ވާހަކަ

މޮޔަކޮށްލި މާ - 12

2

ބާރަވަނަ ބައި

ފުރުސަތަކަށް އެދިއެދި ހުރި އިކާނަށް ފުރުސަތެއް ފަހިވެގެން ދިޔައީ ސިޔާގެ ދައުވަތަކަށް ޝެލީ އެގެއަށް ގެނައި ދުވަހުއެވެ. އެއީ ރޭގަނޑުގެ ކެއުމަކަށެވެ. ކާރުގައި ޝެލީ ގެއިން ނައްޓާލި ވާހަކަ ބުނިއިރުން ފެށިގެން އިކާން ހުރީ ކުޑަދޮރުން ބޯދިއްކޮށްގެން ބަލާށެވެ. އިކާންގެ އެނދުގައި ކުރު އަތްމައްޗަކަށް ރާވީ އޮތެވެ. އިކާން ގެންގުޅޭ ބޭރު އަންހެންކުދިންގެ ފޮޓޯޖަހާފައިވާ މެގަޒިންއެއް ބަލަމުން ދިޔައިރު ނިވާކަން ކުޑަ ހެދުމެއްގައި އަންހެންކުދިން ނަގާފައިވާ ފޮޓޮއެއް ފެނިއްޖެނަމަ އިކާނަށް ދައްކާލާފައި ހިނިގަނޑެއް ޖަހާލައެވެ.

"ޝީ ކޭމް" އިކާން ބުންޏެވެ.

"ގުޑްލަކް" ރާވީ ބުންޏެވެ.

ސޯފާގައި އިން ލަކްޔަންއަށް އެގޭތެރެއަށް ސިޔާ އާއެކު ވަން ޝެލީ ފެނުމާއެކު ތެދުވެވިއްޖެއެވެ. ހީވީ ކުރިމަތީގައި ލަކްޔަންގެ ހިތުގެ ހަމަޖެހުން އައިސް މަޑުކޮށްލި ހެންނެވެ. ދެއަތްތިލައަށް އަރައިގެންދިޔަ ފިނިގަނޑާއެކު ދެއަތްތިލަ ލައިގެން ހުރި ޖީންސުގެ ޖީބަށް ކޮށްޕާލިއެވެ.

"ޝެލީދައްތާ. މިއީ ބައްޕަ. މީނީ ކާފަ. ދެން މިއީ ކުޑާ" ސިޔާ ވާހަކަދެއްކިއެވެ. އެއިން ކޮންމެ މީހަކަށް ޝެލީ ހިނިތުންވުމެއް ދިނެވެ. ލަކްޔަންގެ ބެލުން ތަފާތުވިހެން ޝެލީއަށް ހީވިއެވެ.

"ސިޔާ ހާދަ ތައުރީފެކޭ ޝެލީއަށް ކުރަނީ" ހީލަމުން ޝިއުރާ ބުންޏެވެ.

"ކޮބާ ދަރިފުޅުމެން ދާންވީނުން އަވަހަށް ފަށަން" ހީލަމުން އައްބާސް ބުންޏެވެ. އެއާއެކު ޝެލީގެ އަތުގައި ހިފައިގެން ހުރެ ޝިއުރާ ފަހަތުން ސިޔާ ހިނގައިގަތެވެ. ސިޔާ އުޅޭގޮތުން ޝެލީ ހުރީ ހިނިއައިސްފައެވެ. ސިޔާއާއެކު މަސައްކަތްކުރި އެހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޝެލީގެ ހިތުން ސިޔާ ވަނީ ހާއްސަ މަގާމެއް ހޯދައިފައެވެ. ސިޔާ ކައިރީގައި ހުންނައިރު ޝެލީއަށް ހީވަނީ އެއްބަނޑު އަންހެން ކޮއްކޮއެއް އުޅޭހެންނެވެ.

"ޝެލީއަށް އެނގޭތަ! މިރެއަކީ ސިޔާގެ ވަރަށް ހާއްސަ ރެއެކޭ" އަލްމާޝް އިށިން ގޮނޑި އާ ދިމާލުން ބަތްކާ ތަށި ބަހައްޓަމުން ޝިއުރާ ބުންޏެވެ. ޝެލީ ސިޔާއަށް ބަލައިލިއެވެ. އަނެއްކާ ކޮން ރެއެއްހޭ އަހާލާ ކަހަލަ ގޮތަކަށް ބުމަ އަރުވާލިއެވެ.

"މިއަދު އޮފީސް ބަންދުވީމަ މުޅިންވެސް އުޅުނީ ޝޮޕިންގަ. މިރޭ ސިޔާ ބުރުގާ އަޅަނީނު" ޝިއުރާ ބުންޏެވެ. ޝެލީގެ ދެލޯ ވިދައިގަތެވެ.

