ވާހަކަ

މޮޔަކޮށްލި މާ - 05

ފަސްވަނަ ބައި

މަގުމައްޗަށް ނުކުތުމާއެކު ޝެލީއަށް ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. އެ ޒުވާނާ ޝެލީ ފަހަތުން ގެއާ ހަމައަށް އައީ އޭ ހިތާ ބިރުގަތެވެ. ކާރުގައި އިން މިކާލް ބޯދިއްކޮށްލާފައި ގޮވާލިއެވެ. އިކާން ބަލައިލުމުގެ ކުރިން ޝެލީ ދުވެފައި ގޮސް ކާރަށް އެރިއެވެ.

ބައްދަލުވުން ނިންމާފައި ލަކްޔަން ކެބިން ތެރެއަށް ވަންތަނާ އިކާން ފެނިއްޖެއެވެ. އެންމެފަހުން ލަކްޔަންއަށް އިކާނާ ބައްދަލުވީ ރޭގައެވެ. މިއަދު އަދި ކިރިޔާ ލޮލަށް ދައްކާލީއެވެ. މެންދުރުން އަނބުރާ އެކެއް ޖަހަން ހުރީ ދެތިން މިނިޓެވެ. މިފަހަރު ލަކްޔަން އިކާން ދެކެ ހިތްހަމަނުޖެހުނެވެ.

"ކޮންތާކު އުޅެ އުޅެފަ ތިއައީ" ލަކްޔަން ފެނުމާއެކު އިކާން ގޮޮނޑިން ތެދުވެއްޖެއެވެ.

"މާދުރަކު ނޫން. މިތާ މަގުމަތީގައި ހުރީ" އިކާން ބުންޏެވެ.

"މިއަދު ހެނދުނުން ފެށިގެން މިހާއިރު ވަންދެން އިއްކު ހުރީ މިތާ މަގުމަތީގައޭ ތިބުނީ" ލަކްޔަން ބުންޏެވެ. ގޮނޑީގައި އިށީނދެފައި އޭނާ އިކާނަށް ބަލައިލިއެވެ.

"ސިޔާގޮތަށް ކަންތައްތައް ހޯދައި ބަލައިލަން ނުކުތީ. ހަމަ ސީރިޔަސްކޮށް ފާރޫގްބެ އާ އެކު ދުއްވީ ގިނަ މަގުތަކުގަ" އިކާން ބުންޏެވެ.

މުޅިއަކުން ދޮގެއްވެސް ނޫނެވެ. އިކާން ހިތުން ފާރުގް ފަހަތުން ނުކުތީ ޝެލީ އޮފީހަށް އަންނަ ވަގުތާ ދިމާކޮށް އެ ސޫރަ ދެކިލުމަށެވެ. އެހެންނަމަވެސް އެ ނަސީބު އިކާނަށް ނުލިބުނެވެ. ޝެލީ އޮފީހަށް އަންނަ ގަޑި ނޭނގިފައި އޮތީމައެވެ. އޮފީހުގައި އިނދެފައި މަގުމައްޗަށް ނުކުމެ ޗާންސް އޮންލައިން އިމާރާތަށް ބަލަހައްޓައިގެން އެތައް އިރަކު އިކާން ހުއްޓެވެ. އިރުކޮޅަކުން ފާރޫގަށް ގުޅައިގެން ގެނެސް މަގުތަކުގައި ދުއްވިއެވެ. ފާރޫގް ގިނަ ދަތުރުތައް ނެގީ ކުރީ ޝީޓުގައި އިކާން ބައިންދައިގެންނެވެ. އެހެން އުޅެނިކޮށް އޭނާއަށް ޝެލީ ފެނުނީ އިތުރު އަންހެންކުއްޖަކާ އެކު އޮފީހުން ނުކުންނަނިކޮށެވެ.

"މާދަމާ އިން ފެށިގެން އިއްކު ޖެހޭނެ ނުކުންނަން. މިއަދު މީޓިން ނިންމައިފިން މި ކޮމްޕެނީގެ ގިނަ ކަންތައްތަކެއް" ލަކްޔަން ބުންޏެވެ.

