ވާހަކަ

މޮޔަކޮށްލި މާ - 23

ތޭވީސްވަނަ ބައި

ހުރިހާ ކުދިންގެ ފަހަތުން ވަދެގެން އައި މީހާ ފެނިފައި ޝެލީގެ އަތްފައި ފިނިވެގެން ދިޔައެވެ. ދިމާވި ހިތްދަތި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ޝެލީގެ ނަޒަރު ސާޖިދުގެ ނަޒަރާ ބައްދަލުވެއްޖެއެވެ.

ސާޖިދުގެ މިލާފައިވާ މޫނާ ގެއްލިފައިވާ ހިނިތުންވުން ފެނި ޝެލީގެ ހިތުގައި ރިއްސާލިއެވެ. ޝެލީއާ ދިމާލަށް މަޑުމަޑުން ހިނގާފައި އައި ސާޖިދު ކައިރިވުމުގެ ކުރިން ޝެލީ ނަޒަރު ވަކިކޮށްލައިފިއެވެ. އެހެންކަމުން ސާޖިދަށް ޖެހުނީ އެހެން އެކުވެރިން ފަދައިން ހުސް ގޮނޑިއެއްގައި އިށީންނާށެވެ. އެކީގައި މަސައްކަތްކުރާ އެހެން ކުދިންނަށް އެވަގުތު ސާޖިދުގެ ހިތުގައި އަޅާނެ ވޭން އިހުސާސް ނުވިޔަސް އާއިލާ ކޮންމެ މެންބަރެއްގެ ހިތުގައި ސާޖިދާ މެދު ހަމްދަރުދީ އުފެދިފައިވިއެވެ.

"ޝެލީއަކީ އަހަރެމެންގެ އޮފީހުގެ ދިރުން. އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރުގައި ހުރިން" ޗާންސް އޮންލައިންގެ ބޮޑު މީހާ ޝެލީއާ މުހާތަބުކޮށް ބުންޏެވެ.

"އެއީ ތެދެއް. ޝެލީ ނޫނީ ނުހުންނާނެ ބުނުމަކާ ނުލައި ބަލި ކުދިން ދެނެގަންނަ ކުއްޖެއް" އެހެން ކުއްޖަކު ބުންޏެވެ.

"ކުރިމަތީ އިންނަ ހިތްހެޔޮ ކުއްޖާ ގެއްލުނީމަ ދެން ވަރަށް ދެރަ. އެނގޭތަ އަހަރެމެންގެ ބޮޑު ދަތުރުވެސް މާޖިދު ސަރ ކެންސަލް ކޮށްފިއެއްނު. ބުނީ ޝެލީ ނުކުތް ދުވަހަކުންނޯ ދަތުރުގެ ވާހަކަ ދެން ދައްކާނީވެސް" އަޝްފާ ބުންޏެވެ.

އެކުވެރިންގެ މެދުގައި ޝެލީއަށް އޮތް ލޯބި ހާމަވެގެން ދިއުމުން އަލްމާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ހިނގާ ހުރިހާ ކުދިން ސައިބޯން" އަލްމާޝް ބުންޏެވެ.

ހުރިހާ ކުދިން ތެދުވެގެން ސައި ތައްޔާރުކޮށްފައި ހުރި މޭޒާ ދިމާލަށް ހިނގައިގަތެވެ. ފަހުން ހިނގައިގަތް އީމާގެ އަތުގައި ޝެލީ ހިފިއެވެ. ހައިރާންވެފައި އީމާ ޝެލީއަށް ބަލައިލިއެވެ.

"ކޮބާ ސިޔާ؟" ޝެލީ ބުންޏެވެ. އޮފީހުގައި މަސައްކަތްކުރާ ހުރިހާ މީހުން ހަމައަށް ތިބިއިރު ޝެލީގެ ލޮލުގައި އަޅައިނުގަތީ ހަމައެކަނި ސިޔާއެވެ.

"ސިޔާ ނުފެނޭ" އަނެއްކާވެސް ޝެލީ ބުންޏެވެ. އީމާ ބަލައިލީ އެ ދެމީހުން ދައްކާ ވާހަކަތައް އިވޭ ހިސާބުގައި ހުރި މިކާލަށެވެ. އީމާގެ ބެލުން ތަފާތުކަން އެނގުނު ހިނދު މިކާލް ނަޒަރު ބަދަލުކޮށްލިއެވެ. އެހެންނަމަވެސް އެތަނުން ދާ ހިޔާލެއް މިކާލް ނުކުރިއެވެ. ސިޔާގެ ހަބަރު އެނގެން ބޭނުންވެފައި މިކާލް ހުއްޓެވެ. އެ ހުރިހާ ކުދިންގެ ތެރެއިން ސިޔާގެ ސޫރަ މިކާލްގެ ދެލޯ ހޯދިއެވެ. އެ ރީތި އަންހެން ކުއްޖާ މިކާލްގެ ލޮލުގައި އަޅައިނުގަތުމުން ހިތަށް ތަދުވެލިއެވެ.