"ކައި ނިމިގެން ޝެލީދައްތަ ދާންވާނެ އަޅުގަނޑުގެ ކޮޓަރިއަށް. ޝޯލް އަޅުވައިދީފަ މިރޭ ގެއަށް ދެވޭނީ" މައުސޫމް ބެލުމަކުން ޝެލީއަށް ބަލަން އިނދެ ސިޔާ ބުންޏެވެ. ޝެލީ ބޯޖަހާލާފައި ސިޔާގެ ކޮލުގައި ހިފާލިއެވެ.

ތައްޓަށް ކުޑަ ނޫޑްލްސް ކޮޅެއް ލައިގެން އިނދެ ލަސްލަހުން ކަމުން ޝެލީ ދިޔައެވެ. ޝިއުރާ އާއި ސިޔާ ކައިރީގައި އިނެވެ.

"މިގޭގަ މިއީތަ އުޅޭ މީހުންނަކީ" ޝެލީ އެހިއެވެ.

"ހޫމް. އުނހު. އަދި ހުންނާނެ ދޮންބެ" ސިޔާ ބުންޏެވެ. "ކުޑާ، ކޮބާތަ ދޮންބެ" ސިޔާ އެހިއެވެ.

"މިހިރީނު" ފަހަތުން އިކާންގެ އަޑު އިވުނެވެ. އެ އަޑަކީ ޝެލީއަށް ބީރައްޓެހި އަޑަކަށް ނުވިއެވެ. އޫ ތަށި ތެރެއަށް ދޫކޮށްލާފައި ޝެލީ ފަހަތް ބަލައިލިއެވެ. އެވަގުތު ފެނުނު މޫނަކުން ގޮހޮރުގައި ޖެހުނު ކާއެތިކޮޅުތައް ބޭރަށް ނައީ ކިރިޔާއެވެ. ގޮނޑި ފަހަތަށް ކޮށްޕާލާފައި ފުންމައިގެން ތެދުވިއެވެ. ބިރެއް ފެނިގެން އުޅޭ މީހަކު ފަދައިން އިކާނާ ދުރަށް ޖެހުނެވެ. ޝެލީގެ ހަރަކާތްތައް ފެނިފައި ޝިއުރާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ސިޔާވެސް އިނީ ދެލޯ ބޮޑުކޮށްގެން ޝެލީއަށް ބަލާށެވެ.

"ޝެލީދައްތާ!" ސިޔާ އަތްޖައްސާލުމާއެކު ޝެލީ ސިހުނެވެ. އުޅެވުނުގޮތް ހަނދާންވުމާއެކު ޝެލީ ލަދުގަތެވެ.

"ކިހިނެއްތިވަނީ" ކަންބޮޑުވުމާއެކު ސިޔާ އެހިއެވެ.

"ކަމެއްނުވޭ. ޝެލީދައްތައަށް ހީވަނީ ބަލިވާން އުޅޭހެން. ގެއަށް ދާންވީ ކަންނޭނގެ" ޝެލީ ބުންޏެވެ.

"އޯކޭ ހިނގާ ދާން. ބުރުގާ އަޅުވާފައި ދާނީ. ނިމެންވާއިރަށް ޝެލީދައްތަ ބަލާވެސް އަންނާނެއްނު" ސިޔާ ބުންޏެވެ.

*******

އުނދޯލީގައި އިން ސަމީރާ އަތަށް ކާޑުން ވަކިކޮށްލާފައި ދިން ބޭސްގުޅަ ކައިރީގައި ހުރި ފެންކޯވަރަކާއެކު ބޯލިއެވެ. ދެން ކުރިމަތީގައި ހުރި ސާޖިދަށް ބަލައިލާފައި ކައިރީގައި އިށީންނަން ބުންޏެވެ.

"މަންމަ ވަރަށް މުހިންމު ވާހަކައެއް ބުނަންތަ ދަރިފުޅާ" ސަމީރާ ބުންޏެވެ. ސާޖިދު ބޯޖަހާލިއެވެ.

"ޒުވާން އުމުރު އެއީ އެންމެ ގިނައިން ދެޖިންސުގެ މީހުންނަށްވެސް ގޯސްހެދޭ އުމުރު. މަންމަ އެއްގޮތަކަށްވެސް ބޭނުމެއްނުވޭ ތިިދެކުދިންނަށް އަބުރު ގެއްލޭވަރުގެ ކަމެއް ކުރެވޭކަށް. މަގުއޮޅި ބޮޑު ފާފައަކަށް އަރައިގަނެވުމުގެ ކުރިން ތިދެކުދިން ކައިވެނިކުރަން މަންމަ ބޭނުންވަނީ. ކޮންކަމަކާ ތިލަސްކުރަނީ. މިގޭގަ ދިރިއުޅެން ޝެލީ ބޭނުންނުވަނީތަ؟" ސަމީރާ ވާހަކަދެއްކިއެވެ.

