ހަވަނަ ބައި
"ވިލް ޔޫ މެރީ މީ" ސާޖިދަށް އަތްތިލަ ހުޅުވާލަމުން ޝެލީ ބުންޏެވެ. ޝެލީގެ އަތްތިލައިގެ މެދުގައި ރަތްކުލައިން ޖަހާލަފައިވާ އެ ހަތަރު ލަފްޒު ވަކިވަކިން ސާޖިދު ކިޔާލިއެވެ. ހިނިއައިސްފައި ޝެލީގެ މޫނަށް ސާޖިދު ބަލައިލިއެވެ. ދެން ޝެލީގެ އަތުގައި ހިފާލާފައި އެ އަތުގައި ބޮސްދީފިއެވެ.
"މިއީ ސާމާސާ އޭ ހީނުކުރައްޗޭ" ޝެލީ ބުންޏެވެ.
"ސީރިޔަސްލީ. އަހަރެން ވަރަށް ސަޕްރައިޒްވެއްޖެ" ސާޖިދު ބުންޏެވެ. ޝެލީ ހީލިއެވެ. ސާޖިދާ ގާތަށް ޖެހިލާފައި ސާޖިދުގެ ކޮނޑުގައި ބޯއަޅާލިއެވެ. ދެލޯބިވެރިންގެ ދެއަތްތިލަ ވަނީ ގުޅިލާ މެހިފައެވެ.
"ކައިވެންޏެކޭ ދުލުން ބުނެވިދާނެ. ހަގީގަތުގައި އެއީ ވަރަށް ބޮޑު ޒިންމާއެއް. އަންހެނަކާއި ފިރިހެނެއްގެ ބޮލުގައި އެޅޭ ވަރަށް ބޮޑު ބުރައެއް. ދެމީހުން އެކީގައި މަސައްކަތް ކޮށްގެން ނޫނީ ހަޔާތުގެ ނައު އޭގެ މަންޒިލަށް ނުގެންދެވޭނެ. ބޮޑެތި ރާޅާއި އޮއިވަރުގައި ޖެހޭނެ. ދެމަފިރިން ޖެހޭނީ ކެތްތެރިވެގެން ކުރިއަށްދެވޭތޯ މަސައްކަތްކުރަން. އެތަނުން އެންމެ މީހަކުވެސް ޒިންމާ އާ ހިލާފުވިޔަސް ނައު ކަނޑުމެދަށް ހުއްޓި ބެހިގެން ހިނގައިދާނެ" ޝެލީގެ އިނގިލިތަކާ ކުޅެމުން ސާޖިދު ވާހަކަދެއްކިއެވެ.
"އެނގޭ. އަހަރެމެން ހަޔާތުގެ ދަތުރަށް ނުކުންނާނީ އެކަމަށް ދެފަރާތަށްވެސް އެކަށޭނެ ވަގުތު ދީފަ. އަހަރެމެން އަވަސް އަރުވައެއް ނުލާނަން" ޝެލީ ބުންޏެވެ. އެކަމާ ސާޖިދު އެއްބަސްވިއެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" ޝެލީ އެހިއެވެ.
"ޖޭޑީގެ މަންމަ ބުނި ދެން ހުންނަ ފިރިހެންކުއްޖާ އައި މީން ޖޭޑީގެ ބޭބެ ކިޔަވަން ހުންނަނީ ޔުކްރެއިންގަ އޭ" ޝެލީ އެހިއެވެ. ސަމީރާ އެވާހަކަ ދެއްކި ދުވަހުން ފެށިގެން ޝެލީ ހުރީ ސާޖިދު ކައިރީގައި އަހައިގެން އޮޅުންފިލުވާށެވެ.
"ޔާ. ޑޮކްޓަރުކަން ކިޔަވަނީ" ސާޖިދު ބުންޏެވެ.
"އެނގޭތަ ޝެލީވެސް މާސް މީޑިޔާ ހެދީ އެތަނުން. ކޮން ނަމެއްތަ އޭނައަށް ކިޔަނީ. ފަހަރެއްގައި އެނގިވެސްދާނެ" ޝެލީ ބުންޏެވެ. ނިތަށް ރޫ އަރުވާލާފައި ސާޖިދު ހަނދާންކޮށްލިއެވެ. އަބަދުވެސް ސަމީރާ ގޮވަނީ އަހުމަދު ކިޔައިފައެވެ. އެހެން ނަމަކުން ދުވަހަކުވެސް އިތުރު މީހަކު ގޮވާލި އަޑެއް ނާހައެވެ.
"މަންމަ ކިޔާނީ އަބަދުވެސް އަހުމަދު. އެކަމު ފަހަތަށް އިނދޭ ނަމެއް" ސާޖިދު ބުންޏެވެ.
