ވާހަކަ

މޮޔަކޮށްލި މާ - 13

2

ތޭރަވަނަ ބައި

"ހެހެހެ... ބޭނުންކޮށްލާފައި ސިމެންތި އަޅާފައި ބަންދުކޮށްލާ" ރާވީ ބުންޏެވެ. ދެން ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

"ޕްލޭން އޭ ވޯކެއް ނުކުރިއެއްނު" ރާވީ ބުންޏެވެ.

"ޕްލޭން ބީ ވެސް އެބައިން" ތުނި ތުނބުޅީގައި އިނގިލިތަކުގެ ކުރިން އަތްހާކާލަމުން އިކާން ބުންޏެވެ.

******

ގޭތެރެއަށް ވަދެގެން އައި ޝެލީ ފެނުމުން ސޯފާގައި އިން މިކާލް ހީލިއެވެ. އެވަގުތު ގޭތެރެއިން މިކާލް ފެނުމުން ޝެލީ މޫނަށް ވެރިވީ ހައިރާންކަމެވެ. އަތުކުރީގައި އޮތް ގަޑިއަށް ޝެލީ ބަލައިލިއެވެ. އެހެންޏާ މިކާލްގެ މޫނު ފެންނަވަރު ވާނީ އިރުއޮށްސޭ ފަހުންނެވެ.

"މިއަދު ކްލިނިކަށް ނުދަންތަ؟" ޝެލީ އެހިއެވެ.

"ދިޔައިން. ނިންމާފައި މިއައީ ގެއަށް" މިކާލް ބުންޏެވެ.

ޝެލީ ހީލާފައި ކޮޓަރި އާ ދިމާލަށް ދަނިކޮށް މިކާލް ގޮވާލިއެވެ. ޝެލީ ބަލައިލިއެވެ.

"އެބައޮތޭ ދޮންތަ ކައިރީގައި މުހިންމު ވާހަކައެއް ބުނަންވެފަ" މިކާލް ބުންޏެވެ. ޝެލީ ދެލޯ ކުޑަކޮށްލިއެވެ. ކޮންވާހަކައެއްހޭ އަހާލިއެވެ.

"ހިނގާ ދޮންތަގެ ކޮޓަރިއަށް" މިކާލް ބުންޏެވެ. ޝެލީ މިކާލްއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. އަމިއްލަ ބޭނުމެއް އޮވެގެން ނޫނީ މިކާލް އެހާ އަވަހަށް ގެއަށް ނާންނާނެކަން ޝެލީއަށް އެނގެއެވެ.

"ޗޭންޖޮކޮށްގެން ނަމާދުކޮށްގެން ގުޅީމަ އާދޭ" ޝެލީ ބުންޏެވެ. މިކާލް ބޯޖަހާލާފައި އަލުން ސޯފާގައި އިށީނެވެ. ޓީވީގެ އަޑު މަޑުކޮށްލާފައި ސިޔާ މަތިން ހަނދާންކޮށްލިއެވެ. އެވަގުތު މިކާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ސިޔާ، އައި ލައިކް ޔޫ" އަމިއްލަ ނަފުސަށް އިވޭ ވަރަށް މިކާލް ބުންޏެވެ.

އެނދުމައްޗަށް ދަބަސް އެއްލާލި ގޮތަށް ވަރުބަލިކަމާއެކު ޝެލީ އެނދުގައި އިށީނެވެ. ފޯނު ނަގާފައި މެސެޖް ބައި ހުޅުވާލިއިރު ފުލުފުލުގައި ސާޖިދުގެ މެސެޖުތައް ހުއްޓެވެ. ފަހަރަކު މެސެޖެއް ކިޔަމުން ދިޔައިރު ޝެލީގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އެހެންނަމަވެސް ސާޖިދު ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފައި އޮތުމުން ޝެލީގެ މޫނުމަތި މިލައިފިއެވެ. ސާޖިދާ ބައްދަލުކުރަން ދާ ކޮންމެ ފަހަރަކު އަލްމާޝް ކައިރީގައި ދޮގެއް ހަދަން ޖެހޭތީއެވެ.

