ސައުވީސްވަނަ ބައި
ހަޔާތުގައި ތަހައްމަލު ކުރި ބިރުވެރި ރޭގެ މަންޒަރުތައް ސިފަވުމާއެކު އަދިވެސް ޝެލީގެ ދެލޮލުން ކަރުނަ ނީރާލައެވެ. ކައިވެނި ކުރުމުގެ ކުރިން ނުލަފާ ޖަނަވާރެއްގެ ވަކިތަކުގެ ދަށުވެފައި ވާކަން ހަނދާންވާ ކޮންމެ ފަހަރަކު ހިތަށް ތަދުވެއެވެ. އެހެންނަމަވެސް ލޯބިވާ މީހުންގެ އެއްބާރުލުމާއެކު ޝެލީ އެދުވަސްތަކުން އަރައިގަނެއްޖެއެވެ. އަލުން ދިރިއުޅެން ދަސްކޮށްފިއެވެ. ހީލާ ހެދުމާއި މަޖާކުރުން ގިނަވެއްޖެއެވެ.
ކުއްލިއަކަށް ޝެލީ ސިހުނީ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. ލޯގަނޑު ކުރިމަތީގައި ހުރި ޝެލީ ބަލައިލިއެވެ. ދޮރުމަތީގައި ހުރި އަލްމާޝް ފެނުމުން ޝެލީ ހިނިތުންވެލިއެވެ. ޝޯލްއަށް އެންމެފަހު ޕިން ޖަހާލާފައި ތައްޔާރުވެ ނިމުނީ ކަމުގައި ޝެލީ ބުންޏެވެ.
"މާމަ ގޮވައިގެންނު ދާނީ" ޝެލީ ބުންޏެވެ.
"މާމަ ރެޑީގަ އިންނަތާ ކޮންއިރެއް؟" އަލްމާޝް ބުންޏެވެ. "ދަރިފުޅު ލަސްވީމަ އޭ މަންމަ މިއައީ"
މައި ދޮރުން ނުކުތްގޮތަށް ޝެލީ ބަލައިލީ އައުޓް ހައުސްއާ ދިމާލަށެވެ. މާ ގިނައިރެއްނުވެ ޝެލީ އިންތިޒާރުކުރި މީހާ ފެނިއްޖެއެވެ. އައުޓް ހައުސް އިން ނުކުމެގެން އައި ޖާނުން ބިޔަ ފިރިހެން މީހާ ގޭޓާ ހަމައަށް ގޮސް ދެފަރާތް ރަނގަޅަށް ބަލައި ޗެކް ކުރިއެވެ. އެއަށްފަހު އަދަބުވެރިކަމާއެކު ޝެލީއަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގައި ބުނެލިއެވެ. ޝެލީ ގޭޓާ ހަމައަށް ހިނގައިގަތީ ދެނެވެ.
ވަގުތީގޮތުން މެލޭޝިއާއަށް ދިރިއުޅުން ބަދަލުކޮށްފައި ވިޔަސް ޝެލީގެ ރައްކާތެރިކަން ނިމާން ކަށަވަރު ކުރިއެވެ. ގެއިން ބޭރަށް ޝެލީ އެންމެ ފިޔަވަޅެއް އެޅިޔަސް ފަހަތުގައި ނިމާންގެ ވަފާތެރި ނޯކަރުންގެ ތެރެއިން ޝެލީގެ ސެކިޔުރިޓީ ހަވާލުކޮށްފައި ހުންނަ މީހަކު ހުރެއެވެ. އެކަމުން ޝެލީއަށް ރައްކާތެރިކަން އިހުސާސްވެއެވެ. ދިމާވި ހާދިސާއަށްފަހު ބޭރަށް ނުކުމެ އުޅެން ޝެލީއަށް އުނދަގުވާނެކަން މައިންބަފައިންނަށް އިހުސާސް ކުރެވުނީ ޝެލީ ބުނުމަކާ ނުލައެވެ.
ކާރު ދުއްވާފައި ދިޔައިރު އަލްމާޝް އިނީ ޑްރައިވަރާ ޖެހިގެންނެވެ. ފަހަތުގައި ފަޒްނާގެ އަތުގައި ހިފައިގެން ޝެލީ އިނެވެ. ފެންނަމުންދާ ގުދުރަތީ ރީތި މަންޒަރުތަކަށް ހިތް ދޫކޮށްލައިގެން އިން ޝެލީގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ދަބަހުގައި އޮތް އަލްމާޝްގެ ފޯނު ރިންގުވާން ފެށުމާއެކު ނަގާފައި ބަލައިލިއެވެ. އަރާފައި އިން އަޒްމާގެ ނަންބަރު ފެނުމާއެކު އަލްމާޝްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
"މިހާރު ބޮޑުއްތަ އެގުޅަނީ" އަލްމާޝް ބުންޏެވެ.
