ވާހަކަ

މޮޔަކޮށްލި މާ - 14

ސާދަވަނަ ބައި

ހަވީރުގެ ވަގުތެވެ. އަލްމާޝް އާއި ނިމާން ފިހާރައަކަށް ދާން ނުކުތް ވަގުތެވެ. އިމާ އާއި ޝެލީ ތިބީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ބަގީޗާ ގަސްތަކުގެ ތެރޭގައި މިކާލް، ފަޒްނާ ގޮވައިގެން ހިނގަމުން ދިޔައެވެ. އެއީ ބައެއް ދުވަސް ދުވަހު މިކާލް ކުރާ ކަމެކެވެ. ގޯތިތެރޭގައި އޮންނަ ހުސް ޖާގައިގައި ބައެއް ދުވަސް ދުވަހު ފަޒްނާ ހިނގުވަން މިކާލް ނުކުމެއެވެ. އެދުވަސްތަކުގައި ފަޒްނާގެ ޕާސަނަލް ޓްރެއިނާއަށް ވެގެން ހުރިހާ ކަމެއް ބަލަހައްޓަނީ މިކާލްއެވެ.

"އަހަރެން އަޑުއެހިން ޝެލީގެ ބީއެފް މިގެއަށް އަންނަން އުޅޭ ވާހަކަ" އީމާ ބުންޏެވެ. ދެކުދިން ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި އާވި އަރާހުރި ދެކޮފީތަށީގެ އިތުރުން ބިސްކޯދު ހުއްޓެވެ.

"ކާކު ބުނީ؟ މަންމަތަ ބުނީ؟" ޝެލީ ބުންޏެވެ.

"ހޫމް. އެކަމަކު އަހަރެން ބުނިން ޝެލީ ނުބުނެއޭ" އީމާ ބުންޏެވެ. ސާޖިދުގެ ވާހަކަ އީމާ ކައިރީގައި ބުނަންވީބާއޭ ޝެލީ ހިތަށް އެރިއެވެ.

"އަސްލު ނުބުނާކަށް ނޫން ހުރީ. އެކަމަކު ދެން އެނގޭނެއްނު މާދަމާ ރޭ" ޝެލީ ބުންޏެވެ.

"ސިއްރެއް ވިއްޔާ އެންމެފަހު ވަގުތާ ޖެހެންދެންވެސް އޮންނަން ޖެހޭނީ ސިއްރެއްގެ ގޮތުގަ" އީމާ ބުންޏެވެ.

"އީމް ސަޕްރައިޒްވާނެ އެމީހަކު ފެނުނީމަ" ޝެލީ ބުންޏެވެ. ސާޖިދާ ގުޅޭ މައުލޫއަކަށް ވާހަކަދެކެވެން ފެށުމުން އިހުތިޔާރަކާ ނުލާވެސް ޝެލީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ލެޓް މީ ގެސް" އީމާ ބުންޏެވެ. އޮފީސް ކުއްޖެއް ކަންނޭނގެ. އަނެއްކާ ޖަމާލް ސަރ ތަ؟"

އީމާ ބުނި އެއްޗަކުން ޝެލީއަށް ހެވުނެވެ. އެހެންނަމަވެސް އީމާގެ ސުވާލަށް ޖަވާބެއް ނުދެއެވެ.

*******

ފޯނުން ވާހަކަދައްކަމުން އައިސް ލަކްޔަން ވަނީ ބަދިގެއަށެވެ. ރެއަށް ކެއްކުމުގައި ޝިއުރާ ހުއްޓެވެ. މޭޒު ކައިރީގައި ޝިއުރާއަށް އަތްގާތްކޮށްދޭން ސިޔާ އިނެވެ. ގޭތެރޭގެ މަސައްކަތްތައް ސިޔާ ދަސްކުރަމުންދާތީ ލަކްޔަން ހިތްހަމަޖެހުނެވެ. ޝިއުރާ ކައިރިއަށް އައި ފަހުން ސިޔާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެއެވެ.

"ސިޔާ ދޭބަލަ މި މައިލޯ ތަށި ލޫއްކޮއަށް ދީފަ އަންނަން" މޭޒު މަތީގައި މަތިޖަހާފައި ހުރި މައިލޯތަށި ސިޔާ އަތަށް ދެމުން ޝިއުރާ ބުންޏެވެ. ސިޔާ ތެދުވެގެން އައިސް މައިލޯތަށި ހިފައިގެން ހިނގައިގަތެވެ.

"ހުސްކުރީމަ ތަށި ހިފައިގެން އިނގޭ އަންނާނީ" ޝިއުރާ ބުންޏެވެ.