********

ފޯނެއްގައި ހުރެފައި ސިޔާ ކޮޓަރިން ނުކުތްއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ލަކްޔަންގެ ކޮޓަރި ދޮރުހުޅުވާލީ އެވަގުތުއެވެ. ޖިމް ހެދުމުގައި ހުރި ލަކްޔަންއަށް ސިޔާ ފެނުމުން ހީލިއެވެ. ސިޔާގެ ބޮލުގައި ހުދުކުލައިގެ ނަމާދު ބުރުގަލެއް އޮތްތަން ފެނުމުން ލަކްޔަންއަށް ހީވީ ފިނި ވައިރޯޅިއެއް ހަށިގަނޑުގައި ބީހިލިހެންނެވެ. ނަމާދަށް ތައްޔާރުވެގެން ހުރި ސިޔާގެ ބޮލުގައި ލަކްޔަން ފިރުމާލިއެވެ. ހީލުމަކާއެކު ސިޔާ ލަކްޔަންއަށް ދިއްކޮށްލީ ކަންފަތުގައި ޖަހައިގެން ހުރި ފޯނެވެ.

"ކާކު؟" ލަކްޔަން އެހިއެވެ.

ލަކްޔަން ހޯދަން ސިޔާގެ ފޯނަށް ގުޅަންޖެހޭވަރުގެ މީހަކު ހުރިހެނެއް ލަކްޔަންއަށް ހިއެއް ނުވެއެވެ.

"ބައްޕަ ފޯނު ނުނަގާތީ ޖޫލީ މިއޮތީ އަޅުގަނޑު ފޯނަށް ގުޅާފަ" ފޯނުގައި ހުރި ޖޫލީއަށް އަޑު ނީވޭނެހެން ސިޔާ ބުންޏެވެ. ލަކްޔަންގެ ތުންފަތް މަތީގައިވި ހިިނިތުންވުން ފިލައިގެން ދިޔައެވެ. ޖޫލީ އެއީ އެއްގޮތަކަށްވެސް ލަކްޔަން ވާހަކަދައްކަން ބޭނުންވާ މީހެއް ނޫނެވެ. އެހެންނަމަވެސް ލަކްޔަންގެ ރަހުމަތްތެރިއެކެވެ. ސިޔާ ދިއްކޮށްގެން ހުރި ފޯނުގައި ލަކްޔަން ހިފިއެވެ. އެއާއެކު ސިޔާ ވަނީ ކޮޓަރިއަށެވެ.

ފޯނު ހިފައިގެން ކޮޓަރިއަށް ވަދެފައި ލަކްޔަން އިށީނީ ވަކިން ހުރި ސޯފާގައެވެ. ސިޔާގެ ފޯނަށް ބަލައިލިއިރު ކޯލު ނުކެނޑި އޮތުމުން އަދިވެސް ޖޫލީ ހުރީ ލައިންގަކަން ލަކްޔަންއަށް އެނގުނެވެ.

"ޔެސް ޖޫލީ" ކަންފަތުގައި ފޯނު ޖަހާފައި ލަކްޔަން ބުންޏެވެ. ފޯނުން ވާހަކަދައްކަމުން ލަކްޔަން ވަނީ ކޮޓަރިއަށެވެ.

"ހައި ލަކީ. އައި މިސްޑް ޔޫ" ޖޫލީގެ އަޑު އިވިލިއެވެ. ލަކްޔަންގެ އަޑުޖެހުމުން ޖޫލީއަށް ލިބުނު ހިތްހަމަޖެހުން ޖޫލީގެ އަޑުން އެކަނިވެސް ލަކްޔަންއަށް އެނގުނެވެ. ޖޫލީގެ ހަގީގީ ބޭނުމަކީ ކޮބައިކަން ލަކްޔަންއަށް ވަރަށް ސާފެވެ. ލަކްޔަން ޖޫލީއަށް ވިސްނައިދިނެވެ. ލަކްޔަން ކައިވެންޏެއް ކުރަން ބޭނުންނުވާކަމެވެ. ޖޫލީ އަކީ ކްރިސްޓިއަނަކަށް ވުމުން ކައިވެނި ހުއްދަ ނުވާ ވާހަކައެވެ. ލަކްޔަން ވަރަށް ލޯބިވާ ކުއްޖަކު ހުރި ވާހަކައެވެ. އެހުރިހާ ކަމެއް އޮޅުންފިލުވައިދިނުމުން ޖޫލީ ލަކްޔަންއަށް ނުގުޅައެވެ. އެހެންނަމަވެސް އެއްކޮށް ގުޅުން ކަނޑައިވެސްނުލައެވެ. ކޮންމެވެސް އެއް ސިފައެއްގައި ދެމީހުންގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުމެއް އޮތެވެ.

*******

ނަމާދުކޮށް ނިމި މުސައްލަ އޮޅަމުން ދަނިކޮށް ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު ޝެލީއަށް އިވުނެވެ. ދޮރު ހުޅުވާލިއިރު ހީލައިގެން ހުރީ މިކާލްއެވެ. މިކާލް ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން އެނގެން ޝެލީ ބޭނުންވިއެވެ.

