ވިހިވަނަ ބައި
ކުރިމަތީގައި ތިބި ފުލުހުންގެ ޓީމު ފެނުމާއެކު ޝިއުރާ ހާސްވިއެވެ. ވީކަމެއް ނޭނގި ޝިއުރާއަށް ފުރަތަމަވެސް ގޮވާލެވުނީ އައްބާސް އަށެވެ. ގަމީހުގެ ގޮށް އަޅުވަމުން ނުކުތް އައްބާސް ފުލުހުންނަށް އިހުތިރާމު އަދާކުރިއެވެ. ގޭތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އަތުގައި އޮތް ކޯޓު އަމުރު ފުލުހުން ދިނީ އައްބާސް އަތަށެވެ.
****
ގޭދޮރު މައްޗަށް މަޑުކޮށްލި ކާރުން ފޭބީ ލަކްޔަންއެވެ. ޑިކީން ފޮށި ނަގައިގެން އައިސް ފާރު ކައިރީގައި ލަކްޔަން މަޑުކޮށްލީ ފޯނު ކަންފަތުގައި ޖަހަމުންނެވެ. ހަފުތާއަކަށްފަހު އާއިލާ މީހުން ތިބި ފަސްގަނޑަށް އާދެވުމުން ލަކްޔަންއަށް ލިބިފައިވަނީ ހިތްހަމަޖެހުމެކެވެ.
"ތިކަން ނިންމާލާފައި ޖައްސާލައްޗޭ. މިއަދު އެބަޖެހޭ ތަނަކަށް ދާން،" ލަކްޔަން ފޯނުން ވާހަކަދައްކަމުން ދިޔައީ ސިރާޖާއެވެ.
"އިކާންގެ އުފަންދުވަސް މިއޮތީ ބޯމަތީގައި. މިފަހަރު މިއައީ އެންމެ މަޝްހޫރު ބްރޭންޑްގެ ކާރެއް ގަނެފައި. މިއަދު އަންނާނެ މިކޮޅަށް. އަނެއްކާ ރާވީ ކައިރީގައި މިކަހަލަ ވާހަކައެއް ނުދައްކާތި. އޭރުން މަގޭ ސަޕްރައިޒް ފަނިވާނީ،" ލަކްޔަން ވާހަކަދެއްކިއެވެ. ގޭތެރެއަށް ވަދެ ލިފްޓާ ދިމާލަށް ދިޔައިރުވެސް ލަކްޔަން ހުރީ ފޯނުގައެވެ. ލިފްޓަށް އަރާފައި ފޯނު ކޯލު ނިންމާލުމަށްފަހު ލައިގެން ހުރި ޖީންސުގެ ޖީބަށް ފޯނު ކޮށްޕާލިއެވެ.
****
ކޯޓު އަމުރު ކިޔަމުންދިޔަ އައްބާސްގެ ފައިގައި ރޫރު އަޅަން ފެށިއެވެ. ޝިއުރާ ކަންބޮޑުވެފައި އައްބާސްގެ އަތުގައި ހިފެހެއްޓިއެވެ. ސޯފާގައި އިން ސިޔާވެސް ދުވެފައި އައިސް އައްބާސްގެ ގައިގައި ހިފެހެއްޓިއެވެ. އިސާހިތަކު ތުރުތުރު އަޅަމުންދިޔަ ކަރުދާސްގަނޑު އައްބާސް އަތުން ދޫވެ ތިރިއަށް ވެއްޓުނެވެ. ކޯޓު އަމުރު ނެގީ ފުލުހުންގެ އޮފިސަރެކެވެ. ވެއްޓެންދިޔަ އައްބާސްގެ ހަށިގަނޑުގައި ދެ އަންހެނުންނަށް ނުހިފެހެއްޓުނެވެ. އެހެންނަމަވެސް ގޭތެރޭގައި ތިބި ފުލުހުންގެ ޓީމުން އައްބާސްއަށް އެހީތެރިވިއެވެ.
"ބައްޕާ.... ބައްޕައަށް ކިހިނެއްވީ؟" ސޯފާގައި ދިގަށް ބޭއްވި އައްބާސް ފެނުމާއެކު ހުޅުވާފައި ހުރި ދޮރަށް އެރި ލަކްޔަން ބުންޏެވެ. ޝިއުރާއާއި ސިޔާ އެކުގައި އަޑު އައި ދިމާލަށް ބަލައިލިއެވެ. ލަކްޔަން ދުވެފައި އައިސް އައްބާސްގެ އަތުގައި ހިފެހެއްޓިއެވެ. ވިންދު ޗެކްކޮށްލިއެވެ. ފަހަތުގައި ތިބި ފުލުހުންނަށް ޝުކުރުއަދާކޮށްފައި އަނެއްކާވެސް ލަކްޔަން އެނބުރުނީ އައްބާސްއާ ދިމާލަށެވެ. ސިޔާ ގެނައި ފެންތަށި އައްބާސްގެ މޫނުގައި އުނގުޅަމުން ދިޔައިރު ފުލުހުންގެ ޓީމުން ގޭތެރޭގައި މަޑުކޮށްލައިގެން ތިއްބެވެ. އެ އާއިލާއަށް ވަގުތު ދީގެންނެވެ. ލަސްލަހުން އައްބާސް ދެލޯ ހުޅުވާލުމާއެކު ލަކްޔަންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
"ދަރިފުޅާ" އައްބާސް ލަކްޔަންއަށް ގޮވާލިއެވެ. އައްބާސްގެ އަޑު އައި ގޮތުންވެސް ގޭތެރޭގައި ހިނގީ އާދައިގެ ކަމެއް ނޫންކަން ލަކްޔަންއަށް އެނގުނެވެ.
