އެގާރަވަނަ ބައި
"ޔެސް . އަހަރެން ގަތް ލަދާއި މޫނަށް އެރި ދިލަގަނޑުގެ ބަދަލު އަހަރެން ހިފާނީ އެ އަންހެނާގެ ހަށިގަނޑުން. ނޮޅައި ކާލާނަން" އިކާން ބުންޏެވެ. ރުޅިގަދަވެފައި އިންވަރުން އިކާންގެ ދެކަތުރު ކަށިގަނޑާ ދިމާލުން ކޯތާފަތުގައި ތުރުތުރުލުމެއް ހުއްޓެވެ.
"އައި ވިލް ހެލްޕް ޔޫ" ރާވީ ބުންޏެވެ.
******
މޭޒު ކައިރީގައި އީމާ އިށީނުމާއެކު އަލްމާޝް ބަލައިލިއެވެ. އީމާ ފާޑަކަށް އިންހެން ހީވިއެވެ. މިކާލްއަށް ޖޫސްތަށި ކައިރިކޮށްލަދީފައި އަލްމާޝް އީމާއަށް ގޮވާލިއެވެ.
"ބަލީތަ؟" އަލްމާޝް އެހިއެވެ. އީމާ ދެފަރާތަށް ބޯހޫރާލިއެވެ.
"ކޮބާ ޝެލީ؟" ހުރިހާ މީހުން ހަމަވިއިރުވެސް ޝެލީގެ ހަބަރެއް ނުވުނުމުން ނިމާން އެހިއެވެ.
"ނުކާނަމޭ ބުނީ" އީމާ ބުންޏެވެ. ނިމާން ތެދުވެގެން ޝެލީގެ ކޮޓަރި އާ ދިމާލަށް ދާން އުޅުނެވެ. މަޑުޖެހުނީ އަލްމާޝް ގޮވާލުމުންނެވެ.
"މާން މަޑުކުރޭ. އަހަރެން އެބައަންނަން" އަލްމާޝް ބުންޏެވެ.
އެތެރެއަށް ހުޅުވިގެންދިޔަ ދޮރާ ދިމާލަށް އެނދުގައި އޮތް ޝެލީ ބަލައިލިއެވެ. ކާއެއްޗެހި ތަބަކެއް ހިފައިގެން ހުރި އަލްމާޝް ފެނުމުން ޝެލީ ގަދަކަމުން ހިނިތުންވެލިއެވެ. އިރުއޮށްސުނުއިރު ހިނގާދިޔަ ހާދިސާ އިން ޝެލީގެ ހިތް ނުތަނަވަސް ކުރުވަމުން ދިޔައެވެ. ކާހިއްނުވީ ވެސް އެހެންވެއެވެ.
"މަންމާ، އަޅުގަނޑު ކާހިތެއްނެތް" ތެދުވެ އެނދުގައި އިށީންނަމުން ޝެލީ ބުންޏެވެ.
"މިހާރު ކިހިނެއް؟ އަދިވެސް ރިއްސާތަ؟" ޝެލީ ދެއްކި ވާހަކަތަކާ ގުޅުވައިގެން އަލްމާޝް އެއްޗެއް ނުބުންޏެވެ.
"މިހާރު ރަނގަޅު" ޝެލީ ބުންޏެވެ.
"ޝެލީއަށް އެނގޭތަ. އަފޫދައްތަމެންގެ ބައިގަ އުޅުނެއްނު ޖާބިރު ކިޔާ މީހެއް. އެމީހާ މިއަދު ފުލުހުން އައިސް ގެންގޮސްފި" އަލްމާޝް ބުންޏެވެ. އޭރު މަތިޖަހާ ތަށީގައި ހުރި ސްޕެގެޓީގެ ތެރެއަށް އަލްމާޝް އޫ ލާފައި އޮޅާލައިފިއެވެ.
"އަސްލު. އެކަމަކު އެއީ ވަރަށް ރަނގަޅު މީހެއް" ޝެލީ ބުންޏެވެ. އަލްމާޝް ޝެލީގެ އަނގަ އާ އޫ ކައިރިކޮށްލުމާއެކު ޝެލީ ކާލައިފިއެވެ.