"ހޫން ވަދެބަލަ އެތެރެއަށް" ޝެލީ ބުންޏެވެ. ވަނުމުގެ ކުރިން މިކާލް އަތުގައި ހުރި ދެ ކޮފީމަގުން އެއް މަގު ޝެލީއަށް ދިއްކޮށްލިއެވެ. ޝެލީ މަގުގައި ހިފާފައި މިކާލްއަށް ބަލައިލިއެވެ.

"މި ނުގެނަޔަސް މިކީ ބޭނުންވެގެން ތިއުޅޭ ކަމެއް ކޮށްނުދޭން ދޮންތަ ނޫޅެން" ޝެލީ ބުންޏެވެ. މިކާލް ކައިރިއަށް ހިނިއައެވެ. ޝެލީއަށް ވުރެ ކުރިން މިކާލް ގޮސް އިށީނީ ޝެލީގެ އެނދުގައެވެ. ސައިޑްކަބަޑް މަތީގައި ކޮފީމަގު ބަހައްޓާފައި ޝެލީ އެނދުގައި އިށީނީ މިކާލް އާ ކުރިމަތިވާނެ ހެންނެވެ. ދެން ފޯނު ނަގާފައި ހަވީރުގެ ޒިކުރުތައް ހުރި އެޕްލިކޭޝަން ހުޅުވާލިއެވެ.

"ދެން ކިޔާބަލަ" ޝެލީ ބުންޏެވެ.

"ވަރަށް ރީތި ކުއްޖެއް ފެނިގެން މިއުޅެނީ" މިކާލް ބުންޏެވެ. ދުރުދުރުން ވާހަކަދައްކަން މިކާލް ބޭނުމެއް ނުވިއެވެ.

"އައި މީން ދޮންތަގެ އޮފީހުން ރީތި ކުއްޖެއް ފެނިއްޖޭ" ޝެލީ ބަލަހައްޓައިގެން އިންގޮތުން މިކާލް ބުންޏެވެ.

"އާރް ޔޫ ސީރިޔަސް މިކީ. ތިއީ ބުނަން އުޅުނު ވާހަކަ" ޝެލީ ބުންޏެވެ. އަންހެންކުއްޖަކު ރީތި ވާހަކަ މިކާލް އެބުނީ އަލަކަށް ނޫނެވެ. މީގެކުރިންވެސް ތަނަކުން ރީތި ކުއްޖަކު ފެނިއްޖިއްޔާ އެކުއްޖެއްގެ ވާހަކަ މިކާލް ޝެލީ ކައިރީގައި ދައްކައެވެ.

"މިފަހަރު ހަމަ އަސްލުކޮށް މިބުނީ. ރީތިކުދިން ފެނޭ. އެކަމަކު މިފަހަރު ފެނުނީ ވަރަށް ރީތި ކުއްޖެއް. ހުންނަނީ އިސްކޮޅުން ވަރަށް ކުރުކޮށް. ބުޅި އިސްތަށިގަނޑެއް. ދެކޯމަތިން ހީވަނީ ވިދުމެއް ފެންނަހެން. ހީލާއިރު ދެކޮޅަށް އެޅިފަ ހުންނަ އަޑިކޮޅު.... ވާއު.... މި ކޮއްކޮގެ ހިތް މޮޔަވެއްޖެ" ފިލްމީ ގޮތަކަށް މިކާލް ބުންޏެވެ. އެނދުމަތީގައި އޮތް ކުޝަން ނަގާފައި މިކާލް ގައިގައި ޝެލީ ޖެހިއެވެ.

"މިގޭ ހީރޯ... އެނގޭތަ ތިދައްކަނީ ކާކުގެ ވާހަކައެއްކަން. ޔެސް ސިޔާއަކީ ވަރަށް ރީތި ކުއްޖެއް. އެކަމަކު އެއީ މިކީގެ ޓައިޕެއް ނޫން. އެއީ ވަރަށް މައުސޫމް ކުއްޖެއް. ޓައިމްޕާސް ކުރަން ކޮންމެހެން ސިޔާ ޔޫސްކުރަން އުޅޭނެކަމެއް ނެތް. މިހާރުވެސް މިކީ ތިދުވާ އަންހެންކުދިން ފަހަތުން ދުވޭ. ސިޔާ ދުރުގައި ބަހައްޓާ" ޝެލީ ބުންޏެވެ.

