ވާހަކަ

މޮޔަކޮށްލި މާ - 16

2

ސޯޅަވަނަ ބައި

ކުއްލި ދަތުރެއްގައި ލަކްޔަން ރާއްޖެއިން ފުރައިގެން ދިޔުމުން އެކަމާ އެންމެ އުފާކުރީ އިކާނެވެ. އޭނާގެ ރޭވުމަށް ލިބިގެންދިޔަ އިތުރު ފަސޭހައެއް ކަމުގައި އިކާން ދެކުނެވެ. ފުރުމުގެ ކުރިން ލަކްޔަން ބައްދަލުކޮށް ދިން ނަސޭހަތްތައް އިކާން ހަނދާނުގައި ނެތެވެ. އޭނާގެ ސިކުނޑީގައިވީ އެންމެ ކަމެކެވެ. ތާއަބަދު ކުރެވެނީ ޝެލީގެ ދިރިއުޅުން ބަރުބާދު ކުރުމުގެ ހިޔާލުތަކެވެ. އޭނާގެ މަގުސަދު ހާސިލުވާން ވަގުތު ކުޑަތަންވަމުން އެބަދެއެވެ. ދެން އޮތީ އެންމެ ބޮޑު ކަންތަކެވެ. ސިޔާގެ ފޯނު ހޯދުމެވެ.

*******

ކާމޭޒު ކައިރީގައި ތިބީ ނިމާނާއި އަލްމާޝްގެ އިތުރުން ފަޒްނާއެވެ. އަލްމާޝްގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ފެނުނު ހުވަފެން ކިޔައިދީ ނިމުނުއިރު އަލްމާޝްގެ ހިތަށް ވަނީ އެތައް އަސަރެއްކޮށްފައެވެ. ހިނދުކޮޅަކު ތަނަށް ހަމަހިމޭންކަން ވެރިވެފައި އޮތެވެ.

"ހުވަފެނަކީ ބިލާހެއް. މަންމަމެންނަށް ވެސް ތިޒާތުގެ ވަރަށް ބައިވަރު ހުވަފެން ފެނިފައި ހުރީ" އަލްމާޝްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ފަޒްނާ ބުންޏެވެ.

"އެއީ ތެދެއް. ހުވަފެނާ މެދު ދެން އެހާ ވަރަށް ނުވިސްނަބަލަ އޭގެފަހުން ޝޯނާ އެހެން އެއްވެސް ކަމަކާ ނުވިސްނާ. އަބަދު އެފިކުރު ކުރަންޏާ ހުވަފެންވެސް ފެންނާނެ ދޯ" ނިމާން ބުންޏެވެ. އެއްވެސް މީހެއްގެ ވާހަތަކުން އަލްމާޝްއަށް ހިތްހަމައެއް ނުޖެހުނެވެ. އެ ހުވަފެން އަލްމާޝްގެ މުޅި ނަފުސު ބަލިކަށި ކޮށްފިއެވެ.

"އެވާނީ ޝައިތާނަ ދަރިފުޅަށް ދެއްކި ހުވަފެނެއް ކަމަށް" ފަޒްނާ ބުންޏެވެ. އަލްމާޝް ބަހެއް ނުކިޔައި ހިމޭނުން އިނެވެ.

ޝެލީގެ ރަންކިޔާ ދުވަސް ނޫން އަނެއް ދުވަހަކީ ހޮނިހިރު ދުވަހެއްނު. ހިނގާބަލަ މަޖާކޮށްލަން ފިނޮޅަކަށް ގޮސްލަން. އޭރުން ތިފިކުރުތަކާ ވެސް ދުރުވެވިދާނެ" ނިމާން ބުންޏެވެ.

*******

ހެނދުނުގެ ވަގުތެވެ. ގޭތެރޭގައި ތިބީ އައްބާސް އަދި ޝިއުރާއެވެ. ހުރިހާ ކޮޓަރިތަކެއްގައި މޮޕް އަޅަން އުޅުނު ޝިއުރާ އެންމެފަހު ކޮޓަރިއަކަށް ވަނީ އިކާންގެ ކޮޓަރިއަށެވެ. އަބަދު އިކާން ތަޅުލައިގެން އުޅޭތީ އެތަން ސާފުކުރަން ޝިއުރާއަށް ފުރުސަތު ލިބެނީ މަދު ފަހަރަކުއެވެ. ހިފައިގެން ހުރި އެއްޗެހި އެއްފަރާތުގައި ބަހައްޓާފައި އެންމެ ފުރަތަމަ ކަމަކަށް އިކާންގެ އެނދުގެ ބެޑްޝީޓް ބަދަލުކުރިއެވެ. ފާހާނާ ދޮވުނެވެ. ކުނިކަހާފައި މޮޕްއެޅިއެވެ. ދާ އެއްޗެހި އަޅާ ވަށިގަނޑުގައި ހުރި އެއްޗެހި ނެގި ވަގުތު ޝިއުރާގެ ލޮލުގައި އަޅައިގަތީ ވަށިގަނޑުގެ އެންމެ އަޑީގައި އޮތް މާ ފަލަ ނޫން އޮޅާފައި އޮތް ވަލެކެވެ. ޝިއުރާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. މީގެ ހަތަރު ދުވަސް ކުރިން އެ ވަށިގަނޑު ހުސްކުރިއިރު ވަލެއް ނެތްކަން ޝިއުރާއަށް ޔަގީނެވެ. ޝިއުރާގެ ހިތުގައި ސުވާލު އުފެދުނެވެ. ކޮންމެއަކަސް ޝިއުރާ ނުކުތީ އެ ވާ ވެސް ހިފައިގެންނެވެ.