ވަގުތުން އިކާން އެއްބަސް ވެއްޖެއެވެ. މިހާރު ކޮންމެހެންވެސް ވަޒީފާ އަދާކުރަން އޭނާ ބޭނުންވެއްޖެއެވެ. އެވެސް އެ އޮފީހުންނެވެ.

"ބައްޕައަށް އެނގޭތަ މިތަނާ ޖެހިގެން މިހުރީ ކޮންތަނެއްކަން" އިކާން އެހިއެވެ.

"އެއީ މިހާރު އެންމެ މަޝްހޫރު ޗާންސް އޮންލައިންއެއްނު. ކިހިނެއްވީ؟" ލަކްޔަން އެހިއެވެ. ގޮނޑީގައި ހަމަޖެހިލާފައި ކުރިމަތީގައި ހުރި ލެޕްޓޮޕް ހުޅުވާލަމުން ލަކްޔަން ބުންޏެވެ.

"އެތަނުން ޖޮބެއް ލިބޭނެ ގޮތް ނެހެދޭނެތަ؟" އިކާން ބުންޏެވެ. ސީރިޔަސް ނަޒަރަކުން ލަކްޔަން އިކާނަށް ބަލައިލިއެވެ.

"ޖަސްޓް ކިޑިން" އިކާން ބުންޏެވެ. ދެން ހިނިގަނޑެއް ޖަހާފައި ފާހާނާ އާ ދިމާލަށް ހިނގައިގަތެވެ.

*****

އޮފީހުން ނުކުންނަން ދިޔަ ޝެލީގެ އަތުގައި ސާޖިދު ހިފިއެވެ. އެ އަތް ފޮޅުވާލާފައި ޝެލީ ހިނގުން ބާރުކޮށްލިއެވެ.

"އަހަރެންނާއެކު ގެއަށް ގޮސްފައި ދާންވީނުން" ސާޖިދު ފޮނުވި މެސެޖް ޝެލީ ކިޔާލިއެވެ.

"މިގަޑިއަކު ނޫން. މިއަދު ބިޒީ" ޝެލީ ރިޕްލައި ކުރިއެވެ.

"މަންމަ ބުނި ޝެލީ ގެނެސްދޭށޭ"

"ސޮރީ. މާދަމާ ރެއަށް ހަދަމާ. ބުނީމެއްނު ގޭގަ އީމް އެބައިނޭ. ކިޔައިދިނީމެއްނު ހުރިހާ ވާހައެއް" ޝެލީ ބުންޏެވެ. ފަހުން ސާޖިދުގެ ހަބަރެއް ނުވިއެވެ.

ނުކުތުމުގެ ކުރިން ޝެލީ ފަހަތް ބަލައިލިއެވެ. ސާޖިދު ދުރުގައި މަޑުކޮށްގެން ހުއްޓެވެ. ދޮރުން ނުކުތުމުގެ ބަދަލުގައި ސާޖިދާ ދިމާލަށް ޝެލީ ދިޔައީ އޭނާގެ ވާހަކަތަކުން ސާޖިދު ދެރަކޮށްލެވުނީ ކަމަށް ހީކޮށްފައެވެ. ސާޖިދުގެ އެ ނަޒަރިއްޔާތުން އޭނާއަށް ވިސްނުނީވެސް އެގޮތަށެވެ.

"ސޮރީ ލަވް" ސާޖިދާ އެއް ހަމައެއްގައި ހުއްޓިފައި ޝެލީ ބުންޏެވެ. އެއާއެކު ސާޖިދު ހީލިއެވެ.

"އައި އަންޑަސްޓޭންޑް. ޕްރޮމިސްކުރޭ މާދަމާ ރޭ ބައްދަލުވާނެ ކަމަށް" ސާޖިދު އަތް ދިއްކޮށްލިއެވެ. އެއާއެކު އެ އަތުގައި ޝެލީ ހިފާލިއެވެ. ދެން ސާޖިދުގެ މޭގައި ޝެލީ މަޑުމަޑުން ލައްވެލިއެވެ.

