ވާހަކަ

މޮޔަކޮށްލި މާ - 09

ނުވަވަނަ ބައި

ޝިއުރާގެ ވާހަކަތަކުން ލައްކަޔްގެ ހިތަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ކެތްކޮށްގެން ހުއްޓަސް ލަކްޔަންގެ ދެލޯ ކަރުނުން ތެންމާލައިފިއެވެ. ނުލިބުނު ލޯބި މަތިން ހަނދާންވެ ހިތަށް އަނިޔާވެއްޖެއެވެ. ލަކްޔަންގެ ބަދުނަސީބު ދިރިއުޅުމުގެ ވާހަކައިގެ ދުނިޔެއަށް އާއިލާ އެއްވެސް މީހަކު ނުވައްދަން ހުއްޓަސް އެވާހަކަތައް ދައްތައަށް ކިޔައިދޭންވީ ވަގުތު ޖެހުނީކަން އެނގުނެވެ.

"އެއީ މާޝް" ކުރެހިފައިވި އަޑަކުން ލަކްޔަން ބުންޏެވެ.

"މާޝް" ޝިއުރާއަށް އެނަން ކިޔާލިއެވެ. އެވަރަކުން އަދި އޭނާއަށް ފަހުމެއް ނުވިއެވެ. އެއީ ކާކު ހެއްޔެވެ؟

"މާޝް. އަލްމާޝް. ބައްޕަގެ އެކުވެރި މަނިކުބެގެ އަންހެން ދަރިފުޅު" އިތުރަށް ލަކްޔަން އޮޅުންފިލުވައިދިނެވެ. އަލްމާޝާ ދިމާވެފައި ޝިއުރާ ނުވިޔަސް ބައެއް ފަހަރު ދެކެވޭ ވާހަކައިގެ ތެރެއިން އައްބާސް 'އަލްމާޝް' އެނަން ކިޔާ އަޑު އިވިފައި އެބަހުއްޓެވެ. ޝިއުރާއަށް ބަހެއް ނުކިޔުނެވެ. ލަކްޔަންގެ ހިތް ހަލާކުވީ އަލްމާޝްގެ ސަބަބުންކަން އެނގުނަސް އެދެމެދުގައި ހިނގީ ކޮންކަމެއްކަން ޝިއުރާއަށް ނަގައިގަންނަން ދަތިވިއެވެ. ލަކްޔަންގެ ހިތް އެހާ ރަހުމެއްނެތް ގޮތަކަށް އަލްމާޝް ހަލާކުކޮށްލީތީ ޝިއުރާ އަލްމާޝްދެކެ ފޫހިވިއެވެ.

"އަންހެނަކަށްޓަކައި މިހުރިހާ ދުވަހު ކޮއްކޮ... ޔާރައްބީ...." ޝިއުރާއަށް އަނގަ މަތީގައި އަތް އެޅުނެވެ. ލަކްޔަންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައި ޝިއުރާ ހިންދިރުވާލިއެވެ. ދެފަރާތަށް ބޯތަޅުވަމުން ޝިއުރާ ދިޔައީ އެއީ ހަގީގަތެއްކަމަށް ގަބޫލުކުރަން ދަތިވެގެންނެވެ.

"ކީއްކުރާނީ ދައްތާ. ލޯތްބަކީ މިކަހަލަ އެއްޗެއް. ބައެއް މީހުންގެ ދިރއުޅުމަށް އުފާވެރިކަން ގެނުވާއިރު އަނެއްމީހާގެ ހަޔާތަށް ގެނެސްދެނީ ހިތްދަތިކަން. ބައެއްފަހަރު ދިރިއުޅުމުގެ ބޭރު ފަށަލައިގައި ރަންގު ކުލައެއް ޖައްސައިދީފައި ގެއްލިފައިވެސް އެބަހުރި. އަހަރެން ނަސީބުދެރައީ" ލަކްޔަން ބުންޏެވެ.

އިންތަނުން ތެދުވެގެން އައިސް ލަކްޔަން އިށީނީ ޝިއުރާގެ ފައިދަށުގައި ކާޕެޓްމަތީގައެވެ. ލަކްޔަންގެ އެ އަމަލުން ޝިއުރާއަށް ހައިރާންކަން ގެނުވިއެވެ. އެންމެ އަންހެންކުއްޖެއްދެކެ ވެވުނު ލޯތްބެއްގެ ސަބަބުން ލަކްޔަން ތަހައްމަލު ކުރަމުން އެދަނީ ކޮންފަދަ ބޮޑު ހިތްދަތިކަމެއް ހެއްޔެވެ؟

"ވީގޮތް ކިޔައިދިނީމަ ދައްތައަށް ހިޔާލެއްދެވޭނީ" ލަކްޔަންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޝިއުރާ ބުންޏެވެ.

