އެތެރެއަށް ވެއްދޭނީ ވަރަށް އުނދަގުލުންކަން ޔަގީނެވެ. އެ ގުލްދަސްތާއިން ދޮރުމަތީގައި ހުރި މީހާގެ މޫނު ނިވާވެފައި ހުރުމުން އެއީ ކާކުކަން ދެނެގަންނަން ޝެލީއަށް ނޭނގުނެވެ. އެހެންނަމަވެސް ޝެލީގެ ހިތުގައި ތަފާތު ވިންދެއް ޖަހާލީ ނޭފަތުގައި ޖެހުނު ސެންޓްގެ ވަހުންނެވެ. މޭގައި އަތްއަޅާލި ގޮތަށް ލަސްލަހުން ޝެލީގެ ނަޒަރު ދޮރުމަތީގައި ހުރި މީހާގެ ފަޔަށް ހުއްޓާލިއެވެ. ކަށި މައްޗާ ހަމައަށް އޮޅާލާފައިވާ ނޫކުލައިގެ ޖީންސުގައި ހުރީ ފިރިހެނެކެވެ. އަލި ކުލައިގެ ވައަތު ފައިތިލައިގެ ކަށި އިނގިއްޔާ ކުޑަ އިނގިއްޔާ ދޭތެރެއިން ފެންނަން ހުރި ބޮޑު ކަޅުތިލަ ފެނުމާއެކު އެއީ ސާޖިދުކަން މާބޮޑަށްވެސް ޝެލީއަށް ޔަގީންވިއެވެ.

"ޖް....ޖޭޑީ..." ލަސްލަހުން ޝެލީ ކިޔާލިއެވެ. ކިތަންމެ މަޑުން ބުނި ނަމަވެސް އެ އަޑު ސާޖިދުގެ ކަންފަތާ ހަމައަށް ފޯރިއެވެ. ގުލްދަސްތާ ތިރިކޮށްލާފައި ސާޖިދު ޝެލީގެ މޫނަށް ބަލައިލިއެވެ. ސާޖިދުގެ ހިނިތުންވެފައިވާ މޫނު ފެނުމުން ޝެލީއަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެހެންނަމަވެސް އެ އުފާވެރިކަން ކޮންމެވެސް ސަބަބަކާހުރެ ޝެލީއަށް ފާޅުނުކުރެވުނެވެ. ދެކުދިންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ އެވަގުތުއެވެ. އެތައް ދުވަހަކަށްފަހު ޝެލީގެ މޫނު ފެނުމުން ފަޅި ސިކުންތަކަށްވެސް ނަޒަރު ވަކިކޮށްލަން ސާޖިދު ބޭނުމެއް ނުވިއެވެ. ޝެލީއަށް ވެސް އެވަރެވެ. ސަޖިދާ ބައްދަލުނުކުރަން ނިންމައިގެން ހުއްޓަސް އެވަގުތު އެހުރިހާ ކަމެއްގެ މަތިން ޝެލީ ހަނދާންނެތުނެވެ. ސާޖިދުގެ މޫނަށް ބަލަހައްޓައިގެން ހުރީ އެހެން ދިމާލަކަށް ބަލައިލަން ބޭނުންނުވެފައެވެ.

"އަހަރެން އެތެރެއަށް ވަންނަން ނުބުނާނަންތަ؟" ދެ ޒުވާނުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ސާޖިދުގެ އަޑުންނެވެ. ޝެލީ ބޮޑަށް ދޮރުހުޅުވާލިއެވެ. ދެން އެއްފަރާތަށް ޖެހިލިއެވެ. ޝެލީގެ އެ އަމަލުން އެތެރެއަށް ވަންނަން ބުނީކަން ސާޖިދަށް އެނގުނެވެ. ހީލާފައި ސާޖިދު އެތެރެއަށް ވަނެވެ. ޝެލީ ހީކުރި ފަދައިން ބޮޑު މާބޮނޑި ވައްދަން ސާޖިދަށް އުނދަގުލެއް ނުވިއެވެ. އެނދު ކައިރީގައި ކޮޅަށް ހުރި ޝެލީ ކުރިމަތީގައި ސާޖިދު ހުއްޓުނެވެ.

