ވާހަކަ

މޮޔަކޮށްލި މާ - 19

5

ނަވާރަވަނަ ބައި

ކުރީގައި ހުރި ފަޒްނާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެންމެފުރަތަވެސް ފަޒްނާގެ ލޮލުގައި އަޅައިގަތީ މިކާލްގެ ވޯޑްރޯބް ކައިރީގައި ދެކަންފަތްމަތީގައި އަތް އަޅައިގެން އިން އަންހެންކުއްޖާއެވެ. ބުރައިގެން ގޮސްފައި ހުރި ބިއްލޫރިކޮޅުތަކުގެ މެދުގައި ހުރި މިކާލް ފަޒްނާއަށް ފެނުނީ މާފަހުންނެވެ.

"އަސްތާ މިއީ ކޮންކުއްޖެއް؟" ފަޒްނާ ބުންޏެވެ. އެއާއެކު ރޮވިފައި ހުރި މިކާލް ފަޒްނާއަށް ބަލައިލިއެވެ. ސިޔާވެސް އަޑުއައި ދިމާލަށް ބަލައިލިއެވެ. އެއާއެކު ސިޔާގެ ލޮލުގައި އަޅައިގަތީ ފަޒްނާގެ ފަހަތުގައި ހުރި އީމާއެވެ. ނުދަންނަ ބީރައްޓެހިން ތިބި ގެއެއް ނަމަވެސް އީމާގެ މޫނު ސިޔާއަށް އަލެއް ނޫނެވެ. އިންތަނުން ތެދުވިގޮތަށް ސިޔާ އީމާ އާ ދިމާލަށް ދުއްވައިގަތެވެ. ސިޔާ އީމާގެ ގައިގައި ބާރަށް ބައްދާލިއެވެ. މިކާލް ކަންތައްކުރި ގޮތުން ސިޔާ ހުރީ އިންތިހާއަށް ބިރުގެންފައެވެ. ވިސްނަންވީ ކޯޗެއް ކަމެއް ނޭނގިފައި ހުރި އީމާ ސިޔާއަށް ހިމާޔަތްދިނެވެ. ސިޔާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

ފަޒްނާ އެނބުރި އަންހެންކުއްޖާއަށް ބަލައިލިއެވެ. މިކާލްގެ ކޮޓަރި ތެރެއިން އެގޮތަށް އަންހެންކުއްޖެއް ފެނުނު ފުރަތަމަ ފަހަރަށް ވާތީ ދެކުދިންގެ މެދުގައި އޮތް ގުޅުން ފަޒްނާއަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން މިކާލާ ސުވާލެއްނުކޮށް ފަޒްނާ ލޮލުން އީމާއަށް އިޝާރާތްކޮށްލިއެވެ. އެއާއެކު ސިޔާ ގޮވައިގެން އީމާ އެކޮޓަރިން ނުކުތެވެ.

ފަޒްނާ ނުވިސްނާ ހުއްޓައި މިކާލް މަޑުމަޑުން އައިސް ފަޒްނާގެ ކުރިމަތީގައި ހުއްޓުނެވެ. ދެން ފަންޒާގެ ކަރުގައި ދެއަތް އަޅުވައި ބައްދާލިގޮތަށް ރޯން ފެށިއެވެ. މިކާލްގެ ރުއިމުގެ އަޑު ފަޒްނާގެ ކަންފަތުގައި ޖެހުމާއެކު ވީގޮތެވެސް ނޭނގުނެވެ. ފަޒްނާގެ ދެލޯ ކަރުނުން ބަންޑުންވިއެވެ. މިކާލްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

"މާމާ، އެއީ ސިޔާ. އަޅުގަނޑު ސިޔާދެކެ ވަރަށް ލޯބިވޭ" ފަޒްނާ އެހުމަކާނުލައި މިކާލް ކިޔައިދިނެވެ. ފަޒްނާ ބަހެއް ނުކިއެވެ. މިކާލް ދުރުކޮށްލާފައި ދެލޯ ފޮހެދިނެވެ. ދެން މިކާލްގެ އެހީތެރިކަމާއެކު އައިސް އެނދުގައި އިށީނެވެ.

"މިއީ ކޮންކަންތައްގަނޑެއް؟" ފަޒްނާ އެހިއެވެ.

"ސިޔާގެ ފޯނުން ދޮންތައަށް މެސެޖްކުރީ. ސިޔާއަށް އެހީވާން ދޮންތަ ދިޔައީ. އެމީހަކީ ސިޔާގެ ބޭބެ. ދޮންތަގެ ދުވަސް އެދުއްވާލީ ސިޔާގެ ބޭބެ. މާމައަށް ހީވޭތަ ސިޔާއަށް މިކަން ނޭނގި އޮވެދާނެހެން" މިކާލް ކިއިއެވެ.