"ކައިވެނިކުރަން އެއްވެސް ހުރަހެއްނެތް. ޝެލީ ބޭނުމީވެސް މިގޭގަ އުޅެން" ސާޖިދު ބުންޏެވެ.

"އެހެންވީމަ މަންމަ އުޅެންތަ ތިކަމާ" ސަމީރާ ބުންޏެވެ.

"ނޫން. އަހަރެން ޝެލީ އާ ވާހަކަދައްކާފައި ބުނާނަން"

އެރޭގެ ބާކީ އޮތް ވަގުތުގައި ސާޖިދު ވިސްނިއެވެ. ޝެލީ އަންބެއްގެ ގޮތުގައި ހަޔާތަށް އަންނާނެ ދުވަހަކަށް އޭނާ އިންތިޒާރުކުރާތާ ކިހާ ދުވަހެއް ހެއްޔެވެ؟ ސަމީރާ ބުނިހެން ޝެލީ އާ އެކު އެކަހެރިވެވޭ ވަގުތުތަކުގައި ސާޖިދު އިހުސާސްތައް ހިފަހައްޓަނީ ވަރަށް މަސައްކަތުންނެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ޝެލީގެ ނަންބަރަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. އެހެންކަމުން މެސެޖެއް ލިޔެލާފައި ފޮނުވިއެވެ.

******

ފިނިފެންމާ ކުލައިގެ ޝޯލްއެއްގައި ކޮޓަރިން ނުކުތް ސިޔާ ފެނިފައި ސޯފާގައި ތިބި ހުރިހާ މީހުންނަށް ކޮޅަށް ތެދުވެވުނެވެ. ކުދިކުދި ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުރި ސިޔާ ފަހަތުގައި ޝެލީ ހުއްޓެވެ. ލަކްޔަން ސިޔާގެ މުނުގައި ލޯތްބާއެކު ފިރުމާލިއެވެ. ބުރުގާ އަޅާފައި ހުރިއިރު ސިޔާ އެންމެ ވައްތަރީ ސިޔާގެ މަންމައާއެވެ.

"އަލްހަމްދުލިއްލާހް. އޯލް ތޭންކްސް ޓު ޔޫ ކުޑާ އެންޑް ޝެލީދައްތަ" ސިޔާ ބުންޏެވެ.

"މާޝާﷲ. ވަރަށް ލޯބި. ދެން ދުވަހަކުވެސް ތިބުރުގާ ނުނަގާތި" ޝިއުރާ ބުންޏެވެ.

"ސިޔާ. ޝެލީދައްތަ ދަނީ އިނގޭ ދެން" ސިޔާގެ މޫނުގައި ފިރުމާލަމުން ޝެލީ ބުންޏެވެ. މިފަހަރުވެސް ލަކްޔަންގެ ސަމާލުކަން ޝެލީއަށް ހުއްޓުނެވެ. ހީވީ ޒުވާން އަލްމާޝްގެ އަޑު ކަންފަތުގައި ޖެހުނު ހެންނެވެ. ލަކްޔަންއަށް ތުނބުޅީގައި އަތް ހިންގާލެވުނެވެ. ޝެލީ އާއި އަލްމާޝް އާ ގުޅުމެއް އޮވެއޭ ލަކްޔަންގެ ހިތް ބުނަން ފަށައިފިއެވެ. ލަކްޔަން އެކަން ޔަގީންކުރަން ބޭނުންވިއެވެ. އެހެންނަމަވެސް އަހާނެ ގޮތެއް ނޭނގުނެވެ. ކުއްލިއަކަށް ޝެލީގެ މައިންބަފައިންނާ ގުޅިގެން އެފަދަ ވާހަކައެއް ބުނުމުން ޝެލީ ހީކުރާނެ އެއްޗެއްވެސް ނޭނގެއެވެ.

"އެބައަންނަން ޝެލީދައްތަ އާ އެއްކޮށް ތިރިއަށް ގޮސްފައި" ސިޔާ ބުންޏެވެ.

"އޯކޭވާނެ. ބޭރުގަ އެބައިން ބަލާ އައިސް. ތެންކިޔޫ..." ޝެލީ ބުންޏެވެ.

