އެކާވީސްވަނަ ބައި
ސާޖިދު އެކޮޓަރިއަށް ވަނުމުން އަލްމާޝް ބޭރުގައި މަޑުކޮށްލިއެވެ. ނިދާފައި އޮތް ޝެލީ ކައިރީގައި ސާޖިދު މަޑުމަޑުން އިށީނެވެ. ބުރުގާގެ ތެރެއިން ފާޅުވާން ހުރި ޝެލީގެ މޫނުގައި ސާޖިދު ކިރިޔާ ތުންފަތްޖެހިލާ ވަރަށް ބޮސްދިނެވެ. ޝެލީގެ އަތުގައި ހިފަހައްޓާލާފައި އެ އަތުގައިވެސް ބޮސްދިނެވެ. އަތްތިލަ ގެންގޮސް ސާޖިދުގެ އަމިއްލަ މޫނުގައި ޖައްސާލިއެވެ. ސާޖިދުގެ އިހުސާސްތައް ނުހިފެހެއްޓުނީ ނިދީގެ ތެރޭގައި އޮތް ޝެލީ ސިހުނުހެން ހީވުމުންނެވެ. އަލުން ޝެލީގެ އަތް މަޑުމަޑުން ބާއްވާފައި ސާޖިދު ދުރަށްޖެހުނެވެ. ދެލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެމުން އެކޮޓަރިން ނުކުތެވެ.
********
ލަކްޔަން ގެއަށް އަންނަންދެން ޝިއުރާ ސޯފާގައި މަޑުކޮށްލައިގެން އިނެވެ. ކުއްލިއަކަށް މީހަކު ދޮރުހުޅުވާލިހެން ހީވީ ޝިއުރާއަށް ނިދިޖެހެމުން ދަނިކޮށެވެ. ރޭގަނޑު އެގާރަގަޑި ބައިވެ ދިޔައިރުވެސް ޝިއުރާ ނުނިދާ އިންކަން އެނގުމުން ލަކްޔަން ދެރަވިއެވެ. ޝިއުރާއަކީ އެހާ ފަތިހާ ހޭލާ މީހަކަށްވެފައި ޝިއުރާގެ އަގުހުރި ވަގުތުތައް ލަކްޔަންގެ ސަބަބުން ބޭކާރުވެގެން ދިޔުމުން ލަކްޔަން އިސްޖަހާލިއެވެ.
"ކިހާއިރެއް ދައްތަ މިތާ އިންނަތާ" އާފުރިލަމުން ޝިއުރާ ބުންޏެވެ.
"ކެއިންތަ؟ ކޮއްކޮއަށް ކާން ހަދާފައި ހުންނާނީ. ހިނގާ ކާން" ލަކްޔަން ބަހެއްނުކިޔާ ހުރުމުން އަނެއްކާވެސް ޝިއުރާ ވާހަކަދެއްކިއެވެ. ނޫނެކޭ ބުނެފައި ކޮޓަރިއަށް ދާން ލަކްޔަން ބޭނުމެއްނުވިއެވެ. އެހެންކަމުން ބަހެއްނުކިޔާ ލަކްޔަން ކާ މޭޒާ ދިމާލަށް ހިނގައިގަތެވެ.
"އަހަރެން ކާހިތެއްނެތް. ޖޫސްތައްޓެއް ދީ" ޝިއުރާ ތައްޓެއް ކައިރި ކޮށްދިނުމުން ލަކްޔަން ބުންޏެވެ. ލަކްޔަން އެދުނު ފަދައިން ޝިއުރާ ޖޫސްތައްޓެއް ދިނެވެ. ލަސްލަހުން ލަކްޔަން ޖޫސްތަށި ބޮމުންދިޔައިރު އިނީ ބަސްމަދުވެފައެވެ.
"ކޮއްކޮ ކިހިނެއް ވިސްނާފައި އޮތީ" ޝިއުރާ އެހިއެވެ.
"ކޮންކަމަކަށް" ލަކްޔަން އެހިއެވެ.
"ދައްތަ މިބުނީ އިކާނުގެ ވާހަކަ" ޝިއުރާ ބުންޏެވެ.
"އިކާނާ މެދު އަހަރެން ނެތިން ވިސްނާކަށް. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކާ މެދު އަމަލުކުރާނެ ގޮތެއް އެނގޭނީ އެތަނުގައި ތިބި ބަޔަކަށް" ލަކްޔަން ބުންޏެވެ. ކިތަންމެ ގަދަވެފައި ވާހަކަދެއްކި ނަމަވެސް ލަކްޔަންގެ އަޑުގައި މޮޅިވެރިކަމާއި ހިތްދަތިކަން އެކުލެވިފައިވާކަން ޝިއުރާއަށް އެނގުނެވެ.
"ކޮންމެގޮތެއް ވިޔަސް އެއީ އަހަރެމެންގެ ދަރިއެއް. ގުދުރަތުން ގާތް ކުރައްވާފައިވާ ގުޅުމެއް އަހަރެމެންނަކަށް ކަނޑައެއްނުލެވޭނެ. ދިހައަހަރު ވިޔަސް އިކާނަށް އަޅާލަން ތިބި ބަޔަކީ އަހަރެމެން" ޝިއުރާ ވާހަކަދެއްކިއެވެ.