"އާނ. ރަނގަޅު މީހެއް. އެކަމަކު މަކަރާއި ހީލަތް ހަދަންޏާ ހައްޔަރުކުރާނެއްނު" އަލްމާޝް ބުންޏެވެ. ޝެލީ އަނެއްކާ އަނެއް ސުވާލުކުރިއެވެ. އަފާފް އުޅޭ ގެއަށް ދިޔުމުގެ ތެރެއިން ޖާބިރު ވަނީ ޝެލީ އާ ދިމާވެ ކޮންމެވެސް ވަރަކަށް ވާހަކަދައްކާފައެވެ. އެހެންކަމުން ޖާބިރުގެ ރަނގަޅުކަމާއި ހިތްހެޔޮކަން ޝެލީއަށް ވަނީ ފެނިފައެވެ. ޖާބިރު ހެދީ ކޮންކަހަލަ މަކަރެއްތޯ ޝެލީ އަލްމާޝްގެ ކައިރިން އޮޅުންފިލުވަމުން ދިޔައިރު ކާއެއްޗެހި ތަށި ހުސްވާން ކައިރިވެއްޖެއެވެ. އެކަން ޝެލީއަށް ފަހުމްވިއިރު ތަށީގައި އެންމެ އެތިކޮޅެއްވެސް ނެތެވެ.
"ވަޓް؟" ތަށި އަތަށް ނަގާފައި ބަލައިލި ގޮތަށް ޝެލީ ބުންޏެވެ.
"ކޮން ވަޓްއެއް؟ އަން. މި ޖޫސްތަށި ވެސް ހުސްކޮށްލާ" ޝެލީއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޖޫސްތަށި ޝެލީގެ ތުނބުގައި ޖައްސަމުން އަލްމާޝް ބުންޏެވެ. ޝެލީއަށް ޖެހުނީ އެންމެފަހުން އެވެސް ހުސްކުރާށެވެ.
"މަންމާ! ޔޫ އާ ވެރީ ސްމާޓް" ހީލާފައި ޝެލީ ބުންޏެވެ. އަލްމާޝް ހީލާފައި ޝެލީގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
ޝެލީއަށް ކާންދިން ތަށި ހިފައިގެން އަލްމާޝް ބަދިގެއަށް ވަންއިރު ޒިންކު ކައިރީގައި އީމާ ހުއްޓެވެ. މޭޒުމަތި ހުރީ ސާފުކޮށްފައެވެ. އަލްމާޝް ގޮސް ހުއްޓުނީ އީމާ ކައިރީގައެވެ. އަލްމާޝް އަތުގައި ހުރި ހުސްތަށި ފެނުމުން އީމާ ހީލައިފިއެވެ.
"ކައިފި ދޯ އެންމެފަހުން" އީމާ ބުންޏެވެ.
"ޝެލީއަށް ކާންދިނުން މާޝައްތައަށް އެއްވެސް ކަމެއްނޫން. ޖެހޭނީ ކޮންމެސް ކަހަލަ ވާހަކައެއް ޝެލީގެ ސިކުނޑިއަށް ވައްދަން. އެކަމާ ގުޅިގެން ވާހަކަދައްކާ ނިމޭއިރު ތަށި ހުންނާނީ ހުސްވެފަ" ހީލުމަކާއެކު އަލްމާޝް ބުންޏެވެ. އީމާ ހީލިއެވެ. ޝެލީ ކެއި ތަށި ދޮންނަން އީމާ އުޅުމުން އެކަން އަލްމާޝް މަނާކުރިއެވެ.
"ހުރިހާ އެއްޗެއް އިމާއެއްނު ތިދޮވުނީ. މިތަށި މާޝައްތަ ދޮވެލާނަން" އަލްމާޝް ބުންޏެވެ. އީމާ ޒިންކު ކައިރިން ދުރަށް ޖެހުނެވެ.
"އީމާ" އަލްމާޝް ގޮވާލީ އީމާ ބަދިގެއިން ނުކުންނަން ދަނިކޮށެވެ.
"ތިދެކުދިން މިއަދު ބޭރުގައި އުޅުނުއިރު އެއްވެސް ކަމެއް ދިމާވިތަ؟" އަލްމާޝް އެހިއެވެ. އީމާގެ ލޯކުރިމަތީގައި ހިނގަދިޔަ ހާދިސާ ފިލްމެއްހެން ސިފަވިއެވެ. އެއްޗެއް ބުނަން އުޅުނަސް އީމާއަށް ޖަވާބެއް ނުދެވުނެވެ. އެހިސާބުން ކަމެއް ހިނގައިފިކަން އަލްމާޝްއަށް އެނގުނެވެ.
*****
އިކާން ގެއަށް އައިސް ވަނީ ދިހައެއް ޖަހަން އުޅެނިކޮށެވެ. ސޯފާގައި އިން ލަކްޔަން ފެނުމާއެކު އިކާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ލަކްޔަން ބަލަހައްޓައިގެން އިނުމުން ކުރިމަތިން ގޮސް ކޮޓަރިއަށް ވަންނަން އިކާން ފަސްޖެހުނެވެ. އެހެންކަމުން ހަމަޖެހިލާފައި އިކާން ގޮސް ހުއްޓުނީ ލަކްޔަން ކުރިމަތީގައެވެ.