ޝެލީ ހިނގައިގަތީ ކޮޓަރީގައި އޮތް އިކާން ނުކުތުމުގެ ކުރިން އަވަހަށް އެގެއިން ނުކުތުމަށެވެ. ހިތްއަވަސްވެފައި ހުރީވެސް އެހާ ވަރަށެވެ. ދޮރު ލައްޕާލާފައި ނުކުތްގޮތަށް ޝެލީ މިސްރާބުޖެހީ ލިފްޓާ ދިމާލަށެވެ. ލިފްޓުގެ ފިތަށް އޮބާލާފައި މަޑުކޮށްލައިގެން ހުއްޓާ ކުއްލިއަކަށް މުޅިތަނުން ކަރަންޓް ކެނޑިއްޖެއެވެ. ޝެލީއަށް ހީވީ ކުއްލިއަކަށް ލޮލުގެ ފެނުން ދިޔަހެންނެވެ. މޭގައި އަތް އަޅާލިގޮތަށް ފަރާތް ފަރާތަށް އެނބުރެން ފެށިއެވެ. ފޯނުމަތިން ހަނދާންވީ މާފަހުންނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާ އެސަރަހައްދުން ޝެލީ ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. އަތުގައި އޮތް ފޯނުގެ ލައިޓު ޖައްސައިގެން ހުރެއެވެ. ނުވަވަނަ ފަންގިފިލާއިން އަށްވަނަ ފަންގިފިލާއަށް ފޭބިތަނާ ފަހަތުން ޝެލީގެ ގައިގައި މީހަކު ބައްދައިގަތެވެ. އެވަގުތު އަތުގައި އޮތް ފޯނު ދޫވެގެން ތިރިއަށް ވެއްޓުނެވެ. ފޯނު ވެއްޓިފައި އޮތް ގޮތުން ފޯނުގެ ލައިޓް އެޅިފައި ހުރީ ސީލިންގަށެވެ. އެމީހަކު ޝެލީ އަނގަމަތީގައި ހިފެހެއްޓީ ޝެލީގެ އަނގައިން އަޑެއް ބޭރުވިޔަ ނުދިނުމަށެވެ. މަޑުމަޑުން ޝެލީގެ ކަންފަތްދަށާ މޫނު ކައިރިކޮށްލާފައި އެމީހަކު ބުނި އެއްޗަކުން ޝެލީގެ ގައިން ހީބިހި ނަގައިގަތެވެ.

"ދިޒް އިޒް ޖަސްޓް އަ ޓްރެއިލާ" ޝެލީއަށް ހީވީ ފަހުވަގުތު ޖެހުނީހެންނެވެ. އެހެންނަމަވެސް ހިތުގައި ކުޑަ އުންމީދެއް އޮތީތީ އިކާންގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ޝެލީ ދިޔައީ ރޯމަހެއް ތެޅޭހެން ތެޅެމުންނެވެ. އެހެންނަމަވެސް އިކާން ހިފަހައްޓާފައި ހުރި ތެޅިގެން ޝެލީ ސަލާމަތްވާނެ ވަރަށް ވުރެ މާބާރަށެވެ. ހަށިގަނޑުގެ ބާރުދޫވެ ގޮތްހުސްވާން ކައިރިވެފައި ހުރި ޝެލީ ހަނދާންވީ ދަބަހުގައި އަބަދުވެސް އޭނާ ގެންގުޅޭ މިރުސް ފެންފުޅި މަތިންނެވެ. އިކާންގެ ދެއަތުން ދޫކޮށްލާފައި ގައިގައި ހުރަހަށް އަޅުވާފައި އޮތް ދަބަހުގެ ޒިޕު ދަމާލިއެވެ. ދަބަހުގެ ތެރެއިން އެފުޅި ހޯދަން ޝެލީއަށް އުނދަގު ނުވިއެވެ. އިކާނަށް ކުޑަވެސް ޝައްކެއް ނުވާނޭހެން ފުޅި އަތަށް ހެޔޮވަރުކޮށްލާފައި އިކާނާ ދިމާލަށް ބަލައިލިއެވެ. އަނދިރި ތެރެއިން ސާފުކޮށް ނުފެނުނު ކަމުގައި ވިޔަސް އިކާންގެ މޫނު ހުރި ހިސާބު ޝެލީ އަންދާޒާކޮށްލިއެވެ. މިރުސް ފެންފުޅި އަތަށް ހެޔޮވަރުކޮށްލި ގޮތަށް އިކާންގެ މޫނަށް އަމާޒުވާނޭހެން ސްޕްރޭކޮށްލިއެވެ. އަނގައިން ނުކުމެގެން ދިޔަ އާހެއްގެ އަޑާއެކު ކުއްލިއަކަށް އިކާންގެ އަތުން ޝެލީ މިނިވަންވިއެވެ. އެހިނދު ޝެލީ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. މިޝަން ކާމިޔާބުވެއްޖެކަން އެނގުމާއެކު ތިރީގައި އޮތް ފޯނު ހިފައިގެން ޝެލީ ދުއްވައިގަތެވެ. ވަކި ހިސާބަކަށް ދެވުނުތަނާ މުޅިތަން ހުދު އައްޔަކުން އަލިވެގެން ދިޔައެވެ. އޭރު ޝެލީއަށް ހަވަނަ ފަންގިފިލާ އާ ހަމައަށްވެސް ނުދެވެއެވެ. އެހާބާރަށް ސިޑީގެ ހަރުފަތްތައް ކަޑައްތުކޮށްފައި އައުމުން ޝެލީ ހުރީ މުޅިން ބަލިވެފައެވެ.