"އަނހަ ދަރިފުޅާ ތިޔޯ" ސޯފާގައި އިން އައްބާސްއަށް ކޮޓަރިން ނުކުތް ޝިއުރާގެ އަތުގައި އޮތް ވާ ފެނުމުން އެހިއެވެ.

"ނޭނގެ. އިކާންގެ ކޮޓަރިން ފެނުނު އެއްޗެއް" ޝިއުރާ ބުންޏެވެ. އައްބާސް އިތުރު ސުވާލެއް ނުކުރުމުން ޝިއުރާ ވަނީ ބަދިގެއަށެވެ. ދެން ބަދިގެއިން ނުކުމެވޭ ގޮތަށް ހުންނަ ކުޑަ ބެލްކަނިކޮޅަށް ނުކުމެ ފާރޫގް މަސައްކަތްކުރަން ގެންގުޅޭ ބައެއް ވަޑާމުގެ ސާމާނު ހުރި ތަނުގައި ވާ ބޭއްވިއެވެ.

ރޭގަނޑުގެ ކެއުން ކުރިއަށްދިޔަ ވަގުތުގައި ޝިއުރާ އިކާނަށް ގޮވާލާފައި ކޮޓަރިން ފެނުނު ވަލާ ގުޅިގެން ސުވާލުކުރިއެވެ. އެވަގުތު އިކާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެހާ ސިއްރުން ފޮރުވީމަވެސް މީހަކަށް ފެނުނީތީ އިކާން ހާސްވިއެވެ. ދޭނެ ޖަވާބަކާ މެދު އިކާން ވިސްނާލަން ކުޑައިރުކޮޅެއް ނެގިއެވެ.

"އަނެއްކާ ސިއްރު ކަންތައްގަނޑެއް ހިންގާލަން ހޯދާފައި އޮތް ހަތިޔާރެއްތަ ކުޑާއަށް މިފެނުނީ" ސަމާސާ އެކުލެވޭ ރާގެއްގައި ޝިއުރާ ބުންޏެވެ.

"ދަރިފުޅު ކީއްކުރަން އެކަހަލަ އެއްޗެހި ގެންގުޅެނީ" އައްބާސް އެހިއެވެ.

"އެއީ ދޮންބެ ވާދަމަންވެގެން" އިކާނާ ޖެހިގެން އިން ސިޔާ ބުންޏެވެ. އެވަގުތު ސިޔާގެ ބޮލުގައި އިކާން ޖަހައިލިއެވެ.

"ލެޓް މީ އެކްސްޕްލެއިން" އިކާން ބުންޏެވެ. "އެއީ ކުރީ ދުވަހު އެއްޗެއް ގެއްލިގެން ހުރިހާ ތަންތަން ބަލަމުން ދަނިކޮށް އަލަމާރި ބިއްދަށުން ފެނުނު ވާގަނޑެއް. ކަމެއް ޖެހިދާނެތީ އެންމެ ކައިރީގައި ހުރި ބާސްކެޓްގެ ތެރެއަށް ވައްޓާލީ" އިކާން ބުންޏެވެ. އެހާ އަމާން އޮމާންކޮށް އިކާން ވާހަކައިގައި މަތިޖަހާލި ގޮތް ވަރަށް ރީއްޗެވެ. ހުރިހާ މީހުންވެސް އިކާންގެ ވާހަކަތައް ގަބޫލުކުރިއެވެ.

މެންދުރުފަހުގެ ވަގުތެކެވެ. ޝިއުރާ ކޮޓަރީގައި އޮތެވެ. ލޫހް ބަލާ ދިޔުމަށް އަދި ފުދޭ ވަރެއްގެ ވަގުތު އޮތެވެ. އެހެންކަމުން ފެންވަރައިގެން އައިސް އަސުރުނަމާދު ވަގުތު ޖެހެންދެން ކުޑަކޮށް ނިދާލަން ހިތާ ޝިއުރާ އެނދުގައި އޮށޯތެވެ. ދޮރުގައި ޓަކި ޖަހާލި އަޑުވެސް އިވުނީ ހަމަ އެވަގުތުގައެވެ.

"ވަދޭ" ޝިއުރާ ބުންޏެވެ.

އެތެރެއަށް ވަދެގެން އައި ސިޔާ ފެނުމުން ޝިއުރާ ތެދު އެނދުގައި އިށީނެވެ.

"އަދިވެސް ނުދަނީތަ އޮފީހަށް" ޝިއުރާ އެހިއެވެ. މެންދުރުގެ ކެއުމަށް ސިޔާ އައިގޮތަށް އޮފީހަށް ނުދާތީ ޝިއުރާ އެހިއެވެ. ކެއި ވަގުތުގައި ވެސް ލަސްވެދާނެތީ އެންމެ އަވަސްކުރި މީހަކީ ސިޔާއެވެ.