"އެކްސްކިއުޒްމީ... އަހަރެން އަންހެންކުދިން ފަހަތުން ނުދުވަން. އަންހެންކުދިން އަހަރެން ފަހަތުން ދުވަނީ" ފޮނިވެފައި މިކާލް ބުންޏެވެ. "އެކަން އެނގެއެއްނު. ޝަހާއްތަގެ ކޮއްކޮ އާނާ..." މިކާލް ބުންޏެވެ.

"ހެޔޮ ކަރާ ނުފެޅިއަކަސް.... މަށަށް ހެޔޮ ހުރިހާ އަންހެންކުދިން ފަހަތުން ދުވުނަސް. ސިޔާއަށް ކަމެއް ކޮށްގެން ނުވާނެ. އެއީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް" ޝެލީ ބުންޏެވެ.

"އަހަރެންވެސް" ހިޔާލީގޮތަކަށް މިކާލް ބުންޏެވެ. އެއާއެކު ބާލީސް ނަގާފައި މިކާލްގެ ގައިގައި ޝެލީ ތަޅައިގަތެވެ.

ރޭގަނޑުގެ ކެއުމަށްފަހު ހުރިހާ މީހުން ކޮޓަރިއަށް ވަނެވެ. އުނދުން ކައިރީގައި އަލްމާޝް ހުރީ ކާއެއްޗެހި ހޫނު ކުރާށެވެ. ކައިރިން މީހަކުގެ ހިލަންވިހެން ހީވުމުން އަލްމާޝް ބަލައިލިއެވެ. ދާދި ކައިރީގައި އައިސް ހުއްޓުނު ޝެލީ ފެނުމުން އަލްމާޝް ހީލިއެވެ.

"ކަމަކުތަ؟" ބަހެއް ނުކިޔާ ޝެލީ ހުރުމުން އަލްމާޝް އެހިއެވެ. ބޭރަށް ދާން ބޭނުންވެގެން އެ ހުއްދަ ހޯދަން ޝެލީއަށް ނުކެރިފައި ހުއްޓެވެ. ކަންތައްތައް ގޮސްފައި އޮތް ހިސާބުން ރޭގަނޑުގެ ވަގުތެއްގައި ބޭރަށް ނުކުންނަން ހުއްދަ ނުލިބޭނެކަން ޝެލީއަށް އެނގެއެވެ. އެހެންނަމަވެސް ސާޖިދާ ވަކިން ބައްދަލުކޮށްނުލާތާ ދުވަސްތަކެއް ވުމުން ހުދު ޝެލީ ވެސް ހުރީ ސާޖިދާ ބައްދަލުކޮށް ވާހަކަދައްކާލާހިއް ވެފައެވެ.

"ޝެލީ، ކިހިނެއްވެފަ ތިހުންނަނީ" ދެވަނަ ފަހަރަށް އަލްމާޝް އެހިއެވެ.

"ތަނަކަށް ދާންވެގެން" ނުބުނަން ހުރެފައިވެސް ޝެލީ ބުންޏެވެ. "ވަރަށް އަވަހަށް އަންނާނަން" އަލްމާޝް އެއްޗެކޭ ބުނުމުގެ ކުރިން ޝެލީ އަލްމާޝްގެ ދެއަތްތިލައިގައި ހިފަހައްޓާލިއެވެ. ދާން ހުއްދަ ދޭށޭ ބުނާފަދަ ބެލުމަކުން ޝެލީ ހުރީ އަލްމާޝްއަށް ބަލަހައްޓައިގެންނެވެ.

"ކޮންތާކަށް؟ މިހާރު ނުވައެއްޖަހަނީނު" އަލްމާޝް ބުންޏެވެ.

"ރައްޓިއްސަކާ ބައްދަލުކޮށްލަން" ޝެލީ ބުންޏެވެ.

"އެކަނިތަ؟ އީމާ ދޭތަ؟" އަލްމާޝް އެހިއެވެ.

"އީމް ރޯގާވެފަ އޮތީމަ ނިދަން އުޅެނީ. އަޅުގަނޑު އެކަނި މިދަނީ. އެގާރަޖަހަން ވާއިރަށް ގެއަށް އަންނާނަން. އައި ޕްރޮމިސް" ޝެލީ ބުންޏެވެ.

"ހިނގާ ޝެލީ އާއެކު މަންމަވެސް ދާނަން" އުނދުން ނިއްވާލާފައި ރިހަ ތެލީގައި މަތިޖަހަމުން އަލްމާޝް ބުންޏެވެ. އެކުގައި ދާން އަލްމާޝް ބުނީ ޝެލީއަށް ނޫނެކޭ ނުބުނަން ވެގެންނެވެ.

