އަށްވަނަ ބައި
"މާޝް.... ޔެސް... އެއީ މާޝް. އޯ މައި ގޯޑް. ބިއުޓިފުލް. އަދިވެސް ހަމަ އެގޮތަށް. ނޯ ޗޭންޖަސް" ލަކްޔަންއަށް ހެވުނެވެ. ދޮރާ ދިމާލަށް ބަލަން ހުރިއިރު އަދިވެސް އެސޫރަ ބަލައިލަން ހިތްއެދިފައި އިނެވެ. އެކަހަލަ ގޮތަކަށް އަލްމާޝް ފެނިލުމުން އަދިވެސް ލަކްޔަންގެ ހިތުގެ ތެޅުން މަޑެއް ނުވެއެވެ.
އިންޓަވިއުއަށްފަހު ސިޔާއަށް އިންޓާންއެއްގެ ވަޒީފާ ހަމަޖެހުނެވެ. އެހެންކަމުން ފުރަތަމަ ތިންމަސް ދުވަސްވަންދެން ސިޔާ މަސައްކަތް ކުރަން ޖެހުނީ ޝެލީގެ ދަށުންނެވެ. ސިޔާގެ ހުރިހާ ކަމަކާ ޝެލީ ހަވާލުވިއެވެ. ވާހަކަދައްކަމުން ޝެލީ ސިޔާއާ އެކު ދޮރާ ހަމައަށް ނުކުތެވެ. ބޭރުގައި އިން ލަކްޔަންއަށް ނުކުންނަން އައި ސިޔާ ފެނުމާއެކު ގޮނޑިން ތެދުވިއެވެ. ކުރިއަށްޖެހިލައި އެތެރެއަށް ބަލައިލި ވަގުތު ސިޔާއާ ސަލާމްކޮށްލާފައި ވަދެގެންދިޔަ ޝެލީ ފެނުނެވެ. ސިޔާ ލަކްޔަންގެ ގައިގައި ބައްދައިލިއެވެ. އުފަލުން އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގެއެވެ.
"މާދަމާ ވަރަށް މޯނިންގަ އަންނަން ބުނީ. ވަރަށް ހެޔޮ އެންމެންވެސް" ސިޔާ ބުންޏެވެ. ސިޔާގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ލަކްޔަން ހީލިއެވެ. ސިޔާގެ މޫނުގައި ފިރުމާލަމުން މަރުހަބާ ކިއެވެ.
"ދެންމެ ނުކުތް ގާލް ބައްޕަ ދެކުނީމެއްނު. އެއީ ޝެލީ. ތިންމަސް ވަންދެން އަޅުގަނޑު މަސައްކަތް ކުރާނީ އެކުއްޖާއާއެކު" ސިޔާ ބުންޏެވެ. ލަކްޔަންގެ ދެބުމަ ގޮށްޖެހުނެވެ. "ޝެލީ" ލަކްޔަންއަށް އެ ނަން ކިޔާލެވުނެވެ.
"ހޫމް. ބައްޕަ ދަންނަންތަ؟" ސިޔާ އެހިއެވެ.
"އުނހު. ހިނގަ ދާން. ސަބްމެރިން ކައިގެން ދޯ ދާނީ. ދަރިފުޅަށް ޖޮބް ހަމަޖެހުނީމަ ސެލެބްރޭޓް ކުރަންވާނެއްނު" ލަކްޔަން ބުންޏެވެ.
ކާރުގައި އިން ލަކްޔަން ވިސްނާލިއެވެ. އަލްމާޝް ކަމަށް ހީކުރެވުނީ އެހެން ކުއްޖެކެވެ. އެކަމަކު ހާދަ ވައްތަރެވެ. ކަނޑާފައި ނަގާނެ އެންމެ ތަންކޮޅެއްވެސް ނެތެވެ. އެހިނގުމެވެ. ހަށިގަނޑުގެ ބައްޓަމެވެ. އިސްކޮޅެވެ. ލަކްޔަންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. "މާޝަލް. އަލްމާޝްގެ ދަރިފުޅު. ޔެސް. އެއީ މާޝަލް" ލަކްޔަންގެ ހިތް ކިޔާލިއެވެ. އިސާހިތަކު ލަކްޔަންގެ ދެތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. "އެކަމަކު ޝެލީ. ނަން ބަދަލުކުރީ ކަންނޭނގެ. ކޮންމެގޮތެއް ވިޔަސް އެއީ އަލްމާޝް އާ ގުޅުމެއް އޮތް ކުއްޖެއް" ދާން ބޭނުންވި މަންޒިލާ ހަމައަށް ދެވެންދެން ލަކްޔަންއަށް އިނދެވުނީ މިފަދަ ހިޔާލުތަކެއްގެ ތެރޭގައެވެ.