ސިޔާ ބަދިގެއިން ނުކުތުމާއެކު ޝިއުރާގެ ނަޒަރު ސީދާކޮށްލީ ފުރިޖު ކައިރީގައި ފިނި ފެންފުޅިއެއް ހިފައިގެން ހުރި ލަކްޔަން އަށެވެ. ލަކްޔަން އާ އެކަނިން ވާހަކަދައްކާލަން ބޭނުންވެގެން ޝިއުރާ އުޅޭތާ އިރުތަކެއް ވެއްޖެއެވެ.

"އާދެބަލަ އިށީންނަން" ލަކްޔަންއަށް ޝިއުރާ ބުންޏެވެ. ލަކްޔަން އައިސް ޝިއުރާ ކައިރީގައި މަޑުކޮށްލިއެވެ.

"ދައްތަ ވާހަކައެއް ބުނަންވެގެން" ޝިއުރާ ބުންޏެވެ.

މޭޒު ކައިރީގައި ލަކްޔަން އިށީނީ އެހިސާބުންނެވެ. ކަބަޑުގައި ހުރި ދަޅަކުން ތައްޓަކުން ތެލުލި ބަނބުކެޔޮ އަޅައިގެން އައިސް މޭޒުމަތީގައި ބަހައްޓާފައި ލަކްޔަން އާ ދިމާލުން ޝިއުރާ އިށީނެވެ. ދެން ލަކްޔަންގެ މޫނަށް ބަލައިލިއެވެ.

"ޖޫލީ އެއީ ކާކު؟" ޝިއުރާ ބުންޏެވެ. ތަށިން ނެގި ބަނބުކެޔޮ ފޮތި ތިރިކޮށްލާފައި ލަކްޔަން ޝިއުރާއަށް ބަލައިލިއެވެ.

"ދައްތައަށް ކިހިނެއް ޖޫލީ އެނގުނީ؟" ލަކްޔަން އެހިއެވެ.

"ސިޔާ ބުނީމަ އެނގުނީ. ކޮއްކޮ އާ ކޮން ގުޅުމެއް އޮންނަ ކުއްޖެއްތަ އެއީ" ޝިއުރާ އެހިއެވެ.

"އެއީ ރައްޓެއްސެއް. އެކޮޅުގަ އެއްކޮށް ކިޔެވީ" ލަކްޔަން ބުންޏެވެ. ލަކްޔަންގެ ޖަވާބުތައް ކުރެވެ. ޝިއުރާ އެވަރުން ހިތްހަމަނުޖެހުނެވެ.

"ކޮއްކޮ ފޯނު ނުނަގާތީ އޯ ސިޔާ ފޯނަށް ގުޅަނީ. މައްސަލައެއް ޖެހުނީތަ ދެކުދިން" ޝިއުރާ އެހިއެވެ. ލަކްޔަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޝިއުރާގެ މަގުސަދު ލަކްޔަންއަށް ވިސްނިއްޖެއެވެ.

"އަސްލު ފޯނު ނުނަގަނީ ވާހަކަދައްކާހިއްނުވާތީ. އަހަރެން އެކުވެރިކަން ބާއްވަން ބޭނުމަސް ޖޫލީ ބޭނުންވަނީ އެހެންކަމެއް" ލަކްޔަން ވާހަކަދެއްކިއެވެ.

"މުސްލިމެއްތަ؟" ޝިއުރާ އެހިއެވެ.

"އިސްލާމްދީން ގަބޫލެއްނުކުރޭ. އަސްލު ގުޅުން ބާއްވަން ބޭނުންނުވާ ސަބަބަކީވެސް އެއީ. އެކަމަކުވެސް ފަހަތުން ދުވަނީ. އާދޭސް ކުރަނީ. މިކޮޅަށް ބަދަލުވިއިރު އެވާހަކަ ނުބުނީމަ އެކަމާ ދެރަވެގެންނޯ އެދުވަހު ގުޅީ" ލަކްޔަން ކިޔައިދިނެވެ.

"ފަހަރެއްގައި އެއީ މުސްލިމް އަންހެންކުއްޖަކަށް ވިނަމަ ދައްތަ ބާރުއެޅީމުސް ކައިވެންޏެއްކުރަން. އެއްފަރާތުން ލޯބިވިޔަސް ﷲ އަށްޓަކައި ކައިވެނިކޮށްފިނަމަ އެކައިވެންޏެއްގައި ބަރަކާތް ލައްވާނެ" ޝިއުރާ ބުންޏެވެ.