މިކާލްގެ ވާހަކަތަކާއެކު ފަޒްނާ އިނީ ކިޔާނެބަހެއް ނޭނގިފައެވެ. ސިޔާގެ ކަރުނުން ބަރާވެފައިވީ ދެލޯ އަދިވެސް ފަޒްނާއަށް ފެންނަ ކަހަލައެވެ. އެ އަންހެންކުއްޖާގެ މައުސޫމްކަން އެހެން އެއްވެސް ކަމަކާ އަޅާނުކިޔޭނެއެވެ. އެ އަންހެންކުއްޖާއަށް އެނގިގެން ވީކަމެއް ނޫންކަން ފުރަތަވެސް ފަޒްނާ ގަބޫލުކުރިއެވެ. ދެރައީ ލޯބިވަމޭ ބުނާއިރު މިކާލް ސިޔާއަށް އިތުބާރު ނުކުރުމެވެ.

"ދޮންތަ ހާދަ ހާލެއްގައޭ އޮތީ. މާމައަށް އެނގޭތަ. އެގަޑީގަ ދޮންތަގެ ކަޅި އޮތީ ހުއްޓިފަ. އަޅު...އަޅުގަނޑު ހީކުރީ މަރުވެފަކަމަށް" މިކާލްގެ ހުރިހާ ވާހަކަތަކެއް އަހަން ހިމޭންކަމާއެކު ފަޒްނާ އިނެވެ.

"މިއަދު ދޮންތަ ކައިރީގައި ހުރެ ގޮވާގޮވާ އަނގައިން ނުބުނި. ބަލާވެސްނުލި" އިސާހިތަކު މިކާލަށް ގިސްލެވެން ފެށުނެވެ. ފަޒްނާ މިކާލްގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. ރަތްކަމެއް ވެރިވެފައިވާ މިކާލްގެ ދެލޯ ކައިރި ސާފުކޮށްފައި މިކާލްގެ ކޮލުގައި ބޮސްދިނެވެ.

އެކުއެކީގައި ދެކުދިން ބޮޑުވަމުން އައިއިރު ލޭގެ ގުޅުމަށް ވުރެ ބޮޑަށް އެހެންމީހުންނަށް ފެންނާނީ ދެކުދިންގެ މެދުގައި އޮތް އެކުވެރިކަމެވެ. އެއްކުއްޖަކު އަނެއް ކުއްޖަކާ ސަމާސާކުރުމާއި ދިމާކުރަން އެއްޗެހި ބުނުމާއި ތަޅާފޮޅުން މިއީ ގޭތެރެއިން އަބަދު ފެންނަ ކަންކަމެވެ. ފަޒްނާ އަދިވެސް ހަނދާން އެބަހުއްޓެވެ. އަލްމާޝް އިސްތިރިކުރަން ހުރެފައި އިސްތިރިކުރި އެއްޗެހި ހިފައިން ކޮޓަރިއަށް ދިޔަ ވަގުތު ގޭތެރޭގައި ކުޅެންހުރި ފަސް އަހަރުގެ ޝެލީ އިސްތިރީގައި ހިފިއެވެ. އެއާއެކު ޝެލީ ރޯންފެށީ އިނގިލިކޮޅު ފިހުމުންނެވެ. ސޯފާގައި ކާޓޫނު ބަލަން އިން މިކާލް ފުންމައިގެން އައިސް ޖެހުނީ ޝެލީގެ ކުރިމައްޗަށެވެ. އިސްތިރި އާ ދިމާލަށް ޝެލީ އަތްދިއްކޮށްލުމާއެކު މިކާލް ރިމޯޓް އެއްލާލާފައި އައިސް ހިފީ އިސްތިރީގައެވެ. ދެން ހުޅުވާފައި ހުރި ކުޑަދޮރުން ބޭރަށް އިސްތިރި އެއްލާލިއެވެ. އެކަމާ އަލްމާޝް ސުވާލުކުރުމުން މިކާލް ދިން ޖަވާބުން ފަޒްނާ އާ އަލްމާޝްއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ.

