ވާހަކަ

މޮޔަކޮށްލި މާ - 10

3

ދިހަވަނަ ބައި

"އަހަރެންނަށް ހާދަ ކަމެއް ނުވެއޭ" އިކާން އަމިއްލަ ނަފުސަށް ބުންޏެވެ. ގޮނޑިން ތެދުވެގެން ގޮސް އިކާން ހުއްޓުނީ ބޭރު ފެންނަ ގޮތަށް ހުރި ކުޑަދޮރު ކައިރީގައެވެ. އެތަނުގައި ހުންނައިރު ރީތިކޮށް ޗާންސް އޮންލައިން އިމާރާތުން ބައެއް ފެނެއެވެ. އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއިރު އަރާފައި އިނީ ނުދަންނަ ނަންބަރެކެވެ. ފޯނު ކަންފަތުގައި ޖެހުނުތާ އިރުކޮޅެއްވެސް ނުވަނީސް އިކާންގެ ދެތުންފަތް އަރިއަކަށް ދެމިލިއެވެ.

ޖޫސްތަށި ހިފައިގެން އިން ރާވީއަށް ދޮރުން ވަން އިކާން ފެނުމާއެކު ތެދުވެއްޖެއެވެ. އެދިޔަ ބާރުމިނުގައި ހިނިގަނޑަކާއެކު އިކާންގެ ގައިގައި ބައްދާލިއެވެ. އިކާނަށްވެސް ވީ އެވަރެވެ. ކުޑައިރުގެ ދެ އެކުވެރިން ޒަމާނަތަކަށްފަހު ބައްދަލުވުމުން ދޫކޮށްލަން އެކަކުވެސް ބޭނުންނުވެއެވެ. ރާވީގެ މައިންބަފައިންނާއި ލަކްޔަން ސޯފާގައި ހީލައިގެން ދެކުދިންގެ އެ މަންޒަރުތައް ބަލަން ތިއްބެވެ.

"މޭން... ޔޫ ލުކް ޑިފަރެންޓް" ރާވީއަށް ބަލައިލާފައި އިކާން ބުންޏެވެ. ކަނދުރާ އާ ހަމައަށް އަންނަ ވަރުގެ މާބޮޑަށް ފަން ނޫން އިސްތަށިގަނޑުގައި ރާވީ ފެންނަ ގޮތް ކުރިއަށް ވުރެ ތަފާތެވެ. ތުންފަތުގައި ވަނީ ފަނޑު މުށި ކުލައެކެވެ. ކަޅުކަން ގަދަ ދެ ބުމައެވެ. ތުނި ހަންގަނޑެއް ނަމަވެސް އަލި ކަޅެކެވެ. ތުނބުޅި މަތިމަސް ފާޅުވާން ހުރީ ކިރިޔާ ފާހަގަވާ ވަރަށެވެ. އިކާން ފަދައިން ރާވީގެވެސް އެއް ކަންފަތުގައި ސްޓަޑެއް އިނެވެ.

"ކޮންއިރަކު އައީ؟ އަންގާލިނަމައެއްނު. ކާރުގަ ދާނަމޭ ބަލާ. މިހާރު އެނގޭ މާލޭގަ ދުއްވަން" އިކާން ފޮނިކަނޑާލިއެވެ. ހެމުން އައިސް ދެކުދިން އިށީނީ ހުހަށް ހުރި ގޮނޑިގައެވެ.

"އަނާގާލާފައި އައިނަމަ ސަޕްރައިޒަކަށް ނުވީހެއްނު" ރާވީ ބުންޏެވެ. ފިރިހެން ވަންތަ ބަރު އަޑެކެވެ.

"ކޮންތާކު ހުންނަނީ؟ އައިމީން މާލޭގަތަ؟" ކެތްތެރިކަން ކުޑަވެފައި އިކާން އެހިއެވެ.

"އިއްކު ހަމަޖެހިބަލަ. އެމީހުން ތިބޭނީ ދެވަނަ ބައިގަ. އެތަން ހުންނާނީ ރެޑީކޮށްފަ" ލަކްޔަން ބުންޏެވެ.

"އިއްކު ކޮބާ ރަނގަޅުތަ މިރަށް" ރާވީގެ މަންމަ ޒުމްރާ އެހިއެވެ. އެވަގުތު އިކާން ވިސްނާލިއެވެ. މާލެ އައިއިރު ފޫހިތަނެކެވެ. ހިތްހަމަޖެހުމެއް ނުލިބި ދުވަސްގިނަވެފައި ވިއެވެ. އެހެންނަމަވެސް ހިތްހަމަޖެހުން ގެނުވާ ކަމެއް ފެނިއްޖެއެވެ. ގުދުރަތުގެ އަޖައިބެކެވެ. ޝެލީގެ ސޫރަ ހިޔާލަށް އައުމާއެކު އިކާންގެ ތުންފަތަށް ހިނިތުންވުމެއް ދުވެލައިފިއެވެ.