"ބޮޑުއްތަ ކައިރީގަ ބުނޭ މިދެވެނީއޭ. އަދި ބުނި ގަޑި ނުޖެހެއެއްނު" ޝެލީ ބުންޏެވެ.
މާގިނަ އިރެއްނުވެ އެމީހުންގެ މަންޒިލަށް ދެވިއްޖެއެވެ. އެ އާއިލާގެ އިސްތިގުބާލުގައި ބޭރުގައި އަޒްމާގެ އިތުރުން ސަމަދާއި ދެބެންގެދެދަރި ކުދިން ތިއްބެވެ. ބޮޑެތި މީހުންގެ އިތުރުން ތިބީ ޒުވާން ކުދިންނެވެ. މުޅިންވެސް އަންހެން ކުދިންނެވެ.
"އާދެވިއްޖެ ދޯ. މިހާރު ބޭބެމެން އެތިބެނީ ދަރިފުޅުމެން ދެކިލާހިތުން މޮޔަވާވަރުވެފަ" ކުރީގައި ހުރި އަޒްމާ ބުންޏެވެ. އަލްމާޝްގެ ގައިގައި އަޒްމާ ބައްދާލިއެވެ. ސަމަދު އަލްމާޝް ގަޔާ ކައިރިކޮށްލާފައި ޝެލީގެ ގައިގައި ވެސް ބައްދާލިއެވެ. ޒުވާން ކުދިން އެއްކުއްޖެއް އަނެއް ކުއްޖެއްގެ ގައިގައި ބައްދާލައިގެން ތިބިއިރު ކޮންމެ މީހެއްގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.
"ފަޒްނާ ހުންނާނީ މިހާރު ވަރަށް ވަރުބަލިވެފަ. ހިނގާ އެތެރެއަށް" އަޒްމާ ހިފީ ފަޒްނާގެ އަތުގައެވެ. އެއް އުމުރެއްގެ ދެމީހުން ކަމުގައި ވިޔަސް ފަޒްނާއަށް ވުރެ އަޒްމާ ޅަކަމަށް ދައްކައެވެ. ލައިގެން ހުރި ހެދުމުގެ ގޮތުންނެވެ.
"ހިނގާ ސައިބޯން" ހުރިހާ މީހުން އެކީގައި އެތެރެއަށް ވަނެވެ.
މުޅި އާއިލާ އެއް ސުފުރާމަތިން ބައްދަލުވުމާއެކު ފެތުރިގެން ދިޔައީ އުފާވެރިކަމެވެ. މުޅި މާހައުލުވެސް އެކަމާ އުފާކުރާ ކަހަލައެވެ. ތަނުގައި އިންދާފައިވާ އެކި ކުލަކުލައިގެ މާތަކުން ދުވާ މީރުވަސް އެ އުފާވެރިކަމަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެއެވެ. ސަމަދުގެ ސިޔާސަ ކާފަ ދަރިފުޅު މަސަލަސް ކުރެވޭތޯ ޖޫލް އުޅެމުން ދިޔައެވެ. ސައިބޯން އިން ޝެލީ އިރުކޮޅަކާ އެދިމާލަށް ބަލާލައިފައި ހިނިތުންވެލައެވެ.
"ބޮޑުބެއަށް ފެންނަނީ ޝެލީ މިކޮޅުގަ ދެން މަޑުކުރަން" ސަމަދު ބުންޏެވެ. ޝެލީގެ އުފާވެރިކަން މޫނުމަތިން ގެއްލުނު ވަގުތު ކޮޅެކެވެ. އެހެންނަމަވެސް އޭނާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ތިހެންވިއްޔާ މާން ވަޒީފާ ދޫކޮށްފަވެސް މިކޮޅަށް އަންނާނެ" ހީލަމުން އަލްމާޝް ބުންޏެވެ.
"އަޅުގަނޑު ބޭނުމީ މާލެދާން. މިކޮޅުގަ ވަރަށް ގިނަ ދުވަހު ހުރެވިއްޖެ. އަޅުގަނޑުގެ ލައިފް ކޮޅަށް ޖެހިއްޖެ" ޝެލީ ބުންޏެވެ. ޝެލީއަށް ބަލާލައިފައި އަލްމާޝް ދެން ބަލައިލީ ސަމަދުގެ މޫނަށެވެ. ދުނިޔޭގައި ހުރި ހަމައެކަނި ބަލަދުވެރިޔާގެ އެދުމަށް އަލްމާޝް ދެކޮޅު ހަދަން ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ޝެލީގެ ނުގަބޫލުގައި އެއްވެސްކަމެއް ނިންމަންވެސް އަލްމާޝް ބޭނުމެއް ނުވިއެވެ.