"މިކީ ބޭނުމެއްނޫން ދޮންތައަށް ތަދުކުރާ އެއްޗެހި ގޭގަ ހުންނަން" އެހަނދާން ފަޒްނާގެ ސިކުނޑީގައި ކޮށްޓާލުމާއެކު ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. މިއަދުވެސް މިކާލްގެ އަމަލުތަކުން އެއްބަނޑު ހުރި ހަމައެކަނި މީހާއަށް އޮތް ލޯބި ހާމަކޮށްފިއެވެ. އެހެންނަމަވެސް އެކަން ހާމަކުރަން މިކާލް ހިޔާރުކުރި މަގު ކިތަންމެހާވެސް ގޯހެވެ. މީހެއްގެ މައުސޫމު އަންހެންދަރިއަކު ގެއަށް ގެނެސް ފިއްކަނޑުވާލައިފިއެވެ. މިއަދު ފަޒްނާއަށް ގެއަށް ނާދެވުނުނަމަ ވާނެ ގޮތެއް ހިޔާލަށްވެސް ނުގެނެވެއެވެ.

ސިޔާ ހަމަޔަކަށް އެޅުނީ އީމާ އެތައް މަސައްކަތެއް ކޮށްގެންނެވެ.

"ހިނގާ ފިނި އެއްޗެއް ބޯލަން ތަނަކަށް ދާން" ސިޔާއަށް އުނދަގޫތަކެއް ވަމުންދާކަން އެނގުމުން އީމާ ބުންޏެވެ. ވަގުތުން ސިޔާ ބޯޖަހާލިއެވެ.

މަގުމަތިން ދިޔަ ޓެކްސީއަކަށް އީމާ އަތް ނެގުމާއެކު ޓެކްސީ ހުއްޓައިފިއެވެ. ސިޔާ ގޮވައިގެން އީމާ ޓެކްސީއަށް އެރިއެވެ. ދާންވީ ތަނުގެ ނަން ބުނުމާއެކު ޑްރައިވަރު ދުއްވާލިއެވެ. އީމާގެ އެދުމުގެ މަތިން ކާރުތެރެއަށް ވައި ވަންނަހެން ދޮރުފަތުގެ ބިއްލޫރިގަނޑު ކަހާލިއެވެ. އެހިނދު މޫނުގައި ބީހިލި ފިނިފިނި ވައިރޯޅިއާއެކު ސިޔާއަށް ދެލޯ މަރާލެވުނެވެ. އީމާގެ ކޮނޑުގައި ސިޔާއަށް ބޯއެޅުނީ ވަރުބަލިވެފައި ހުރި ވަރުންނެވެ.

ރެސްޓޯރަންޓް ތެރެއަށް ދެކުދިން ވަދެގެން ގޮސް އެތެރޭގައި ހުރި މޭޒެއް ކައިރީގައި އިށީނެވެ. ބަލާބެލުމަށް ސިޔާ ކުރިއަށް ވުރެ ރަނގަޅުހެން ހީވެއެވެ. ވެއިޓަރަކު އައިސް ބެހެއްޓި ފިނި ފެންފުޅި ކަނޑާލިގޮތަށް ތައްޓަށް ފެން އެޅުމަށްފަހު ސިޔާ ފެންތަށި ބޯލިއެވެ. ދެން ހަމަހިމޭންކަމާއެކު އެއް ދިމާލަކަށް ބަލަހައްޓައިގެން އިނެވެ. ހުދު ބޯކިރުކޮޅެއް ފަދަ ސިޔާގެ ދެލޮލުގެ ތެރެއަށް ތާޒާ ކަރުނަތައް ބޮނޑިވެގަތީ އީމާ ބަލަހައްޓައިގެން އިންދައެވެ. އީމާ ކަންބޮޑުވިއެވެ. މޭޒުމަތީގައި އޮތް ސިޔާގެ އަތުގައި އީމާ ހިފަހައްޓާލިއެވެ. އެހިނދު ސިޔާ އީމާއަށް ބަލާލާފައި ދެލޯ ކައިރި ފޮހެލިއެވެ.

"މިކީ އެއީ އީމާދައްތަގެ ކޮއްކޮތަ؟" ސިޔާ އެހިއެވެ.

"ނޫން. އެއީ ޝެލީގެ ކޮއްކޮ. ޝެލީއަކީ މިކާލްގެ ސިސްޓާ" އީމާ އޮޅުންފިލުވައިދިނެވެ. ސިޔާ ހައިރާންވިއެވެ. މިކާލްއަކީ ޝެލީދައްތަގެ ކޮއްކޮ ހެއްޔެވެ؟ މިކީ އެހާ ދެރަވެގެން އެ އުޅެނީ ޝެލީއަށް އެގޮތަށް ދިމާވެގެން ހެއްޔެވެ؟ ސިޔާ ހިތަށް އެރިއެވެ.