"ފުލުހުން.... މިގޭގަ ކީއްކުރަނީ؟" ލަކްޔަން ޝިއުރާއާ ދިމާލަށް އެނބުރުނެވެ. ވާނުވާ ނޭނގިފައި ހުރި ޝިއުރާ ދެކޮނޑު އަރުވައިލިއެވެ. އެވަގުތު ލަކްޔަން ފުލުހުންގެ ޓީމުގައި އެންމެ އިސްކޮށް ހުރި މީހާގެ ކުރިމަތީގައި ހުއްޓުނެވެ. އޮފިސަރު ކޯޓު އަމުރު ލަކްޔަންއާ ހަވާލުކުރިއެވެ. ޝިއުރާވެސް އައިސް ލަކްޔަން ކައިރީގައި ހުއްޓިފައި ކޯޓު އަމުރުގައި އޮތް އެއްޗެއް ބަލައިލިއެވެ.
"ވަޓް؟" ލަކްޔަންއަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ބޯމަތީގައި މީހަކު ބަރު އެއްޗަކުން ޖެހިހެން ހީވިއެވެ. ލޯމަތިން މަންޒަރުގެ ފޮޓޯ ކެނޑިގެން ދިޔަހެން ހީވެ ފަހަތަށް ދެތިން ފިޔަވަޅު އެޅުނެވެ. ލޭ ހޫނުވެ ހިތުގެ ހިނގުން އަވަސްވިއެވެ.
"މުހައްމަދު އިކާން މިވަގުތު ގޭގައި އުޅުއްވާނަމަ ގޮވާލެއްވުން އެދެން،" އޮފިސަރު ބުންޏެވެ. އަނގަމަތީގައި އަތްއަޅައިގެން ހުރި ޝިއުރާވެސް ހުރީ ޝޮކެއްގައެވެ. އައްބާސްގެ ކޮނޑުގައި ބޯއަޅައިގެން ރޯން އިން ސިޔާއަށް ޝިއުރާ ބަލައިލިއެވެ.
"އިކާން" އަޑަށް ބާރުލާފައި ލަކްޔަން ގޮވާލިއެވެ. މުޅި ގޭތެރޭގައި އެ އަޑު ގުގުމައިގެން ދިޔައެވެ. ދާދި ދެންމެއަކާ ޖެހެންދެން ހިނިތުންވުމެއް ފެންނަން ހުރި ލަކްޔަންގެ މޫނުމަތި މިލާ މޯޅިވެއްޖެއެވެ. ޝިއުރާ ލަސްލަހުން އިކާންގެ ކޮޓަރީގައި ޓަކިޖެހިއެވެ. އެއްވެސް ހަބަރެއް ނުވިއެވެ. އެތެރެހަށީގައި ލޭހޫނުވެފައި ހުރި ލަކްޔަންއަށް އެގޮތުގައި ހުރެވުނީ އިރުކޮޅަކުއެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އިކާންގެ ކޮޓަރީ ދޮރުގައި ފައިން ޖެހިއެވެ. ހީވީ މުޅި އިމާރާތަށް ގުޑުން އަރައިގެން ދިޔަހެންނެވެ. ދެވަނަ ފަހަރަށް ޖަހަންވާއިރަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. މުށި ކުލައިގެ ގަމީހާއެކު ދޮރުމަތީގައި ހުރި އިކާންގެ ދެލޮލުގައި ނިދީގެ އަސަރުވިއެވެ. މޭމަތިން ތިންގޮށް ނެއްޓިފައި ހުރިއިރު އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ކުޑަކޮށް ހުޅުވިފައި ހުރި ދޭތެރެއިން އަތް ލައްވާލާފައި ލަކްޔަން ހިފީ އިކާންގެ ގަމީހުގެ ގިރުވާނުގައެވެ. ގައިގައި ހުރި ބާރެއްލާފައި ދަމާފައި އިކާން ބޭރަށް ނެރުނެވެ. އަދި އެވަރުން ފުދުނީއެއް ނޫނެވެ. މޭޒުމަތީގައި ސިޔާ ބެހެއްޓި ފެންތަށި އިކާންގެ މޫނަށް ޖެހިއެވެ. ދެލޮލުން ނިދި ފިލައިގެން ގޮސް އިކާނަށް ދުނިޔެއަށް އާދެވުނީ އެވަގުތުއެވެ. ކުރިމަތީގައި ތިބި މީހުންނަށް އިކާން ވަކިވަކިން ބަލައިލިއެވެ.