"ދޮންބެ ޓޮއިލެޓްއަށް ވަދެފަވީ. ކުޑާ ކައިރީގަ ވާހަކައެއްވެސް ބުނަންވެފަ އޮތީމަ" ސިޔާ ބުންޏެވެ. ދެން ޝިއުރާގެ ފައި ކައިރީގައި އިށީނެވެ.

"އަވަހަށް ބުނޭ. ކަމެއް ބޭނުންވީތަ؟" ޝިއުރާ އެހިއެވެ.

"މިރޭ ބޭރަށް ދާންވެގެން ހުއްދައެއް ހޯދަން" ސިޔާ ބުންޏެވެ.

"އަވަހަށް ދޭ. ކާކާ އެއްކޮށް ދަނީ" ޝިއުރާ އެހިއެވެ. އެވަގުތު ސިޔާގެ މޫނަށް އައި ބަދަލު ވަރަށް ރަނގަޅަށް ޝިއުރާއަށް ފެނުނެވެ. ކުރި ސުވާލަށް ސިޔާގެ ފަރާތުން ޖަވާބެއް ނުލިބުމުންވެސް ޝިއުރާއަށް އެއްޗެއް ވިސްނުނެވެ. އިތުރަށް ސިޔާ ލަދުގަންނާނެ އެއްޗެއް ބުނަން ޝިއުރާ ބޭނުމެއް ނުވިއެވެ.

"ކުޑާއަށް މައްސަލައެއް ނެތް ދިޔަސް. އެކަމަކު އަދި އަލަށް ކަންނޭނގެ މިފަހަރު އައި ފަހުން ރޭގަނޑު ވަގުތެއްގައި ބޭރަށް ދާން ތިއުޅެނީ. ވަރަށް ވިސްނަންވާނެ ތިއީ އަންހެންކުއްޖެއްކަން" ޝިއުރާ ވާހަކަދެއްކިއެވެ.

"ވަރަށް އަވަހަށް އަންނާނަން. ކުޑާ ތިދެއްކި ވާހަކަތައް އަޅުގަނޑު ގަބޫލުކުރަން" ސިޔާ ބުންޏެވެ.

***********

ނިމާން ފަހަތުގައި އިން ޝެލީ ކުއްލިއަކަށް ނިމާންގެ ބުރަކަށީގައި ޖަހާލާފައި ސައިކަލް މަޑުކުރުމަށް ބުންޏެވެ. އެއްފަރާތުގައި ސައިކަލް މަޑުކޮށްލުމާއެކު ޝެލީ ސައިކަލުން ފައިބައިފިއެވެ. ދެން މަގު ހުރަސްކޮށް އަނެއް ފަޅިއަށް އަރައިފިއެވެ. ޝެލީގެ ހަރަކާތްތަކަށް ނިމާން އިނީ ބަލަހައްޓައިގެންނެވެ. މާ ވިއްކާ ފިހާރައަކަށް ޝެލީ ވަނުމުން ނިމާން ސައިކަލް ޕާކްކޮށްފައި ޝެލީގެ ފަހަތުން އެފިހާރައަށް ވަނެވެ.

"ބައްޕަ ރެޑީކޮށްލަބަ މަންމައަށް ބުކޭއެއް. މިތަނުގައި ހުންނާނެ މަންމަގެ ފޭވްރިޓް މާތައް" ޝެލީ ބުންޏެވެ. އެކި ވައްތަރުގެ މާތަކުން ޖަރީކޮށްފައިވާ ފިހާރައިގެ ތެރެއަށް ނިމާން ނަޒަރު ހިންގާލިއެވެ. "އައިސް ކްރީމްވެސް ހިފައިގެން ދާނީ. ވާނެ މިއަދު މަންމަ ވަރަށް ހެޕީކޮށްލަން" ޝެލީ ބުންޏެވެ.

"ބައްޕައަށް އެއްވެސް ކަމެއްނޫނޭ މަންމަ ހެޕީކޮށްލަން. އެކަމަކު ޝެލީ ބުނެބަލަ މިތަނަށް ތިވަން ސަބަބެއް. ސާޖިދަށް މަލެއް ހޯދަންތަ؟" ނިމާން އެފަދަ ސަމާސާއެއް ކުރުމުން ހަގީގަތުގައިވެސް ޝެލީ ލަދުގަތެވެ. ނިމާނަށް ނުބަލަން ދުރަށް ޖެހިލިއެވެ. ލޯބިން ދަރިފުޅާ ކޮށްލި ސަމާސާއިން ޝެލީ އެހާ ލަދުގަތްކަން އެނގުމުން ނިމާނަށް ހެވުނެވެ.

"ނޫން. އަޅުގަނޑު ވަރަށް ލޯބިކުރާ މަލެއް ފެނުނީ. މިކަހަލަ މަލެއް ރާއްޖެއިން އަދި އަލަށް މިފެނުނީ. ބައްޕައަށް އެނގޭތަ އެކޮޅުގަ ހުރި އަޅުގަނޑުގެ ފްރެންޑެއް. މި މާ ފެނުނީމަ ބުނާނެ މިއީ ތިމަންނަ މޮޔަކޮށްލި މަލޭ" ޝެލީ ބުންޏެވެ. ޕޮޓްތަކުގައި ހުރި ފިޔާތޮށި ކުލައިގެ މާތަކުގައި އަތް ހިންގައިލަމުން ޝެލީ ބުންޏެވެ.