"ވަރަށް ސަޅި. ނުވޭ ދާހިތެއް" އިކާން ބުންޏެވެ. ހުރިހާ މީހުންގެ ވާހަކަތައް އަޑުއަހަން ސޯފާގައި އިން ޝިއުރާއަށް ހައިރާންކަމެއް ލިބުނެވެ. މާލެ ފޫހިވެގެން އިކާން އެންމެ ގިނަ ވާހަކަތައް ދެއްކި މީހަކީ ޝިއުރާއެވެ. ޒުމްނާ ކުރި ސުވާލާއެކު އިކާންގެ ފޫހިކަމުގެ ލިސްޓު އޮށްސާލާނެ ކަމަށް ޝިއުރާއަށް ހީކުރެވުނަސް އިކާންގެ އަނގައިން ނުކުތީ މުޅިން ތަފާތު ބަސްތަކެކެވެ.

*****

ދެފަރާތަށް ހޯދައި ބަލައިލުމަށްފަހު ޝެލީ މަޑުމަޑުން ތަޅުގައި ހިފިއެވެ. އެތެރެއަށް ކޮށްޕާލުމާއެކު ޝެލީ ދިޔައީ ޝޮކަކަށެވެ. އެތެރޭގައި ހުރި ސާޖިދު ހުޝިޔާރުކަމާއެކު ޝެލީގެ އަތުގައި ހިފައި އެތެރެއަށް ދަމައިގަތެވެ. ސާޖިދުގެ މޭގައި ޖެހިފައި ޝެލީ މަތަވިއިރު ދެލޯ ބޮޑުވެފައި ހުރީ ސާޖިދަށް ބަލަހައްޓައިގެންނެވެ.

"ކީއްވެ؟ ކީއްވެ މިގަޑީގަ މިތަނަށް އަންނަން ބުނީ" ސާޖިދާ ދުރަށް ޖެހިލާފައި ޝެލީ ބުންޏެވެ.

"ވައި ޑިޑް ޔޫ އިގްނޯ މީ... ކީއްވެތަ ޝެލީ މިއަދު އެހާ ތަފާތީ؟ ވެއާ އިޒް ޔުއާ ސްމައިލް؟ ސާޖިދު އެހިއެވެ. ޝެލީ ސާޖިދަށް ބަލައިލިއެވެ. ހަމަޖެހުނުކަން ދައްކަން ހީލެވޭތޯ ބެލިއެވެ.

"އެއްވެސް ކަމެއްނުވޭ. ސޮރީ ވަރަށް ބޮޑަށް ޖޭޑީ ތިހާ ހާސްކޮށްލެވުނީމަ" ޝެލީ ހިފަހައްޓައިލީ ސާޖިދުގެ މޫނުގެ ދެފަރާތުގައެވެ. ޝެލީގެ މޫނަށް ސާޖިދު ބަލަހައްޓައިގެން ހުރީ ޝައްކުގެ ނަޒަރަކުންނެވެ.

"އައި ނޯ ޔޫ ވެރީ ވެލް. ކޮންކަމެއް ސިއްރުތިކުރަނީ؟" ސާޖިދު އެހިއެވެ. އެވަގުތު ޝެލީ ވިސްނާލިއެވެ. އޮފީސް ދޮރުމަތިން ދިމާކޮށް އަތުގައި ހިފި ވާހަކަ ބުނަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން ޖޭޑީ ކަންތައްކުރާނެ ގޮތެއްވެސް ނޭނގެއެވެ.

"ސީރިޔަސްކޮށް ނުވޭ ކަމެއް. މިއަދު ހޭލިއިރު ބަނޑުގައި ރިއްސާފައި ހުރީ ވަރަށް ބޮޑަށް. އެނގެއެއްނު ޝެލީ ބަނޑުގައި ރިއްސަންޏާ ވާނެވަރު" ޝެލީ ބުންޏެވެ. ޝެލީ ހާމަކުރީ މުޅިއަކުން ދޮގެއްވެސް ނޫނެވެ.

"އާރް ޔޫ ޝުއާ" ސާޖިދު އެހިއެވެ. ޝެލީ ހީލަމުން ބޯޖަހާލިއެވެ. ސާޖިދު ފުންނޭވައެއް ދޫކޮށްލިއެވެ. ޝެލީގެ ދެއަތުގައި ހިފާލުމަށްފަހު އަތްތިލައަށް ބޮސްދިނެވެ.