"އަޅުގަނޑުވެސް ވަރަށް ދެރަވޭ ޝެލީދައްތައަށް އެގޮތަށް ދިމާވީމަ. ޝެލީދައްތައަށް ހެލްޕްވާން ވެސް ބޭނުން. ހޮސްޕިޓަލަށް ދެ ދުވަހު ދިޔައިން. އެކަމަކު ޝެލީދައްތަ އާ ބައްދަލެއްނުވި" ސިޔާ ވާހަކަދެއްކިއެވެ.

"އެކަމު އެހުރިހާ ކަމެއްގަ އަޅުގަނޑުގެ ކުށަކީ ކޮބާ؟ މިކީ އެގޮތަށް ކަންތައްކުރީ ކީއްވެތަ؟" ސިޔާ އެހިއެވެ.

"އީމާދައްތައަށް އެއްޗެއް ބުނެވޭނީ ތިދެކުދިންގެ މެދުގައި ހިނގި ކަމެއް އެނގިގެން. އަސްލު ކިހިނެއްވީ؟" އީމާ އެހިއެވެ.

"ވީގޮތަކީ ކުރީ ރެއަކު އަޅުގަނޑު ނިދަން އުޅެނިކޮށް މިކީ ގުޅީ. އެހީ އެއްވެސް މީހަކަށް މެސެޖެއް ކުރިންހޭ ނޫނީ ގުޅިންހޭ. އަޅުގަނޑު ބުނިން ނޫނެކޭ. އޭގެފަހުން ފޯނު ކަނޑާލިގޮތަށް ހަބަރެއްނުވޭ. މިއަދު ގުޅާފަ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނީމަ ނުކުތީ. ގޭ ކައިރިއަށް ކާރުގައި ބަލާ އައީވެސް މިކީ. ގޮވައިގެން އެގެއަށް ދިޔައިރުވެސް މިކީ ވާހަކަދެއްކީ ވަރަށް ރޫޑްކޮށް. ވީގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭ. ބުނަނީ ހުރިހާ ކަމެއް ހިނގީ އަޅުގަނޑަށް އިނގިގެންނޭ. ރާވައިގެންނޭ. ބައްޕަގެ އޮފީހަށޭ ޝެލީދައްތަ ގެންދިޔައީ. އަޅުގަނޑުގެ ފޯނުންނޭ ޝެލީދައްތައަށް މެސެޖެ ފޮނުވީ. އެހެންކިޔާފައި އެތާހުރި ވާސް އެއްލީ ލޯގަނޑާ ދިމާލަށް. ހަމަ ތެދެއް މިބުނީ. މިކީ އެދެއްކި އެއްވެސް ވާހަކައެއް އަޅުގަނޑަށް ނޭނގޭ. ދެރަވީ މިކީ އެހާ ރުޅިއައިސްގެން އެގޮތަށް ކަންތައްކުރީމަ" ސިޔާ ވާހަކަދެއްކިއެވެ. ސިޔާގެ ވާހަކަތަކުން މިކާލް އާއި ސިޔާ އާ މެދު އޮތީ އާދައިގެ ގުޅުމެއް ނޫންކަން އީމާއަށް އެނގުނެވެ. އެކަން އޭނާ ޔަގީންކުރަން ބޭނުންވިއެވެ.

"މީކީ އާ ސިޔާ އުޅެނީ ރިލޭޝަންޝިޕެއްގަތަ؟" އީމާ އެހިއެވެ. ވަގުތުން ސިޔާ ބޯޖަހާލިއެވެ. ސީޔާއަށް ހުރިހާ ކަމެއް އެނގެންވީ ވަގުތު ޖެހުނީކަން އީމާއަށް އެނގުނެވެ. ސިޔާއަކީ އިކާންގެ ކޮއްކޮ ކަން އަދި އީމާއަށް އެނގުނީއެވެ. ޝެލީ އާ މެދު އެރަހުމުކުޑަ އަމަލު ހިންގީ އިކާން ކަން ސިޔާއަށް ނޭނގޭކަން އީމާއަށް އެނގުނެވެ. އެކަން ޝެލީއަށް އެނގުމުން ސިޔާ އާ މެދު ދެކޭނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

"ލުކް ސިޔާ. ކަންތައްތައް ވެފައިވާ ގޮތުން މިކީއަށް އެހެން ކަންތައް ކުރެވުނީ. އީމާދައްތަ މިކީ ޑިފެންޑް ކުރަނީކީ ނޫން. އެކަމަކު ސިޔާއަށް އެނގޭތަ ޝެލީ ރޭޕްކުރީ ކާކުކަން؟" އީމާ އެހިއެވެ. ވަގުތުން ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ. އެމީހަކު އެނގެން ބޭނުންވާ ކަމަށް ސިޔާ ބުންޏެވެ. އެއީ އަމިއްލަ ބޭބެކަން ނޭނގި އެމީހަކަށް ސިޔާ ބަދު ދުއާ ކުރިއެވެ. ސިޔާ ހުރީ ޝެލީ އާ އެކުގައި ކަން ހާމަކުރިއެވެ.