"ދައްތަ ތިބުނަނީ އަހަރެން އިކާނު ސަލާމަތްކުރަން މަސައްކަތްކުރާށޭތަ. އެއީ އިންސާފެއްތަ؟ މާދަމާ އޭނާ އެތަނުން ނެރޭއިރަށް އަނެއްކާވެސް އެހެން އަންހެނެއްގެ ގަޔަށް އަރާނީ. މިއީ ފުރަތަމަ ފަހަރެއް ނޫން. އިކާނަކީ މީހަކު ކައިރީގައި އިނދެގެން ރަނގަޅު ކަންތައްތައް އަނގައިން އަނގައަށް އަޅައިދޭހާ ކުޑަ ކުއްޖެއްނޫނޭ ދައްތާ" ލަކްޔަން ވާހަކަދެއްކިއެވެ.
"އިކާނު އެކުރި ކަންތަކަށް ދައްތަ ދުވަހަކުވެސް ތަރުހީބެއް ނުދޭނަން. އަދި އަމުދުން ޝެލީ..... އެއީ ދަރިއެއް ކަހަލަ ކުއްޖެއް. މިގެއަށް އައި ފުރަތަމަ ދުވަހުވެސް ދައްތަގެ ހިތް އެކުއްޖާ މިލްކުކޮށްފި" ޝިއުރާގެ ދެލޯ ފެންކަޅިވިއެވެ.
"އަހަރެން ލަދުން ބޯފަޅައިގެން ހިނގައްޖެ. އޮފީހުގެ މުވައްޒަފުން ކުރިމައްޗަށް އަރަން ނުކެރޭ. ފުލުހުން އެތަން ބަލައި ފާސްކުރިއިރު ބައެއް މުވައްޒަފުން ފޮޓޯވެސް ނެގި. އެގޮތަށް ފޮޓޯނަގައި ވީޑިއޯ ނުކުރާށޭ އެމީހުން ކައިރީގައި އަހަރެން ބުނާނީ ކޮން ދުލަކުން. މާދަމާ ކަންނޭންގެ މީޑިއާ ހިލުވާލާނީ. އޭރުން އަހަރެން އޮންނަން ޖެހޭނީ ގެއިން ނުނިކުމެ" އަސަރާއެކު ލަކްޔަން ބުންޏެވެ.
"އެއީ ނުހިނގާ ކަމަކަށް ނުވާނެ. އަހަރެމެންނަށް އޮތީ ކެތްތެރިކަމާއެކު އެކަންކަމާ ކުރިމަތިލުން" ޝިއުރާ ބުންޏެވެ.
"މިއީ މުޅިންވެސް އަހަރެންގެ ކުށް. ދަރިއަކު ރަނގަޅަށް ތަރުބިއްޔަތު ކުރަން އަހަރެންނަށް ނޭނގެނީ. ދަރިންނަށް ވިޔަސް މިނިވަންކަން ދޭއިރުގައި ހައްދު ކަނޑައަޅަން އަހަރެންނަށް ނޭނގުނީ. ބައްޕައަކަށް ކުފޫ ހަމަވާ މީހެއްނޫން އަހަރެންނަކީ. އިކާން ނުބައި މަގު ހިޔާރުކުރީ އަހަރެންގެ ސަބަބުން. އެއްފަހަރު ކައްޗަށް ފިޔަވަޅު އެޅީމަވެސް ދެވަނަ ފަހަރަށް އަހަރެންނަށް ސަމާލުކަމެއް ނުދެވުނު. މިހެންމިވީ އަހަރެންގެ ފަރުވާކުޑަ ކަމުން" ލަކްޔަން ކާމޭޒުގައި ބޯ އެޅިއެވެ. ހިތުގައިޖެހިފައި އިން ޝިއުރާ ލަކްޔަންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
ދަރިން ނުބައި މަގު ހިޔާރުކުރާ ކޮންމެ ފަހަރަކީ ބެލެނިވެރިން އެކަމަށް ޒިންމާ ނަގަންވީ ކަމެއް ނޫންކަން ބުނެދޭން ޝިއުރާ ބޭނުންވިއެވެ. މައިންބަފައިންގެ ފަރާތުން ދަރިން ގޯސްވާނަމަ ގޯސްވާން ޖެހޭނީ ހުރިހާ ދަރިންނެވެ. ސިޔާއަކީ މުޅި އުމުރު ބަފައެއްގެ ހިޔާވަހިކަމުގައި ބޮޑުވި އަންހެންކުއްޖެކެވެ. އިކާން ފަދައިން ސިޔާވެސް ތައުލީމު ހާސިލުކުރީ ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުންނެވެ. ސިޔާގެވެސް ރާއްޖެއިން ބޭރު އެކުވެރިން ގިނައެވެ. ސިޔާވެސް ވަޒީފާ އަދާކުރެއެވެ. އިކާން ކުރި ފަދަ ނުބައި ކަމެއް ސިޔާ ނުކުރާނެކަން ޝިއުރާއަށް ޔަގީނެވެ. އަމިއްލަ ނަފުސު ކުށްވެރިކޮށް ލަކްޔަން ރޯން އޮތް މަންޒަރު ބަލަން ޝިއުރާއަށް ކެތްނުވިއެވެ. އިސާހިތަކު ޝިއުރާއަށް ވެސް ރޮވިއްޖެއެވެ.