ޝެލީ އޮފީހުން އައިސް ވަންއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ބަދިގެ ފަޅިއަށް ގޮސް ބަގީޗާއަށް ނުކުމެ ބަލައިލިރު އާދައިގެ މަތިން ކޮތަރު ބައިގަނޑަށް ކާންދޭން ފަޒްނާ އިނެވެ. އިތުރު މީހަކު ފެންނަން ނެތުމުން ޝެލީ ވަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. ފެންވަރައިގެން ނަމާދުކޮށްގެން ނުކުމެވުނީ ވަދެގެން އައި މިކާލްގެ ކުރިމައްޗަށެވެ.

"ދޮންތަ ގެނައި ބިޓެއްތަ މިގޭގަ އެ އުޅެނީ" މަޖާވެފައި މިކާލް ބުންޏެވެ. ޝެލީ ދަތްކުނޑި ވިކާލާފައި ގޮސް ހިފީ މިކާލްގެ ކަންފަތުގައެވެ. ވީތަދާއެކު މިކާލްގެ ދިގު ހަށިގަނޑު ގުރުޑުކޮށްލިއެވެ.

"އެއީ ބިޓެއް ނޫން. މިކީއަށް ވުރެ އުމުރުން ބޮޑުވާނެ" ޝެލީ ބުންޏެވެ.

"އޯކޭ އޯކޭ... އެއީ މަޖަލޭ" މިކާލް ބުންޏެވެ. ޝެލީ މިކާލްގެ ކަންފަތުން ދޫކޮށްލުމާއެކު މިކާލް އަނގަ ހަދާލާފައި ކަންފަތުގައި ފިރުމާލިއެވެ.

"އީމާ ދައްތަ ކިޔަންޖެހޭނީ. އަދި ބުނަން. އީމްއަށް މިކީ ވަރަށް ރެސްޕެކްޓް ކުރަންވާނެ" ޝެލީ ބުންޏެވެ. އޯކޭ އޭ ބުނެފައި މިކާލް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ޖެހިގެން ހުރި ކޮޓަރި ޝެލީ ހުޅުވައިލިއިރު އަރާމުގައި އީމާ ނިދާފައި އޮތެވެ. އެވަގުތު އީމާއަށް ގޮވައިގެން އުނދަގުކުރަން ޝެލީ ބޭނުމެއް ނުވިއެވެ. އެހެންކަމުން އެކޮޓަރީ ދޮރުލައްޕާލާފައި ޝެލީ މިސްރާބުޖެހީ ބަދިގެ އާ ދިމާލަށެވެ. ބަނޑުހައިވެފައި ހުރުމުން ބިސް ސޭންޑްވިޗެއް ތައްޔާރުކޮށްގެން ކޮފީ ތައްޓަކާއެކު އައިސް އިށީނީ މޭޒު ކައިރީގައެވެ. ފޯނުން ސާޖިދަށް މެސެޖްކުރަމުން ދަނިކޮށް ކުއްލިއަކަށް ސިހުނީ ބަދިގެތެރެއިން އަލްމާޝްގެ އަޑު އިވުމުންނެވެ. ފޯނު ބަންޑުން ބާއްވާފައި ޝެލީ ބަލައިލިއިރު ފުރިޖު ކައިރީގައި އަލްމާޝް ހުއްޓެވެ. ފިނި ފެންފުޅިއަކާ ތައްޓެއް ހިފައިގެން އައިސް އަލްމާޝް އިށީނީ ޝެލީ ކުރިމަތީގައެވެ.

"ޝެލީ ކޮންއިރަކު އައީ؟" އަލްމާޝް އެހިއެވެ.

"ވެއްޖެ އިރުކޮޅެއް" ޝެލީ ބުންޏެވެ. "ބައްޕަ އަދި ނާދޭތަ؟"

"ބައްޕަ އަދި ނާދޭ. ތަންކޮޅެއް ލަސްވާނެކަމަށް ގުޅާފައި ބުނި. ކިހިނެއްވީ ޝެލީ ކަމަކުތަ؟"

"ލައްބަ. ބައްޕަވެސް މަންމަވެސް ކައިރީގައި އިނދެގެން މުހިންމު ވާހަކައެއް ދައްކަންވެގެން"

"މަންމަ ވާހަކައެއް އަހަންތަ؟" އަލްމާޝް އެހިއެވެ. ބިއްލޫރި ތަށީގެ މެދާ ހަމައަށް އެޅި ފެނުން އޭނާ ބޯލީ ކުޑަ މިންވަރެކެވެ.

