ވާހަކަ

މޮޔަކޮށްލި މާ - 22

4

ބާވީސްވަނަ ބައި

އަނެއްފަރާތުން ކާރަށް އަރަން ދިޔަ އަލްމާޝްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އޭނާއަށް ބަލަހައްޓައިގެން ހުރި ލަކްޔަން ފެނިފައެވެ. އަލްމާޝްއަށް ހީލަންވެސް ނޭނގުނެވެ. ލަކްޔަންގެ ދެލޮލުން އަލްމާޝްއަށް ފެނުނީ މީގެ އަހަރުތަކެއް ކުރިންވެސް އޭނާއަށްޓަކައި ލަކްޔަންގެ ދެލޮލުން ދުށް ނިމުމެއްނެތް ލޯތްބެވެ. އަލްމާޝް އާ ވާހަކަދައްކާލުމަށް އެދޭ ފަދަ ގޮތަކަށް ލަކްޔަންގެ ދެ ތުންފަތް ހެލިލިހެން ހީވި ވަގުތު އަލްމާޝް ލަކްޔަން އިން ނަޒަރު ވަކިކޮށް ކާރަށް އަރައި އިށީނދެލިއެވެ. ކައިރީގައި އިން ޝެލީގެ އަތްތިލަ އަތުތެރެއަށް ލާފައި އަލްމާޝް ލަކްޔަން ހުރި ދިމާލަށް ބަލައިލިއެވެ. އަދިވެސް ލަކްޔަން ހުރީ ބަލަހައްޓައިގެންނެވެ.

ގޭތެރެއިން ޝެލީއަށް މަރުހަބާ ކިޔުމަށްޓަކައި ގޭޓު ކައިރީގައި އެންމެން ތިއްބެވެ. ކާރުން ފޭބިއިރު ދޮރުމަތީގައި ތިބި ހުރިހާ މީހުން ފެނިފައި ޝެލީގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް އެ ހިނިތުންވުން ފިލައިގެން ދާން ނެގީ ކުޑަ ހިނދުކޮޅެކެވެ. އެފަދަ އުފާވެރިކަމެއް އިހުސާސްކުރަން ޝެލީގެ ޒަމީރު އެއްބަހެއް ނުވިއެވެ.

"ވެލްކަމް ހޯމް ދޮންތާ" ކައިރިން އިވުނީ މިކާލްގެ އަޑެވެ.

ނިމާން ކައިރިވެލާފައި ޝެލީ އަތްމައްޗަށް އުފުލާލިއެވެ. ގޭތެރެއަށް ވަދެގެން ގޮސް ޝެލީ ބޭންދީ ސޯފާގައެވެ. މުޅި ގޭތެރެއަށް ޝެލީ ނަޒަރު ހިންގާލިއެވެ. މުޅި ގޭތެރެ ވަނީ ބަދަލުކޮށްލާފައެވެ. ވަށައިގެން ފެންނަން ހުރީ މުޅިންވެސް ޝެލީއަށް ކަމުދާނެ ކުލަވަރެވެ. އަފާފް ދަމާފައި ގެނައި ރެކްމަތީގައި ހުރި ބޮޑު ކޭކް ޝެލީގެ ލޮލުގައި އަޅައިގަތެވެ. އެ ކޭކަށް ޝެލީ ބަލަހައްޓައިގެން އިނެވެ. އަލްމާޝް ދިއްކޮށްލި ވަޅީގައި ޝެލީ ނުހިފިއެވެ.

"މާމަގެ ދަރިފުޅާ. އެ ވަޅީގައި ހިފާބަލަ" ޝެލީގެ ކަނާތް ފަރާތުގައި އިން ފަޒްނާ ބުންޏެވެ. ޝެލީގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފެނި އަލްމާޝް އާއި ނިމާނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެހިނދު ނިމާން ކުރިއަށް ޖެހިލާފައި އަލްމާޝްގެ އަތުން ވަޅި ނަގާފައި ޝެލީގެ އަތަށް ލައިދިނެވެ. ދެން ޝެލީ ކައިރީގައި ކުރުކަކޫ މައްޗަށް އިށީނދެލިއެވެ.

"މިތަން ތައްޔާރުކޮށްފައި މިވަނީ ހަމައެކަނި ދަރިފުޅަށްޓަކައި. މި އެންމެން އިންތިޒާރުކުރީ ދަރިފުޅު ގެއަށް އަންނާނެ ދުވަހަކަށް. އެއިން ކޮންމެ މީހެއްގެ މޫނަށް ދަރިފުޅު ބަލައިލަބަލަ" ނިމާން ބުންޏެވެ.