"ބައްޕަ. ކިހިނެއްވެފައި ތިއިންނަނީ؟" އިކާން އެހިއެވެ.
"އިކާނަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މި އިންނަނީ ކިހިނެއްވެފަކަން" ލަކްޔަން ބުންޏެވެ. ލަކްޔަންގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ.
"ކޮބާ ފޯނު؟" އިކާން ބަހެއްނުކިޔާ ހުންނަން ފެށުމުން ލަކްޔަން އެހިއެވެ.
"ނުދަމޭ ތަނަކަށް. ބުރެއްޖަހާލާފައި އައިސް އޮފީހުގައި ތިބީ" އިކާން ބުންޏެވެ. އެހެންނަމަވެސް ލަކްޔަން ހުރީ އިކާން ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރާ މޫޑެއްގައެއް ނޫނެވެ.
"އެހެންވިޔަސް ފޯނު ނެގޭނެދޯ. އަހަރެންނަށް ހަމަ ޔަގީން މިވަރަށް ގުޅިކަން އިކާނަށް ނޭނގިއެއް ނުހުންނާނެކަން" ލަކްޔަން ބުންޏެވެ. މިފަހަރު ދިފާއުގައި ބުނާނެ އެއްޗެއް އިކާންގެ ދުލަށް ނައެވެ. ލަކްޔަންގެ ސުވާލުތައް ގިނަވުމުންވެސް އިކާންގެ ބޮލުގައި ހުރީ ރިއްސާފައެވެ. މިވަގުތު އޭނާ ބޭނުންވަނީ އަރާމުކޮށްލާށެވެ. ޝެލީދެކެ އާދެވުނު ރުޅީގެ އަސަރު އަދިވެސް އިކާންގެ ހަށިގަނޑުގައި ވިއެވެ.
"މިހެރީ ކިހިނެއްވެފަ" އިކާންގެ މޫނުގައި ހިފާ އަރިކޮށްލަމުން ލަކްޔަން ބުންޏެވެ.
"މަދިރިއެއް ހަމަފައިގަތީމަ ކަހާފަ އެއީ" އިކާން އަވަސް އަވަހަށް ބުންޏެވެ. "ނިދަން މިދަނީ. ވަރަށް ޓަޔަޑް" އިކާން ހިނގައިގަތެވެ. ލަކްޔަންއަށް އަލުން ގޮނޑީގައި އިށީނދެވުނެވެ. އިކާނާ މެދު ވިސްނުން ހިންގާލެވުނެވެ. އިކާން ކޮންމެސް ނުބައެއް ހަދަން އުޅެއޭ ލަކްޔަންގެ ހަވަނަ ހިއްސު ބުނެދެމުން ދަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ބޭރުގައި ހުއްޓައި އިކާން ރާއްޖެ ގެނައުން އެއީ ލަކްޔަންއަށް ހެދުނު ގޯހެއްކަމަށް ނުވުމަށް އެދި ދުއާކޮށްލިއެވެ.
******
ޝެލީގެ ކޮޓަރިއަށް ދެވަނަ ފަހަރަށް އަލްމާޝް ވަނީ ޝެލީ ނިދަން ތައްޔާރުވަމުން ދަނިކޮށެވެ. އަލްމާޝް ފެނުމުން ޝެލީ ހައިރާންވިއެވެ. މިނޫނީ ނިދާ ގަޑީގައި އަލްމާޝް އެއްވެސް ކުއްޖެއްގެ ކޮޓަރިއަށް ވަދެފައި ނެތެވެ.
"މަންމަ. މިގަޑީގަ. ކިހިނެއްވީ؟" އަތުގައި އޮތް ލޯޝަންފުޅި ހުރި ތަނުގައި ބަހައްޓާފައި ޝެލީ އަލްމާޝް އާ ދިމާލަށް ހިނގައިގަތެވެ. އެފަދަ ވަގުތެއްގައި ނިދާ ހެދުމުގައި އަލްމާޝް ހުރުމުން އެކޮޓަރިއަށް އަލްމާޝް އައީ އާދައިގެ ކަމެއްގައި ނޫންކަން ޝެލީއަށް އެނގުނެވެ.
"މަންމަ ވާހަކައެއް ދައްކަންވެގެން" އަލްމާޝް ބުންޏެވެ. ދެން ޝެލީގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދައިފިއެވެ. ކައިރީގައި އިށީނދެފައި ޝެލީގެ ދެއަތުގައި ހިފާލިއެވެ. ޝެލީ އިނީ އަލްމާޝް ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ ކަންބޮޑުވެފައެވެ. އެހާ ދަންގަޑިއެއްގައި ބޮލާއެކު ފެންވަރާލުމުން ނިދިވެސް އައިސްފައެވެ.