"ދެން އެހެން ނުހަދައްޗޭ" ސާޖިދު ބުންޏެވެ.

*****

ފެންވަރައިގެން ނުކުތް މިކާލް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އައިސް ބްލޫ ކުލައިގެ ޖީންސެއްގައި ހުރި މިކާލްގެ ހަށިގަނޑުން ގަވައިދުން ކަސްރަތުކުރާކަން ހާމަވެއެވެ. ހުދު ކުލައިގެ ތުވާލިން އިސްތަށިގަނޑު ހިއްކައި ނިމުމުން ތުވާލި އެއްލީ އެނދަށެވެ. ތުނބުން ރާގެއް އަޅުވައިގެން ހުރެ ގައިގައި ލޯޝަން ހާކަމުން ދިޔައެވެ. ކުއްލިއަކަށް ހިތަށް އައިސް ވަން އަންހެންކުއްޖާ ސިފަވެފައި ހިނިތުންވެލިއެވެ.

އަންހެންކުދިންނަށް މާބޮޑު ޝައުގުވެރިކަމެއް ނުހުންނަ މިކާލްގެ ހިތަށް ގޮތެއްވީ އެ އަންހެންކުއްޖާ ފެނުނު ފުރަތަމަ ދުވަހުއެވެ. އަންހެންކުއްޖާ އޭނައަށް ބަލަން އިން ގޮތް މިހާރުވެސް ފެންނަ ކަހަލައެވެ. ފޯނުން ވީޑިޔޯ ކުރިކަންވެސް މިކާލްއަށް އެނގެއެވެ.

"ސިޔާ؟ ވެއާ އާ ޔޫ؟" ރީނދޫ ކުލަ އާއި ހުދުކުލަ އެކުލެވޭ ޓީޝާޓް ބޮލުން ވައްޓައިލަމުން މިކާލް އަމިއްލަ ނަފުސަށް ބުންޏެވެ.

ކާރުގެ ތަޅުދަނޑި ހިފައިގެން ނުކުތް މިކާލް ބަދިގެއަށް ވަންއިރު އެއްވެސް މީހަކު ފެންނަން ނެތެވެ. ފުރިޖު ހުޅުވާލާފައި ނެގި އައިސް ފެންފުޅި އަނގަ އާ ދިމާކޮށް އަރިކޮށްލިއެވެ. ގެއިން ނުކުންނަން ދަނިކޮށް ކޮޓަރިން ނުކުތް ފަޒްނާގެ ކުރިމައްޗަށް އެރުނެވެ.

"ހަދަ ރީތިވެގެން" ފަޒްނާ އެހިއެވެ.

"އޯ ކަމޯން ބެސްޓީ. ރީތިނުވިޔަސް އެނގެއެއްނު އަޅުގަނޑު ރީތިކަން" ފަޒްނާގެ ކޮނޑަށް އަތް އެއްލައިގެން ސޯފާގޮނޑިތަކާ ދިމާލަށް ދަމުން މިކާލް ބުންޏެވެ.

"މިތާ ބަސްއަހައިގެން އިނދޭ އިނގޭ. މަންމަ ކައިރީގައި ބުނެދޭތި އަޅުގަނޑު ދިޔައީ ކްލިނިކަށޭ" މިކާލް ބުންޏެވެ. މިކާލް، ފަޒްނާ ގެންގޮސް ބޭންދީ ސޯފާގައެވެ. ދެން ޓީވީ ހުޅުވައިދީފައި ރިމޯޓް ފަޒްނާ އަތަށް ދިނެވެ.

"މަޑުކޮށްބަލަ. މިއީ ކްލިނިކް ހުޅުވާ ގަޑިއެއްވެސް ނޫނެއްނު. ރަނގަޅަށް ބުނޭ ތިދާތަނެއް" ފަޒްނާ ބުންޏެވެ.

"ކްލިނިކަށޭ ބެސްޓީ. ކޮފީއަކާ އެއްކޮށް" މިކާލް ބުންޏެވެ.

"އެހެންތަ. އަންނަމުން މާމައަށް ހަފާލާނެ އެއްޗެއް ގެންނައްޗެ" ފަޒްނާ ބުންޏެވެ. "ފޮނި އެއްޗެއް" ފަހަތް ބަލައިލާފައި އެބަސްތައް ބުނެލީ ސިއްރުންނެވެ. މިކާލް ކައިރިއަށް ހިނިއައެވެ. ބޮޑުވައި އިނގިލި އުފުލައިލަމުން ބޯޖަހާލާފައި މިކާލް ގެއިން ނުކުތެވެ.