ޝެލީ ވިސްނާލިއެވެ. އެންމެންގެ އުފަލުގައި ބައިވެރިވާން ޝެލީ ބޭނުންނުވަނީއެއް ނޫނެވެ. އެހެންނަމަވެސް އުފާކުރާހިއްނުވަނީއެވެ. ދިރިއުޅުން ބަރުބާދުވެފައިވާކަން އަބަދު އަބަދު ސިކުނޑި ހަނދާންކޮށްދެނީއެވެ. އެ ބިރުވެރި ރޭގެ މަންޒަރުތައް ލޯމަތީގައި ސިފަވަނީއެވެ. ދެލޮލުން ފައިބާފައި ހުރި ކަރުނަތައް ޝެލީ ދެއަތުން ފޮހެލިއެވެ. ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ނުބެލިޔަސް ކޭކު ފެޅިއެވެ. އެންމެންނަށް ވުރެ ކުރިން ކޭކުން ވަކިކޮށްލި ކޭކް ފޮތި ޝެލީ ކާލިއެވެ. އެމަންޒަރު ފެނުމުން އަލްމާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެވަނަ ކޭކްކޮޅު ޝެލީ ލަވާލީ ނިމާނަށެވެ.

*********

ކޮޓަރީގައި ޓަކިޖަހާލި އަޑަށް އެނދުގައި އޮތް ލަކްޔަން ފަރުވާކުޑަ ގޮތަކަށް ދޮރާ ދިމާލަށް ބަލައިލިއެވެ. އަޅާވެސްނުލައި އޮތީ އެއްވެސް ކަމެއް ކުރަން އޭނާގެ މޫޑު ތަންނުދޭތީއެވެ. އިރުކޮޅަކުން ރިންގުވާން ފެށީ ބޯ ކައިރީގައި އޮތް ފޯނެވެ. ލަކްޔަން ފޯނަށް ބަލާލައިފައި ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ އާ ބައްދަލުނުކޮށް ސިރާޖް ހުއްޓާނުލާނޭކަން ލަކްޔަންއަށް އެނގުނެވެ. އެންމެފަހުން ލަކްޔަން ތެދުވެގެން ގޮސް ދޮރުހުޅުވިއެވެ.

ކަންފަތާ ފޯނު ދުރުކޮށްލާފައި ސިރާޖް ލަކްޔަންގެ މޫނަށް ބަލައިލީ ފާޑަކަށެވެ. ހިތްހަމަނުޖެހިފައި ސިރާޖް އެތެރެއަށް ވަދެގެން ދިޔައެވެ. ކޮޓަރި ދޮރުލައްޕާފައި އައިސް ލަކްޔަން އެނދުގައި އިށީނެވެ.

"ވަޓް؟؟" ސިރާޖް ބަލަހައްޓައިގެން އިންގޮތުން ލަކްޔަން އެހިއެވެ.

"އެއްވެސް ކަމެއްނުވޭ. އަހަރެން ކައިރީގައި ބުނިނަމައެއްނު ނުގުޅާށޭ" ހިތްހަމަނުޖެހިފައި އިން ސިރާޖް ބުންޏެވެ.

"ތިހީރުކަހަލަ އެއްވެސް ކަމެއްނުވޭ. މިއުޅެނީ ބޮލުގަ ރިއްސާވަރުން" ލަކްޔަން ބުންޏެވެ. ދެން އެނދުމަތީގައި އުއްޑުން އޮށޯވެފައި ކައިރީގައި އޮތް ކުށަން ގެނެސް މޭމަތީގައި ބާއްވާފައި ކުޝަނުގައި ބައްދާލިއެވެ.

"މިއަދު އަލްމާޝް ފެނުނީތަ؟" ސިރާޖް ބުންޏެވެ. ލަކްޔަން ސިރާޖަށް ބަލައިލީ ގަބޫލުނުކުރެވިފައެވެ. އެހާ އަވަހަށް ސިރާޖަށް އެކަން އެނގުނު ގޮތަކާ މެދު ލަކްޔަން ވިސްނާލިއެވެ.

"ކިހިނެއް އެނގުނީ؟" ލަކްޔަން އެހިއެވެ.

"މި އެކުވެރިކަމަށް އެއްދުވަހެއް ނޫނޭ ވީ. އަހަރެންނަށް އެނގޭ ކަލެއަށް އެހެން ކަމަކާ ގުޅިގެން ބަދަލެއް ނާންނާނެކަން" ސިރާޖް ބުންޏެވެ. ސިރާޖްގެ ވާހަކަދެއްކުމުގައި ހަރުކަށި ކަމެއް ހުއްޓެވެ.

"އަދިވެސް ހުރީ ހަމަ އެހެން. ނޯ ޗޭންޖަސް. އެކަމަކު... ކަންތައްތައް މިވީ އަހަރެން ހީކުރިގޮތަކަށް ނޫން" ލަކްޔަން ވާހަކަދެއްކިއެވެ. އަލްމާޝް ބަލަހައްޓައިގެން ހުރިގޮތް ހިތަށް ސިފަވަމުން ދިޔަސް ދެވަނަ ސިކުންތުގައި އިކާންގެ ވަކިތަކުގެ ދަށުގައި ޝިކާރަވެގެން ދިޔައީ އަލްމާޝްގެ ދަރިފުޅުކަން ހަނދާންވި ހިނދު ލަކްޔަންގެ އަޑަށް މޮޅިވެރިކަމެއް ވެރިވިއެވެ.