"ސިޔާ މިހާރު އޮފީހަށް ނާދޭ. ހޮސްޕިޓަލުން ފެނުނު. ވާހަކައެއް ނުދެއްކުނު" އީމާ ބުންޏެވެ. އަނެއްކާވެސް ޝެލީގެ މޫނު މިލާ މޯޅިވިއެވެ. ސިޔާއާއި ޝެލީގެ ގާތްކަމުގެ ފައިދާ އިކާން ނެގި ހިތި ގޮތް ޝެލީގެ ހިތް ރޮއްވާލިއެވެ.

"ދެން ހިނގާ. އެހެންނޫނީ އެންމެންގެ ލޮލުގައި އަޅައިގަނެފާނެ" އީމާ ބުންޏެވެ. ދެން ޝެލީގެ އަތުގައި ހިފާލައިގެން ތެދުވެ ހިނގައިގަތެވެ.

ހުރިހާ މީހުންނާ ވަކިން ކޮޓަރިއަށް ވަން މިކާލް ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއެވެ. ސިޔާގެ ހަބަރެއް ހޯދުމަށް މިކާލްގެ ހިތް ތެޅިފޮޅެން ފަށައިފިއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އެނދުގައި އިށީނެވެ. ސިޔާގެ ނަންބަރު ޖަހާފައި ޑަޔަލްކޮށްލިއެވެ. އިވެމުންދާ ކޮންމެ ރިންގަކާއެކު މިކާލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. މިކާލްގެ ކޯލަށް ސިޔާ ޖަވާބުދޭނެކަމުގެ މާބޮޑު ޔަގީންކަމެއް މިކާލްގެ ނެތެވެ. ވީވެސް އެހެންނެވެ. ތިން ފަހަރު މިކާލް ގުޅިއެވެ. ޖަވާބެއް ނުދިނެވެ. އެހެންކަމުން މިކާލް އިނގިރޭސި ބަހުން އަސަރުގަދަ މެސެޖެއް ލިޔެލިއެވެ. މާފަށް އެދިފައެވެ. ސިޔާ ދެކެ ލޯބިވާވަރު ހާމަކޮށްފައެވެ. ސިޔާގެ ފަރާތުން ޖަވާބެއް އާދޭތޯ މިކާލް އިންތިޒާރު ކުރިއެވެ. އެހެންނަމަވެސް މިކާލްއަށް ކުރަންޖެހުނީ ހުސް އިންތިޒާރެކެވެ. ހިތް ހަލާކުވެފައިވާ ހާލުގައި ހަތަރުވަނަ ފަހަރަށް ސިޔާގެ ނަންބަރަށް ގުޅިއެވެ. އެހެންނަމަވެސް މާޔޫސްވެފައިވާ ހާލު ކަންފަތާ ފޯނު ދުރުކޮށްލީ ސިޔާގެ ފޯނު ނިވާލާފައިވާ ކަމަށް ބުނެ ދިން މެސެޖުންނެވެ. ހިތަށް ތަދުވީވަރުން ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައިރުވެސް މިކާލްއަށް ނޭނގުނެވެ.

"ﷲ ތައާލާ ޝެލީއަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި" ހަވީރުގެ ސަޔަށްފަހު އެކުވެރިން ގެއިން ނުކުންނަމުން ކޮންމެ ކުއްޖަކު ޝެލީއާ މުހާތަބުކޮށް ބުނެއެވެ. ހުރިހާ ކުދިން އެއްތާކުން ބައްދަލުވެ ވާހަކަދައްކާލެވުމުން ޝެލީގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވިއެވެ. އެހެންނަމަވެސް ސާޖިދު ފެންނަ ކޮންމެ ފަހަރަކު ޝެލީގެ ނަފްސަށް ބަދަލުތަކެއް އާދެއެވެ.

ގޭޓުން ނުކުންނަން ދިޔަ ސާޖިދު ފަސްއެނބުރި ބަލައިލިއެވެ. ދޮރުމަތީގައި އީމާއާއެކު ހުރި ޝެލީއަށް އެ މަންޒަރު ފެނުމުން އީމާގެ އަތުގައި ހިފުނެވެ. ސާޖިދު އެނބުރި އައިސް ވާހަކަދައްކަން އުޅެފާނެއޭ ޝެލީގެ ހިތް ބުނެލިއެވެ.

"ވާހަކަދައްކާލެވުމަކުން އެއްވެސް ކަމެއް ގޯހެއްނުވާނެ ޝެލީ" އީމާ ބުންޏެވެ. އެހެންނަމަވެސް އެކަމަށް އިންކާރު ކުރުމުގެ ގޮތުން ޝެލީ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. ކުރިއަށް ހިނގައިގަންނަން އުޅުނު ސާޖިދު ޝެލީގެ ނިންމުމަށް އިހުތިރާމް ކުރިއެވެ. އެހެންނަމަވެސް އިޝާރާތުން ލޯބިވާކަން ސާޖިދު އަންގައިދިނެވެ. ވަޔާ ހަވާލުކޮށްފައި ސާޖިދު ފޮނުވާލި މެސެޖު ކިތަންމެހާވެސް ރީތިކޮށް ޝެލީއާ ހަމައަށް އައެވެ. ވަގުތުން ޝެލީގެ ދެލޯ ފުރިގެން އައެވެ.

