އަށާރަވަނަ ބައި
ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް ބަދިގޭގައި އުޅުނު ޝިއުރާ ސިއްސައިގެން ދިޔައީ ބަދިގެއަށް ވަތް ސިޔާ ރޮއެގަތް އަޑަށެވެ. ކޮޓަރީގައި ރޭޑިޔޯ ހުޅުވައިގެން އިން އައްބާސްވެސް ވީގޮތެއް ބަލަން ކޮޓަރިން ނުކުތެވެ. ބަދިގެއިން ނުކުމެ ކާމޭޒު ކައިރީގައި ރޯންހުރި ސިޔާގެ ކޮނޑުގައި އެންމެ ފުރަތަމަ ހިފަހައްޓާލީ އައްބާސްއެވެ. އެއާއެކު އެނބުރިފައި ސިޔާ އައްބާސްގެ ގައިގައި ބައްދާލިއެވެ.
"ކިހިނެއްވީ ދަރިފުޅާ" ސިޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އައްބާސް އެހިއެވެ. އެތަނަށް އައިސް ހުއްޓުނު ޝިއުރާވެސް ކަންބޮޑުވެފައި އައްބާސްގެ މޫނަށް ބަލައިލިއެވެ.
"ކުޑާ، ކޮންމެސް މީހަކު ޝެލީދައްތަ ރޭޕްކޮށްފި" ސިޔާ ބުންޏެވެ. ޝިއުރާއަށް އަނގަމަތީގައި އަތްއެޅުނެވެ. "އަޅުގަނޑު ބޭނުން ހޮސްޕިޓަލަށް ދާން" ސިޔާ ބުންޏެވެ.
"ދަރިފުޅު ދާންވީނުން ސިޔާ ގޮވައިގެން. މިއަދު ހުކުރުދުވަހެއްނު. ފާރޫގް އަންނަންދެން ބައްޕަ ހުންނާނަން ލޫހް ކައިރީގަ" އައްބާސް ބުންޏެވެ.
"ދޭ ތައްޔާރުވާން" ވިސްނުމެއްގައި ހުރެފައި ޝިއުރާ ބުންޏެވެ.
*********
ދެލޯ ހުޅުވާލި ޝެލީ ފެނުމާއެކު ނިމާންގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ޝެލީގެ އަތަށް ގުޅާފައިވާ ކެނިއުލާ ހުރި ހިސާބުވަނީ އެއްކޮށް ދުޅަވެފައެވެ. ކަރުދަށުގަ އާއި ބަނޑުގެ އެކި ހިސާބު ވަނީ ރަތް ތަންތަންގަނޑެވެ. ނިތްކުރިމަތިންވެސް ވަކި އެޅިފައިހުރި ކަމުގެ ނިޝާންތަކެއް ހުއްޓެވެ. ހުދު ފޮތިގަނޑަކުން ނިވާކޮށްފައި އޮތަސް ޝެލީގެ ހަށިގަނޑުގައިވާ އެންމެ ކުޑަ ޒަހަމްވެސް ނިމާނަށް ޑޮކްޓަރުން ވަނީ ކިޔައިދީފައެވެ.
ޝެލީއަށް ދަރިފުޅާ އޭ ކިޔާފައި ގޮވާލަން އުޅުނަސް ނިމާންގެ އަޑު ބޭރުނުވިއެވެ. އެހެންކަމުން ޝެލީގެ ދޮން އަތްތިލައިގައި ނިމާން ހިފަހައްޓާލިއެވެ. އެވަގުތު އެއްދިމާލަކަށް ބަލަހައްޓައިގެން އޮތް ޝެލީގެ ދެލޮލުގެ އަރިމަތިން ފައިބައިގެންދިޔަ ކަރުނަތިކި ނިމާނަށް ފެނުނެވެ. އެވަގުތުކޮޅު އެއީ ނިމާންގެ ހިތަށް މާބޮޑަށް އަސަރުކުރި ވަގުތުކޮޅެކެވެ. ލޯބިވާ ދަރިފުޅަށް ހިތްވަރެއްދޭން ކިތަންމެ ބޭނުމަސް ނިމާނަށް އެކަން ނުވިއެވެ.
"އައިމް ސޮރީ ދަރިފުޅާ. ބައްޕައަށް ދެވުނީ ވަގުތު ފާއިތުވީފަހުން" އެންމެފަހުން ނިމާން ބުންޏެވެ. ދެން ޝެލީގެ ބޮލުގައި ފިރުމާލިއެވެ. ނިތުގައި ބޮސްދިނެވެ.
"މަން.... މަންމަ...." ކުރަކިވެފައިވާ އަޑަކުން ޝެލީ ބުންޏެވެ.
