ހަތްވަނަ ބައި
އެހެންނަމަވެސް ކަންތައްވީ ޝެލީ ހީކުރިގޮތަކަށް ނޫނެވެ. 'ސްނޯބޯލް' ގެ ނަމުން ފިރިހެނަކު ގޮވާލީ މަގު ހުރަސްކުރަން އުޅުނު އެމީހާގެ ހަތަރު އަހަރުގެ ކުޑަ އަންހެން ދަރިފުޅަށެވެ. ކުއްލިއަކަށް ހަނދާންވި މީހެއްގެ ސަބަބުން ޝެލީއަށް ހެވުނެވެ.
"ހަމަ އަސްލަށްވެސް ސްނޯބޯލް އެއްހެން ދޯ ހީވަނީ" ހައިރާންވެފައި ޝެލީ އެދިމާ ބަލަހައްޓައިގެން ހުއްޓައި ކައިރިވެލާފައި އަލްމާޝް ބުންޏެވެ. އެވަގުތު ހިޔާލުތަކެއްގައި ހުރި ޝެލީ ބޯޖަހާލިއެވެ.
ކޮޓަރިއަށް ވަންގޮތަށް ޝެލީ ހުޅުވައިލީ ކޮޓަރީގެ އެއް ބިތް ފުރޭ ވަރުގެ އޭނާގެ ވޯޑްރޯބެވެ. ޝެލީ ރާއްޖެއިން ބޭރުން ކިޔެވި އިރުގެ ހުރިހާ ފޮތްތަކާއި ފޮޓޯތަކުގެ އިތުރުން މީހެއްގެ ފަރާތުން ހަދިޔާއެއް ލިބުނަސް އެ ހުރިހާ ތަކެތި ރައްކާކޮށްފައި ހުރި ދެ ފޮށި ހިފައިގެން އައިސް އެނދުމަތީގައި ބެހެއްޓިއެވެ. ފޮށި ހުޅުވާލި ވަގުތު ފުރަތަމަވެސް ޝެލީގެ ލޮލުގައި އަޅައިގަތީ ސާމަރާ ދޫންޏެއްގެ ފަތެކެވެ. ހަނދާނަށް އައީ ޝެލީއަށް އެ ފަތް ލިބުނު ގޮތެވެ.
"އައި މިސްޔޫ ސާހިލް. މައި ބެސްޓްފްރެންޑް" ޝެލީ ކިޔާލިއެވެ. އަތުގައި އޮތް ފަތް އެއްފަރާތުގައި ބާއްވާފައި ދެން ނެގީ ފޮތްތަކެވެ. ހުރިހާ ފޮތްތައް ނަގައިގެން އެއްކޮޅުން އަނެއްކޮޅަށް ބެލިއެވެ. އެއްވެސް ފޮތެއްގައި ސާހިލް ގެ ނަންބަރު ނޯޓްކުރެވިފައި ނެތެވެ. ޝެލީ ކަރުއެލުވާލިއެވެ. ސާހިލްދެކެ ހިތްހަމަނުޖެހިފައި ހުރިވަރުން ފޯނުގައި ސޭވްކޮށްފައި އިން ނަންބަރުވެސް ޑިލީޓްކޮށްލިއެވެ.
"ނަތާލީ، ހުރިހާ ކަމެއްވީ ކަލޭގެ ސަބަބުން" ދަތްކުޑި ވިކާލި ޝެލީ ބުންޏެވެ. ސާހިލްއަށް ގުޅޭނެ އެއްވެސް ގޮތެއް ނެތުމުން ޝެލީ މާޔޫސްވިއެވެ.
ކޮޓަރި ޓަކި ޖަހާލި އަޑު އިވުނީ ޝެލީ އެގޮތަށް އިންދައެވެ. އިރުކޮޅަކުން ކޮޓަރިއަށް ވަދެގެން އައީ އީމާއެވެ. ޝެލީ އިން ގޮތް ފެނިފައި އީމާގެ މޫނަށް ހައިރާންކަން ވެރިވިއެވެ.
"ކޮން ވަޑާމެއް ތިކުރަނީ؟" އީމާ ބުންޏެވެ.
"އައި މިސް ހިމް ބޭޑްލީ" ޝެލީ ބުންޏެވެ.
"އޯއެމްޖީ... ބީއެފް ތަ؟" އީމާގެ އަޑުގައިވަނީ ސަމާސާއެވެ.
"ނޫން. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ" ޝެލީ ބުންޏެވެ. އެނދުގައި ހުރި ފޮތްތައް ނަގާފައި ފޮއްޓަށް އަޅަމުން ޝެލީ ހިނިތުންވެލިއެވެ.
"އެހެންތަ. ކޮބާ އޭނަ" އީމާ އެހިއެވެ.
"ނޭނގެ. އަދިވެސް ކިޔަވަނީ ކަންނޭނގެ" ޝެލީ ބުންޏެވެ.