"ހިނގާ ރޫމަށް" ހުރިހާ ކުދިން ނުކުމެ ގޭޓު ދޮރު ލެއްޕުމާއެކު އީމާ ބުންޏެވެ.

*****

ރޭގަނޑުގެ ކެއުން މޭޒުމައްޗަށް އަރުވާފައި ޝިއުރާ އިންތިޒާރުކުރީ ހުރިހާ މީހުން ހަމަވާނެ އިރަކަށެވެ. އައްބާސް އައިސް އިށީންތާ މާގިނަ އިރެއް ނުވަނީސް ފާރޫގު އަދި ލަކްޔަން އިށީނދެއްޖެއެވެ. މޭޒުދޮށުގައި އެއްވެސް މީހަކު މާގިނަ މީހުން ވާހަކަނުދެއްކިއެއް ކަމަކު ސިޔާއާއި އިކާން ނެތްކަމުގެ ފަޅުކަން ކޮންމެ މީހަކަށް ކުރެވުނެވެ.

"ދައްތާ ކޮބާ ސިޔާ؟" ލަކްޔަން އެހިއެވެ.

"ނުކާނަމޭ ބުނީ. ނަމާދުކޮށްގެން ނުކުމެ އެންމެ ފުރަތަމަ އެ ކޮޓަރިއަށް ވަދެލީ. ފާޑަކަށް އޮތީ. ބަލީހޭ އަހާލީމަ ނޫނެކޭ ބުނީ. ކާހިއްނުވެއޯ" ޝިއުރާ ވާހަކަދެއްކިއެވެ.

ލަކްޔަން ތެދުވެގެން ހިނގައިގަތެވެ. ކުރި ވިޔާނުދާ އަމަލެއްގެ ސަބަބުން އެއް ދަރިފުޅު ލޯމަތިން ބީވެއްޖެއެވެ. ދެން ހުރި ދަރިފުޅަށް ދެރަގޮތެއް ދިމާވުމަކީ ލަކްޔަންއަށް ބަރުދާސްތު ކުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން ލަކްޔަން ދިޔައީ ސިޔާ ބަލައެވެ. އެއްކޮށް ނުލެއްޕި ހުރި ދޮރު ދޭތެރެއިން ލަކްޔަންއަށް އެނދުގައި އޮތް ސިޔާ ފެނުނެވެ. ކުޝަނަކުން މޫނު ފޮރުވައިގެން އުއްޑުން އޮތްއިރު ސިޔާގެ ހިނދި ބަނޑު އުފުލިލާ ގޮތުން ބަރުދާސްކުރަން އުނދަގޫ ވޭނެއްގައި ސިޔާ ރޮމުން ދިޔަކަން ލަކްޔަންއަށް އެނގުނެވެ. އިކާން ޖަލަށް ގެންދިޔަތާ ދެ ހަފުތާ ވާން ގާތްވެފައި ވާއިރު އެ ހިތާމަތަކުން އަދިވެސް ސިޔާއަށް އަރައިނުގަނެވުނޭ ލަކްޔަންއަށް ހީވިއެވެ.

މޫނުމަތިން ކުޝަން އެއްކައިރިކޮށްލި ސިޔާއަށް ގާތުގައި އިން ލަކްޔަން ފެނި ސިހުނެވެ. އޭނާ ރޮނިކޮށް ފެނުމުން ލަދުވެސްގަތެވެ. އަވަސް އަވަހަށް ތެދުވެ ތިރިއަށް ދެފައި ބާލައިގެން އެނދުގައި އިށީނެވެ.

"ބައްޕަ މިއައީ ދަރިފުޅު ބަލާ" ލަކްޔަން ބުންޏެވެ. "ހިނގާ ކާން"

ސިޔާ ދެކޮޅު ނެހެދިއެވެ. އެނދުން ތެދުވެގެން ހިނގައިގަންނަން އުޅުނެވެ. ހުއްޓުނީ ލަކްޔަން ސިޔާގެ އަތުގައި ހިފެހެއްޓުމުންނެވެ. ސިޔާގެ ރަތްވެފައިވާ ދެލޮލާއި ދުޅަވެފައިވާ މޫނު ފެނުމުން ލަކްޔަންގެ ހިތަށް އަސަރުކުރިއެވެ. ސިޔާގެ ހިތާމަތައް ލުއިކޮށްދޭން ބޭނުންވިއެވެ.

"ދޮންބެ ނެތިގެން އެކަމާތަ ދަރިފުޅު އަދިވެސް ހިތާމަ ތިކުރަނީ" ލަކްޔަން އެހިއެވެ. ސިޔާ ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން ކީއްވެ؟" ލަކްޔަން އެހިއެވެ. ސިޔާއަށް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. ވާހަކަދައްކަން ދެތުންފަތް ކުޑަކޮށް ފޭވެފައި ވެސް ސިޔާ ހިމޭންކަން އިހުތިޔާރު ކުރިއެވެ. ކަޅިޖަހާނުލައި ލަކްޔަންއަށް ބަލަހައްޓައިގެން ސިޔާ ހުއްޓެވެ.