"އަހާބަލަ މަންމާ" ޝެލީ ބުންޏެވެ.

"އެ އަންހެންކުއްޖާ އާ ގުޅިގެން މަންމައަށް އެނގެންޖެހޭނެ އެއްވެސް އެއްޗެއް ނެތްތަ؟" އަލްމާޝް އެހިއެވެ.

"ނޫނޭ މަންމާ. އަދި ނުބުނެވިގެން މިއުޅެނީ. އެއީ އީމާ. މަންމައަށް އެނގެއެއްނު އެއީ އަޅުގަނޑާ އެއް އޮފީހެއްގައި މަސައްކަތްކުރާ ކުއްޖެއްކަން" ޝެލީ ވާހަކަދެއްކިއެވެ.

"އަސްލު މިއަދު އެނގުނީ އެއީ ވަރަށް ހާލުގައި އުޅޭ ކުއްޖެއްކަން. ހުންނަނީ މަންމައެއް އެކަނި. އައްޑޫ ކުއްޖެއް. އީމްއަކީ އަނެއްގޮތަށް ލިބިފައި ހުރި ކުއްޖެއް. ބުނީ އެކަމާވެސް ރަށުގައި އުޅޭ ބައެއް މީހުން ވަރަށް މަލާމާތްކުރާ ކަމަށް. މަންމަ ވަރަށް ހާލުގައޭ ސްކޫލު ނިމެންދެން ކިޔަވައިދިނީ. ދެން މިހާރު އީމްގެ މަންމަ ހަކުރު ކޮންޓްރޯލް ނުވެގެން އުޅެނީ. ފައިގައި ޖެހި ފާރުގަނޑެއް ރަނގަޅު ނުވެގެން ވަރަށް ގޯސްވެގެން އުޅެނީ. މަންމަ ގޮވައިގެން ބޭރަށް ދާންވެގެންނޯ ކޮންމެހެންވެސް މާލެ އައިސް ވަޒީފާއެއް ހޯދީ. މިކޮޅުގައި ހުންނަނީ ވަޒީފާއަށް ދާ ކުދިން ބަހައްޓާ ގެއެއްގަ. އެގޭ ވެރިމީހާއަކީ ތަންކޮޅެއް އުމުރުން ދުވަސްވީ އަންހެނަކޯ. އީމް އާ ކޮންމެ ރެއަކު ބެހެނީ މިބުނާ އަންހެންމީހާގެ ދަރިއެއް. މިއަދު އޮފީހަށް އައިއިރު ގައިގެ އެތަން މިތަނުގައި ރަތްވެފައި ތަންތަންގަނޑު ހުރީ. އޮފީހުގައި އިނީވެސް ރޮވިފައި. އެހެންވެ އަޅުގަނޑު އީމް މިގެއަށް ގެނައީ" ޝެލީ ބުންޏެވެ.

"ޔާރައްބީ ތިއީ ވަރަށް ދެރަކަމެއް. ތިކަހަލަ ކަމެއްގެ ތެރެއަށް ޝެލީ ވަނީމަ މަންމަ ވަރަށް ކަންބޮޑުވެއްޖެ. އެކަމަކު ތިކަހަލަ ކަމެއްގައި އީމާއަށް ދަރިފުޅު އެހީތެރިވެދިނީމަވެސް މަންމަ އުފާކޮށްފިން" އަލްމާޝް ބުންޏެވެ.