"ފެނުނީމަ އެނގޭނެއްނު. ދޮންބެ އަންނާނެ މިއަންނަ އަހަރު. އެހެން ފަހަރަކުން ޝެލީއަށް ދައްކާނަން އެނގޭ ދޮންބެގެ ފަހުގެ ފޮޓޮއެއް" ސާޖިދު ބުންޏެވެ.
"މާ ލަސްނުވަނީސް ގެއަށް ދާން ޖެހޭނެ. އެނގޭތަ އީމް ގޮވައިގެނޭ ނުކުތީ. އެބައިން އޮފީހުގަ" ހީލާފައި ޝެލީ ބުންޏެވެ.
"ބުނީތަ އީމް ކައިރީގަ"
"އުނހު. އެކަމު ބުނަން މިވިސްނަނީ. މިގޮތަށް ޝެލީއަށް ރޭގަނޑު ނުކުމެވޭނީ މީހަކާއެކު. މިރޭވެސް މަންމަ ވަރަށް ސުވާލުކުރި. ޝައްކުވެފައި ކަންނޭނގެ ހުރީ" ޝެލީ ވާހަކަދެއްކިއެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ އަހަރެންގެ ރަނި ކަމަނާ" ސާޖިދު އެހިއެވެ. ދެން ޝެލީގެ އަރިމަތީ ބަނޑުގައި އަތްއަޅުވާލާފައި ގާތަށް ދަމާލިއެވެ. ސާޖިދަށް ޝެލީ ބަލައިލީ ލަދުވެތި ނަޒަރަކުންނެވެ.
"އަހަރެމެން ކީއްވެ މިކަން ސިއްރުކުރަނީ. ކާކުދެކެ ޝެލީ ޖެހިލުންވަނީ. އަހަރެމެން ވަކިކުރާނެ މީހަކު އެބަހުރިތަ؟ ނޫނީ މީހަކަށް އެނގުނީމަ މިގުޅުން ނިމޭނީތަ؟" އެހިސާބުން ސާޖިދުގެ އަނގަމަތީގައި ޝެލީ އަތް އަޅައިފިއެވެ. ސާޖިދު ބަލައިލުމާއެކު މަޑުމަޑުން ދެފަރާތަށް ބޯހޫރާލައިފިއެވެ. ޝެލީގެ ދެލޯ ފުރިގެން އައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
"ތިއިން އެއްވެސް ކަމެއްނުވޭ. ދުވަހަކުވެސް ޖޭޑީ އާ ވަކި ނުވާނަން. މިގުޅުން ކުރިއަށްގެންދާނަން. ކައިވެނީގެ މަތިވެރި ގުޅުމުން ގުޅެދެންވެސްމެ. ޖޭޑީއަށް ވުރެ މާބޮޑަށް ލޯބިވޭ" ސާޖިދާ ހަތަރުކަޅި ހަމަކޮށްގެން އިނދެ ޝެލީ ބުންޏެވެ. ޝެލީގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ސާޖިދު ފޮހެދިނީ ހީލާފައެވެ.
"އެހެންނޫނަސް ދެމީހުން ރައްޓެހިވެގެން އުޅޭކަން ކޮންމެހެން އެހެން މީހުންނަށް އަންގާކަށް ނުޖެހެއޭ. ޖަމާލްސާ ކިތަންމެ ކައިންޑް ވެރިޔަކަށް ވިޔަސް އެތަނުގައި އުޅޭ ހުރިހާ މީހުން އަހަރެމެންނަށް ހެވެއްނުވާނެ. އަތޮޅުތެރެ ބިއުރޯއަކަށް ޖޭޑީ ޓްރާންސްފާ ކޮށްފާނެ. އޭރުން ޝެލީ މާދެރަވާނެ" ޝެލީ ވާހަކަދެއްކިއެވެ. އެވާހަކަތައް ސާޖިދު ގަބޫލުކުރިއެވެ. ދެފަރާތުން ޝެލީގެ މޫނުގައި ހިފާލާފައި އުފުލާލިއެވެ. އެއަށްފަހު ޝެލީގެ ނިތުގައި ބޮސްދިނެވެ.
*****
ޝިއުރާ އަތަށް ހުސް މަގު ދިއްކޮށްލާފައި މަޑެއްނުވެ އިކާން ހިނގައިގަނެއްޖެއެވެ. އޭރު އަދި ހަތެއް ނުޖަހައެވެ. ޝިއުރާ އެންމެ ހައިރާންވީ ރަސްމީ ހެދުމެއްގައި އިކާން ތައްޔާރުވެލައިގެން ހުރުމުންނެވެ.