"ބަލާބަ ސިޔާ. އެއީ ކޮއްކޮ ރަނެއް މަލެއްހެން ބޮޑުކުރި ކުއްޖެއް. އެކުއްޖާއަށްޓަކައި ނަމަވެސް ތިހިތާމަތައް ކުރުން ހުއްޓާލަބަލަ" ޝިއުރާ ބުންޏެވެ. އެހެންނަމަވެސް ލަކްޔަންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
*********
ގޭތެރޭގައި އެކި ކުލަކުލައިގެ ކަރުދާހުން ޖަރީކުރަމުން ދިޔައެވެ. ޝެލީއަށް ރީތިވާނެހާ ކުލަތަކެވެ. ހެނދުނުން ފެށިގެން އަފާފް ފެންނަނީ އަލްމާޝްއާ އެކުގައި އުޅޭ ތަނެވެ. ޝެލީއަށްޓަކައި ސްޓޯބެރީ ކޭކެއް އަފާފް ތައްޔާރުކުރިއެވެ. ކާމޭޒުމަތި ފުރާލާފައިވަނީ ޝެލީއަށް އެންމެ މީރު ސިގްނޭޗާ ޕިއްޒާ ތަކުންނެވެ.
ފާރުގައި ކަރުދާސް ތަތްކުރަމުން ދިޔަ މިކާލްއަށް އެހީވެދިނުމަށް ސޯފާގައި އީމާ ކަރުދާސް ކަފައިދޭން އިނެވެ. މިއަދު ޝެލީ ހޮސްޕިޓަލުން ދޫކޮށްލާކަން އެނގުނު ފަހުން ގޭތެރެއަށް ވެރިވެފައިވަނީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ.
"މަންމާ، އަޅުގަނޑު މިދަނީ ހޮސްޕިޓަލަށް. މާން ބޭރަށް ނުކުމެލަން އެބަޖެހޭ" ބަދިގޭގައި އުޅުނު އަފާފާ ވާހަކަދައްކަން އިން ފަޒްނާއަށް ގޮވާލާފައި އަލްމާޝް ބުންޏެވެ.
********
މެންދުރު ގެއަށް ކާން އައިސް އިން ލަކްޔަން މަޑުކޮށްލައިގެން އިނީ ޝިއުރާ މަސައްކަތް ނިންމާފައި އަންނަން ދެނެވެ. ކޮފީތަށި ހިފައިގެން ގޮސް ލަކްޔަން މަޑުކޮށްލީ ކޮޓަރީގައެވެ. ބޭރުން ފެންނަ މާލޭގެ އިމާރާތްތަކަށް ބަލަހައްޓައިގެން ލަކްޔަން ހުރީ ވިސްނުމެއްގައެވެ.
"ކޮންވާހައެއް ބުނަންވެގެންތަ އުޅުނީ؟" ލަކްޔަން އެނބުރި ބަލައިލީ ފަހަތުން ޝިއުރާގެ އަޑު އިވުމުންނެވެ.
"ޝެލީ އޮތީ އަދިވެސް ހޮސްޕިޓަލުގަތަ؟ ބައްދަލުކޮށްލަން ދާންކަމަށް. ޝެލީގެ މައިންބަފައިން ކައިރިން މައާފަށް އެދެންޖެހޭނެ" ލަކްޔަން ބުންޏެވެ.
"ތިއީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު މިގޮތަށް ވިސްނަބަލަ. މާފަށްއެދުނީމަ އެއީ ނުހިނގާ ކަމަކަށް ވާނެތަ؟" ޝިއުރާ ބުންޏެވެ.
"ނުވާނެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ކަންނޭނގެ" ލަކްޔަން ބުންޏެވެ.
"ކޮއްކޮ ދޭ. ދައްތައަށް ލާހިކެއްނޫން. ސިޔާ ބުނި ޝެލީ އަދި އޮތީ ހޮސްޕިޓަލުގައޭ" ޝިއުރާ ބުންޏެވެ.
އިތުރަށް ލަސްކުރަން ލަކްޔަން ބޭނުމެއް ނުވިއެވެ. ތައްޔާރުވެގެން ކޮޓަރިން ނުކުމެ ލަކްޔަން ޓަކިޖެހީ ސިޔާގެ ކޮޓަރީގައެވެ. ދޮރުހުޅުވާލި ސިޔާއަށް ހައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް ލަކްޔަން އިތުރު ސުވާލެއްކޮށްފާނެތީ އިސްޖަހާލިއެވެ. ލަކްޔަން ސިޔާގެ ބޮލުގައި ފިރުމާލިއެވެ. އިކާން އެ ޝައިތާނީ އަމަލުގެ ސަބަބުން ސިޔާ ވަޒީފާއަށް ނުނިކުންނަތާ ދެ ދުވަސް ވެއްޖެއެވެ.