"ބައްޕަ"
"ހަބަރުދާރު.... މީތަ ކަލެއަށް އަހަރެން ދިން ތަރުބިއްޔަތަކީ. މީތަ ކަލޭ ތިހާވަރުކޮށް ކިޔަވައިދިނީމަ އަހަރެންނަށް ލިބެންޖެހޭ ހައްގު އިނާމަކީ،" ރުޅި އައިސްފައި ހުރިވަރުން ލަކްޔަންގެ އަޑުވެސް ރޫރުއަޅައެވެ. މުޅި މީހާ ތެޅެމުން ދިޔައިރު ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"ހުންނަ ނުބައި ނުލަފާކަން ޖަނަވާރު،" ލަކްޔަން އިކާންގެ މޫނުމަތީގައި ބޮނޑިއެއް އެޅިއެވެ. ބަހެއްވެސް ނުކިޔާ އިކާން ހުއްޓެވެ. ކުރެވުނު ކަންތަކުން ދެރަވެފައި ހުރިކަމުގެ އެއްވެސް ނިޝާނެއް އިކާންގެ މޫނުމަތިން ނުފެނެއެވެ.
"މިއަދު ކަލޭ ތި ސާބިތުކޮށްދިނީ ހަގީގަތުގައިވެސް ކަލެއަކީ އަހަރެންގެ ދަރިއެއް ނޫންކަން. ދުވަހަކުވެސް ތި މޫނު ދެކޭކަށް އަހަރެން ނުދާނަން. މިއަދަށްފަހު އަހަރެންގެ ހުންނާނީ އެންމެ ދަރިއެއް،" ލަކްޔަން ބުންޏެވެ. އިސާހިތަކު ލަކްޔަންގެ އަޑު ކެނޑި ދެލޮލުން ކަރުނަ ހިލުވާލިއެވެ.
އިކާންގެ އަތުގައި ބިޑި އަޅުވައިގެން ފުލުހުން ނުކުންނަން ދިޔަ ވަގުތު ލަކްޔަން ހުރީ އަނެއްފަރާތަށް އެނބުރިގެންނެވެ. އެ މަންޒަރު ބަލަން ލަކްޔަންއަށް ފަސޭހައެއް ނޫނެވެ.
"އައި ހޭޓް ޔޫ ދޮންބޭ. އައި ހޭޓް ޔޫ ވެރީ މަޗް،" މި ހުރިހާއިރު އެއްޗެއް ނުބުނެ ރޮމުންދިޔަ ސިޔާ ގޮވާލިއެވެ. އެ އަޑަށް އިކާން ސަމާލުކަން ނުދިނެވެ. ވާނީވެސް އެހެންކަން އިކާނަށް އެނގެއެވެ.
ފުލުހުންގެ ވެހިކަލް ނައްޓާލަންދެން ލަކްޔަން އާއި ޝިއުރާ ބެލްކަނީގައި ބަލަހައްޓައިގެން ތިއްބެވެ. ލަކްޔަން ދުރަށް ނުދިއުމުން ޝިއުރާ، ލަކްޔަންގެ އަތުގައި ހިފެހެއްޓިއެވެ. އެތެރެއަށް ވަންނަން ލަކްޔަން ހިނގައިގަތީ ދެނެވެ. ދުވެފައި އައި ސިޔާ، ލަކްޔަންގެ ގައިގައި ބައްދައިގަތެވެ. އަދިވެސް ސިޔާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.
"ދޮންބެ ވަރަށް ގޯސް. ބައްޕައަށް އެނގޭތަ ޝެލީދައްތަ އަދިވެސް ވަރަށް ސަކަރާތް. ދޮންބެ ޝެލީދައްތަ ރޭޕްކުރި ރޭ އެއީ މެރީކުރަން ޝެލީދައްތަ ރަންކިއި ރޭ،" ސިޔާ ދައްކަމުންދިޔަ ވާހަކަތަކަށް ލަކްޔަން ސަމާލުކަންދިނެވެ. ޝެލީއަކީ މިހާރުވެސް ލަކްޔަންގެ ހިތް ފާހަގަކޮށްފައިވާ ކުއްޖެކެވެ. ފެނުނު ފުރަތަމަ ދުވަހުވެސް ހިތުން ދަރިއެއްގެ މަގާމު ދިން ކުއްޖެކެވެ. އިކާންގެ ޝިކާރައަކަށްވީ ޝެލީކަން އެނގުނު ހިނދު ލަކްޔަންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ޝެލީއަކީ އަލްމާޝްގެ ދަރިފުޅަށް ވެއްޖެނަމަ ލަކްޔަން މޮޔަވާނެއެވެ. ސިޔާގެ ކޮނޑުގައި ހިފަހައްޓައިގެން އައިސް ލަކްޔަން އިށީނީ ސޯފާގައެވެ. ޝިއުރާވެސް އައިސް ވަކިން ހުރި ސޯފާގައި އިށީނދެގެން އިނެވެ. އެއްވެސް މީހަކު އަނގައިން ނުބުނެއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭންކަމެކެވެ.