"އެއީ ކިޔަވަން ހުރެފައި ރާއްޖެއައި ފަހަރު. އެފަހަރު މަނިކުބެގެ އޮފީހުން ވަޒީފާއެއް ހޯދީ. އެދަތުރުގައި އަލްމާޝް ފެނުނީ. އެ އަންހެންކުއްޖާ އަހަރެންނަށް ކަމުދިޔަ. އެކުގައި މަސައްކަތްކުރަން ފެށުމުން އަލްމާޝް ވަރަށް އަވަހަށް އަހަރެންގެ އެކުވެރިއަކަށްވެއްޖެ. އޭރު އަލްމާޝް ވެސް ތަހައްމަލު ކުރަމުން ދިޔައީ ވަރަށް ވޭނީ ދުވަސްތަކެއް. ފިރިމީހާ ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގައި ވީނުވީއެއް ނޭނގި ގެއްލުނީ. އަލްމާޝްގެ އޭރުވެސް ދެދަރިން ތިބޭ. އަހަރެންނަށް އަލްމާޝްދެކެ ލޯބިވެވުނީ އެއީ މީހެއްގެ އަންބެއްކަމާއި ދެ ދަރިންގެ މައެއްކަން އެނގިހުރެ. އަލްމާޝް އަހަރެންނަށް އެއްވެސް ކަމެއް ސިއްރުނުކުރޭ. އަހަރެން އެލޯތްބަށް އެދުނިން. އެކަމަކު ފިރިމީހާއަށް ވަފާތެރިވުމަށްޓަކައި ދެދަރިންނަށް އަމާނާތްތެރިވުމަށްޓަކައި މާޝް އަހަރެންގެ ލޯތްބަށް އިންކާރުކުރީ. އެކަމަކު އެކުވެރިކަން ދެމެހެއްޓި. މާޝްގެ ހަގު ދަރިފުޅު ދެއަހަރު ފުރުނު ފަހުން އެއްދުވަހަކު ދެއްކި ވާހަކައެއްގެ ތެރެއިން އަހަރެންގެ ހަޔާތަށް އަންނާނެ ކަމަށް މާޝް ބުނި. އެދުވަހު އަހަރެން ހާދަ އުފަލެއްވިޔޭ. އެކަމަކު އެ އުފާވެރިކަން ދެމިގެންނުދިޔަ. ހުވަފެނެއް ފަދައިން އުފާވެރިކަން ނެތިގެއްލިއްޖެ. މާޝްގެ ފިރިމީހާ އެނބުރި އަތުވެއްޖެ. މާޝްގެ ދިރިއުޅުން ހަލާކުކުރަން އަހަރެން ބޭނުންނުވީ. ބޭނުންވީ އެނބުރި ދާން. ދުވަހަކުވެސް އަންނަން ބޭނުމެއްނުވި" ލަކްޔަން ކިޔައިދިނެވެ. އުމުރުން ސާޅީސް އަހަރަށްފަހު މިނޫނީ ލަކްޔަން އެހާ ގިނައިން ރޮއިފައި ނެތެވެ. ޝިއުރާގެ ހެދުން ތެމެންދެން ލަކްޔަން ރުއިއެވެ. "އަދިވެސް އެދެވެނީ ހަމަ އެ އަންހެންކުއްޖާއަށް. މިއީ ކޮންކަހަލަ ލޯތްބެއް؟" ލަކްޔަން ކިޔަމުން ދިޔައެވެ.

"ތިހެންނުހަދާ ކޮއްކޯ. އެދުވަސްތައް މިހާރު ހިނގައްޖެއްނު. ނޭނގި ނަމަވެސް ކޮއްކޮއަށް ތިދެވެނީ އަމިއްލަ ނަފުސަށް އަނިޔާ" ޝިއުރާ ބުންޏެވެ.

"އަހަރެންވެސް ދިރިއުޅެން ބޭނުން. އެކަމަކު...

"އެދުވަސްތައް ހަނދާން ނައްތާލާ. އެއީ މާޒީ. މާޒީގައި އެލިގަނެގެން ދިރިއުޅޭހާ ދުވަހަކު ކޮއްކޮއަށް މުސްތަގުބަލެއް ނުފެންނާނެ. ބައެއް ހާލަތްތަކުގައި މާޒީ ތިމާގެ އަމިއްލަ ދުޝްމިނަކަށްވެސް ވޭ" ޝިއުރާ ބުންޏެވެ.

"އަދިވެސް ހަމަ އެމިންވަރަށް ލޯބި މިހިތުގައި އެބަވޭ. އަހަރެން މިހެން އުޅޭކަމެއް މާޝްއަށް ނުވެސް އެނގޭނެ. މާޝްގެ ދުނިޔޭގައި ވަރަށް އުފަލުގައި އުޅޭނެ" ހިތިގޮތަކަށް ލަކްޔަން ބުންޏެވެ.