"އަސްލުވެސް އެހެން ބުނާވަރުވެޔޭ. ހާދަ މީރު ވަހެކޭ ދުވަނީ" ނިމާން ބުންޏެވެ.

"އަޅުގަނޑު ގަންނަން ބޭނުން" ޝެލީ ބުންޏެވެ.

"ތިއީ އެއްވެސް ކަމެއް ނޫނެއްނު. ބައްޕަ ގަނެދޭނަން" ނިމާން ބުންޏެވެ. ޝެލީގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

ކައުންޓަރު ކައިރީގައި ނެގި މާތަކަށް ރުފިޔާ ދައްކަން ހުރި ނިމާން ފަހަތަށް އެނބުރި ޝެލީއަށް ބަލައިލިއެވެ. ޝެލީގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ނިމާންގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ. އެ ހިނިތުންވުމަށްޓަކައި މުޅި ޖާނު ގުރުބާންކުރަން ޖެހުނަސް ނިމާން ހުރީ ތައްޔާރަށެވެ. ލިބިފައި ތިބި ދެ ދަރިންނަށްޓަކައި ހަށިގަނޑުން ގުނަވަނެއް ބުރިކޮށްލަން ޖެހުނަސް އެކަން އުފަލުން ނިމާން ކުރާނެއެވެ. ވަޒީފާއަށް ވަންފަހުން ޝެލީއަށް ހަރަދެއްކުރަން ނިމާނަށް ފުރުސަތެއް ޝެލީ ނުދެއެވެ. އެހެންކަމުން މިފަދަ ފުރުސަތެއް ނަގާލާނީ ކޮން ބަފައެއް ހެއްޔެވެ؟

ކޮޓަރިއަށް ވަންގޮތަށް ޝެލީ ޕޮޓްތައް ކޮޓަރީގައި އަތުރާލިއެވެ. ދެން ހިޔާލަކަށް ގެއްލިފައި އިންނަ މީހަކު ފަދައިން އެނދުގައި އިނދެ މާތަކަށް ނަޒަރު ހިންގާލިއެވެ. މިހާ އަވަހަށް ކޮޓަރިތެރެ އެއްވަސްކޮށްލައިފިއެވެ. ޝެލީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. "މިސްޔޫ ސާހިލް" ޝެލީ ބުންޏެވެ. "ޔުއަރ ފޭވްރިޓް ރޯސް މެލޯ" ޝެލީ ބުންޏެވެ.

އެ މަލަކީ ކޮލެޖުގައި އޮތް އިވެންޓެއްގެ ތެރޭގައި ކުޅުނު ޑްރާމާއެއްގެ ތެރެއިން ޝެލީ ސާހިލްއަށް ދިން މަލެކެވެ. އެ މަލުގައި ފުރަތަމަ ހިފި ރޭގައިވެސް ސާހިލް ބުނެލި ޖުމްލަ ޝެލީގެ ހަނދާނުގައި ވިއެވެ. "މޮޔަކޮށްލި މާ" ޝެލީ ހީލިއެވެ. ޝެލީއަށް ނޭނގުނީ އެ ނަން އެމަލަށް ސާހިލް ދިން ސަބަބެވެ.

"ދަރިފުޅު އަދިވެސް އޮތީތަ؟" ކޮޓަރިއަށް ވަން އަލްމާޝް ބުންޏެވެ. ފޯނު ހިފައިގެން ޝެލީ އޮތީ އެނދުގައެވެ. ނުވައެއް ޖަހާއިރަށް އަފާފް ފެހި ހެދުން ހެޔޮވަރު ކުރަން ދާ ވާހަކަ ބުނުމުން އެހާ އަވަހަށް ހަނދާނުން ކައްސާލައިފިއެވެ.

"ނޫން. ޖޭޑީ ގުޅީމަ މަޑުކޮށްލީ. މަންމަ ނިމުނީތަ؟" ޝެލީ އެހިއެވެ.

"އާނ ހިނގާ. ބައްޕަ އެބައިން ކާރުގަ" އަލްމާޝް ބުންޏެވެ.

"މިކީ އެބައިންތަ ގޭގަ" ދަބަސް ހިފައިގެން ނުކުންނަމުން ޝެލީ އެހިއެވެ.

"ނޫޅޭ. ދުވަހަކުވެސް ނުވާ ވަރަށް ރީތިވެގެން ބޭރަށް ހިނގައްޖެ. މަންމައަށް ހީވަނީ މިކީގެ ވެޑިން ވެސް ބާއްވަންވީހެން" ހީލަމުން އަލްމާޝް ބުންޏެވެ.

"ކޮންތާކު މިކީ ދުވަހަކުވެސް ތިކަހަލަ ވިސްނުމެއް ނުގެންގުޅޭނެ" ޝެލީ ބުންޏެވެ. ފައިވާނުގެ މަޅިގަނޑު އަޅުވައިގެން ހިނގައިގަނެފައި ކުއްލިއަކަށް ޝެލީ އަލްމާޝްގެ އަތުގައި ހިފައިފިއެވެ.