****
ނިމާން ހުޅުވާލި ދޮރުން އެތެރެއަށް ބޭރުގައި ހުރި ސާޖިދު ބޯދިއްކޮށްލިއެވެ. ބާލީހުގައި ލެނގިލައިގެން އިން ޝެލީ އިނީ އިސްޖަހާލައިގެންނެވެ. އުނގުތެރޭގައި އޮތް ދެ އަތްތިލައަށް ބަލަހައްޓައިގެން އިންއިރު ދެލޮލުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ބޭރުކުރަމުން ދިޔައެވެ. ސާޖިދަށް އަމިއްލަ މޭގައި އަތް އެޅުނެވެ. އެ ހާދިސާއަށް ފަހު ޝެލީ މުޅިން ސާޖިދުު ދުުރުކޮށްލައިފިއެވެ. ސާޖިދުގެ ހިތްވަނީ އެތިކޮޅުކޮޅުތަކަށް ބުރައިގެން ގޮސްފައެވެ. ޝެލީ ފެންނަ ކޮންމެފަހަރަކު ހިތަށް ހީވަނީ ތަދެއް އަރާހެންނެވެ.
"އަޅުގަނޑު މިރޭ އަދި ތަންކޮޅެއް ފަހުން އަންނާނަން. އެންމެ ރަނގަޅުތޯ،" ޝެލީ ރޮމުންދިޔަ މަންޒަރު ބަލަން ސާޖިދަށް ކެތްނުވިއެވެ. އެހެންކަމުން އެތަނުން ދިއުމުގެ ހުއްދައަކަށް ސާޖިދު އެދުނެވެ. ނިމާން ބޯޖަހާލާފައި ސާޖިދުގެ ގައިގައި ބައްދާލިއެވެ. އަލުން ކޮޓަރިއަށް ވަންއިރު ޝެލީއަށް އެއްޗެއް ކާންދެވޭތޯ އަލްމާޝް އުޅުނެވެ. ހަމަހިލާ ޝެލީ ކާން އެއްބަހެއް ނުވިއެވެ.
"މަންމާ، އަޅުގަނޑު ބަނޑުހައެއް ނުވޭ،" އެތެރެއަށް ވަން ނިމާނަށް ޝެލީ ބުނެލި އަޑު އިވުނެވެ.
އަލްމާޝް ބަލައިލީ ނިމާނަށެވެ. ސައުވީސްގަޑިއިރު ފާއިތުވެގެން ދާއިރު ޝެލީ ކާލަނީ ހެނދުނު ގަޑީގައި ގެނެސްދޭ ބިހެކެވެ. ބާކީ ހުރި ހުރިހާ އެއްޗެއް ޖެހެނީ އުކާލާށެވެ. އަބަދު އައިވީއެއް ގުޅާފައި އޮންނަކަންވެސް ނަސީބެވެ.
"ގެނޭ އަހަރެން އަތަށް. ޝެލީ ކާނީ ބައްޕަ އަތުން. ޝެލީ ނުކައި އިންނައިރު ބައްޕަ ކިހިނެއް ވަކި ކާއެއްޗެއް ކާނީ،" އަލްމާޝް ތެދުވުމުން އެ ގޮނޑީގައި އިށީނީ ނިމާނެވެ. އަލްމާޝްގެ އަނގައާ ދިމާލަށް ރޮށިކޮޅު ގެންދާއިރަށް ޝެލީ މޫނު ދުރުކޮށްލައެވެ.
"މަންމައާއި ބައްޕަ ތިހާވަރުން ނޫޅެބަލަ. އަޅުގަނޑު ކާހިތެއް ނުވޭ،" ޝެލީ ބުންޏެވެ.
"ބައްޕަގެ ފުރާނަޔާ. ތިހެން ނަހަދާ. ބައްޕަ ހާދަ ދެރައެއްވެޔޭ ދަރިފުޅު ތިހެން ނުކައި އިންނާތީ. މިހާރުވެސް ދަރިފުޅު އަނަރޫފަވެއްޖެ. ބައްޕަގެ ލޯބިވާ ޝެލީ ހެން ހީވެސްނުވޭ. ދަރިފުޅު ތިހެން އިންނަންޏާ ބައްޕަ މަރުވެދާނެ. ޝެލީ ބޭނުމީ ބައްޕަ މަރުވަންތަ؟" ނިމާން ތެދުވިއެވެ. އެނދުގެ މަގަތުން އިށީނދެފައި ޝެލީގެ ދެ އަތުގައި ހިފަހައްޓާލިއެވެ. އެވަގުތު ޝެލީގެ ދެލޮލުން އެއްވަރު އެއްވަރަށް ދެ ކަރުނަ ގުޅަވަރު ވެއްޓިގެން ދިޔައެވެ.
"ބައްޕައަށް މައާފު ކުރޭ ދަރިފުޅު. ބައްޕަ މަސައްކަތް ކުރިން ދަރިފުޅު ސަލާމަތްކުރަން،" ނިމާންގެ އަޑު ބެދުނެވެ. ޝެލީ ހަމަ ބަހެއްވެސް ނުކިޔާ އިނެވެ. އެނދު ކައިރީގައި ހުރި އަލްމާޝް، ނިމާންގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ރޮމުން ދިޔައެވެ.