"ނޫން މަންމަ ދާނެކަމެއްނެތް" ޝެލީ ދެކޮޅު ހެދިއެވެ. މަންމަ ދުރުގައި ބަހައްޓާފައި ލޯބިވެރިޔާ ކައިރީގައި ޝެލީ އިންނާނީ ކިހިނެއް ހެއްޔެވެ؟

"އެހެންވީމަ ސޮރީ ދަރިފުޅާ. މިގަޑީގައި ޝެލީ އެކަނި ދާން މަންމައަށް އެއްބަހެއް ނުވެވޭނެ. މިއަދު މަންމަ މިހުރި މަގާމުގައި ޝެލީ ހުރިނަމަވެސް ކަންތައްކުރާނީ ހަމަ މިގޮތަށް" އަލްމާޝް ބުންޏެވެ. ޝެލީ ބޭރަށް ދާން އެދުނު އެދުމަށް އަލްމާޝް ދެކޮޅުހެދި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އަލްމާޝްއަށް އެ ނިންމުން ނިންމަން އުނދަގުވިއެވެ. އެހެންނަމަވެސް ޝެލީއަށްޓަކައި މިއަދު އަލްމާޝްއަށް މަޖުބޫރެވެ.

އަލްމާޝްގެ ހުއްދަ ނުލިބުމުން އިތުރަށް ޝެލީ އެވާހަކަ ނުދެއްކިއެވެ. ޝެލީ ހުއްދައަށް އެދުނީ ކާމިޔާބުނުވާނޭކަން އެނގިހުރެއެވެ. އެހެންކަމުން ކޮޓަރިއަށް ދާން ހިނގައިގަތީ ސާޖިދަށް ގުޅާފައި ބޭރަށް ނުނިކުމެވޭނެ ވާހަކަ ބުނުމަށެވެ. ޝެލީ އެހާ ދެރަވެފައި ހުރެގެން ދިޔުމުން އަލްމާޝްގެ ހިތަށް ތަދުވިއެވެ.

ކޮޓަރިއަށް ވަންގޮތަށް މޭޒުކައިރީގައި އިން ނިމާނަށް ބަލަމުން ގޮސް އެނދުގައި އިށީނެވެ. ކުރަން އިން މަސައްކަތް ހުއްޓާލާފައި ނިމާން އަލްމާޝްއަށް ބަލައިލިއެވެ. ދެން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.

"ކޮބާ އަވަހަށް ތައްޔާރުވޭ" ނިމާން ބުންޏެވެ. "ގަޑި އެބަ ހިނގާ"

އަލްމާޝް ޖަވާބެއް ނުދިނެވެ. ނިމާނަށް ބަލަހައްޓައިގެން އިންގޮތަށް އިނީއެވެ. އެންމެފަހުން ނިމާން ތެދުވެގެން ގޮސް އަލްމާޝްގެ ކައިރީގައި އިށީނެވެ.

"ބުނީމެއްނު ޝޮޕިން އެއް ކުރަންދާ ވާހަކަ. ނުދަނީތަ؟ ހިޔާލު ބަދަލުވީތަ؟" ނިމާން އެހިއެވެ.

"ނުދާނަން. ހިޔާލުބަދަލުވެއްޖެ" އަލްމާޝް ބުންޏެވެ.

"އެ ކިހިނެއްވީ؟ އަދި ލަހެއްނުވެއޭ. ސައިކުގައި ދާނީ" ނިމާން ބުންޏެވެ.

"އެހެންވިޔަސް ނުދާނަން. ޝެލީވެސް ހުރީ ބޭރަށް ދާހިތުން. އެކުއްޖާއަށް ދާން ހުއްދަ ނުދީފައި އަހަރެން ވަކި ކިހިނެއް ދާނީ" އަލްމާޝް ބުންޏެވެ. ނިމާން ހީލިއެވެ. ބޭރަށް ނުދާން އަލްމާޝް ބޭނުންނުވި ސަބަބު އެނގުމުން ނިމާން ދެރަވިއެވެ. ދަރިންނަށްޓަކައި މައިމީހާގެ ހިތުގައި އޮންނަ ލޯބި އަބަދުވެސް ތަފާތުކަން މިއަދު އެނގިއްޖެއެވެ. ނިމާން އަލްމާޝްގެ ކޮނޑުގައި އަތް ވަށާލިއެވެ. އެހިނދު އަލްމާޝް ނިމާންގެ ކޮނޑުގައި ބޯއެޅިއެވެ.