"އެންމެން ނުނިކުންނަނީސް ދަނީތަ؟ ކޮންމެދުވަހަކު އިއްކު މާ އަވަހަށް ކޮންތާކަށް ތިދަނީ؟" ޝިއުރާ އެހިއެވެ. ހިތަށް ޝެލީގެ ސޫރަ ސިފަވުމާއެކު އިކާން ހީލައިފިއެވެ. އޭނާ ދާން އުޅޭ ތަނެއް ޝިއުރާ ކައިރީގައި ބުނާކަށް ބޭނުމެއް ނުވިއެވެ.
"މިއަދު ފުރަތަމަ ދުވަސްވީމަ އަވަހަށް މިދަނީ" އިކާން ބުންޏެވެ.
"އެކަމު ސައިބޮއެގެންވެސް ދެވޭނެއްނު. އަދި ރޮށިވެސް ނުފިހެވޭ. މަޑުކޮށްލަންވީނުން. ކުޑާ ވަރަށް އަވަސްކޮށްލާނަން. އެހެންނޫނަސް އެއްވެސް އޮފީހެއްގެ ވެރިއެއް މުވައްޒަފުންނަށް ވުރެ ކުރިން އޮފީހަށް ނުދާނެ" ޝިއުރާ ބުންޏެވެ.
"ރަނގަޅުވާނެ. ސަޔަށް ހަދާނަން ކޮންމެސްގޮތެއް. ދެން ދަނީ ކުޑާ، ލަސްވޭ އެބަ" ޝިއުރާ އެބުރިފައި ދެން ބަލައިލިއިރު ޖެހުނުތާ ލަކުނުވެސް ނެތެވެ. ދޮރުވެސް ހުރީ ހުޅުވާލައިފައެވެ.
އާދައިގެމަތިން ހެނދުނުގެ ސައި ގަޑީގައި އިކާން ފެންނަން ނެތުމުން ލަކްޔަން ޝިއުރާ އާ ސުވާލުކުރިއެވެ. ކުދިން ހަމައަށް ފެންނަން ނެތުމުން ލަކްޔަންއަށް ސައިބޯން އުނދަގުވީމައާވެސް އެކުގައެވެ. ޝިއުރާގެ ފަރާތުން އިކާން ހެނދުނާ ދިޔަކަން އެނގުމުން މިފަހަރުވެސް ލަކްޔަން ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް އޮފީހަށް ނުކުމެވޭގޮތަށް އިކާން ތައްޔާރުވެގެން ހުރިކަން އެނގުމުން ހިތްހަމަޖައްސާލިއެވެ.
"ސިޔާ،" ހިމޭންކަމާއެކު ސައިބޯން އިން ސިޔާއަށް ޝިއުރާ ގޮވާލިއެވެ. ސިޔާ ޝިއުރާއަށް ބަލައިލިއެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު ސައި ގަޑީގައި ސިޔާގެ އަނގަ ޖެހެނީ ގަދަކަމުން ހުޅުވާށެވެ. ހެނދުނާ ހޭލަންޖެހުން އެއީ ސިޔާއަށް ބުރަކަމެކެވެ. ރާއްޖެއަށް ދިރިއުޅުން ބަދަލުކުރިޔަސް އަދި ރާއްޖެ ފެނަށް ސިޔާ ނުހޭނެއެވެ.
"ދަރިފުޅު ނިދި އައިސްފަތަ؟" އައްބާސް ސިޔާގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު ހީލާފައި ސިޔާ ދެފަރާތަށް ބޯހޫރާލިއެވެ. ލަކްޔަން ސިޔާއަށް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. މީގެކުރިން އެކުދިންނަކީ ފަތިހާ ތެދުވަން އާދަވެފައިވާ ކުދިންނެއް ނޫނެވެ. މާހައުލު ބަދަލުވުމާއެކު ދިރިއުޅުމުގެ އާދަކާދައަށް ވެސް ބަދަލު އަތުވެއްޖެއެވެ.
"ސިޔާ ރޭގަ ވަރަށް ލަހުން ދޯ ނިދީ" ފެންފުޅިއެއް ހިފައިގެން އައި ޝިއުރާ އެހިއެވެ.
"ބައްޕަ ބުނަމެއްނު ދަރިފުޅު ކައިރީގަ އެހާ ލަސްވަންދެން ހޭލާ ނޯންނައްޗޭ" ލަކްޔަން ބުންޏެވެ.
"ނޯންނަމޭ. ރޭގަ އިންޓަނެޓް ހާވަން އޮވެވުނީ. ޖޮބަކަށް ދާން ބޭނުން ބައްޕާ" ސިޔާ ބުންޏެވެ.
