ރަޔްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހަފުތާގައި މަޖިލީހަށް ވައްދަން އިދިކޮޅު އިއްތިހާދުން މަސައްކަތް ފަށައިފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޓަކައި މިއަދު މެންދުރާ ހަމައަށް 35 އަށް ވުރެ ގިނަ މެންބަރުން ވަނީ ސޮއިކުރައްވައިފަ އެވެ. އޭގެ ތެރޭގައި ގޮނޑި ނުގެއްލޭ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރި ހަތަރު މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅު އިއްތިހާދަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މިއަދު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް ޕީޕީއެމް އާއި އެމްޑީއޭގެ ވޯޓު ވެސް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ދާދި ފަހުން ގެނައި އިސްލާހު ބުނާ ގޮތުން އެމަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ މަދުވެގެން 42 މެންބަރުންގެ ސޮޔާ އެކުގަ އެވެ. މަޖިލީހުގެ ކުރީގެ ގަވައިދުގައި އޮންނަ ގޮތުން ނަމަ 15 މެންބަރުންގެ ސޮޔާ އެކު ވެސް އެ މައްސަލަ ވެއްދޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމަށާއި ނުދެއްވައިފި ނަމަ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ވަކި ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.