ފަނަރަވަނަ ބައި
"ހަމަ ތެދެއް މިބުނީ. އަހަރެންނަށް ޝެލީދެކެ މިހާ ބޮޑަށް ލޯބިވެވުނީ ކޮން އިރަކު ކަމެއްވެސް ނޭނގޭ. އިނގެނީ އަހަރެން މަރުވާނީ....." ސާޖިދަށް ޖުމްލަ ފުރިަހަމަ ނުކުރެވުނެވެ.
"ދެން ތިހެން ނުބުނައްޗެ. އަހަރެންގެ ލޯމައްޗަށް ތިފަދަ ދުވަހެއް ނުދައްކަވާށި. އަހަރެންވެސް ލޯބިވޭ. ބޭނުންވަނީ މިހާރު މިވަގުތުވެސް އިންނަން" ސާޖިދުގެ މޭގެތެރޭގައި ބޮނޑިވެލަމުން ޝެލީ ބުންޏެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ސާޖިދު އެހިއެވެ. ޝެލީ ހަމައެކަނި 'ހޫމް' އަކުން ފުއްދާލިއެވެ.
"އަހަރެން ނެތް ދުނިޔެއެއްގައި ޝެލީ އިތުރު ކައިވެންޏެއް ކުރަން ކިހާ މުއްދަތެއް ނަގާނެ" ސާޖިދުގެ އެ ސުވާލާއެކު ޝެލީއަށް އިސްއުފުލާ ސާޖިދުގެ މޫނަށް ބަލައިލެވުނެވެ. ޝަކުވާއިން ފުރިގެންވީ ގޮތަކަށް ދެފަރާތަށް ޝެލީ ބޯހޫރާލިއެވެ.
"މިހާ އުފާވެރި ރެއެއްގައިވެސް ޖޭޑީ ތިދައްކަނީ ކޮންކަހަލަ ވާހަކަތަކެއް" ޝެލީ ބުންޏެވެ.
"ދެން ބުނެބަލަ" ސާޖިދު ބުންޏެވެ.
"ސްޓޮޕް އިޓް" ޝެލީ ބުންޏެވެ.
"އެހެންވިއްޔާ...."
"ޝްޝްޝް..." ޝެލީ އިނގިލިން ސާޖިދުގެ ތުންފަތުގައި ހުރަސްކޮށްލިއެވެ. އެހިނދު ސާޖިދުގެ ނަޒަރު ޝެލީގެ ތޫނު ނަޒަރާ ބައްދަލުވެގެން ދިޔައެވެ. އެވަގުތުކޮޅު ވެގެން ދިޔައީ ދެލޯބިވެރިން އިތުރަށް ގާތްކޮށްލި ވަގުތުކޮޅަކަށެވެ.
********
ރޭގަނޑު ދިހައެއް ޖަހާލިހާއިރެވެ. ލެޕްޓޮޕުން ފިލްމެއް އަޅުވައިގެން އޮތް ސިޔާ ސިއްސައިގެން ދިޔައީ ކައިރީގައި އޮތް ފޯނަށް މެސެޖެއް އައި އަޑުންނެވެ. ފިލްމު ޕޯސްކޮށްފައި ފޯނު ނަގާފައި ބަލައިލިއިރު މެސެޖެއް ލިބިފައި އިނީ ވަޓްސްއެޕުންނެވެ. ސިޔާ މެސެޖް ހުޅުވާލިއެވެ. އޮތީ ހަމައެކަނި ހައި ޖަހާލާފައެވެ. ސިޔާ މާބޮޑު ކަމަކަށް ނަހަދައެވެ. އެހެންނަމަވެސް ހައިރާންކަމެއް ލިބުނެވެ. ފޯނު ނުބާއްވަނީސް އަނެއްކާ އަނެއް މެސެޖެވެ. ކާކުކަން ނޭނގޭހާ ހިނދެއްގައި ސިޔާގެ ފަރާތުން ޝައުގުވެރިކަމެއް ނުލިބޭނެކަން އެމީހަކަށް އެނގޭ ކަހަލައެވެ.
"ޔޫ ލުކް ލައިކް އަ ސްޓޯބެރީ ކަޕްކޭކް. އައި ލައިކް ޔޫ އަ ލޮޓް" ސިޔާ އެމެސެޖް ކިޔާލިއެވެ. އެހިނދު ސިޔާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ކާކުކަން ނޭނގުނު ނަމަވެސް އެމީހަކާ ސިޔާ ގަޔާވެއްޖެއެވެ. އެހެންނަމަވެސް ކާކުކަން ނޭނގޭތީ ސުވާލުކުރިއެވެ.
"އެންމެންވެސް ލޯބިން ކިޔަނީ މިކީ" މިކާލް ބުންޏެވެ.
"ތިއީ ސިޔާ ދޯ. އެކަމަކު އަހަރެން ކިޔާނީ ލޮލީޕޮޕް" މިކާލް ބުންޏެވެ. އެހިނދު ސިޔާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.