އިކާން ކޮޓަރިއަށް ވަންއިރު ގޭތެރެއިން މީހަކު ފެންނަން ނެތްކަން ހަމަ ނަސީބެވެ. މޫނުން ނަގަމުން ދިޔަ ދިލަ ހިނދަކަށްފަހު ހިނދެއް ދިޔައީ ގަދަވަމުންނެވެ. މިރުސް ފެންތައް ކަރުމަތިން ފައިބައިގެން ގޮސް ލައިގެން ހުރި ޓީޝާޓް ކަރުވަޅުގައި ޖެހިފައި ހުރުމުން އެހިސާބަށް ވެސް ދިލަނަގަމުން ދިޔައެވެ. ފާހާނާގެ ދޮރު ހުޅުވާލިގޮތަށް އިކާން ދެމިގަތީ ފާހާނާއަށެވެ. މާގަނޑު ދޫކޮށްލާފައި ބާރު ސްޕީޑުގައި އޮހެމުން ދިޔަ ފެންތަކުގެ ތެރޭގައި އިކާން ހުއްޓުނުއިރު ލައިގެން ހުރި އަންނައުނު ބާލަންވެސް ހަނދާނެއް ނެތެވެ. ފާރުގައި އެއް އަތް ވިއްދައިގެން ހުރިއިރު އިކާންގެ ދެލޯ ހުރީ މެރިފައެވެ. އެހެން ހުރިއިރުވެސް އިކާންގެ މޫނުމަތިން ޝެލީއަށްޓަކައި ރުޅިވެރިކަން ފާޅުވަމުން ދިޔައެވެ. ޝެލީ އިކާން ހީކުރިފަދަ އަންހެންކުއްޖަކަށް ނުވުމުން ހައިރާންކަމެއް ލިބުނެވެ. ޝެލީއަށް ދެރައެއް ދިނުން އިކާން ހީކުރިހާ ފަސޭހައެއް ނުވިއެވެ.

******

މެންދުރުފަހު ހުރިހާ މީހުން ކައިގެން ތެދުވުމުން އަލްމާޝް މޭޒުމަތި ސާފުކޮށްލިއެވެ. ބަދިގޭ ހުރިހާ މަސައްކަތެއް ނިންމާފައި ކޮޓަރިއަށް ވަދެ ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން ގޮސް އިށީނީ އެނދުގައެވެ. ޝެލީއަށް ގުޅާފައި ހުރީ ކައިގެންތޯ އެހިއެވެ. ގެއަށް އައުމުގެ ކުރިން މަންމައަށް ގުޅަން ބުންޏެވެ. ތާއަބަދު އަލްމާޝް ކުރާ ފިކުރަކީ ޝެލީގެ ފިކުރެވެ. ޝެލީއަށް ކަމެއްވެދާނެތީ އަބަދުވެސް ހުންނަނީ ސިހިސިހިއެވެ. ވިސްނާނުލާ ޝެލީ ކުރި ކަމެއްގެ ސަބަބުން އަލްމާޝްގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ.

ކޮޓަރި ދޮރުހުޅުވާލި އަޑަށް އަލްމާޝް ސިހުނެވެ. ބަލައިލިރު ލަސް ހިނގުމެއްގައި ފަޒްނާ އެތެރެއަށް ވަދެގެން އާދެއެވެ. އަލްމާޝް ތެދުވެގެން ގޮސް ފަޒްނާގެ އަތުގައި ހިފިއެވެ. ގާތްކޮށްލައިގެން އައިސް ފަޒްނާ ބޭންދީ އެނދުގައެވެ.

"މަންމަ ކީއްކުރަން ތިއައީ؟ އަޅުގަނޑަށް ގޮވާލިނަމައެއްނު" ކައިރީގައި އިށީންނަމުން އަލްމާޝް ބުންޏެވެ.

"މިއީ އެހާވަރުގެ ކަމެއް ނޫނެއްނު. އެހެންނޫނަސް މިކަހަލަ ގޮތަކަށް ނޫންތަ މަންމައަށް ހިނގާލެވެނީ" ފަޒްނާ ބުންޏެވެ.