******

ސިޔާ މާބޮޑަށް ބަނޑުހައިވެގެން އުޅޭތީ ޝެލީ ނުކުތީ ކައިރީގައި ހުރި ކެފޭއަށް ދިޔުމަށެވެ. ކުރަން އިން މަސައްކަތް ވަކި ވަގުތެއް ވުމުގެ ކުރިން ނިންމަން ޖެހޭތީ އެމަސައްކަތް ޝެލީ، އީމާ އާ ހަވާލުކުރިއެވެ. އޮފީހުން ނުކުތުމުގެ ކުރިން ސާޖިދަށް މެސެޖަކުން އަންގާލިއެވެ.

"އަދި އަލަށްތަ މިތަނަށް ތިއައީ" ކެފޭއަށް ވަދެ ގޮނޑީގައި އިށީންނަމުން ޝެލީ އެހިއެވެ. ސިޔާ ބޯޖަހާލާފައި ދެފަރާތް ހޯދައި ބަލައިލިއެވެ.

"ޝެލީދައްތަ ނުކަންތަ އެއްވެސް އެއްޗެއް؟" ހަމައެކަނި ކޮފީއެއް ގެންނަން ޝެލީ އެދުމުން ސިޔާ އެހިއެވެ. ޝެލީ ބޯޖަހައިލިއެވެ.

ކޮންޓިނެންޓަލް ބްރެކްފާސްޓަށް ސިޔާ އިންސާފުކޮށް ނިމެންދެން ލަސްލަހުން ޝެލީ ކޮފީ ބޮމުން ދިޔައެވެ. އެހެން އިނދެ ޝެލީ ސިޔާގެ މޫނަށް ބަލަމުން ދިޔައެވެ. ސިޔާގެ ބުޅި އިސްތަށިކޮޅަށް ހިތާހިތުން ތައުރީފު ކުރަމުން ދިޔައެވެ. ޝެލީ ސިޔާއަށް ގޮވައިލީ ސިޔާ ޖޫސްތަށި ބޯލި ފަހުންނެވެ.

"ތެންކިޔު ޝެލީދައްތާ" ސިޔާ ބުންޏެވެ. ޝެލީ ހީލިއެވެ. ފެންތަށި ބޯލުމަށްފަހު ޝެލީ އެހާ ލޯބިން ގޮވާލީ ކިހިނެއްވެގެންތޯ ސުވާލުކޮށްލިއެވެ.

"ޝެލީދައްތައަށް ހީވަނީ މިކަހަލަ ޝޯލްއަކުން ސިޔާގެ އިސްތަށިގަނޑު ފޮރުވާލީމަ ވަރަށް ލޯބިކޮށްހެން ހުންނާނީ" ޝެލީ ބުންޏެވެ. އެވަގުތު ސިޔާއަށް ބަލައިލެވުނީ ކޮނޑުގެ ދެފަރާތުން ގެނެސް މެއަށް ވުރެ ތަންކޮޅެއް ތިރިއަށް ހުރި ސިޔާގެ އަމިއްލަ އިސްތަށިގަނޑަށެވެ.

"އަޅޭ... ޑޯންޓް ގެޓް މީ ރޯންގް އިނގޭ ބޭބީ" ޝެލީ ބުންޏެވެ. ސިޔާ ހަރަކާތްކޮށްލި ގޮތުން ޝެލީއަށް ހީވީ ސިޔާ ހިތްހަމަނުޖެހުނީ ހެންނެވެ.

"މިހާރުވެސް ވަރަށް ލޯބި. އެކަމަކު އަންހެންކުދިންގެ ރީތިކަން އިތުރުވާނީ ވީހާވެސް ފޮރުވިގެން ހުރީމަ" ޝެލީ ބުންޏެވެ. ހަނދާން ހުންނަން ފެށިއްސުރެ ފެށިގެން އަލްމާޝް އަބަދުވެސް ބުނާ ވާހަކަ ޝެލީ ހަނދާންކޮށްލިއެވެ. އެވާހަކަތައް އަހަން ސިޔާ އިނީ ހިނިތުންވެލައިގެންނެވެ. ފަހަރެއްގައިވެސް ޝެލީގެ ވާހަތަކަށް ސިޔާ ފާޑެއް ނުކިޔައެވެ. އެހެނެއްކަމަކު ޝެލީގެ ވާހަކަތަކާ ގަޔާވިއެވެ. ޗާންސް އޮންލައިންގައި މަސައްކަތްކުރަން ފެށިފަހުން ޝެލީއަށް ނޭނގުނަސް ސިޔާ ދިޔައީ ޝެލީގެ ކޮންމެ ހަރަކާތެއް ކޮޕީ ކުރަމުންނެވެ.