"ތިމާގެ އަޖަލު ހަމަވުމުގެ ކުރިން ޔަގީނުންވެސް ލިބެން ހުރި އެއްޗެއް ލިބޭނެ. އިހަށް ބަލަމާ ހިނގާ އަލްމާޝް ހުރީ ހުސްކޮށްތޯ. ނޫނީ އަދިވެސް"

"އަދިވެސް މާޝް އުޅެނީ ނިމާން އާ އިނދެގެން. ދައްތައަށް އެނގެއެއްނު ބައްޕަގެ ޑޮކްޓަރު. ޑރ. ނިމާން. އެއީ މާޝްގެ ފިރިމީހާ" ލަކްޔަން ބުންޏެވެ. ޝިއުރާއަށް ހައިރާންކަމެއް ލިބުނެވެ. އެތައް ދުވަހަކު ޝިއުރާ ނިމާނާ ދިމާވެއްޖެއެވެ. އައްބާސްގެ އެހީތެރިއެއްގެ ހައިސިއްޔަތުން ވާހަކަދައްކަން ޖެހުމުން ނިމާނާއި ޝިއުރާއާ ދެމެދު ކޮންމެސް ވަރެއްގެ އެކުވެރިކަމެއް އުފެދިފައިވެއެވެ.

****

ކޮޓަރިން ނުކުމެވޭ ބެލްކަނީގައި އަލްމާޝް މަޑުކޮށްލައިގެން ހުއްޓެވެ. އިރުއޮއްސެން އުޅޭކަމުގެ އަލާމާތްތައް އުޑުމަތިން ފެންނަމުން ދިޔައެވެ. ރަތާއި އޮރެންޖު ކުލައިގެ ވިލާތަކުން މުޅި ދުނިޔެ ބައްދާލައިފިއެވެ. ވަށައިގެންވި ކޮންމެ މަންޒަރެއްގެ ކުލަ ބަދަލުވެގެން ދިޔަ ވަގުތުކޮޅެކެވެ. ދުނިޔެ ވަށައިގެންވި އެ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ބަލަހައްޓައިގެން އަލްމާޝް އެތަނުގައި ހުރީ ޖެހެމުންދާ ފިނި ވައިރޯޅީގެ މަސްތުގައި ޖެހިފައެވެ. ކުއްލިއަކަށް ނޭފަތުގައި ޖެހުނު ކޮފީގެ ހިތްގައިމު ވަހުން އަލްމާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނޭފަތް އެތެރެއަށް ދަމާލެވުނު އިރު މެއަށް އަރާމުވެގެން ދިޔައެވެ.

"މާން" އަލްމާޝް އެނބުރުނެވެ. ފަހަތުގައި ނިމާން ހުއްޓެވެ. އަތުގައި ހުރި ދެ ކޮފީތަށިން އެއް ކޮފީތަށި އަލްމާޝްއަށް ދިއްކޮށްލިއެވެ. އެތަށީގައި އަލްމާޝް ހިފިއެވެ.

"މާން ގެއަށް އައި ކަމެއް ނުވެސް އެނގޭ" އަލްމާޝް ބުންޏެވެ. ދެމަފިރިން ދެއަތް ގުޅުވާލައިގެން ގޮސް އިށީނީ ދެމީހުންގެ ޖާގައިގެ ރީނދޫ ކުލައިގެ ދަގަނޑު އުނދޯލީގައެވެ.

"އަހަރެން ވަންކަމެއް ނޭނގުނު ދޯ. ގޮވާނުލީ ޝޯނާ މާ ލޯބިކޮށް އެތަނުގައި ހުރީމަ" ނިމާން ބުންޏެވެ. އަލްމާޝް ހީލިއެވެ. ލަސްލަހުން ކޮފީތަށި ބޮމުންދިޔަ ނިމާން އިރުކޮޅަކާ އަލްމާޝްއަށް ބަލައިލައެވެ.

"ހާދަ ވަރަކަށް ތިބަލަނީ. މިއަދު ހީވޭ އެއްޗެއް ބުނަން އުޅޭހެން" އަލްމާޝް ބުންޏެވެ.

"އައްބާސްބެގެ ދަރިފުޅާ މިއަދު ބައްދަލުވެއްޖެ" ނިމާން ބުންޏެވެ.

"އައްބާސް ބެ. ނޭނގުނު" އަލްމާޝް ބުންޏެވެ. ހަގީގަތުގައިވެސް އަލްމާޝްއަށް ހަނދާނެއް ނުވިއެވެ. އެނަން އަލްމާޝް ނާހާތާ ކިހާ ދުވަހެއް ހެއްޔެވެ؟

"ބައްޕަގެ ބިޒްނަސް ޕާޓްނަރު. ޝޯނާ އާ އެކުގައި ކުރީގައި އުޅުނެއްނު" ލަކްޔަން ހަނދާންކޮށްދިނެވެ. ކޮންމެސް ވަރަކަށް އައްބާސް އަލްމާޝްގެ ހަނދާނުގެ ލޯގަނޑަށް ސިފަވިއެވެ.