"ކިހިނެއްވީ؟ އެ އަންހެންކުއްޖާއަކީ އަލްމާޝްގެ ދަރިތަ؟" ސިރާޖް އެހިއެވެ. ލަކްޔަން ސިރާޖަށް ބަލާލައިފައި ބޯޖަހާލިއެވެ.

"ވަޓްއެވަރ. އަހަރެން މިއައީ ވާހަކައެއް ބުނަންވެގެން" ސިރާޖް ބުންޏެވެ. ލަކްޔަން ސިރާޖަށް ބަލައިލިއެވެ.

"އަހަރެން މިއައީ އިކާނަށް ލާނެ އަންނައުނާއި ރީތިވާ ސާމާނު ހަވާލުކޮށްފަ" ލަކްޔަން ބަހެއް ނުބުނުމުން ސިރާޖް ބުންޏެވެ.

"އަހަރެން ވާހަކަދައްކަން ބޭނުންވާ މައުލޫއެއް ނޫން ތިއީ"

"ސީރިޔަސްލީ ލަކީ. އިކާން އެކުރީ ހަމަ އެހާ ބޮޑު ކުށެއްތަ؟ ކަމެއް ކުރީމަ ތިގޮތަށް ހުރިހާ އުފަލަކުން މަހުރޫމު ކުރާކަށް ނުވާނެ ދޯ. އެކުއްޖާ ބައްޕަ ކިޔަނީ ލަކީ އަކަށްނު. ކެތްވޭތަ ތިހެން ހުރިހާ ކަމެއް ނޭނގޭކަމަށް ހަދައިގެން ހުންނަން. އެޓްލީސްޓް ލާނެ ހެދުމެއް ދެވޭނެދޯ" ސިރާޖް ވާހަކަދެއްކިއެވެ. ލަކްޔަން ޖަވާބެއް ނުދިނެވެ.

"ރާވީ އަހަރެން ކައިރީގައި އެހެން ވާހަކައެއް ނުދައްކާ. އިކާންގެ ވާހަކަ. ލަކީއަށް އަދި ހުރިހާކަމެއް ނުވެސް އެނގޭ. ލަކީ އުޅުނީ އެކުއްޖާ އާ ރައްޓެހިވެގެން. ރައްޓެހިވެގެން އުޅޭ ދެމީހަކު އެކަހަލަ ކަމެއް ކުރުމަކީ އެހާ ކަމެއް ނޫނޭ. ކީއްވެގެންތަ ލަކީ މިކަންތައް މާބޮޑުކޮށްގެން ތިއުޅެނީ. އެއީ އަލްމާޝްގެ ދަރިއަށް ވީމަތަ؟ ދުނިޔޭގެ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް މުހިންމީ އަލްމާޝް ތަ؟" ސިރާޖް ވާހަކަދެއްކިއެވެ. އެހިނދު ލަކްޔަން އެނދުން ފުންމައިގެން ތެދުވިއެވެ.

"ލީވް.... " ކޮޓަރި ދޮރު ހުޅުވާލާފައި ލަކްޔަން ބުންޏެވެ. ސިރާޖް ދެއްކި ވާހަކަތަކާ ލަކްޔަން އެއްކޮޅު ނުވިއެވެ.

"އައި ސެޑް ލީވް މައި ރޫމް" މިފަހަރު ލަކްޔަންގެ އަޑު ބާރެވެ. ސިރާޖް އިތުރަށް ބަހެއް ނުބުންޏެވެ. އެހެންނަމަވެސް ނަފުރަތުގެ ބެލުމަކުން ލަކްޔަންއަށް ބަލައިލިއެވެ.

"އަދި އެކަތި. އިކާން ޖަލުން ސަލާމަތްކުރާނީ އަހަރެން. އެއީ ކަލޭގެ ދަރިއަށް ވީމައެއްނޫން. އަހަރެންގެ ދަރިފުޅަށްޓަކައި. އެކުވެރިއެއްގެ މަގާމުގައި ހުރި ރާވީ އިކާނަށް އިތުބާރު ކުރިއިރު އެކުއްޖާ ބަފާ ކިޔާ މީހާއަށް ނުކުރެވުނު. ތިއީ ކޮންކަހަލަ ބަފައެއް" ސިރާޖް ބުންޏެވެ. ލަކްޔަން އެއަށް ޖަވާބެއް ނުދިނެވެ. ސިރާޖް ކޮޓަރިން ނުކުތްކަން އެންގުމާއެކު ބަން ލާފައި ދޮރުލެއްޕިއެވެ.