******
އަސާގަނޑާއެކު ވެއްޓެން ދިޔަ ސަމީރާ ސަލާމަތްވީ ހުށިޔާރުކަމާއެކު މީހަކު ސަމީރާގެ ގައިގައި ހިފެހެއްޓުމުންނެވެ. ނިމާންގެ މޫނަށް ސަމީރާ ބަލައިލީ ޝުކުރުވެރި ލޮލަކުންނެވެ. އެއްޗެއް ގަތުމަށް ގެއިން ބޭރަށް ސަމީރާ ނުކުތީ ސާޖިދު ކައިރީގައި ނުބުނެއެވެ. ވެއްޓެން ދިޔައީ އެއްޗެއްގައި އަޅައިގަނެފައެވެ.
"އަނެއްކާ ދައްތަގެ ތަނަކަށް ތަދުވިތަ؟" ނިމާން އެހިއެވެ. އޭރު ވެއްޓިފައި އޮތް އަސާ ނަގާފައި ސަމީރާ އަތަށް އަލްމާޝް ދީފިއެވެ.
"ތިހާ ބަލި އިރުގައި މީހަކު ނުލާ ރޭގަނޑު ނުކުންނާކަށް ނުވާނެއްނު" އަލްމާޝް ބުންޏެވެ.
ސަމީރާ ހީލިއެވެ. ރަހްމަތްތެރި ހީލުމެކެވެ. "ޝުކުރިއްޔާ ތިދެކުދިންނަށް. ދައްތަ އަސައެއް ހިފައިން އުޅުނަސް ބައްޔެއްނޫނޭ" ސަމީރާ ބުންޏެވެ.
"ހިނގާ ދައްތަ ގެއަށް ގެންގޮސްދޭނަން" ނިމާން ބުންޏެވެ. ސަމީރާ އެގޮތް ބޭނުންވިއެވެ. ސާޖިދު ގެއަށް އަންނައިރު ސަމީރާ ނެތްކަން އެނގުނިއްޔާ ވަރަށް ހިތްހަމަނުޖެހޭނެއެވެ. މަޑުމަޑުން ހިނގާފައި މިހާރުވެސް މާދުރަށް އާދެވިއްޖެއެވެ. ހިނގާފައި ގެއަށް ދާން ގިނައިރު ނަގާނެއެވެ. އެހެންކަމުން ނިމާން އެދުނު ފަދައިން ސަމީރާ ކަންތައް ކުރިއެވެ.
"ކިހާ ހިސާބެއްގައި ދައްތަ އުޅޭ ގެ ހުންނަނީ" ފަހަތު ޝީޓުގައި ސަމީރާ ބައިންދާފައި ކުރީ ޝީޓުގެ ދޮރު ހުޅުވާލާފައި ޝީޓުގައި ހަމަޖެހިލަމުން އަލްމާޝް އެހިއެވެ.
"މިހުރި ގޮތަށް ކުރިއަށް ހިނގާ. ދައްތަ ކިޔައިދޭނަން" ސަމީރާ ބުންޏެވެ. "ތިދެކުދިންގެ ނަމެއްވެސް އަދި ނުބުނަމެއްނު. ނަން އެނގުނީމައެއްނު ދެންވެސް މަގުމަތިން ފެނުނިއްޔާ ގޮވާލެވޭނީ" ހީލަމުން ހިތްހެޔޮކަމާއެކު ސަމީރާ ބުންޏެވެ.
"އަޅުގަނޑަށް ކިޔަނީ އަލްމާޝް. މިއީ ފިރިމީހާ ނިމާން. މާދަމާ ހުކުރު ދުވަހަށްވީމަ ކައްކަން އެއްޗެހި ގަންނަން ނުކުމެ އުޅެނިކޮށް ދައްތަ އާ މިދިމާވީ"
*****
ބާރަޖަހަން ފަސް މިނިޓަށް ވެފައި ހުއްޓައި އިކާންގެ ކޮޓަރީ ދޮރުގައި ލަކްޔަން ޓަކި ޖަހަން ފަށައިފިއެވެ. އެނދުގައި އޮތް އިކާން ބޮޑަށް ކުއިލްޓުން މޫނު ފޮރުވިއެވެ. އެންމެފަހުން ދެލޯ ހުޅުވީ ނުހުޅުވަނީސް ލަކްޔަން ހުއްޓާނުލާނެކަން އެނގުމުންނެވެ. ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ދޮރު ހުޅުވައިފިއެވެ.
"އަހަރެން އިއްކުއަށް ދޭނީ ވިހި މިނިޓް. ހުކުރަށް ދެވޭގޮތަށް ތައްޔާރުވެގެން ނުކުމޭ" ލަކްޔަން އަމުރު ކުރިއެވެ.