"ޝެލީ ހިތްހަމަޖެހޭނީ ބައްޕަ މިތަނަށް އައުން ހުއްޓާލީމަތަ؟ އޭރުން ރަނގަޅަށް ކާނަންތަ؟ ބައްޕަ ދާންވީތަ؟،" ހިތްވަރުކޮށްފައި ނިމާން ބުންޏެވެ. ޝެލީ ޖަވާބެއް ނުދިނެވެ.
"ޝޯނާ. އަހަރެން ދަނީ. އަހަރެން ދެން މިތަނަށް އަންނާނީ އަހަރެންގެ ދަރިފުޅު ބުނި އިރަކުން. އަހަރެންގެ ދަރިފުޅަށް ރަނގަޅަށް ބަލާތި،" ނިމާން ތެދުވެގެން ދާން އުޅުނެވެ. އެވަގުތު ޝެލީ، ނިމާންގެ އަތުގައި ހިފެހެއްޓިއެވެ. ނިމާން ބަލައިލުމާއެކު ޝެލީ ރޯން ފެށިއެވެ.
"ދަރިފުޅު ދެން ނުރޮއި. މިކަމަށް ހަފުތާއެއް ފާއިތުވެގެން ދިޔައިރު ޝެލީގެ ލޮލުން ތިނޫން އެއްޗެއް ބައްޕަ ނުދެކެން،" އަސަރާއެކު ނިމާން ބުންޏެވެ.
"އަޅުގަނޑަށް މައާފުކުރޭ ބައްޕާ،" ޝެލީ ބުންޏެވެ. ނިމާން އަލުން އިށީނެވެ. ޝެލީގެ ދެލޯ ކައިރި ފޮހެދިނެވެ. ނިތުގައި ބޮސްދިނެވެ. ކަބަޑުމަތީގައި ހުރި ކާއެއްޗެހި ތަށި ނިމާން އަތަށް އަލްމާޝް ދިނެވެ. ކާހިތްނުވެފައި އިން ނަމަވެސް ނިމާން ދިއްކޮށްލި ރޮށިކޮޅު ޝެލީ ކާލިއެވެ. އެގޮތުގައި ބަހެއް ނުކިޔައި ތިން މީހުންވެސް ތިބީ ޝެލީ ހައިފިލުވޭ ވަރަށް ކެވެންދެކަށެވެ.
****
ކާން ހަދާފައި ޝިއުރާ މަޑުކޮށްގެން އިނީ މިސްކިތަށް ދިޔަ ފާރޫގް އެނބުރި އަންނަން ދެނެވެ. ގޭތެރެއިން އަދިވެސް ފެންނަމުން ދިޔައީ ހަމަހިމޭންކަމެވެ. ކޮޓަރިއަށް ވަން މީހުން ނުކުތީވެސް އިޝާ ނަމާދަށް މިސްކިތަށް ދިއުމަށެވެ. ޝިއުރާ ތެދުވެގެން ގޮސް ސިޔާގެ ކޮޓަރީގައި ޓަކިޖަހައިލިއެވެ. ދޮރުހުޅުވާލި ސިޔާ ހުރިގޮތުން ޝިއުރާ ދެރަވިއެވެ. ސިޔާގެ ދެލޯ ވަނީ ރޮއެރޮއެ ރަތްވެފައެވެ. މޫނުކޮޅު ހީވަނީ ދުޅަވެފައި ހުރި ހެންނެވެ.
"ދެން ތިހެން ރުއިމަކުން ވާނެ ފައިދާއެއް އެބައޮތްތަ؟،" ސިޔާގެ އިސްތަށިގަނޑު ރީތިކޮށްލަމުން ޝިއުރާ ބުންޏެވެ.
"ނުރޮމޭ ކުޑާ. ބޮލުގައި ރިއްސާތީ އޮތީ،" ސިޔާ ބުންޏެވެ.
"އާދެބަލަ ބޭރަށް. ކުޑާ އެކަނި މީނީ. ގޭތެރެ ވަރަށް ފަޅު،" ޝިއުރާ ބުންޏެވެ.
"މިދަނީ ފާހާނާއަށް ވަދެލާފަ،" ސިޔާ ބުންޏެވެ.
****
ގޭތެރެއަށް ވަން ރާވީ ފެނުމާއެކު ޓީވީ ހުޅުވައިގެން އިން ޒުމްރާ ކޮޅަށް ތެދުވެއްޖެއެވެ. ކޮޓަރިއާ ދިމާލަށް ދިޔަ ރާވީއަށް ގޮވައި ގެނެސް ކައިރީގައި ބޭންދިއެވެ. ކަމެއް ދެނެގަންނަން އުޅޭ ކަހަލަ ގޮތަށް ޒުމްރާ ރާވީއަށް ބަލަމުން ދިޔައެވެ. ޒުމްރާގެ އެބެލުމުން ރާވީއަށް އުނދަގޫވަމުން ދިޔައެވެ.