"ދަރިފުޅު ބޭނުންގޮތެއް. އެކަމަކު ކުރިއަށް އޮތް ތަނުގައި ދެން އުޅެން ޖެހޭނީ ވަރަށް ބަލައިގެން" ޝެލީގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ސަމަދު ބުންޏެވެ.
"ބޮޑުއްތަ ހީކުރީ ދީމާ އާއި ދިޔާ އަންނަންދެން ތިކުދިން ތިބޭނެކަމަށް. އެކަމަކު ވަރަށް ދެރަ. އެ ދެކުދިން ގުޅާ ކޮންމެފަހަރަކު ޝެލީގެ ވާހަކަ އަހާނެ" އަޒްމާ ބުންޏެވެ.
"މިއީ ނިމުމެއް ނޫނެއްނު. އަދި އަންނާނަން ﷲ އިރާދަކުރެއްވިއްޔާ. ދޯ މަންމާ" ޝެލީ ބުންޏެވެ. އަލްމާޝް ލޯތްބާއެކު ޝެލީގެ ބޮލުގައި ފިރުމާލިއެވެ.
ސަޔަށްފަހު ޝެލީގެ އަތުގައި ހިފައިގެން ރޫހީ އާއި ޖޫލް އެރީ ބޮޑު އިމާރާތުގެ ޓެރަސްއަށެވެ. ސަކަރާތާއި އެކަކު އަނެކަކާ ދިމާކުރުމުގައި ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. މަތިން ތިރިއަށް ބަލައިލާ އިރު ބަގީޗާ ތެރޭގައި ހުރި މޭޒު ކައިރީގައި ބޮޑެތި މީހުންގެ ގުރޫޕް ވާހަކައިގައި ތިބިތަން ފެނެއެވެ.
"ރޫއްތަ ކޮންއިރަކުން ފަޅާލަނީ" ދެމީހުންނަށް އިށީނދެވޭ ގޮތަށް ހުރި އުނދޯލީގައި އިން ރޫހީގެ އަށްމަހުގެ ބޮޑު ބަނޑުގައި އަތް ޖައްސައިލަމުން ޝެލީ ބުންޏެވެ.
"ބޭބީގެ ޑެޑީ އައިހާ އަވަހަކަށް" ހިނިތުންވެގެން އިން ރޫހީ އަމިއްލަ ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
ރޫހީ އާއި ޖޫލްގެ ހަޔާތުގެ ބައިވެރިންނަށް ހޮވީ މުޅިންވެސް ރާއްޖެއިން ބޭރު މީހުންނެވެ. ދެ ދަރިންނަށްޓަކައި ގޭގައި ގެންގުޅުނު ބޭރު އަންހެނަކާ ސަމަދުވެސް ކައިވެނި ކުރިއެވެ. އެހެންނަމަވެސް ކުއްލިއަކަށް ވި ބަލިމަޑުކަމެއްގައި ސަމަދުގެ އަނބިމީހާ މަރުވެ ދިޔައީއެވެ. އުމުރުން ދުވަސްވީފަހުން ލިބުނު އެކަނިވެރިކަމާއި ގޭތެރޭގެ ފަޅުކަމުގެ ސަބަބުން ސަމަދު ވަރަށް ބޮޑަށް ބަލިވިއެވެ. އަދުނާނުގެ ރުހުމާއެކު އަޒްމާގެ އައިލާ ސަމަދު ކައިރިއަށް ދިރިއުޅުން ބަދަލުކުރީ އެހިސާބުންނެވެ.
********
އުނދޯލީގައި އިން ސާޖިދު ސިހުނީ މޫނުމަތީގައި އެއްޗެއް ޖެހުނުހެން ހީވެފައެވެ. އިސްއުފުލާ ބަލައިލިއިރު ދާދި ކައިރީގައި ހުރީ ސަމީރާއެވެ. އަތުގައި އޮތް ތުވާލިން ސާޖިދުގެ ނިތްމަތިން ފާޅުވާން ހުރި ދާތައް ސަމީރާ ފޮހެލިއެވެ. ދެން ކައިރީގައި ހުރި ޖަގުން ފިނި ޖޫސްތައްޓެއް ސާޖިދަށް ދިއްކޮށްލިއެވެ.
"ކިތަންމެ ބުރަކޮށް އުޅުނަސް ދޭތެރެއަކުން މަންމައަށް ފެންނާނީ ދަރިފުޅު ފިކުރެއްގައި އިންދާ" ސާޖިދު ކައިރީގައި އިށީންނަމުން ސަމީރާ ބުންޏެވެ.