"އެއީ އެހާއިރު ވަންދެން ހޭލާ އޮވެ އެކުރިކަމަކީ" ހީލުމަކާއެކު އައްބާސް ބުންޏެވެ.
"ބައްޕަ ބަލާނަން އިނގޭ ސިޔާ އާ ގުޅޭ ޖޮބެއް ލިބޭތޯ" ލަކްޔަން ބުންޏެވެ. ސިޔާ ބޯޖަހާލިއެވެ.
ސައިބޮއެގެން ކޮޓަރިއަށް ވަން ލަކްޔަން އިރުކޮޅަކުން ނުކުތީ ލެޕްޓޮޕް ދަބަސް ހިފައިގެންނެވެ. އެއާއެކު ސޯފާގައި އިން އައްބާސް ގޮވާލައިފިއެވެ. ދޮރާ ހަމައިން ހުއްޓިފައި ލަކްޔަން އައްބާސަށް ބަލައިލިއެވެ.
"ބައްޕަގެ ފޮލޯއަޕްއަށް މިރޭ ދާންޖެހޭނެ. ލަކީއަށް ދެވޭނެތަ؟" އައްބާސް ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ދާނަން" ހީލުމަކާއެކު ލަކްޔަން ބުންޏެވެ.
*****
ވަދެގެން އައި އިކާޏް ފެނުމާއެކު ހުރިހާ މުވައްޒަފުންގެ ސަމާލުކަން އިކާނަށް ހުއްޓިއްޖެއެވެ. މާކުރިންވެސް ޒުވާން ވެރިއެއް ކުންފުންޏާ ގުޅެން އުޅޭކަން އޮތީ އެނގިފައެވެ. ހުރިހާ މުވައްޒަފުންގެ ތެރެއިންވެސް އަންހެންކުދިން ގިނައިން ބަލާކަން އިކާނަށް ފާހަގަވިއެވެ. ލަކްޔަންގެ ކެބިންއަށް ވަންއިރު އެކަމާ އިކާން ހުރީ ފޮނިވެފައެވެ. އޭނާ އެތެރެއަށް ވަދެވުމާއެކު ބިއްލޫރި ދޮރުފަތުގައި ހިފާލާފައި އެއް އަރިއަކަށް ފެންނަން އިން އަންހެންކުއްޖާއަށް ބަލައިލިއެވެ. އަންހެންކުއްޖާ ރަކި ގޮތަކަށް ހީލިއެވެ. ދެން އިކާން ކޮށްލި ކަމަކުން އަންހެންކުއްޖާ މާބޮޑަށް ލަދުގަނެއްޖެއެވެ.
"ހާދަ ފްލާޓީ ބޮސްއެކޭ ދޯ" އިންޝާ ކައިރީގައި އިން ލުބުނާއަށް ބުންޏެވެ.
"އަހަރެންނަށް ވެސް ހީވޭ ތިހެން. ވަރަށް ފޮނި ގޮތެއް ހުރޭ ދޯ" ލުބުނާ ބުންޏެވެ.
"އެކަމެއް ނޭނގެ. އޭނަ އެއް ލޯ މަރާލާއިރަށް ސެޓްވެފަ" އިންޝާ ބުންޏެވެ.
"އައްޗީޑި މަށެއް ނޫޅެން" ލުބްނާ ބުންޏެވެ. "އެހެންނޫނަސް ހަނދާންނައްތާލާ. އެއީ ލަކީ ސާ ގެ ދަރިފުޅު. ބަލާބަލަ ހުރިގޮތެއް. މުސްލިމެއްތަ އަނެއްކާ. ހެހެހެ"
ލަކްޔަންގެ ގޮނޑިއަށް ވެއްޓިގަނެގެން އިން އިކާންގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އަވަހަށް ގެއިން ނުކުތުމުގެ ފައިދާ މާރަނގަޅަށްވެސް ވެއްޖެއެވެ. ޝެލީ އޮފީހަށް ވަން ވަގުތާ ދިމާވެއްޖެއެވެ. ޓެކްސީ އިން ފޭބިގޮތަށް ކުރިމަތިން އިކާން ފެނުމާއެކު ޝެލީއަށް ވީގޮތް އަދިވެސް އިކާނަށް ފެންނަހެން ހީވިއެވެ.
"ފުރަތަމަ ބައްދަލުވުމުގައިވެސް ދެވަނަ ބައްދަލުވުމުގައިވެސް ވާހަކަނުދެއްކިޔަސް ތިންވަނަ ބައްދަލުވުމުގައި ޔަގީން ވާހަކަދައްކާނެކަން" އަމިއްލަ ނަފުސަށް އިކާން ބުންޏެވެ. ލަކްޔަން ވަދެގެން އައީ އިކާން އެގޮތަށް އިންދައެވެ. އިކާންގެ ފަރާތުން ތަފާތުކަމެއް ލަކްޔަންއަށް ފާހަގަވީ އެވަގުތުއެވެ. އެތެރެއަށް ވަދެގެން އައިސް ލަކްޔަން ހުއްޓުނު އިރުވެސް އިކާނަށް ނޭނގުނެވެ.