ސިރާޖް ހިނގައިގަތްތަނާ ކޮފީ ހިފައިގެން އައިސް ހުރި ޝިއުރާ ފެނިއްޖެއެވެ. ސިރާޖްގެ މޫނުމަތީގައިވި ހިތްހަމަނުޖެހުން ފެނުމާއެކު ޝިއުރާގެ ތުންފަމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

"ދައްތަ ލަކީއަށް ވިސްނައިދީ. އަލްމާޝްގެ ލޯބީގައި ޖެހި ދަރިންނާއި ބަފައިންނާ އޮންނަ ގުޅުން އޭނާ އެހެރީ ހަނދާންނެތިފަ" ސިރާޖް ބުންޏެވެ. ދެން ނުކުމެގެން ހިނގައްޖެއެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރި ޝިއުރާ ހުރީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ.

********

ބޯދަށް ބާލީހެއް ލައްވާލައިގެން ބޮޑު އުނދޯލީގައި އޮތް ސާޖިދުގެ ދެލޯ ވަނީ މެރިފައެވެ. ދެއަތްތިލަ ގުޅުވާލައިގެން ގެނެސް މޭމަތީގައި ބާއްވާލައިގެން އޮތްއިރު ސާޖިދަށް އޮތީ ނިދިފައި ނޫންކަން ދެލޮލުގެ އަރިމަތިން ފައިބަމުންދާ ކަރުނަތިކިން ހެކިދެއެވެ. ޝެލީ ހޮސްޕިޓަލުން ގެނެސް ކޮޓަރިއަށް ވަދެ ދޮރުލެއްޕެންދެން ސާޖިދު އެގޭތެރޭގައި ހުރިއެވެ. މިކާލް ނޫން އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. ޝެލީގެ ގާތަށް ގޮސް ކިތަންމެ ވާހަކަދައްކާލަން ހިތް އެދުނަސް ޝެލީ އެއްބަސްނުވާހާ ހިނދެއްގައި ސާޖިދަށް އެކަން ކާމިޔާބުވާކަށް ނެތެވެ. ދުރުން ބަލައިގެން ހިތްހަމަޖެއްސުން ނޫން ގޮތެއް މިވަގުތު ސާޖިދަށް ނެތެވެ.

ކޮޓަރިން ނުކުތް ސަމީރާއަށް އުނދޯލީގައި އޮތް ސާޖިދު ފެނުމާއެކު މޭގައި އަތް އެޅުނެވެ. ޝެލީއަށް އެކަމެއް ދިމާވި ރެއިން ފެށިގެން ހަގު ފިރިހެން ދަރިފުޅުގެ ހިނިތުންވުން ސަމީރާއަށް ވަނީ ގެއްލިފައެވެ. ވަޒީފާއަށްވެސް ނުކުތީ އެތައް އާދޭހެއް ސަމީރާ ކުރި ފަހުންނެވެ. ކެއިން ބުއިމާއި ސަކާރާތާއި ހަމަޖެހުން ސާޖިދާ ބީރައްޓެހި ވެއްޖެއެވެ.

"ދަރިފުޅާ" ސާޖިދުގެ އަތުގައި ކޮށްޓާލަމުން ސަމީރާ ގޮވާލިއެވެ. ލަސްލަހުން ދެލޯ ހުޅުވާލާފައި ސާޖިދު ސަމީރާއަށް ބަލައިލިއެވެ.

"ދޮންބެގެ ފޯނެއް ނޫންތަ އެ އަންނަނީ" ސާޖިދު ދެފައި ކުރުކޮށްލި ވަގުތު އުނދޯލިން ހެދުނު ހުސް ޖާގައިގައި ސަމީރާ އިށީނެވެ. ފޯނު ކަންފަތުގައި ޖަހައިގެން ތެދުވެ ސަމީރާ ކައިރީގައި ސާޖިދު އިށީނެވެ. އިރުކޮޅަކުން ސަމީރާއަށް ބަލާލައިފައި ފޯނު ކަންފަތާ ދުރުކޮށްލާފައި ވީޑިޔޯ ޖެއްސިއެވެ. އެވަގުތު ރަތްކުލައިގެ ބެނިއަނެއްގައި އިން ސާހިލް ފެނި ސާޖިދު ހިނިތުންވިއެވެ.

"ހޭ ލިލް ބްރޯ" ސާހިލްގެ އަޑު އިވިލިއެވެ.

"އަދިވެސް ސިސް އިން ލޯ އަށް އެހެންވީމަ ދެރަވެފަ ތީނީ" ސާހިލް ބުންޏެވެ. ސާޖިދު ދެފަރާތަށް ބޯހޫރާލިއެވެ.