****
ސަރުކާރު ބަންދު ދުވަހަކަށް ވުމާއެކު ޝެލީ އިނީ ގޭގައެވެ. ކޮޓަރީގައި އޮވެފައި މެންދުރުފަހު ކޮޓަރިން ނުކުތްއިރު ސޯފާގައި ފަޒްނާ އިންދާ ފެނުނެވެ. ޓީވީން ޕްރޮގްރާމެއް ބަލަން ފަޒްނާ ގެއްލިފައި އިނުމުން ޝެލީ ދިޔައީ އަޑެއްވެސް އިއްވައިނުލައެވެ. ކުއްލިއަކަށް ފަޒްނާ ސިހުނީ އޭނާގެ އުނގުގައި ބޯއަޅައިގެން މީހަކު އޮށޯތުމުންނެވެ. ޝެލީކަން އެނގުމުން ފަޒްނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
"އައްދެ މިއަދު ދަރިފުޅު މާމަދެކެ ލޯބިއަރައިގެން އުޅޭ ދުވަހެއްތަ؟" ފަޒްނާ ބުންޏެވެ.
"ނޫނެކޭ މާމާ. މިގޮތަށް މާމަގެ އުނގުގައި އޮވެނުލާތާ ކޮން ދުވަހެއް. މާމަގެ ރަން ދަރިފުޅަކީ މިކީއެއްނު. މިކީ ކޮނޑަށް އަރުވައިގެންވެސް މާމަ ހުރެދާނެ" ޝަކުވާގެ ރާގެއްގައި ޝެލީ ބުންޏެވެ.
"އަސްތާ ތިހެން ނުބުނޭ ދަރިފުޅާ. މާމައަށް އެންމެ ފުރަތަމަ މާމާ އޭ ކިޔައި ގޮވާލި ދަރިއަކީ ތިއީ. މާމަ ކީއްވެތަ ވަކި މިކީދެކެ ބޮޑަށް ލޯބިވާންވީ" ފަޒްނާ ބުންޏެވެ. ޝެލީގެ ދިގު އިސްތަށިގަނޑުގައި ފަޒްނާ ފިރުމަމުން ދިޔައިރު ދޭތެރެއަކުން ޓިވީއަށް ނަޒަރު ހިންގާލައެވެ. ކުއްލިއަކަށް ޝެލީ ތެދުވެ އިށީނެވެ. ކަޅިޖައިވެސްނުލައި ޓިވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ޝެލީއަށް ވީގޮތް ފެނިފައި ފަޒްނާއަށް ހައިރާންކަމެއް ލިބުނެވެ. ޝެލީގެ މޫނަށް ފަޒްނާ ބަލައިލިއިރު އިނީ ޓީވީއަށް ބަލަހައްޓައިގެންނެވެ. އެހެންކަމުން ހިނިތުންވެލާފައި އަނެއްކާވެސް ފަޒްނާ ބަލައިލީ ޓީވީއަށެވެ.
"އަޅުގަނޑު ހިތަށް އަރާ މިކަހަލަ މީހުން ދޫވެފައި ތިބެނީ ކީއްވެގެންބާއޭ" ޝެލީ ބުންޏެވެ.
"ގައުމުގެ ހާލަތު ގޮސްފައި އޮތް ހިސާބު އެއީ ދަރިފުޅާ" ފަޒްނާ ބުންޏެވެ.
"އެކަމަކު. އެ އަންހެންކުއްޖާއަށް ހާދަ ތަދުވާނޭ" ޝެލީގެ ދެލޯ ފެންކަޅިވިއެވެ. ރޭޕްގެ ޝިކާރައަށް ވި އަންހެންކުއްޖާ އާ މެދު ޝެލީއަށް ފިކުރުކޮށްލެވުނެވެ. އެއީ ވެރި ރަށް މާލޭގައި ހިނގި ކަމެއް ކަމަށްވުމުން މަގުމަތީގައި އަންހެންކުއްޖަކަށް ރައްކާތެރިކަމެއް ނެތް މިންވަރު އަންދަޒާ ކޮށްލެވުނެވެ.
"މިދުނިޔޭގައި އެކަހަލަ މީހުންނަށް އަދަބު ނުލިބުނަސް އެ ދުނިޔޭގައި ލިބޭނެ" ފަޒްނާ ބުންޏެވެ. އޭރުވެސް ތިން ފިރިހެނުންގެ ރޭޕްގެ ޝިކާރައަށް ވި އަންހެންކުއްޖާގެ ހަބަރު ކިޔާ ނުނިމެއެވެ.
"ތީއެއްނުން ދޯ ޕޮއިންޓަކީ މާމާ. އެދުނިޔެއިން އެމީހުންނަށް ހައްގު އަދަބު ލިބުން އެއީ ޔަގީންކަމެއް. އެކަމަކު މިތަނަށް އެމީހުން އެގޮތަށް ދޫކޮށްލެވިގެން ނުވާނެ. މާދަމާ ކިހިނެއް އެނގޭނީ ދެވަނަ އަންހެންކުއްޖަކު އެމީހުންގެ އަތްދަށުގައި ނުވާނެކަމެއް" ޝެލީ ބުންޏެވެ.