"މާމަ އެކަންޏެއްނު ގޭގަ" އަލްމާޝް ބަލައިލުމާއެކު ޝެލީ ބުންޏެވެ.

"މާމައަށް އޮތީ ނިދިފަ. އަހަރެމެން އެގެއަށް ލާފަ ބައްޕަ ވަރަށް އަވަހަށް ގެއަށް އަންނާނެ" އަލްމާޝް ބުންޏެވެ.

*********

ރެސްޓޯރަންޓަށް ވަދެގެން އައި ސިޔާ ހުރީ ދާނެ ދިމާލެއް ނޭނގިފައެވެ. އެކަހަލަ ތަންތަނަކީ ސިޔާއަށް އާ ތަންތަނެވެ. ދުވަހަކުވެސް ވަދެފައިނުވާ އެތަނުގައި އެކުލެވިގެންވި ފަނޑު އަލިކަމުގެ ތެރެއިން އެއްވެސް މީހަކު ސީޔާއަށް ފާހަގަނުވިއެވެ. އެހެންނަމަވެސް މީހުން ފުރިފައިވާކަން އެނގެއެވެ. އިވެމުންދިޔަ މިޔުޒިކާ އެއްވަރަށް މަޑުމަޑުން ފައިތިލަ އިން ހަރަކާތްކޮށްކޮށް ހުއްޓައި ސިހުނީ ކަންފަތް ކައިރިން އިވުނު ފިރހެން ކުއްޖެއްގެ އަޑުންނެވެ. ސިޔާ އެނބުރުނުއިރު ކިރިޔާ ގުޑުމެއް އެރިޔަސް ގައިގައިޖެހޭ ހިސާބުގައި ހުރި މިކާލް ފެނި ހިނިތުންވެލިއެވެ.

"ވަރަށް އިންތިޒާރުކޮށްފިންތަ؟" މިކާލް އެހިއެވެ. ސިޔާ ދެފާރަތަށް ބޯހޫރާލިއެވެ. ދެން މިކާލްގެ ބެލުމުން ސަލާމަތްވުމަށް ދިގު އެސްފިޔަތައް މަޑުމަޑުން ތިރިކޮށްލިއެވެ.

"ހިނގާ އެތެރެއަށް" މިކާލް ބުންޏެވެ. ސިޔާ ހިނގައިގަތެވެ. އެވަގުތު މިކާލް ސިޔާއަށް ގޮވާލިއެވެ. ސިޔާ އެނބުރިލުމާއެކު ސިޔާގެ ކުރިމައްޗަށް އަތްތިލަ ހުޅުވާލިއެވެ. ތިމަންނަގެ އަތް ތިލައިގައި ހިފާށޭ ބުނާ ކަހަލައެވެ.

"ތިހާ ރީތިކުއްޖަކު އެކަނި ދޫކޮށްލާހިތެއް ނެތް" ސިޔާ ލަދުވެތި ހީލުމަކުން ހީލިއެވެ. ދެން މަޑުމަޑުން މިކާލްގެ އަތު ތެރެއަށް އަތްތިލަ ލެއްވިއެވެ. އެކަމަށް ސިޔާގެ ހިތްވެސް ނުހަނު އެދިއެދި ހުރި ކަމަކަށް އިންކާރު ނުކުރެވުނީއެވެ. ސިޔާ ގޮވައިގެން މިކާލް ވަނީ އޭސީކޮށްފައިވާ ބައިގެ ތެރެއަށެވެ. ސިޔާގެ އަތުން ދޫކޮށްލާފައި ގޮނޑި ދާމާލާފައި އިޝާރާތުން އިށީންނާށޭ ބުންޏެވެ. ސިޔާ އިށީނުމާއެކު އަނބުރާލާފައި ގޮސް މިކާލް އިށީނެވެ.

"ކޯޗެއް ކާނީ" މިކާލް އެހިއެވެ. ކުރިމަތީގައި އިން ސިޔާ އިންގޮތުން މިކާލްގެ ހިތް ލޯބިން ފުރެމުން ދިޔައެވެ. ދުވަހަކުވެސް އަންހެންކުއްޖެ ފެނުމުން ނުވާފަދަ ގޮތްތަކެއް މިކާލްއަށް ވަމުން ދިޔައެވެ. ހަމަ ހަގީގަތުގައިވެސް މިކާލްއަށް ސިޔާދެކެ ލޯބިވެވިއްޖެ ކަމުގައި ގަބޫލުކުރެވިއްޖެއެވެ.

"ހެހެހެ... އަހަރެން ވަރަށް ގިނައިރުވެއްޖެ ލޮލީޕޮޕްއަށް ދުރުގަ ބަލަން ހުންނަތާ. ގަބޫލުނުކުރެވުނީ ބުރުގާ އަޅާފަ ހުރީމަ. ކުރީ ދުވަހު ފެނުނުއިރު ބުރުގާއެއް ނެތް ވިއްޔާ" މިކާލް ބުންޏެވެ.

"ވަރަށް ފަހުން އެޅީ" ސިޔާ ބުންޏެވެ.

"ވަރަށް ރީތި. ވަރަށް ލޯބި. އަހަރެން މޮޔަވެއްޖެ" މިކާލް ބުންޏެވެ. ސިޔާ ހީލިއެވެ.