********

އޮފީހުގައި އިނދެފައި ލަކްޔަން ބޭރަށް ނުކުމެލީ ސިރާޖްގެ ކޯލަކާ އެކުގައެވެ. ސައިކަލުގައި ލަކްޔަން ދުއްވާފައި ދިޔައީ ފުޑްކޯޓުތަކާ ދިމާލަށެވެ. މެންދުރުގެ ގަދަ އަވިން މުޅި މަގުތައް ވަނީ ދިއްލާލައިފައެވެ. އެހެންނަމަވެސް ލަކްޔަން ދާން ބޭނުންވި މަންޒިލާ ހަމައަށް ފޯރަން މާގިނަ ވަގުތެއް ނުނެގިއެވެ. އެތެރެއަށް ވަންނަތާ ދޮރާ އެންމެ ކައިރީގައި އިން ސިރާޖަށް ލަކްޔަން ފެނުމާއެކު އަތް ހޫރާލައިފިއެވެ. ހީލާފައި އައިސް ލަކްޔަން އިށީނެވެ. ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ހުލި ކުރަމުން ދިޔަ ސިރާޖަށް ބަލާލައިފައި ލަކްޔަން ދެފަރާތަށް ބޯހޫރާލިއެވެ.

"އަދިވެސް ތިކަން ހުއްޓާލަން ނުވޭތަ؟" ލަކްޔަން އެހިއެވެ. ހީލާފައި ސިރާޖް މޭޒުމަތީގައި ހުރި އަޅިކެނޑިއަށް ފިލިޓަރު ކޮށްޕާލިއެވެ.

"ހެހެހެ ކަށީގައި ހިފާފައި ހުރިކަމެއް ކިހިނެއް ފިލުވާލާނީ" ސިރާޖް ބުންޏެވެ.

"ރަނގަޅަށް ތިބުނީ. ސިރާއަށް ކަމެއް ބަދަލެއް ނުކުރެވޭނެ" ލަކްޔަން ބުންޏެވެ.

"ނޫނޭ. ރާވީ ކައިރީގައި ބުނިން ކާފަ ދަރިފުޅަކު ލިބުމަށްފަހު މިކަން ނުކުރާނަމޭ.... ހެހެހެ" ސިރާޖް ހިނިގަނޑަކާއެކު ބުންޏެވެ.

"ކޮން ކަމެއްގަ މިތަނަށް އަންނަން ބުނީ" ލަކްޔަން ބުންޏެވެ.

"މިކޮޅަށް އައިގޮތަށް ފުރައިގެން ޒުމްގެ ރަށަށް ދާންޖެހުނީ. ލަކީ އާ އަދި ރަނގަޅަށް ވާހަކަވެސް ދައްކައިނުލެވޭ" ސިރާޖް ބުންޏެވެ.

"ހެހެހެ... އަހަރެންވެސް ސިރާ އާ ގުޅަން އުޅެނިކޮށް މިއަދު ހަބަރެއްވީ" ލަކްޔަން ބުންޏެވެ.

"އަހަރެންނަށް މިއަދު ޖޫލީ ގުޅި. ލަކީގެ ވާހަކަދެއްކީ. ރޮނީ ފާޑަކަށް" ސިރާޖް ބުންޏެވެ. ލަކްޔަން ދެފަރާތަށް ބޯހޫރާލިއެވެ.

"އެންމެންނަށް ގުޅަނީ މިހާރު. އަހަރެން ފޯނު ނުނެގީމަ ސިޔާގެ ފޯނަށްވެސް ގުޅައިފި. މިހާރު ދައްތަވެސް އަހައިފި ޖޫލީގެ ވާހަކަ" ލަކްޔަން ވާހަކަދެއްކިއެވެ. ޖޫލީގެ ވާހަކަތަކާއެކު ލަކްޔަންގެ މޫނުމައްޗަށް ފޫހިކަން ވެރިވެގަތެވެ.

"އަސްލު އަހަރެން ބުނަންތަ ރަނގަޅު ވާހަކައެއް. ޖޫލީ އާ ގުޅުން ބާއްވަން އަހަރެންނަށް ފެންނަނީ. އަލްމާޝްގެ އިންތިޒާރުގައި ވެސް ހުރެވިއްޖެއްނު. ދުވަހަކުވެސް ލިބުމެއްނެތް ލޯތްބަކަށް ކީއްކުރަން އުމުރު ހުސްކޮށްގެން ހުންނަނީ. ތިއީ މޮޔަކަމެއް" ކޮފީތަށިން ކޯވަރެއް ބޯލަމުން ސިރާޖް ބުންޏެވެ.

"ޖޫލީ އޭ. އަހަރެން ކިހިނެއް؟

"ލުކް ލަކީ. ރިލޭޝަންޝިޕަކަށް ދިޔަސް ކައިވެންޏަކާ ހަމައަށް ދިޔުމުގެ ކުރިން ޖޫލީގެ ފަރާތުން ކިތަންމެ ކަމެއް ބަދަލުކުރެވިދާނެ. ލަކީ ބުނެފިއްޔާ އަހަރެންނަށް ޔަގީން ދީންވެސް އެ މަންޖެ ބަދަލުކުރާނެކަން" ސިރާޖް ބުންޏެވެ.