އަލުން ކުރިން އޮތް ގޮތަށް ފަޒްނާގެ އުނގުގައި ބޯއަޅައިގެން ޝެލީ އޮތްއިރު އެ އަނިޔާތައް ތަހައްމަލުކުރި އަންހެންކުއްޖާ އާ މެދު ވިސްނާލިއެވެ. ތިން ފިރިހެނުންވެގެން އެގޮތަށް އަންހެންކުއްޖާ ރޮލައި ކާލިއިރު އެކުއްޖާއަށް ހާދަ ތަދުވާނެއެވެ. ހާދަ ލަދެއް ގަންނާނެއެވެ. އެހައި ބިރުވެސް ގަންނާނެއެވެ. މުސްތަގުބަލަށްޓަކައި އަންހެންކުއްޖާ ދެކެމުން އައި ފޮނި ހުވަފެންތައް ވިއްސި ވިހާލިވީއެވެ. ކޮންފަދަ ނުބައި ބައެއް ހެއްޔެވެ؟ އަންހެނުންނާ މެދު އެފަދަ އިހާނާތްތެރިވާ މީހުންނާ މެދު ޝެލީގެ ހިތުގައި ފޫހިކަމާއި ނަފުރަތު އުފެދިފައިވެއެވެ.
"ވަޒީފާ އިން ވަކިވެގެން އަންހެނުންނަށް އެމީހުންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ފަށަންވީ ކަންނޭނގެ" އިރުކޮޅަކުން ޝެލީ ބުނެލިއެވެ. އެހިނދު ފަޒްނާ ޝެލީއަށް ބަލައިލިއެވެ. އިވުނު ހަބަރަކުން ޝެލީގެ ސިކުނޑީގައި އެކަން ވަރަށް ބޮޑަށް ހިފާލާފައި ހުރިކަން ފަޒްނާއަށް އެނގުނެވެ.
*****
ހަވޭލީ އާ ވީ ދިމާ ދޮރުމަތީގައި ހުރި ފިހާރައެއް ކުރިމަތީގައި އިކާން މަޑުކޮށްލައިގެން ހުންނަތާ ވިއްސަކަށް މިނެޓްވެއްޖެއެވެ. މިނެޓަކު ދެފަހަރު އިކާންގެ ނަޒަރު ހަވޭލީގެ މުށިކުލައިގެ ދަގަނޑު ގޭޓަށް ހުއްޓެއެވެ. ދުވާލު އެއްކޮށް ޝެލީ ފެނިނުލާތީ އޭނާ ބޭނުންވީ އެންމެ ފަހަރަކު ނަމަވެސް ޝެލީ ދެކިލުމަށެވެ. އެގޮތުން ރޭގަނޑު ކައިގެން ފާރޫގާއެކު ނުކުތްގޮތަށް އައީ އެގޭ ކައިރިއަށެވެ. ރަހުމަތްތެރިއަކާއެކު ކޮފީބޯން އައި ކަމަށް ބުނެ ފާރޫގް ފޮނުވާލީ ގެއަށް ދާންވީމާ ގުޅާނެކަމަށް ބުނެފައެވެ.
ސާޖިދުއަށް ގުޅައިގެން ހުރި ޝެލީ ބެލްކަންޏަށް ނުކުމެލިއެވެ. ރެއިލިންގައި ބުރަކަށި ޖައްސާލައިގެން ޝެލީ ހުރީ ކޮޓަރިއަށް ކުރިމަތި ލައިގެންނެވެ. ތިރީގައި ހުރި އިކާންގެ ނަޒަރު އެ އިމާރާތުގެ އެންމެ މައްޗަށް ހުއްޓިފައި ހުރިކަމެއް ޝެލީއަށް ނޭނގެއެވެ. އެއީ ކާކުކަން ސާފުނުވި ނަމަވެސް އިކާންގެ ހިތް އޭނާގެ ހޯދަން ބޭނުންވި އަންހެންކުއްޖާ ކަން އެނގިގެން ބަލާ ކަހަލަ ގޮތަކަށް ހުއްޓެވެ. ސާޖިދު ބުނެލި ލާނެއް ޖުމްލައަކާއެކު ހީލަމުން މަގުމައްޗާ ދިމާލަށް ޝެލީ އެނބުރިލިއެވެ. ހަމަ އެވަގުތު ތިރީގައި އެދިމާލަށް ބަލަންހުރި މީހަކު ޝެލީގެ ލޮލުގައި އަޅައިގަތެވެ. ފުރަތަމަ ޝެލީއަށް އެއީ ކާކުކަން ޔަގީން ނުވިޔަސް އެމީހަކު އަތްހޫރާލުމާއެކު އެއީ ކާކުކަން ޝެލީއަށް އެނގުނެވެ. ވަގުތުން ކޮޓަރިއަށް ދެމިގަނެފައި ބެލްކަނީގެ ދޮރުފަތް ކަހާލާފައި ފޮތިގަނޑު ދަމާލިއެވެ. މޭގައި އަތްއަޅާލައިގެން ހުރެފައި ދެން ގޮސް އެނދުގައި އިށީނެވެ. ފުން ނޭވައެއްލާފައި ހަމަޖެހިލިއިރު ފޯނުގައި ހުރި ސާޖިދު ޝެލީއަށް ގޮވާއަޑު އިވެއެވެ.
"ފާޑެއްގެ މީހެއް" ޝެލީ ބުންޏެވެ. ސާޖިދުގެ ސުވާލުތައް ކުރިމަތިވާން ފެށިއެވެ.
"އަންހެނެއްތަ؟ ފިރިހެނެއްތަ؟ ކީއްކުރީ؟ ކޮޓަރިއަށް ވަނީތަ؟" އެއް ނޭވައިން ހުރިހާ ސުވާލުތަކެއް ސާޖިދު އަމުނާލިއެވެ.