********

ފުލުހުންގެ މައި އިދާރާއިން ނުކުތް ގޮތަށް ނިމާނާއި ޖިނާން އެރީ ކާރަށެވެ. ދުއްވަން އިނީ ޖިނާނެވެ. އަދިވެސް ނިމާން މުޅިއަކުން ހަމަޔަކަށް ނޭޅެއެވެ.

"ޝެލީ އެހާލުގައި ވަނިކޮށް ފެންނަހާ ހިނދެއްގައި އަހަރެން ނޯމަލްއެއް ނުވާނެ. އަނެއްކޮޅުން ޝޯނާ. އެތުންފަތްމަތިން ހިނިތުންވުން ގެއްލިއްޖެ. އެދެމައިން ފެންނަ ކޮންމެފަހަރަކު އަހަރެންގެ ހިތަށް ހީވަނީ ބާރުވާހެން" ނިމާން ބުންޏެވެ.

"ވީކަމެއް ނުވާކަމަކަށް ނުވާނެ. ދެން އަހަރެމެންނަށް ކުރެވޭނެ ކަމަކީ ޝެލީއަށް އިންސާފު ހޯދައިދިނުން. އެކަން ކުރެވެން އޮތީ އެމީހާއަށް އަދަބުލިބިގެން" ޖިނާން ބުންޏެވެ.

"އަހަރެމެން ލަސްވީ ކުޑައިރުކޮޅެއް. ޖިނާއަށް އެނގޭތަ މިކީ ނުކުތޭ ހަމަ ވަގުތުން ޝެލީ ފަހަތުން. ސާޖިދުވެސް ނުކުތް. ކާރަށް އަރަން އުޅެނިކޮށް އެނގުނީ މިކީއަށް ގެނެވުނީ ކާރުގެ ކީ ނޫންކަން. އެރޭ ޝެލީ ރަންކިޔާ ރެއަށް ވީމަ ސާޖިދުގެ ފެމެލީ ގޮވައިގެން އައިސް ކާރު ބޭއްވީވެސް އެތެރޭގަ. އަވަސްކުރަން އުޅުނުވަރުން އެވަގުތު ކާރު ތަޅުދަނޑި ލޮލުގައި އަޅައިނުގަތް. އާންމުކޮށްވެސް ކަންތައް ވާގޮތް އެއީ. ހޯދަން އުޅޭ އެއްޗެއް ލޯމަތީގައި އޮތަސް ނުފެންނާނެ. އެންމެފަހުން ސާޖިދު ބޭރަށް ނުކުމެ ދުއްވައިގަތީ. ތިމަންނައަށް އެންމެ މިނިޓެއްވެސް މަޑުކުރެވޭކަށް ނެތޭ ސާޖިދު ގޮވަމުން ދިޔައީ. ޖިނާއަށް އެނގޭތަ! ސާޖިދު ވަރަށް ލޯބިވޭ ޝެލީދެކެ. އެ ހާދިސާއަށް ފަހުވެސް ސާޖިދު ކިހާ މަސައްކަތެއްކޮށްފި ޝެލީ އާ ބައްދަލުކުރަން. ޝެލީ އެއްބަހެއްނުވި" އަސަރާއެކު ނިމާން ވާހަކަދެއްކިއެވެ. އެވާހަކަތައް އަހަން ޖިނާން އިނީ މާޔޫސްވެފައެވެ.

"ދެން އަޅާނުލާ. ފުލުހުންގެ އޮފިސަރު ބުންޏެއްނު. ކޯޓްއަމުރު ލިބުނުހާ އަވަހަކަށް މިކަމާ އުޅޭނަމޭ" ޖިނާން ބުންޏެވެ.