"ނުކުރާނެ. ކުރިންވެސް އަހަރެމެން ދެމީހުން ދޭތެރޭގައި އެންމެ ގިނައިން ދެކެވުނު ވާހަކައަކީ ތިއީ. އެހެންނޫނަސް ޖޫލީއަށް ކިހިނެއް އަހަރެންނަށް ހުރިހާ ކަމެއް ހުސްކުރެވޭނީ. އެއީ އެގައުމުގެ މަޝްހޫރު ޑޮކްޓަރެއް. މައިންބަފައިންނަކީ ނުލާހިކު ނުފޫޒުގަދަ ދެމީހުން. ދީނާ ބެހޭގޮތުން އަހަރެން ޖޫލީ އާ ވާހަކަދެއްކިކަން އެނގުނު ދުވަހުވެސް އަހަރެންދެކެ ވަރަށް ނައްޓާފަ ތިބީ" ލަކްޔަން ވާހަކަދެއްކިއެވެ.

"ލޯބި އެއްފަރާތް. އާއިލީ ގުޅުން އެއްފަރާތް. އަހަރެން ބުނާނީ މި ދެގުޅުމަށް ބުރޫނާރުވާވެސް ޖޫލީ ވަރަށް މޮޅަށް ހުރިހާކަމެއް ރާވާނެޔޭ. ޝީޒް އިންޓެލިޖެންޓް އެންޑް ސްމާޓް" ސިރާޖް ބުންޏެވެ.

********

ސިޔާ ފާހާނާއަށް ވަންތަނާ އިރުކޮޅެއް ނުވަނީސް މަޑުމަޑުން ސިޔާގެ ކޮޓަރި ދޮރުހުޅުވިއްޖެއެވެ. އިކާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެނދުމަތީގައި އޮތް ސިޔާގެ ފޯނެވެ. އިކާން އެކޮޓަރިއަށް ވަނީވެސް ސިޔާގެ ފޯނު ހޯދާށެވެ. ލަސްނުކޮށް އިކާން ސިޔާ ފޯނު ނަގާފައި އަބަދުވެސް ފޯނުގައި ސިޔާ ޖަހައިގެން އުޅޭ ލޮކްކޯޑް ޖެހިއެވެ. ޝެލީގެ ނަންބަރު ހޯދަން އިކާނަށް އުނދަގުނުވިއެވެ. އޮތްތަނުގައި ސިޔާގެ ފޯނު ބާއްވާފައި މަޑުމަޑުން ދޮރުލައްޕާލާފައި އިކާން ނުކުތެވެ. އެހިނދު އިކާނަށް އެރުނީ އައްބާސްގެ ކުރިމައްޗަށެވެ. އެއީ ބޭރުން ލަކްޔަންވެސް އައިސް ގެއަށް ވަން ވަގުތެވެ.

"ވަގެއްތަ؟ ހާދަ ސިއްރުންނޭ ތިއުޅެނީ" އައްބާސް ބުންޏެވެ. އިކާން ހީލިއެވެ. ފޯނު ލައިގެން ހުރި ޖީންސުގެ ޖީބަށް ކޮށްޕާލާފައި އިކާން ސޯފާގައި އިށީނެވެ. ބަދިގެއަށް ދިޔަ ލަކްޔަން ފިނި ފެންފުޅިއަކާ ބިއްލޫރިތައްޓެއް ހިފައިގެން އައިސް އިށީނީ އިކާނާ ދިމާލަށް ހުރި ގޮނޑީގައެވެ.

"ސިޔާ ހޯދަން ކަމަކު ދިޔައީ. އެކަމަކު ފާހާނައިގައި އުޅޭތީ ނުކުތް ގަޑީގަ ކާފައަށް ތިފެނުނީ" ލަކްޔަން ސުވާލުކުރާނެކަން އެނގޭތީ އިކާން ބުންޏެވެ.

"މިއަދު ކީއްވެ އޮފީހުން އެހާ އަވަހަށް އައީ" ލަކްޔަން އެހިއެވެ.

"ކުޑަކޮށް ބޮލުގައި ރިއްސާތީ" އިކާން ބުންޏެވެ.

"ނަމާދުކުރިންތަ؟" ލަކްޔަން އެހިއެވެ. އިކާން ބޯޖަހާލިއެވެ. ދޮގެއް ހަދާލަން އިކާނަށް އެއްވެސް ކަމެއް ނޫނެވެ.