"ނުވަދޭ. މިތާ ތިރީގައި ހުރީ. ދުވަސްކޮޅެއްވެއްޖެ އެމީހާ ޝެލީ ފަހަތުން އުޅޭތާ. މިހާރު ގެ ހޯދައިގެން ގެ ކައިރިއަށްވެސް އަންނަނީ. ބައެއްފަހަރު އުޅޭ ވާހަކަދައްކަންވެސް" ޝެލީ ބުންޏެވެ.
"ކިހިނެއް ހުންނަ މީހެއް؟ ކީއްވެ ކުރިން ނުބުނީ؟" ސާޖިދު އެހިއެވެ.
"ސޮރީ ލަވް. ކޮންމެފަހަރަކުވެސް ބުނަން ބުނަން ހުއްޓައި ހަނދާންނެތެނީ. އެއީ ކާކު ކަމެއް ނޭނގޭ. ވަރަށް ފަހުން ފެންނަން ފެށި މީހެއް. އެއް ކަންފަތް ތޮރުފާފައި ހުންނަނީ. ދޮންކޮށް ބޮލުގެ އިސްތަށިގަނޑު ހުންނަނީ ކޮޅަށް ޖަހާފައި ކުލަޖައްސާފައި. ފޫހިގޮތަކަށް ހުންނަނީ" އިކާން ޝެލީއަށް ސިފަވާގޮތަށް ސާޖިދަށް ކިޔައިދިނެވެ. ސާޖިދު ކަންބޮޑުވުން ފާޅުކުރިއެވެ. އެކަނި މަގުމައްޗަށް ނުނިކުތުމަށް ނަސޭހަތްތެރިވިއެވެ. ޝެލީގެ ފަހަތުގައި ދެން އަބަދުވެސް ސާޖިދު ހުންނާނެ ކަމަށް ބުންޏެވެ.
"މާލޭގައި އަންހެންކުއްޖަކު ރޭޕްކޮށްގެން ހަބަރު އައިތާ އަދި ހަފުތާއެއް ނުވޭ. ޝެލީއަށް އެފަދަ ކަމެއްވިއްޔާ އަހަރެން މޮޔަވެދާނެ" ސާޖިދު ބުންޏެވެ.
*****
އަޞުރަށްފަހު ވެހެންފެށި ވާރޭ ތުނިކޮށްލީ ރޭގަނޑު އެގާރަޖަހަން އުޅެނިކޮށެވެ. ކޮޓަރީގައި އޮވެފައި ޝިއުރާ ބޭރަށް ނުކުމެލީ އާދައިގެމަތިން ދޮރު ރަނގަޅަށް ތަޅުލެވިފައިހުރިތޯ ބެލުމަށެވެ. ބަދިގެއިން ސަމްސާ ތަޅުވާ އަޑު އިވޭތީ ޝިއުރާ އެތެރެއަށް ބޯދިއްކޮށް ބަލައިލިއެވެ. އުނދުން ކައިރީގައި ދެ އުކުޅުވަޅުގައި އަތް އަޅުވާލައިގެން ސިޔާ ހުއްޓެވެ. ބަނޑުހައިވެގެން އުޅެނީކަން ފުރަތަމަވެސް ޝިއުރާއަށް އެނގުނެވެ.
"ބަނޑުހައިވީ ދޯ" އެތެރެއަށް ވަންނަމުން ޝިއުރާ ބުންޏެވެ.
"ކުޑާއަށް އޭރުވެސް އެނގޭ ކޮންމެސް ގަޑިއެއްގައި ބަނޑުހައިވެގެން ސިޔާ ނުކުންނާނެކަން" ޝިއުރާ ބުންޏެވެ. އޭނާ ގޮސް ހުއްޓުނީ ބަދިގެއިން ބޭރަށް ހުޅުވޭ ކުޑަދޮރު ކައިރީގައެވެ. "އެހެންވެ ސިޔާއަށް ހުރި ކާއެއްޗެހި ފޮރުވާފައި ހުންނާނީ" ޝިއުރާ ބުންޏެވެ. ތައްޓަށް އަޅައިގެން ގެނެސްދޭން އުޅެފައި ޝިއުރާ އެހިޔާލު ދޫކޮށްލިއެވެ. ހަވީރު ލަކްޔަން ދެއްކި ވާހަކަތައް ހަނދާންވެފައި ޝިއުރާ އިށީނީ މޭޒު ކައިރީގައެވެ.
"ޕާސްތާ ހެދީ. ފުރިޖުގައި ހުންނާނެ. އަވަނަށް ލައި ހޫނުކޮށްގެން އާދޭ ކާން" ޝިއުރާ ބުންޏެވެ. ހުދު ސިޔާ ވެސް އުންމީދުކޮށްގެން ހުރީ ޝިއުރާ އެހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ. ސިޔާ، ޝިއުރާގެ މޫނަށް ބަލައިލީވެސް އެފަދަ ބެލުމަކުންނެވެ. ޝިއުރާ ނޭނގޭކަމަށް ހަދާލައިގެން އިންދައި ސިޔާ ހިނގައިގަނެއްޖެއެވެ. ފުރިޖުގައި ހުރި ކާއެއްޗެހި ނަގައިގެން ގޮސް އަވަނަށް ލިއެވެ. ދެން ފުރިޖުގައި ހުރި އެޕަލްޖޫސް ޕެކެޓް ނަގާފައި ބިއްލޫރިތައްޓަކަށް އަޅައިގެން މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ޕާސްތާ ތަށި ހިފައިގެން އައިސް އިށީނީ ޝިއުރާއަށް ކުރިމަތިވާނެ ހެންނެވެ.