"ލަކްޔަން.... ޔެސް ލަކްޔަން އޭނައަށް ކިޔަނީ" ނިމާން ބުންޏެވެ. އަނގަ އާ ދިމާލަށް ގެންފިޔަ ކޮފީތަށި އަލްމާޝް ތިރިކޮށްލިއެވެ. ލަކްޔަންގެ ނަން އިވުމާއެކު އަލްމާޝްގެ ހަނދާނީ ލޯގަނޑަށް މާޒީގެ އެދުވަސްތައް ސާފު ފިލްމެއްގެ މަންޒަރުތަކެއް ފަދައިން ސިފަވާން ފެށިއެވެ. ލަކްޔަން ކުރި ސަމާސާތަކާއި ލޯއްބަށް އެދުނު ގޮތާއި އަލްމާޝް އާއި ދެ ދަރިން އެންމެ ބޭނުންޖެހުނު ވަގުތު އެހީތެރިވެދިން ގޮތެވެ. ލަކްޔަން އާ ކުރެވުނު ވަދާއީ ސަލާމެވެ. އަލްމާޝްއަށް ނިމާންގެ މޫނަށް ބަލައިލެވުނެވެ.

"ލަކީ...."އަލްމާޝް މަޑުމަޑުން ކިޔާލިއެވެ. އަލްމާޝްގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. އުނދޯލިން އަލްމާޝްއަށް ތެދުވެވުނީ ބޭއިހުތިޔާރުގައެވެ. ކޮފީތަށި ހިފައިގެން ގޮސް އަލްމާޝް ހުއްޓުނީ ރެއިލިން ކައިރީގައެވެ.

"ލަކީ... ހާދަ ދުވަހެއްވެއްޖޭ ދިމާނުވާތާ. އޭރުގައި ބޭރަށް ދަނީއޭ ބުނިގޮތަށް ހަބަރެއްނުވޭ" އަލްމާޝް ބުންޏެވެ. ނިމާންވެސް ތެދުވިއެވެ. އަލްމާޝް ކައިރީގައި ހުއްޓުމަށްފަހު މޫނަށް ބަލައިލިއެވެ.

"ޝޯނާ ބޭނުންތަ ލަކްޔަން އާ ބައްދަލުކުރަން" ނިމާން އެހިއެވެ.

"އަހަރެން. ކީއްކުރަން. ލަކީ އާ އޮތް އެކުވެރިކަމެއް އޮތީ އޭރުގަ. މިހާރު އޭނަ އަހަރެން މަތިން ހަނދާން ނުހުންނާނެ. ކިހާ ދުވަހެއް މިވީ" އަލްމާޝް ބުންޏެވެ.

"އެހެންނޫނަސް އަހަރެމެން ދެމީހުން މިތިބީ ނުދަންނަ ދެބީރައްޓެހިންނަށް ވެފައި. ރަނގަޅުވާނީ މިގޮތުގައި ތިބުން"

******

އޮފީސް ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ސިޔާ ފައިބައިފިއެވެ. ބިއްލޫރި ދޮރު އެތެރެއަށް ކޮށްޕާލަމުން ސިޔާ އެނބުރި ބަލައިލިއެވެ. ސައިކަލު މަތީގައި އިން އިކާން އަދިވެސް އިނީ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ސިޔާ އަލުން އައިސް ހުއްޓުނީ ސައިކަލް ކައިރީގައެވެ. ދޮރާ ދިމާލަށް ބަލަން ގެއްލިފައި އިން އިކާންގެ ލޯމަތީގައި ސިޔާ އަތްހިންގާލިއެވެ. އިކާނަށް ހިލަމެއް ނުވިއެވެ.

"ދޮންބޭ" ސިޔާ އިކާންގެ ކޮނޑުގައި ޖަހާލިއެވެ. އިކާން ސިހިފައި ސިޔާއަށް ބަލައިލިއެވެ. ހީލަމުން މީހާ ހަމަޔަކަށް އެޅުނެވެ.