********

ޝެލީގެ ބޮލާ ދިމާލުން ހުއްޓިގެން ހުރި އަލްމާޝް ޝެލީ އާ އެއްވަރަށް ރޮމުން ދިޔައެވެ. އަލްމާޝްގެ ދެއަތުގައި ޝެލީ ހިފަހައްޓާފައި ހުރީ އެހާ ބާރަށެވެ. ނަރުހުން ޝެލީގެ ކުރިމަތިފަރާތުން ކަނޑައިގެން ގޮސްގެން ފަހާފައި ހުރި ތަނުގައި ބޭސް އުނގުޅަމުން ދިޔައިރު އެ ވޭނަށް ޝެލީއަށް ކެތްނުވެގެން ތެޅި ފޮޅެނީއެވެ. އެމަންޒަރު ފެނުމުން އަލްމާޝްއަށް ހީވަނީ އޭނާގެ ހިތުގައި ވޭން އަޅާ ހެންނެވެ.

"މިހާރު އެތަން ވަރަށް ބޮޑަށް ހީލްވެއްޖެ. މަޑުމަޑުން ރަނގަޅުވަމުން އެ އަންނަނީ" އެތަނުގައި ހުރި ސީނިއާ ނަރުހަކު ބުންޏެވެ.

ވަރުބަލިވެގެން ޝެލީގެ ދެލޯ މެރިފައި އޮތް ނަމަވެސް އަލްމާޝްއަށް އަދިވެސް ރުއިން ހުއްޓައެއް ނުލެވެއެވެ. ޝެލީ ހިފަހައްޓައިގެން އޮތް އަތަށް ދޫކަމެއް އައުމާއެކު ޝެލީއަށް ނިދުނީކަން އަލްމާޝްއަށް އެނގުނެވެ. އެހެންކަމުން އަލްމާޝް އައިސް ޝެލީ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ޝެލީގެ ބޮލުގައި އަލްމާޝް ފިރުމާލިއެވެ. އެތަން ފެނުމުން އެތެރޭގައި ތިބި ނަރުހުންގެ ހިތްވެސް ރޮށްވާލިއެވެ.

އެތެރެއަށް ނިމާން ވަނީ އަލްމާޝް އެހެން އިންދައެވެ. މަޑުމަޑުން ދޮރުލައްޕާލި ނިމާނާ ދިމާލަށް އަލްމާޝް އައެވެ. ދެން ނިމާންގެ މޭގައި އަލްމާޝް ލައްވެލިއެވެ. އެހިސާބުން އަލްމާޝްގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ދެލޯ ފެންކަޅިވެފައިވާ ހާލު ނިމާން އަލްމާޝްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ނިމާންގެ ކަޅި ހުއްޓިފައިވަނީ އެނދުގައި ނިދިފައި އޮތް ޝެލީއަށެވެ. ދަރިފުޅުގެ މޫނުމަތީގައި ހުރި ޒަހަމްތައް އަދިވެސް ރަނގަޅަށް ފަސޭހަނުވެއެވެ. އެޒަހަމްތައް ފެންނަ ކޮންމެފަހަރަކު ނިމާނަށް ހީވަނީ އޭނާގެ ހިތުގައި ހުރި ޒަހަމްތަކުގައި ލޮނުމިރުސް ލެވޭ ހެންނެވެ.

އަލްމާޝް އަތުގައި ހިފައިގެން ނިމާން ގޮސް މަޑުކޮށްލީ ކުޑަދޮރު ކައިރީގައެވެ. އަލްމާޝް ގަޔާ ދުރުކޮށްލާފައި ލޯތްބާއެކު ދެލޯ ފޮހެދިނެވެ. އަލްމާޝްގެ މޫނުގައި ބޮސްދިނެވެ. ދެއަތް ތިލައިގައި ބޮސްދީފައި އަލްމާޝް މޭގައި ޖައްސާލިއެވެ. އިސާހިތަކު ނިމާނަށް ރޮވިއްޖެއެވެ. އެހެންނަމަވެސް ނިމާން ކެތްކުރިއެވެ.

"މިއައީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ. ވަރަށް އަވަހަށް އެމީހާ ހައްޔަރުކުރާނެ" ނިމާން ބުންޏެވެ.

"އެމީހާ ހޯދައިގެން އައިސް މަރާލާ. މަރާލާ އެމީހާ" މޮޔައެއްހެން އަލްމާޝް ކިޔަމުން ދިޔައެވެ.

"ޝޯނާ... އެހެން ނުބުނޭ. އެއްވެސް މީހަކު މަރާލުމުގެ ހައްގެއް ނެތް އަހަރެމެންނަށް. އެމީހާއަށް ކުރި ކުށުގެ ހައްގު އަދަބު ލިބޭނެކަން ކަށަވަރު" އަލްމާޝްގެ މޫނުގައި ދެއަތުން ހިފާލައިގެން ހުރެ ނިމާން ބުންޏެވެ. އަލްމާޝް ބަހެއް ނުބުންޏެވެ. ނިމާން ދެއްކި ވާހަކަ އަލްމާޝްއަށް ގަބޫލުކުރެވިއްޖެއެވެ.