ފަތިސްނަމާދަށް ފަހު އެންމެން ފައިބައިގެން ނުކުތްއިރުވެސް އަލްމާޝް އިނީ ދުއާއަށް އަތް ނެގި ގޮތަށެވެ. ހުއްޓުމެއްނެތި އަލްމާޝްގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ރަހުމުކުޑަ ޖަނަވާރެއްގެ ވަކިތަކުގެ ދަށުވެ ދިޔުމުން މައެއްގެ ލޮލުން ފައިބާ ކަރުނަތަކާއި ހިތާމަތަކުގެ އަސަރު އަލްމާޝް ފެނުނު މީހަކަށް ފާހަގަވާނެއެވެ.
"ޝެލީ އެވާހަކަ ބުނި ހިސާބުން ފެށިގެން އަހަރެންނަށް ވިސްނެމުން ދިޔައީ. މިހެންމިވީ އަހަރެންގެ ސަބަބުން. އަފޫ، އަހަރެންނަށް އަހަރެންގެ ދަރިފުޅު ހިމާޔަތް ނުކުރެވުނު. އަހަރެން މީ ކޮންކަހަލަ މަންމައެއް" ހުދުކުލައިގެ ދޮޅީގެ ތެރެއިން ފާޅުވާން ހުރި އަލްމާޝްގެ މޫނުމަތީގައިވަނީ ކަރުނައެވެ. އެހާ އަވަހަށް މުޅި މޫނު ދުޅަވެލައިފިއެވެ. ދެލޯ ރަތް ލޭކޮޅަކަށް ވެއްޖެއެވެ.
"އަހަރެން ދަރިފުޅު މުޅި ދުނިޔެއަށް ގިނަވެއްޖެ. ކައިވެނީގެ އުފާވެރިކަން ވަޒަންކޮށްލަން ނުލިބެނީސް މަގޭ ދަރި އެ އުފަލުން މަހުރޫމުވެއްޖެ" އަލްމާޝް މޫނުމަތީގައި އަތްއެޅިއެވެ. އަފާފް އަލްމާޝް އާ ގާތަށް ޖެހުނެވެ. ދެލޯ ކައިި ފޮހެދީފައި މޫނުގައި ފިރުމާލިއެވެ.
"ވީކަމެއްވީ. އަހަރެމެންނަށް އެއީ ނުވާނެކަމެއް ކަމަކަށް ނެހެދޭނެ. މިވަގުތު އެންމެ ބޮޑު ވޭނެއް އަޅާނީ ޝެލީގެ ހިތުގަ. އަހަރެމެން ޖެހޭނީ އެކުއްޖާއަށް ހިތްވަރަކަށް ވެގެން ކޮޅަށް ތެދުވާން. ބޮޑެތިމީހުން މާޔޫސްވެ ކަރު އެލުވާލައިފިއްޔާ އެކުއްޖާ ހައްތަހާ ޑައުންވާނީ" އަފާފް ލޯތްބާއެކު ވާހަކަދެއްކިއެވެ.
"ދެން ތެދުވޭ. އިރުއަރައިފި. ހިނގާ ދާން. އޭރުއްސުރެ ފެށިގެން ދައްތަވެސް އެ އިންނަނީ އެގޮނޑީގަ. ފެންފޮދެއް ބުއި ކަމެއްވެސް ނޭނގޭ" އަފާފް ބުންޏެވެ. މުސްކުޅިވެ ގައި ބާރުދެރަވެފައި އިން މަންމައާއި އަންހެންދަރިފުޅުގެ ހައްގުގައި އަލްމާޝް ކޮޅަށް ތެދުވިއެވެ. ނަމާދު ދޮޅި ބާލާފައި އެ އޮތް ތަނުގައި ފަތްޖަހާފައި ބޭއްވިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓި ދެއަތުން މޫނުމަތި ފޮހެލިއެވެ. އަފާފްގެ ފަހަތުން ހިނގައިގަތީ ހިތްވަރާއެކު ހުރިހާ ކަމަކާ ކުރިމަތިލާން ވަރުގަދަ އަޒުމެއްގައެވެ.
******
މޭޒު ކައިރީގައި އިން ސިޔާ އިނީ ޝެލީއަށް ދިމާވި ހާދިސާއިން އަދިވެސް ޝޮކެއްގައެވެ. އެހާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިޔާ ހުރިހާ ކަމެއްގެ މަތިން ފޫހިކޮށްލައިފިއެވެ. ޝެލީއަށް ހަމްދަރުދީވެ އޮފީހުގެ ވައިބަރ އޮޅިއަށް އަންނަ ކޮންމެ މެސެޖަކާއެކު ސިޔާއަށް ރޮވެއެވެ. ޝެލީ އާ ބައްދަލުކުރަން ބޭނުންވެފައި އިންވަރުން ދެފަހަރު ޝިއުރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އެހެންނަމަވެސް ސިޔާއަށް ޝެލީ އާ ބައްދަލުކުރެވޭ ގޮތެއް ނުވިއެވެ.