"ކޮންމެސްކަމެއް ވެއްޖެ. އެހެންނޫނީ އަހަރެމެންގެ ސިޔާއަކީ ހަމަ ކަމެއް ވާއިރަށް އެގޮތަށް ރޯ ކުއްޖެއް ނޫން" ކޮޓަރިއަށް ވަދެގެން އައި ޝިއުރާ ވާހަކަދެއްކިއެވެ. އަޑުއައި ދިމާލަށް ސިޔާ ބަލައިލިއެވެ.

ސިޔާ ގޮވައިގެން އައިސް ލަކްޔަން އެނދުގައި އިށީނެވެ. ސިޔާ މެދަށް ވާގޮތަށް އަނެއްފަރާތުގައި ޝިއުރާ އިނެވެ. ސިޔާއަށް ހާސްކަމެއް ލިބުނެވެ. ބޮޑުދައިތައާއި ބައްޕަ ކުރިމަތީގައި މިކާލްގެ ވާހަކަތައް ހާމަކުރަން ސިޔާ ފަސްޖެހުނެވެ.

"އަ....އަޅުގަނޑު ނަންބަރު ބަދަލުކުރަން ބޭނުން" އެންމެފަހުން ހިތަށް އުނދަގޫކުރަމުން ދިޔަ ކަންތައް ސިޔާގެ ދުލާ ހަމައަށް އައިސްފިއެވެ.

"ކިހިނެއްވީ؟ މީހަކު އުނދަގޫ ކުރަނީތަ؟ މީހަކު ކަމެއް ކުރީތަ؟" ދެ ސުވާލު އެއްފަހަރާ ލަކްޔަން ކުރިއެވެ. ސިޔާ ދެފަރާތަށް ބޯހޫރާލިއެވެ.

"ދެން ވަޓް ހެޕެން؟" މަޑުމަޑުން ލަކްޔަން އެހިއެވެ.

"އައި ޖަސްޓް ވޯންޓް ޓު ޗޭންޖް މައި ކޮންޓެކްޓް ނަންބަރ" ކުރިމައްޗަށް ކުޑަކޮށް ގުދުވެލާފައި ދެއުޅަނބޮށި ދެ ކަކުލުގައި ވިއްދާފައި ދެއަތްތިލައިން މޫނު ސިޔާ ފޮރުވިއެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ކައިރީގައި ތިބި މީހުންނަށް ސިއްރުކުރަން ސިޔާ މަސައްކަތް ކުރިއެވެ.

"މިހާރު ކުޑާއަށް ހީވޭ އެބަ ކަމެއްހެން" ޝިއުރާ ބުންޏެވެ. އެބުނި އެއްޗެއްގެ މާނަ ނުވިސްނުމުން ލަކްޔަން ޝިއުރާގެ މޫނަށް ބަލައިލިއެވެ.

"ސިޔާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އަނެއްކާ އެކުއްޖާ ކަމެއް...."

ޝިއުރާއަށް ބުނެވުނީ އެވަރަށެވެ. ސިޔާ ލަކްޔަންގެ މޭގައި ބޯއެޅިގޮތަށް ރޯން ފެށިއެވެ. މިހުރިހާ ދުވަހު މިކާލްގެ އެއްވެސް ހަބަރެއް ނުވެފައި މިއަދު ކުއްލިއަކަށް ހަބަރެއް ވުމުން ސިޔާއަށް އުނދަގޫވަނީއެވެ. ލޯބިވާ ވާހަކައާއި ކުރެވުނު ކަންތަކަށް މާފަށް އެދިފައި އޮތުމުން ސިޔާއަށް އެކަން ގަބޫލުކުރަން ދަތިވަނީއެވެ. އެހެނީ މިކާލް ވަނީ ރައްޓެހިވިތާ ހަފުތާއެއް ނުވަނީސް ސިޔާ ވަރަށް ބޮޑަށް ބިރުގަންނުވާލައިފައެވެ.

"އަޅުގަނޑު މިކީ އާ އެއްވެސް ގުޅުމެއް ނެތް. އިތުރަށް ގުޅުމެއް ބާއްވަން ބޭނުމެއްވެސް ނެތް" ރޮމުން ސިޔާ ބުނަމުން ދިޔައެވެ. ލަކްޔަންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ވެއްޓިގެން ދިޔައީ ސިޔާގެ އިސްތަށިގަނޑު ތެރެއަށެވެ.

"މިކީ" އެ ނަން ވައި އަޑުން ލަކްޔަން ކިޔާލިއެވެ. ކުއްލިއަކަށް ހިތަށް ވަދެގަތް އެއްޗެއްގެ ސަބަބުން ލަކްޔަންއަށް ތެޅިގަނެވުނެވެ. ވަގުތުން ސިޔާ ދުރަށް ޖައްސާލާފައި ލަކްޔަން އާ ހަތަރުކަޅި ހަމަކުރުވިއެވެ.