"އަދިވެސް ޝެލީ ޓައިމް ބޭނުންތަ؟ ވާހަކަނުދައްކާނަންތަ؟ އަހަރެން ދާންވީތަ؟" ސާޖިދު އެހިއެވެ. ދެއަތް ދެއަތާ ގުޅުވައިގެން މޮޑެމުންދިޔަ ޝެލީ އެސްފިޔަތައް އުފުލާލަފައި ސާޖިދަށް ބަލައިލިއެވެ. އެވަގުތު ސާޖިދުގެ ދެލޮލަށް ޝެލީ ބަލައިފިނަމަ އުންމީދުގެ ކުލަވަރު ނޫން އެހެން ކުލަވަރެއް ޝެލީއަށް ނުފެނުނީހެވެ.

"މިއީ އަހަރެން ޝެލީއަށް ގެނައި އެއްޗެއް" ސާޖިދު ބުންޏެވެ. ޝެލީ އޭގައި ހިފިއެވެ. އެނދުމަތީގައި ބާއްވާފައިވެސް ކުރިއަށް ހިނގައިނުގަނެ އެނދު ކައިރީގައި ހުއްޓުނެވެ.

"އަހަރެން ދާންވީ ދޯ" އަނެއްކާވެސް ސާޖިދު އެހިއެވެ. ޝެލީގެ ހަމަހިމޭންކަން ސާޖިދުގެ ހަމަޖެހުން ނަގާލަން އުޅޭ ކަހަލައެވެ.

"ތިން ސަތޭކަ އަށްޑިޔަ ނުވަ ދުވަހާ އެތައް ގަޑިއިރެއް. ތި ލޯތްބަށްޓަކައި އަހަރެން ތެޅުނުވަރު. ކުރި ދިގު އިންތިޒާރު. އަހަރެންގެ ކޮންމެ ނަމާދަކަށްފަހު ކުރި ދުއާ. އަދިވެސް އަހަރެންގެ ހިތުގައިމިވާ ތެދުވެރި ސާފުލޯބި...." އަސަރާއެކު ސާޖިދު ވާހަކަދެއްކިއެވެ. ޝެލީ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް ޝެލީއަށް އެކަމެއް ނުވިއެވެ.

"އަހަރެން މިއައީ ޝެލީ ރޮއްވާކަށް ނޫން. އަހަރެންގެ ހިތުގެ ހާލު ބުނެދޭން. އަދިވެސް ވަރަށް ލޯބިވާ ވާހަކަ ބުނަން. ދެކިލާހިތުން ކެތްނުވެގެން. ވާހަކަދައްކާލާހިތުން. އެކަމަކު އަހަރެންގެ ސަބަބުން ޝެލީއަށް އުދަގުވަންޏާ އަހަރެން މިދަނީ" ސާޖިދު ބުންޏެވެ. ކަރުނަ ފައިބަމުންދިޔަ ޝެލީގެ ދެލޯ ފޮހެދީ ދެލޮލުގައި ބޮސްދޭން ސާޖިދު ބޭނުންވިއެވެ. ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ފަދައިން ޝެލީގެ ހަށިގަނޑު މޭތެރޭގައި ފޮރުވާލަން ސާޖިދުގެ ހިތް އެދުނެވެ. އެހެންނަމަވެސް ހާލަތު ބަދަލުވެފައިވާތީ ޝެލީގެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލަންވެސް ސާޖިދަށް ނުކެރުނެވެ. ޖިންސީ އަނިޔަތަކެއް ތަހައްމަލުކޮށްފައިވާތީ ފިރިހެނެއްގެ ބީހުމުން އަދިވެސް ޝެލީއަށް އަސަރެއް ނުކުރާނެކަމެއް ނޭނގެއެވެ.

"އަހަރެން ބޭނުމެއްނޫން މިގުޅުން ކަނޑާލަން. ޝެލީ ހަނދާންނެތިފައި ހުރިއްޔާ ބުނެފާނަން. އަހަރެންގެ އަންބަކަށް ވާން ރަންކިއީމެއްނު. އަހަރެން އެހުރިހާ ކަމެއް ހަނދާނެއް ނުނެތެއޭ" ސާޖިދު ބުންޏެވެ. ރޮވެން އުޅޭހެން ހީވުމުން ސާޖިދު ޝެލީއަށް ފުރަގަސްދިނެވެ. އިސްއުފުލާ ސާޖިދަށް ބަލައިލި ޝެލީގެ ދެލޮލުން ރޮނގެއްހެން ކަރުނައެއް ފައިބައިގެން ދިޔައެވެ.