"ޝެލީއަށް ތިގޮތަށް މަނާކުރުން ރަނގަޅެއްނޫން. ގޮސް އަހާބަލަ ކޮންތާކަށްތޯ ދަނީ. އަހަރެން ހިނގައިދާނަން ޝެލީ ގޮވައިގެން" ނިމާން ބުންޏެވެ.

"އަހަރެން ބުނިން މަންމަ އެކުގަ ދާނަމޭ. އެއްބަހެއްނުވި" އަލްމާޝް ބުންޏެވެ. އެހިސާބުން ނިމާންގެ ސިކުނޑިއަށް ހަނދާނެއް އައެވެ. ޝެލީ ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭކަން ނިމާނަށް އެނގެއެވެ. ނިމާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ހިނގާބަލަ ޝެލީގެ ކޮޓަރިއަށް" އަލްމާޝްގެ އަތުގައި ހިފައި ނަގަމުން ނިމާން ބުންޏެވެ.

ޝެލީގެ ކޮޓަރީގައި ދެފަހަރު ޓަކި ޖެހުމުންވެސް ޖަވާބެއް ނުލިބުނެވެ. ތަޅުގައި ހިފާފައި ނިމާން އަނބުރާލިއެވެ. އެތެރެއަށް ދޮރުހުޅުވިގެން ދިޔުމާއެކު ދެމަފިރިންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ހުހަށް ހުރި ބޮޑު އެނދެވެ. ޝެލީ ފެންނަން ނެތެވެ. އަލްމާޝް އެތެރެއަށް ވަދެފައި ފާހާނާ ބަލައިލިއިރު އެތަންވެސް ހުރީ ހުސްކޮށެވެ. ދުރުގައި ހުރި ނިމާނަށް ބަލާފައި އަތުގެ އިޝާރާތުން ޝެލީ ނެތޭ ބުނި ގަޑި އެއީ ބެލްކަނީގައި ފޯނެއްގައި ހުރި ޝެލީ އަލްމާޝްގެ ލޮލުގައި އަޅައިގަތް ވަގުތެވެ. ސާޖިދުގެ ވާހަކައިގައި ޖެހިފައި ހުރުމުން ޝެލީއަށް ކޮޓަރީގައި ބަޔަކު ތިބިކަން ނޭނގުނީއެވެ.

"ސޮރީ ލަވް. އެއްކަލަ ދުވަހުގެ ފަހުން މަންމަ އުޅެނީ މާބިރުން. އެހެންވެ ބޭރަށް ދާން ހުއްދަނުދިނީ" ޝެލީ ބުންޏެވެ. ޝެލީ ދައްކާ ވާހަކަތައް އިވޭ ހިސާބުގައި ނިމާނާއި އަލްމާޝް ހުރިކަމެއް ޝެލީއަށް ނޭނގެއެވެ.

"އެނގެއޭ. ޝެލީވެސް ބޭނުންވޭ ބައްދަލުކުރަން. މާދަމާ އޮފީހަށް ގޮސްފައި ދާނީ ދޯ ތިގެއަށް ލަންޗް ގަޑީގަ. އޭރުން ވާހަކަދައްކާލެވޭނެއްނު. ޖޭޑީގެ މަންމަ އާ ވެސް ކިހާ ދުވަހެއް ބައްދަލުނުވާތާ" ޝެލީ ބުންޏެވެ.

ބޮޑުވެފައި ހުރި އަންހެންދަރިފުޅު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއާ ފޯނުން ދެކެވޭ ވާހަކަ އަޑު އިތުރަށް އަހަން ބޭނުންނުވާތީ އަލްމާޝްގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުންނަން ނިމާން ހިނގައިގަތެވެ. އެވަގުތު ތިރީގައި އޮތް ކާޕެޓުން ނެއްޓިފައި ހުރި ތަންކޮޅެއްގައި އަޅައިގަނެފައި އަލްމާޝް ވެއްޓެން ދިޔައެވެ. ވެއްޓުނަނުދީ ނިމާން ހިފެހެއްޓި ނަމަވެސް އަލްމާޝްގެ އަނގައިން އަޑެއް ނުކުތެވެ. ކުއްލިއަކަށް ޝެލީ ފަހަތަށް އެނބުރުވަގުތު ދާދި ކައިރީގައި ތިބި މީހުން ފެނުމުން ލަދުގަތެވެ. ފޯނު ކަންފަތާ ދުުރުކޮށްލެވުނީ ސާޖިދު ކައިރީގައި ބުނެނުލައެވެ.