"ޝެލީ އޮތީ ކޮން ހޮސްޕިޓަލެއްގަ؟" ލަކްޔަން އެހިއެވެ.
"އޭޑީކޭ ގަ" ސިޔާ ބުންޏެވެ. "ބައްޕަ ދާންތަ؟ އަޅުގަނޑު ގެންދަންވީނުން" ސިޔާ އެދުނެވެ.
ކާރުގައި އިން ލަކްޔަން މަޑުކޮށްގެން އިނީ ސިޔާ ނުކުންނަންދެނެވެ. އިރުކޮޅަކާ އަތުގައި އޮތް ގަޑިއަށް ބަލައިލައެވެ. ލަކްޔަންގެ ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއެވެ. ނުދަންނަ ނަންބަރެކެވެ. ލަކްޔަން ފޯނު ނެގިއެވެ.
"ބައްޕާ" ފޯނު ނެގުމާއެކު ލަކްޔަންއަށް ހުއްޓުމެއް އައެވެ. އިވުނީ އިކާންގެ އަޑު ނޫން އެހެން އަޑެއް ނޫނެވެ. ލަކްޔަން މަސައްކަތް ކުރި ނަމަވެސް ފޯނު ކަނޑައެއްނުލެވުނެވެ. އިކާންގެ ހާލު އަހާލަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ.
"ބައްޕާ،" ދެވަނަ ފަހަރަށް އިކާން ގޮވާލިއެވެ.
"މިގުޅީ ވަކީލެއް ހަމަޖައްސައިދޭތޯ" އިކާން ބުންޏެވެ. ލަކްޔަން ދަތްކުނޑި ވިކާލިއެވެ. ވަކީލެއް ހޯދުމަށް ލަކްޔަންއަށް ގުޅީތީވެސް ލަކްޔަން ރުޅިއައެވެ.
"ލަދެއްވެސް ނުގަނޭތަ ކަލޭ މަށަށް ގުޅަން. ހަބަރުދާރު. މަށަށް ބައްޕަ ކިޔައިގެން ނުވާނެ. ތިއީ އަހަރެންގެ ދަރިއެއް ނޫން" ލަކްޔަންގެ ހަރުކަށި ބަސްތައް އިވުމާއެކު އިކާން ދެން ބަހެއް ނުކިއިއެވެ. ފޯނު ކަނޑާލީ ލަކްޔަންއެވެ.
"ކޮބާ ދާންވީ ދޯ" ސިޔާ ކާރަށް އަރައިފިކަން އިނގުމާއެކު ލަކްޔަން ބުންޏެވެ.
**********
"ހުރިހާ ބިލްތަކެއް އެހުރީ ކްލިއާކޮށްފަ. އަހަރެން ވަރަށް އަވަހަށް މައްޗަށް އަރާފައި މި އިންނަނީ" ނިމާން ބުންޏެވެ. އަލްމާޝް ހީލުމުން ނިމާން ނުކުތީ ބޭރަށެވެ. އެނދުމަތީގައި ޕެކްކޮށްފައި ހުރި ކޮތަޅުތައް ކަބަޑުމަތީގައި ބަހައްޓާފައި އަލްމާޝް އިށީނީ އެނދުގައެވެ. ޝެލީ އިސްޖަހައިގެން އެނދުގައި އިނެވެ. އެތައް ދުވަހަކަށްފަހު ޝެލީ ރީތިވެގެން އިންއިރު އައިބުކަމެއް ހުއްޓެވެ. އެހެންޏާ އެ މޫނުމަތިން ފެންނަ އުޖާލާކަމެއް ނުފެނެއެވެ. ހިނިތުންވުމާއި މައުސޫމުކަން ގެއްލިއްޖެއެވެ. ގިނަ ދުވަހު ބަލި ތަންމަތީގައި އޮވެފައި ތެދުވެ އިން މީހެކޭ ޝެލީ އެކޭ ތަފާތެއްނެތެވެ. ލައިގެން އިން ހެދުމާ ގުޅުވައިގެން ޝޯލް އެޅުވީވެސް އަލްމާޝްގެ އެތައް މަސައްކަތަކުންނެވެ.
ޝެލީގެ މޫނަށް އަލްމާޝް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ކޮންމެ ހާލެއްގައި އިނަސް ޝެލީއަކީ އަލްމާޝްގެ މުޅި ހަޔާތެވެ.
"ފީލިންގް އެކްސައިޓެޑް" އަލްމާޝް އެހިއެވެ. ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ. ހަގީގަތުގައިވެސް ޝެލީ އުފަލެއް ނުވެއެވެ. ދިރިއުޅުން މަތިން ޝެލީ ހުރީ ފޫހިވެފައެވެ. ދިރިއުޅެން މަޖުބޫރުވެފައިވާ މީހެއް ފަދައެވެ.
"ދެން ތިހެން ނީނދެބަލަ ދަރިފުޅު" ޝެލީގެ މޫނުގައި ފިރުމާލަމުން އަލްމާޝް ބުންޏެވެ.