"އަންހެނުންނަށް ޖިންސީ އަނިޔާކޮށް ރޭޕްކުރާ މީހުންދެކެ އަޅުގަނޑު ވަރަށް ރުޅިއާދޭ. އަޅުގަނޑުގެ ނަޒަރުގައި އެކަހަލަ މީހުން މުޖުތަމައަށް ދޫކޮށްލެވިފައި ތިބެގެން ނުވާނެ. އެހެންވެ އީމް ކައިރީގައި ބުނީ ރިޕޯޓްކުރަން ހިނގާށޭ. އެކަމު އީމް އެއްބަހެއްނުވި"

"ދެމައިން ކޮން ވާހަކައެއްގަ؟" ބަގީޗާ ތެރެއަށް ނުކުމެވޭ ފަޅިން ވަދެގެން އައި ފަޒްނާ އެހިއެވެ. ކޮތަރުތަކަށް ކާންދޭން ހަނޑޫ އަޅައިގެން ނުކުތް ތަށި ކެބިނެޓް މަތީގައި ބަހައްޓާފައި ފަޒްނާ އައިސް ދެ ދަރިންނާ ގާތަށް އައެވެ.

"މިދައްކަނީ މިގެއަށް މިއަދު ޝެލީ ގެނައި މަންޖެގެ ވާހަކަ. މަންމަ ނިކަން އަޑުއަހާބަލަ" ފަޒްނާ އިށީންނަން އަލްމާޝް އެހީވެދިނެވެ.

"އަސްތާ. ތި މަންޖެ އަނެއްކާ އެމީހުންގެ ތެރެއަށް ދޫކޮށްލާކަށް މަންމައަކަށް ނުފެނޭ" ފަޒްނާ ބުންޏެވެ.

"އެހެންވެގެން އަޅުގަނޑު ބޭނުންވަނީ މަންމަމެން ގަބޫލުނަމަ އަދި އީމްވެސް ގަބޫލުނަމަ މިގޭގައި އީމް ބަހައްޓަން" ޝެލީ ބުންޏެވެ.

"ތިވާހަކަ މިރޭ ކޮންމެސް ގަޑިއެއްގައި މަންމަ، ބައްޕަ ކައިރީގައި ދައްކާނަން. ޝެލީ އީމާ އާ ވާހަކަދައްކާ. މަންމަމެންގެ އެއްވެސް މައްސަލައެއް ނެތް" އަލްމާޝް ބުންޏެވެ. "ދޯ މަންމާ"

"މަންމަގެ އެއްވެސް މައްސަލައެއް ނެތް. މިއަދު މަނިކު ދުނިޔޭގައި ހުރިނަމަވެސް އެހެން މީހުންގެ އެހީތެރިކަން ބޭނުންވެފައިވާ މީހަކު އަޅާނުލައި ދޫކޮށެއްނުލާނެ"

****

އީމާ އާއި ޝެލީއަށް ވާހަކަދައްކާލެވުނީ އިޝާ ނަމާދު ފަހުންނެވެ. އީމާ ގެނެސް ބޭންދީ ޝެލީގެ ކޮޓަރީގައެވެ. ގިނައިރު ނިދާލެވުމުން ފެންނަ ފެނުމަށް އީމާ އިނީ ހަމަޖެހިފައެވެ. ކައިގެން އައިސް ދެ އެކުވެރިން މަޑުކޮށްލައިގެން ތިބީ ޝެލީގެ އެނދުގައެވެ.

"އަހަރެން ހުރިހާ ކަމެއް ނިންމައިފިން" ޝެލީ ބުންޏެވެ. އީމާ ޝެލީގެ މޫނަށް ބަލައިލިއެވެ. ކޮންކަމެއްހޭ އަހާލާ ކަހަލަ ބެލުމަކުންނެވެ.

"އީމް މިގޭގައި ހުރޭ. އެއްވެސް ކަމަކަށް ލާރިއެއް ނުނަގާނެ" ޝެލީ ބުންޏެވެ. އީމާގެ އަތުގައި ޝެލީ ހިފާލީ އެކަމުގެ ޔަގީންކަން ދޭ ފަދައިންނެވެ.