"ދެން ބައްޕާ. އެއްޗެހި އިސްތިރިނުކޮށް ހުރީ"
"އެދޮގެއް. ދޮންބެގެ އަލަމާރީގައި އިސްތިރިނުކުރާ އެންމެ އެއްޗެއްވެސް ނުހުންނާނެ" ކޮޓަރިއަށް ވަންނަން ދިޔަ ސިޔާ ބުންޏެވެ. އިކާން ސިޔާއަށް ދެލޯ އަޅާލިއެވެ. ދުވަހަކުވެސް އެކަހަލަ ކަމެއްގައި ސިޔާ އިކާނާ ބައިވެރިވެފައި ނެތެވެ.
"ބޭކަރު ވާހަކަދައްކާނެ ކަމެއް ނެތް. އަހަރެން ބުނި ގޮތަށް ކަންތައްކުރޭ" ލަކްޔަން ބުންޏެވެ. ދެން ގޮސް ކޮޓަރިއަށް ވަނެވެ. އެހުރިހާ މަންޒަރެއް ބަލަން ޝިއުރާ ހުއްޓެވެ. އިކާނަކީ ދީނަށް ލޯބިކުރާ ހަރުދަނާ ޒުވާނަކަށް ހަދަން ލަކްޔަން މަސައްކަތް ކުރަމުންދާ މަންޒަރު ވަރަށް ގާތުން ޝިއުރާއަށް ފެންނަމުން ދިޔައެވެ. ޝިއުރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
****
ކައްކާ ނިންމާފައި ހުރިހާ އަންހެނުން ކޮޓަރިތަކަށް ވަނީ ފެންވަރައި ނަމާދު ކުރާށެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައީ ޝެލީ އެކަންޏެވެ. ނިމާނާއި މިކާލް މިސްކިތުން އަންނަންވާއިރަށް މޭޒުމަތި ތައްޔާރުކޮށްލެވޭތޯ ޝެލީ ބަލަމުން ދިޔައެވެ. އޭނާގެ ބޭނުމަކަށްވީ އަލްމާޝްއަށް ފަސޭހަކޮށްދިނުމެވެ. މިހާރުވެސް ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުންދަނީ އަލްމާޝް އެކަންޏެވެ. ޝެލީދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަންހެން ދަރިފުޅު ލައްވައި އެއްވެސް މަސައްކަތެއް ކުރުވަން އަލްމާޝް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ޝެލީ އެގޮތް ބޭނުމެއް ނުވެއެވެ. ގޭތެރޭގައި ކުރާ ހުރިހާ މަސައްކަތެއް އޭނާ ދަސްކުރަމުން ދިޔައެވެ. ޝެލީ ކުރިއަށް ދިޔައީ އަލްމާޝްގެ ފިޔަވަޅު މަތީގައި ފިޔަވަޅު އަޅަމުންނެވެ.
"އަނހާ ދަރިފުޅު އެކަނިތަ؟ ނިމާން ބަދިގެއަށް އައިސް ވަންއިރު ކާން ހަދައި ނިންމާފައި ޝެލީ އިނީ ފޯނު ހިފައިގެން ސާޖިދަށް މެސެޖުކުރާށެވެ. ސާޖިދު ހެދި ބިރިޔާނީގެ ފޮޓޯއެއް ފޮނުވުމުން އެ ފޮޓޯއަށް ބަލަހައްޓައިގެން އިންދައި ފަހަތުން ނިމާންގެ އަޑު އިވުމާއެކު ސިހިފައި ބަލައިލިއެވެ. އެވަގުތު ޝެލީގެ އިނގިލިން ފޯނުގެ ސްކްރީނުގައި ޖެހިފައި ތިރިއަށް ސްކްރޯލް ކުރެވުނެވެ.
އެވަގުތު ޝެލީގެ ފޯނުން ސާޖިދާ ބަދަލުކުރެވިފައި ހުރި ރަތް ހިތްތަކާއި ލޯބިވާކަން ހާމަކޮށް ފޮނުވާފައި ހުރި އެކި ސްޓިކާތައް ނިމާންގެ ލޮލުގައި އަޅައިގަތެވެ. އެހިނދު ފުން ނަޒަރަކުން ނިމާން ޝެލީއަށް ބަލައިލެވުނެވެ. އިއްޔެ މެންދުރުގެ ކުޑަކުޑަ ދަރިފުޅު ބޮޑުވީ އޭ ނިމާންގެ ހިތް ބުނެލިއެވެ. ނިމާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޝެލީގެ އިސްތަށިގަނޑުގައި ފިރުމާލީ ޝެލީގެ ކޮންމެ އުފަލަކީ ތިމަންނާގެ އުފަލެކޭ ބުނާ ފަދައިންނެވެ.
"މިކީ ކޮބާ؟ ބައްޕަ އާއެކުގައި ނާދޭތަ؟" ކާމޭޒު މަތީގައި ބަންޑުން ފޯނު ބާއްވަމުން ޝެލީ އެހިއެވެ.