"ވަރަށް ހަނދާންވޭ ޝެލީ މަތިން. ދިރިއުޅުމަށް ކިތަންމެ ބަދަލެއް އައިސްފި. ތިން ސަތޭކަ ފަސްދޮޅަށް ފަސް ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެ. އެކަމަކު އަހަރެންގެ ހިތަށް ކުޑަވެސް ބަދަލެއް ނާދޭ" ޖޫސްތަށިން ކޯވަރެއް ބޯލަމުން ސާޖިދު ބުންޏެވެ.
"ތިކަހަލަ ވާހަކަ ނުދައްކަބަލަ. މަންމަ ދީފާނަން ދަރިފުޅަށް ވަރަށް އުފާވެރި ހަބަރެއް" ސާޖިދުގެ ބުރަކަށީގައި ފިރުމާލަމުން ސަމީރާ ބުންޏެވެ. ސަމީރާގެ މޫނަށް ސާޖިދު ބަލައިލީ އުންމީދުން ފުރިގެންވީ ބެލުމަކުންނެވެ. ސަމީރާގެ ދުލުން އެންމެ ޖުމްލައެއްވެސް ނުބުނެވެނީސް ސާޖިދުގެ ތުންފަތް ދެފަރާތަށް ދެމިލައިފިއެވެ.
"އެވާހަކަ ބުނެވޭނީ މިރޭ ކާ ގަޑީގަ" ސަމީރާ ބުންޏެވެ. ސާޖިދު ބޯޖަހާލިއެވެ.
"ދެން ތިހެން ނީނދޭ. އެމީހުން ކައިގެން އަންނަން ވާއިރަށް މެންދުރު ނަމާދުވެސް ކޮށްލަންޖެހޭނެއްނު" ސަމީރާ ބުންޏެވެ. ހުސް ތަށި ސަމީރާ އަތަށް ދީފައި ސާޖިދު ފުން ނޭވައެއް ދޫކޮށްލިއެވެ.
"އެންމެ ފެންވަރުގެ ކޮޓަރިއެއް މިފަހަރު ދޮންބެއަށް މިހަދަނީ. އޭރުން ދޮންބެ މެރީކުރަން ބޭނުންވިޔަސް އިތުރަށް މަރާމާތުކުރަން ޖެހޭނެ އެއްވެސް ތަނެއް ނުހުންނާނެ" ސާޖިދު ބުންޏެވެ.
ފިރިހެން ދަރިފުޅު ތެދުވެގެން ފާހާނާއާ ދިމާލަށް ދިޔަ މަންޒަރު ބަލަން ސަމީރާ އިނީ ހިނިތުންވެގެންނެވެ. ހަގު ފިރިހެން ދަރިފުޅާ މެދު ސަމީރާގެ ހިތުގައި ކަންބޮޑުވުން ވިއެވެ. ފާއިތުވެމިދިޔަ އެއް އަހަރުގެ ތެރޭގައި ސާޖިދު ދިރިއުޅުނު ގޮތް އެންމެ ގާތުން ފެނުނު މީހަކީ ސަމީރާއެވެ. ޝެލީދެކެ ސާޖިދު ހެޔޮހިތުން ވާ ތެދުވެރި ސާފު ލޯތްބަށް ސަމީރާ ޝައްކެއް ނުކުރެއެވެ. އެހެންނަމަވެސް މިއަދު ސަމީރާ އުފާކުރާ އެއްކަމެއް އެބައޮތެވެ. އަންނަން ކިއީ ދޮށީ ފިރިހެން ދަރިފުޅު އަންނަން ދުވަސްތައް ކުޑަވެއްޖެއެވެ. ދެ ދަރިން އެއްތަނަކުން ދެކިލާހިތުން ސަމީރާގެ ދެލޯ ބޭރަށް ނުކުންނަވަރު ވެއެވެ. އެދުވަސް އޮތީ ވަރަށް ގާތުގައެވެ.
*******
އެނދުގައި އޮތް ޝެލީ އޮތީ ފޯނަށް ބަލަހައްޓައިގެންނެވެ. ފުލުފުލުގައި އައިސްފައި ހުރި ސާޖިދުގެ މެސެޖްތައް ކިޔަމުން ޝެލީ ދިޔައެވެ. އެއިން އެއްވެސް މެސެޖަކަށް ޝެލީ ޖަވާބެއް ނުދިނަސް އޭނާގެ ހިތަށް މެސެޖްތައް ކިޔާލުމުން ހިތްހަމަޖެހުން ލިބެއެވެ. އަލްމާޝް ކޮޓަރިއަށް ވަނީ ޝެލީ އެހެން އޮށްވައެވެ.