"ޝެލީ އެއްޗެއް ކެއިތަ؟" ނިމާން އެހިއެވެ. އަލްމާޝް ދެފަރާތަށް ބޯހޫރާލިއެވެ.

"ޝެލީ ރަނގަޅެއްނޫން. އެކުއްޖާ އަހަރެން ނޫނީ އެއްވެސް މީހަކު ބޭނުމެއްނުވޭ. އަހަރެންގެ ދަރިފުޅުގެ ހަށިގަނޑަށް ވަރަށް ވޭން އެބައަޅާ. އެތެރެހައްޓަށް ގެއްލުމެއް ނުވާކަން އެއީ ހަމަ ނަސީބު. އަލްހަމްދުލިއްލާހް" އަލްމާޝް ވާހަކަދެއްކިއެވެ.

"ޖިނާ އަތުވެއްޖެ. ބުނި ހަފުތާއެއްފަހުން ޝަހާމެން އަންނަ ވާހަކަ" ނިމާން ބުންޏެވެ.

"އެނގޭ. ޝަހާ ގުޅި މިއަދު" އަލްމާޝް ބުންޏެވެ.

ހޮސްޕިޓަލުގައި ނިމާން ބައިންދާފައި ފެންވަރާލުމަށް އަލްމާޝް ގެއަށް އައީ ޝެލީއަށް ނިދިފައި އޮތް ވަގުތުގައެވެ. މައިދޮރުން އެތެރެވެވުމާއެކު އަލްމާޝްއަށް ހައިރާންކަމެއް ލިބުނީ ފެނުނު މަންޒަރަކުންނެވެ. ސޯފާގައި ގުރުއާން ހަތިމެއް ހިފައިގެން ކިޔަވަން އިން ފަޒްނާގެ އުނގުގައި ބޯއަޅައިގެން އޮތް މިކާލް އޮތީ ކުރުގެޅިގެންނެވެ. މަޑުމަޑުން ދޮރުލައްޕާލާފައި އަލްމާޝް އައިސް ހުއްޓުނީ ސޯފާ ކައިރީގައެވެ. އަލްމާޝް ގެއަށް އައީކަން ފަޒްނާއަށް އެނގުނީ އެވަގުތުއެވެ.

"މިކީއަށް ކިހިނެއްވީ؟" އަލްމާޝް އެހިއެވެ. ދެލޯ މަރައިގެން އޮތް މިކާލް ލޯ ހުޅުވާލީ އަލްމާޝްގެ އަޑު އިވުމުންނެވެ. އަލްމާޝް ފެނުމާއެކު މިކާލް ފުންމައިގެން ތެދުވިއެވެ. މަމީ އޭ ބުނެ އަލްމާޝްގެ ގައިގައި ބައްދައިލިއެވެ. އަލްމާޝްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެނަމުން މިކާލް އަލްމާޝްއަށް މުހާތަބް އެކުރީ އެތައް ދުވަހަކަށް ފަހުގައެވެ. ކުޑައިރު އާދަވެފައި ހުރިގޮތަށް ބޭރުން ކިޔަވައިގެން އައިރުވެސް މިކާލް އަލްމާޝްއަށް ގޮވަމުން އައީ މަމީއެވެ. ލަދުން އެ ނަން ޝެލީ ބަދަލުކުރުމުން ފަހުން މިކާލްވެސް މަމް އަށް ބަދަލުކުރިއެވެ.

"ކިހިނެއްވީ؟ މިކީ ކޮންއިރަކު ތިހާ ބަލިކަށިވީ؟" މިކާލްގެ ބުރަކަށީގައި ފިރުމާލާފައި އަލްމާޝް ބުންޏެވެ. ޝެލީއަށް ދިމާވި ހާދިސާއަށް ފަހު އަލްމާޝްއަށް އެންމެފަހަރަކުވެސް މީކާލް ކޮބައިތޯވެސް ބަލައިނުލެވެއެވެ. އެކަން އޭނާ ހަނދާންވުމާއެކު ދެރަވިއެވެ. އެހެންކަމުން ފެންވަރަން ނުގޮސް މިކާލާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް މިކާލް ގޮވައިގެން ސޯފާގައި އިށީނެވެ.