"އޮފީހުން އައިގޮތަށް ނިދީ ދޯ" ޝިއުރާ އެހިއެވެ. "ކިހިނެއް ދިޔައީ ފުރަތަމަ ދުވަސް"
"ރަނގަޅު. ވަރަށް އުޅޭހިއްވޭ އެތަނުގަ. ޝެލީދައްތަ ވަރަށް ހެޔޮ" ސިޔާ ބުންޏެވެ. ޝިއުރާ އަޅައިގަތީ ސިޔާ 'ޝެލީދައްތަ' އޭ ބުނި ތަންކޮޅުގައެވެ. އެއީ ކާކުކަން އެނގެން ޝިއުރާ ބޭނުންވިއެވެ.
"އެއީ އޮފީހުގައި އުޅޭ ކުއްޖެއް. އެ އޮފީހުގައި އުޅޭ އެންމެ ރީތިކުއްޖާ. ހެހެހެ... އަޅުގަނޑު މަސައްކަތް ކުރަނީ ޝެލީދައްތަގެ ދަށުން" ޝިއުރާ ނާހަނީސް ހުރިހާ އެއްޗެއް ސިޔާ ކިޔާދިންގޮތުން ޝިއުރާއަށް ހެވުނެވެ.
"މާދަމާ ކޮންމެސް ގަޑިއެއްގައި ވާނެ އިނގޭ ކުޑާގެ ރޫމަށް ވަދެލަން. އެބައޮތޭ ކުޑަ ވާހަކައެއް ބުނަންވެފަ" ޝިއުރާ ބުންޏެވެ. ސިޔާ ބޯޖަހާލިއެވެ.
ލަކްޔަން އެދުނު އެދުން ޝިއުރާ ފުރިހަމަކޮށްދޭން ބޭނުންނުވިއެވެ. މަޔަކާ ނުލައި ބަފައެއްގެ ބެލުމުގެ ދަށުން ސިޔާ ބޮޑުވެފައި ހުރުމުން އަންހެންދަރިންނަށް މައެއްގެ ފަރާތުން ދޭންޖެހޭ ނަސޭހަތާއި ހިޔާލުތައް ލަކްޔަންއަށް ދެވިފައި ނެތެވެ. ހުދު ލަކްޔަންގެ ހަލާކުވެފައިވާ ހިތާއެކު ދިރިއުޅެން ޖެހުމުން އެކަން ބަދަލުވެގެން ދިޔައީ ބޮޑު ބައްޔަކަށެވެ. ނަމާދު ކުރިއެއް ކަމަކު ޤުރުއާން ކިޔެވުމަށާއި އާހިރަތްދުވަހުގެ ބިރުވެރިކަމުގެ ވާހަކައެއް އޭނާއަށް ސިޔާއަށް ކިޔާދެވިފައެއް ނެތެވެ. ލަކްޔަން އެދުނީ ސިޔާ ފުރިހަމަ އަންހެންކުއްޖަކަށް ހަދައިދިނުމަށެވެ. ސިޔާއަށް މަސައްކަތްތައް ދަސްކޮށްދިނުމަށެވެ. އެހެން ކުދިންނަށް ހުރި ނަމޫނާއެއް ކަމުގައި ސިޔާ ހަދައިދިނުމަށެވެ. އިސްލާމީ ރިވެތި ހިޖާބުން ސިޔާ ނިވައިކޮށްދިނުމަށް އެހީތެރިވެ ދިނުމަށެވެ.
*****
އަޝްފާ އޮފީހުން ނުކުންނަން ދިޔައިރު އޮފީސް ތެރޭގައި ތިބީ ސާޖިދާއި ޝެލީ އަދި ސިޔާއެވެ. ވަކި ހިސާބަކަށް ގޮސްފައި އަޝްފާ ދުމެއް ޖަހާފައި އެތެރެއަށް އައެވެ. އެތަން ފެނުމުން ޝެލީ ބަލައިލިއެވެ.
"ތިބެނީތަ؟ އަވަހަށް ނުކުތިއްޔާ ގެއާ ހަމައަށް ދެވޭނީ" މޭޒުތައް ވަކިކުރަން ޖަހާފައިވާ ޕާޓިޝަނުގައި ލައްކޮށްލާފައި ހުރި ކުޑަ ނަގަމުން އަޝްފާ ބުންޏެވެ.
"ސިޔާގެ ބައްޕަ އަންނަންދެން މަޑުކޮށްލައިގެން އިނީ" ޝެލީ ބުންޏެވެ.
"ދެން މީނދަ ޖޭޑީ ކިހިނެއްވެފައި އިން ދުވަހެއްތަ؟ ގެއަށް ނުދާން ނަދުރު ބުނެގެންތަ؟" އަޝްފާ އެހިއެވެ.