ޝެލީ އަލްމާޝްގެ މޫނަށް ބަލައިލިއެވެ. ދެން ހިނިތުންވުމެއް ތުންފަތަށް ގެނުވިއެވެ. އެއީ ގަދަކަމުން ޝެލީ ކުރި ހިއްވަރެއްކަން އަލްމާޝްއަށް އެނގުނެވެ.
**********
އޭޑީކޭއަށް ވަދެފައި ދާނެ ވަކި ދިމާލެއް ލަކްޔަންއަށް ނޭނގުނެވެ. ހޮސްޕިޓަލުތަކަށް ލަކްޔަން އަލެވެ. ޝެލީ އޮތީ ޕްރައިވެޓް ކޮޓަރިއެއްގައި ކަން ސިޔާ ބުނުމާއެކު ލަކްޔަން ހިނގައިގަތެވެ. ތަނުގެ މުވައްޒަފެއްގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ ލަކްޔަން ހުއްޓުނީ އެމީހުންނާ ދިމާލަށް އައި ނިމާން ފެނިފައެވެ. ފުރަތަމަ ބަލައިލުމާއެކުވެސް ނިމާނަށް ލަކްޔަން ފާހަގަވިއެވެ. ލަކްޔަން ހީލިއެވެ. ދެމީހުން އެކަކު އަނެކަކާ ކުރިމަތިވާނެހެން މަޑުކޮށްލިއެވެ. ކުރިން ސަލާމަށް އަތްދިއްކޮށްލީ ނިމާނެވެ.
"އައްބާސްބެ ރަނގަޅުތަ؟" ނިމާން އެހިއެވެ.
"އަލްހަމްދުލިއްލާހް. ވަރަށް ރަނގަޅު" ލަކްޔަން ބުންޏެވެ.
"ދަރިފުޅުތަ؟" ކައިރީގައި ހުރި ސިޔާއަށް އިޝާރާތްކޮށްފައި ނިމާން އެހިއެވެ. ސިޔާއަށް ބަލާލައިފައި ލަކްޔަން ބޯޖަހާލިއެވެ.
"މަޑުކުރެވޭކަށް ނެތް ވަގުތުގެ ގޮތުން. ވަރަށް މުހިންމު ކަމެއްގަ މިއުޅެނީ" ލަކްޔަންގެ ކޮނޑުގައި ޖަހައިލަމުން ނިމާން ބުންޏެވެ. ހީލާފައި ނިމާން ދިޔަ ދިމާލަށް ފަހަތަށް އެނބުރި ލަކްޔަން ބަލައިލިއެވެ. އަލްމާޝްގެ ހާލު އަހާލަން ކިތަންމެ ފަހަރަކު ލަކްޔަންގެ ހިތް އެދުނެވެ. އެހެންނަމަވެސް ދުލު ކުރިއަށް އެންމެ ލަފްޒެއްވެސް ނައެވެ.
"ޝެލީދައްތަގެ ބައްޕަ ވަރަށް ސްޓްރޯންގް ދޯ" ސިޔާ ބުންޏެވެ.
"ދަރިފުޅު ކޮންތާކުން ޝެލީގެ ބައްޕަ ދުށީ" ކުރިއަށް ހިނގައިގަންނަމުން ލަކްޔަން އެހިއެވެ.
"އެދިޔައީނު. ބައްޕަގެ ފްރެންޑެއް ކަމެއް ނޭނގޭ ކުރިއަކުން" ސިޔާ ބުންޏެވެ. ސިޔާގެ ޖުމްލައާއެކު ލަކްޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެތެރެހަށީގައި ހިނގަމުން އައި ލެއަށް އަރައިގެންދިޔަ ފިނިގަނޑާއެކު ހިތް މޮޅިވެލައިފިއެވެ. އިސާހިތަކު ލަކްޔަންގެ މޫނުމަތިން އެކަމުގެ އަސަރުތައް ފެންނަން ފަށައިފިއެވެ. ލަކްޔަން ހީކުރި ގޮތަށް ޝެލީއަކީ އަލްމާޝްގެ ދަރިފުޅުކަން ޔަގީންވި ހިނދު ހީވީ ދުވަހަކުވެސް އަރައިނުގަނެވޭނެ ވޭނެއް ހަށިގަނޑުގައި އުފެދުނު ހެންނެވެ. ކުރިއަށް ހިނގައިގަންނަންވެސް ލަކްޔަންއަށް ދަތިވިއެވެ. ފާރުގައި ހިފަހައްޓާލެވުނީ ބޮލަށް އެނބުރުން އަރައިގެންނެވެ.
"ބައްޕާ، އާރް ޔޫ އޯކޭ" ސިޔާއަށް ލަކްޔަންގެ އަތުގައި ހިފެހެއްޓުނެވެ. އެވަގުތު ލަކްޔަން ސިޔާއަށް ބަލައިލިއެވެ. ލަކްޔަން ދިން ހިނިތުންވުމުން ސިޔާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގެ ނިވަލުގައިވި ވޭނާއި ކެކުޅުން ސިޔާއަށް ނަގައިނުގަނެވުނެވެ.