"ކޮންކަމަކަށް ގެއްލިފަ" ސިޔާ އެހިއެވެ. "ދެންހެވޭ ދޮންބެ ދިޔަސް"

އިކާން ކުރިއަށް ދުއްވާލުމުން ސިޔާ އެތެރެއަށް ވަދެގެން ދިޔައެވެ. އޮފީސް ދޮރުމަތީ ޕާކިޒް ޒޯނުން ހުސްވެފައި ހުރި ޖާގައިގައި ސައިކަލް ޕާކުކޮށްލާފައި މަގު ހުރަސްކޮށްފައި އައި އިކާން މަޑުކޮށްލީ ޗާންސް އޮންލައިން އިމާރާތް ފެންނާނެހެން އޮފީސް ދޮރުމަތީގައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު މާބޮޑަށްވެސް ލަސްވެއްޖެއެވެ. ދެކިލަން ބޭނުންވި އަންހެންކުއްޖާ ފެނުމުގެ ނަސީބު ނުލިބުނީތީ އިކާންގެ ތޮބީއަތު ހަރާބުވިއެވެ. ޗޮކެއް ކަނޑާލާފައި އެތެރެއަށް ވަންނަން އުޅުނު ވަގުތު އިކާންގެ ނަޒަރު އަމާޒުވީ ޗާންސް އޮންލައިން އިމާރާތް ކުރިމައްޗަށް މަޑުކޮށްލި ކަޅު ކުލައިގެ ކާރަށެވެ.

ފައިގެ ކަށި މައްޗާ ހަމައަށް ހުރި ހެދުން ހުރީ ހުދުކުލައިގައެވެ. މެރޫން ކުލައިގެ ކުދި ކޮކާތަކެއް ޖަހާފައިވާ ހެދުމުގައި ކާރުން އެފޭބީ ޝެލީ ނޫން ދެވަނަ މީހެއް ނޫނެވެ. ހެދުމުގެ މެއާ ހަމައިން އަޅާފައި އިން ބެލްޓުގައި ޝެލީ ފެންނަނީ ކުރިއަށް ވުރެވެސް ހިކިކޮށެވެ. އަރައިގެން ހުރީ ކުޑަ ކައްޓެއްލާފައި އިން ކަޅު ރަތްކުލައިގެ ޝައިން ބޫޓަކަށެވެ. ކާރުގެ ކުރިމަތީ ލޯގަނޑު ކަހާލައިގެން އިން މިކާލްއަށް އަތުން ހަނާއަޅާފައި އޮފީހާ ދިމާލަށް ޝެލީ އައެވެ. ޝެލީ އާ ދިމާލަށް އިކާން ހިނގައިގަތީ ކާރު ކުރިއަށް ދުއްވާލުމުންނެވެ.

"ހާއި" ދާދި ކައިރިން ފިރިހެން އަޑެއް އިވުމާއެކު ޝެލީގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ލޮލުގައި އިން އަވި އައިނު ނަގާފައި ބަލައިލިއިރު ދާދި ކައިރީގައި ހީލައިގެން ހުރި އިކާން ފެނުމުން ޝެލީ ހައިރާންވިއެވެ. އިކާން ޝެލީއަށް ފާރަލަނީއޭ އެވަގުތު ހީވިއެވެ. ހިންދިރުވާލާފައި ޝެލީ ބަލައިލީ އޮފީހުގެ ދޮރާ ދިމާލަށެވެ.

"ޔޫ ލުކް ގޯޖަސް" ލައިގެން ހުރި ފަޓްލޫނުގެ ދެ ޖީބަށް އަތްޖަހައިލަމުން އިކާން ބުންޏެވެ. ޝެލީގެ ދެފައިން ފެށިގެން ބޮލާ ހަމައަށް އިކާންގެ ނަޒަރު ދަތުރުކޮށްލިކަން އެނގުމުން ޝެލީ ހިތްހަމަނުޖެހުނެވެ. އެހެންކަމުން އިކާން ކޮށްލި ތައުރީފަށް ޖަވާބުދިނުން މުހިންމު ކަމުގައި ޝެލީ ނުދެކުނެވެ. ދޮރާ ދިމާލަށް ޝެލީ ހިނގައިގަތްތަނާ އިކާން އެއްލި އަތުން ހިފީ ޝެލީގެ އަތުގައެވެ. ޝެލީއަށް ހީވީ މޭގަނޑު އަނގައަށް އައި ހެންނެވެ. މިނޫނީ އަދި ދުވަހަކުވެސް ފިރިހެނަކު މަގުމަތިން ޝެލީ އާ ދިމާކޮށްފައި ނެތެވެ. ގަތް ބިރާއެކު އިކާންގެ އަތް ފޮޅާލައިފިއެވެ.

"ހައު ޑެއާ ޔޫ" ޝެލީއަށް ބުނެވުނީ ބުނަން ނުވާވަރަށް ބާރަށްކަން އެނގުނީ ފަހުންނެވެ. އިކާން ކައިރިއަށް އައީ ހިންޏެވެ.