"ޝެލީދައްތަގެ ފޭސް ގޮތަށް އޮމާންކޮށް ކިހިނެއް ބަހައްޓާނީ؟" ކެފޭއިން ނުކުންނަމުން ސިޔާ އަހާލި އެއްޗަކުން ޝެލީއަށް ހެވުނެވެ.

******

އޮފީސް ނިންމާފައި އިކާން ގެއަށް އައިރު ލަކްޔަން އިނީ ގޭގައެވެ. ކޮޓަރިއަށް ވަންނަން ދިޔަ އިކާނަށް ލަކްޔަން ގޮވާލިއެވެ. އެހެންދުވަސް ދުވަހާ ހިލާފަށް ގެއަށް ވަންގޮތަށް އިކާން ކޮޓަރި އާ ދިމާލަށް ދިޔުމުން އިސްތިރިކުރަން ހުރި ޝިއުރާ އެކަން ފާހަގަކުރިއެވެ.

"އެހެންޏާ ގެއަށް ވަންނަގޮތަށް ސޯފާއަށް ދެމިފައި އޮންނާނީ. ބުނާނެ ވަރުބަލިކަމުން ކޮޓަރިއަށް ވަންނާނެ ހިތްވަރެއް ނެތޭ" ދިމާކޮށްލުމުގެ ރާގެއްގައި ޝިއުރާ ބުންޏެވެ.

"ވަރަށް ލަސްވޭ އެބަ" އިކާން ބުންޏެވެ.

"ތަނަކަށް ދާން އޮތީތަ؟" ލަކްޔަން އެހިއެވެ.

"ރާވީ ގޮވައިގެން ބޭރުގަ ބުރެއްޖަހާލަން" އިކާން ބުންޏެވެ.

ލަކްޔަން އިކާނަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނެވެ. އެހެންނަމަވެސް އެހެންތަނަކަށް ދިޔުމުގެ ކުރިން މިސްކިތަށް އަރާ އަސުރުކުރަން ހަނދާންކޮށްދިނެވެ.

ކާރަށް އަރައި ދުއްވާލުމާއެކު ލަކްޔަން ދެއްކި ވާހަކަތަކުގެ މަތިން އިކާން ހަނދާން ނެތިއްޖެއެވެ. މާލެ ވަށައިގެން ބުރެއްޖަހާފައި ދެ އެކުވެރިން މިސްރާބުޖެހީ ބުރިޖުގެ ހިތްގައިމު މަންޒަރު ފެންނަ ހިސާބުގައި ހުރި ކެފޭއަކަށެވެ. ވަގުތަކީ އިރުއޮށްސޭ ވަގުތެވެ. އޭރު ދުނިޔެ މައްޗަށް އަނދިރިވާން ނުފަށައެވެ.

"ހާދަ ރީއްޗޭ" މޭޒު ކައިރީގައި އިށިންފަހުން ރާވީގެ ނަޒަރު ހުއްޓިފައިވަނީ އެއްދިމާލަކަށެވެ. ހިނިގަނޑެއް ޖަހާލާފައި އެދިމާލަށް އިކާނަށް ބަލައިލެވުނެވެ. އެވަގުތު އިކާންގެ ހީލުމުގެ އަޑު އިވުނެވެ.

"ރީތި ދޯ. އަހަރެން މޮޔަކޮށްލައިފި" އިކާން ބުންޏެވެ. އެދެމީހުން ތިބި މޭޒާ މާދުރުނޫން މޭޒެއްގައި އައިސް އިށީނީ ޝެލީ އާއި އީމާއެވެ. ދެކުދިން އަތުގައި ހުރި ކޮތަޅުތަކުން ބާޒާރުކޮށް ނިންމާފައި އައިކަން އެނގެއެވެ.

"އެއީ އޭ މަބުނި ކުއްޖަކީ. އެކަމަކު ވަރަށް ބޯހަރު ކުއްޖެއް" އިކާން ބުންޏެވެ. ޝެލީ އެދިމާލަށް ބަލައިލަފާނެތީ އިކާން އިނީ އެކަމަށް ހުޝިޔާރު ވެގެނެވެ. އިކާންގެ މޫނު ފެންނައިރަށް ޝެލީ އެތަނުން ހިނގައިދާނެތީއެވެ.