"މަންމައަށް އެނގޭ ދަރިފުޅު ބޮޑުވެއްޖެކަން. ކޮންމެސް ދުވަހަކުން މެރީކޮށްގެން ދާނެކަން" އަލްމާޝް ވާހަކަދެއްކިއެވެ. ކުއްލިއަކަށް އަލްމާޝް ދެއްކި ވާހަކައަކުން ޝެލީއަށް ތުންފަތުގައި ދަތްއެޅުނެވެ. ސިއްރުކޮށްގެން އުޅުނު ކަންތައް ފަޅާއެރުމުން ބުނާނެ އެއްޗެއް ނޭނގުނެވެ.
"ތެދަށް ބުނަންޏާ މަންމަ އަދިވެސް ކަންބޮޑުވޭ ޝެލީ ބޭރަށް ނުކުތީމަ. އެކަމަކު ބޭރަށް ނުކުތަ ނުދީ ހިފެހެއްޓުން އެއީވެސް ހައްލެއް ނޫންކަން މަންމައަށް އެނގޭ. މަންމަ ކުރިން ހީކުރީ ޝެލީގެ އެންމެގާތް އެކުވެރިޔާއަކީ މަންމަ ކަމަށް" އަލްމާޝް ވާހަކަދެއްކިއެވެ.
"އަ...އަޅުގަނޑު"
"މަޑުކުރޭ އަދި" އަލްމާޝް ބުންޏެވެ.
"މަންމައަށް އެނގޭ މިއަދު އީމާ އާ ދެކުދިން ބޭރުގައި އުޅުނު ގަޑީގައި ކޮންމެސްކަމެއް ހިނގިކަން. މަންމަ ކައިރީގައި ނުބުނެވޭވަރުގެ ކަމެއްތަ؟" އަލްމާޝް ބުންޏެވެ. އެހިސާބުން ޝެލީއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ހީކުރެވުނުގޮތަށް ނުވުމުން ހީލެވުނެވެ.
"މަންމަ ކައިރީގައި ނުބުނާކަށް ނޫން. އެކަންތައް ހަނދާންވީމަ ބިރުގަންނަނީ" ޝެލީ ބުންޏެވެ. އަލްމާޝްގެ ދެލޮލުން ކަންބޮޑުވުން ފާޅުވެލިއެވެ.
"ވިޔަފާރިކޮށް ނިމިގެން ފިނިއެއްޗެއް ބޯލަން ތަނަކަށް އެރީ. އެތަނުން ފާޑެއްގެ މީހަކު ދިމާކުރީ" ކެފޭގައި ހިނގައިދިޔަ ހުރިހާ ކަމެއް ޝެލީ ކިޔައިދިނެވެ. އަލްމާޝް ކަންބޮޑުވިއެވެ. ބޯމަތިން ނުރައްކަލުގެ ރަނގަބީލެއްގެ އަޑު އިވިލިހެން ހީވިއެވެ.
"ކީއްކުރަން ޖެހީ. މީހުން ތިބޭނެއްނު. އެހީއަކަށް އެދުނުނަމަ. ނޫނީ ފުލުހުންނަށް ގުޅިނަމަ" އަލްމާޝް ބުންޏެވެ.
"އެމީހާއަށް ހައްގު ސްލެޕެއްދިނީ. އަޅުގަނޑު ފަހަތުން ޖިންނިއެއްހެން. ބޮލަށް އުނދަގުވާވަރުވެއްޖެ" ޝެލީ ބުންޏެވެ. ޝެލީގެ ދެލޮލަށް ބަލަހައްޓައިގެން އަލްމާޝް އިނީ ހިތްނުތަނަވަސް ވެފައެވެ. އަންހެންދަރިފުޅާ މެދު ކަންބޮޑުވެފައެވެ. ޝެލީ ރައްކާތެރި ކުރުމަށް ދެން ކުރާނެ ކަންކަމާމެދު ވިސްނާ ކަހަލައެވެ.
*****
އޮފީސް ދޮރުމައްޗަށް ސައިކަލް މަޑުކޮށްލާފައި ޝެލީ ސައިކަލުން ފައިބަންދެން މިކާލް ސައިކަލް ބެލެންސްކޮށްގެން އިނެވެ. އަވި އައިނު ނަގާފައި ޝެލީއަށް ބަލައިލިއެވެ.