"އަދިވެސް އިނީތަ ކާއެއްޗިއްސަށް ބަލަހައްޓައިގެން" މޭޒު ކައިރިއަށް ހުއްޓުނު ޝިއުރާ ބުންޏެވެ. ކަހަނބުގެ މަތިނަގާފައި ސިޔާ ރޮއްޓެއް ނެގިއެވެ. ދެން ލަސްލަހުން ކުޅިމަސްކޮޅަކާއެކު ކާލިއެވެ. ސިޔާގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން ޝިއުރާއަށް ފާހަގަވިއެވެ. އެހެންކަމުން ގޮނޑި ދަމާލާފައި ސިޔާ ކައިރީގައި އިށީނެވެ.
"ދެން އެކަމާ އެހާބޮޑަށް ނުވިސްނާ. ތަންކޮޅެއްފަހުން އަދި ދާނީ ޝެލީ އާ ބައްދަލުކުރަން" ޝިއުރާ ބުންޏެވެ. އެވަގުތު ސިޔާގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ.
ކޮނޑުގައި ދަބަހެއް އަޅުވައިގެން ބާރަކަށް ގެއިން ނުކުންނަން ދިޔަ އިކާނަށް އައްބާސް ގޮވާލިއެވެ. އަދި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.
"މިއަދު ހޮނިހިރެއްނު. ކޮންތާކަށް ތިދަނީ މިހާ ހެނދުނާ" އައްބާސް ބުންޏެވެ. އިކާން މަޑުކޮށްލިއެވެ. ބަހަނާއެއް ދައްކާފައި ގެއިން ނުކުންނަ ހިޔާލު ދޫކޮށްލާފައި އައްބާސް އާ ކުރިމަތިލީ ހިނިތުންވުމަކާ އެކުގައެވެ.
"ކުޑަކޮށް ކަސްރަތުކޮށްލަން ކަމަށް މިދަނީ" އިކާން ބުންޏެވެ.
"ތިދާ ތަނަކަށް ސައިބޮއެގެން ދޭ" ބަދިގެއިން ނުކުތް ޝިއުރާ ބުންޏެވެ.
މޭޒު ކައިރީގައި އިން ސިޔާގެ މޫނަށް އިކާން ބަލައިލީ ފާޑަކަށެވެ. އިކާން ނޭނގޭކަމަށް ހަދާފައި ސިޔާ އާ ކުރިމަތިވާނެހެން އިށީނެވެ.
"އިއްކުއަށް އެނގޭތަ ވެގެން މިއުޅޭ ކަމެއް" އިކާނަށް ތައްޓެއް ކައިރިކޮށްދެމުން ޝިއުރާ ބުންޏެވެ. ނޭނގޭކަމަށް ހަދާފައި އިކާން ޝިއުރާއަށް ބަލައިލިއެވެ.
"ޝެލީ ރޭޕްގެ ޝިކާރައަކަށް ވެއްޖެއްނު. މިހާރު ހޮސްޕިޓަލުގަ" ޝިއުރާ ބުންޏެވެ. ލިބުނީ ކުއްލި ހަބަރެއްކަން އަންގައިދިނުމުގެ ގޮތުން އިކާން ދެލޯ ބޮޑުކޮށްލިއެވެ.
"އެހެންވެއެއްނު ސިޔާ އެހެން އި އިނީ" ޝިއުރާ ބުންޏެވެ.
"ގިނަ ފަހަރަށް އަންހެންކުދިންގެވެސް ގޮތުން އެހެން އެވަނީ. ހުސްއެކަނި ފިރިހެނުން ތިކަމުގަ ކުށްވެރިކުރާކަށް ނުޖެހޭ" ފަރުވާކުޑަ ގޮތަކަށް އިކާން ބުންޏެވެ. އެވަގުތު ސިޔާ އިކާނަށް ބަލައިލީ ފޫހި ނަޒަރަކުންނެވެ.
"ޝެލީދައްތައަކީ ފާޑުފާޑަށް އުޅޭ ކުއްޖެއްނޫން. އެއީ ކޮންމެ މީހެއް ނަމަވެސް އެމީހަކު ބޭޒާރުވާން އަޅުގަނޑު ބޭނުމީ. މުޅި އުމުރަށް އެމީހަކު ޖަލުގަ ބާއްވަން. އަޅުގަނޑު ދުއާވެސް ކުރާނަން" އެވަގުތު އެއީ އިކާން ފެންތަށި ތުނބުގައި ޖެހި ވަގުތެވެ. ކޮށިއަރައިގެން ދިޔައިރު ދެލޮލުން ފެން ފައިބަން ފަށައިފިއެވެ.