"ވަޓް؟ ލޮލީޕޮޕް" ސިޔާ ބުނެލިއެވެ.
"ހެހެހެ. ނޭނގުނު ދޯ. ވެޓުން ދިމާވިއެއްނު. ކުރީ ދުވަހު މަގުމަތިންވެސް" މިކާލް ހަނދާންކޮށްދިނެވެ. އެހިނދު ސިޔާ ހިނިތުންވެފައިވާ އިމޯޖީއެއް ފޮނުވާލިއެވެ. ސިޔާއަށް މިކާލް އެނގިއްޖެކަން އަންގައިދޭ ރަމްޒެއްގެ ގޮތުންނެވެ.
"ބީޒީތަ؟ ވާހަކަދައްކާލެވޭނެތަ؟"
*******
ލަކްޔަންގެ ކެބިންގައި ޓަކިޖަހާލި ގޮތަށް ދޮރު އެތެރެއަށް ހުޅުވާލައިފިއެވެ. ލިޔުންތަކެއް ބަލަމުން ދިޔަ ލަކްޔަން ބަލައިލިއިރު އިކާން ދޮރުމަތީގައި ހުއްޓެވެ.
"ބައްޕާ، ވަރަށް އަވަހަށް މިއަންނަނީ ރާވީ ތަނަކަށް ވައްޓާލާފަ" އިކާން ބުންޏެވެ.
"ކާރު ކީ ބޭނުންތަ؟" ލަކްޔަން އެހިއެވެ.
"ސައިކުގަ މިދަނީ" އިކާން ބުންޏެވެ.
"އޯކޭ. އެކަމަކު ބަންގި އެގޮވަނީ. ތިދާ ތަނަކަށް ދިޔުމުގެ ކުރިން މިސްކިތަށް އަރާ ނަމާދުކޮށްގެން ދާތި" ލަކްޔަން ބުންޏެވެ. އިކާންގެ މޫނުމައްޗަށް އެރި ފޫހިކަމުގެ ކުލަވަރު ލަކްޔަންއަށް ނުފެނެއެވެ.
ގޭކައިރިއަށް މަޑުކޮށް ރާވީ ނަގައިގެން އިކާން މިސްރާބުޖެހީ ހުޅުމާލެ އާ ދިމާލަށެވެ. ކެފޭއެއް ކައިރީގައި މަޑުކޮށްލާފައި އެތެރެއަށް ދެއެކުވެރިން ވަދެގެން ދިޔައެވެ.
"ވާއު... ކައިރިއަށް ގެނެސް ލޯބިކޮށްލާ ކަހަލަ ދޯ" މަގުމަތިން ދިޔަ ގެސްޓް އަންހެން ކުއްޖެއް ދައްކާލާފައި ރާވީ ބުންޏެވެ. އިކާން ޖަހާލީ ހިނިގަނޑެކެވެ.
ރަނގަޅު ދިމާލެއް ހޯދާފައި އިށިންގޮތަށް ކޮފީއަށް އޯޑަރު ދިނެވެ. މެންދުރުގެ ވަގުތެއް ވިޔަސް އެތަނުގައި މީހުން މަދެއް ނޫނެވެ. ވެއިޓަރަކު އައިސް ބެހެއްޓި ފެންފުޅި ކަނޑާލާފައި ރާވީ އިކާނަށް ނަޒަރެއްދިނެވެ.
"ބިޓެއް ސެޓްކޮށްފިން. ލަމްއާ" ފަހުރުވެރިކަމާއެކު ރާވީ ބުންޏެވެ. އެއީ އިކާނަށް އާ ހަބަރަކަށްވުމުން އޮޅުންފިލުވަން ބޭނުންވިއެވެ.
"ކުރީ ރެއެއްގަ ބައްޕަ ރައްޓެއްސެއްގެ ދައުވަތަކަށް ބައްޕައާއެކު ރިސޯޓަކަށް ކަނޑާލީނުން. އެތަނުން ދިމާވި މަންޖެއެއް" ރާވީ ވާހަކަދެއްކިއެވެ.
"ސަޅިތަ؟ އައިމީން ހޮޓް ތަ"؟ އިކާން އެހިއެވެ.
"ހޮޓީ ހޮޓް ކަމަކަށްތަ؟ އެކަމަކު އަލެއްނޫން އިނގޭ. އެކަމަކު މީހަކު ފޫހިވެގެން ދޫކޮށްނުލާނެ" ރާވީ ބުންޏެވެ. ޖީބުގައި އޮތް ފޯނު ނެގިގޮތަށް ދެމީހުން ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯތައް ރާވީ ދެއްކިއެވެ.
"ވަރަށް އަވަހަށް މީޓުކޮށްދޭނަން" ރާވީ ބުންޏެވެ.
"ވެއިޓް. ސީރިޔަސްތަ؟" އިކާން އެހިއެވެ.