"މިކީ؟ ކޮން މިކީއެއް؟ ކޮން ގެއަކު ކާކު އެއީ؟" ލަކްޔަން އެހިއެވެ. ސިޔާ ހީކުރީ ކުއްޖަކާ ރައްޓިހިވިކަން އެނގުމުން ލަކްޔަން ހިތްހަމަނުޖެހުނީ ކަމަށެވެ.

"ދަރިފުޅާ ހުރިހާ އެއްޗެއް ކިޔައިދީ. މިތަނުގައި ދަރިފުޅަށް އެހީވާން ތިބި ބަަޔަކީ މިއީ" ސިޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޝިއުރާ ބުންޏެވެ.

ސިޔާއަށް ރުއިން ހުއްޓާލެވުނީ ވަރަށް މަސައްކަތުންނެވެ. މިކާލް އާ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އެ ގުޅުން ނިމުމަކަށް އައި ދުވަހާ ހަމައަށް ހިނގާފައި ހުރި ކަންތައްތައް ސިޔާ ކިޔައިދިނެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް ސިޔާގެ ހިތުގައި އުފަންވެފައި އެވާ ލޯތްބަކީ ފުން ލޯތްބެއްކަން ޝިއުރާއާއި ލަކްޔަންއަށް ވިސްނުނެވެ.

"އެއީ އެދުވަހު ވެޓުގަ އިން ޑޮކްޓަރެއްނު. ބަލާލައިފަ ހިއެއްނުވޭ ގޯސްހެނެއް" ޝިއުރާ ބުންޏެވެ.

"މިކާލް އަދި ޝެލީއަކީ މާޝްގެ ދެދަރިން" ސިޔާ ދެއްކި ވާހަކަތައް ހިމޭންކަމާއެކު އަޑުއަހަން އިން ލަކްޔަން ބުންޏެވެ. ލަކްޔަންގެ އަޑުގައި ރިހުމެއްވާކަން އިހުސާސްވީ ހަމައެކަނި ޝިއުރާއަށެވެ.

*****

ކޮޓަރިއަށް ފެންޖަގު ހިފައިގެން ވަންއިރު މިކާލް އިންގޮތުން އަލްމާޝްގެ ހިތުގައި ސުވާލު އުފެދުނެވެ. އެނދާ ކުރިމަތިވާނެހެން ހުރި ކުޑަ ލައިބްރަރީގައި ހުރި ގޮނޑިއެއްގައި މިކާލް އިނީ ފިކުރެއްގައެވެ. ފޮތް ހަރުގަނޑުގެ ތިރީ ކަބަޑު މައްޗަށް ދެފައި ނަގައިގެން އިންއިރު ފުރޮޅުލީ ގޮނޑީގައި މިކާލް އޮތީ އޮށޯވެގެން ކަހަލަ ގޮތަކަށެވެ. ދެލޯ މެރިފައި އޮތްއިރު ކިޔަން ގެންގުޅުނު ފޮތް މޭ މަތީގައި އޮތެވެ.

ކުއްލިއަކަށް މިކާލް ސިހުނީ އިސްތަށިގަނޑުގައި މީހަކު ފިރުމާލިހެން ހީވެގެންނެވެ. ކަބަޑުމަތިން ދެފައި ތިރިކުރަމުން ބަލައިލިއިރު ކުރިމަތީގައި ހުރި އަލްމާޝް ފެނުނެވެ.

"މަމީ....." މިކާލް ގޮވާލިއެވެ.

"ބަލީތަ؟" އަލްމާޝް އެހިއެވެ. "މިރޭ ރަނގަޅަށް ނުވެސް ކައި"

"ބައްޔެއް ނޫން. މިތާ ފޮތް ކިޔަން އިންދަ ކުޑަކޮށް ނިދޭގޮތް ވީ" މިކާލް ބުންޏެވެ.

"ކީއްވެ މިކީ ނުކެއީ. މިހާރު ދޮންތަ ވާހަަކަދައްކައެއްނު" އަލްމާޝް ބުންޏެވެ.

"ކުޑަކޮށް ކަރުތެރެ ހަލާކުވެފައި ހުރީމާ ކާހިއްނުވީ. މިއުޅެނީ ނިދަން" މިކާލް ބުންޏެވެ.

ކޮޓަރިން ނުކުތުމުގެ ކުރިން އަލްމާޝް މިކާލްގެ އިސްތަށިގަނޑު އެއްފަރާތަކަށް ކަހާލާފައި ރީތިކޮށްލިއެވެ. މިކާލްގެ ނިތުގައި ބޮސްދިނެވެ. ރޭގަނޑުގެ ސަލާން މިކާލްއަށް ދިނެވެ.