"ވަޓް؟ އެތާ އެބައިންތަ ކައެގެ" ރާވީ އިކާނަށް ބަލައިލިއެވެ. ހީލާފައި ބޯޖަހާލިގޮތަށް އިކާންގެ ހިނިތުންވުން ފަނޑުވިއެވެ. ޝެލީއަށް ރާވީ ހިތް ކިޔައިފިކަން އެނގުމުން އިކާނަށް ނުބައި ގޮތެއް ވިއެވެ.

"ބުރުގާ ނާޅާ އިން މަންޖެގެ ވާހަކަ މިބުނީ" ރާވީ ބުންޏެވެ. އިކާންގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.

"ބުރުގާ އަޅާފައި ތިބޭ އަންހެންކުދިންނާ އަހަރެން ލައިކެއްނުވޭ. ފޮރުވިގެން ތިބީމަ ބަލަން ބޭނުންވާ ތަންތަނެއް ނުއެއްބެލޭ. ލުކް ދެޓް ގާލް. ޝީޒް ސޯ ހޮޓް" ރާވީ ބުންޏެވެ.

"ބުރުގާ އަޅާފައި ހުއްޓަސް އަހަރެންގެ މަންޖެ ދުނިޔޭގެ ރީތީގެ ރާނީންތަކަށް ދުލެއްނުކުރޭ. ސީރިޔަސްކޮށް ބުނަންޏާ އޭނަ ނޭކެޑްކޮށް ހުއްޓަ ބަލާލާހިއްވޭ" ބަރު ހިނިގަނޑެއް އިކާން ޖަހާލިއެވެ. އެ ހުނުމުގައި ރާވީ ވެސް ބައިވެރިވިއެވެ.

އީމާ އާ ދައްކަމުންދިޔަ އޮލަ ވާހަކައެއްގައި އިނދެފައި ޝެލީގެ ނަޒަރު ދުރަށް ދަތުރުކޮށްލިއެވެ. ފިރިހެން އަޑަކުން ބާރު ހިނިގަނޑެއް އިވުމުން އަޑު އައި ދިމާލަށް ނަޒަރެއް ދެވުނީ ބޭއިހުތިޔާރުގައެވެ. ދިމާލަށް އިން އިކާން ޝެލީގެ ލޮލުގައި އަޅައިގަތުމާއެކު ގަތީ ފާޑެއްގެ ބިރެކެވެ. ޝެލީގެ ހަޔާތުގައި އިކާން ބިރުވެރި ހުވަފެނަކަށް ވެއްޖެއެވެ. ޝެލީ ބަލައިލިކަން އެނގުމުން އަތުން އިކާން ހަނާއަޅައިލިއެވެ. ޝެލީ ނުފެންނަ ކަމަށް ހެދިއެވެ. ކުއްލިއަކަށް ޝެލީގެ އަޑުމަޑުވެ ހިމޭންވުމުން އީމާ ބަލައިލިއެވެ.

"ކިހިނެއްވީ؟ ކޮންބައެއް އެއީ؟" އީމާ އެހިއެވެ.

"ނޭނގެ. އެމީހާ އަހަރެންގެ ފަހަތުން އުޅޭތާ ދުވަސްކޮޅެއްވެއްޖެ" ޝެލީ ބުންޏެވެ. އީމާ އެދިމާލަށް ބަލައިލިއެވެ. އެވަގުތު އެއީ ރާވީ ވެސް ބަލައިލި ވަގުތެވެ. އީމާއަށް ރާވީ އެއްލޯ މަރައިލިއެވެ. އީމާއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ނުވެސް ދަންނަ ފިރިހެނެއްގެ ފަރާތުން އެފަދަ އިޝާރާތެއް ވުމުން އީމާ ހާސްވިއެވެ. ފިރިހެނުންދެކެ އީމާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެދުމެއްނެތި އެއްވެސް އަންހެނަކަށް އެފަދަ އިޝާރާތެއް ފިރިހެނަކު ނުކުރާނެއެވެ.

"ހާދަ ފޮނި ކުދިބައެކޭ ދޯ" ދެ އަންހެންކުދިންގެ ފަރާތުން ޝައުގުވެރިކަމެއް ނުފެނުމުން ރާވީ ބުންޏެވެ.

"ފުރަތަމަކޮޅު އެހެން ނޫންކަމަށް ހެދޭނެ" އިކާން ބުންޏެވެ.

"އަހަރެން ބޭނުމެއްނޫން އެހާ ފިނޑިވާކަށް. އެބަ އަންނަން" ރާވީ ތެދުވަން އުޅުނެވެ. އެވަގުތު އެއީ އޯޑަރުދިން ކޮފީ ގެނައި ވަގުތެވެ.

"އޭ މަޑުކޮށްބަލަ. ކޮންތާކަށް" އިކާން އެހިއެވެ.