"ބަނޑުފުރިއްޖެ. ދަނީ" އިކާން ބުންޏެވެ. ގޮނޑިން ތެދުވެގެން އިކާން ހިނގައިގަތް އިރުވެސް ކެހިވަރު މައިތިރި ނުވެއެވެ.
އޮފީސް ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު އިކާން ފައިބައިފިއެވެ. އިކާން އެތެރެއަށް ވަދެގެން ދިޔުމުން ރާވީ ދިޔައީ ސައިކަލް ޕާކުކުރާނެ ޖާގައެއް ހޯދާށެވެ. އިރުކޮޅަކުން ރާވީ އައިސް އޮފީހަށް ވަންއިރު އެކުގައި ބިދޭސީ ފިރިހެނެއް ހުއްޓެވެ.
"މިއީ އެމީހަކީ" އިކާން ބަލައިލުމާއެކު ރާވީ ބުންޏެވެ.
"މިގޮލާ އަނގަ މައިތިރިކޮށްގެން ހުންނާނެތަ؟" އިކާން އެހިއެވެ.
"ހުންނާނެ. މިއީ ދިވެހިވެސް އިންގްލިޝްވެސް އެނގޭ މީހެއްނޫން. ބައްޕަ ގެންގުޅޭ މީހެއް. ސިންގަޅަ ބަހުން އަހަރެން މީނައަށް ހުރިހާ އެއްޗެއް ކިޔައިދީފިން. ޕޭމަންޓުވެސް ދީފިން" ރާވީ ބުންޏެވެ. އިކާނާ ރާވީ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރީ ބިދޭސީ މީހާ އެތަން ސާފުކުރަންދެނެވެ. ޝެލީ ބޭއްވި މޭޒުމަތީގައި ހުރި ލޭތަކާއި ތަރުތީބު ގެއްލިފައި ހުރި ގޮނޑިތަކުގެ އިތުރުން އެތަނުގައި މީހަކު ކަމެއް ކޮށްފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ނުފެންނާނެހެން ދޮވެލިއެވެ. މުޅި ތަނަށް އެއާފްރެޝްނާ ޖަހާފައި އޮފީހުގެ އެހެން ބައިތައްވެސް ސާފުކޮށް މޮޕް އެޅިއެވެ.
ބިދޭސީ މީހާގެ މަސައްކަތް ނިމުމުން އެމީހާ ފޮނުވާލާފައި އިކާނާއި ރާވީ އައިސް މަޑުކޮށްލީ އިކާންގެ ކެބިންގައެވެ. ދެން ކޮފީ ހިފައިގެން އައިސް އެއް ކޮފީ ތަށި ރާވީއަށް ދީފައި ބޮޑު ގޮނޑިއަށް ވެއްޓިގަތެވެ.
"ކޮޕުންނަށް މިހާރު ހައްޔަރުކުރެވޭނީ. ހެއްކެއް ނުދެއްކޭނެއްނު" ރާވީ ބުންޏެވެ.
"ނޫނޭ. ޑީއެންއޭ ކިޔާ އެއްޗެއްވެސް އޮވޭ. ކޮޕުންނަށް މިތަނުން އެވިޑެންސް ނުލިބޭނީ" އާވި އަރަމުންދިޔަ ކޮފީތަށިން ކޯވަރެއް ބޯލަމުން އިކާން ބުންޏެވެ.
"އެރެސްޓް ކުރިޔަސް މިފަހަރު ހިއެއްނުވޭ އަހަރެން ސަލާމަތްކުރަން ބައްޕަ އެއްވެސް ކަމެއް ކުރާނެހެނެއް" އިކާން ބުންޏެވެ.
"ޑޯންޓް ވޮރީ. އަހަރެން މިހިރީނު. ބައްޕަ އަހަރެން ބުނެފިއްޔާ ނުކުރާނެ ކަމެއް ނޯންނާނެ. އެރެސްޓް ކުރިޔަސް ތްރީ މަންތްސް ނޫނީ ފޯރް މަންތްސް ތެރޭގަ ގޮޅިން ނެރޭނަން. ސަތޭކަ ޕަސެންޓް ޔަގީންކަން މިދިނީ" ޔަގީންކަމާއެކު ރާވީ ބުންޏެވެ.