"ނޯވޭ... ހީވޭތަ އަހަރެން ސީރިޔަސްވާނެހެން. މިއީ އެންޖޯއީ ކުރަންވީ ދުވަސްތަކެއްނު. ހަމަ ޓައިމްޕާސްކޮށްލަން ކުރިކަމެއް. އެކަމަކު އެމަންޖެ ވަރަށް ވެގެން އުޅެނީ" ރާވީ ބުންޏެވެ. އެއާއެކު ބުރުވާލި ސިނގިރެޓްގެ ދުންތަކާއެކު ރާވީ ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ.
"ދެން ކިޔާބަލަ އެއްކަލަ މަންޖެގެ ވާހަކަ" ރާވީ ބުންޏެވެ.
"އެބައިން ވަރަށް ސަޅި އައިޑިއާއެއް. ސަތޭކަ ޕަސެންޓް ޔަގީން މީތި ވޯކް ކުރާނެކަން" އިކާން ބުންޏެވެ.
********
ދުވާލުގެ ކޮންމެސް ވަގުތެކެވެ. ގޭތެރެއިން އެއްވެސް މީހަކު ނުފެނެއެވެ. ފެންވަރައިގެން ނުކުތް އަލްމާޝް އައިސް ހުއްޓުނީ މައިދޮރު ކައިރީގައެވެ. ކޮންމެވެސް ސަބަބަކާ ހުރެ އަލްމާޝްގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވިއެވެ. ނޫ ކުލައިގެ ސާލެއް ފަދައިން ފެންނަން އޮތް އުޑަށް އަލްމާޝްގެ ނަޒަރު ހުއްޓުނެވެ. ހުދު ކުލައިގެ އެންމެ ވިލާކޮޅެއްވެސް ފެންނަން ނެތެވެ. މުޅި ސަރަހައްދުން އަލްމާޝްއަށް ފެންނަމުންދަނީ ހަމަހިމޭންކަމެވެ. އުޑުގެ އެއްފަރާތުން ފާޅުވަމުންދިޔަ ކަޅު ބޯ ވިލާގަނޑު ފެނުމާއެކު އަލްމާޝްގެ މޫނުމަތީ ކުލަވަރު ބަދަލުވިއެވެ. ހިނދަކަށްފަހު ހިނދެއް އެ ވިލާގަނޑު ބޯވަމުން ގޮސް އަތް އުފުލައިލުމާއެކު އަތުގައިޖެހޭ ހިސާބަށް ވިލާގަނޑު ކައިރިވިހެން އަލްމާޝްއަށް ހީވިއެވެ. މީގެކުޑަ އިރުކޮޅެއްކުރިން ހިނިތުންވެ އުޖާލާވެފައިވާ އަލްމާޝްގެ މޫނުމަތީގައި ބިރުވެރިކަން ވަށާލައިފިއެވެ. ފެންނަން ފެށި މަންޒަރަކީ މީގެކުރިން ދުވަހަކުވެސް އަލްމާޝްއަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. ގޭތެރެއަށް ވަދެ ދޮރުލައްޕާ ނުލެވި އުޅެނިކޮށް ބޭރު ގޭޓުމަތިން ބިންދާލި ބޮޑު ރާޅު ފެނި އަލްމާޝްއަށް ހީވީ މޭގަނޑު އަނގައަށް އައި ހެންނެވެ. އަލްމާޝްއަށް ހަމަހޭވެރިކަމެއް ވިއިރު ކަނޑުގެ ވަރުގަދަ ބާނިތަކުގެ ތެރޭގައި ސަލާމަތަށް އެދި ގޮވަމުން ދިޔައެވެ. އަލްމާޝް ހިތްވަރު ކުރިއެވެ. ވަށައިގެން އެނބުރި ބަލައިލިރު ދުރުން ގެއެއް ފެންނަން ހުރުމުން އަލްމާޝް ފަތައިގަތީ އެދިމާލަށް ދިޔުމަށެވެ. ހިކިފަސްތަނަކަށް އެރުނުއިރު އަލްމާޝް ހުރީ ބަލިވެފައެވެ. އަލްމާޝްއަށް ހިތްހަމަޖެހުމެއް ލިބުނީ އާއިލާ ހުރިހާ މީހުން ސަލާމަތުން އެތަނުގައި ތިބިތަން ފެނުމުންނެވެ. ސަލާމަތަށް އެދި އަންހެންކުއްޖެއްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްމާޝް އެދިމާލަށް ބަލައިލިއެވެ. އެހިނދު ފެނުނު މަންޒަރަކުން އަލްމާޝްއަށް ރޮއެގަނެވުނެވެ. ރުޅިއައިސް ރަތްވެ އުފުލިފައިވާ ކަނޑުގެ ވަރުގަދަ ބާނިތަކުގެ ތެރޭގައި ގެނބެމުން އެދަނީ ޝެލީއެވެ. އަލްމާޝް އެދިމާލަށް ދާން ދުއްވައިގަތެވެ. އެހެންނަމަވެސް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. ކޮންމެވެސް މީހަކު އަލްމާޝްގެ އަތުގައި ހިފަހައްޓައިފިއެވެ. ރޮއެރޮއެ އަލްމާޝް ހިނދެމުން ދިޔައެވެ.