"ދޮންތަ ތަނަކަށް ދާންބޭނުމިއްޔާ ގުޅާ" މިކާލް ބުންޏެވެ. ޝެލީ އޮފީހަށް ވަނުމުން ނޫނީ ގެއަށް ނައުމަށް އަލްމާޝް އޮތީ މިކާލް ކައިރީގައި ބުނެފައެވެ.
އޮފީހަށް ވަންނަން ދިޔަ ޝެލީއަށް ސިހުމެއް ލިބުނީ ޖެހިގެން ހުރި އޮފީސް ދޮރުމަތީގައި އޭނާއަށް ބަލަހައްޓައިގެން ހުރި އިކާން ފެނިފައެވެ. އިކާންގެ ރުޅިވެރި ދެލޯ އަމާޒުވެފައިވާތަން ފެނި ޝެލީގެ ދެފައިގައި ރޫރުއަޅައިގަތެވެ. އެހެންނަމަވެސް ބިރުގަތްކަން ނުދައްކައި ޝެލީ އެތެރެއަށް ވަދެގެން ދިޔައެވެ. ޝެލީއަށް ވީގޮތާއި ބަލަހައްޓައިގެން ހުރި ފިރިހެންމީހާ ޝެލީގެ ފަހަތުން އައި ސާޖިދަށް ވަރަށް ރީއްޗަށް ފެނުނެވެ.
ކްލިނިކަށް ދާން ސައިކަލް އަނބުރާލި ވަގުތު މިކާލްއަށް ހުއްޓުން އެރީ އެހިސާބާ ތަންކޮޅެއް ދުރަށް މަޑުކުރު ޕްރައިވެޓް ކާރަކުން ފޭބި އަންހެންކުއްޖާ ފެނިފައެވެ. ގްރޭ ކުލައިގެ ބުޑު ފޮރުވޭވަރުގެ ހެދުމާއެކު ކަޅުކުލައިގެ ސްކިނީގައި ސިޔާ ފެންނަނީ ވަރަށް ޗާލުކޮށެވެ. ބުޅި އިސްތަށިގަނޑު މައްޗަށް ނަގައި އައްސާލާފައިވާއިރު ތުންފަތުގައި ހުރީ ރަތްކުލައެއް ޖައްސާފައެވެ. ކުޑަކުޑަ ބުދަކާ ތަފާތެއްވެސް ނެތެވެ. މިކާލްއަށް އިނދެވުނީ އެހެން ދިމާލަކަށް ނަޒަރު ސީދާކޮށްލަންވެސް ނޭނގިފައެވެ. ކާރުގައި އިން ލަކްޔަންއަށް ހިނިތުންވުމެއް ދިނުމަށްފަހު މިކާލް ކުރިމަތިން ސިޔާ ހުރަސް ކެނޑިއިރު މިކާލް އިނީ އަވި އައިނު ތިރިކޮށްލައިގެންނެވެ. ސިޔާއަށް މީހަކު ބަލަހައްޓައިގެން އިންހެން ހީވީ މިކާލް އާ ދެތިން ފިޔަވަޅު ދުރަށް ހިނގައިގަތްފަހުންނެވެ. ވަގުތުން ފަހަތަށް އެނބުރުލިއިރު ސިޔާއަށް ހުރެވުނީ މަގެއްގެ މެދުގައިކަން ވެސް ނޭނގެއެވެ.
"ހައި" ސިޔާ ބަލައިލުމާއެކު މިކާލް އަތް އުފުލާލިއެވެ. ސިޔާގެ ތުންފަތް ދެފަރާތަށް ދެމިލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. މިކާލް ހައި ޖަހާލި އަޑު އިވުމާއެކު ސިޔާއަށް ހީވީ މީހަކު ސިޔާގެ ކަންފަތް ކައިރީގައި ލުއި މިޔުޒިކެއް ކުޅެލިހެންނެވެ. އެހާވެސް ބޮޑަށް ސިޔާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.
ކުއްލިއަކަށް ސިޔާ ސިހުނީ މަގުން ދަތުރުކުރި ސައިކަލެއްގައި އިން މީހަކު ބަރުގޮނު އަޅާލި އަޑަށެވެ. ތެޅިގަނެފައި ޕޭވްމަންޓްއަށް އަރާފައި ބަލައިލިއިރުވެސް މިކާލް އިނީ ބަލަހައްޓައިގެންނެވެ. މިކާލް އެތަނަށް ދޫކޮށްލާފައި އޮފީހަށް ވަންނަން ސިޔާއަށް އެއްބަހެއް ނުވެވުނެވެ. ގަޑިޖެހެން ފަސްމިނިޓަށް ވިއިރުވެސް ސިޔާ ހުރިތަނުން ގުޑިވެސް ނުލައެވެ. އެންމެފަހުން މިކާލް އަމިއްލަ ނަފުސަށް އިވޭވަރަށް ހީލައިފިއެވެ. ކައިރިއަށް ނުދަނީސް ސިޔާ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާނެކަން މިކާލްއަށް އެނގުނެވެ. އެހެންކަމުން ސައިކަލް ޕާކުކޮށް މަގު ހުރަސްކޮށްލާފައި އައިސް ސިޔާ ކުރިމަތީގައި ހުއްޓުނެވެ.