"އިކާން، ބައްޕަގެ މިވާހަކަތައް އަޑުއަހައްޗެ. އިއްކުއަށްވެސް އެނގެއެއްނު މީގެ ދުވަސްތަކެއް ކުރިން ޖަލު ބަންދެއްގަ ހުރިކަން. އޭރު ކުރިި ކަހަލަ ކަމެއް ނުކުރައްޗެ. މިތާކުން ސަލާމަތްވާކަށް ފަސޭހައެއް ނުވާނެ. އެހެންނޫނަސް އިކާން މިހާރު މީހަކާ އިނަސް ބައްޕަގެ އެއްވެސް މައްސަލައެއްނެތް. ގޯހެއް ނަހަދާތި. ބައްޕަ އާއި މިއާއިލާ ބަދުނާމުވެ ބޭޒާރުވާ ކަހަލަ ކަމެއް ނުކުރާތި" ލަކްޔަން ވާހަކަދެއްކިއެވެ.

"ތިއީ ކޮންވާހަކައެއް. އަހަރެން ކިހާ ނައިސްކޮށް މިއުޅެނީ އަހާބަލަ ރާވީ ކައިރީގަ. މިސްކިތަށްވެސް ދަން. ޖޮބަށްވެސް މިދަނީނު" އިކާން ބުންޏެވެ.

"ހެހެހެ... ޒުވާން ވާވަރަކަށް މިކުދިން ދާނީ ހަރުދަނާވަމުން. ދަރިިފުޅު މާބޮޑަށް ތިވިސްނަނީ" އިކާންގެ ބުރަކަށީގައި ޖަހައިލަމުން އައްބާސްގެ ވާހަކަދެއްކީ ލަކްޔަން އާއެވެ.

"ބުނާނެއްނު. އަބަދުވެސް އިކާންގެ ފަރާތުން ގޯހެއް ފެނިދާނެތީ މިހުންނަން ޖެހެނީ. ބަލާބަލަ ސިޔާ. އެކުއްޖާ ކިހާ ކަމެއް ބަދަލުކޮށްފި" ލަކްޔަން ބުންޏެވެ.

"ބައްޕަ ކީއްކުރަން ސިޔާ ބުރުގާ ގަނޑެއް އެޅުވީ. މުސްކުޅި ކޮށްލައިފި. އަހަރެންގެ ސިޔާހެންވެސް މިހާރު ހީނުވޭ" އިކާންގެ އެބަސްތަކަށް އައްބާސް ވަރުގަދަ ހިނިގަނޑެއް ޖަހާލިޔަސް ލަކްޔަންއަށް މަޖާނުވިއެވެ. އިކާންގެ ދުލުން ބޭރުކޮށްލާ ކޮންމެ ޖުމްލައަކާ މެދު ލަކްޔަން ވިސްނަމުން ދިޔައެވެ.

******

މޭޒުމަތީގައި ތައްޔާރުކޮށްފައި ހުރި ކާއެއްޗިއްސަށް ބަލަހައްޓައިގެން ޝެލީ ހުރީ ހެވިފައެވެ. ސާޖިދުގެ އާއިލާއަށް ގެ ތައްޔާރުކޮށްފައި ހުރީ ޝެލީ ހީކުރި ވަރަށް ވުރެވެސް ބޮޑަށެވެ. އެގޮތަށް ޝެލީ ހުއްޓައި ފެނުނީ މަޣްރިބަށް ފަހު ކޮޓަރިން ނުކުތް ފަޒްނާ އަށެވެ. ފަޒްނާ ބަދިގެއަށް ވަދެ ހުރިހާ ދިމާލެއް ހޯދަން ފެށިއެވެ. ޝެލީ ހައިރާންވިއެވެ. ފަޒްނާ އެވަރަށް ހޯދާ އެއްޗެއް ޝެލީ ބަލަން ބޭނުންވިއެވެ.

"މާމާ، އަޅުގަނޑު ކައިރީގައި ބުނެގެން އުޅެބަލަ ތި ހޯދާ އެއްޗެއް" ޝެލީ ބުންޏެވެ.

"އެސޮރު ފެނޭތޯ މާމަވެސް މިބަލަނީ" ފަޒްނާ ބުންޏެވެ. ޝެލީއަށް ހެވުނެވެ.

"ދެން މާމާ. އެއްޗެހި ހަމައަށް ހުރިތޯ އަޅުގަނޑު ބަލައިލީ" ޝެލީ ބުންޏެވެ.

"ތިއެއް މާމައަކަށް ނޭނގެ" ފަޒްނާ ބުންޏެވެ. "ނިކަން މާމައަށް ފެންތައްޓެއް ދީބަލަ"

ލޯގަނޑު ކުރިމަތީގައި ހުރި ޝެލީއަށް ސާޖިދުގެ ފޯނުކޯލު ލިބުމާއެކު ދުވެފައި ގޮސް ފޯނު ނެގިއެވެ. ގޭދޮރު މަތީގައި ތިބިކަމަށް ސާޖިދު ބުނުމާއެކު ޝެލީ ކޮޓަރިން ނުކުމެ ދުއްވައިގަތެވެ. ސޯފާގައި މަޑުކޮށްގެން ތިބީ އާއިލާ މީހުން ފެނުމާއެކު ޝެލީ ހުއްޓުނެވެ. ނިމާން ފަހަތަށް ބަލައިލިއިރު މަޑުމަޑުން އެދިމާލަށް ހިނގާފައި އައި ޝެލީ ފެނުނެވެ.