ގަދަ ނިދީގައި އޮތް ނިމާނަށް ދެލޯ ހުޅުވާލެވުނީ ކޮޓަރި ތެރެއިން ރުއިމެއްގެ އަޑު އިވޭހެން ހީވެގެންނެވެ. ބެޑްލައިޓް ޖައްސާފައި އަޑު އަންނަ ދިމާލަށް ބަލައިލިއެވެ. އެހިނދު ނިމާންގެ ހިތަށް ބާރުވެގެން ދިޔައެވެ. ހީވީ ނޭވާ އަރުގައި ތާށިވިހެންނެވެ. ވަގުތުން އަލްމާޝްގެ ދެކޮނޑުގައި ހިފައި އުފުލައިލި ގޮތަށް ތަޅުވައިގަތެވެ. އޭސީގެ ފިނިން މުޅި ކޮޓަރި ފިނި ހިފާލާފައިވާއިރު އަލްމާޝް ހީވަނީ ދަލުން ފެންވަރައިގެން އޮތް ހެންނެވެ.
"ޝޯނާ... ޝޯނާ" ތަޅުވައިގަތުމުންވެސް އަލްމާޝް ދެލޯ ނުހުޅުވިއެވެ. ނިމާން ކަންބޮޑުވީ ދެނެވެ.
"ޝޯ....ނާ" ތަންކޮޅެއް ބާރަށް ނިމާން ގޮވާލިއެވެ. އެހިނދު އަލްމާޝް ލަސްލަހުން ދެލޯ ހުޅުވިއެވެ. އޭރުވެސް އަލްމާޝްގެ ގިސްގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ. ދެލޯ ހުޅުވިގޮތަށް އަލްމާޝް ވަށައިގެންވި މަންޒަރަށް ބަލައިލިއެވެ. ގައިގެ އެތަން މިތަނުގައި އަތް ހޭކިއެވެ.
"ކިހިނެއްވީ ދޫންޏާ" އޯގާތެރި އަޑަކުން ނިމާން އެހިއެވެ.
"ޝް...ޝެލީ... މަގޭ ދަރި ގެނބެނީ" ގައި މަތީގައި އޮތް ކުއިލްޓް އެއްފާރަތަށް އެއްލާފައި އަލްމާޝް އެނދުން ފައިބަން އުޅުނީ ނިމާނާ ދުރު ފަޅިންނެވެ.
"ކޮންތާކަށް... ޝޯނާ... މިއީ ދަންވަރޭ. ޝެލީ އޮންނާނީ ނިދާފައެއްނު" ނިމާނަށް އަލްމާޝް އާ ހަމައަށް އާދެވުނުއިރު އަލްމާޝް ކޮޓަރި ދޮރާ ހަމައަށް އަތުވެއްޖެއެވެ.
"މަޑުކޮށްބަލަ. އަހަރެންވެސް ދާނަމޭ. ތިހެން ހުރެތަ ދަނީ" ނިމާން ބުންޏެވެ. އެވަގުތު އަލްމާޝް ނުހިފެހެއްޓޭނެކަން ނިމާނަށް ވިސްނުނެވެ. އަލްމާޝްގެ އަމަލުތައް ހުރިގޮތުން އަލްމާޝްއަށް ނުބައި ހުވަފެނެއް ފެނިއްޖެކަން ނިމާން ޔަގީންކުރިއެވެ. އަލްމާޝް ކޮޓަރި ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓާ ނައިޓީ މަތިން ލާ ޖެކެޓްކޮޅު ގެނެސް ލެއްވީ ނިމާނެވެ.
ނިދާފައި އޮތް ޝެލީއަށް ބަލަހައްޓައިގެން ހުރެފައި އަލްމާޝް ހުރި ދިމާލުން ތިރިވިއެވެ. އެނދުން ބޭރަށް އެލިފައި އޮތް ޝެލީގެ އަތުގައި މޮޔައެއް ފަދައިން އަލްމާޝް ބޮސްދެމުން ދިޔައެވެ. އެމަންޒަރު ބަލަން ނިމާނަށް އިތުރަށް ކެތެއްނުވިއެވެ. އަލްމާޝްގެ ދެކޮނޑުގައި ހިފާފައި ނެގި ގޮތަށް ގަޔާ ކައިރިކޮށްލިއެވެ. ދެން މަޑުމަޑުން އަލްމާޝް ގޮވައިގެން ޝެލީގެ ކޮޓަރި ދޮރުލައްޕާލާފައި ބޭރަށް ނުކުތެވެ.
********
މުޅިން އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ދަންވަރު ހޭލިގޮތަށް އަލްމާޝްއަށް ނުނިދައެވެ. އޭނާގެ ހިތް ވީ ބިރުގަނެފައެވެ. ދުވަހަކުވެސް އެވަރުގެ ބިރުވެރި ހުވަފެނެއް އަލްމާޝްއަށް ނުފެނެއެވެ. އެހެން ދުވަސްދުވަހާ ހިލާފަށް އަލްމާޝްގެ ހަރަކާތްތައް ބަދަލުވެފައި ވިއެވެ. މުޅި މީހާގެ އެއްވެސް ރޫހެއް ނެތެވެ.