އިރުކޮޅަކު ބަހެއްނުކިޔާ ހުރެފައި ސަޖިދު ނުކުންނަން ހިނގައިގަތެވެ. އެދިމާލަށް ޝެލީ ބަލައިލީ ހިތްހަލާކުވެފައިވާ ހާލެއްގައެވެ. މަޑުމަޑުން ޝެލީގެ ރުއިމުގެ އަޑު ބާރުވެގެން ދިޔައެވެ. ކޮޓަރިން ނުކުންނަންދިޔަ ސާޖިދަށް ހުއްޓެން މަޖުބޫރުވީ މެއަށް އަރައިގެން ދިޔަ ތަދެއްގެ ސަބަބުންނެވެ. ސާޖިދަށް ހިންދިރުވާލެވުނެވެ. ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލައިގެން ހުރި އެ އަންހެންކުއްޖާއަށް ސާޖިދުގެ ސަބަބުން އަނިޔާއެއް ދެވުނީހެން ހީވިއެވެ. އެހެންކަމުން ސާޖިދު އެނބުރުނީ ޝެލީގެ ކިބައިން މައާފަށްއެދޭށެވެ.

"އަހަރެން...."

"އަހަރެން އަތުގައި އެކައްޗެއްވެސް ނެތް.... އެކައްޗެއްވެސް ނެތް" އިސްޖަހާލައިގެން ހުރި ޝެލީ ކިޔަމުން ދިޔައެވެ. ސާޖިދަށް ހީވީ ހިތުގައި އުފެދިފައިވާ ޒަހަމްތަކުގައި ލޮނުމިރުސް އެޅުނު ހެންނެވެ. ދުމެއްހެން ޝެލީގެ ކުރިމަތީގައި ހުއްޓިފައި އަތް އުފުލާލެވުނީ ޝެލީގެ އަތުގައި ހިފާލުމަށެވެ. އެހެންނަމަވެސް ޝެލީ ފަހަތަށް ފިޔަވަޅެއް އެޅިއެވެ. ގައިގައި އަތް ނުލާށޭ އަމަލުން ޝެލީ ބުނެދީފިއެވެ. ސާޖިދަށް އިތުރަށް އެތަނުގައި ކެތްނުވިއެވެ.

*************

އެތައް ދުވަހަކަށްފަހު ހިތްފުރެންދެން ޝެލީ ރޯލައިފިއެވެ. ޝެލީގެ ލޮލުން ފޭބި ހޫނު ކަރުނަތައް ބޯއަޅާއިގެ އޮތް ބާލީހުގެ ހުދާއި ރަތާ އެކުލެވޭ އުރައިގެ ތެރެއަށް ފޭދިފައިވާ ކަމުގެ ނިޝާންތައް ފާޅުވާން ހުއްޓެވެ. ޝެލީއަށް އޮތީ ނިދިފައެވެ. ރޮއެރޮއެ ޝެލީގެ ދެލޯ ވަރުބަލިވެފައިވިއެވެ. އެތައް ކަރުނަތަކެއް ފައިބައިގެން ގޮސްފައިވާ ދެލޮލަށް ނިންޖަށް ވުރެ އަރާމު ބޮޑު އެއްވެސް ކަމެއް ނުވެއެވެ.

"އަހަރެންގެ ލަގޮނޑިއަށް ކެތެއްނުވާނެ ޝެލީގެ ލޮލުން އެންމެ ކަރުނައެއް ދެކޭކަށްވެސް" އަލްމާޝް ބުންޏެވެ. ކުރިއަށް ހިނގައިގަތް އަލްމާޝްގެ އަތުގައި ހިފަހައްޓައިގެން ނިމާން ހުރީ ޝެލީގެ ކޮޓަރީގައެވެ.

އަލްމާޝްގެ އަތުގައި ހިފައިގެން ނިމާން ނުކުތީ ޝެލީގެ ކޮޓަރިން ބޭރަށެވެ. ދަރިފުޅަށްޓަކައި އަލްމާޝް ވަރަށް ހަނގުރާމަކޮށްފިކަން ނިމާން ގަބޫލުކުރެއެވެ. ޝެލީއަށް ވުރެވެސް ބޮޑަށް މައިމީހާގެ ހިތުގައި އެޅި ވޭން ބޮޑެވެ. ލިބުނު ތަކުލީފުތައް ގިނައެވެ. އެހެންނަމަވެސް ކެތްތެރިކަމަކީވެސް އޮންނަ އެއްޗެކެވެ. ޝެލީގެ އުފާވެރިކަން ގުޅިފައިވަނީ ސާޖިދާ އެކުގައި ކަމަށްވާއިރު އެ ލޯތްބާ ޝެލީ ދުރަށް ދާން ބޭނުންވަނީ ސާޖިދާ މެދު ހިތުގައި ޝައްކުތަކެއް އުފެދިގެންނެވެ. ބޭނުންކެނޑިފައިވާ ކަމުގެ އިހުސާސް ޝެލީއަށް ކުރެވޭތީއެވެ. ސާޖިދު ބޭނުންވާ އުފާވެރިކަން ޝެލީއަށް ހޯދައިނުދެވިދާނެ ކަމުގެ ބިރު ހިތުގައި އޮތުމުންނެވެ.