"ވަޓް؟ މަމް ކޮންފާޑަކަށް ތިބަލަނީ،" ރާވީ އެހިއެވެ.
"މަމްގެ ހިތުގައި ސުވާލެއް އުފެދިފައި އޮތީމަ ޖަވާބު ލިބޭތޯ މި ބަލައިލީ،" ޒުމްރާ ބުންޏެވެ.
"އޯ ކަމޯން މަމް. އިކާން އުޅޭހެން އަހަރެން ނޫޅެން،" ރާވީ ބުންޏެވެ.
"ރާވީ، އައި ޓްރަސްޓް ޔޫ،" ޒުމްރާ ބުންޏެވެ.
"އިކާން އެކަމެއް ކުރިއިރު ރާވީއަށް ނޭނގިއެއް ނުހުންނާނެ. ޔަގީން އެނގޭނެކަން. މަމްއަށް އެނގޭ ތިދެކުދިންނަކީ އެކައްޗެއްކަން،" ޒުމްރާ ބުންޏެވެ.
"ހަމަ ސީރިއަސްކޮށް ނޭނގޭ. އެހެންނޫނަސް އިކާން އެކުރީ އެހާ ބޮޑު ކަމެއްތަ؟،" ރާވީ ބުންޏެވެ. ޒުމްރާގެ ދެލޯ ބޮޑުވިއެވެ.
"އަންހެން ކުއްޖެއްގެ އިއްފަތްތެރިކަމަކީ ކުޑަކުޑަ އެއްޗެކޭތަ ތި ބުނަނީ؟ ރާވީ، ކޮންކަހަލަ ވިސްނުމެއްތަ ތިހުންނަނީ؟،" ޒުމްރާ ބުންޏެވެ.
"މަމް ބުނެބަލަ އަޅެ ރޭޕް ކުރުމަކީ ކޮބާތަ؟ އެ އަންހެން ކުއްޖާއާ ކުރިންވެސް އިއްކު އުޅުނީ ރައްޓެހިވެގެން. އެގޮތަށް އިކާނާއެކު އެ އަންހެން ކުއްޖާ އުޅޭތާ ކިތަންމެ ދުވަހެއް. އިކާން ބުނި މިފަހަރު ލަކީބެ އައިމަ މެރީކުރާ ވާހަކަވެސް ދައްކާނެ ކަމަށް. ދެން އެ ރޭގައި ދެމީހުން ރުހިގެން އެކަމެއް ކޮށްފަ އެ އަންހެންކުއްޖާ އިކާން ބޮލުގަ އެޅުވީ،" ރާވީ ބުންޏެވެ. ޒުމްރާ ރާވީއަށް ބަލަހައްޓައިގެން އިނެވެ.
"އެރޭ އެކަމެއް ހިނގިއިރު ރާވީ ކޮންތާކު ހުރީ؟ މަންމައާއި ބައްޕަ ޑިނާއަކަށް ދަމުން ރާވީ ކައިރީގައި ގެއިން ނުނިކުންނާށޭ ކިޔާފައެއްނު ދިޔައީ،" ޒުމްރާ ބުންޏެވެ.
"ގޭގައޭ ހުރީ. ފަހުން ތޮއްލެ ގުޅީމަ ކޮފީއަކަށް ދިޔައީ. ދެން ކޮފީ ނިންމާފަ ތޮއްލެމެން ގޭ ކައިރީގައި ހުރި މިސްކިތެއްގައި އިނީ ދަރުސްއެއް އަޑުއަހަން. އަހަރެން ގެއަށް ގެނެސްދިނީވެސް ތޮއްލެގެ ސައިކުގައި،" ރާވީ ވާހަކަދެއްކިއެވެ.
ޒުމްރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޒުމްރާގެ އެކުވެރި ރީނާގެ ފިރިހެން ދަރިފުޅު ތޮލާލަކީ ކޮންކަހަލަ ކުއްޖެއްކަން ޒުމްރާއަށް އެނގެއެވެ. ތޮލާލަކީ މާލޭގެ މިސްކިތެއްގެ މުދިމެކެވެ. ތޮލާލު ކަހަލަ އެކުވެރިޔަކު ރާވީ ހިޔާރުކުރީތީ ޒުމްރާ ހިތަށް ހަމަޖެހުން ލިބުނެވެ.
"މަމް ގަބޫލުކޮށްފިން ރާވީ ތިދެއްކި ވާހަކަތައް. މަމް އުންމީދުކުރަން އިކާން އެޅި ކަހަލަ ޅަ އެއްޗެއް ރާވީ ނާޅާނެކަމަށް،" ޒުމްރާ ބުންޏެވެ. ރާވީއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ.