"އެމީހާ މިހާރު އެރެސްޓް ކުރީތަ؟ އަނެއްކާވެސް ސާހިލް އެހިއެވެ. މިފަހަރު ސާޖިދު ބޯޖަހާލިއެވެ.

"ޑޯންޓް ވޮރީ. ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް. ސިސް އިން ލޯ ރަނގަޅުތަ؟ ބިގް ބްރޯގެ ސަލާން އިނގޭ ފަހަރިއަށް. ވިލް މީޓް ޔޫ އޯލް ސޫން. އިންޝާﷲ" ސާހިލް ބުންޏެވެ.

މާގިނަ އިރެއް ނުވަނީސް ސާޖިދު ކައިރީގައި އިން ސަމީރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ ދެކެން ބޭނުންވި ހިނިތުންވުން ސާޖިދުގެ ތުންފަތްމަތިން ފެނިއްޖެއެވެ. ސާހިލް ދައްކަން ފެށި ވާހަކަތަކުން ސާޖިދުގެ އަނގަ ހުޅުވިއްޖެއެވެ. އެތަނަށް ސަމީރާ އައީވެސް ކޮޓަރި ތެރޭގައި ސާހިލްގެ ފޯނު ކޯލެއް ނިންމާފައެވެ. ސާޖިދުގެ ހާލަތު ސާހިލަށް ކިޔައިދިނީ ސަމީރާއެވެ.

**********

ރޭގަނޑުގެ ވަގުތެވެ. ހެޑްބޯޑުގައި ލެނގިލައިގެން އިން ޝެލީ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ވަށައިގެންވި މާހައުލުން ހިނގާ އެއްވެސް ކަމެއް ޝެލީއަށް އިހުސާސެއް ނުވެއެވެ. އޭނާގެ ވިސްނުމާއި ފިކުރު ގުޅިފައިވަނީ އޭނާގެ އަނދިރި މުސްތަގުބަލާއެވެ. ކުއްލިއަކަށް ޝެލީ ސިހުނީ ފިނި އަތަކުން ޝެލީގެ އަތް ތިލައިގައި ހިފަހައްޓާލުމުންނެވެ.

"މަންމަ ތަ؟" ކުރިމަތީގައި ހުރި އަލްމާޝް ފެނުމާއެކު ޝެލީ ބުންޏެވެ.

"މަންމަ މިތަނުގަ ހުންނަތާ އިރުކޮޅެއްވެއްޖެ. ދަރިފުޅު ތިވިސްނުންތަކާ ދުރަށް ދާނީ ކޮންއިރަކުން؟" އަލްމާޝް އެހިއެވެ.

"ދުނިޔެ ހުރިހާ ދުވަހަކު ފިކުރު ކުރެވޭނެ. މަންމާ! އަޅުގަނޑު މިހެން އުޅުނަސް މަންމަ އާއި ބައްޕަ އެހާ ކަންބޮޑު ނުވައްޗޭ" ޝެލީ ބުންޏެވެ.

އަލްމާޝް ފުން ނޭވައެއް ދޫކޮށްލިއެވެ. އެ މައުލޫއަށް އިތުރަށް ވާހަކަދައްކަން އަލްމާޝް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޝެލީގެ އިސްތަށިގަނޑުގައި ފިރުމާލާފައި ނިތުގައި ބޮސްދިނެވެ.

"މަންމަ މިއަންނަނީ ޝެލީއަށް ކާއެއްޗެއް ހިފައިގެން" އަލްމާޝް ބުންޏެވެ.

"އަޅުގަނޑު ތިރިއަށް ދަންތަ ކާން" އަލްމާޝްގެ އަތުގައި ހިފާފައި ޝެލީ އެހިއެވެ.

"ފަހާފައި ހުރި ތަނުގެ ރޮދިތައް އަދި ނުދެއެއްނު އެއްކޮށް. އެއްކޮށް ރަނގަޅުވީމަ ތިރިއަށް ދާނީ" އަލްމާޝް ބުންޏެވެ.

އަލްމާޝް ނުކުމެގެން ދިޔުމުން ހެޑްބޯޑުގައި ޝެލީ ބޯއަޅާލިއެވެ. ދެލޯ މަރާލާފައި ހަމަޖެހިލިއެވެ. ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ޝެލީ ސިހުނެވެ. ފަރުވާކުޑަ ގޮތަކަށް ބަންޑުން ބާއްވާފައި އޮތް ފޯނަށް ޝެލީ ބަލައިލިއެވެ. ދުނިޔެވީ ހުރިހާ ކަމެއްގެ މަތިން ޝެލީ ފޫހިވި ފަދައިން ފޯނުމަތިން ހިތް ކެނޑިފައިވިއެވެ. އެހެނީ ދިރިއުޅުން ބަރުބާދުވެގެން ދިޔުމަށް މެދުވެރިއަކަށްވީ އެ ފޯނެވެ. ފޯނަށް މާބޮޑު ސަމާލުކަމެއް ނުދީ ޝެލީ އިނެވެ. އެހެންނަމަވެސް ހުއްޓުމެއްނެތި ވައިބްރޭޓްވަމުން ދިޔަ ފޯނު ޝެލީ ނަގަން ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެންމެފަހުން ފޯނު ނަގާފައި ބަލައިލިއެވެ.