"މަން....މަންމަމެންތަ؟" ޝެލީ ބުންޏެވެ. އަލްމާޝްގެ ގައިގައި ހިފަހައްޓައިގެން ހުރި ނިމާން ބަލައިލީ އަލްމާޝްގެ މޫނަށެވެ. ޝެލީ ހުރިގޮތުން އަލްމާޝް ކައިރިއަށް ހިނިއައި ނަމަވެސް އެކަން ހިންދާލިއެވެ.

"ޝެލީ ހޯދަން އައީ. ފޯނެއްގަ ހުރީމަ ދާން އުޅުނީ އުނދަގުނުކޮށް" އަލްމާޝް ބުންޏެވެ. ޝެލީ ބޮޑަށް ލަދުގަތީ ނިމާން ހުރީމައެވެ. އޭނާ ދެއްކި ވާހަކަތައް އިވުނު ކަމެއްވެސް ނީވޭ ކަމެއްވެސް، އިވުނިއްޔާ އިވުނީ ކިހާ މިންވަރެއްވެސް ކަމެއް ނޭނގެއެވެ. ބުނާނެ އެއްޗެއް ނޭނގިގެން ޝެލީއަށް ތުންފަތުގައި ދަތްއެޅުނެވެ.

"ނިމުނީތަ؟" އަލްމާޝް އެހިއެވެ. މިބުނީ ފޯނުކޯލު"

ޝެލީ ބޯޖަހާލިއެވެ. އަދިވެސް ފޯނު އޮތީ ފަހަތަށް ލައި ނިވާކޮށްލާފައެވެ. އަލްމާޝް ގައިން ދޫކޮށްލާފައި ނިމާން ގޮސް ހުއްޓުނީ ޝެލީ ކައިރީގައެވެ. ދެން ޝެލީ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލައިގެން އައިސް އެނދުގައި އިށީނެވެ. ޝެލީއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ނިމާން ބޭނުމެއް ނުވިއެވެ. ޝެލީ މެދަށް ވާގޮތަށް އަލްމާޝްވެސް އިށީނެވެ. މަންމަ އާއި ބައްޕަ ކުރިމަތީގައި ބޭޒާރުވެއްޖެކަން އެނގުމުން ޝެލީ އިނީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އޭރުވެސް ދެއަތްތިލަ ތެރޭގައި ކަނޑާނުލާ އޮތް ފޯނު އޮތެވެ. ފޯނުގައި ހުރި ސާޖިދަށް ދެކެވޭ ހުރިހާ ވާހަކަތަކެއް އިވެމުން ދިޔައެވެ.

"އެސޮރު ގެއަށް ގެންނަން ބައްޕަ ދައުވަތުދެން" ނިމާން ބުންޏެވެ. އަލްމާޝް ހީލާފައި ޝެލީގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ހޭން ނުހޭން އުޅޭ ކަހަލަ ގޮތަކަށް ޝެލީ ތުންފަތް ހަރަކާތް ކުރަމުން ދިޔައެވެ.

"ޝެލީ ބޭރަށް ދާން އުޅުނީ ކީއްވެގެންކަން އަދި މި އެނގުނީ" އަލްމާޝް ބުންޏެވެ.

"ދަރިފުޅުގެ އެއްވެސް ކަމަކާ ބައްޕަމެން ނުބެހޭނަން. އެދެނީ އަބަދުވެސް ދަރިފުޅު އުފަލުގައި ހުރުމަށް" ނިމާން ބުންޏެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމާއެކު ޝެލީގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ތަންތަނުން ބައްދަލުނުކޮށް ގެއަށް ގެނެސްގެން ދަރިފުޅުމެން ބައްދަލުކުރޭ. އެއީ ބައްޕަގެ ނަސޭހަތަކީ. ދަރިފުޅު މިހާރު އެދުނަސް ވަލީ ދޭންވެސް ތައްޔާރު" ނިމާން ބުންޏެވެ. ޝެލީއަށް އިނގިލީ ކުރީގައި ދަތްއެޅުނެވެ. އެމަންޒަރު ފެނުމުން އަލްމާޝްއަށް ހެވުނެވެ. އަލްމާޝްއަކީ ވެސް ހުދު ނިމާން ކުރާ ކުދިކުދި ލޯބީގެ ސަމާސާތަކުން އަދިވެސް ލަދުގަންނަ މީހެކެވެ. މިއަދު އަލްމާޝްއަށް އެމަންޒަރު ފެންނަމުންދަނީ އަންހެންދަރިފުޅުގެ މޫނުމަތިންނެވެ. ޝެލީއަށްޓަކައި އަލްމާޝްގެ ހިތް ލޯބިން ފުރުނެވެ.