****
ކުރިމަތީގައި ހުރި ކޮފީތަށި ހިހޫވަންދެން އަތްނުލައި ލަކްޔަން އިނެވެ. އެއް ދިމާލަކަށް ބަލަހައްޓައިގެން ހިޔާލަކަށް ގެއްލިފައި އިންނަ މީހަކު ފަދައިން ލަކްޔަން އިނެވެ. އިކާންގެ ސަބަބުން ލަކްޔަންގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ގެއަށް ވަންނަ ހިތް ނުވެފައި އިންއިރު މީހަކާ އަނގައިން ބުނުމެއްވެސް ނެތެވެ. ހާއްސަކޮށް އިކާންގެ ވަކިތަކުގެ ދަށުގައި ބަރުބާދުވެގެން ދިޔައީ ޝެލީކަން އެނގުނު ހިސާބުން ލަކްޔަންގެ ހިތް ވަނީ ހަލާކުވެފައެވެ. ވިސްނާ ވިސްނާ ލަކްޔަންގެ މުޅި ނަފްސު ބަލިވެއްޖެއެވެ.
"އަދިވެސް އިންނަނީތަ؟ ދެން އެކަމާ ނުވިސްނަބަލަ،" ކުރިމަތީގައި އިން ސިރާޖް ބުނެލިއެވެ.
"ނުވިސްނަން ހުއްޓަސް އަހަރެންގެ ނަފްސު ތަނެއް ނުދޭ ހަމަޖެހޭކަށެއް. ރާވީގެ ފަރާތުން އެފަދަ އަމަލެއް ފެނުނު ނަމަ ސިރާއަށް ކެތްވާނެތަ؟،" ލަކްޔަން ބުންޏެވެ.
"އެއީ ޒުވާން ކުދިން. އެ އުމުރުގައި ގޯސްވެސް ހެދޭނެ. އެހެންނޫނަސް އެއީ އެވަރުގެ ކަމެއް ނޫނެއްނު. އިކާން ސަލާމަތްކޮށްފައި ދެކުދިން ކައިވެނިކުރުވީމަ އެއޮތީ އެކަން ނިމިފައި،" ސިރާޖް ބުންޏެވެ. ސިރާޖުގެ މޫނަށް ލަކްޔަން ބަލައިލީ ހިތްހަމަނުޖެހިފައެވެ. އެކުވެރިޔާގެ ފަރާތުން އެކަހަލަ ބަސްތަކެއް އިވިދާނެ ކަމަށް ލަކްޔަން އުންމީދެއް ނުކުރެއެވެ.
"އެއީ އެވަރުކަމެއް ނޫނޭ ދުލުން ބުނެލަން ހާދަ ފަސޭހައޭ ދޯ. ބަލަ އެއީ އަންހެން ކުއްޖެކޭ. ދިރިއުޅުމަށް ފޮނި އުންމީދުތަކެއް ކުރަމުން އައި މީހެއްގެ ހުރި ހަމައެކަނި އަންހެން ދަރި. އިކާން އެކުއްޖާ ނޮޅައި ކާލީ މީހަކާ އިންނަން ރަން ކިއި ރޭގައި. އިކާން ޖަލުން ސަލާމަތްކޮށްގެން އެކުއްޖާގެ އާއިލާ ކައިރިއަށް ކައިވެންޏަށް އެދި އަހަރެން ދާނީ ކިހިނެއް؟ ލަދުގަންނަން ޖެހޭނީ ހަމައެކަނި ހެދުން ނުލައި ހުންނާކަށް ނޫން. އެ އާއިލާ ކުރިމައްޗަށް ދާން އަހަރެން ލަދު ގަންނަންޖެހޭނެ. ނުދާނަން، އަހަރެން ނުދާނަން. އިކާން ޖަލުން ސަލާމަތެއްވެސް ނުކުރާނަން. އުމުރުގައި އެ ކުޑަ ގޮޅިތެރޭގައި އިކާނު ތަޅުވަން ބަހައްޓާ،" ލަކްޔަން ވާހަކަދެއްކިއެވެ.
"ކާމްޑައުން. ޑޯންޓް ގެޓް މީ ރޯންގް. އުމުރު ދުވަހު އިކާން އެތަނުގައި ބެހެއްޓިޔަސް އެއީ ނުވާނެ ކަމަކަށް ނުވާނެ. އެ އަންހެން ކުއްޖާ އިންނަން އުޅުނު ސޮރުވެސް މިހާރު ބޭނުމެއްނުވާނެހެން ހީވަނީ. އިކާންގެ ފަރާތުން އެކުއްޖާގެ ދިރިއުޅުން ބަރުުބާދުުވިއީރު ހަމަ އިކާނަށް އެކުއްޖާގެ ލައިފް އާބާދުވެސް ކުރެވިދާނެ. އެކަން ކުރެވޭނީ ބޮޑަށް ތިބި މީހުން މިކަންކަމާ ކުރިމަތިލައިގެން،" ސިރާޖް ވާހަކަދެއްކިއެވެ.