"ކޮޓަރިއަށް ވަނީ. ފާހާނާއަށް ވަދެލާފައި ނުކުންނާނަމޭ ބުނީ" ނިމާން ބުންޏެވެ.
މޭޒު ކައިރިއަށް މީހުން ހަމަވުމާއެކު މެންދުރުގެ ކެއުމަށް އިންސާފު ކުރެވެން ފެށިއެވެ. ތަނަށް ހަމަހިމޭންވެފައި އޮތީ ކުޑަ ހިނދުކޮޅަކަށެވެ. އެންމެ ފުރަތަމަވެސް އަނގަ ހަލުވަން ފެށީ މިކާލްއެވެ.
"އީމްއަށް އެނގޭތަ؟ ދޮންތަ ހިތުން ވަރަށް މީރުކޮށް ކައްކާނެ. އެކަމަކު ދުވަހަކު ދޮންތަ ކައްކާ އެއްޗަކު ލޮނު ރަހައެއް ނުލާނެ" މިކާލް ބުންޏެވެ. އީމާ ހީލުމާއެކު ޝެލީ މިކާލަށް ލޯ އަޅާލިއެވެ.
"ވަރަށް ހީވޭ. ދޮންތަ ކޮންމެ އެއްޗެއް ކެއްކިޔަސް ފަހު ވަގުތު ފެންނަން ހުންނަނީ ހުސް ތެލި. މަންމަ ކައިރީ އަހާލާއިރަށް ބުނާނެ އެންމެފަހު އެތިކޮޅުވެސް ކާލީ މިކީ އޭ" ޝެލީ އަމިއްލައަށް ދިފާއު ވެލިއެވެ.
"ހަމަ ގައިމުވެސް ދޮންތަ ހަދާ ފޮނި އެއްޗެހި މާމައަށް ވަރަށް ކަމުދޭ" ފަޒުނާ ބުނެލިއެވެ. އަނގައަށް ލައި ހަފާލި ކުކުޅުކޮޅާއެކު މިކާލް ފަޒްނާއަށް ބަލައިލިއެވެ. މިކާލްގެ ބެސްޓީގެ މަގާމުގައި ހުރެ ފަޒްނާ ޝެލީގެ ކޮޅަށް ޖެހުނީތީ މިކާލްއަށް ކަމުނުދިޔައެވެ.
"ދިސް އިޒް ނޮޓް ފެއާ ބެސްޓީ" މިކާލް ބުންޏެވެ.
"ޝަޓްއަޕް މިކީ. ކާ ގަޑީގައި އެންމެ ގިނައިން އަނގަތަޅާ މީހުންނަކީ އެންމެ ކަމެއްނުވާ މީހުން. ކާއެތިކޮޅު ލާންވީމަ ތި އަނގަ ހުޅުވަބަލަ" ޝެލީ ބުންޏެވެ. "ބައި ދަ ވޭ. އެއީ އީމް އެއްނޫން. މިކީ ކިޔަންޖެހޭނީ އީމް ސިސް"
"ވަޓް؟ އެހާ ރީތި ކުދިންނަށްވެސް ސިސް"
"މިކާލް...." މިކާލް އަނގަ ލެއްޕީ ނިމާންގެ އަޑު ތަންކޮޅެއް ބާރަށް އިވުމުންނެވެ. މިކާލް ހިމޭންވި ގޮތް ފެނިފައި ހުރިހާ މީހުން އެކަކު އަނެކަކަށް ބަލާލައިފައި ހީލިއެވެ.
ބެލްކަނީގައި ފޯނުގައި ހުރެފައި ވަން އަލްމާޝްއަށް އެނދުގައި އޮތް ނިމާން އަތްދިއްކޮށްލިއެވެ. އެ އަތުގައި ހިފާލުމާއެކު އަލްމާޝް އިށީނީ ނިމާންގެ މަގަތުންނެވެ. ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށްފަހު ނިމާންގެ ދެމަފިރިން ވަގުތުކޮޅެއް ކޮޓަރީގައި ހޭދަކުރެއެވެ.
"ޝަހާ އެގުޅީ" އަލްމާޝް ބުންޏެވެ.
"ކިހިނެއްވީ؟ ވިހެއީތަ؟ ޖިނާ ގުޅާފަ އިނޭ. ކުޑަ މަސައްކަތެއްގައި އިނީމަ ނުނެގުނު ފޯނެއް" ނިމާން ބުނެލިއެވެ.
"ވިހައިފި. އަނެއްކާ ގާލްއެއް" އަލްމާޝް ބުންޏެވެ. ނިމާންގެ ގާތުގައި އޮށޯވެލަމުން އަލްމާޝް ބުންނެވެ. އެހިނދު ނިމާން އަލްމާޝްގެ ބޯދަށަށް އޭނާގެ އަތް ލައްވާލާފައި ގަޔާ ކައިރިކޮށްލިއެވެ.