"އެމީހުން އައީތަ؟" ނިމާން އެހިއެވެ. ޝެލީ ބޯޖަހާލިއެވެ.

ގޭޓު ކައިރިއަށް ޝެލީ ނުކުތްއިރު ސާޖިދާއި ސަމީރާ ތިބީ ކުރިމަތީގައެވެ. ޝެލީ ފެނުމުން ސާޖިދު ހީލިއެވެ. ޝެލީއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އަބަދުވެސް އަސައަކާއެކު ފެންނަ ސަމީރާ އަސަ އާ ނުލައި ހުރިތަން ފެނުމުންނެވެ.

"އާދޭ އެތެރެއަށް" ސާޖިދު ހިނގައިގަތުމުން ސަމީރާގެ އަތުގައި ހިފީ ޝެލީއެވެ.

ގޭތެރެއަށް ވަން ސަމީރާއަށް ކުރިމަތީގައި ތިބި އަލްމާޝް އާއި ނިމާން ފެނުމުން ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އަލްމާޝް، ސަމީރާގެ ގައިގައި ކުޑަކޮށް ބައްދާލާފައި ހާލުއަހުވާލު އޮޅުންފިލުވިއެވެ. ނިމާން ސާޖިދާ ސަލާމްކޮށްފައި އިށީންނަންވީ ކަމުގައި ބުންޏެވެ. އޯގާތެރިކަމާއެކު ސާޖިދުގެ ބުރަކަށީގައި ފަޒްނާ ފިރުމާލިއެވެ.

"މިއީ މާކުރިން ދިމާވެފައި ތިބި ބައެކޭ ދޯ" ހިތްހެޔޮކަމާއެކު ސަމީރާ ބުންޏެވެ.

"އެންމެން ހަމަވީތަ؟ އީމާ ނެތެއްނު" އަލްމާޝް ބުންޏެވެ. އެވަގުތު އެއީ އީމާ ކޮޓަރިން ނުކުތް ވަގުތެވެ. އަލްމާޝް އިން ގޮނޑީގެ އަތްގަނޑު ކައިރީގައި ހުރި ޝެލީ ކައިރީގައި އީމާ އައިސް މަޑުކޮށްލިއެވެ. އޭރު އަދި އީމާއަށް ވަކިން ހުރި ސޯފާގައި އިން ސާޖިދު ނުފެނެއެވެ.

"ނާވަސްތަ؟" އެވަގުތުވެސް އީމާއަށް ޝެލީ އާ ދިމާކޮށްނުލައި ނުހުރެވުނެވެ. ދެން އޭނާ ބަލައިލީ ސާޖިދަށެވެ. އެވަގުތު އީމާ މޫނުމަތިން ހައިރާންކަމެއް ފެނި އަނގަ ހުޅުވިއްޖެއެވެ. ޝެލީގެ މޫނަށް ބަލައިލީ ހައިރާންކަމާ އެކުގައެވެ.

"ވާޓް؟؟" އީމާއަށް ބުނެވުނެވެ. ޝެލީ ހީލިތަން ފެނުމުން އީމާއަށް އިތުރަށް ސުވާލުކުރަންވެސް ނުޖެހުނެވެ.

ދެއާއިލާގެ މެދުގައި ދެކެވެމުން ދިޔައީ ޝެލީ އާއި ސާޖިދުގެ ބައްދަލުވުމުގެ ވާހަކައެވެ. ދެއާއިލާ އެކަމާ ރުހުނު ވާހަކައެވެ. ނިމާން، ސާޖިދު ބަލައިގަތީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ހަރުދަނާ ކަމާއި ޝަހުސިއްޔަތުގެ ވަރުގަދަކަން ސާޖިދުގެ ކިބައިން ނިމާނަށް ފެނިއްޖެއެވެ. އަލްމާޝް ހީލައިގެން އިންއިރު އިރުކޮޅަކާ ޝެލީގެ މޫނަށް ނޫނީ ސާޖިދުގެ މޫނަށް ބަލައިލައެވެ. އިރުއިރުކޮޅުން ދެކުދިން ދެކުދިންނަށް ބަލާލައިފައި ބަދަލުކޮށްލާ ހިނިތުންވުންތަކުން އެދެކުދިންގެ ދެމެދުގައިވާ ލޯބި އަލްމާޝްއަށް ވަޒަންކޮށްލެވުނެވެ.