"ޝޯނާ، އަދިވެސް މިތަނުގަ. ހިނގާބަލަ ދެމީހުން އެއްކޮށް ހޫނު ކޮފީއެއް ބޯލަން" ފާހާނާއިން ނުކުތް ނިމާން ބުންޏެވެ.
"މާން ޑިޔުޓީއެއްނު" އަލްމާޝް ބުންޏެވެ. ދެން އިސްޖަހާލައިފިއެވެ. "ސޮރީ. ރޭގަ އެހެން އުޅެވުނީމަ"
"އެވަރު ކަމެއްނޫން" ނިމާން އަލްމާޝް ކައިރީގައި އިށީނެވެ. ދެން އަލްމާޝްގެ މޫނުގެ ދެފަރާތުގައި ހިފާލާފައި ނިތުގައި ބޮސްދިނެވެ.
*****
އޮފީހުގައި އިނދެފައި މުހިންމު ކަމެއްގައި ބޭރަށް ނުކުމެލި އިކާނަށް ތަންކޮޅެއް ދުރުގައި ހުރި ފިހާރައަކަށް ވަން ޝެލީ ފެނުމުން ހިޔާލު ބަދަލުކޮށްލިއެވެ. ޝެލީ އާ ފޮށިނުލާ އިކާން ހިތްހަމައެއްނުޖެހުނެވެ. އެހެންކަމުން ލައިގެން ހުރި ފަޓްލޫނުގެ ދެޖީބަށް އަތް ޖަހާލައިގެން އިކާން މަޑުކޮށްލައިގެން ހުރީ ޗާންސް އޮންލައިން އިމާރާތާ އެ އޮފީހާ ގުޅޭ ހިސާބުގައެވެ.
އީމާއަށް ވުރެ ތަންކޮޅެއް ކުރީގައި ހުރެ ހިނގާފައި އަންނަ ޝެލީ އިން އިކާންގެ ނަޒަރު ފަޅި ސިކުންތަކަށްވެސް ނުނެއްޓެއެވެ. އަނދިރި އަޅި ކުލައެއްގައި ހުރި ކަށި މައްޗަށް އަރާ ހެދުމުގައި ޝެލީ ފެންނަގޮތް ޗާލުކަމުން އިކާން ހުރީ ތަލިން ކުޅު ހިކިފައެވެ. އިރުކޮޅަކުން މޫނު އެހެން ދިމާލަކަށް އަނބުރާލާފައިވެސް އަނެއްކާވެސް ޝެލީއަށް ބަލައިލިއެވެ. އެހިނދު ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.
އިމާރާތުގެ ދޮރާ ހަމައަށް ނާދެވެނީސް ޝެލީގެ ލޮލުގައި އިކާން އަޅައިގަނެއްޖެއެވެ. އެވަގުތު ޝެލީ އާ ގާތަށް އިކާން ފިޔަވަޅެއް އެޅިއެވެ. ޝެލީއަށް އެހިސާބުގައި މަޑުކޮށްލެވުނީ ކީކޭ ހިތަށް އަރައިގެންކަމެއް ނޭނގެއެވެ.
"ޔޫ ލުކް ސެކްސީ" ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް ދެއަތް ޖަހައިލަމުން އިކާން ބުންޏެވެ. ޝެލީ އިކާނަށް ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ.
"އަހަރެން ކުރި އެޓޭކްމަތިން ހަނދާން ނެތުނީތަ؟" ޝެލީ ބުންޏެވެ. އެވަގުތު އިކާން ޖަހާލީ ހިނިގަނޑެކެވެ. ފަހަތުގައި ހުރި އީމާގެ އަތުގައި ހިފައިގެން ޝެލީ ހިނގައިގަތެވެ.
"ގެޓް ރެޑީ ފޯރް ރިވެންޖް" އިކާން ބުންޏެވެ. އޮފީހަށް ވަންނަން ދިޔަ ޝެލީގެ ފިޔަވަޅު މަޑުޖެހުނެވެ. ކޮންމެވެސް ސަބަބަކާ ހުރެ ޝެލީގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. އެހެންނަމަވެސް އިކާނަށް ރައްދު ދިނުމުގެ ވިސްނުމެއް ނެތެވެ. އެހެންކަމުން ބަހެއްނުކިޔާ ޝެލީ އެތެރެއަށް ވަނެވެ.
މޭޒު ކައިރީގައި އިން ޝެލީއަށް އިނދެވުނީ ދާދި ދެންމެއަކު އިކާން ބުނި ޖުމްލަ އާ މެދު ވިސްނާށެވެ. މާބޮޑު ކަމަކަށް ހަދަން ބޭނުން ނުވިޔަސް އެކަމާ ވިސްނޭ ސަބަބެއް ޝެލީއަށް ނޭނގުނެވެ.