"މާމަ ނިދީތަ؟" ޝެލީ އެހިއެވެ. އާއެނކޭ ބުނެފައި އަލްމާޝް އައިސް އިށީނީ ޝެލީގެ މަގަތުގައެވެ. ބޭރު ގައުމެއްގައި ދިރިއުޅެން ފެށި ފަހުން އަލްމާޝް ނިދަނީ ޝެލީގެ ގާތުގައެވެ. އެންމެ ހިނދުކޮޅަކަށް ވެސް ޝެލީ ދޫކޮށްލަން ނުކެރެއެވެ. ދެވަނަ ފަހަރަށް ޝެލީގެ ހަށިގަނޑަށް ހަރުފައެއްގެ ހަމަލައެއް އަމާޒުވާކަށް އަލްމާޝް ނޭދެއެވެ.
"ބައްޕަ ގުޅިތަ؟" އަލްމާޝް އެހިއެވެ.
"ލައްބަ. ބުނީ ބައްޕަ ވަރަށް އަވަހަށް އެބަ އަންނަމޭ" ޝެލީ ބުންޏެވެ. އަލްމާޝް އާ ވާހަކަދައްކަމުން ދިޔަސް ޝެލީގެ ނަޒަރު އަތުގައި އޮތް ފޯނުން ވަކިކޮށްނުލެވެއެވެ.
"ދެންމެ ގުޅި. ޓިކެޓް ހަމަޖެހިފަ ކަމަށް ބުނީ" އަލްމާޝް ބުންޏެވެ.
ޝެލީގެ ފަރާތުން މާބޮޑު ސަމާލުކަމެއް ނުލިބޭތީ އަލްމާޝްއަށް ހައިރާންކަމެއް ލިބުނެވެ. އެދަރިފުޅު ލޮލަށް ފެންނަ ކޮންމެ ވަގުތަކު އަލްމާޝްގެ ސިކުނޑީގައި އެނބުރެނީ އެންމެ ސުވާލެކެވެ. ކުރިން ޝެލީގެ ފަރާތުން އެކަމާ ގުޅުވައިގެން އެއްވެސް ވާހަކައެއް އައިސްފައިނުވާތީ ސުވާލުކުރަން އަލްމާޝް ބޭނުމެއްނުވެއެވެ. އަހަރު ދުވަސް ފާއިތުވިއިރު އަލްމާޝް އުންމީދު ނުކުރާ ވަަރަށް ޝެލީއަށް ބަދަލު އަތުވެއްޖެއެވެ. ކުރީގެ ޝެލީ އެނބުރި އަތުވެއްޖެއެވެ. ބިރު ގަންނަނީ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ފައި ޖެހޭ ހިސާބުން ޝެލީއަށް ބަދަލުތަކެއް އަތުވެދާނެތީއެވެ. އެ ބިރުވެރިކަން އަދިވެސް ޝެލީގެ ހިތުގައި ފޮރުވިފައި ނުވާ ކަމެއް ނޭނގެއެވެ.
"މަންމަ ވާހަކައެއް އަހަންތަ؟" އަލްމާޝް އެހިއެވެ. ފޯނުން ނަޒަރު ވަކިކޮށް ޝެލީ އަލްމާޝްގެ މޫނަށް ބަލައިލިއެވެ.
"އަހާބަލަ" ހިނިތުންވުމަކާއެކު ޝެލީ ބުންޏެވެ. ބުނަން ބޭނުންވެގެން އުޅުނު ވާހަކަ ދުލާ ހަމައަށް ގެނައުމުގެ ކުރިން އަލްމާޝް ޝެލީގެ މޫނަށް ފަރުވާތެރިވެ ބަލައިލިއެވެ. ޝެލީ ގެ ޖަވާބު އަންނާނެ ގޮތަކާމެދު އަލްމާޝްއަށް ވިސްނުން ހިންގާލެވުނެވެ.
"ދެން މޫނަށް ނުބަލައި އަހާބަލަ" އަލްމާޝް ބަލަން އޮތް ގޮތުން ހީލާފައި ޝެލީ ބުންޏެވެ.
"ޝެލީ މާލެދާން ބޭނުންތަ؟" އަލްމާޝް އެހިއެވެ.
"އޮފްކޯޒް މަންމާ. މާލެދާން ކީއްވެ ބޭނުން ނުވާންވީ" ޝެލީ ބުންޏެވެ. އަލްމާޝް ހީލިއެވެ. އެއީ އަދި އޭނާ އޮޅުންފިލުވަން ބޭނުންވި ސުވާލެއް ނޫނެވެ.
"ދެން މާލެ ގޮސް ކީއްކުރާނީ؟ މިބުނީ ވަޒީފާއަށް ނުކުންނާނަންހޭ" އަލްމާޝް އެހިއެވެ. އެވަގުތު ޝެލީގެ މޫނުމަތީގައިވި ކުލަަވަރު ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ. އެސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން އުޅޭ ކަހަލަ ގޮތަކަށް އަލްމާޝްގެ މޫނާ ނަޒަރު ވަކިކޮށްލިއެވެ.