*******
މޭޒު ކައިރީގައި އިން ސާޖިދު ކުރިމަތީގައި ކޮފީތަށި ބަހައްޓާފައި ސަމީރާ ފުން ނޭވައެއް ލިއެވެ. އަދިވެސް ސާޖިދުގެ ފަރާތުން ފެންނަނީ މަޑުމޮޅިކަމާއި ހިމޭންކަމެވެ. ދެލޮލުން ކަރުނައެއް ނުފެނުނެއް ކަމަކު ބަލައިލި ކޮންމެ މީހަކަށްވެސް ސާޖިދުގެ ދެލޮލުން ވޭނާއި ހިތްދަތިކަން ފެންނާނެއެވެ.
"ދަރިފުޅާ" އެހާލުގައި ސާޖިދު އިންތަން ބަލަން ސަމީރާއަށް ކެތްނުވިއެވެ. ބަލަހައްޓައިގެން އިން ދިމާލުން ސާޖިދުގެ ކަޅި ހަރަކާތްކޮށްލީ ސަމީރާ ގޮވާލި އަޑަށެވެ.
"ޝެލީ އަހަރެންނާ ބައްދަލުނުކުރި. ކީއްވެ؟ ޝެލީއަށް ހީވީތަ އަހަރެން ފޫހިވެދާނޭ" ސާޖިދު އެހިއެވެ. ސަމީރާ ސާޖިދު ކައިރީގައި އިށީނެވެ. ދެލޮލުގެ ތެރެއިން ވެއްޓެން ތައްޔާރުވި ކަރުނަތިކި ބޮޑުވައި އިނގިލިން ސާޖިދު ފޮހެލި މަންޒަރު ރީއްޗަށް ސަމީރާއަށް ފެނުނެވެ. އެހިނދު ސަމީރާގެ ހިތުގައި ރިއްސާލިއެވެ.
"ޝެލީއަށް ވަގުތުދީ. މިވަގުތު އެއްވެސް ކަމަކަށް ޝެލީއަށް މަޖުބޫރު ނުކުރިއްޔާ ރަނގަޅުވާނީ" ސަމީރާ ބުންޏެވެ.
"އަހަރެން ޝެލީ ދެކިލަން ބޭނުން. ވާހަކަދައްކާލަން ބޭނުން. އަހަރެން ފޫހިނުވެޔޭ ބުނަން ބޭނުން" ސާޖިދު ބުންޏެވެ.
"މިރޭ ޝެލީ ނިދާހާ އިރުކޮށްފައި ދަރިފުޅު ދާންވީނުން ހޮސްޕިޓަލަށް" ސަމީރާ ހިޔާލުދިނެވެ. ސާޖިދު ބޯޖަހައިލިއެވެ.
"މިހާރު ކޮޓަރިއަކަށް ބަދަލުކޮށްފި ދޯ. ދެތިން ދުވަސްކޮށްލާފައި ޝެލީ އާ ބައްދަލުކުރަން މަންމަވެސް މިހުންނަނީ" ސަމީރާ ބުންޏެވެ.
********
މިކާލްގެ ކޯލެއް ނުލިބި ގިނައިރުތަކެއް ވުމުން ސިޔާ ހުރީ މާޔޫސްވެފައެވެ. ސިޔާ ގުޅިޔަސް މިކާލް ފޯނު ނުނަގައެވެ. މެސެޖެއް ކުރިޔަސް ރިޕްލައި ވެސް ނުދެއެވެ. ދެކުދިންގެ ގުޅުމަށް އަދި ހަފުތާއެއްވެސް ނުވަނީސް ކަންތައްތައް ވީގޮތުން ސިޔާ މުޅިން މާޔޫސްވެއްޖެއެވެ. ޝެލީ އާ ކަންތައްތައް ދިމާވިގޮތުންނާއި މިކާލަށް ކުއްލިއަކަށް އައި ބަދަލުގެ ސަބަބުން ސިޔާ ހުރީ ހުރިހާ ކަމެއްގެ މަތިން ފޫހިކުރުވައިފައެވެ. އެއްވެސް ކަމެއް ކުރާހިއްނުވެފައި އެނދުގައި އޮއްވައި ސިހުނީ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ބަލައިލިރު އަރަފާއި އިނީ މިކާލްގެ ނަމެވެ. ފުންމައިގެން ތެދުވެ ހެޑްބޯޑުގައި ލެނގިލިއިރު ސިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެހާ އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.
ލޫހްއަށް ފިލާވަޅެއް ކިޔައިދޭން ސޯފަގައި އިން ޝިއުރާ ބަލައިލީ ސިޔާއަށެވެ. ބޭރަށް ނުކުމެވޭގޮތަށް ތައްޔާރުވެގެން ހުރި ސިޔާ ފެނުމުން ޝިއުރާގެ ހިތުގައި ސުވާލު އުފެދުނެވެ.