"ބައްޕަގެ ބޮލުގައި ކުއްލިއަކަށް ރިއްސަން ފަށައިފި" ލަކްޔަން ބުންޏެވެ.
"ބައްޕަ މިތާ އިށީންނަންވީނުން. އަޅުގަނޑު މި އަންނަނީ ފެން ފުޅިއެއް ގަނެގެން" ސިޔާ ބުންޏެވެ. އެގޮތާ ލަކްޔަން ރުހުނެވެ. ފެންފޮދަކުން ނަމަވެސް އޭނާގެ ހިތަށް ހަމަޖެހުން ގެނުވަން ލަކްޔަން ހުރީ ބޭނުންވެފައެވެ. ސިޔާ ހިނގައިގަތުމުން ލަކްޔަން ވަކިން ހުރި ގޮނޑިބަރީގައި އިށީނެވެ.
*********
ނިމާން އެތެރެއަށް ވަންއިރު ޝެލީ ގެ އެނދު ހުރީ ހުސްކޮށެވެ. އަލްމާޝް ވެސް ފެންނަން ނެތެވެ. ފާހާނާއިން ޝެލީ ކުކުރާލި އަޑު އިވުނެވެ. އެހިނދު އެ ދެމައިން ވީ ފާހާނާއިގައި ކަން ނިމާނަށް އެނގުނެވެ. އަތުގައި އޮތް ޝެލީގެ މެޑިކަލް ޑޮކިޔުމެންޓްތައް ހުރި ފައިލް ކަބަޑު މަތީގައި ބާއްވާފައި ނިމާން އިށީނެވެ. ގެންދަން ބޭނުންވާ ހުރިހާ ސާމާނެއް ހުރީ ތައްޔާރުކޮށްފައެވެ. ފޯނު ނަގާފައި ނިމާން ގުޅީ މިކާލްއަށެވެ.
"މަގުމަތީގަ. ކުޑައިރުކޮޅަކުން ކައިރި ކުރާނަން" މިކާލް ބުންޏެވެ.
ޝެލީގެ ގައިގައި ހިފަހައްޓައިގެން ފާހާނާއިން ނުކުތް އަލްމާޝް ނިމާނަށް ފަނޑު ހިނިތުންވުމެއް ދިނެވެ. އޭރުވެސް ޝެލީގެ މޫނުމަތިން ވޭނެއްގެ އަސަރު ފާޅުވާން ހުއްޓެވެ. އެނދުގައ އިށިން އިރުވެސް ޝެލީ އުޅުނީ ހާލެއްގައެވެ. ވިހައިގެން އުޅޭ އަންހެނެކޭ ޝެލީއެކޭ ތަފާތެއް ނެތެވެ. ޝެލީއަށް ބަލައިލިގޮތަށް ނިމާން ހިންދިރުވާލިއެވެ. ލޯބިވާ ދަރިފުޅުގެ ހަށިގަނޑުގައި އަޅަމުން އެދާ ވޭން ނިމާނަށް ފިލުވާލެވޭނެ ނަމައޭ ބުނާ ކަހަލަ ގޮތަކަށް ޝެލީއަށް ބަލަމުން ދިޔައެވެ.
"އަދިވެސް ނުވޭ ދާކަށް؟" އަލްމާޝް އެހިއެވެ.
"މިކީ އެބައާދޭ. ގުޅީމަ ނުކުންނަންވީ" ނިމާން ބުންޏެވެ.
**********
ސިޓިންރޫމުން ނުކުމެވޭ ބެލްކަނީގައި ހުރި ހުދު ކުލައިގެ މޭޒުމަތީގައި ހެދިކާ އާއި ތަފާތު ވައްތަރުގެ ބިސްކޯދު ހުއްޓެވެ. މޭޒު ކައިރީގައި ތިން ގޮނޑި ހުރިއިރު ދެ ގޮނޑީގައި ޒުމްރާ އާއި ސިރާޖް އިނެވެ. ހުސްކޮށް ހުރީ ރާވީ އިންނަންވީ ގޮނޑިއެވެ.
"ކީކޯ ބުނީ؟" ސިރާޖްގެ ކަންފަތާ ފޯނު ދުރަށް ޖައްސާލިތަން ފެނުމުން ޒުމްރާ އެހިއެވެ.
"އެބަ އާދޭ. ޒުމްވެސް ކަންތައް ތިކުރަނީ ރަނގަޅަކަށް ނޫން ވިއްޔާ. މިޒަމާނުގައި އެކަހަލަ ފިރިހެން ދަރިއެއް ހުރެދާނެތަ؟ ޒުމްގެ ކިހާ ބަސްގަބޫލުކުރާ ކުއްޖެއް އެއީ" ސިރާޖް ބުންޏެވެ. ފޯނު މޭޒު މަތީގައި ބާއްވާފައި ތަށި ތެރެއިން ބިސްކޯދެއް ނަގައި ހަފަން ފެށިއެވެ. އެއްޗެއް ބުނަން އުޅޭހެން ހީވުމުން ދެން ބަލައިލީ ޒުމްރާގެ މޫނަށެވެ.