ނުބުނި ކަމުގައި ވިޔަސް މިކާލްގެ ދެލޮލުން އަލްމާޝްއަށް ރިހުމެއް ފެނުނެވެ. އަލްމާޝްއަށް ޔަގީން ކުރެވުނީ އެ ރިހުމުގެ ފަހަތުގައި އަދިވެސް ޝެލީއަށް ދިމާވި ހާދިސާ ފޮރުވިފައިވާ ކަމަށެވެ. ޝެލީގެ ކޮޓަރިއަށް އަލްމާޝް ވަނީ އެ ވިސްނުންތަކުގައި ހުރެއެވެ.

"ޝެލީ..." އެނދުގައި ޝެލީ ނެތްކަން އެނގުމުން އަލްމާޝް ހާސްވިއެވެ. އެހެންކަމުން ޝެލީއަށް ގޮވާލެވުނީވެސް ފުދޭވަރަކަށް ބާރަށެވެ.

"ދަރިފުޅާ" ޝެލީ ފާހާނައިގައި ހުރިކަމަށް ދޮރުގައި ކުޑަކޮށް ޖަހާލިއެވެ. ފާހާނައިގެ ލައިޓް ނިއްވާފައި ހުރިކަން އަލްމާޝްއަށް އެނގުނީ މާފަހުންނެވެ.

ޝެލީއަށް ގޮވަމުން ނުކުތް އަލްމާޝްގެ މޭގަނޑު ހީވީ ނިކުމެދާނެހެންނެވެ. ސިކުނޑި ތެރޭގައި އެނބުރިގަތީ ނުބައި ވިސްނުންގަނޑެކެވެ. ދެލޮލުން ކަރުނަ ހިލުވާލީ އެހާ އަވަހަށެވެ. ހިތަށް އަރަމުން ދިޔައީ ނުބައި ހިޔާލުތަކެވެ. ހަމަޖެހިލަން އަމިއްލަ ނަފްސަށް ނަސޭހަތްދެމުން އަލްމާޝް ނުކުތީ ގޭތެރެއިން ނުކުމެވެން ހުރި ބެލްކަންޏަށެވެ. ގޯތި ތެރެއިންވެސް ޝެލީގެ ނިޝާނެއް ފެންނަން ނެތެވެ. ހިތްބިރުގަނެފައި ހުރެ އެތެރެއަށް ވަންނަން އުޅެނިކޮށް ބަގީޗާ ގަސްތައް ކައިރިއަށް އެޅިފައި ހުރި ބޮޑު ހިޔަންޏެއް އަލްމާޝްގެ ލޮލުގައި އަޅައިގަތެވެ. އެއީ ޓެރަސްގައި ހުރި މީހަކުގެ ހިޔަނިކަން އަލްމާޝްއަށް އެނގުނެވެ. ވަގުތުން އަލްމާޝް ހިނގައިގަތީ ސިޑި އާ ދިމާލަށެވެ.

*****

ރެއިލިން ކައިރީގައި ހުރި ޝެލީ ފެނުމުން އަލްމާޝްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ހުއްޓުނީ މެދު އުޑުގައި ހުރި ޝާއްބަ ހަނދަށް ބަލަހައްޓައިގެން ހުރި ޝެލީ ކައިރީގައެވެ.

"އޭރުވެސް ހީވި މަންމަ އަންނާނެއޭ" ހަށިގަނޑަށް ގުޑުމެއްވެސް އަރުވާނުލައި ހުރި ޝެލީ ބުންޏެވެ. އަލްމާޝްއަށް ހެވުނެވެ.

"ކިހިނެއް އެނގުނީ މަންމަ އައިކަމެއް" އަލްމާޝް އެހިއެވެ.

"މަންމަގެ ވަހުން" ޝެލީ ބުންޏެވެ.

"ރޭގަނޑުގައި އިމާރާތްތައް ފެންނަ ގޮތް ވަރަށް ރީތިދޯ" އަލްމާޝް ބުންޏެވެ. ޝެލީގެ ފަރާތުން ޖަވާބެއް ނައުމުން އަލްމާޝް ޝެލީއަށް ބަލައިލިއެވެ.

"ޝެލީއަށް އެނގޭތަ. މަންމަ މިކީއަށް ބަނޑުބޮޑު އިރު ވަރަށް ގިނައިން މިތާ ހުންނަން. އެއީ މަންމަ ވަރަށް އެކަނިވެރި ދުވަސްކޮޅެއް. ހިތަށް ހަމަޖެހުމެއް ހޯދަން މިތަނަށް މަންމަ އަންނަނީ. އަޅެ ހިތްގައިމެއް ނޫންތަ؟ ޝެލީ ހޯދަމުން މަންމަ މި އައިގޮތަށް ވަރަށް ގިނައިން މަންމަ ހޯދަމުން މާމަ އަންނާނެ" އެކުވެރިކަމާއެކު ޝެލީއާ އަލްމާޝް ވާހަކަދެއްކިއެވެ.

"އެކަމަކު އަޅުގަނޑަށް މިތަނުން ކީއްކުރަން އެއްވެސް ތަނަކުން ހިތްހަމަޖެހުމެއް ނުލިބޭ. ބަލައިލި ކޮންމެ ދިމާލަކުން އަޅުގަނޑަށް ފެންނަނީ ވީރާނާ މުސްތަގުބަލެއްގެ ހުޅުކޮޅެއް ނިވެމުންދާތަން" ޝެލީ ބުންޏެވެ. ވަގުތުން އަލްމާޝްގެ ހިނިތުންވުން ފިލިއެވެ.