"އެބަ އަންނަން. ތަނަކަށް މިދަނީ" ސިޔާ ބުންޏެވެ. ޝިއުރާ ހީލާފައި ބޯޖަހައިލިއެވެ. ވަގުތަކީ ދުވާލުގެ ވަގުތަށްވެފައި ސިޔާ ބޭރަށް ނުކުތުމުގެ ހުއްދައަކަށް އެދުމުން އިތުރު ސުވާލެއް ކުރަން ޝިއުރާ ބޭނުންނުވިއެވެ. އެހެންނަމަވެސް ސިޔާއަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސިޔާ ބޭނުންވާ ތަނަކަށް ގެންގޮސްދޭން ފާރޫގް ގެނެސްދެންތޯ ޝިއުރާ ސުވާލުކުރިއެވެ.
"ނޫން. ކާރުގަ މިދަނީ. އެބައިން ބަލާ އައިސް" ސިޔާ ބުންޏެވެ. ޝިއުރާ ހީލިއެވެ. ދޮރުލައްޕާލާފައި ސިޔާ ނުކުތުމުން ޝިއުރާ އަމިއްލަ ހިތާ ވާހަކަދައްކައިލިއެވެ. ސިޔާގެ ހަޔާތަށް ފިރިހެނަކު އައިސްފިކަން ޔަގީނެވެ.
ސިޔާ ކާރަށް އަރާ އިށީނުމާއެކު މިކާލް ކުރިއަށް ކާރު ދުއްވާލިއެވެ. މިކާލްގެ އެއްވެސް ސަމާލުކަމެއް ސިޔާއަށް ނުލިބުނެވެ. ބަދަލުގައި މިކާލްގެ މޫނުމަތިން ސިޔާއަށް ފެނުނީ އިންތިހާދަރަޖައިގެ ހިތާމައެވެ. ހިތުގައި ސުވާލު އުފެދުނަސް މިކާލް ކުރިން ބަހެއް ނުކިޔާ އިނުމުން ސިޔާއަށް ކުރިން ވާހަކަދައްކަން ނުކެރުނެވެ. އެހެންނަމަވެސް ސިޔާ ދެރަވެއްޖެއެވެ. ކުރިން އަބަދުވެސް ލޯބިން ސަމާސާކޮށްލާ މިކާލްގެ އެއްވެސް އަޑެއް ނީވޭތީ ސިޔާ ދެތިންފަހަރު މިކާލްގެ މޫނަށް ބަލައިވެސްލައިފިއެވެ. މާގިނައިރު މިކާލް ނުދުއްވައެވެ. މަޑުކޮށްލީ ގޭ ދޮރުމައްޗަށެވެ. އެއީ ކޮންތަނެއްކަން ނޭނގޭތީ ސިޔާ ކާރުން ފައިބާފައި ވަށައިގެން ބަލައިލިއެވެ.
"ހަވޭލީ. މިއީ ކޮން ގެއެއް؟" ވަރުގަދަ ދަގަނޑު ގޭޓްގެ އެއްފަރާތުގައި ޖަހާފައިވާ ނަން ސިޔާ ކިޔައިލިއެވެ. ދެން ސުވާލުކޮށްލާފައި މިކާލްއަށް ބަލައިލިއެވެ.
"އަހަރެންގެ ގެ" މިކާލް ބުންޏެވެ. "އާދޭ އަހަރެންނާއެކު"
ސިޔާގެ ފިޔަވަޅުތައް ލަސްވިއެވެ. ބުނެވެސްނުލާ ކުއްލިއަކަށް ގެއަށް ގެނައުމުން ސިޔާ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. ނުވެސް ދަންނަ ބައެއްގެ ތެރޭގައި ސިޔާއަށް ރަނގަޅަށް ނޭވައެއްލެވޭނެ ކަމެއްވެސް ނޭނގެއެވެ. އެހެންނޫނަސް މިކާލްގެ މައިންބަފައިންނާ ބައްދަލުކުރަން ސިޔާ އަދި ތައްޔާރެއް ނުވެއެވެ.
"ހާދަ ލަހުންނޭ ތިހިނގަނީ" ފަހަތަށް އެނބުރި މިކާލް ބުންޏެވެ. ސިޔާ ހުރީ މާބޮޑަށްވެސް ފަހަތުގައެވެ.