"އަހަރެން ކިހިނެއް ކަންތައްކުރީ. އިކާނަށް ދިމާވިގޮތް ނިކަން ވިސްނަބަލަ. އެކަހަލަ ކަމެއްގައި ރާވީ ބެދެން ބޭނުންނުވާތީ އަހަރެން ބުނީ ގިނަވަގުތު ގެއިން ބޭރުގައި ނޫޅޭށޭ" ޒުމްރާ ބުންޏެވެ.
"އެއީ ޒުވާން ފިރިހެން ކުއްޖެއް. ހަށިގަނޑުގައި ހިނގާނީ ޒުވާން ލޭ. އެ އުމުރުގައި އަންހެންކުދިންނާއެކު އެންޖޯއި ކުރުމަކީ އެހާ ކަމެއް ނޫން" ސިރާޖް ބުންޏެވެ. ޒުމްރާ ސިރާޖްގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. އެއްޗެއް ބުނަން އުޅުނު ވަގުތު ރާވީ އައިސް ހުއްޓިއްޖެއެވެ. ލައިގެން ހުރި ޓީޝާޓުގައި ރޫޖެހިފައި ހުރުމުން ޒުމްރާގެ ވިސްނުން ދިޔައީ އެދިމާލަށެވެ.
"ވަރަށް ނިދާލައިފިން ދޯ. އިށީނދޭ ސައިބޯން" ޒުމްރާ ބުންޏެވެ. ދެން ރާވީގެ އަތުގައި ހިފާފައި ހުސްކޮށް ހުރި ގޮނޑި އާ ގާތަށް ޖައްސާލިއެވެ. ދެން ގޭތެރޭގައި ގެންގުޅޭ މީހާއަށް ގޮވާލާފައި ރާވީއަށް ކޮފީ ގެނެސްދޭން އެދުނެވެ.
"އެބަޖެހޭ ކުޑަކޮށް ވިޔަފާރިކޮށްލަން ދާން" ރާވީ ބުންޏެވެ.
"ކޯޗެއް ގަންނަން. ރާވީ ދާނެކަމެއް ނެތް. މަންމަ ގެންދީފާނަން" ޒުމްރާ ބުންޏެވެ. އެހިނދު ރާވީ އާއި ސިރާޖު އެކީގައި ކަހަލަ ގޮތަކަށް ޒުމްރާއަށް ބަލައިލިއެވެ.
"ކަމޯން މަމް. މިއީ ކުޑަކުއްޖެއްނޫނޭ. މަމް ހީވަނީ އަހަރެން ޗޭނު ޖަހައިގެން ގެންގުޅޭހެން" ރާވީ ހިތްހަމަނުޖެހުނެވެ. މިފަހަރު ޒުމްރާ ބަހެއް ނުބުންޏެވެ.
"އިކާން ގުޅީ. ހައްޔަރަށް ގެންދިޔަ ފަހުން ފެންވެސް ނުވަރާ އެހުންނަނީ. ލާނެ ހެދުމެއް ނެތީމަ. ލަކީބެ ކައިރީގަ އެދުނީމަ ވަކީލެއް ހަމަޖައްސައި ނުދިންތާ ރީތިވާ އެއްޗެއްވެސް ފޮނުވައިނުދިނޭ ގުޅާފައި ބުނީ. މިއަދު އަހަރެން ނޫނީ އިކާނަށް އެހީވާން ހުރީ ކާކު؟" ރާވީ އަސަރާއެކު ވާހަކަދެއްކިއެވެ.
"ލަކީވެސް މާ އޯވާ ވަނީ އޭ. އަޅެ ދެން އެކުއްޖާ އެކުރީ ނުފުއްސަވާވަރުގެ ފާފައެއްތަ؟" ސިރާޖް ބުންޏެވެ.
"ބައްޕަ އަޅެ ބަލައިދީބަލަ ރަނގަޅު ވަކީލެއް ހަމަޖެހޭތޯ. އަހަރެން ބޭނުން އިކާން ސަލާމަތްކުރަން. ބައްޕަ މިކަމާ އުޅެފިއްޔާ މިއީ އުނދަގުކަމެއް ނޫން. ބައްޕަގެ ނުލާހިކު ގާތް މީހުން އެތިބެނީ މަތީ ފަންތީގަ" ރާވީ ބުންޏެވެ.
"ތިއީ ކޮންކަހަލަ ބައެއްތަ؟ އިކާން ސަލާމަތްކުރަން ލަކީ ނޫޅޭ ވަރަކުން ރާވީ ތިއުޅެނީ ކީއްކުރަން. އިކާން އެކުރީ ކުޑަކަމެއްނޫނޭ. ތި ދެބަފައިންގެ ވިސްނުން ތިހުރި ގޮތަކުން އަހަރެން ހަމަ ހައިރާންވެއްޖެ. މިއަދު ރާވީގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަކަށް އެހެން ފިރިހެނެއްގެ ފަރާތުން މިކަހަލަ ކަމެއް ދިމާވި ނަމަވެސް ތިކަހަލަ ވިސްނުމެއްބާއޭ ހިތަށް އަރާ ގެންގުޅޭނީ" ހިތްހަމަނުޖެހިފައި ޒުމްރާ ވާހަކަދެއްކިއެވެ. ދެން އަތުގައި ހުރި ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި ތެދުވެގެން ދިޔައެވެ.