"ކޮން ދުނިޔެއެއްގަ" ކައިރިން ލަކްޔަންގެ އަޑު އިވުމާއެކު އިކާން ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ގޮނޑީގައި ހަމަޖެހިލާފައި ލަކްޔަންއަށް ހެނދުނުގެ ސަލާންކޮށްފިއެވެ.
"އިއްކު ކޮންމެ ދުވަހަކު އެހާ ހެނދުނާ ސައިނުބޮއެ އޮފީހަށް އައުމަކީ ބައްޕަ އެހާ ހިތްހަމަޖެހޭ ކަމެއްނޫން. މިއީ ދެވަނަ ދުވަސް" ލަކްޔަން ބުންޏެވެ. އިކާން ގޮނޑިން ނުނަގާ ލަކްޔަން އިށީނީ އެއްފަރާތުގައި ހުރި ސޯފާގައެވެ.
"ގޭގަ ހުންނަ އެއްޗެހި ކަމުނުދަނީތަ؟" އިކާން އެއްޗެއް ނުބުނުމުން ލަކްޔަން ބުންޏެވެ.
"ކަމެއްގަ ނުކުތީ" އިކާން ބުންޏެވެ.
"ކޮންކަމެއް އެގަޑީގަ އޮންނާނީ. އަނެއްކާ.... ބައްޕައަށް މި ހީވަނީ ރަނގަޅަށްތަ؟" ލަކްޔަން އެހިއެވެ. ހައިރާންވެފައި އިކާން ލަކްޔަންގެ މޫނަށް ބަލައިލިއެވެ. ކުރި ސުވާލަށް އިކާން ޖަވާބެއް ނުދިނުމުން ހަގީގަތުގައިވެސް ކުރެވުނު ހީ އަކީ ރަނގަޅު ހީއެކޭ ލަކްޔަންއަށް ހީވިއެވެ.
"ކޮންތާކުން ފެނުނު ކުއްޖެއް؟ އަނެއްކާ މިއޮފީހުންތަ؟" ލަކްޔަން އެހިއެވެ. އިކާން ޖަހާލި ހިނިގަނޑާއެކު ލަކްޔަންއަށް ސިހުމެއް ލިބުނެވެ. ރާއްޖެ އައިފަހުން އެހާ ބާރަށް އިކާން ހެނިކޮށް ލަކްޔަންއަށް ފެނިފައެއް ނެތެވެ. އާންމުކޮށް އިކާން އެފަދަ ހިނގަނޑަކުން ލަކްޔަންގެ އަނގަ ބަންދުކުރާނީ އިކާންގެ ސިކުނޑީގައި ކަންތައްގަނޑެއް އެނބުރޭތީއެވެ. އެއީ ލަކްޔަންއަށް ޔަގީންވާ ކަމެކެވެ.
"ސީރިޔަސްލީ ބައްޕާ. ޔޫ އާ ސޯ ފަނީ. މިއޮފީހުން ތިބުނާ ވަރުގެ ކުދިން ތިބިކަމެއް ނޭނގޭ" އިކާން ބުންޏެވެ. ލަކްޔަން ދެފަރާތަށް ބޯހޫރާލިއެވެ.
"ކަމެއް އުޅުނަސް ބައްޕަ ކައިރީގައި ބުނުން އަދި މާ އަވަސް. އެހެންވީމަ ހީކޮށްލާ އެކަހަލަ ކަމެއް ނުވެއޭ" އިކާން ބުންޏެވެ.
"އެކަމަކު ބުނަން. އެއްވެސް ކަމެއް ގޯހުން ގޯހަށް ދުއްވާނުލާތި. ހަމައެކަނި އުފަލެއް ކަމަށް ދެކިގެން އެއްވެސް އަންހެންކުއްޖެއްގެ ލައިފާ ނުކުޅޭތި" ލަކްޔަން އިންޒާރެއް ދޭ ފަދައިން އިކާނަށް ހަނދާންކޮށްދިނެވެ. ވަގުތުން އިކާން އެއްބަސްވިއެވެ. ލަކްޔަންގެ ކައިރިން އެއްބަސްނުވެ ސަލާމަތް ނުވެވޭނެކަން އިކާނަށް އެނގެއެވެ.
"އެބަ އަންނަން ޓޮއިލެޓަށް ވަދެލާފަ" އިކާން ތެދުވެގެން ފާހާނާ އާ ދިމާލަށް ދިޔައެވެ.