"މިއަދު ޖިނާއަށް ގުޅާލަންވާނެ އެހެންވިއްޔާ" ނިމާން ބުންޏެވެ. "ޝަހާ ނުބުނޭތަ މިކޮޅަށް އަންނަ ޑޭޓެއް" ނިމާން އެހިއެވެ.
"ނާދެވޭނެއްނު. އަދިވެސް އާނާ މުޅިން އޯކޭއެއް ނޫން. މިހާރު އަބަދު ދަރިފުޅުގެ ވާހަކަ އޯ ދައްކަނީ. އަބަދު ކިޔަނީއޭ ތިމަންނަގެ ދަރިފުޅު ގެނެސްދޭށޭ. ޝަހާ ބުނި މިދޭތެރެއިން ވަރަށް ރަނގަޅަށޭ ހުރީ. ނިދަން އޮވެފައި ކުއްލިއަކަށް ސިހިފައި ތެދުވެ އޯ އެހެން ކިޔަންފެށީ" އަލްމާޝް ކިޔައިދިނެވެ.
"ދެން އެކަމު އާނާ ބޭނުންވިޔަސް އެކުއްޖާ ހޯދާނީ ކޮންތާކުން؟ އެއްވެސް މީހަކަށް ނޭނގޭ އެސޮރު ވީތަނެއް" ނިމާން ބުންޏެވެ.
"އާނ. ފެނުނަސް ކިހިނެއް އެނގޭނީ. ވިހެއި ގޮތަށް އެކުއްޖާ އާނާ ދޫކޮށްލައިފި. ދުނިޔޭގެ ކޮންމެސް ތަނެއްގައި އެކުއްޖާ އުޅޭނެއްނު" އަލްމާޝް ބުންޏެވެ.
ނިމާންގެ ރޭގަނޑު ޑިޔުޓީއެވެ. ޑޮކްޓަރު ކޮޓަރީގައި އިން ވަގުތެވެ. ވަދެގެން އައި އުމުރުން ދުވަސްވީ މީހާ ފެނުމާއެކު ނިމާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އައްބާސް ވެސް ހީލާފައި ނިމާނާ ސަލާމްކުރިއެވެ. އައްބާސްގެ އެހީތެރިއަކަށް ހުރި ލަކްޔަންވެސް ހީލިއެވެ. ލަކްޔަންގެ މޫނަށް ނިމާން ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އަލްމާޝް އާ މެދު ލަކްޔަން ދެކޭ ގޮތް އަދިވެސް އޮތީ ހަމަ އެގޮތުގައިބާއޭ ނިމާން ހިތަށް އެރިއެވެ.
"މިއީ އަޅުގަނޑުގެ ފިރިހެން ދަރިފުޅު ލަކްޔަން. އެނގޭދޯ. ކިހާ ދުވަހެއްމިވީ ތިދެކުދިން ދިމާނުވާތާ" ބަލިމީހާއަށް ހާއްސަކޮށްފައިވާ ގޮނޑީގައި އިށީންނަމުން އައްބާސް ބުންޏެވެ. ގޮނޑިގައި އިށީނުމުގެ ކުރިން ލަކްޔަން ނިމާނާ ސަލާމްކުރިއެވެ. އައްބާސްގެ މެޑިކަލް ރެކޯޑްސްތައް ޗެކް ކުރުމުގެ ކުރިން ނިމާން އައްބާސްގެ ހާލު އޮޅުންފިލުވިއެވެ. ކެއިން ބުއިމާ ގުޅިގެން ސުވާލު ކުރިއެވެ. ނިދުމާ ގުޅިގެން ސުވާލު ކުރިއެވެ. އެހުރިހާއިރު ލަކްޔަން އިނީ ނިމާނަށް ބަލަހައްޓައިގެންނެވެ.
"ތިހުރިހާ ކަމެއްވެސް އަލްޙަމްދުލިއްލާހް. ވަރަށް ރަނގަޅު" އައްބާސް ބުންޏެވެ.
ހުރިހާ ކަމަކަށްފަހު އައްބާސްގެ ބްލަޑް ޕްރެޝާ މަތިކަން ނިމާން ފާހަގަކުރިއެވެ. ކަމަކާ އައްބާސް ފިކުރު ކުރަނީތޯ އެހިއެވެ. އެހިނދު ލަކްޔަންއަށް ބަލާލައިފައި ދެން ބަލައިލީ ނިމާނަށެވެ. އައްބާސް ޖަވާބެއް ނުދިނަސް ނިމާނަށް އެއްޗެއް ވިސްނުނެވެ. އެހެންކަމުން އިތުރަށް ސުވާލެއް ނިމާން ނުކުރެއެވެ. އެހެންނަމަވެސް ފިކުރުތަކާ ދުރުވެ ދުޅަހެޔޮ ސިއްހަތެއް ހުރުމަށް ނިމާން ނަސޭހަތްތެރިވިއެވެ.