"މާން ދާންވީނުން ކޮޓަރިއަށް" އަލްމާޝް ބުންޏެވެ. ޝެލީ އާ ވަކިން ވާހަކަދައްކާލަން އަލްމާޝް ބޭނުންވީކަން ނިމާނަށް އެނގުނެވެ.

"އައިމް ވިދް ޔޫ މައި ޑޯޓަރ" ނިމާން ދަމުން އަލްމާޝްގެ އަތްތިލައަށް ފިތާލިއެވެ.

ނިމާން ދިޔުމުންވެސް ޝެލީ ބަލައިނުލުމުން އަލްމާޝް ކަރުކެހިލިއެވެ. އެވަރުންވެސް ޝެލީ ބަލާނުލިއެވެ. އިނގިލީގައި ދަތްއަޅައިގެން އިނެވެ.

"ކޮން ނަމެއްތަ މަންމަގެ ޝެލީގެ ހިތް ގެންދިޔަ ކުއްޖާއަށް ކިޔަނީ" ޝެލީގެ އުނަގަނޑު މަތިން އަތް ގެންގޮސް ގަޔާ ކައިރިކޮށްލަމުން އަލްމާޝް ބުންޏެވެ.

"އެއީ ޖޭޑީ" ޝެލީ ބުންޏެވެ.

"ތިކަން އެނގެޔޭ" އަލްމާޝް ބުންޏެވެ.

"ސާޖިދު ކިޔަނީ" ޝެލީ ބުންޏެވެ.

"ތިއޮފީހުގަތަ އުޅެނީ؟" އަލްމާޝް އެހިއެވެ. ޝެލީ ބޯޖަހާލިއެވެ.

އިތުރަށް ސާޖިދާ ގުޅިގެން އަލްމާޝް އޮޅުންފިލުވަން ބޭނުންވިއެވެ. ކޮން އާއިލާއެއްގެ ކުއްޖެއްތޯ އެހިއެވެ. ޝެލީދެކެ ލޯބިވޭތޯ އާއި ކައިވެންޏަށްފަހު ޝެލީ އުފަލުގައި ގެންގުޅޭނެތޯ އެހިއެވެ.

"ތިހުރިހާ އެއްޗެއް މަންމަ އަހަންވީނުން" އަލްމާޝްގެ ކޮނޑުގައި ބޯއަޅަމުން ޝެލީ ބުންޏެވެ.

އަލްމާޝް ދިޔުމުން ފާހާނާއަށް ވަދެ ނިދަން ތައްޔާރުވެގެން އައިސް އެނދަށް އަރާފައި ޝެލީ ފޯނު ނެގީ ސާޖިދާ ގުޅާފައި ހަބަރު ދިނުމަށެވެ. އެހެންނަމަސް ޝެލީ ހައިރާންވީ ސާޖިދު އަދިވެސް ފޯނުގައި ހުރިކަން އެނގުމުންނެވެ. އޭރު ގަޑިއެއްގެ އިރުވާން ފަސްމިނިޓް ހުއްޓެވެ.

"ހެލޯ... ޖޭޑީ..." ކަންފަތުގައި ފޯނުޖެހި ގޮތަށް ޝެލީ ބުންޏެވެ. އެހެންނަމަވެސް އެކޮޅުން އަޑެއް ނައެވެ. އިރުކޮޅަކުން ފޯނު ކެނޑިއްޖެއެވެ. ސާޖިދު ގުޅަންފެށީ ޝެލީ ފޯނަށް ބަލަހައްޓައިގެން ހުއްޓައެވެ.

"ރަންކިޔަން މީހުން ފޮނުވަންވީ ދޯ" ޝެލީ ބަހެއް ބުނުމުގެ ކުރިން ސާޖިދު ބުންޏެވެ. ހުރިހާ ވާހަކަތަކެއް ސާޖިދަށް އަޑުއިވިއްޖެކަން ޝެލީއަށް އެނގުނެވެ.

"މިހާރު މިވަގުތު ފޮނުވާ" ޝެލީ ބުންޏެވެ. ޝެލީ އެނދުގައި އިށީނދެފައި ހެޑްބޯޑުގައި ލެނގިލިއެވެ.

"އައިލަވް ޔޫ ޝެލީ. ސީރިޔަސްކޮށް. ވަރަށް ބޮޑަށް" ސާޖިދު ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