"ބުނެބަލަ. ވަޒީފާއަށް ދިޔުން، ނުދިޔުން އެއީ ޝެލީގެ އަތްމަތީގައި އޮތް ކަމެއް. މަންމަމެން މަޖުބޫރެއް ނުކުރާނަން" އަލްމާޝް ބުންޏެވެ.
"ދެން މާލެ ގޮސްފަ ތިކަމާ ވިސްނާނީ" އެވަގުތަށް ޝެލީއަށް ދެވެން އޮތް ޖަވާބަކީ އެއީއެވެ.
*******
ރޭގަނޑުގެ ފުރަތަމަ ދަންފަޅި ފަހަނައަޅައި ދިޔައިރުވެސް ޝެލީއަށް އޮތީ ނުނިދިފައެވެ. ނިދިފައި އޮތް އަލްމާޝްއަށް ބަލައިލާފައި ޝެލީ އެނދުން ތެދުވިއެވެ. އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހުރެފައި ޝެލީ ޖެހިލީ ކަހާލެވޭ ގޮތަށް ހުރި ކުޑަދޮރު ކައިރިއަށެވެ. ދޮރުފޮތިގަނޑު ކަހާލި ވަގުތު ޝެލީއަށް ސިހުމެއް ލިބުނީ މޫނުގައި ޖެހެން އައި ވާރޭ ތިކިތަކުގެ ސަބަބުންނެވެ. މޫނާ ދިމާލަށް އަތް ހުރަސްކޮސްލެވުނީ ވާރޭ ތިކިތަކުން ސަލާމަތްވުމަށެވެ. އެހެންނަމަވެސް ވާރޭ ތިކިތަކަށް ޝެލީގެ މޫނާ ދިމާލަށް ނާދެވުނެވެ. ލައްޕާފައި ހުރި ދޮރުގެ ބިއްލޫރިގަނޑުގައި ޖެހި ތިރިއަށް ސޮހިގެން ދިޔައީއެވެ. މިހުރިހާ އިރު އެހާ ބޯކޮށް ވާރޭ ވެހޭކަމެއް ނޭނގެއެވެ. އެކަން އެނގުނީ ދޮރު ފޮތިތައް ކަހާލި ވަގުތުގައެވެ.
ވެހެމުންދާ ވާރޭ ތެރެއަށް ނަޒަރު ހުއްޓާލައިގެން ޝެލީ ހުރީ އާޝޯހުވެފައެވެ. ބަލައި ފޫހިނުވާފަދަ ހިތްގައިމު މަންޒަރެކެވެ. ކުއްލިއަކަށް ޝެލީގެ ލޯމަތީގައި ތަމްސީލުވެގެން ދިޔައީ އެފަދަ ވިއްސާރަ ރެއެއްގައި ސާޖިދާއެކު ހޭދަކުރެވިފައިވި ރެއެކެވެ. އެއީ ސާޖިދުއާ އެކުގައި ރޭގަނޑެއްގައި ޝެލީ ހޭދަކުރި ފުރަތަމަ ރެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ދެލޮލުން ކަރުނަ ގުޅަވަރެއް ވެއްޓުނެވެ. އަތްތިލަ އުފުލާލާފައި ދެލޯ ކައިރި ޝެލީ ފޮހެލިއެވެ.
"މިސް ޔޫ ޖޭޑީ... މިސް ޔޫ ސޯ މަޗް" އަމިއްލަ ހިތަށް އިވޭ ވަރަށް ޝެލީ ބުންޏެވެ.