"ސިރާ ތި ދައްކާ ވާހަކަ އަހަރެންނަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ. އަހަރެމެންގެ ދެ މީހުންގެ އެކުވެރިކަމުގެ މި ގުޅުމަށް ބުރޫ އަރުވަން ބޭނުން ނުވަންޏާ އިކާން ދިފާއުކޮށް އަހަރެންނާ ވާހަކަނުދައްކާތި. އަހަރެންގެ ދަރިއަށް ވިޔަސް އިކާން ކުރި ވިޔާނުދާ ކަންތައް މަތިޖަހައި ފޮރުވަން ނޫޅެން. އަހަރެން ބޭނުންވަނީ އިކާނަށް ހައްގު އަދަބު ލިބެން. އެފަދަ ކުށަކަށް އިކާން އަރައިގަތް މިއީ ފުރަތަމަ ފަހަރެއް ނޫން. ދެވަނަ ފަހަރު. ފުރަތަމަ އަރައިގަތީ ކާފަރެއްގެ ގަޔަށް. އެދުވަހު އެކުއްޖާގެ ބައްޕަ އިކާން މަރާލަން އައީ ބޮޑު ސިންގާގެ ބަޅު ވަޅިއެއް ހިފައިގެން. އަހަރެން ކިރިޔާ ބިރުން އަވަދި ނުވީ. އެފަހަރު އިކާންގެ ހައްގުގައި އަހަރެން ނުކުރަނީ ކޮންކަމެއް. ކިތައް ވަކީލުންނާ ބައްދަލުކުރިން. ކިތައް ފަހަރު ކޯޓަށް ސިޓީ ހުށަހެޅިން. ނުވިތާކަށް އެ އަންހެން ކުއްޖާގެ މައިންބަފައިން ކައިރީގައި ރޮއެފަ އާދޭސްކުރިން؟ އެ ހުރިހާ ކަމެއް އަހަރެން ކުރީ އިކާން ކުށްވެރިވާކަން އެނގި ހުރެ. ދެވަނަ ފަހަރަށް އެ ކުށް ތަކުރާރުކުރީމަ މިފަހަރުވެސް އަހަރެން ދާންވީތަ ހެވިލާފަ އޭނަ ސަލާމަތްކުރަން. ޖަލު ކުރިމަތީ އިހުތިޖާޖު ކުރަންވީތަ؟ އެ އަންހެން ކުއްޖާގެ މައިންބަފައިންގެ ގާތަށް ގޮސް ބުނަންވީތަ މިއީ ނުވާ ކަމަކަށް ހަދާށޭ. ނޫނީ ނޫސް ބަޔާނެއް ނެރެންވީތަ؟ އެހެންނޫނީ ލައިވް ޕްރްގްރާމެއްގައި ބުނަންވީތަ މަގޭ ދަރި ކުށެއް ނުކުރެއޭ،" ލަކްޔަން ވާހަކަދެއްކިއެވެ. ރުޅި އައިސްފައި ހުރިވަރުން ލަކްޔަންއަށް ގޮނޑިން ތެދުވެވުނު އިރުވެސް ނޭނގެއެވެ.
"ރިލޭކްސް. އިށީނދޭ،" ސިރާޖް ތެދުވެގެން އައިސް ލަކްޔަންގެ ކޮނޑަށް އަތް އެއްލިއެވެ.
ލަކްޔަން ގޮނޑީގައި އިށީނެވެ. ފެންފުޅިން އަނގައާ ދިމާކޮށް ފުޅި އަރިކޮށްފައި ފެން އެޅިއެވެ. ހޫނުވެފައިވާ ހަށިގަނޑަށް ފިނިކަމެއް ހޯދައިލިއެވެ. އެހެންނަމަވެސް ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. ހިތުގައި އުފެދިފައިވާ ކެކުޅުމަށްވެސް ބަދަލެއް ނައެވެ.
****
ސާޖިދު އެ ކޮޓަރިއަށް ވަނުމުން އަލްމާޝް ބޭރުގައި މަޑުކޮށްލިއެވެ. ނިދާފައި އޮތް ޝެލީ ކައިރީގައި ސާޖިދު މަޑުމަޑުން އިށީނެވެ. ބުރުގާގެ ތެރެއިން ފާޅުވާން ހުރި ޝެލީގެ މޫނުގައި ސާޖިދު ކިރިޔާ ތުންފަތް ޖެހިލާ ވަރަށް ބޮސްދިނެވެ. ޝެލީގެ އަތުގައި ހިފަހައްޓާލާފައި އެ އަތުގައިވެސް ބޮސްދިނެވެ. އަތްތިލަ ގެންގޮސް ސާޖިދުގެ އަމިއްލަ މޫނުގައި ޖައްސާލިއެވެ. ސާޖިދުގެ އިހުސާސްތައް ނުހިފެހެއްޓުނީ ނިދީގެ ތެރޭގައި އޮތް ޝެލީ ސިހުނުހެން ހީވުމުންނެވެ. އަލުން ޝެލީގެ އަތް މަޑުމަޑުން ބާއްވާފައި ސާޖިދު ދުރަށް ޖެހުނެވެ. ދެލޮލުން ފައިބައިގެންދިޔަ ކަރުނަ ތިކި ފޮހެލާފައި ހިތްހަލާކުވެފައިވާ މީހެއް ފަދައިން އަދި އެއްފަހަރު ޝެލީގެ މޫނަށް ބަލައިލިއެވެ.
(ނުނިމޭ)