ކުރީ ޝީޓަށް އައްބާސް އަރައި ހަމަޖެހިލުމާއެކު ލަކްޔަން ކާރު ދުއްވާލިއެވެ. ވަކި ހިސާބަކަށް ގޮސްފައި އައްބާސް ގެ މޫނަށް ބަލައިލިއެވެ.
"ވަރަށް ހެޔޮ ޑޮކްޓަރެއް ދޯ" ލަކްޔަން ބުންޏެވެ.
"އެއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ހިތުގެ ހާއްސަ ޑޮކްޓަރު. ދަރިފުޅަށް އެނގޭތަ ބޭރު މީހެކޭ އެއީ" އައްބާސް ބުންޏެވެ. ލަކްޔަން އައްބާސްގެ މޫނަށް ބަލައިލިއެވެ. ލަކްޔަން ހިތިގޮތަކަށް ހީލިއެވެ. ނިމާނާ ގުޅިގެން ލަކްޔަންއަށް ނޭނގޭ މައުލޫމާތެއް އަދި އައްބާސްއަށް ނުދެވެއެވެ.
"ރާއްޖޭގައި އުޅޭތާ ވަރަށް ދުވަސްވެއްޖެ. ލަކީއަށް އެނގެއެއްނު ބައްޕަގެ އެކުވެރި މަނިކު. މީގެ އަހަރުތަކެއް ކުރިން މަނިކުގެ ވިޔަފާރި ތެރޭގައި ދަރިފުޅު އުޅުނީމެއްނު" އައްބާސް ބުންޏެވެ. ކާރުގެ ބުރަކި ނިމާނަށް ޖައްސައިލެވުނީ ކުއްލިއަކަށެވެ. މަނިކުގެ ނަން އިވުނަސް އޭނާގެ ސިކުނޑި ތެރޭގައި ކުރެހިގެން ދިޔައީ މަނިކުގެ ސޫރައެއް ނޫނެވެ. އެމީހަކު ދެކެ އޭނާ މޮޔަވާ މިންވަރަށް ލޯބިވާ އަލްމާޝްއެވެ. އެހެނީ މަނިކަކީ އަލްމާޝްގެ ބައްޕައެވެ.
"ކިހިނެއްވީ؟" ލަކްޔަންއަށް ވީގޮތުން އައްބާސް އެހިއެވެ. ނިކަން އަވަހަށް ލަކްޔަން ހަމަޖެހިލިއެވެ. އެހާ އަވަހަށް ކަމެއްނުވާ ކަމަށް ބުނެފިއެވެ. ބާރު ސްޕީޑުގައި ކުރިމަތިން އައި ސައިކަލަކުން ނެއްޓީ ކަމުގައި ބުންޏެވެ. ދެން ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ މަޑުމަޑުން ކާރު ދުއްވަމުން ދިޔައެވެ. އަލްމާޝް މަތިން ހަނދާންވުމާއެކު ލަކްޔަންގެ މޫނުމަތީގައި މާޔޫސީ ކުލަވަރު ވަށާލައިފިއެވެ. ދުވަހަކުވެސް އުފަލެއް ލިބިފައިނުވާ މީހެއް ފަދައިން ލަކްޔަން ފެންނަމުން ދިޔައެވެ.
ހަވޭލީ ހުންނަ މަގަށް ކާރު ވަނުމާއެކު ލަކްޔަންގެ ލޮލުގައި ހަވޭލީގެ ބޮޑު ގޭޓު އަޅައިގަތެވެ. ކާރު މަޑު ދުވެއްޔެއްގައި އައިސް އެގޭޓާ އަރާ ހަމަވުމާއެކު އިތުރަށް ދުވެލި މަޑުވިއެވެ. އެގޭޓަށް ލަކްޔަން ބަލައިލީ ހިތްހަލާކުވެފައިވާ ހާލުގައެވެ. އެގޭޓުން އެތެރޭގައި ލަކްޔަން ވަނީ އަލްމާޝް އާއެކު އެތައް ވަގުތެއް ހޭދަކޮށްފައެވެ. ގޭޓުން ނުކުމެގެން އަލްމާޝް ނުކުމެދާނެ ކިތަންމެ ފަހަރަކު ހީވިއެވެ.
"މިއީ އެގެއަކީ. ދަރިފުޅަށް އެނގޭތަ މަނިކު ނިޔާވެއްޖެއްނު" އައްބާސް ބުންޏެވެ.
"އެހެންތަ. މާޝް ރަނގަޅު.... ރަނގަޅުތަ؟" ލަކްޔަން އެހިއެވެ. އައްބާސް ބޯޖަހާލިއެވެ.