"އަލްހަމްދުލިއްލާހް. ބައްޕަމެން އުންމީދުކުރަން ދެކުދިން ވާހަކަދައްކައިގެން ރަންކިޔުމުގެ ހަފުލާ އޮންނާނެ ދުވަހަކާ ގުޅިގެން ވާހަކަދައްކާފައި ދުވަހެއް ކަނޑައަޅާނެ ކަމަށް" ނިމާން ބުންޏެވެ. އެހިނދު ޝެލީގެ ދެއަތްތިލަ ފިނިވެލިއެވެ. ކައިވެނީގެ ފުރަތަމަ މަރުހަލާ ވާހަކަ އިވުމުން ހިތަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި ހިނިތުންވުމެކެވެ.

"ކެއުންވެސް ރެޑީވެފަ ހުރީ. ހިނގާ ކާން ދަމާ" އަލްމާޝް ބުންޏެވެ.

"ކާން ދިޔުމުގެ ކުރިން އަދި އެއްޗެއް ހަނދާންކޮށްލަދޭނަން. ޝެލީ އާއި ސާޖިދަށް" ނިމާން ބުންޏެވެ. ވަގުތުން ޝެލީ އާއި ސާޖިދުގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވެލިއެވެ.

"ބޭރުން އެއްވެސް ކުއްޖަކު ބައްދަލުނުކުރުން. ދުއްވާލަން ދިޔަސް މައްސަލައެއް ނެތް. އެކަމަކު ބައްޕައަށް ބޮޑަށް ރަނގަޅީ ގޭތެރޭގައި ބައްދަލުކުރިއްޔާ. ބައްޕައަށް ހީވަނީ ޝެލީ ކޮށްގެން އުޅޭ ކަންތައް ސާޖިދަށް އެނގޭނެހެން" ނިމާން ބުންޏެވެ. އެވަގުތު ސާޖިދު ބޯޖަހާލިއެވެ.

ރޭގަނޑުގެ ކެއުމަށް ދެ އާއިލާ އެކުގައި އިންސާފު ކުރަމުން ދިޔައެވެ. އަނގަ ގަދަ މިކާލަށް ތަން ހަމަހިމޭންކޮށް އޮތުމުން ކަމަކުނުދިޔައެވެ. ކަރުކެހިލީ އެހާ ބާރަށެވެ. ހުރިހާ މީހުންގެ ސަމާލުކަން މިކާލްއަށް ހުއްޓުނެވެ.

"އެހެންވީމަ އަޅުގަނޑު މިރެއިން ފެށިގެން ދޮންތަބެ ކިޔަންވީތަ؟" މިކާލް ބުންޏެވެ. ޝެލީ މިކާލްއަށް ދެލޯ ބޮޑުކޮށްލިއެވެ.

"ކިހިނެއްވީ؟ މިހާރު ކިޔަން ފަށައިގެން އެހާ އިރަށް އާދަވާނީ" މިކާލް ބުންޏެވެ.

"ރަނގަޅުވާނެ. ހަމަ ކިޔަންވީ" މިކާލް އާ ޖެހިގެން އިން ސާޖިދު ބުންޏެވެ.

"ދެން އަޅުގަނޑު އިންނަން އުޅޭ ކުއްޖާ ގެއަށް ގެންނަން ހުއްދަ ލިބޭނީ ކޮންއިރަކުން؟" މިކާލް ބުންޏެވެ. އެވަގުތު ފަޒްނާ އަނގައަށް ލާން ގެންދިޔަ ބަތް ސަމްސާ އަނގަ އާ ދުރުކޮށްލިއެވެ. ޝެލީ އިނީ ހިނި އައިސްފައެވެ. އަލްމާޝް ވެސް އިނީ ބުނަންވީ ކީކޭ ކަމެއް ނޭނގިފައެވެ.

"ބައްޕަ ބުނަމެއްނު އަނގައަށް ކާއެއްޗެހި އަޅައިގެން އިނދެ ވާހަކަ ނުދައްކާށޭ" ނިމާން ބުންޏެވެ.

ބެލްކަނީގައި ސާޖިދު ކާރަށް އެރި ތަން ބަލަން ހުރި ޝެލީ އަމިއްލަ ކޯތާފަތުގައި ފިރުމާލިއެވެ. ސަމީރާ ގެއަށް ލާފައި ވާހަކަދައްކާލަން އަންނާނަމޭ ސާޖިދު ބުނީ ޝެލީގެ މޫނުގައި ފިރުމާލާފައެވެ. ހީލަމުން އެތެރެއަށް ވަންނަން އުޅުނު ޝެލީ ސިހުނީ ކުރިމަތީގައި ހުރި އީމާ ފެނިފައެވެ.