ހަތާޔުގައި ދިމާވި ބިރުވެރި ހާދިސާއަށްފަހު ޝެލީ ދިރިއުޅުން މަތިން ފޫހިކުރުވިއެވެ. ޝެލީ ލޯބިޖެހުނު އެއްވެސް ކަމެއް ނެތެވެ. މަރުނުވާތީ ދިރިއުޅުނީއެވެ. ހިތްއެދެމުން ދިޔައީ އަވަހަށް މަރުވުމަށެވެ. އެހުރިހާ ކަމަކާ ހެދި ޝެލީގެ ނަފުސު މުޅިން ބަލިކަށި ވިއެވެ. މީހާ ޑިޕްރެޝަންގެ ފުން ވަޅުގަނޑެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. ދުވަހަކުވެސް އެ ވަޅުގަނޑުން އަރައިނުގަނެވޭނެ ކަމަށް ހީކުރިއެވެ. އެ މައްސަލައިގައި ޝާމިލްވާ ދެފަރާތް ހައްޔަރެއްގައި ހުރިކަން އެނގުނަސް ޝެލީއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެ މައްސަލައިގައި ފުލުހުންނަށް ދޭންޖެހޭ ހުރިހާ މައުލޫމާތުތަކެއް ޝެލީ ދިނެވެ. އިކާނާ ގުޅޭ ހުރިހާ މައުލޫމާތެއް ހިއްސާކުރިއެވެ. ނިމާންގެ އެދުމަށް އަލްމާޝް ޝެލީ އާއި ފަޒްނާ ގޮވައިގެން ބޭރަށް ފުރީ ޝެލީގެ ބަނަވެފައިވާ ދިރިއުޅުން ކޮޅަށްޖެހުމަށެވެ. މެލޭޝިޔާއަކީ ނިމާންގެ އުފަން ގައުމުގެ އިތުރުން އަލްމާޝްގެ އާއިލާ އޮތް ތަނަކީވެސް އެއީ ކަމަށް ވާތީއެވެ. އާއިލާ އާއި މެލޭޝިޔާ އިން ޝެލީއަށް ފަރުވާ ދިން ނަފުސާނީ ޑޮކްޓަރުގެ އެހީތެރިކަމާއެކު ޝެލީއަށް އާ ދިރިއުޅުމެއް ލިބުނު ކަހަލައެވެ. އެކަނިވާ ކޮންމެ ވަގުތެއްގައި ޝެލީ ސާޖިދު މަތިން ހަނދާންކޮށްފައި ރޮއެ ހަދައެވެ. ސާޖިދާ ގުޅުން ކަނޑާލަން ފަހަރެއްގައިވެސް ޝެލީ ބޭނުމެއް ނުވެއެވެ. އިއްފަތްތެރިކަން ގެއްލިފައިވާތީ ސާޖިދާ ގުޅެން ހިތް ނުރުހެވެނީއެވެ. ޝެލީއަށް ވުރެ ހުރިހާ ގޮތަކުންވެސް 'ޕާފެކްޓް' އަންހެންކުއްޖެއް ސާޖިދަށް ހައްގުވާ ކަމަށް ޝެލީއަށް ގަބޫލުކުރެވެއެވެ. ކައިވެނީގެ ފުރަތަމަ ރެއަށްޓަކައި ސާޖިދު ދެކުނު ހުވަފެންތައް ޝެލީއަށް ހަގީގަތަކަށް ހަދައިނުދެވޭނެތީ ސާޖިދާ ދުރަށްދާން ހިތް ވިސްނައިދެއެވެ. އެކަމަކު އެކަން އެހެން ނުވާނެކަން ޝެލީއަށް ވިސްނައިދިނީ ރެއަކާއި ދުވާލު އެތައް ފަހަރަކު ސާޖިދު ލޯބިވާ ކަމަށާއި ހަނދާންވާ ކަމަށް ބުނެފައި ޝެލީއަށް ފޮނުވާ މެސެޖުތަކެވެ. ޝެލީގެ ހުރިހާ އުފާވެރިކަމެއް މިހާރު ގުޅިފައިވަނީ ސާޖިދު ފޮނުވާ ލޯބީގެ މެސެޖްތަކާއެވެ.
ވިސްނުންތަކުން ޝެލީއަށް ހަމަ ދުނިޔެއަށް އާދެވުނީ އެނދުގައި އޮތް އަލްމާޝް ގޮވާލުމުންނެވެ. އެހިނދު ޝެލީ ގޮސް އެނދަށް އެރިއެވެ.
******
ޖެހިގެން އޮތް ދުވަހަކީ ފުރާ ދުވަހަށް ވުމާއެކު ރޭގަނޑު އެއްކޮށް ޝެލީ ހޭދަކުރީ ވިޔަފާރި ކުރުމުގައެވެ. ފަޒްނާ އެކަނި ބަހައްޓާފައި އަލްމާޝްއަށް ދެވެން ނެތުމުން ޝެލީ ވިޔަފާރިކުރަން ނުކުތީ ޖޫލީއާ އެއްކޮށެވެ. މިކާލް އަށާއި އީމާގެ އިތުރުން ސާޖިދަށްވެސް ޝެލީ އެއްޗެހި ގަތެވެ. މާލެގޮސް ސާޖިދާ ވާހަކަދައްކަން ޝެލީ ހުރީ ބޭނުންވެފައެވެ. ކައިވެންޏާ މެދު ސާޖިދު ދެކޭ ގޮތް އޮޅުންފިލުވާފައި ނޫނީ ކުރިއަށްނުދާން ޝެލީ ހުރީ ވިސްނައިގެންނެވެ.
"ފަތިހު ޖެހޭނެ ގެއިން ނުކުންނަން. ޝެލީ މާގިނައިރު ހޭލާ ނޯވެ ނިދައްޗޭ އިނގޭ ދަރިފުޅާ" ކާ މޭޒު ކައިރީގައި އިން އަލްމާޝް ބުންޏެވެ.
"އަދި މިރޭ އަޅުގަނޑަށް ނުނިދޭނީ. އާންމުކޮށް ތަނަކަށް ފުރަންވެފަ އޮތިއްޔާ އަޅުގަނޑަށް ނުނިދޭނެ" ޝެލީ ބުންޏެވެ.