ފެންނަންއިން ސާޖިދުގެ ތަސްވީރު ފެނުމާއެކު ޝެލީއަށް ހީވީ ހަރަކާތް ހުއްޓުނު ހެންނެވެ. މެއަށް ތަދެއް އަރައިގެން ދިޔަހެންވެސް ހީވިއެވެ. ދެލޮލުން ކަރުނަތައް ފައިބައިގަތް އިރުވެސް ނޭނގެއެވެ. އެ ކޯލު މިސްވެ އަނެއްކާވެސް ވައިބްރޭޓްވާން ފެށިއެވެ. ޝެލީއަށް ގިސްލެވެން ފެށުނެވެ. ސާޖިދުގެ ތަސްވީރުން ޝެލީގެ ނަޒަރު ވަކިކޮށްނުލެވުނެވެ. ދުރުގައި ފޯނު ބާއްވަން އުޅުނަސް އެކަން ޝެލީއަށް ކާމިޔާބު ނުވިއެވެ. ފޯނަށް ޖަވާބުދޭން ބޭނުންވިޔަސް އެ ހިތްވަރު ޝެލީއަށް ނުލިބުނެވެ.

އަލްމާޝް ކޮޓަރިއަށް ވަންއިރު ޝެލީ އޮތީ ބާލީސް މަތީގައި ބޯއަޅައިގެންނެވެ. ދޮރަށް ފުރަގަސްދީގެން އޮތްއިރު ޝެލީގެ ހިމޭން ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން އަލްމާޝް ގޮސް އިށީނީ ޝެލީގެ މަގަތުންނެވެ. ޝެލީގެ ދެކޮނޑުގައި ހިފާފައި އަނބުރާލިއިރު ހަމަ ގަދައަށް ޝެލީ ރޮމުން ދިޔައެވެ.

"ކިހިނެއްވީ؟ މާބޮޑަށް ރިއްސަނީތަ؟" އަލްމާޝް އެހިއެވެ. އަލްމާޝްގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

ޝެލީއަށް ޖަވާބެއް ނުދެވުނެވެ. ވީގޮތް އަލްމާޝްއަށް އަންގައިދިނީ ޝެލީ އަތުގައި އޮތް ފޯނެވެ. އެ ފޯނަށް އަދިވެސް ސާޖިދު ގުޅަމުން ދިޔައެވެ. ވައިބްރޭޓުގެ އަޑު ކަނޑާލާފައި އޮތީ ފޯނެއް އަންނަކަން އެނގުނަ ނުދިނުމަށެވެ. ޝެލީގެ ދެލޯ ކައިރި ފޮހެލާފައި އަލްމާޝް ޝެލީ އަތުން ފޯނު އަތުލިއެވެ.

"މަންމަ ނަގަންތަ؟" އަލްމާޝް އެހިއެވެ.

ޝެލީ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އަލްމާޝް ކަރުއެލުވާލިއެވެ. ޝެލީއަށް ވިސްނައިދޭން ބޭނުންވިއެވެ. އެހެންނަމަވެސް ޝެލީގެ ކަރުނަތައް އަލްމާޝްގެ ދުލުގައި ހިފެހެއްޓި ކަހަލައެވެ. ނިދެންދެކަށް ޝެލީގެ ބޮލުގައި ފިރުމަން އަލްމާޝް އިނެވެ. ނިންޖެއް އަރާމެއް ނެތިއެވެ.

*********

އީމާ އާއި ސާޖިދު ބައްދަލުކުރީ އޮފީސް ތެރެއިންނެވެ. ޝެލީގެ ވާހަކަ އެންމެ ތާޒާކަމާއެކު ސާޖިދުގެ ކަންފަތަށް ފޯރުކޮށްދޭ ވަސީލަތަކީ އީމާ ކަމުގައި ވެއްޖެއެވެ.

"ޝެލީއަށް ޓައިމްދީ. ފަހުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" އީމާ ބުންޏެވެ.

"އަހަރެން ބޭނުންވަނީ ހަމަ އެންމެ ފަހަރަކު ޝެލީ އާ ވާހަކަދައްކަން. އެ އަޑު އަހާލަން. ޝެލީ ބިރު ގަންނަނީ އަހަރެން ފޫހިވެދާނެތީތަ؟" އަސަރާއެކު ސާޖިދު ވާހަކަދެއްކިއެވެ.