"އަހަރެން މިހުންނަނީ ހަމަ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފަ. ތިދެމީހުން ކޮންއިރަކު ކުރި ކަމެއް އެއީ" ދެއުކުޅުވަޅުގައި އަތް އަޅުވައިގެން ހުރި އީމާ އެހިއެވެ. ހީލަމުން ޝެލީ ގޮސް ހިފީ އީމާގެ އަތުގައެވެ. ދެން އީމާ ގޮވައިގެން އައިސް އެނދުގައި އިށީނެވެ.

"ކޮން ދުވަހެއް. އާ އޮފީހަށް ބަދަލު ނުވަނީސް" ޝެލީ ބުންޏެވެ.

"ސީރިޔަސްކޮށް. ހީވެސްނުވޭ. އަހަރެން މާދަމާ މުޅި އޮފީހުގައި ތިވާހަކަ ދައްކާނަން" އީމާ ބުންޏެވެ.

"ނޫން. ޕްރޮމިސްކުރޭ ނުދައްކާނެ ކަމަށް. އެންމެންނަށް ޕާޓީއަށް އިންވައިޓް ކުރާނީ" ވަގުތުން ޝެލީ ބުންޏެވެ.

"ކީއްވެ ސިއްރުތިކުރަނީ؟ އެއީ އެވަރު ކަމެއްތަ؟" އީމާ ބުންޏެވެ.

"އެއީ ޖޭޑީވެސް އަދި އަހަރެންވެސް ބޭނުންވާ ގޮތް" ޝެލީ ބުންޏެވެ. އެންމެފަހުން އީމާ އެއްބަސްވިއެވެ. އެހެންނަމަވެސް ޝެލީގެ ސިއްރުވެރިކަން ހާމަވުމުން އަދިވެސް އީމާ އިނީ ހެވިފައެވެ.

އަލްމާޝް ކައިރީގައި ބުނެލާފައި ޝެލީ ގޯތި ތެރެއަށް ނުކުތްއިރު ބަގީޗާ ތެރޭގައި ހުރި ސާޖިދު ފެނުނެވެ. ޝެލީއަށް އެންމެ މިނެޓަކުވެސް ކެތެއްނުވިއެވެ. ދުވެފައި އެދިޔަ ބާރުމިނުގައި ގޮސް ސާޖިދުގެ ގައިގައި ބައްދާލިއެވެ. މޭގައި ބޯއެޅިގޮތަށް ދުރަށްވެސް ނުދިޔައެވެ. ސާޖިދުގެ ލުއިލުއި ހުނުމުގެ އަޑު އިވިލިއެވެ. ދުވަހަކުވެސް ދުރުކޮށްނުލާނަމޭ ބުނާ ފަދައިން ޝެލީގެ ހިމަ ހަށިގަނޑުގައި ސާޖިދު ދެއަތް ވަށައިލިއެވެ. އެގޮތުގައި ދެލޯބިވެރިން ހިނދުކޮޅަކު ތިއްބެވެ. އެކަކު އަނެކަކުގެ މޭތެރޭގައިވާ ހިތުގެ ތެޅުން އިހުސާސްވާހާ ގާތުގައެވެ. އުޑުމެދުގައި ހުރި ބުރުހަމަ ހަނދަށް ބަލަހައްޓައިގެން ހުރި ސާޖިދު ޝެލީ ދުރުކޮށްލީ ވިލާކޮޅަކާ ހަނދު ނިވާވެލުމުންނެވެ.

"ކިހިނެއްވީ؟ ކީއްވެ ރޮވެނީ؟ އަހަރެންނަށް ތަދުކޮށްލެވުނީތަ؟" ޝެލީގެ ދެލޯ ކައިރިން ކަރުނައިގެ ތެތްކަން އިހުސާސްވުމުން ސާޖިދު ބުންޏެވެ. ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ. ދެން ހީލައިފިއެވެ.

"އަހަރެން ދުވަހަކު ނުވާހާ އުފާ މިރޭ ވެއްޖެ" ސާޖިދު ބުންޏެވެ. ޝެލީގެ މޫނުގެ ދެފަރާތު ހިފާލާފައި މައްޗަށް އުފުލާލިއެވެ. އެހިނދު ލަސްލަހުން އެސްފިޔަތައް އުފުލާލާފައި ސާޖިދުގެ މޫނަށް ޝެލީ ބަލއިލިއެވެ.

"ވަރަށް އަވަހަށް. އިންޝާﷲ. ހެކިވެރިން ފޮނުވާނަން" ސާޖިދު ބުންޏެވެ. އެހިނދު ކަރުނައިގެ ތެރެއިން ޝެލީއަށް ހީލެވުނެވެ.

(ނުނިމޭ)