"ކޮން ވިސްނުމެއްގަ؟" ފިނި އަތަކުން އަތް ތިލައިގައި ހިފަހައްޓާލުމާއެކު ޝެލީ ސިހުނެވެ. އެވަގުތު ސިޔާ ހީލާފައި ދުރަށް ޖެހިލިއެވެ.
"އެއްވެސް ކަމެއްނުވޭ" ހީލަމުން ޝެލީ ބުންޏެވެ. އީމާ އައިސް ޝެލީގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ދެން ފާޑަކަށް ޝެލީއަށް ބަލަމުން ދިޔައެވެ.
"ކޮބާ ހީވޭ. އެމީހާ ނުހުންނާނެ މައިތިރިވެގެނެއް. އަދިވެސް މިކަން ސީރިޔަސްކޮށް ނަގާކަށް ނުވޭތަ؟" އީމާ ވާހަކަދެއްކިއެވެ. އީމާގެ އަޑުގައި ކަންބޮޑުވުން ވިއެވެ.
"ދެން ތިވާހަކަނުދައްކާ. އެއީ ކަމެއްވާ މީހެއްނޫން. ބޮޑު ފިނޑިއެއް. ކަމެއްވާނަމަ އެގޮތަށް އަންހެން ކުދިންނަށް އިންޒާރެއް ނުދޭނެ" ޝެލީ ބުންޏެވެ. ކުރިމަތިން ނަގަމުން އަންނަ ކަޅު ބޯ ވިލާގަނޑުގެ ހިލަން ޝެލީއަށް ވާނެ ނަމައެވެ.
********
ލަކްޔަން އޮފީހަށް ވަދެގެން އައިއިރު ރިސެޕްޝަނުގައި ތިބި އަންހެންކުދިންނާ ވާހަކަދައްކަން ކައުންޓަރުގައި ބަނޑުއަޅައިގެން ހުރި މީހަކު ފެނިފައި އެދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޮފީހުގައި މަސައްކަތްކުރާ އަންހެންކުދިންނާ އެހާ ގާތްކޮށް އެއްވެސް ފިިރިހެނަކު ހުރިތަނެއް މީގެކުރިން ލަކްޔަންއަށް ފެނިފައި ނުވެއެވެ. އެހެންކަމުން ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ކައުންޓަރުގައި ތިބި އަންހެންކުދިންނަށް ފަހަތުގައި ހުރި ލަކްޔަން ފެނުމާއެކު ވަގުތުން މޫނުމައްޗަށް ސީރިޔަސްކަން ވެރިވެއްޖެއެވެ. ދެން މަޑުމަޑުން މަސައްކަތަށް މަސްއޫލުވިއެވެ. އެކުދިންނަށް އައި ބަދަލު ރާވީއަށް ފާހަގަވިއެވެ. އެހެންކަމުން ފަހަތަށް އެނބުރި ބަލައިލިއެވެ. އެވަގުތު ދާދި ކައިރީގައި ހުރި ލަކްޔަން ފެނުމުން ރާވީ ލަދުގަތެވެ. އެކުދިންނާ ރާވީ ފޮށުނު އަޑު އިވުނުބާއޭ ހިތަށް އެރިއެވެ.
"ރާވީ މިތަނުގަ. ކަމެއްގަތަ؟" ލަކްޔަން އެހިއެވެ.
"އިކާން ފާހާނާއަށް ވަދެލާފަ އެބަ އަންނަމޭ ބުނީމަ މިތާ މަޑުކޮށްލައިގެން ހުރީ" ރާވީ ބުންޏެވެ. އެވަގުތު އެއީ ކެބިން އިން އިކާން ނުކުތް ވަގުތެވެ. ލަކްޔަން ފެނުމުން އިކާނަށްވެސް ވީ ރާވީއަށް ވީވަރެވެ. ފިޔަވަޅުތައް މަޑުޖައްސާލާފައި ކުރިއަށް ހިނގާފައި އައީ މަޑުމަޑުންނެވެ.
"ކޮފީއެއް ބޯލަން މިދަނީ. ހެނދުނު ގަޑީގަ ރަނގަޅަށް ސައިވެސް ނުބޮވޭ" ލަކްޔަން އެހުމަކާ ނުލައި އިކާން ބުންޏެވެ.
"އަވަހަށް އަންނާތި. ބައްޕަ ވާހަކައެއް ދައްކަންވެފަ އެބައޮތް" ލަކްޔަން ބުންޏެވެ.
ރާވީ އައިސް ހުރީ ސިރާޖްގެ ސައިކަލުގައެވެ. ދުއްވަން އިކާނާ ހަވާލުކޮށްފައި ރާވީ އެރީ ފަހަތަށެވެ. ދެން އަނެއް އަތުގައި އޮތް ހެލްމެޓް އިކާނަށް ދިއްކޮށްލިއެވެ. އެހިސާބުން ކޮފީއަށް ދާންވީ ހުޅުމާލެއަށް ކަން އިކާނަށް އެނގުނެވެ. ފަހަކަށް އައިސް ދެއެކުވެރިން ކޮފީ ބޯ މަންޒިލަކަށްވެފައި ވަނީ ހުޅުމާލެއެވެ.