"އަވަސްކުރާތި. އިއްކުގެ ކެބިން ރެޑީވެފައި ހުރީ" ލަކްޔަން ބުންޏެވެ.
އިކާން ފާހާނާއަށް ވަދެ ތަޅުލަންދެން އިނދެފައި ލަކްޔަން ގޮސް ގޮނޑީގައި އިށީނެވެ. އިކާންގެ އަމަލުތަކާ މެދު ލަކްޔަން ކަންބޮޑުވިއެވެ. އެފަދަ މިނިވަންކަމެއް އިކާނަށް ދޭން އަދިވެސް ލަކްޔަން ޖެހިލުންވެއެވެ. އޮސްޓްރޭލިޔާގެ ކޯޓެއްގައި އިކާނާ ދެކޮޅަށް އެގައުމުގެ އަންހެންކުއްޖެއް ކުރި ދައުވާ ހަނދާންވުމާއެކު ލަކްޔަން ގައިން ހީބިހި ނަގައިގަތެވެ. އެމައްސަލައިގައި ދެމަސް ދުވަހުގެ ޖަލު ބަންދެއްގައިވެސް އިކާން ހުއްޓެވެ. ވަކީލުންނަށް ލިބިފައިވާ ހާއްސަ ހުނަރުގެ ބާރުގައި އިކާން ސަލާމަތްކުރެވުނީ ކޯޓުގައި އިކާން އެކަމަށް ދެކޮޅު ހެދުމުންނެވެ. އެހެންނަމަވެސް އެކަމަކީ އިކާން ކުރިކަމެއް ކަމަށް ފަހުން ލަކްޔަންގެ ކުރިމަތީގައި އެއްބަސްވިއެވެ. އެދުވަހު ލަކްޔަން ވަރަށް ރުޔެވެ. އިކާންގެ ސަބަބުން މައުސޫމު އަންހެންކުޖެއްގެ ދިރިއުޅުން ބަރުބާދުވެގެން ދިޔުމުންނެވެ. ދެވަނަ ފަހަރަށް އެކަހަލަ މަޅިއެއްގައި އިކާން ބެދޭކަށް ލަކްޔަން ބޭނުމެއް ނުވެއެވެ.
*****
ދުވަސްވީ އެކުވެރިޔާ އަފާފް އާ އެކީގައި ވިޔަފާރިކޮށްލަން އަލްމާޝް ނުކުމެ އުޅުނެވެ. މަޖީދީމަގުން އިރަށް ގޮސް ބޮޑުތަކުރުފާނަށް ނުކުމެފައި އަލްމާޝް ބުނި އެއްޗަކުން އަފާފް ކުއްލިއަކަށް މަޑުޖެހިލިއެވެ.
"އޭރުން ލަސްނުވާނެތަ؟ ކަމަނާގެ ފިރިކަލުން ލަސްވެގެން ނުހޯދާނެތަ؟" އަފާފް ބުންޏެވެ.
"ހޯދާނީ ވީތަނެއް ނޭނގޭ ނަމައެއްނު. އެނގޭނެއްނު އަހަރެމެން އެއްތަންވިއްޔާ ވަކިވަން އުނދަގުވާނެކަން" އަލްމާޝް ބުންޏެވެ.
ވާހަކަދައްކަމުން ގޮސް ރެސްޓޯރަންޓެއްގައި ދެ އެކުވެރިން މަޑުކޮށްލިއެވެ. މާގިނަ އިރެއް ނުވަނީސް ވެއިޓަރަކު އައިސް އޯޑަރު ނަގައިފިއެވެ. ގަނެގެން އައި ފޮތިކޮޅު ކޮތަޅުން ނަގާފައި އަލްމާޝް ބަލައިލިއެވެ.
"ޝެލީ އާ މިކުލަ ވަރަށް ގުޅޭ" އަލްމާޝް ބުންޏެވެ. އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.
"އަހަރެން ހަނދާނެއްވެސް ނެތް ފިހާރައަކަށް ދިޔަސް މާޝްއަށް އެއްޗެއް ގަތް ދުވަހެއް. އަބަދުވެސް ޝެލީއަށް. މިކީއަށް ވެސް ގަންނަންވާނެއްނު" އަފާފް ބުންޏެވެ. ވެއިޓަރު މޭޒުމަތީގައި ބަހައްޓާފައި ދިޔަ ފެންފުޅި ދެ ތައްޓަށް ފެން އަޅާފައި އަލްމާޝްއަށް ބަލައިލިއެވެ.