"މަގޭ ޖީއެފް ކައިރިއަށް. ކުޑަކޮށް ވާހަކަދައްކާލާ އަތުގައި ހިފާލަން" ރާވީ ބުންޏެވެ. އިކާން ކައިރިއަށް ހިނިއައެވެ. ކޮފީތަށި ދޫކޮށްލާފައި ރާވީ ފަހަތުން އިކާން ހިނގައިގަތެވެ. ޝެލީ އާ ގުޅުން ބަދަހިކޮށްލަން ރަނގަޅު ފުރުސަތެކޭ ހިތް ބުނެލިއެވެ.

"ހައި ގޯޖަސް" ކައިރިއަށް އައިސް ހުއްޓުނު ދެ ފިރިހެނުންގެ އަޑު އިވުމާއެކު ގޮނޑި ދުރުކޮށްލެވުނީ ދެ އަންހެންކުދިންނަށް އެއްކޮށެވެ.

"ކިހިނެއްވީ؟ އަހަރެމެން ބައިވެރިކޮށްބަލަ" ހުރިހާ ވާހަކައެއްދެއްކި ރާވީއެވެ. އިކާންގެ ނަޒަރު ހުއްޓިފައިވަނީ ޝެލީއަށެވެ.

"ލެޓްސް ގޯ އީމް" މޭޒުމަތީގައި އޮތް ފޯނު ނަގަމުން ޝެލީ ބުންޏެވެ.

"އީމް. ނައިސް ނޭމް" ރާވީ ބުންޏެވެ. ގޮނޑި ދަމާލާފައި އިށިންގޮތަށް ރާވީ ހިފެހެއްޓީ އީމާގެ އަތުގައެވެ. އެވަގުތު އީމާގެ ދެލޮލުން ފެނިގެން ދިޔައީ ބިރާއި ސިހުމެވެ. އިސާހިތަކު އީމާގެ ދެލޯ ފުރިގެން އައެވެ. އެތަން ފެނުމުން ޝެލީ ފުންމައިގެން ތެދުވިއެވެ.

"ރިލޭކްސް ބިއުޓިފުލް. އެއީ އެހާ ކަމެއްނޫން. ލެޓް ދެމް އެންޖޯއި" ޝެލީގެ މޫނާ މޫނު ކައިރިކޮށްލަމުން އިކާން ބުންޏެވެ. އީމާއަށް ވަމުންދާ ގޮތް ބަލަން ޝެލީއަށް ކެތްނުވިއެވެ. އައި ރުޅިމަތީގައި ޝެލީ ނަޒަރު ބަދަލުކޮށްލީ އިކާނަށެވެ. އެވަގުތު ކަނާއަތް ހިއްލާލާފައި އިކާން އިނގިލިތަކުން ޝެލީގެ ކޯތާފަތުގައި ބީހިލިއެވެ. އަންހެނުންނަށް ފިރިހެނުން ކުރާ ގޯނާތަކާ އަބަދުވެސް ދެކޮޅު ޝެލީ ގައިގައި ހުރި ބާރެއްލާފައި އިކާންގެ މޫނުމަތީގައި ހޫނު އެތިފަހަރެއް އަޅުވައިލިއެވެ. ދެއަތުން އިކާންގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލިއެވެ. އީމާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހައިރާންކަން ވެރިވެ ޝެލީގެ މޫނަށް ނަޒަރު ސީދާކޮށްލެވުނެވެ. އެހިނދުކޮޅު ހިނގައިދިޔަ ކަމެއް އިކާނަށްވެސް ރާވީއަށް ވެސް ނޭނގުނެވެ. ފެނުނީ ދިލަ އަރައިގަތް ފަޅީގައި ހިފަހައްޓާލައިގެން ރަތްކަން ވެރިވެފައިވާ ރުޅިވެރި ދެލޮލުން ޝެލީއަށް ބަލަހައްޓައިގެން ހުރި އިކާނެވެ. އީމާގެ އަތުން ދޫކޮށްލިގޮތަށް ރާވީއަށް ޖެހިލެވުނީ އިކާނާ ގާތަށެވެ.

"ކަލޭމެން ދެމީހުން ދެމީހުންނަށް އެންޖޯއިކޮށްލާ" ޝެލީ ބުންޏެވެ. ދެން ބިރުންހުރި އީމާގެ އަތުގައި ހިފައިގެން ސިޑި އާ ދިމާލަށް ހިނގައިގަތެވެ. މަންޒަރު ބަލަން ތިބި އެއްވެސް މީހަކަށް ބެލުމެއް ނެތިއެވެ.