"އެކަންތައްތަކާ ޝެލީ އަމިއްލައަށް ޑީލްކުރަން މަޑުކޮށްލާނީ އަހަރެމެން. އަހަރެންނަށް ހަމަ ޔަގީން ޝެލީއަށް ސާޖިދު އާ ދުރަށް ނުދެވޭނެކަން. ޝެލީ އަމިއްލައަށް ވިސްނާފަ ބުނާނެ. ހިނގާ ނިދަން ދާން" ނިމާން ބުންޏެވެ.

"އެކަމަކު ބޭރަށް ދާން ތައްޔާރުވިގޮތަށް ހެދުންވެސް ބަދަލުނުކޮށް އެ އޮތީ" އަލްމާޝް ބުންޏެވެ.

"ލެޓް ހާ ސްލީޕް..." އަލްމާޝް މޭގައި ޖައްސާލަމުން ނިމާން ބުންޏެވެ.

އެނދުގައި ޝެލީ އޮށޯތީ ވިސްނައިގަތްވަރުން ބޮލުގައި ރިހުމެއް އުފެދިގެންނެވެ. ދުވަހަކުވެސް ފިރިހެނަކު އެހާ ގަދައަށް ރުއިތަނެއް ޝެލީ ނުދެކެއެވެ. ބޮޑަށް ހިތުގައިޖެހުނީ ޝެލީގެ ސަބަބުން ސާޖިދު އެވަރަށް ރުއީތީއެވެ. ޝެލީގެ ހިތުގައި އެންމެ ބޮޑަށް ޖެހުނީ ސާޖިދުގެ ދުލުން ބޭރުވެގެން ދިޔަ ދެތިން ޖުމްލައެއްގެ ސަބަބުންނެވެ.

"މިދުނިޔޭގައި ދެ އަންހެނަކުވޭ. އެ ދެމީހުންގެ ލޮލުން ކަރުނަ ދުށުމަށް ވުރެ ބޮޑަށް ގަދަފަދަ ކަނޑެއްގައި އޮޔާއި ވަޔާ ދެކޮޅަށް ހަނގުރާމަކުރުންވެސް އަހަރެންނަށް މާ ފަސޭހަ. އެ ދެ އަންހެނުންނަކީ އަހަރެންގެ ހަޔާތުގައި އަހަރެންނަށް އެންމެ މުހިންމު ދެމީހުން. އަހަރެންގެ ހިތުން އެ ދެ އަންހެނުންނަށް ދީފައިވާ މަގާމު ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެ. އެ ދެ އަންހެނުންނަކީ އަހަރެންގެ މަންމައާއި ޝެލީ" އެ ޖުމްލަ ސާޖިދުގެ ދުލުން ބޭރުވެގެން ދިޔުމާއެކު ޝެލީ ކަރުނަތަކާއެކު ސާޖިދުގެ މޫނަށް ބަލައިލިއެވެ.

"ސްޓޮޕް އިޓް ޝެލީ... އަހަރެން ވަރަށް ކެތްކޮށްފިން. އިތުރަށް އަހަރެންގެ ލޯބި އިމްތިހާނު ނުކުރޭ. ކޮންމެ ހާލެއްގަވެސް ޝެލީ ބަލައިގަންނަން އަހަރެން މިހުރީ ތައްޔާރަށް. ކީކޭ ބުނީ. ޝެލީގެ އަތުގައި އަހަރެންނަށް ދޭނެ އެއްވެސް އެއްޗެއް ނެތޭ. ކޮބާ އަހަރެންނަށް ދިން ޝެލީގެ ހިތް؟ އަހަރެން ލޯބިޖެހުނީ ޝެލީގެ ހަށިގަނޑަކަށް ނޫނޭ. އަހަރެން ބޭނުންވެގެން މިއުޅެނީ ޝެލީ އަތުން ބަޔަކު ނިގުޅައިގަތް އުފަލެއް ނޫނޭ. އަހަރެން ބޭނުންވަނީ ޝެލީ. މުޅި އުމުރަށް. އެހުރިހާ ކަމަކަށް ފަހުގައިވެސް އަހަރެން ޝެލީ ކައިރިއަށް އެނބުރި މިއައީ ލޯބިވާތީ"