"ހިތް މިތާ ބާއްވާފައި އަޝްއަށް ގެއަށް ދެވޭނެތަ؟" ސާޖިދު ބުންޏެވެ. ޝެލީ އެނބުރި ސާޖިދަށް ބަލައިލާފައި ދެލޯ ބޮޑުކޮށްލިއެވެ. މާދުރަށް ހިނގައިގަތް އަޝްފާއަށް ނަސީބަކުން އެ އަޑު ނީވެއެވެ.
ބަލަހައްޓައިގެން އިން ސާޖިދަށް ޝެލީ ބަލަން އިނެވެ. ނިތްއަރުވާލާފައި ސާޖިދު ބަސްމޮށުންތެރިކަމާ ނުލައި ޝެލީ އާ ވާހަކަދެއްކިއެވެ. އެމަންޒަރު ބަލަން އިން ސިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ސާޖިދާއި ޝެލީ އާ މެދު އޮތީ އާދައިގެ ގުޅުމެއް ނޫންކަން ސިޔާއަށް އެނގުނެވެ.
"ދަނީ؟" ސާޖިދަށް ބަލަހައްޓައިގެން އިން ޝެލީ ސިހުނީ ސިޔާގެ އަޑަށެވެ.
"އައީތަ؟" ޝެލީ އެހިއެވެ.
"ލައްބަ. ބައްޕަ އެބަހުރި ބޭރުގަ. އޮފީސް ނިންމާފައި ބައްޕަވެސް ގެއަށް ދާނީ މިގަޑީގަ. ޝެލީދައްތައަށް އެނގޭތަ ސިޔާ ބައްޕަ އޮފީހެއްނު ޖެހިގެން މިހުރީ" ސިޔާ ބުންޏެވެ.
"އެހެންތަ. އަދި މި އެނގުނީ. ހިނގާ އަވަހަށް ނިކުންނަމާ ދޯ" ޝެލީ ބުންޏެވެ. އެކަމަކު ސިޔާ ޝެލީގެ އަތުގައި ހިފައި ހުއްޓުވިއެވެ.
"ސިޔާ އެކަނި ނުކުމެފާނަމޭ. ޝެލީދައްތަ ނުދިޔަސް އޯކޭވާނެ" ސިޔާ ބުންޏެވެ. ހަގީގަތުގައި ސިޔާ ބޭނުންވީ ޝެލީއަށް ވަގުތުދޭށެވެ. ސާޖިދު ގެއަށް ނުގޮސް އިންނާނީ ކޮންމެސް ބޭނުމެއްގައި ކަން ސިޔާއަށް އެނގުނެވެ.
"އޯކޭ އަވަހަށް ދޭ. ސީޔޫ ޓުމޯރޯ" ޝެލީ ބުންޏެވެ.
ސިޔާ ނުކުމެ ދޮރު ލެއްޕުމާއެކު ސާޖިދު ތެދުވެއްޖެއެވެ. ހީވީ އެވަގުތުކޮޅު ނައިސްގެން އިން ހެންނެވެ. މަޑުމަޑުން ޝެލީ އާ ގާތަށް ސާޖިދު އަންނަން ފެށުމުން ޝެލީ ގޮނޑިން ތެދުވިއެވެ. ދެން ދަބަސް ނަގާފައި ހުރަހަށް އެޅުވިއެވެ.
"ވަޓް؟" ޖެހޭނުޖެހޭ ހިސާބުގައި ސާޖިދު އައިސް ހުއްޓުމާއެކު ޝެލީ ބުންޏެވެ. ސާޖިދު އެއްވެސް ޖަވާބެއްނުދީ ޝެލީގެ ލޮލަށް ނަޒަރު ހުއްޓާލިއެވެ. ދެން ފަހަތުން އަތް ގެންގޮސް ޝެލީގެ އުނގަނޑުގައި އަޅުވައިލިއެވެ. ޝެލީ ގާތަށް ދަމާލާފައި ކޮލުގައި ބޮސްދިނެވެ. ލަދުން ޝެލީ އެސްފިޔަތައް ތިރިކޮށްލުމާއެކު ސާޖިދު ހީލައިފިއެވެ.
"ހިނގާ ދާން" ޝެލީ ބުންޏެވެ.
"އަދި ކުޑައިރުކޮޅެއް" ކެތްތެރިކަން ކުޑަވެފައިވާ އަޑަކުން ސާޖިދު ބުންޏެވެ. ދެން މަޑުމަޑުން ޝެލީގެ މޫނާ މޫނު ގާތްކޮށްލިއެވެ. ސާޖިދުގެ ހޫނު ނޭވާތައް މޫނަށް އިހުސާސްވުމާއެކު ޝެލީ ނޭވާ ހާސްވާގޮތްވިއެވެ. ހިތް ބިރުގަނެ އަތްފައި ފިނިވެލިއެވެ. ދެން ފާއިތުވެގެން ދާނީ ކޮންކަހަލަ ވަގުތުކޮޅެއް ކަން ޝެލީއަށް އެނގުމާއެކު ފުން ނޭވައެއް އެތެރެއަށް ދަމާލިއެވެ.