"ތިއެއް އެގުނީސް އަފޫގެވެސް އަންހެން ދަރިޔަކު ހުރިނަމަ. ސީރިޔަސްކޮށް. އަހަރެން އަބަދު ޝެލީއަށް އެއްޗެހި ގަންނަހިއްވަނީ. މިކީއަށް ހެޔޮވަރު އެއްޗެއް އަހަރެންނަށް ދުވަހަކު ނުގަނެވޭ. އެހެންވެ ބުނެފައި އޮތީ މަމް ތިމަންނައަށް އެއްޗެހި ނުގަންނާށޭ" ހީލުމަކާއެކު އަލްމާޝް ބުންޏެވެ.
"މާޝް، އަހަރެމެންގެ ކުދިކުދި ކުދިންތައް ބޮޑެތިވިލެއް ހާދަ އަވަހޭ ދޯ. ވިސްނަބަލަ. އިއްޔެގަ އެއް ކުއްޖަކު އަނެއް ކުއްޖަކާއެކު ކުޅެން އުޅުނު ކުދިކުދި ކުދިންތަކެކޭ އެއީ" ހިތާލީގޮތަކަށް އަފާފް ބުނެލިއެވެ.
"ހަމަ ހެޔޮކޮށް ތިބުނީ ދުވަސްކޮޅަކުން މިހެން އުޅެނިކޮށް ނޭނގި ތިއްބާ މާމަ ކިޔާފާނެ" އަލްމާޝް ބުންޏެވެ.
"އޭ ހަނދާންނެތިފަ މިހުންނަނީ. ކޮބާ އާރާވް ކިހިނެއް؟ އެސޮރު އެބަ ކިޔަވާތަ؟" އަލްމާޝް އެހިއެވެ.
"އެއީ ދަރިއަކީ. ދިފޫ އެހުންނަނީ އާރާވް ކިޔަވާ ނިމުނީމަ ނޫނީ ނާނަންނަވެގެން. އަސްލު އަހަރެންވެސް ވަރަށް އެސޮރު ދެކިލާހިތުން މިހުންނަނީ. ކުރީ ދުވަހު ގުޅީމަވެސް ކިޔައިފި އަންނަން ބޭނުންވެގެން އުޅޭ ވާހަކަ"
*****
އެނދުގައި ލެޕްޓޮޕް ހިފައިގެން އޮތް ސިޔާ ފުންމައިގެން ތެދުވިއެވެ. އެނދުމަތީގައި ފުންމަން ފެށިއިރު ހީވީ ކުޅޭ އެއްޗެއް ލިބުމުން އެކަމާ އުފަލުން ފަސްއަހަރުގެ ކުޑަކުއްޖަކު ފުމޭ ހެންނެވެ. އިރުގަނޑެއްގައި އެހެން ހުރެފައި ކޮޓަރިން ނުކުމެގެން ގޮސް ލަކްޔަންގެ ކޮޓަރީގައި ޓަކިޖަހަން ފެށިއެވެ. ކޮޓަރިތަކުން މީހުން ނުކުތީވެސް ސިޔާގެ އަޑަށެވެ.
"ދަރިފުޅާ ކިހިނެއްވީ؟" އައްބާސް އެހިއެވެ. އެވަގުތު އެއީ ލަކްޔަން ކޮޓަރި ދޮރުހުޅުވާފައި ނުކުތް ގަޑިއެވެ. ލަކްޔަންގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. ލަކްޔަން ހީކުރީ ސިޔާއަށް ކަމެއްވީ ކަމަށެވެ.
"އޯ ބައްޕާ" ސިޔާ އުފަލުން ހުރެ ލަކްޔަންގެ ކޮނޑުގައި ބޯއަޅާލިއެވެ.
"ކިހިނެއްވީ ބޭބީ؟" ލޯތްބާއެކު ލަކްޔަން އެހިއެވެ.
"އެތަނަށް ކިޔަނީ ޗާންސް އޮންލައިން. އަޅެ ޖޮއިންވާން ބޭނުން. ބައްޕަ ހެލްޕްވެދޭނަން ދޯ" ސިޔާ ބުންޏެވެ. ލަކްޔަން އެއްޗެއް ހަނދާންވިއެވެ. ޗާންސް އޮންލައިން އަކީ އޭނާގެ އޮފީހާ ޖެހިގެން ހުންނަ ތަނެވެ. ސިޔާ އެތަނަށް ދިޔަސް މަސައްކަތް ކުރާނީ ދުރުގައެއް ނޫނޭ ހިތް ބުނެލިއެވެ.
"ތިކަންވެދާނެ" ޝިއުރާ ބުންޏެވެ.
"އެ ކިހިނެއް؟ މާދަމާ ކޮންމެސް ގަޑިއެއްގަ ބައްޕަ އެތަނުގެ ހުރިހާ މައުލޫމާތެއް ހޯދާނަން" ސިޔާގެ މޫނުގައި ފިރުމާލަމުން ލަކްޔަން ބުންޏެވެ.