"ޑޯންޓް ވޮރީ. ބައްޕަ ރާވީ ބުނިއްޔާ ނުކުރާނެ ކަމެއް ނޯންނާނެ. މަންމަ އާ މެދު ހާސްނުވޭ. ބައްޕަ މަންމަ އާ ވާހަކަދައްކާނަން" ރާވީގެ ކޮނޑުގައި ޖަހައިލަމުން ސިރާޖް ބުންޏެވެ.
**********
ސިޔާ ދިއްކޮށްލި ފެންފުޅީގައި ހިފާފައި ލަކްޔަން ޝުކުރުއަދާކުރިއެވެ. ފެންފުޅި ކަނޑާލާފައި ކަނާތްފަރާތަށް ބަލައިލީ ވަކި އެއްޗެއް ހިތަށް އަރައިގެނެއް ނޫނެވެ. ޝެލީ ބައިންދާފައި އިން ފުރޮޅުލީ ގޮނޑި ދުއްވަމުން އައީ ނިމާނެވެ. ކައިރީގައި ކޮތަޅުތަކެއް ހިފައިގެން ހުރި އަލްމާޝް ފެނި ލަކްޔަންގެ ހިތުގެ ވިންދު ދެ ގުނަ އަވަސްވެލިއެވެ. އެހެންނަމަވެސް އެދިމާލަށް މާގިނައިރު ބަލަން ހުންނަން ލަކްޔަންއަށް ނުކެރުނެވެ. ނިމާންގެ އާއިލާ ކުރިމަތިން ހުރަސްކުރިއިރު ލަކްޔަން އިނީ އިސްއޮބާލައިގެންނެވެ. ނިމާންވެސް ވަށައިގެން ތިބި މީހުންނަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"ޝެލީދައްތަ،" ދުރުން ޝެލީ ފެނުނީއްސުރެ ފެށިގެން އޮބާލަންދެން ބަލަހައްޓައިގެން ހުރެފައި ސިޔާ ގޮވާލިއެވެ. ޝެލީ އިންގޮތުން ސިޔާއަށް ގޮވާލަންވެސް ނުކެރިފައި ހުރެވުނީއެވެ.
"ފަހުން ބައްދަލުކުރާނީ. މިހާރު ހިނގާ ގެއަށްދާން" ކުރިއަށް ހިނގައިގަތް ސިޔާގެ އަތުގައި ހިފަމުން ލަކްޔަން ބުންޏެވެ.
ގޮނޑީގައި އިން ޝެލީ އުރާލާފައި ކާރާ ދިމާލަށް ދިޔަ ނިމާންގެ އާއިލާއަށް ބަލަހައްޓައިގެން ދޮރާ މާދުރުނޫން ހިސާބެއްގައި ލަކްޔަން ހުއްޓެވެ. ހިތުގައިޖެހިފައި ހުރި ސިޔާގެ ދެލޮލުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ފައިބަމުން ދިޔައީ ނިމާނަށް އެހީވަމުން ދިޔަ މިކާލް ފެނިފައެވެ. އެހެންނަމަވެސް އިތުރު މީހަކަށް ސިޔާގެ ކަރުނަތައް ފާހަގަވުމުގެ ކުރީގައި ފޮހެލައިފިއެވެ.
އަނެއްފަރާތުން ކާރަށް އަރަން ދިޔަ އަލްމާޝްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އޭނާއަށް ބަލަހައްޓައިގެން ހުރި ލަކްޔަން ފެނިފައެވެ. އަލްމާޝްއަށް ހީލަންވެސް ނޭނގުނެވެ. ލަކްޔަންގެ ދެލޮލުން އަލްމާޝްއަށް ފެނުނީ މީގެ އަހަރުތަކެއް ކުރިންވެސް އޭނާއަށްޓަކައި ލަކްޔަންގެ ދެލޮލުން ދުށް ނިމުމެއްނެތް ލޯތްބެވެ. އަލްމާޝްއާ ވާހަކަދައްކާލުމަށް އެދޭ ފަދަ ގޮތަކަށް ލަކްޔަންގެ ދެ ތުންފަތް ހެލިލިހެން ހީވި ވަގުތު އަލްމާޝް ލަކްޔަން އިން ނަޒަރު ވަކިކޮށް ކާރަށް އަރައި އިށީނދެލިއެވެ. ކައިރީގައި އިން ޝެލީގެ އަތްތިލަ އަތުތެރެއަށް ލާފައި އަލްމާޝް ލަކްޔަން ހުރި ދިމާލަށް ބަލައިލިއެވެ. އަދިވެސް ލަކްޔަން ހުރީ ބަލަހައްޓައިގެންނެވެ.
(ނުނިމޭ)