"އަހަރެންނަށް ކިޔަނީ އިކާން. ކީއްވެތަ އަހަރެންދެކެ ތިހާ ބިރުގަންނަނީ" ޝެލީ އާ ދިމާލަށް ކުޑަކޮށް ގުދުވެލަމުން އިކާން ބުންޏެވެ. ދޮރުހުޅުވާލާފައި ޝެލީ އެތެރެއަށް ވަނީ މަގުމަތިން ބައެއްގެ މީހުންގެ ލޯތައް އޭނާއަށް އަމާޒުވެފައި ހުރިތަން ފެނުމުންނެވެ. އިކާން މޫޑު ވަގުތުން ބަދަލުވިއެވެ. މިނޫނީ ދުވަހަކުވެސް އަންހެންކުއްޖެއްގެ ހިތް ހޯދަން އިކާނަށް އުނދަގުވެފައެއް ނެތެވެ. ޝެލީ ވަން ދޮރަށް ބަލަން ހުރި އިކާންގެ ދެލޮލުގައިވީ ފޫހިކަމެވެ.

"ހާދަ ކަންތައްބޮޑު އަންހެންކުއްޖެކޭ" އަމިއްލަ ނަފުސަށް އިކާން ބުންޏެވެ.

*****

އޮފީހަށް ވަންގޮތަށް މަޑެއްނުވެ ލަކްޔަން ގެއަށް އައެވެ. އެކުގައި ހުރި ފާރޫގް ފެނުމުން ބަދިގޭގައި ކައްކަން ހުރި ޝިއުރާ ބަލައިލިއެވެ. ނުގަޑިއެއްގައި ގޭތެރެއިން ނުފެންނަ ދެމީހުން ފެނުމުން އުނދުނުގެ ހުޅުގަނޑު މަޑުކޮށްފައި ސިޓިން ރޫމަށް ނުކުތެވެ. ނޫހެއް ހިފައިގެން އިން އައްބާސް ވެސް ސޯފާއަށް ނޫސް ދޫކޮށްލާފައި ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި ކުރިމަތީގައި ހުރި ދެ ދަރިންނަށް ބަލައިލިއެވެ.

"ބޭރު ވަރަށް ހޫނުގަދަ" ސޯފާގައި އިށީންނަމުން ފާރޫގް ބުންޏެވެ. އައްބާސްގެ އަނެއް ފަރާތުން ހުރި ހުސްޖާގައިގައި ލަކްޔަން އިށީނެވެ. އިރުކޮޅަކުން ޝިއުރާ އައިސް ދިއްކޮށްލީ ފިނިފެން ތައްޓެކެވެ.

"ދަރިފުޅުމެން މިގަޑީގަ. ކޮންކަމެއް ލައިގަތީ" އައްބާސް އެހިއެވެ.

"އާނ ބައްޕާ. ކުރިން ބުނަން ހަނދާން ނެތުނީ" އެއް ނޭވައިން ފެންތަށި ހުސްކޮށް ބިއްލޫރިތަށި ޝިއުރާއަށް ދިއްކޮށްލަމުން ލަކްޔަން ވާހަކަދެއްކިއެވެ.

"މިއަދު އެބައާދޭ ސިރާޖުގެ އާއިލާ. އަޅުގަނޑު ހިތަށް އެރީ ތިރިން އެޕާޓްމަންޓެއް ސިރާއަށް ދޭންވީއޭ. ހުސްކޮށް އެބަހުއްޓެއްނު ދެ ތަން އަދި" ލަކްޔަން ބުންޏެވެ.

"ބައްޕަގެ މައްސަލައެއް ނެތް. ސިރާޖަކީ ދަރިފުޅުގެ ނުލާހިކު ގާތް އެކުވެރިއެއްނު" އައްބާސް ބުންޏެވެ.

"ލައްބަ. އާއިލާގެ އެއްވެސް މީހަކު ހުރި މީހެއްވެސް ނޫން. ސިރާ ވައިފްގެ ފެމެލީ އޮވޭ ރަށުގަ. އެކަމަކު އެއީވެސް ބޮލަށް ވެއްޓެން ތައްޔާރަށް އޮތް ތަނެއް" ލަކްޔަން ބުންޏެވެ. "އެހެންވެ ޅިޔަނަށް ގުޅައިގެން މިގެނައީ. އެތަން ކުޑަކޮށް ތައްޔާރުކޮށްލަންވެގެން"