"އަހަރެން މިކަހަލަ ތަނަކަށް ލޮލީޕޮޕް ގެނައީ ކީއްކުރަންކަން ނާހާނަންތަ؟" މިކާލް އެހިއެވެ. ސިޔާ އެސްފިޔަތައް އުފުލާލާފައި މިކާލްއަށް ބަލައިލިއެވެ.

"އެނގޭ" ސިޔާ ބުންޏެވެ.

"އެހެންތަ. އެހެންވިއްޔާ ބުނެބަލަ ކީއްކުރަން" މިކާލް އެހިއެވެ. މިކާލްގެ މޫނަށް ބަލާލަފައިވެސް ސިޔާއަށް ޖަވާބެއް ނުދެވުނެވެ.

"އައި ލައިކް ޔޫ ލޮލީޕޮޕް" ހިނދުކޮޅަކަށްފަހު މިކާލް ބުންޏެވެ.

ގަޑިއިރަކަށްފަހު ދެކުދިން ރެސްޓޯރަންޓުން ނުކުތްއިރު ދެކުދިންގެ ދެއަތްތިލަ ވީ ގުޅި ލާމެހިފައެވެ. ހިނގާފައި ދިޔައިރު އިރުކޮޅަކާ މިކާލް ސިޔާއަށް ބަލައިލައެވެ. ސިޔާ ލަދުން ހީލާ ކޮންމެފަހަރަކު މިކާލްގެ ލާނެއް އެއްޗެއް ބުނެލައެވެ.

"އަހަރެންނާއެކު ކާރުގަ ދާން ކެރޭނެތަ؟" މިކާލް އެހިއެވެ. ސިޔާ ބޯޖަހާލިއެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟" ސިޔާ ބުންޏެވެ. އޭރު ދެކުދިންނަށް ކާރާ ހަމައަށް ދެވިއްޖެއެވެ.

"އަވަހަށް ބުނޭ" މިކާލް ބުންޏެވެ.

"ލޮލީޕޮޕް ނުކިޔަފާނަންތަ؟" ސިޔާ ބުންޏެވެ.

"ދެން ކީކޭ ކިޔަންވީ މަގޭ ދޫނިގަނޑާ" ސިޔާ އާ ދިމާލަށް މޫނު ކައިރިކޮށްލަމުން މިކާލް ބުންޏެވެ.

"އެނޫން ކޮންމެ ނަމަކުން ކިޔަސް ހެޔޮ" ސިޔާ ހީލަމުން ބުންޏެވެ.

"އޫމް..... އެހެންވީމަ ލޮބްސް... ނޫނީ ގޯޖަސް.... ބިއުޓިފުލް ޕްރިންސަސް އެހެންނޫނީ"

"ތިތަނުން ކޮންމެ ނަމަކުން ގޮވިޔަސް ހެޔޮ. މިކީ ބޭނުން" ސިޔާ ބުންޏެވެ.

*********

މުޅި ގޭތެރެވަނީ ޝެލީގެ ރަންކިޔުމުގެ ހަފުލާއަށް ތައްޔާރުކޮށްފައެވެ. މޭޒުމަތީގައި އެތައް ވައްތަރެއްގެ ކާއެއްޗިއްސެވެ. ސޯފާތަކުގެ ކަވަރާއި ދޮރުފޮތިތައް ބަދަލުކޮށްފައެވެ. އެއްފަރާތުގައި ދުވަހަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކޭކެއް ހުއްޓެވެ. އެންމެ ފުރިހަމައަށް ތައްޔާރުވެގެން އިނީ ޝެލީއެވެ. އަފާފްގެ ހަރަދުގައި ޝެލީއަށް ތައްޔާރުކޮށްފައިވާ ހެދުން ވަރަށް ފުރިހަމައެވެ. ޕީޗް ކުލައިގެ އެ ހެދުން ޝެލީގެ ދެފައިތިލަ ފޮރުވެއެވެ. ހެދުން ފަހާފައިވާ ފޮއްޗަށް ވުރެ ފަނޑު ކުލައެއްގެ ޝޯލްވަނީ ބަލާ މީހުންނަށް އުނދަގުނުވާނެހެން ޖަރީކޮށްފައެވެ. ޝެލީގެ މޭކަޕްކޮށްދިނީ އީމާއެވެ.

ސާޖިދު ކައިރީގައި އިން ޝެލީއަށް އިރުކޮޅަކާ ސާޖިދު ބަލައިލައެވެ. ޝެލީއަށް ތައުރީފުކޮށްލަން ސާޖިދު އިނީ އިންތިހާއަށް ބޭނުންވެފައެވެ. އެހެންނަމަވެސް ތަނުގައި ތިބި ދެފަރާތުގެ އާއިލާ އާއި ކެމެރާތަކުގެ ސަބަބުން އެއްޗެއް ބުނަން ނުކެރިފައެވެ. އެހެންނަމަވެސް ނޭނގޭކަމަށް ހަދާފައި ޝެލީގެ އަތްތިލައިގައި ފިރުމާލައެވެ. އަތުގައި ހިފާލައެވެ.