*****

ކާމޭޒު ކައިރީގައި އެންމެފަހުން އައިސް އިށީނީ ސިޔާއެވެ. ލަކްޔަން އިންތިޒާރުކުރީ އިކާނަށެވެ. ދެފަހަރަކު އިކާންގެ ކޮޓަރި އާ ދިމާލަށްވެސް ބަލާލައިފިއެވެ. އައްބާސް އަދި ފާރޫގް ކާން ފެށިއިރުވެސް ލަކްޔަން ކާއެއްޗެއްގައި އަތްނުލައެވެ. ލޫހްއަށް ބަތް މޮޑެދީފައި ޝިއުރާ އެނބުރިލިއިރު ލަކްޔަން އިންގޮތުން ސުވާލުނުކޮށް ނުހުރެވުނެވެ.

"އިކާން އޭރުގަ ދިޔަގޮތަށް ނާންނަނީތަ؟" ލަކްޔަން އެހިއެވެ.

"އާނ ގޭތެރެއަކުން ނުފެނޭ. ވާނީވެސް އެހެންދޯ ޒަމާންވީ ދެ އެކުވެރިން ބައްދަލުވީމަ" އައްބާސް ބުންޏެވެ.

"އެކަމަކު ކާން އަންނަންވާނެއްނު. އިކާނަށް އެނގޭނެ އަހަރެން ވަރަށް ހިތްހަމަނުޖެހޭނެކަން" ލަކްޔަން ބުންޏެވެ.

"ދަރިފުޅު ކައިބަލަ. ބޮޑެތިވެފައި ތިބޭ ކުދިން ތިހާ ފިއްތައިގެން ނުގެންގުޅެވޭނެ" އައްބާސް ބުންޏެވެ.

"އެހެން ކަމަކުނުދާނެ ބައްޕާ. އިކާންގެ މިނިވަންކަމާ ބެހެނީއެއްނޫން. އެކަމަކު ވީނުވީއެއް ނޭނގި މާލެތެރޭގަ އުޅުމަކީ އަހަރެން ރުހޭކަމެއް ނޫން" ލަކްޔަން ބުންޏެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ލަކްޔަން އިކާންގެ ނަންބަރަށް ގުޅިއެވެ. ފޯނަށް ޖަވާބު ނުދިނެވެ.

"މިހާރު އެގުޅަނީ އަހަރެންނަށް" އިކާންގެ ކުރިމަތީގައި އިން ރާވީ ބުންޏެވެ. މީހަކު އެއްޗެކޭ ކިޔައޭވެސް އިކާނަށް ހިއެއް ނުވެއެވެ. ޝެލީ ޖެހިތަނުގައި އަދިވެސް ރަތްކަމެއް ހުއްޓެވެ. މޭޒުމަތީގައި އޮތް ބަރު އަނބުރަމުން ދިޔައިރު އިކާންގެ ދެލޮލުގެ ކަޅި އެއްވަރަކަށް ދެފަރާތަށް ދައުރުވަމުން ދިޔައެވެ.

"ކިހިނެއްވެފަ ތި އިންނަނީ. ބިރުންތަ؟ ފިނޑިވެފަތަ؟ ނޫނީ ލަދުންތަ؟" ރާވީ އެހިއެވެ.

"ދިސް އިޒް ސެކަންޑް ޓައިމް އެގޮތަށް އަންހެންކުއްޖަކު އަހަރެންގެ ގައިގައި ޖެހި. އޭނައަށް ވެސް އަހަރެން އަދަބު ދިނިން. މިއީ އަދި ކާކު؟" އިކާން ބުންޏެވެ. "ވަރުގަދަ ރިވެންޖެއް ނަގާނަން" ރާވީ ދެލޯ ބޮޑުވިއެވެ. އޮސްޓްރޭލިޔާގެ އެ އަންހެންކުއްޖާ ރޭޕްކޮށްލީ އިކާން ކަން އެއީ ރާވީއަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. އެ މައްސަލައިގައި އިކާން ސަލާމަތްވީ ކިރިޔާއެވެ.

"ވަޓް...؟ ޔޫ މީން އެ ގާލް"

"ޔެސް. އަހަރެން ގަތް ލަދާއި މޫނަށް އެރި ދިލަގަނޑުގެ ބަދަލު އަހަރެން ހިފާނީ އެ އަންހެނާގެ ހަށިގަނޑުން. ނޮޅާ ކާލާނަން" އިކާން ބުންޏެވެ. ރުޅިގަދަވެފައި އިންވަރުން އިކާންގެ ދެކަތުރު ކަށިގަނޑާ ދިމާލުން ކޯތާފަތުގައި ތުރުތުރުލުމެއް ހުއްޓެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