"ތިހެން އަބަދު ނުކިޔަބަލަ ދަރިފުޅު. ﷲ އިރާދަކުރެއްވިޔާ ޝެލީގެ މުސްތަގުބަލު ވަރަށް އުޖާލާ ވާނެ" އަލްމާޝް ބުންޏެވެ.

"ތިއީ ޖޯކެއް. އަޅުގަނޑުގެ މުސްތަގުބަލު ކިހިނެއް އުޖާލާާވާނީ. ފިރިއަކަށް ދޭނެ ކޯޗެއް އަޅުގަނޑު އަތުގައި އޮތީ" ޝެލީ ބުންޏެވެ. ޝެލީގެ އެ ޖުމުލައިން އަލްމާޝްއަށް ވަރަށް އަސަރު ކުރިއެވެ.

"ޝެލީ ހަނދާން ނެތުނީތަ؟ ދަރިފުޅު މިހާރުވެސް ތިހުރީ މީހަކާ އިންނަން ރަންކިޔައިގެން. މާދަމާވެސް ކައިވެނި ކުރެވިދާނެ. ސާޖިދު އެހުރީ ކޮންމެ ހާލެއްގައިވެސް ޝެލީ ބަލައިގަންނަން ތައްޔާރަށް" އަލްމާޝް ބުންޏެވެ. އެހިނދު ޝެލީގެ ކޯތާފަތުން ތިރިއަށް ރޮނގެހެން ފައިބައިގެންދިޔަ ކަރުނަތިކި އަލްމާޝްއަށް ފެނުނެވެ. އެވަގުތު އަލްމާޝް، ޝެލީގެ ދެއަތުގައި ހިފާފައި އޭނާއާ ކުރިމަތިވާނެހެން އަނބުރާލިއެވެ.

"ދަރިފުޅު ކީއްވެ ސާޖިދު އާ ކުރިމަތި ނުލައި ތިއުޅެނީ؟ ޝެލީ އާ ހެދި ކިހާވަރަކުން އެކުއްޖާ އެއުޅެނީ. ޝެލީ މިހާރު ލޯބިނުވަނީތަ ސާޖިދު ދެކެ" އަލްމާޝް އެހިއެވެ.

"ވަރަށް ލޯބިވޭ ޖޭޑީ ދެކެ" ޝެލީ ބުންޏެވެ.

"ދެން ކީއްވެ؟"

"ލަދުން މަންމާ. ނުކެރޭނެ ޖޭޑީގެ ކުރިމައްޗަށް އަރާކަށް. ކޮން ދުލަކުން ވާހަކަދައްކާނީ. އަޅުގަނޑު އަތުގައި ކައިވެނީގެ ފުރަތަމަ ރޭގައި ޖޭޑީއަށް ދޭނެ އެއްޗެއް އެބައޮތްތަ؟ ކޮންމެ ކުއްޖަކުވެސް އެރެއަށްޓަކައި ވަރަށް ފޮނި ހުވަފެންތަކެއް ދެކޭނެ. މަންމައަށް އެނގޭތަ ޖޭޑީ އަބަދުވެސް ބުނާނެ ކައިވެނި ކުރެވޭނެ ރެއަށް ވަރަށް އިންތިޒާރުކުރަމޭ" ޝެލީ ވާހަކަދެއްކިއެވެ. ބައެއްފަހަރު ދެލޮލުން ވެއްޓޭ ކަރުނަތިކި ފޮހެލައެވެ. އަލްމާޝް ޝެލީއަށް ބަލަހައްޓައިގެން ހުރީ ހިތުގައި ޖެހިފައެވެ.

"އެކަމަކު...."

"ޕްލީޒް މަންމާ. އަޅުގަނޑު ތަހައްމަލު ކުރަމުން މިދަނީ ވަރަށް އުނދަގޫ ދުވަސްތަކެއް. މި ދުވަސްތަކުން އަރައިގަންނަން އަޅުގަނޑަށް ފުރުސަތުދީ. އަޅުގަނޑުގެ ދިރިއުޅުމާ ގުޅޭ ކޮންމެ ނިންމުމެއް ނިންމުމުގެ އިހުތިޔާރުދީ. އަޅުގަނޑު ގޯސް ނިންމުމެއް ނުނިންމާނަން" ޝެލީ އާދޭސްކުރިއެވެ.

"މަންމައަށް ހެޔޮ... އެކަމަކު ސާޖިދު"

"އަޅުގަނޑާ މެދު ނުބައިކޮށް ނުވިސްނާ މަންމާ. ޖޭޑީއަކީ އަޅުގަނޑުގެ ފުރަތަމަ ލޯބި. ދުވަހަކުވެސް އަޅުގަނޑު އެހެން މީހަކު ހަޔާތަށް ގެންނަން ބޭނުމެއް ނޫން. އަޅުގަނޑުގެ ފިރިއަކަށް ވާނީ ޖޭޑީ. އެކަމަކު އަޅުގަނޑު ވަގުތު ބޭނުން" ޝެލީ ބުންޏެވެ. އަލްމާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޝެލީގެ ދެލޯކައިރި ފޮހެދިނެވެ. ޝެލީގެ މޫނަށް ބޮސްދީފައި ބައްދާލިއެވެ.