"ވެއިޓް" ސާޖިދުގެ ދެއަތުގައި ހިފަހައްޓާލާފައި ޝެލީ އެހެން ބުނީ ސާޖިދުގެ މޫނު ނުރައްކާތެރި ދަރަޖައަކަށް ގާތްކޮށްލެވިފައި ވަނިކޮށެވެ.
"މިތަން ރަނގަޅެއްނޫން. ކޮންމެ ގަޑިއެއްގަވެސް މީހަކު އައިސްދާނެ. އެހެންނޫނަސް ޝެލީ ވަރަށް ބިރުއެބަގަނޭ" ޝެލީ ބުންޏެވެ. މައުސޫމު ބެލުމަކުން ބަލަހައްޓައިގެން ހުރި ޝެލީގެ މޫނަށް ބަލާލައިފައި ސާޖިދު ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު ޝެލީ ގަޔާ ކައިރިކޮށްލާފައި ބައްދާލިއެވެ.
"ސޮރީ ބޭބީ. އަހަރެން ދުވަހަކުވެސް ޝެލީ ބިރުގަންނަ ކަމެއް ނުކުރާނަން" ސާޖިދު ބުންޏެވެ. ޝެލީގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ސާޖިދުގެ ރަނގަޅުކަން އިހުސާސްވެފައެވެ. ޝެލީގެ ނުރުހުމުގައި ޝެލީގެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލާފައިވެސް ނުވެއެވެ. އެހެންކަމުން ޝެލީގެ ހިތުގައި ސާޖިދާ މެދު އިހުތިރާމާއި ގަދަރު އެތައް ތަނެއް އުފުލިގެން ދިޔައެވެ.
"ދެން ތިހެން ބަލަންނުހުރޭ. އަނެއްކާ އަހަރެންގެ ނިޔަތް ގޯސްވެދާނެ" ޝެލީ ދުރުކޮށްލާފައި ބަލައިލިއިރު ބަލަހައްޓައިގެން ހުރިގޮތުން ސާޖިދު ބުންޏެވެ. ޝެލީއަށް ހެވުނެވެ.
*****
ދޮރުގައި ޓަކިޖަހާލި އަޑު އިވުމާއެކު އެނދުގައި އިން ލަކްޔަން ފުންމައިގެން ތެދުވެއްޖެއެވެ. އަލަމާރި ބިއްދަށުން ނެރެފައި ހުރި ފްރޭމް އެތެރެއަށް ކޮށްޕާލާފައި ދޮރުހުޅުވައިފިއެވެ. ކުރިމަތީގައި ހުރި ޝިއުރާ ފެނުމުން ލަކްޔަން ހައިރާންވިއެވެ. ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. އެފަދަ ވަގުތެއްގައި ޝިއުރާ އަންނަންވީ ސަބަބެއް ލަކްޔަންއަށް ނުވިސްނުނެވެ.
"ދައްތަ. ވަދޭ" ބޮޑަށް ދޮރު ހުޅުވާލަމުން ލަކްޔަން ބުންޏެވެ.
"ދައްތައަށް މިއާދެވުނީ ކޮއްކޮ ނިދަން އުޅެނިކޮށްތަ؟" އެތެރެއަށް ވަންނަމުން ޝިއުރާ އެހިއެވެ.
"އުނހު. އާނ. ދެން ނިދަންވީ" ލަކްޔަން ބުންޏެވެ.
"ދައްތަ ވާހަކައެއް ދައްކަންވެގެން" ޝިއުރާ ބުންޏެވެ. ލަކްޔަން ޝިއުރާ ގެންގޮސް އެނދުގައި ބޭންދިއެވެ.
"ދައްތަ ދައްކަން ބޭނުންވި ކޮންމެ ވާހަކައެއް ދައްކަންވީ. އެކަމަކު މިގަޑީގައި އައިމަ ހައިރާންވެއްޖެ" ލަކްޔަން ބުންޏެވެ.
"މުހިންމު ކަންތައްތަކުގެ ވާހަކަދައްކަން ވަކި ގަޑިއެއް ނޯންނާނެ" ޝިއުރާ ބުންޏެވެ.
"މިހާރު އެނގިއްޖެ ދައްތަ ދައްކަން ތިއުޅެނީ ވަރަށް މުހިންމު ވާހަކައެއްކަން. އަވަހަށް ބުނޭ" ލަކްޔަން ބުންޏެވެ.
"ކޮއްކޮ އެންމެފަހުން ބައްޕައަށް ރަނގަޅަށް ބަލައިލީ ކޮންއިރަކު؟" ޝިއުރާ އެހިއެވެ.
"މިރޭވެސް ބަލައިލިން. އަނެއްކާ ކިހިނެއްވީ؟ ބައްޕަ އުޅެނީ ބަލިކޮށްކަން އެނގޭ" ލަކްޔަން ބުންޏެވެ.