"ލަކީބެ އަންނާނީ އަބަދުވެސް މިކަަހަލަ ވަގުތުތަކުގަ" ރާވީ ބުންޏެވެ.
"ބަނޑުގައި ރިއްސާތީއޭ ކިޔާފަ ގެއަށް ދިޔައިމަ އަހަރެން ހީކުރީ ބައްޕަ ދެން މިއަދު އޮފީހަށް ނާންނާނެކަމަށް" އިކާން ބުންޏެވެ.
"އެތާ އިނދެއެއްނު ތަންކޮޅެއް ކުޑަކޮށް ލޯބިކޮށް އިންނަ މަންޖެއެއް. ކިރިޔާ ސެޓުނުވެ ހުރީ" ފޮނިވެލާފައި ރާވީ ބުންޏެވެ.
"އެންޖޯއިކޮށްލާ. އަހަރެންވެސް މިކަންތައް ނިންމާލާފަ ޖޮއިންވާނަން" އިކާން ބުންޏެވެ.
"އެކަންތައް ކިހާ ހިސާބަކަށް ދިޔައީ" ރާވީ އެހިއެވެ.
"ދެ ދުވަސް. ދެ ދުވަސްތެރޭ ނިންމާނަން. އޮފީހުގަ ނިންމާލާނީ. ތަންވެސް ރެޑީކޮށްފިން. މާދަމާ ވަލަކާ އެއްޗެހި ވައްދާލީމަ ނިމުނީ" އިކާން ބުންޏެވެ.
"އަހަރެން ހުންނާނަން ފާރައަށް" ރާވީ ބުންޏެވެ. ދެން ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ.
******
އާދައިގެމަތިން ޝެލީ އާ ބައްދަލުކުރަން ސާޖިދު އެގެއަށް އައި ވަގުތެވެ. ޝެލީ މަޑުކޮށްލައިގެން ހުރީ ބަގީޗާ ގަސްތައް ކައިރީގައެވެ. ރޭގަނޑުގެ ވަގުތަށް ވިޔަސް އުޑުގައި ފިޔަޖަހަމުންދާ ތަރިތަކުގެ ވިދުންތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ބިމަށް ފޯރާފައިވިއެވެ. ރޭގަނޑަށް މާތައް މޯޅިވެ ނިދީގެ ދާނުގައި އަރާމުގައި ވިޔަސް އެމާތަކުގެ ހިތްގައިމު ވަސް މުޅި ސަރަހައްދުގައި ހަރުލާފައި ހުއްޓެވެ. ކުއްލިއަކަށް ޝެލީ ސިހުނީ ފަހަތުން އައި ދެއަތަކުން އޭނާގެ ބަނޑުގެ ދެފަރާތުން ވަށާލާފައި އައިސް ބައްދާލުމުންނެވެ. ވަގުތުން އެއީ ކާކުކަން ޝެލީއަށް އެނގުނެވެ. ސާޖިދުގެ ހިތުގެ ތެޅުމުގެ އަޑު ދުވަހަކުވެސް ޝެލީގެ ހިތަކުން ނުފިލާނެއެވެ.
"އެއް މިނެޓް ލަސްވެއްޖެ" މައުސޫމު ގޮތަކަށް ޝެލީ ބުންޏެވެ. ސާޖިދު ހީލިއެވެ.
"ކޮން އަދަބެއް އޮތީ" ސާޖިދު އެހިއެވެ.
"ފަހުން ބުނާނަން" ޝެލީ ބުންޏެވެ. ދެން އެއް އަތް އުފުލާލާފައި ސާޖިދުގެ މޫނުގައި ފިރުމާލިއެވެ.
އަޅައިގެން ހުރި ޝޯލްމަތިން ޝެލީގެ ކަންފަތް ކައިރިއަށް ސާޖިދުގެ ހޫނު ނޭވާގެ ހޫނުކަން އިހުސާސްވެގެން ދިޔަ ވަގުތު ދެލޯ މެރުނެވެ. އަތްފައިން ހީބިހި ނަގައިގަތެވެ.
"އޫމްމް.... ހާދަ މީރު ވަހެކޭ. ކާލާހިއްވަނީ" ސާޖިދު ބުންޏެވެ. ދެން އިވުނީ ޝެލީގެ ލުއިލުއި ހީލުމުގެ އަޑެވެ.
"މި ފްރައިޑޭގަ. އިންޝާﷲ. އަހަރެންގެ އަންބަކަށް ވާން ޝޭލީ ރަންކިޔާނެ" ސާޖިދު ބުންޏެވެ.