*****

ތިން ދުވަސްފަހެވެ. ޒުމްރާއާއެކު ކެފޭއެއްގައި ކޮފީ ބޯން އިން ސިރާޖަށް ކުއްލި ސިހުމެއް ލިބުނީ ރައްޓެއްސަކު ކުރި ފޯނު ކޯލަކުންނެވެ. ކަންފަތާ ފޯނު ދުރުކޮށްލާފައި މަޑުމަޑުން ކުރިމަތީގައި އިން އަނބިމީހާއަށް ބަލައިލިއެވެ. ޒުމްރާ ހާސްވިއެވެ. ވީ ކީއްތޯ ސިރާޖް ކައިރީގައި އެހިއެވެ.

"އެގުޅީ ފުލުހުންގެ ތެރޭގައި އުޅޭ އަހަރެންގެ ރައްޓެއްސެއް. ރާވީ މަގުމަތިން ހައްޔަރުކޮށްފި" ސިރާޖް ބުންޏެވެ.

"އަހަރެން ހާހެއް ނުވޭ ތިހެން ބުންޏަސް. އަހަރެންނަށް އޭރުވެސް އެނގޭ އިކާނު އޮތް ތަނަށް ރާވީ ގެންދާނެކަން. ތި ދެބަފައިން ހީކުރަނީ އަހަރެންނަކީ އެއްވެސް އެއްޗެއް ނޭނގޭ ކުޑަކުއްޖެއް ކަމަށްތަ؟ މިހުރިހާ ކަމަކާ ޒިންމާވާންޖެހޭ މީހަކީ ކަލޭ" ޒުމްރާގެ ހަރުކަށި ބަސްތައް އަމާޒުވެގެން ދިޔައީ ސިރާޖަށެވެ.

"ހީނުކުރައްޗޭ އަހަރެން ރާވީ ސަލާމަތްކުރަން އުޅެފާނެއޭ. އަހަރެންނަކީ ދަރިން ކުރާ ކަންތައްތައް ފޮރުވާނެ މީހެއް ނޫން" ޒުމްރާ ބުންޏެވެ.

"އަދި ހަމަޖެހިބަލަ. އަދި ނޭނގެއެއްނު ރާވީ ހައްޔަރުކުރީ ކޮންކަހަލަ ކަމެއްގައި ކަމެއްވެސް" ރާވީ ހައްޔަރުކުރި ހަގީގީ ސަބަބު އެނގިހުރެ ސިރާޖް ދޮގު ހެދިއެވެ.

"އަހަރެންނަށް ހަމަ ޔަގީން ކަށަވަރު އިކާން އެކުރި ކަންތަކުގައި ރާވީގެ އަތެއް އޮވެގެންކަން ރާވީ ހައްޔަރުކުރީ. ކިތަންމެ މޮޅަށް ބަޔަކު ރާވައިގެން ކަންތައްގަނޑެއް ހިންގިޔަސް އެކަން ފަޅާއަރާނެ ކޮންމެސް ދުވަހަކުން. ދެން ތެޅިގަނޭ އަވަހަށް ރާވީ ޖަލުން ސަލާމަތްކުރަން. އެކުއްޖާ ނުބައި ހިޔާރުކުރީ ހަމަ ކަލޭގެ ސަބަބުން. ވިޔާނުދާ ބަފައެއްގެ ކޮށި ވިސްނުންތަކުގެ ސަބަބުން" ޒުމްރާ ހަޅެއްލަވައިގަތެވެ. ސިރާޖް ބަހެއްވެސް ނުކިޔައެވެ. ކެފޭއިން ޒުމްރާ ނުކުމެގެން ދިޔައިރުވެސް ސިރާޖަށް ވިސްނެނީ ރާވީ ޖަލުން ނެރޭނެ ގޮތަކާ މެދުގައެވެ.

*****

ހަޔާތުން ފަހަރަކު ގަނޑެއް ފަހަތަށް އެއްލެމުން ގޮސް އެއްއަހަރު ފާއިތުވެގެން ދިޔައީ އެސްފިޔަޖަހައިލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދިމާވި ހިތްދަތި ހާދިސާގެ ބިރުވެރި ހަނދާންތައް ޝެލީގެ ހިތުން ފިލައިގެ ނުދިޔަސް މައިންބަފައިންގެ އެދުމުގެ މަތިން މާހައުލު ބަދަލުކުރިއެވެ. މެލޭޝިޔާގައި ނިމާންގެ އަމިއްލަ ގޭގައި ދިރިއުޅެން ފެށިފަހުން ޝެލީގެ އުޅުމަށް ހެޔޮ ބަދަލެއް އައިސްފިއެވެ.

(ނުނިމޭ)