"އެގެއަށް ގޮސްލަންވީނުން. ފަހަރެއްގައި ޔޫ ފެނުނީމަ ޝެލީ ވާހަކަދައްކަފާނެއްނު" އީމާ ހިޔާލެއް ފާޅުކުރިއެވެ. ސާޖިދު ޖަވާބެއް ނުދީ އިނެވެ.

**********

ބަދިގޭ މަސައްކަތްތައް ނިންމާލާފައި ޝިއުރާ ލަކްޔަންގެ ކޮޓަރި އާ ދިމާލަށް ދިޔައެވެ. ދުވާލުގެ ވަގުތަށް ވުމުން ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ލަކްޔަންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލުމާއެކު އެތެރެއިން ލަކްޔަންގެ ހުއްދަ ލިބުނެވެ. އެހެންޏާ ދޮރު ހުޅުވަން އަންނަ ލަކްޔަން އެވަރުގެ ކަމެއް ކުރަންވެސް މޫޑެއް ނެތްކަން ޝިއުރާއަށް އެނގުނެވެ.

ދޮރުން އެތެރެއަށް ވަން ލަކްޔަންއަށް ވަދެގެން އައި ޝިއުރާ ފެނުމުން ހީލިއެވެ. އެކަމަކު އެ ހީލުގައި އެއްވެސް އޮށްޓަރެއް ނެތެވެ.

"މިހާރު ކިހިނެއް؟ އަދިވެސް ރިއްސާތަ؟" ލަކްޔަންގެ މަގަތުން އިށީންނަމުން ޝިއުރާ އެހިއެވެ.

"ރަނގަޅު ދެން" ލަކްޔަން ބުންޏެވެ. ޝިއުރާ ދިން ކިރުތައްޓާއެކު ބޭސްގުޅަ ލަކްޔަން ކާލިއެވެ. ހުސްތަށި ޝިއުރާގެ އަތަށް ދީފައި ލަކްޔަން ޝިއުރާ އާ ނަޒަރު ވަކިކޮށްލިއެވެ.

"ދައްތަ ހުރީ ނާހަން. އެކަމަކު..."

"ސިރާ އެއްޗެއް ބުނީތަ؟" ޝިއުރާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ލަކްޔަން އެހިއެވެ.

"އެއްޗެއް ބުނީކީ ނޫން. ކޮއްކޮއަށް ވިސްނައިދޭން އެދުނީ" ޝިއުރާ ބުންޏެވެ. ލަކްޔަން ފުން ނޭވައެއް ދޫކޮށްލިއެވެ. ޝިއުރާ އިނީ ލަކްޔަންއަށް ބަލަހައްޓައިގެންނެވެ. ދެކުދިންގެ މެދުގައި ޖެހުނު މައްސަލައެއް ލަކްޔަން ބުނާނެ އިރެއްގެ އިންތިޒާރުގައެވެ.

"ސިރާ ބޭނުންވަނީ އަހަރެން އިކާން ސަލާމަތްކުރަން. ވަކީލެއް އިކާނަށް ހަމަޖައްސައިދޭން. އިކާންގެ ކަމެއްގަ އަހަރެން ނޫޅޭތީ ސިރާ މައްސަލަ ޖައްސަނީ" ލަކްޔަން ވާހަކަދެއްކިއެވެ. ޝިއުރާ ޖަވާބެއް ނުދިނެވެ. އިކާން ޖަލުން ސަލާމަތްވެގެން އެނބުރި ގެއަށް އައުމަށް ޝިއުރާއަށް އެދެވެއެވެ. ކުރެވުނު ފާފައަށް ތައުބާވެގެން ހަރުދަނާ ދިރިއުޅުމެއް އިކާން އުޅޭ މަންޒަރު ބަލަން ޝިއުރާ ބޭނުންވެއެވެ.

"ދައްތަ ބުނެބަލަ. ކުރީ ފަހަރުހެން މިފަހަރުވެސް އަހަރެން އިކާން ސަލާމަތްކުރަން މަސައްކަތް ކުރަންވީތަ؟ އެއީތަ އެންމެ ރަނގަޅު ގޮތަކީ؟" ލަކްޔަން އެހިއެވެ.

"ތިކަމުގައި ކޮއްކޮއަށް ފެންނަ ރަނގަޅު ގޮތަކަށް ކަންތައްކުރީމަ ނިމުނީ" ޝިއުރާ ބުންޏެވެ. އެޖަވާބު ޝިއުރާ ދިނީ ހުދު އަމިއްލަ ހިތްމަތީގައި ހިލަގަނޑެއް ބާއްވާފައެވެ. އެދޭގޮތް ލަކްޔަން ކައިރީގައި ބުނަން ނުކެރުނެވެ. ބުނެވޭ ބަހެއްގެ ޒާތުން ނުބައި މާނައެއް ލަކްޔަން ނަގައިފާނެއެވެ.