ފަޒްނާ ފަރުވާތެރިވެ ކައިރީގައި އިން އަލްމާޝްގެ މޫނަށް ބަލައިލިއެވެ. އެ މޫނުމަތިން ފަޒްނާއަށް ތަފާތެއް ފާހަގަކުރެވޭތާ ދެތިން ދުވަސްވެއްޖެއެވެ. ވާހަކަދައްކާލަން ފަޒްނާ ބޭނުންވީ އެކަމާއެވެ. އަލްމާޝްގެ އަތްމަތީގައި އަތް ބާއްވާލާފައި މައިވަންތަކަމުގެ އޯގާތެރި ބެލުމަކުން އަލްމާޝްގެ މޫނަށް ފަޒްނާ ބަލައިލިއެވެ.

"ގައުމަށް ދިޔަގޮތަށް ނިމާން ގެއްލިގެން އުޅުނު ދުވަސްތައް އަދިވެސް ދެންމެ ވީ ކަމެއްހެން މަންމަ ހަނދާން އެބަހުރި. އެދުވަސްތަކު ދަރިފުޅު ކުރި ހިތާމަތައް މިއަދު އިއާދަވާން އުޅޭހެން ހީވޭ. މަންމައަށް ހަމަ ޔަގީން ދަރިފުޅު ފިކުރުތަކެއް އެބަކުރާކަން" ފަޒްނާ ވާހަކަދެއްކިއެވެ.

އަލްމާޝް ފަޒްނާއަށް ބަލައިލީ އެހާ ޔަގީންކަމާއެކު އަލްމާޝްގެ އިހުސާސްތައް ފަޒްނާ ދެނެގަތުމުންނެވެ. ހިތްދަތި ބެލުމަކުން ފަޒްނާގެ މޫނަށް ބަލައިލުމަށްފަހު އަލްމާޝް ފަޒްނާގެ އުނގުގައި ބޯއަޅައިގެން އޮށޯވެލިއެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟" ފަޒްނާ އެހިއެވެ.

"މަންމާ، މިއުޅެނީ ޝެލީ ވަރަށް ދެރަކަމެއް ކޮށްގެން" އަލްމާޝް ބުންޏެވެ. އަލްމާޝް އެބުނި އެއްޗެއްގެ މާނަ ފަޒްނާއަށް ނެގުނީ އެންމެ ނުބައިކޮށެވެ. އެހެންކަމުން ހަށިގަނޑަށް އަރައިގެންދިޔަ ފިނިގަނޑާއެކު ފަޒްނާއަށް ޝޮކެއް ނުލިބުނީ ހަމަ ކިރިޔާއެވެ.

"އަނެއްކާ.... ނޫން... އަހަރެންގެ ޝެލީ އެފަދަ ކަމެއް ނުކުރާނެ. އެއީ އެއަށްވުރެ މާ ވިސްނޭ ކުއްޖެއް" ހިތަށް ވެރިވެގެންދިޔަ އެތައް ހާސް އިހުސާސްތަކާއެކު ފަޒްނާ ބުންޏެވެ.

"ޝެލީ ފިރިހެންކުއްޖެއްގެ ގަޔަށް އަތް އިސްކޮށްފި" އަލްމާޝް ބުންޏެވެ. އެހިސާބުން ފަޒްނާ ބަސްހުއްޓުނެވެ. ޝެލީގެ އަމަލުތައް އެހިސާބަށް ހަމަ ހުރެފައި ނުދާނެއެވެ. ފިރިހެނެއްގެ ފަރާތުން ލައްކަ ތުރާ ލިބިގެން ނޫނީ ޝެލީ އަތް އިސްނުކުރާނެކަން ފަޒްނާ ކަށަވަރެވެ.

"އެވަރުގެ ކަމަކާތަ ތިހާ ވަރަށް ތި ވިސްނަނީ" ފަޒްނާ ހީލާފައި އަލްމާޝްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"އެއީ އަޅާނުލާ ހުންނަވަރުގެ ކުޑަކަމެއް ނޫނޭ. އެއްވެސް މީހަކަށް މާދަމާ ވާނޭ ކަމެއް ނޭނގޭނެ. އަޅުގަނޑު ދެކުދިންނަކީ އަޅުގަނޑުގެ މުޅި ދުނިޔެ. ހާއްސަކޮށް ޝެލީ. އެއީ އަންހެންކުއްޖެއް. ކަންބޮޑުވަނީ..." އަލްމާޝްގެ ލޮލުގެ އަރިމަތިން ފައިބައިގެންދިޔަ ކަރުނަތިކި ފޭދިގެން ދިޔައީ ފަޒްނާ ލައިގެން އިން ހެދުމަށެވެ.

"ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ބާރުގަދަ ފަރާތެއްވޭ. އަހަރެމެންނަށް އޮތީ ކެތްތެރިކަމާއެކު އެކަލާނގެއަށް ވަކީލުކޮށްލައިގެން ތިބުން" ފަޒްނާ ބުންޏެވެ. އެވާހަކަތަކުން ހިތްހަމަޖައްސައިގެން ހުންނަން އަލްމާޝް ކިތަންމެ ބޭނުންވިޔަސް އޭނާގެ ހިތް ނުތަނަވަސްވަމުން ދަނީ ކީއްވެގެންކަމެއް ނޭނގެއެވެ.