"ޔޫ ލުކް ބިއުޓިފުލް" ހިނދުކޮޅަކަށްފަހު މިކާލް ބުންޏެވެ.
"އަހަރެން ގަޑިޖެހެނީ" ސިޔާއަށް ބުނެވުނީ އެވަރަށެވެ.
"ސޯ.. އަވަހަށް ދޭ" ހީލަމުން މިކާލް ބުންޏެވެ.
"ދާންވީތަ؟" ސިޔާ އެހިއެވެ.
"ހެހެހެ... ޔެސް ބޭ ބީ ގާ ލް" ލަސްލަހުން މިކާލް ބުންޏެވެ. އެއާއެކު ސިޔާގެ ތުންފަތްމަތީގައި ކުޅެލީ ރަކި ހިނިތުންވުމެކެވެ.
"ލަސްވެގެން އެގުޅަނީ. ދަނީ" އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ސިޔާ ބުންޏެވެ. ޝެލީ ގުޅާނީ ސިޔާ ލަސްވެގެންކަން ސިޔާއަށް އެނގެއެވެ.
ސިޔާ ހިނގާފައި އިމާރާތުގެ އެތެރެއަށް ވަދެގެން ދިޔައިރުވެސް މިކާލް ހުރީ ބަލަހައްޓައިގެންނެވެ. ޝެލީ އާ އެއް އޮފީހެއްގައި ސިޔާ މަސައްކަތްކުރާކަން އެނގުމުން މިކާލްއަށް ލިބިގެން ދިޔައީ އުންމީދެކެވެ. ސިޔާ އާ ވާހަކަދައްކާ ގުޅުން ބަދަހިކޮށްލަން އެހާ ފަސޭހަވެދާނެ ކަމަށް މިކާލް ހީކޮށްފައެއް ނެތެވެ.
ދޮރާށިން އެތެރެއަށް ވަތްއިރު ސާޖިދާއި ޝެލީގެ ދެއަތްތިލަ ވަނީ ގުޅުވާލާފައެވެ. ސަމީރާގެ އެދުމުގެ މަތިން މިއަދު މެންދުރުގެ ކެއުމަށް ޝެލީ އައީ ސާޖިދުގެ ގެއަށެވެ.
"އޭނަ އަހަރެންގެ މޫނުގައި އިނގިލިތައް ޖެއްސީ" ޝެލީ ބުންޏެވެ. ހުރިހާ ކަމެއް ސާޖިދަށް ސިއްރުކޮށްފައި ބާއްވަން ޝެލީ ބޭނުމެއް ނުވިއެވެ. ފަހުވަގުތު އެހެން ގޮތަކަށް ސާޖިދަށް އެކަން އެނގިގެން ދެމީހުންގެ މެދުގައި ކުންޏެއްޖެހެން ޝެލީ ނޭދެއެވެ.
"ވަޓް؟... ކޮންއިރަކު؟" ވަގުތުން ސާޖިދު އެލާޓަށް އައެވެ. ހުއްޓުނުގޮތަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅިއެވެ. އެމީހަކު ސިޔާގެ މޫނުގައި ބީހިލިކަން އެނގުމުން ސާޖިދުގެ އެތެރެހަށީގެ ލޭ ކެކިގަތެވެ. އެމީހެއްގެ އެހުރި ފެންވަރެއް ބަލަން ވަގުތުން ސާޖިދު ބޭނުންވިއެވެ.
"އިކާނެކޯ އޭނަ ބުނީ. އީމް އާ އެކު ކެފޭއެއްގައި އިންދަ" ޝެލީ ބުންޏެވެ.
"އަހަރެންނަށް ތިމީހަކު ދައްކާލައްޗެ. އިނގިލިތައް ބިންދާލާނަން" ސާޖިދު ބުންޏެވެ. ސާޖިދު ދަތްކުނޑި ވިކާލާފައި ހުއްޓާ ފެނުމުން ޝެލީއަށް ހެވުނެވެ.