"ޝަހުލާގެ ދެދަރިންނަކީ ދައްތަގެ އުފަން ދަރިންފަދަ. މިހާރު ސިޔާ ފެންނަ ކޮންމެފަހަރަކު ދައްތަގެ ދެލޯ ފެންކަޅިވޭ. އެކުއްޖާވެސް ހާދަ ހިތާމައެއް އެބަކުރެއޭ. ދައްތަ ބޭނުންވަނީ އެދެކުދިން ހެޔޮހާލުގައި ދައްތަގެ ކުރިމަތީގައި ތިބެން. ބޭނުންވަނީ އިކާނަށްވެސް ހެޔޮ ވިސްނުން ލިބެން" ޝިއުރާއަށް ރޮވުނެވެ.

"ހަތް ފެނުލައި ދޮވުނަސް އިކާން ރަނގަޅެއްނުވާނެ. މިހާރު އަހަރެންނަށް އެކަން އެނގޭ" ލަކްޔަން ބުންޏެވެ.

"ބައްޕަވެސް އެކަމާ ހާދަ ފިކުރެއް އެބަކުރެއޭ. ރަނގަޅަށް ކަނީއެއްވެސް ނޫން" ޝިއުރާ ކަންބޮޑުވިއެވެ.

"ލޫހްގެ ސްކޫލު ބަންދުވީއެއްނު. ދައްތަމެން އެކޮޅަށް ފުރަންވީނުން. ސިޔާވެސް އިތުރަށް ވަޒީފާއަށް ފޮނުވަން އަހަރެން ބޭނުމެއްނޫން. ބައްޕަ ގޮވައިގެން ފުރަން ތައްޔާރުވޭ" ލަކްޔަން ބުންޏެވެ.

**********

ޝެލީ ގެއަށް ދޫކޮށްލިފަހުން ހަތްދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ކުރިއާ ހިލާފަށް ޝެލީ ގޭތެރެއިން ފެންނަން ފެށިއެވެ. މިކާލް ކުރާ ސަމާސާތަކަށް އަނެއްކާވެސް ޝެލީ ހޭނެން ފަށައިފިއެވެ. ހިނގާ އުޅުމަށް ދިމާވަމުން އައި ތަކުލީފު ކުޑަވެއްޖެއެވެ. އަލްމާޝްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ހުރިހާ ކަމެއް ކުރެވޭ ވަރު ވެއްޖެއެވެ. އެހެންކަމުން އަލުން ނިމާން ވަޒީފާއަށް ނުކުންނަން ފެށިއެވެ. ޝެލީގެ އުޅުމަށް އަންނަމުންދިޔަ ބަދަލުން އެންމެ އުފާކުރީ އަލްމާޝެވެ. ދެރަ ތަންކޮޅަކީ ބޭރުން އަންނަ އެއްވެސް މީހަކާ ބައްދަލުކުރަން ޝެލީ އަދިވެސް ބޭނުންނުވާތީއެވެ.

އެކުގައި މަސައްކަތްކުރާ ކުދިންނާ ބައްދަލުކުރަން ޝެލީ އެއްބަސްވީ އަލްމާޝް ކިޔާވަރުންނެވެ. ހުދާއި ކަޅު އެކުލެވޭ ކަށި މައްޗާ ހަމައަށް އަންނަ ހެދުމެއްގައި ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެން ޝެލީ އިނީ ސޯފާގައެވެ. ގޭތެރޭގައި ހުރިހާ މީހުން ހަމަޔަށް ތިބި ވަގުތެވެ. ޝެލީގެ އެކުވެރިންނަށްޓަކައި ހަވީރުގެ ސައި ތައްޔާރުކޮށްފައި ހުއްޓެވެ.

"މިވައްދަނީ އިނގޭ. އެ އައީ އެންމެން" ފަހަތުގައި ހުރި އީމާ ޝެލީގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ބުންޏެވެ. ޝެލީ ބޯޖަހާލިއެވެ.

ވަދެގެން ކޮންމެ ކުއްޖެއްގެ ތުންފަތް މަތީގައިވީ ހިތްހެޔޮ ހިނިތުންވުމެކެވެ. އެއިން ކޮންމެ މީހަކާ ނަޒަރު ސީދާކުރަން ދަތިވިޔަސް ޝެލީ އެކަން ކުރިއެވެ. އަލްމާޝް އެދުނު ފަދައިން މާޒީވެފައިވާ ކަންތައްތައް މާޒީއަށް ދޫކޮށްލަން ޝެލީ މަސައްކަތް ކުރަމުން ދިޔައެވެ.

ހުރިހާކުދިންގެ ފަހަތުން ވަދެގެން އައި މީހާ ފެނިފައި ޝެލީގެ އަތްފައި ފިނިވެގެން ދިޔައެވެ. ދިމާވި ހިތްދަތި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ޝެލީގެ ނަޒަރު ސާޖިދުގެ ނަޒަރާ ބައްދަލުވެއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