*****

މޭޒު ކައިރީގައި އިން ޝެލީ އަދިވެސް އިނީ މަގުމަތިން ދިމާވި ކަންތަކާ މެދު ވިސްނާށެވެ. ކުރިމަތީގައި ހުރި ކޮމްޕިޔުޓަރު ހުރީ ނުހުޅުވައެވެ. ޝެލީ މާ މަޑުން އިންކަން ފާހަގަވެގެން ސިޔާ ދެތިން ފަހަރު އަހައިވެސްލިއެވެ. ޝެލީގެ ފަރާތުން ޖަވާބެއް ނައެވެ. ޝެލީގެ މޭޒުކައިރީގައި ސިޔާ އިށިންގޮތަށް ޝެލީގެ އަތުގައި ކޮށްޓާލިއެވެ. އެހިނދު ޝެލީ ދިޔައީ ސިހިގެންނެވެ. އެމަންޒަރު ޝެލީ ފަހަތުގައި އިން ސާޖިދަށް ފެނުނެވެ. ޝެލީއަށް ކަމެއްވެފައި އިންހެން ސާޖިދަށް ހީވާތާ އިރުކޮޅެއް ވެއްޖެއެވެ. ވީގޮތެއް އަހާފައި ދެ މެސެޖް ކުރިއިރުވެސް ޖަވާބެއްނައެވެ. ފޯނަށް ބަލައިލި ތަނެއްވެސް ނުފެނެއެވެ.

"ކޮން ހިޔާލެއްގަ ޝެލީދައްތަ" ޝެލީ ބަލައިލުމާއެކު ސިޔާ އެހިއެވެ.

"ކަމެއްނުވޭ" ޝެލީ ގޮނޑީގައި ހަމަޖެހިލިއެވެ. ދެން ކޮމްޕިއުޓަރު ހުޅުވައިގެން މަސައްކަތް ފެށިއެވެ.

ސާޖިދު ގޮނޑިން ތެދުވިއެވެ. ޕްރިންޓަރުން ނެގި ކަރުދާސް ހިފައިގެން އައިސް ޝެލީގެ މޭޒުމަތީގައި ބޭއްވިއެވެ. ކަރުދާސް ގަނޑަށް ބަލައިލާފައި ޝެލީ ދެން ބަލައިލީ ސާޖިދުގެ މޫނަށެވެ. ޝެލީގެ މޫނުމަތިން ހައިރާންކަމެއް ފެނިލިއެވެ. މިނޫނީ ސާޖިދު ޝެލީ އިންނަ މޭޒާ ހަމައަށްވެސް އައިސްފައެއް ނެތެވެ.

"މި ކިޔާލަބަ. މިސްޓޭކެއް އިނިއްޔާ ނޯޓްކޮށްލަދީ" ސުވާލުގެ ނަޒަރަކުން ޝެލީ ބަލަން އިނުމުން ސާޖިދު ބުންޏެވެ. ޝެލީ ކަރުދާސްގަނޑު ބަލައިލިއެވެ. ސާޖިދު ލިޔަން ފަށާފައި އިން އާޓިކަލްއެކެވެ.

ދޭތެރެއަކުން އެކަހަލަ މަސައްކަތް ޝެލީ ކުރާތީ މިއަދު ސާޖިދު ފައިދާ ނެގީއެވެ. އިތުރު މީހެއްގެ ލޮލުގައި ނާޅާނީވެސް މިކަހަލަ ގޮތަކަށް ކަންތައް ކުރުމުންކަން ސާޖިދަށް އެނގެއެވެ. އަދި ޝެލީގެ ސަމާލުކަން ހޯދާނެ އެހެން ގޮތެއް ނެތުނީއެވެ.

ގަނޑަށް ބަލަހައްޓައިގެން އިނދެ ޝެލީ ސާޖިދަށް ކަޅިއެއް އެއްލިއެވެ. ކަޅިޖަހާވެސް ނުލައި ސާޖިދު ހުރީ ޝެލީއަށް ބަލަހައްޓައިގެންނެވެ. އެބެލުމުގައި ސުވާލުތަކެއް ވިއެވެ. ލޮލުން ސާޖިދު ވާހަކައެއް އެހިހެން ހީވިއެވެ. ޝެލީ އިސްޖަހާލިއެވެ.

"ފާހަގައެއް ނުކުރެވުނު މިސްޓޭކެއް" ޝެލީ ބުންޏެވެ. ކަރުދާސްގަނޑު ހިފައިގެން ދަމުން މޭޒުމަތީގައި އޮތް ފޯނު ޝެލީގެ އަތުގައި ޖެއްސިއެވެ. އެއީ ސާޖިދު ދޭން ބޭނުންވާ މެސެޖެއްކަން ޝެލީއަށް އެނގުނެވެ. ޝެލީ ފޯނަށް ބަލައިލިއެވެ. އަވަހަށް ފޯނު ނަގާފައި ހުޅުވިއެވެ. ސާޖިދުގެ ތިން މެސެޖް އިނެވެ. ޝެލީގެ ލޮލުގައި އަޅައިގަތީ ސާޖިދު އެންމެފަހުން ފޮނުވާފައި އިން މެސެޖެވެ. "ސްޓޮކް ރޫމަށް އާދެބަލަ" ޝެލީ މެސެޖް ކިޔާލިއެވެ. ޝެލީގެ މޫނުމަތިން ކަނބޮޑުވުމެއް ފާޅުވިއެވެ. ރަސްމީ ގަޑީގައި ސާޖިދު ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފައި އޮތުމުންނެވެ. އެއްވެސް މީހެއްގެ ލޮލުގައި އަޅައިނުގަންނާނެހެން ޝެލީ ގޮނޑިން ތެދުވީ މެސެޖް ކިޔާލިތާ ފަސްވަރަކަށް މިނިޓް ފަހުންނެވެ. ފާހާނާ އާއި ސްޓޮކް ހުންނަނީ އެއް ދިމާލެއްގައެވެ. އެހެންކަމުން ޝެލީ ލޮލުގައި އަޅައިގަތް މީހަކަށްވެސް ހީވާނީ ފަހާނާ އަށް ދާހެންނެވެ.