"ކޮބާ ދަރިފުޅު ރަން ބުނޭ އަވަހަށް" ފޯމު ފުރަން އައިސް ތިބި މީހުން ރަނުގެ އަދަދު އަހާލުމާއެކު ނިމާން ބުންޏެވެ. ޝެލީ އާ ޖެހިގެން ނިމާން އިންއިރު ސާޖިދު އާ ޖެހިގެން އިނީ ސަމީރާއެވެ. އަލްމާޝް އާއި އަފާފް ހުރީ ޝެލީގެ ފުރަގަހުން ކޮޅަށެވެ. ވަކިން ހުރި ސޯފާގައި ފަޒްނާ އަދި މިކާލް އިނެވެ.

"އެންމެ ކުޑަ ސައިޒްގެ މުސްހަފެއް" ޝެލީ ބުންޏެވެ. އެފަދަ އެއްޗަކަށް ޝެލީ ރަންކިޔާނެ ކަމަށް ހީނުކުރެވިފައި އިން ސާޖިދު ޝެލީއަށް ބަލައިލިއެވެ. ބާކީ ތިބި މީހުންވެސް ޝެލީއަށް ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ބަލަން ފެށިއެވެ.

"ކިހިނެއްތޯވީ؟ އެފަދަ އެއްޗަކަށް ރަން ނުކިޔޭނެތޯ؟" ޝެލީ ބުންޏެވެ.

"ނޫނޭ ދަރިފުޅާ. ރަންކިޔޭނެ އަންހެންކުއްޖާ ބޭނުންވާ ކޮންމެ އެއްޗަކަށް" ފަޒްނާ ބުންޏެވެ. ނިމާން ޝެލީގެ އަތުގައި ހިފާލިއެވެ. ދަރިފުޅާ މެދު ފަހުރުވެރިވަމޭ ބުނާ ބެލުމަކުން ޝެލީއަށް ބަލާލައިފައި ނިތުގައި ބޮސްދިނެވެ.

އެއް ސުފުރާ މަތިން ހުރިހާ މީހުން ކެއުމަށް އިންސާފުކުރަމުން ދިޔައިރު ތަނުގައި ދެކެވެމުން ދިޔައީ ހަތް ދުވަސްފަހުން ކުރެވޭ ޝެލީގެ ކައިވެންޏާ ގުޅޭ ވާހަކައެވެ. ކުރަންޖެހޭ ތައްޔާރީތަކުގެ ވާހަކައެވެ.

"އަޅުގަނޑު އެބައަންނަން" އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުން ޝެލީ ބުންޏެވެ. އެފަދަ ވަގުތެއްގައި ސިޔާގެ ނަންބަރުން ގުޅާތީ ޝެލީ ފޯނު ނަގަން ބޭނުންވިއެވެ. ފޯނު ހިފައިގެން ޝެލީ ކޮޓަރިއަށް ވަތްތަނާ ކޯލު ކެނޑިއްޖެއެވެ. ފަހުން ގުޅާނަމޭ ހިތާ އަލުން ކޮޓަރިން ނިކުންނަނިކޮށް ދެން އައީ މެސެޖެކެވެ.

"ޝެލީދައްތާ! ސިޔާ މީނީ ބައްޕަގެ އޮފީހުގަ. އެއްޗެއް ބަލާ އައިސް. ސިޔާ މިހުރީ ނުކުންނަން ނުކެރިފަ. ސިޔާ ފަހަތުން މިތަނަށް މީހަކު ވަދެފި ކަންނޭނގެ. ޕްލީޒް ހެލްޕް މީ ޝެލީދައްތާ. ގޭ އެއްވެސް މީހެއްގެ ފޯނަކަށް ނުގުޅޭ. ޝެލީދައްތަ ނޫނީ އިތުރު މީހެއްގެ ނަންބަރެއްވެސް ނޭނގޭ. ޕްލީޒް މިތަނުން ސިޔާ ނެރެދީ." ސިޔާގެ މެސެޖް ކިޔާލާފައި ޝެލީ ކަންބޮޑުވިއެވެ.

ސިޔާގެ މައުސޫމުކަމާއި ބިރުގަންނާނެވަރު ޝެލީއަށް އަންދާޒާކުރެވުނެވެ. ޝެލީ ބޭނުންވީ ހުރިހާ މީހުން ކައި ނިމިގެން ހަމަޖެހެންވާއިރަށް ސިޔާ ގޮވައިގެން ގެއަށް އަންނާށެވެ. އެހެންކަމުން ކޮޓަރިން ނުކުމެ ދޮރާ ދިމާލަށް ދަނިކޮށް މީހަކު ޝެލީގެ އަތުގައި ހިފައިފިއެވެ. ބަލައިލިއިރު ސާޖިދު ހެވިފައި ހުއްޓެވެ.

"ސިއްރު ސިއްރުން ކޮންތާކަށް؟" ސާޖިދު އެހިއެވެ.

"އެބަ އަންނަން. ސިޔާ ބުނެގެން ކުޑަ ކަމެއް ކޮށްދީފަ" ޝެލީ ބުންޏެވެ.

"އަދި މިރޭ ޝެލީ އާ ވާހަކަދައްކާލަން ވަގުތެއްވެސް ނުލިބޭ" ސާޖިދު ބުންޏެވެ.