******

އޮފީސް ނިންމި ގޮތަށް ސިޔާ ހިނގައިގަތީ ދުރުގައި އިން ލަކްޔަން ކައިރިއަށެވެ. ސިޔާ ސައިކަލަށް އެރިއިރު ލަކްޔަން އިނީ ފޯނެއްގައެވެ. އިރުކޮޅަކުން ސިޔާ ކައިރީގައި މަޑުކޮށްލަން ބުނެފައި ސައިކަލުން ފައިބައިގެން އޮފީހާ ދިމާލަށް ދިޔައެވެ. މަގުމަތީގައި އެކަނި ހުންނަން ބޭނުންނުވާތީ ލަކްޔަންގެ ފަހަތުން ދިޔައެވެ. ބޮޑު ތަނަވަސް އޮފީހުގެ އެކި ދިމާލަށް ބަލަމުން ސިޔާ ދިޔައެވެ. އެއީ ލަކްޔަންގެ އޮފީހަށް ސިޔާ ވަން ފުރަތަމަ ފަހަރެވެ. ރަސްމީ ގަޑި ފަހަނައަޅާ ގޮސްފައިވާތީ އެވަގުތު އޮފީހުން ފެންނަނީ މަދު މީހެކެވެ.

"ވާއު ބައްޕާ. މި އޮފީސް ހާދަ ރީއްޗޭ" ލަކްޔަންގެ ފަހަތުން ދިޔަ ސިޔާ ބުންޏެވެ. ލަކްޔަން ހީލިއެވެ. ކެބިން ތެރެއިން ލަކްޔަން ފެނުމާއެކު އިކާން ދިއްކޮށްލީ ބަލަން އިން ފައިލެވެ.

"އިއްކު މިގަޑީގަ ގެއަށް ނުގޮސް ކިހިނެއްވެފަ ތިއިންނަނީ" އިކާން ދެއްކި ތަނުގައި ސޮއިކޮށްލަމުން ލަކްޔަން ބުންޏެވެ.

"ތަނަކަށް ދާންވެގެން. ރާވީ އެބައާދޭ" އިކާން ބުންޏެވެ.

"ދޮންބޭ، ކުރީ ދުވަހުގަ ޝެލީދައްތައަށް ދޮންބެ ފެނުނީމަ އެވީ ކިހިނެއްތަ؟ ހީވީ ދޮންބެދެކެ ބިރުން އުޅުނުހެން" ސިޔާ ބުންޏެވެ. ހައިރާންވެފައި ލަކްޔަން އިކާންގެ މޫނަށް ބަލައިލިއެވެ. ގޭތެރޭގައި އެކަހަލަ ކަމެއް ވިކަމެއް ލަކްޔަން ނުދެނަހުއްޓެވެ.

"ދޮންބެ އަނެއްކާ ޝެލީދައްތައަށް ކަމެއް ކުރީތަ. ކުރިއްޔާ ހަނދާންކުރައްޗެ އަޅުގަނޑު ދާނީ ޝެލީދައްތަގެ ކޮޅަށް" އިކާން ބަހެއް ނުބުނެ އިންދާ އަނެއްކާ ސިޔާ ބުންޏެވެ.

"ދޮންބެވެސް ހައިރާންވެފަ ހުރީ. ޝެލީ ދަންނަ ކުއްޖަކާ ދޮންބެ ވައްތަރުވީ ކަންނޭނގެ. ސީރިޔަސްކޮށް އެގަޑީގަ ދޮންބެ ހީކުރީ ދޮންބެ ހުރީ ހަންޑިއެއް ގޮތަށޭ" މަޖާވެފައި އިކާން ބުންޏެވެ. ކުރަންއުޅޭ ކަންތަކުގެ ދޮންކަޅުވެސް ރާވީ ނޫން މީހަކަށް އަންގަން އިކާން ބޭނުމެއް ނުވެއެވެ.

"ޝެލީދައްތައަށް ކޮންމެސް ކަމެއްވި. ހާދަ ޑިސިޕްލިން ރަނގަޅު ކުއްޖެކޭ އެއީ" ސިޔާ ބުންޏެވެ.