ސާޖިދާއި ޝެލީ އާ ދެމެދު ހިނގި ހުރިހާ ކަމެއް އެނގޭތީ ހެވިފައި އިން ސިޔާ ސިހުނީ ޖީބުގައި އޮތް ފޯނަށް މެސެޖެއް އައި އަޑުންނެވެ. ނަގާފައި ބަލައިލިރު އަރާފައި އިނީ ދޮންބެގެ ނަމެވެ.

"އަވަހަށް އަންނަންވެގެން ސައި ނުބޮމެއްނު" އިކާން ފޮނުވާފައި އިން މެސެޖް ސިޔާ ކިޔާލިއެވެ.

"ލައްބަ ނުބޮން. އެކަމަކު އިރުކޮޅަކުން ސައިބޯން ދާން މިދަނީ" ސިޔާ ޖަވާބުދިނެވެ.

"ކޮންތާކަށް. ގެއަށްތަ؟ ދޮންބެ ނުކުންނަންވީތަ؟"

"އުނހު. ޝެލީދައްތަ އާއެކު ދާނީ. މިތާ ކައިރި ހުރި ކެފޭއަށް"

"ކޮން ޝެލީދައްތައެއް. ދޮންބެ މި ނުކުންނަނީ. ސިޔާ ކައިރީގައި ދޮންބެ މުހިންމު ވާހަކައެއްވެސް ބުނަންވެފައި އޮތީމަ"

"ދެން ދޮންބޭ... ޑޯންޓް ފޯސް މީ. ގެއަށް ދިޔައިމަވެސް ތިވާހަކަ ބުނެވޭނެއްނު"

"އުނހު. ހަމަ މިހާރު"

"ނޫނޭކޭ. މިއީ އޮފީސް ގަޑިއޭ. ބުނާނަން ބައްޕަ ކައިރީގައި އޮފީސް ގަޑީގައި ދޮންބެ އުނދަގުކުރާ ވާހަކަ"

ސިޔާގެ މެސެޖް ކިޔާލާފައި އިތުރަށް އެއްޗެއް ބުނަން އިކާން ބޭނުންނުވިއެވެ. ލަކްޔަން އާ ހަމައަށް އިކާންގެ ޝަކުވާއެއް ދާކަށް އިކާން ބޭނުމެއް ނުވިއެވެ. އިކާން މަސައްކަތްކުރީ ސިޔާ ނެރެގެން ސައިދީފައި އޭނާގެ ޝެލީގެ ވަނަވަރު ހޯދާށެވެ. އެހެންނަމަވެސް ސިޔާގެ ބޯހަރުކަމާ ހުރެ އެކަންވެސް ނުވިއެވެ. ކާމިޔާބުނުވުމުން އިކާން ފޫހިވިއެވެ. ޗާންސް އޮންލައިންގެ ފޭސްބުކް ޕޭޖަށް ވަދެފައިވެސް އެއްކޮޅުން އަނެއްކޮޅަށް ހާވައިފިއެވެ. ޝެލީގެ ފޮޓޮއެއްހާ މިންވަރުވެސް އިކާނަށް ނުފެނުނެވެ.

"އަހަރެންނަށް ހާދަ ކަމެއް ނުވެއޭ" އިކާން އަމިއްލަ ނަފުސަށް ބުންޏެވެ. ގޮނޑިން ތެދުވެގެން ގޮސް އިކާން ހުއްޓުނީ ބޭރު ފެންނަ ގޮތަށް ހުރި ކުޑަދޮރު ކައިރީގައެވެ. އެތަނުގައި ހުންނައިރު ރީތިކޮށް ޗާންސް އޮންލައިން އިމާރާތުން ބައެއް ފެނެއެވެ. އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއިރު އަރާފައި އިނީ ނުދަންނަ ނަންބަރެކެވެ. ފޯނު ކަންފަތުގައި ޖެހުނުތާ އިރުކޮޅެއްވެސް ނުވަނީސް އިކާންގެ ދެތުންފަތް އަރިއަކަށް ދެމިލިއެވެ.

(ނުނިމޭ)