"އެ އުމުރުގައި ބައްޕަ ކަންތައްތަކާ ފިކުރުކުރަންޏާ ފުރާނައަށް ނުރައްކާވާވަރުގެ ބައްޔެއް ވެދާނެ. މިއަދު ބައްޕަގެ ކޮންމެ ކަމަކާ ހަވާލުވެގެން މިތިބެނީ އަހަރެމެންގެ ދެބެން. އަހަރެމެން ދިން ލޯތްބެއް ބައްޕަ ދުނިޔޭގައި ހުއްޓައި ދޭންވީ. ކޮއްކޯ. ދައްތަ ވާހަކައެއް އަހާލިއްޔާ ދޮގުނަހަދައި ތެދަށް ޖަވާބުދެއްޗޭ" ޝިއުރާ ބުންޏެވެ. ޝިއުރާގެ އެވާހަކަތަކާއެކު އިސްއޮބާލައިގެން ލަކްޔަން ބޯޖަހާލިއެވެ. ޝިއުރާ ދައްކަން އުޅޭ ވާހަކައިގެ މިސްރާބު ހުރި ދިމާ ލަކްޔަންއަށް ވިސްނިއްޖެއެވެ.
"ދައްތަ ދުވަހަކުވެސް ކޮއްކޮ ކައިރީގައި ނާހަން ކޮއްކޮގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ވާހަކަތަކެއް. ފަހަރެއްގައި ވެދާނެ އަހަރެމެން ދެމީހުން ދެތަނެއްގައި ދިރިއުޅުނީމަ އެވާހަކަތައް އަހަން ދައްތައަށް ފުރުސަތު ނުލިބުނީ ކަމަށްވެސް. އެކަމަކު ފަހަކަށް އައިސް ބައްޕަ ފެންނަ ކޮންމެ ފަހަރަކު ދައްތަގެ ހިތަށް ވަރަށް އަސަރުކުރޭ. ބައްޕަގެ ފިކުރުތަކާ ގުޅިފައިވަނީ ހަމަ ޔަގީނުންވެސް ދައްތައެއް ނޫން. ﷲ އިރާދަކުރެއްވީތީ ދައްތަ މިއުޅެނީ އުފަލުން. ފާރޫގަކީ ދައްތަގެ އަލަތު ފިރިމީހާ. ފާރޫގުވެސް އަދި ފާރޫގުގެ އާއިލާވެސް ދައްތައަށް ވަރަށް ހެޔޮ. އެހެންނޫނަސް ދައްތަ ކައިރިއަށް ބައްޕަ އައިއްސުރެ ފެށިގެން މިއަދާ ހަމައަށް ދުވަހަކުވެސް ދައްތަ ކަމަކާ ހިތާމަކޮށް ރުއި މަންޒަރެއް ނުފެންނާނެ"
"ދައްތަ ތިބުނަނީ ބައްޕަ ފިކުރުކުރަނީ އަހަރެންގެ ސަބަބުންނޭތަ؟" ލަކްޔަން އެހިއެވެ.
"ހަމަ ޔަގީން. އެހެން ނުވާންވީ ސަބަބެއް ނެތެއްނު. ލިބުނު ތިން ދަރިންގެ ތެރެއިން އެއްދަރި ދުނިޔެ ދޫކޮށްފައި ދިޔައީ ބޮޑުވީފަހުން. ދެ ދަރިން ދުނިޔޭގައި ތިބިއިރު ކޮއްކޮ ތިއީ ހުރި ހަމައެކަނި ފިރިހެން ދަރިއަކީ. ބައްޕަގެ ހުރިހާ އުންމީދަކާ ގުޅިފައިވާ ދަރިއަކީ ތީ. ކޮއްކޮ އުފާވެރި ދިރިއުޅުމެއް އުޅޭތަން ބަލަން ބައްޕަ ބޭނުމެއްނުވާނެތަ؟ ކޮއްކޮގެ ފަރާތުން ކާފަ ކިޔާނެ ދަރިފުޅަކު ބައްޕަ ބޭނުމެއް ނުވާނެތަ؟ ކޮއްކޮ ކީއްވެ ތިގޮތަށް ހުރެ އުމުރު ހުސްކޮށްލަން ތިއުޅެނީ. ކޮބާ ސަބަބަކީ؟ ކޮބާ ކޮއްކޮގެ ދިރިއުޅުމާ ގުޅިފައިވާ ވާހަކަތަކަކީ؟ ދައްތައަށް ކިޔާދީބަލަ. ހެޔޮނުވާނެ. މިއަދު ދައްތަ ނޫނީ ކޮއްކޮގެ ވަކި ހުރީ ކާކު؟" ޝިއުރާގެ ވާހަކަތަކުން ލައްކަޔްގެ ހިތަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ކެތްކޮށްގެން ހުއްޓަސް ލަކްޔަންގެ ދެލޯ ކަރުނުން ތެންމާލައިފިއެވެ. ނުލިބުނު ލޯބި މަތިން ހަނދާންވެ ހިތަށް އަނިޔާވެއްޖެއެވެ. ލަކްޔަންގެ ބަދްނަސީބު ދިރިއުޅުމުގެ ވާހަކައިގެ ދުނިޔެއަށް އާއިލާ އެއްވެސް މީހަކު ނުވައްދަން ހުއްޓަސް އެވާހަކަތައް ދައްތައަށް ކިޔައިދޭންވީ ވަގުތު ޖެހުނީކަން އެނގުނެވެ.
"އެއީ މާޝް" ކުރެހިފައިވި އަޑަކުން ލަކްޔަން ބުންޏެވެ.
(ނުނިމޭ)