"އެދަރި ނުނިދާނެ ރެއެއް މިއީ" ފަޒްނާ ބުންޏެވެ. ޝެލީ ހީލިއެވެ. އަލްމާޝްއަށް ވުރެ ބޮޑަށް ފަޒްނާއަށް އެކަން އެނގިފައި އޮތުމުން ޝެލީ އެވާހަކަ ފެށިއެވެ.
"މާ ސަކަރާތް ބޮޑުކުރާނެ ކަމެއްނެތް. މަންމަވެސް ހިންގާ ބޭސްކައިގެން ނިދަން" އަލްމާޝް ބުންޏެވެ.
"މަންމަ ބަސްއަހައިގެން ނިދާފާނަން. މިހާރުވެސް މިހުރީ މަންމަގެ ބެސްޓީ ދެކިލާހިތުން މޮޔަވާވަރުވެފަ" ފަޒްނާ ބުންޏެވެ. ފަޒްނާ އެދައްކަނީ މިކާލްގެ ވާހަކަކަން އެނގުމުން ޝެލީ އަނގަ ހަދާލިއެވެ.
*********
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަންނަ މީހުންނަށް ހާއްސަކޮށްފައިވާ ގޭޓު ފުދޭވަރަކަށް ބާރު ބޮޑެވެ. ފަތުރުވެރިންނާއި ދިވެހިން ތޮއްޖެހިފައިވި ދޮރާ ދިމާލަށް ޓްރޮލީ ކޮށްޕަމުން އައި ޝެލީ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލި އަޑަށެވެ. ފަހަތުން ފަޒްނާގެ އަތުގައި ހިފައިގެން އައި އަލްމާޝްއަށް ޝެލީ ކައިރީގައި މަޑުކޮށްލައިގެން ހުރި އިސްކޮޅުން ކުރު އަންހެންކުއްޖާ ފެނި ހިތުގައި ސުވާލު އުފެދުނެވެ.
"އެއީ ކޮން ކުއްޖެއް؟" ފަޒްނާ އެހިއެވެ. އެކުއްޖަކީ ފަޒްނާއަށް ފެނިފައިވާ ކުއްޖެއް ނަމަވެސް ހަނދާން ބަލިކަށި ކަމުން ފަޒްނާއަށް ނަގައެއް ނުގަނެވުނެވެ.
"ނޭނގެ މަންމާ. ހިނގާބަލަ ކައިރިއަށް" އަލްމާޝް ބުންޏެވެ.
ޝެލީއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ސިޔާ ޝެލީގެ ގައިގައި ބައްދައިގަތެވެ. ސިޔާގެ ދެލޯ ކަރުނުން ފުރެން ސިކުންތެއްވެސް ނުނެގިއެވެ. ދެތުންފަތް ފިއްތާލައިގެން ކަރުނަތައް ހިންދާލަން ސިޔާ ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. ހުއްޓުން އަރާފައި ހުރި ޝެލީގެ ލޯމަތީގައި އެ ބިރުވެރި ރޭގެ މަންޒަރުތައް ސިފަވާން ފެށިއެވެ. ސިޔާ އާއި އިކާނާ ދެމެދު އޮތް ގުޅުމާއި ސިޔާގެ ފޯނުން ޝެލީއަށް އައި މެސެޖެވެ. އެހެންނަމަވެސް ޝެލީ އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލިއެވެ. އެކަމުގައި ސިޔާ ކުށްވެރި ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
"މިއީ ކޮން ކުއްޖެއް؟" ޝެލީ ކައިރިއަށް ހުއްޓުނު އަލްމާޝް ބުންޏެވެ. ޝެލީ އާއި ސިޔާ ދުރުވެލީ އެވަގުތުއެވެ. އެވަގުތު ފަޒްނާގެ ކޮށި ހަނދާނަށް ސިޔާ ތަސްވީރު ކުރެވުނެވެ.
މީހުންތަކާ ނިވާވެފައި ހުރި އަލްމާޝްގެ އާއިލާ ލަކްޔަން އާއި ޝިއުރާއަށް ނުފެނެއެވެ. ފެންނަން ހުރީ ހަމައެކަނި ސިޔާއެވެ. ސިޔާއަށް ލަކްޔަން ގޮވާލީ ސިޔާ އާ ދާދި ކައިރިއަށް އާދެވުނު ވަގުތުގައެވެ. އަޑު އައި ދިމާލަށް ބަލައިލެވުނީ ހުރިހާ މީހުންނަށް އެކުގައެވެ. އެވަގުތަކީ އަލްމާޝް އާއި ލަކްޔަންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތެވެ.
(ނުނިމޭ)