ލަކްޔަންގެ ލޯމަތީގައި އަލްމާޝްއާ އެކު ހޭދަކުރެވުނު ދުވަސްތަކުން ބައެއް ހަނދާންތައް ތަމްސީލު ވެލިއެވެ. ކުއްލިއަކަށް ނިމާން ގެއްލުމުން އަލްމާޝް ކުރި ހިތާމަ އާއި ނިމާނަށް އަލްމާޝް ވީ ވަފާތެރިކަން ލަކްޔަން ހަނދާންވިއެވެ. އަމިއްލަ އެދުން ބޮޑުވީވަރުން ނިމާން އެނބުރި ނާދޭތޯ ހިތާހިތުން އެދެވެންވެސް އެދެވުނެވެ. އެހެންނަމަވެސް ނަސީބު ލަކްޔަންގެ އަތުގައި ނުހިފީއެވެ. ދުވަހަކުވެސް އެލޯބި ލިބޭނެކަމެއް ނޭނގެއެވެ.
******
އާދައިގެ މަތިން ޝެލީ އާއި ސާޖިދު ބައްދަލުކުރާ މަންޒިލެއް ކަމުގައި ޖަންބުގޭ ބޮޑު އުނދޯލި ވެއްޖެއެވެ. ރޭގަނޑުގެ އެ ވަގުތުގައި ސާޖިދުގެ އަތުތެރޭގައި ޝެލީވިއެވެ. ގޭތެރެއިން ފަންޏެއް ހިރިލާ އަޑެއްވެސް ނީވެއެވެ. ސަމީރާ ނިދިފަހުން އިރުކޮޅެއް ވެއްޖެއެވެ. ގުޅިލާމެހިފައިވާ ދެ ޒުވާނުންގެ އަތްތިލަ އެންމެ ހިނދުކޮޅަކަށްވެސް ވަކިކޮށް ނުލައެވެ.
"ޝެލީ، މައި ލަވް، އަހަރެމެން މެރީކޮށްގެން ވަކިންތަ އުޅޭނީ" ސާޖިދު އެހިއެވެ. ސާޖިދުގެ މޭގައި ލެގިލައިގެން ޝެލީ އިންއިރު އިރުކޮޅަކުން ޝެލީގެ ކަރާއި ބޮލާ ދެމެދުން ބޯއަރިކޮށްލާފައި ސާޖިދު ޝެލީގެ މޫނަށް ބަލައިލައެވެ.
"މިގޭގައި އުޅެން ބޭނުމީ. މިއީ ޖޭޑީގެ ކޮޓަރިއެއް ނޫންތަ؟" ވައަތް ފަރާތަށް ހުރި ކޮޓަރިއަށް އިޝާރާތް ކުރަމުން ޝެލީ ބުންޏެވެ.
"ކިހިނެއް އެނގުނީ؟" ހީލާފައި ސާޖިދު އެހިއެވެ.
"ޖޭޑީގެ މަންމަ އަބަދުވެސް ވަންނާނީ ޖެހިގެން ހުރި ރޫމަށް" ޝެލީ ބުންޏެވެ.
"އަދި އަހަރެންގެ ޕްރިންސަސް ރޫމް ނުދެކެމެއްނު" ސާޖިދު ބުންޏެވެ.
"އަދި ފެންނާނެއްނު" ޝެލީ ބުންޏެވެ.
"ހިނގާބަލަ ރޫމަށް" ސާޖިދު އެދުނެވެ.
"ނޫން" ޝެލީ ބުންޏެވެ. "ނުކެރޭނެ. ގޯހެއް ހެދިދާނެ" ވަގުތުން ޝެލީ މަނާވެގަތެވެ.
ސާޖިދަށް ހެވުނެވެ. ކޮޓަރިއަށް ދާ ވާހަކަ އިތުރަށް ނުދެއްކިއެވެ. އެ ގުޅުން ޠާހިރު ގުޅުމެއްގެ ގޮތުގައި ބާއްވަން ޝެލީ ކުރާ މަސައްކަތް ސާޖިދަށް އިހުސާސް ކުރެވެއެވެ.
*****
ޗާންސް އޮންލައިން އިމާރާތް ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ސިޔާ ފޭބިއެވެ. ހިނިތުންވެ އުޖާލާވެފައިވާ މޫނަކާއެކު މުޅި އިމާރާތަށް ސިޔާ ނަޒަރު ހިންގާލިއެވެ. ސައިކަލް ޕާކުކޮށްފައި ލަކްޔަން އައިއިރުވެސް ސިޔާ ހުރީ އިމާރާތަށް ބަލަހައްޓައިގެންނެވެ.