ސިޔާއާއެކު މަޑުމަޑުން އޮފީހުން ނުކުމެގެން ގޮސް ސައިކަލަށް އެރިއިރުވެސް ލަކްޔަންގެ ސިކުނޑީގައި ކޮށަމުން ދިޔައީ ސިޔާ ދެއްކި ވާހަކަތަކެވެ. ޝެލީއަށް އިކާންގެ އުނދަގުލެއް ފޯރައިފިކަމަށް ލަކްޔަންއަށް ގަބޫލުކުރެވުނެވެ. ހިތްކިޔާ އަންހެންކުއްޖެއް ފެނިއްޖެނަމަ އިކާން މައިތިރިވެގެން ނުހުންނާނެކަން ލަކްޔަންއަށް އެނގެއެވެ. ލަކްޔަން ނިންމީ ހަމަޖެހިލައިގެން އިކާނަށް ވިސްނައިދޭށެވެ. ޒުވާން އުމުރުގެ ކުދިންނަށް ހެޔޮމަގު ފެންނާނީ ހެޔޮ ކަންތައްތަކުގެ މަތިން އެކުދިންނަށް ގިނަގިނައިން ހަނދާންކޮށްދިން ވަރަކުންނެވެ.

*****

މިކާލްގެ ކޮޓަރިއަށް ކޮފީތަށި ގެންގޮސްދީފައި ޝެލީ އައިސް ޖައްސާލީ ކާމޭޒު ކައިރީގައެވެ. އޭރު އީމާ ހަވީރުގެ ސަޔަށް އިންސާފުކުރަމުން ދިޔައެވެ. ފުރިޖުން ފިނި ފެންފުޅިއެއް ހިފައިގެން ޝެލީ އައިސް އިށީނެވެ.

"ކަންތައްތައް ވަރަށް ގޯސްވެފަ ތިވަނީ" އީމާ ބުންޏެވެ.

"ހާދަ ގޮތެއްނެތް މީހެކޭ އެއީ. އައްޗީޑީ. އަހަރެން ހިތްކިޔާ ކަހަލަ އެއްވެސް ގޮތެއް ހުރި މީހެއްނޫން" އަނގަ ހަދާލާފައި ޝެލީ ބުންޏެވެ.

"މާޝާއްތަމެންނަށް އެނގޭތަ؟" އީމާ އެހިއެވެ.

"އުނހު. އެދުވަހު ވީ ކަންތައްތައް އަހަރެން ކިޔައިދިންފަހުން މިހާރުވެސް މަންމަ އެހުންނަނީ ޝޮކްގަ. މިވާހަކަ ބުނެފިއްޔާ އަދި ކިހާވަރެއްވާނެ" ޝެލީ ބުންޏެވެ.

"އެކަމަކު ކަންތައް ތިހިސާބަށް ދިޔައީމަ އެމީހުންނަށް ސިއްރުކުރާކަށް އަހަރެންނަށް ނުފެނޭ. އަމިއްލައަށް ތިމަންނައަށް މިކަން ހައްލުކުރެވޭނެ ބުނާއިރު ޝެލީއަށް އެނގޭތަ ކިހާ ވަރެއްގެ ކަމެއްކަން ތިއީ. އަންހެންކުއްޖެއްގެ މުޅި ލައިފް އާ ގުޅިފައި އޮތް ކަމެއް. އެމީހުންގެ ޝިކާރައަކަށް އަހަރެމެން ވިއްޔާ ވެއްޔާ މޮޑެވިގެންދާނީ އަހަރެމެންގެ ދިރިއުޅުން. ގެއްލިއްޖެ ވަގުތެއް ކިހިނެއް ހޯދާނީ" އީމާ ހިޔާލުފާޅުކުރިއެވެ. ލަސްލަހުން ފެންތަށި ބޮމުން ދިޔައިރު އީމާ ދެއްކި ވާހަކަތަކާ ޝެލީ ވިސްނަމުން ދިޔައެވެ.

******

"އަހަރެންނަކީ ފިރިހެނެއްކަން އަންގާލާނަން. އެ އަންހެނާގެ އެތެރެހައްޓަށް މިރުސްފެނުގެ ހަމަލައެއް ނުދެވުނިއްޔާ އަހަރެންގެ ނަންވެސް ބަދަލުކުރާނަން. ކަމެއް ކުރަން ހިތުގައި އަޅައިފިއްޔާ އެކަމެއް އަހަރެން ކުރާނަން" ކޮފީ މެޝިން ކައިރީގައި ހުރި އިކާން ބުންޏެވެ. އިކާންގެ އަޑުގައިވަނީ ބަދަލު ހިފުމުގެ ރޫހެވެ.

"ހެހެހެ... ބޭނުންކޮށްލާފަ ސިމެންތި އަޅާފަ ބަންދުކޮށްލާ" ރާވީ ބުންޏެވެ. ދެން ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

"ޕްލޭން އޭ ވޯކެއް ނުކުރިއެއްނު" ރާވީ ބުންޏެވެ.

"ޕްލޭން ބީ ވެސް އެބައިން" ތުނި ތުނބުޅީގައި އިނގިލިތަކުގެ ކުރިން އަތްހާކާލަމުން އިކާން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