"އައިމް ސޮރީ މަމީ. އަޅުގަނޑަށް ދެވުނީ ލަހުން. އެހާ އަވަސްކުރީމަވެސް ދޮންތަ ސަލާމަތެއް ނުކުރެވުނު" މިކާލް ހިތުގައިޖެހިފައި ބުންޏެވެ.

"ދެން އެވާހަކަނުދައްކާ. މިކީ ތިއިނީ ހާދަ ހަޑިކޮށޭ. ކޮބާތަ މަމީގެ ސްމާޓް ބޯއީ؟ މުޅިން ޗޭންޖްވެއްޖެ" އަލްމާޝް ބުންޏެވެ. ކޮންމެސް ވަރަކަށް ދިގުވެފައި އޮތް މިކާލްގެ އިސްތަށިގަނޑު އަލްމާޝް އަތުން ރީތިކޮށްލިއެވެ.

"ދޮންތައަށް އެހެން ހެދި މީހާ އަޅުގަނޑަށް އެނގޭ. އެގެ ހުންނަތަންވެސް އެނގޭ" މިކާލްގެ އެޖުމްލައާއެކު އަލްމާޝްގެ ހިނިތުންވުން ފަނޑުވިއެވެ. ދެލޯ ކަރުނުން ފުރުނެވެ.

"އެމީހާ ހައްޔަރުކުރުމުގެ ކަންތައް ކުރިއަށް އެބަދޭ. މިކީ އެކަމާ ނުވިސްނާ. މިހާރު އެއްޗެއް ކައިފިންތަ؟" އަލްމާޝް އެހިއެވެ.

"ދޮންތަ އަޅުގަނޑާ ވާހަކަވެސްނުދެއްކި. ގޮވާލީމަ ބަލާވެސްނުލި" މިކާލް ހިތުގައިޖެހުނު ކަންތައް އަދި ދުލާ ހަމައަށް އައީއެވެ. މިކާލްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައި އަލްމާޝްއަށް ތުންފަތުގައި ދަތްއެޅުނެވެ.

*******

ސޯފާގައި އިން ސިޔާ ރޯވަރަކަށް ދެފަރާތުގައި ތިބި އައްބާސް އާއި ޝިއުރާ ސުވާލުކުރަމުން ދިޔައެވެ. ވީގޮތެއް ސިޔާގެ ފުށުން ނޭނގުނެވެ. އެންމެފަހުން އައްބާސް ކޮޓަރިއަށް ވަނީ ލަކްޔަންއަށް ގުޅުމަށް ކޮޓަރިއަށް ފޯނު ބަލައެވެ. ލަކްޔަން ސުވާލުކޮށްފިއްޔާ ވީކަމެއް ސިޔާ ކިޔައިދޭނެކަން އައްބާސަށް އެނގެއެވެ. ހިތުގައިޖެހިފައި ޝިއުރާ ސިޔާއަށް ބަލަހައްޓައިގެން އިނެވެ. ދުވަހަކުވެސް ސިޔާ އެގޮތަށް ރޮނިކޮށް ޝިއުރާއަށް ފެނިފައެއް ނެތެވެ.

"ކުޑާ އެބައަންނަން ދޮންބެ ގޮވައިގެން" ޝިއުރާ ބުންޏެވެ. ތެދުވެގެން ހިނގައިގަތް ޝިއުރާގެ އަތުގައި ސިޔާ ހިފެހެއްޓިއެވެ.

"އަޅުގަނޑުގެ ދޮންބެއެއް ނުހުންނާނެ" ސިޔާ ބުންޏެވެ. ޝިއުރާއަށް ހައިރާންކަމެއް ލިބުނެވެ. އެހެންނަމަވެސް އެކަމާ ގުޅުވައިގެން އެއްޗެއް ނުބުނެވި އުޅެނިކޮށް ދޮރުގައި ބެލް އަޅާއަޑު އިވެންފެށިއެވެ.

ކުރިމަތީގައި ތިބި ފުލުހުންގެ ޓީމް ފެނުމާއެކު ޝިއުރާ ހާސްވިއެވެ. ވީކަމެއް ނޭނގި ޝިއުރާއަށް ފުރަތަމަވެސް ގޮވާލެވުނީ އައްބާސް އަށެވެ. ގަމީހުގެ ގޮށް އަޅުވަމުން ނުކުތް އައްބާސް ފުލުހުންނަށް އިހުތިރާމް އަދާކުރިއެވެ. ގޭތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އަތުގައި އޮތް ކޯޓުއަމުރު ފުލުހުން ދިނީ އައްބާސް އަތަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