"އަލްހަމްދުލިއްލާހް. ވަރަށް އުފާވެއްޖެ. މިހާރުން ފެށިގެން ގަޑި ގުނަން ފަށައިފިން" ޝެލީ ބުންޏެވެ. އެއަށްފަހު ދެލޯބިވެރިން އަތު ގުޅުވާލައިގެން އައިސް އެއްފަރާތުގައި ހުރި އަށިގަނޑު މަތީގައި އިށީނެވެ. މުސްތަގުބަލާ ގުޅިގެން އެތައް ވާހަކައެއް ދެއްކިއެވެ. ދިރިއުޅުން އުޖާލާ ކުރުމަށް ކުރާނެ ކަންކަމާ ގުޅިގެން ވާހަކަދެއްކިއެވެ. އެންމެފަހު ނޭވާ އާ ހަމައަށް އެކުގައި ތިބުމަށް އެތައް ވައުދުތަކާ އަހުދުތަކެއް ވިއެވެ. އެކަކު އަނެކަކުދެކެ ލޯބިވާ މިންވަރު އެތައް ގޮތަކަށް ހާމަކޮށްދިނެވެ.
"އަހަރެން މިދުނިޔޭގައި ނެތް ދުވަހެއް އަތުވިޔަސް އަހަރެންގެ ހަނދާނުގައި ޝެލީ އުމުރު ހުސްކޮށް ނުލައްޗެ" ވާހަކައިގެ މެދު ތެރެއިން ސާޖިދު ބުންޏެވެ. ވަގުތުން ޝެލީގެ މޫނުގެ ކުލަވަރު ބަދަލުވިިއެވެ. ވަގުތާ ނުގުޅޭ ވާހަކައެއް ސާޖިދު ފެށީތީ ޝެލީ ހިތްހަމަނުޖެހުނެވެ. ސީރިޔަސް ނަޒަރަކުން ސާޖިދަށް ބަލާލާފައި ސާޖިދުގެ އަތު ތެރެއިން އަތް ދަމައިގަނެފައި ދުރަށް ޖެހުނެވެ. ޝެލީގެ އެ އަމަލުން ސާޖިދަށް ހެވުނެވެ. ދެމީހުންގެ ދޭތެރެއިން ހުސްވި ޖާގަ ސާޖިދު ފުރާލިއެވެ. ޝެލީގެ އަތުގައި ހިފާލާފައި އަތުގައި ބޮސްދިނެވެ.
"ޕްލީޒް. މިކަހަލަ އުފާވެރި ވަގުތުކޮޅެއްގެ ޖޭޑީ ތިދައްކަނީ ދެމީހުން ވަކިވާ ވާހަކަ. ތިކަހަލަ ވާހަކަނުދައްކަބަލަ. މަރަކީ އެއްވެސް މީހެއް ކައިރީގައި ބުނެފަ އަންނަ އެއްޗެއް ނޫން. ޖޭޑީއަށް ވުރެ ކުރިން އަހަރެންވެސް....."
"ޝްޝްޝް.... " ޝެލީއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. "ތިފަދަ ދުވަހެއް އަހަރެންނަށް ނުދައްކަވާށި. އަހަރެންގެ ލޯމައްޗަށް ތިފަދަ ދުވަހެއް އައުމުގެ ކުރިން އަހަރެންނަށް ރަނގަޅީ އަހަރެން ދާންޖެހިއްޖިއްޔާ"
"އޯކޭ.... ތިވާހަކައެއް ނޫން. އަހަރެމެން ހޯދާނީ ކިތަން ބޭބީ ތަ؟" ޝެލީ ބުންޏެވެ. ވާހަކައިގެ މިސްރާބު ޝެލީ ބަދަލުކޮށްލި ގޮތުން ސާޖިދަށް ހެވުނެވެ. ޝެލީގެ ކޮނޑުގައި ހިފައި ގާތްކޮށްލާފައި ނިތުގައި ބޮސްދިނެވެ.
******
ކުއްލި ދަތުރެއްގައި ލަކްޔަން ރާއްޖެއިން ފުރައިގެން ދިޔުމުން އެކަމާ އެންމެ އުފާކުރީ އިކާނެވެ. އޭނާގެ ރޭވުމަށް ލިބިގެންދިޔަ އިތުރު ފަސޭހައެއް ކަމުގައި އިކާން ދެކުނެވެ. ފުރުމުގެ ކުރިން ލަކްޔަން ބައްދަލުކޮށް ދިން ނަސޭހަތްތައް އިކާން ހަނދާނުގައި ނެތެވެ. އޭނާގެ ސިކުނޑީގައިވީ އެންމެ ކަމެކެވެ. ތާއަބަދު ކުރެވެނީ ޝެލީގެ ދިރިއުޅުން ބަރުބާދު ކުރުމުގެ ހިޔާލުތަކެވެ. އޭނާގެ މަގުސަދު ހާސިލުވާން ވަގުތު ކުޑަތަންވަމުން އެބަދެއެވެ. ދެން އޮތީ އެންމެ ބޮޑު ކަންތަކެވެ. ސިޔާގެ ފޯނު ހޯދުމެވެ.
(ނުނިމޭ)