"ލެޓްސް ގޯ" ލަކްޔަން ބުންޏެވެ. އަޅުވައިގެން ހުރި ދަބަހުގެ ވާފަށުގައި ހިފައިގެން ހުރި ސިޔާ ލަކްޔަން ފަހަތުން ހިނގައިގަތެވެ. އިމާރާތުން އެތެރެއަށް ވަނުމާއެކު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ސެކިޔުރިޓި ގާޑެވެ. ލަކްޔަން ކަނާތް ފަރާތަށް ބަލައިލިރު އިމާރާތުގެ އެކިއެކި ބައިބައި ވަކިން އެނގޭނެހެން ފާރުގައި ބޯޑެއް ހަރުކޮށްފައި ހުއްޓެވެ. އެ ބޯޑަށް ބަލައިލުމަށްފަހު ސިޔާ ގޮވައިގެން ލަކްޔަން ލިފްޓަށް އެރިއެވެ. ތިންވަނަ ފަންގިފިލާއަށް ފިތާލައިގެން ހުރެފައި ކައިރީގައި ހިމޭނުން ހުރި ދަރިފުޅަށް ލަކްޔަން ބަލައިލިއެވެ. ސިޔާ ހުރިގޮތުން ހާސްވެފައި ހުރިކަން ލަކްޔަންއަށް އެނގުނެވެ. ސިޔާގެ ކޮނޑުގައި ހިފައި ގާތަށް ގެނެސް ސިޔާގެ ފިނިވެފައިވާ އަތްތިލައިގައި ލަކްޔަން ހިފިއެވެ. ސިޔާ ބަލައިލުމާއެކު އެ އަތަށް ބާރުކޮށްލާފައި ލަކްޔަން ހީލިއެވެ.
ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ދެބަފައިންނަށް މަރުހަބާ ކިއީ ތަނުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ކުރިމަތިން ފެންނަން ހުރީ ބިއްލޫރި ދޮރެއްލާފައިވާ ބަޔެކެވެ. ބޭރުގައި ގޮނޑި ބަރި ހުއްޓެވެ. އެގޮތަށް އަންނަ ބޭރު މީހުން މަޑުކުރަންވީ ތަންކަން ލަކްޔަންއަށް އެނގުނެވެ. ސިޔާގެ އައިޑީ ކާޑު ހިފައިގެން މުވައްޒަފު ވަދެގެން ދިޔައީ ދެބަފައިންނަށް އިށީންނަންވީ ގޮނޑި ދައްކާފައެވެ.
"އެނގޭ މިއީ ސިޔާގެ ފަސްޓް ޓައިމްކަން. އެހާ ޕެނިކް ނުވާތި. ވަރަށް ހަމަޖެހިގެން ވާހަކަދައްކާނީ" ލަކްޔަން ބުންޏެވެ. ސިޔާ ހީލިއެވެ.
"ގުޑް ލަކް" ލަކްޔަން ސިޔާގެ ބޮލުގައި ބޮސްދިނެވެ.
އިރުކޮޅަކުން ބޭރަށް ނުކުތް އަންހެންކުއްޖާ ސިޔާގެ ނަމުން ގޮވާލިއެވެ. ސިޔާ ހިނގައިގަތެވެ. ދެއަތްތިލަ ގުޅުވާލައިގެން ގެނެސް ދަތްދޮޅިއާ ހަމައިގައި ޖައްސާލައިގެން ލަކްޔަން އިނެވެ. އިންގޮތުން ސިޔާއަށް ވުރެ ބޮޑަށް ލަކްޔަން ހިތް އަވަސްވެފައި އިންހެން ހީވެއެވެ. އިރުކޮޅަކާ ދޮރާ ދިމާލަށް ބަލައިލައެވެ.
ހުޅުވުނު ލިފްޓުން ނުކުތް އަންހެންކުއްޖާ ފެނިފައި ލަކްޔަންއަށް ވީގޮތެއްވެސް ނޭނގުނެވެ. ކަޅިޖަހާވެސްނުލައި ކުރިމަތިން ހުރަސްކޮށްފައި އެތެރެއަށް ވަން އަންހެންކުއްޖާ ފަހަތުން ކުރިއަށް ދެތިން ފިޔަވަޅު ލަކްޔަންއަށް އެޅުނެވެ.
"މާޝް.... ޔެސް... އެއީ މާޝް. އޯ މައި ގޯޑް. ބިއުޓިފުލް. އަދިވެސް ހަމަ އެގޮތަށް. ނޯ ޗޭންޖަސް" ލަކްޔަންއަށް ހެވުނެވެ. ދޮރާ ދިމާލަށް ބަލަން ހުރިއިރު އަދިވެސް އެސޫރަ ބަލައިލަން ހިތްއެދިފައި އިނެވެ. އެކަހަލަ ގޮތަކަށް އަލްމާޝް ފެނިލުމުން އަދިވެސް ލަކްޔަންގެ ހިތުގެ ތެޅުން މަޑެއް ނުވެއެވެ.
(ނުނިމޭ)