"އަހަރެންދެކެ ބިރުނުގަނޭ. އަހަރެން އެއްވެސް ކަމެއް ނުކުރާނަން" މިކާލް ބުންޏެވެ. ދުރުދުރުގައި ދެތިން ފިޔަވަޅު އަޅާފައި މިކާލާ އަރައި ހަމަވިއިރު މޫނުމައްޗަށް ވެރިވެފައިވަނީ ހައިރާންކަމެވެ. މިކާލްގެ ފުށުން ހަރުކަށިކަމެއް ފެންނަން ފެށުމުން ސިޔާ ހިތަށް އަސަރުކުރިއެވެ. ސިޔާ ފެނުމުން މިއަދު މިކާލް ހިތްހަމަޖެހުނުހެންވެސް ހިއެއް ނުވެއެވެ. އެހުރިހާ ކަމެއް ހިތަށް އެރުމާއެކު ސިޔާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. މިކާލް ކުރަންއުޅޭ ކަމެއް ނޭނގޭތީ ހިތުގައި ބިރުވެރިކަމެއްވެސް ހިނގާލިއެވެ.
*******
ޗުއްޓީ ކަންތައްތައް ނިންމާލުމަށްފަހު އޮފީސް ބައިން ނުކުތް ނިމާންގެ ކުރިމައްޗަށް އެރި މީހަކު ފެނި ހައިރާންވިއެވެ. އެހާ އަވަހަށް ޖިނާންގެ ގައިގައި ނިމާން ބައްދައިގަނެއްޖެއެވެ. ނިމާންގެ ގައިގައި ހިފަހައްޓައިގެން ހުރެ ޖިނާން ވަނީ އޮފީހަށެވެ. އެޑްމިންގައި މަސައްކަތްކުރާ މުވައްޒަފު ނޫނީ އެވަގުތު އޮފީސް ތެރެއިން އިތުރު މީހަކު ފެންނަން ނެތެވެ. އޮފީސް ތެރެއިން ވަދެވެން ހުރި ބައްދަލުކުރާ ކޮޓަރީގައި ނިމާން ބައިންދާފައި ޖިނާން ހަމަޖެހިލިއެވެ.
އެންމެގާތް އެކުވެރިޔާއަށް ދިމާވެގެން އުޅުނު ހާދިސާ ޖިނާނަށް އެނގުނީ ޝަހާނާގެ ފަރާތުންނެވެ. އެހެންކަމުން ޖިނާން މަޑުކުރަން ބޭނުންނުވިއެވެ. ރާއްޖެ އައުމަށް ނަގާފައި އޮތް ޓިކެޓް ޖިނާން އަވަސްކުރުވީއެވެ. ޝަހާނާ އާއި ދެދަރިން އަދި އާނާ އަންނަން ހަމަޖެހިފައި އޮތީ އަދި ހަފުތާއެއް ފަހުންނެވެ.
"ހައު އިޒް ޝީ ނައު؟" ޖިނާން އެހިއެވެ.
"އަދި އެހާ ރަނގަޅެއްނޫން. ވާހަކައެއް ނުދައްކާ. ބައެއްފަހަރު މަންމާ އޭ ކިޔާފަ ގޮވާލާ. ކާއެއްޗެއްވެސް ނުކައި. ވަރަށް އަނިޔާކޮށްފައި ހުރީ. އަބަދު ރޮނީ. މިހާރު ރޫމަކަށް ބަދަލުކޮށްފިން" ނިމާން ކިޔައިދިނެވެ. ޖިނާން ދެރަވެ ކަރު އެލުވައިލިއެވެ. އުފާވެރި ދުނިޔެއެއްގައި ފިޔަޖަހަމުން ދިޔަ ތަރިއަކަށް އަނިޔާވެރިއަކު އެދިނީ ހާދަ ބޮޑު އަނިޔާއެކެވެ.
"އަހަރެންނަށް މިއިން އެއްވެސް ކަމެއް ނޭނގޭ. ޝަހާ ބުނީމަ އެނގުނީ" ޖިނާން ބުންޏެވެ.
"ޑޮކްޓަރުގެ ހުއްދަ ލިބުމާއެކު ފުރަން މިއުޅެނީ" ނިމާން ބުންޏެވެ.
"ފުލުހުންނަށް މައްސަލަ ހުށަހަޅައިފިންތަ؟" ޖިނާން އެހިއެވެ. ނިމާން ޖިނާންގެ މޫނަށް ބަލައިލިއެވެ. ކުއްލިއަކަށް ދިމާވި ހިތާމަވެރި ހާދިސާއާއެކު ނިމާންގެ ހަނދާނުން ބައެއް ކަންކަން ކައްސާލާފައިވާ ކަހަލައެވެ. ހަގީގަތުގައިވެސް ފުލުހުންގެ މަތިން ނިމާން ހަނދާނެއް ނެތެވެ.