"އެއީ ވަރަށް މަޝްހޫރު ތަނެއްނު. އެތަނަކީ ޖަމާލުގެ ތަނެއް ނޫން. ލަކީއަށް ނޭނގޭތަ މާޖިދު. ޓިވީތަކުން ފެނެއެއްނު" ޝިއުރާ ބުންޏެވެ. އެވަރުން އަދި ލަކްޔަންއަށް ނޭނގުނެވެ.
"ދެން ދޭ އަވަހަށް ކޮޓަރިއަށް. ލަސްނުކޮށް ނިދާތި. މާދަމާ ތިކަން ބައްޕަ ކޮށްދޭނަން" ލަކްޔަންގެ ބަސްގަބޫލުކޮށްގެން ސިޔާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.
"ސިޔާ ކިޔެވީވެސް އެރޮނގުން. ހުނަރުވެސް އެކުއްޖާގެ ހުންނާނެ. ރާއްޖެއިން ބޭރުގައި އުޅުނަސް ދިވެހިބަހުން އެކުއްޖާ ލިޔެފައި ހުންނަ ލިޔުންތައް އަހަރެން ކިޔަން. އެ އުމުރުގެ ކުއްޖަކާ ބަލާފައި މާބޮޑަށްވެސް ސިޔާ ރަނގަޅު. ދައްތާ، އަހަރެން ބޭނުން ސިޔާއަށް މިކަން ކޮށްދޭން"
އެހުރިހާ ވާހަކަތަކެއް އަޑުއަހާފައި ކޮޓަރިއަށް ވަދެ ދޮރުލައްޕާލި އިކާންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ޗާންސް އޮންލައިން އިން ސިޔާއަށް ވަޒީފާ ލިބުން އިކާންވެސް އެދެއެވެ. އެހެނީ އިކާންގެ ހިތުގެ ހަމަޖެހުން ވަނީ އެ އޮފީހުގައެވެ. ސިޔާ މެދުވެރިވެގެން ޝެލީގެ ކަންތައްކުރަން ފަސޭހަވެދާނޭ އިކާންގެ ހިތް ބުންޏެވެ.
****
ހަވީރުގެ ވަގުތެވެ. އަލްމާޝް އާ އެކީގައި މަގުމަތީގައި ހުރި ޝެލީ ދުރުގައި ހުރި ޖޫގޯ ވިއްކާތަނާ ދިމާލަށް އިޝާރާތްކޮށްލިއެވެ. ވަގުތުން އަލްމާޝް މިސްރާބުޖެހީ އެދިމާލަށެވެ. ޝެލީ ބުނެފިއްޔާ ބޮޑު ފަރުބަދައެއް އުފުލަން ޖެހުނަސް އަލްމާޝް ހުންނަނީ ތައްޔާރަށެވެ.
"މާމަ އާއި މިކީއަށް ވެސް ހިފައިގެން ދާނީ" އަލްމާޝްގެ އަތުގައި ހިފައިގެން އެދިމާލަށް ހިނގައިގަތް ޝެލީ ބުންޏެވެ. ދެމައިން ހިނގާފައި ދިިޔައިރު އެއީ މަޔަކާ ދަރިއެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ބަލާބެލުމަށް ހީވާނީ އެއްބަނޑު އެއްބަފާ ދެބެއިން ހެންނެވެ. ޒުވާންވެފައި އެހާ އެއްގޮތެވެ.
"އަޅުގަނޑަށް ޗޮކްލެޓް. ޖެލީ އަޅާފަ އައިސްކްރީމްވެސް" ޝެލީ ބުންޏެވެ.
ބޭނުންވާ އެއްޗެހި ލިބުމުން ޝެލީ ކުރީގައި ހުރެ ކިޔޫގައި ތިބި މީހުންތަކުގެ ތެރެއިން ނުކުތެވެ. އަލްމާޝް އިނގލި ދިއްކޮށްލި މީހުން މަދު ހިސާބަކަށް ދާން މަގު ހުރަސްކުރި ވަގުތު ޝެލީ ކުއްލިއަކަށް ހުއްޓުނީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ.
"ހޭއި ސްނޯބޯލް..." އެއީ ފިރިހެން އަޑެކެވެ. ޝެލީއަށް ޔަގީންވީ އެއީ އެމީހަކު އޭނާއަށް ގޮވާލި ގޮވާލުމެއް ކަމެވެ. މޭގައި އަތް އަޅާލިގޮތަށް ފަހަތަށް އެނބުރުނެވެ.
(ނުނިމޭ)