"އިނގިލިތައް ބިންދަން ނުޖެހޭނެ. އަހަރެން އެތަނުން ނުކުތީ ދުވަހަކުވެސް އަހަރެންނާ ދިމާލަށް އިސްއުފުލާ ބަލާލަންވެސް ނުކެރޭވަރު އޭނާއަށް ކޮށްފަ" ޝެލީ ބުންޏެވެ. ސާޖިދު ބަލައިލުމާއެކު ޝެލީ ސާޖިދު ތިރިކޮށްލާފައި އޮތް އަތުގައި ހިފާލައިފިއެވެ. ދެއަތް ގުޅުވާލާފައި ކުރިއަށް ހިނގައިގަތެވެ.
"އަދި އަލަށް އަހަރެން މީހެއްގެ ގައިގައި ޖެހީ" ޝެލީ ބުންޏެވެ.
"އެހެންވިއްޔާ މިއަދު އޮފީހަށް ވަންއިރު ޝެލީއަށް މާވަރަކަށް ބަލަހައްޓައިގެން ހުރީ ކާކު؟" ސާޖިދު އެހިއެވެ. ޝެލީގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އިކާން ސާޖިދަށް ފެނުނީތާއޭ ހިތަށް އެރިއެވެ.
"އެއީ އެމީހަކީ" ޝެލީ ބުންޏެވެ.
******
ޑިޔުޓީ ނިންމާފައި ނިމާނަށް ގެއަށް އާދެވުނުއިރު ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ތަޅުދަނޑިން ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަންއިރު ފެނުނު މަންޒަރަކުން ނިމާނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އަލްމާޝް އިނީ ވިސްނުމެއްގައެވެ. އަލްމާޝްއަށް ސިހުމެއް ލިބުނީ ނިމާން ދޮރުލައްޕާލި އަޑު އިވުމުންނެވެ.
"މާން..." ނިމާން ފެނުމާއެކު އަލްމާޝް ގޮވާލިއެވެ. އެނދާ ހަމައަށް ނިމާނަށް ނާދެވެނީސް އަލްމާޝް ގޮސް ނިމާންގެ ގައިގައި ބައްދާލައިފިއެވެ. އަތުގައި އޮތް ދަބަސް އެނދުގައި ބަހައްޓާފައި ނިމާނަށް އަލްމާޝްގެ ހަށިގަނޑުގައި ދެއަތުން ވަށާލެވުނެވެ. ބޮޑުކަމެއް ނުވާނަމަ އެހާ ހާސްވެފައި އަލްމާޝް ނުހުންނާނެއެވެ.
"ޝޯނާ، ކިހިނެއްވީ؟" ނިމާން އެހިއެވެ. "ޝެލީ އާއި މިކީ ރަނގަޅުތަ؟ މަންމަ ރަނގަޅުތަ؟"
"ޝެލީ.... ޝެލީ ވަރަށް ބޮޑު ނުބައެއް ހަދައިފި" އަލްމާޝް ބުންޏެވެ. އަލްމާޝް ގޮވައިގެން ނިމާން ހިނގައިގަތެވެ. އެނދުގައި އަލްމާޝް ބައިންދާފައި ހަމަޖެހިގެން ވީގޮތެއް ކިޔައިދިނުމަށް އެދުނެވެ. ޝެލީ ކިޔައިދިންގޮތަށް އަލްމާޝް ނިމާނަށް ކިޔައިދިނެވެ. އަލްމާޝް ފަދައިން ފުރަތަމަ ނިމްނާގެ ދެލޮލުންވެސް ޝެލީއަށްޓަކައި ފެނުނީ ކަންބޮޑުވުމެވެ. ދެން ވާނެގޮތެއް ނޭނގޭތީ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ.
"ޝެލީއަކީ އެހާ ރުޅިގަދަ ކުއްޖެއްނޫން. ކޮންމެ މީހެއްވިޔަސް ގައިގައި އަތްލީމަ ރުޅިއަންނާނެ" ނިމާން ބުންޏެވެ.
"ތިކަން އެނގެއޭ. އެކަމަކު ނުވެސް ދަންނަ މީހެއް ގައިގައި އެގޮތަށް ޖަހާއިރު ހީވޭތަ އެމީހަކު އެހާ ފަސޭހައިން ޝެލީ ދޫކޮށްލާނެހެން" އަލްމާޝް ބުންޏެވެ.
"ހިއެއްނުވޭ. ކުރިއަށް ވުރެވެސް ބޮޑަށް ވިސްނައިގެން ދެން އުޅެންޖެހޭނީ" ނިމާން ބުންޏެވެ.