"އެއީ ކާކު ކަމެއް ނޭނގޭ. ޝެލީ އޮތީ އޭނަ މަސައްކަތްކުރާ އިމާރާތާ ޖެހިގެން ހުރި އިމާރާތުގެ ތެރޭގަ. އެއީ ޕްރައިވެޓް އޮފީހެއް" ނިމާން ބުންޏެވެ.
"މީހާގެ މައުލޫމާތު އެނގުން މުހިންމެއް ނޫން. މިހާރުވެސް ތިވަނީ މީހާ ހައްޔަރުކުރާނެ ބައިވަރު މައުލޫމާތު ލިބިފަ. ހިނގާ މަށާއެކު" ޖިނާން ބުންޏެވެ. ދެން ދެ އެކުވެރިން ހިނގައިގަތެވެ.
********
މައިދޮރު ހުޅުވާލުމާއެކު ގޭތެރެއިން ސިޔާއަށް މަރުހަބާ ކިއީ ހަމަހިމޭންކަމެވެ. އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތެވެ. އެހެންނަމަވެސް ލުއިލުއި މީރުވަހެއް ނޭފަތުގައި ޖެހުނެވެ. ތަނަވަސް ބޮޑު ގޭތެރެއަށް ސިޔާގެ ކަޅި ދަތުރުކޮށްލިއެވެ. ބޮޑެތި ސޯފާތައް ބަހައްޓާފައި ހުރި ދިމާލުން މަތިން ތިރިއަށް އެލިފައި އޮތް ޗާންދަލިޔާއަށް ބަލަމުން ސިޔާ ކުރިއަށް ދިޔައެވެ. ސިޔާއަށް ހައިރާންކަމެއް ލިބުނީ މިކާލް ސިޑިން އަރަން ފެށުމުންނެވެ. އިތުރަށް ކުރިއަށްދާން ނުކެރިފައި ސިޔާ ހުއްޓެވެ. އެހެން ހުއްޓައި ސިޔާއަށް ސިހުމެއް ލިބުނީ މިކާލް އެ އައިގޮތަށް އައިސް ސިޔާގެ އަތުގައި ހިފުމުންނެވެ. މިކާލް ހިފާފައި ހުރިގޮތުން ސިޔާއަށް ތަދުވެސް ވިއެވެ. ބިރުން ވިރިވިރި ހުރި ސިޔާ ދެލޮލުން ކަރުނަތައް އޮހިގަތެވެ. މިކާލްގެ އެ ހަރުކަށިކަން ސިޔާގެ މައުސޫމު ހިތް އިރައި ކުދިކުދި ކުރަމުން ދިޔައެވެ. ސިޔާ ގޮވައިގެން ގޮސް މިކާލް ވަނީ އޭނާގެ ކޮޓަރިއަށެވެ. މިކާލް ސިޔާ އަތުން ދޫކޮށްލީ ކޮޓަރީގެ މެދާ ހަމައިގައި ސިޔާ ބަހައްޓާފައެވެ. ޝަކުވާގެ ނަޒަރަކުން ސިޔާ މިކާލްއަށް ބަލަހައްޓައިގެން ހުއްޓެވެ. ސިޔާއަށް ވުރެ ތަންކޮޅެއް ކުރީގައި މިކާލް ހުއްޓިހުރީ ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަން ހުރި ސިޔާއަށް ބަލަހައްޓައިގެންނެވެ. ސިޔާގެ ދެލޮލުން ބިރާއި ސިހުން މިކާލްއަށް ފެންނަމުން ދިޔައެވެ. އެހެންނަމަވެސް ސިޔާގެ އެ ކަރުނަތަކުން މިކާލްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. ލޭތަކާއެކު ނިވާކަމެއް ނެތި އޮތް އެއްބަނޑު އެއްބަފާ ދައްތަ އޮތް ހާލު ހިތަށް ފެންނަ ކޮންމެފަހަރަކު މިކާލްގެ އެތެރެހަށީގެ ލޭ ހޫނުކޮށްލައެވެ.
ފަޒްނާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަން އީމާ ދިޔައީ ސޯފާ އާ ދިމާލަށެވެ. އެހެންނަމަވެސް ކުއްލިއަކަށް މަޑުޖެހުނީ ކަންފަތުގައި އައިސް ޖެހުނު އަޑާއެކުގައެވެ. އަޑު އައީ މިކާލްގެ ކޮޓަރިންކަން އެނގުމާއެކު ފަޒްނާ ތެޅިގަތެވެ.
"މިކީ އެބައުޅޭތަ؟ އެއްޗެހިތަކެއް ތަޅާލައިފި. ހިނގާބަލަ" ފަޒްނާ ބުންޏެވެ.
(ނުނިމޭ)