"ޝެލީ މިރޭ ނިދާނީ ލަވް އާ މީޓްކޮށްފަ. އިންޝާﷲ. މިހާރު ދޫކޮށްލާ. ސިޔާ މިވަގުތު އަހަރެން ބޭނުންވޭ" ޝެލީ ބުންޏެވެ. ސާޖިދު ކައިރިވާން ފެށުމުން ޝެލީ ކަންބޮޑުވިއެވެ. ފަހަތުގައި ގޭ މީހަކު ހުރިތޯ ބަލައިލިއެވެ.

"ޖޭޑީ، މީހަކު އައިސްދާނެ. މިއަންނަނީ ވަރަށް އަވަހަށް. އަހަރެން އަންނަންދެން ހުރިހާ ކަމެއް ބަލާދެއްޗެ. އަވަހަށް ދިޔައިމަ އަވަހަށް އާދެވޭނީ" ޝެލީ ބުންޏެވެ. ސާޖިދު ޝެލީ ދޫކޮށްލިއެވެ. ދެން ދެފަރާތް ބަލާލާފައި ޝެލީގެ ކޮލުގައި ބޮސްދިނެވެ.

"ސޮރީ އަހަރެންނަށް ޝެލީ އެކަނި ދާން ދޫކޮށްނުލެވޭނެ" ސާޖިދު ބުންޏެވެ.

"ކާރުގަ ދާނީ. ކާރުގަ އަންނާނީވެސް. ޖޭޑީ މިތަނުން ގެއްލުނީމަ ހުރިހާ މީހުން ނުބައި ގޮތަކަށް ވިސްނަފާނެ" ޝެލީ ބުންޏެވެ.

"އެހެންވީމަ ހިނގާ. ޝެލީ ޓެކްސީގަ ނައްޓާލީމަ އަހަރެން ގެއަށް ވަންނާނީ. ދެވުނީމަ އަންގަން ޖެހޭނެ. މިކޮޅަށް އަންނަން ނައްޓާލުމުގެ ކުރިން ގުޅަން ޖެހޭނެ" ސާޖިދު ބުންޏެވެ. ޝެލީ އަވަސް އަވަހަށް ބޯޖަހާލިއެވެ.

"ވަޓް؟؟ ސިޔާއަށް ކިހިނެއްވީބާ؟ ކީއްވެބާ މަށަށް ނުގުޅީ" ޝެލީގެ ވާހަކަތައް އަޑުއަހަން ފާރު ކައިރީގައި ހުރި މިކާލް ބުންޏެވެ. ދެން ފޯނު ނަގާފައި ސިޔާގެ ނަންބަރަށް ގުޅިއެވެ.

"ހޭއި ބިއުޓިފުލް... " ސިޔާ ފޯނު ނެގުމާއެކު މިކާލް ބުންޏެވެ.

"ކިހިނެއްވީ އަނެއްކާ؟ ބަލީތަ؟ ކޮންތާކު ތިހުރީ؟" މިކާލް ސުވާލު ކުރިއެވެ. އެތަނުން ޖަވާބުދޭންވީ ސުވާލެއް ސިޔާއަށް ނޭނގުނެވެ.

"މިހުރީ ގޭގަ. ނިދަން މިއުޅެނީ. މިކީއަށް ގުޅަން ހުރީ އޮށޯވެފަ" ސިޔާ ބުންޏެވެ. ވަގުތުން މިކާލްގެ ތުންފަތުގައިވި ހިނިތުންވުން ފިލައިފިއެވެ.

"އެއްވެސް މީހަކަށް މެސެޖެއް ކުރިންތަ؟ އައި މީން އެއްވެސް މީހެއް ކައިރީގައި ކަމަކަށް އެދުނިންތަ؟ މިކާލް އެހިއެވެ.

"ނޫން. ކިހިނެއްވީ؟ ނުކުރަން މެސެޖެއް. ކުޑާ ކޮޓަރީގަ އިނދެފަ މިއައީ. ފޯނު މިކޮޓަރީގަ ބާއްވާފަ ދިޔައީ. ވަޓްސް ރޯންގް" ސިޔާ އެހިއެވެ.

"ވެއިޓް. ފަހުން ގުޅާނަން" ސިޔާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މިކާލް ފޯނު ބާއްވައިފިއެވެ.

ކޮޓަރިއަށް ވަދެ ކާރުގެ ތަޅުދަނޑި ހިފައިގެން މިކާލް ނުކުންނަން ދުއްވައިގަތެވެ. އެމަންޒަރު ގޭތެރޭގައި ތިބި މީހުންނަށް ފެނުމާއެކު ހައިރާންވިއެވެ. ނިމާން ތަންކޮޅެއް ބާރަށް މިކާލްއަށް ގޮވާލިއެވެ.

"ދޮންތަ ވީ ނުރައްކަލެއްގަ" ދުވެފައި ދިޔަ މިކާލް ބުނީ އެވަރަށެވެ. ދެން ނުކުމެގެން ހިނގައްޖެއެވެ. އެދިމާލަށް ނިމާނާއި ސާޖިދުވެސް ދުއްވައިގަތެވެ. އަތުގައި ބިއްލޫރި ފެންފުޅި ދޫވެގެން ވެއްޓުމާއެކު އަލްމާޝް އަރި އަޅާލައިފިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