ސާޖިދު އެނބުރި ދިޔައީ ޝެލީއަށް ގޮތެއް ނިންމަން ފުރުސަތު ދީފައެވެ. އެއީ ޝެލީ ނިންމާނެ އެންމެ ބޮޑު ނިންމުމެވެ. ސާޖިދު އެނބުރި އަންނާނެ ކަމުގައި ބުންޏެވެ. ސާޖިދު ދިރިއުޅުމާ މެދު އެންމެ ބޮޑު ނިންމުމެއް ނިންމާނީ ޝެލީ ގެ ޖަވާބު އައުމަށް ފަހުގައި ކަމަށް ބުންޏެވެ. އެގުޅުން ކިއި ރަނާ ހަމައިން ނިންމާލަން ޝެލީ ބޭނުންނަމަ އިތުރަށް މަޖުބޫރު ނުކުރާނެ ކަމުގައި ސާޖިދު ބުންޏެވެ. ޝެލީ އެދޭ ފަދައިން އެ ލޯތްބާ ދުރަށް ދާނޭ ކަމުގައި ސާޖިދު ބުންޏެވެ. ހިތް މަތީގައި ހިލަގަނޑެއް ބާއްވައިގެން އެފަދަ ނިންމުމެއް ސާޖިދު ނިންމީ އިތުރަށް ކެތްތެރިވާނެ ހިތްވަރެއް ސާޖިދުގައި ހަށިގަނޑުގައި ނެތިގެންނެވެ. އެއްވެސް މީހަކަށް ނޭނގުނަސް ފާއިތުވެދިޔަ ދުވަސްތަކުގައި ސާޖިދު ކެތްތެރިވީ މިންވަރު ދެނެވޮޑިގެންވާނީ އެހެން ފަރާތެކެވެ.

"އަހަރެންނާ ދެން ބައްދާލުވާ ބައްދަލުވުމުގައި ވެސް ޝެލީ ކައިވެނިކުރަން ބޭނުންނުވާކަން ހާމަކުރިޔަސް އަހަރެން ދުވަހަކުވެސް ނުބުނާނަން ޝެލީ އަހަރެންގެ ލޯތްބަށް ގަދަރު ނުކުރިއެކޭ" އެއީ ކޮޓަރިން ނިކުންނަމުން ސާޖިދު ބުނެލި ޖުމްލައެވެ.

އެނދަށް އެރިގޮތަށް މޫނުމަތީގައި ޝެލީއަށް ބާލީސް އެޅުނީ ހިތަށްވީ ތަދުންނެވެ. ސާޖިދު ހިތުގައިޖައްސައި ރޮއްވުމަކީ ދުވަހަކުވެސް ޝެލީ ކުރާނެ ކަމެއް ނޫނެވެ. އެލޯތްބާ ވަކިން ދިރިއުޅެން ވަކި ޝެލީއަށް ވެސް ފަސޭހައެއް ނޫނެވެ. އެ އޮތް ގޮތަށް އޮވެ ޝެލީއަށް ނިދުނީ ސާޖިދު ބޭނުންވި ފަދައިން ރަނގަޅު ގޮތެއް ހިތާއި ސިކުނޑި ނުނިންމައި އުޅެނިކޮށެވެ.

*********

ދޮރުގެ ބެލް އަޅައިލި އަޑު އިވުނީ ރޭގަނޑުގެ ކެއުމަށް ލަކްޔަންގެ އާއިލާ އިންސާފު ކުރަމުން ދަނިކޮށެވެ. ޝިއުރާ ދޮރާ ދިމާލަށް ހިނގައިގަތެވެ. އެހެންނަމަވެސް މަޑުޖެހުނީ ލަކްޔަން ގޮވާލުމުންނެވެ.

"އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް ކައިގެން ދާން ބުނެލާތި" މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިން އައްބާސް ބުންޏެވެ. ކެއުން ކެއިން ބުއިމުގެ ކަންތައް ކުރިއަށް ދާ ވަގުތެއްގައި ގެއަށް މެހެމާނަކު އައިއްޔާ އެއީ އަބަދުވެސް އައްބާސް ބުނާ ބުނުމެކެވެ. ލަކްޔަން ދޮރާ ދިމާލަށް ހިނގައިގަތީ އައްބާސްއަށް ބޯޖަހާލާފައެވެ.

ދޮރު ހުޅުވާލުމާއެކު ލަކްޔަންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދުވަހަކުވެސް ދުށުމަށް ބޭނުންނުވާ އެ އިންސާނާ ފެނުމާއެކު ލަކްޔަން ހުއްޓުން އެރިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