"ހިނގާ ރޫހީ އާއި ޖޫލް ކައިރިއަށް ޝެލީ ފޮނުވާލަން. ބޮޑުބެވެސް ކިހާ ވަރަކަށް އެކިޔަނީ ޝެލީ ފޮނުވަން" އަލްމާޝް ބުންޏެވެ. ނިމާނަށް ހެވުނެވެ. އަލްމާޝް ވިސްނާލީ ކިހާ ދުރަށްކަން އެނގުމާއެކު ނިމާން އަލްމާޝްގެ މޫނުގައި ފިރުމާލިއެވެ.
"މާބޮޑަށް ތި ހާސްވަނީ. ޝެލީ މެލޭއަށް ފޮނުވައިގެން އަހަރެމެން ކިހިނެއް އުޅޭނީ. އަހަރެންނަށް ކެތެއްނުވާނެ ޝެލީ ނުފެންނަ ހިސާބެއްގައި އެންމެ ސިކުންތުކޮޅެއްވެސް ހުންނަން" ނިމާން ބުންޏެވެ.
"ދެން އެހެންވިއްޔާ މާން ޝެލީ ކައިރީގައި ބުނަންވީނުން ވަޒީފާއަށް ނުގޮސް ގޭގައި މަޑުކުރާށޭ" އަލްމާޝް ބުންޏެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޝެލީ އެވާހަކަތައް ކިޔައިދިން ފަހުން އަލްމާޝްއަށް ހަމަޖެހުމެއް ނުލިބެއެވެ.
"ޝޯނާ....ޝޯނާ..." ނިމާން އަލްމާޝްގެ މޫނުގެ ދެފަރާތުގައި ހިފާލިއެވެ. ނިތުގައި ބޮސްދީފައި އަނބިމީހާ މޭގައި ޖައްސާލިއެވެ. ދަރިއަކަށްޓަކައި މައެއްގެ ހިތުގައި އޮންނާނީ ކިހައި މަތިވެރި ލޯތްބެއްކަން ނިމާނަށް އޮޅިފައެއް ނެތެވެ.
"ލުކް. ވަޒީފާއަށް ނުފޮނުވައި ޝެލީ ގޭގައި ބެހެއްޓުމަކީ އަދި އެންމެ ރަނގަޅުގޮތެއް ނޫން. މާދަމާ މެރީކޮށްގެން ދިޔައިމަވެސް ޝޯނާ އުޅޭނީ ތިހެންތަ" ނިމާން އެހިއެވެ. އަލްމާޝް ދެފަރާތަށް ބޯހޫރާލިއެވެ.
"ދެން އެކަމާ ނުވިސްނާ. ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއްނުވާނެ" ނިމާން ބުންޏެވެ. އަލްމާޝް ނިމާނާ ދުރަށް ޖެހިލާފައި ބާލީސް މަތީގައި ބޯއެޅިއެވެ. ފާހާނައިން ނިމާން ފެންވަރައިގެން ނުކުތް އިރުވެސް އަލްމާޝް އެ ވިސްނުމުގައި އޮތްހެން ނިމާނަށް ހީވިއެވެ. އެހެންކަމުން އަނބިމީހާގެ ކައިރީގައި އޮށޯވެފައި އަނބިމީހާ ގާތަށް ދަމާލިއެވެ.
"ދޮންދޮން ދެފައި. އަބަދުވެސް އެންމެ ލަދުގަންނާނީ އަހަރެން އެކުއްޖާގެ ދެފަޔަށް ބެލީމަ. ވަރަށް ކިޔުޓްކޮށް ހުންނާނީ. ހީވާނީ ދޮންވެ ފައްކާވެފައިވާ ބަރަބޯ ކޮޅެއްހެން" ނިމާން ވާހަކަދެއްކިއެވެ. އަލްމާޝް ނިމާނަށް ބަލާލައިފައި ދެބުމަ ގޮށްޖަހާލިއެވެ.
"ކާކުގެ ވާހަކަ މިހާރު ތިފެށީ. ހޮސްޕިޓަލުން ރީތި ނަރުހެއް ފެނުނީތަ؟" އަލްމާޝް އެހިއެވެ.
"ހޮސްޕިޓަލަކުން ނޫން. މިތާ ކައިރީގައި އޮތް އަންހެންކުއްޖާގެ ވާހަކަ މިދައްކަނީ. ބުނެބަލަ އަދިވެސް ތިދެފައި ހަމަ އެހާ ދޮންތަ؟" ނިމާން ބުންޏެވެ. އަލްމާޝްއަށް ހެވުނެވެ. ނިމާންގެ އަތުގައި ޖަހާލެވުނީ އެކަހަލަ ސަމާސާއަކުން އަލްމާޝްގެ ވިސްނުމާ ފިކުރުތައް ނިމާން އެއްފަރާތް ކުރީތީއެވެ.
(ނުނިމޭ)