"ޝެލީ، އެންމެންނަށްވެސް އެނގޭ އެއްޗެއް އެއީ ޝެލީ ހިތްހެޔޮކަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު"

"އެކަމަކު ކިހިނެއްވީ؟ މިގޭގައި ހުންނަން އީމް ބޭނުންނުވަނީތަ؟"

"ނޫން. އަހަރެން ވަޒީފާ އަދާކުރަން. މާލޭފަދަ ތަނެއްގައި ހުރުމަކީ ބޮޑުކަމެއް. ހަރަދު ހިނގާނެ. އިންސާނަކަށް ބޭނުންވާ އެންމެ ކުޑަ އެތި ގަންނަންވެސް ރުފިޔާ ދާނެ" އީމާ ބުންޏެވެ. އީމާ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ޝެލީއަށް ފަހުމްވިއެވެ.

"ތިދައްކަނީ ބޭކާރު ވާހަކަ. އީމް ބުނީމެއްނު މަންމަ ބަލި ވާހަކަ. ބުނީމެއްނު ވަޒީފާއަށް ނުކުތީ މަންމައަށް ބޭހަށް ފުރަން ފައިސާ ހޯދަންވެގެނޭ. އެހެންވީމަ މި މަހުން ފެށިގެން އީމްގެ ސެލެރީ ސޭވްކުރޭ. ކިހާބޮޑު ނިއުމަތެއް ލިބިގެން ތިދިޔައީ. މިގޭގައި އީމްއަށް މަނާ އެއްވެސް ކަމެއް ނޯންނާނެ. މާގިނަ މީހުނެއްވެސް ނޫޅޭނެ" ޝެލީ ވާހަކަދެއްކިއެވެ. ޝެލީގެ ހިތްހެޔޮކަމާއި އެހީތެރިކަން ފެނި އީމާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މިއަދު ޝެލީގެ ކުރިމަތީގައި ހަމައެކަނި ޝުކުރުއަދާކުރުމަކުން ވެސް ނުފުދޭނެއެވެ.

"ޝެލީގެ ތި ހެޔޮކަމުގެ ބަދަލުގަ އަހަރެންނަށް ކޮށްދެވޭނެ ކަމެއް ބުނޭ" އީމާ ބުންޏެވެ. ޝެލީއަށް ހެވުނެވެ. ސާޖިދާ ދެމީހުންގެ މެދުގައި އޮތް ގުޅުން ތިންވަނަ ފަރާތަކަށް އެނގެންޖެހޭ ވަގުތު ޖެހުނީއެވެ. ސާޖިދާ ބައްދަލުކުރަންދާން ބުނި ގަޑި ކުޑަތަންވެއްޖެއެވެ. އީމާ ކައިރީގައި ބުނެފައި ނޫނީ އޮފީސް ކަމެއްގައޭ ބުނެ ޝެލީއަށް ނުކުމެވޭކަށް ނެތެވެ. ދާނަމޭ ބުނެފައި ފަހު ވަގުތުގައި ސާޖިދު މާޔޫސްކޮށްލާކަށް ވެސް ޝެލީ ބޭނުމެއް ނުވިއެވެ. ހުދު ޝެލީވެސް ހުރީ ސާޖިދާ ބައްދަލުކޮށްލާހިތުންނެވެ.

"އަހަރެންނަށް ވަރަށް ބޮޑުކަމެއް ކޮށްދީ" ޝެލީ ބުންޏެވެ. އީމާ ދެލޯ ބޮޑުވިއެވެ. ޝެލީ ކިޔަން އުޅޭ 'ބޮޑު ކަންތައް' އޭނާގެ ބޮލުގެ ތެރޭގައި އެނބުރި ގަނެއްޖެއެވެ.

"ޑޯންޓް ޕެނިކް" އީމާއަށް ވީގޮތް ފެނި ޝެލީ ބުންޏެވެ. އީމާ ހީލިއެވެ.

"އަހަރެން މީހަކާ ބައްދަލުކުރަން ދާންވެގެން" ޝެލީ ބުންޏެވެ. އީމާއަށް އެވަރުން އަދި ނުވިސްނުނެވެ. މީހަކާ ބައްދަލުކުރަން ޝެލީ ހަމަ ދާންވީއެވެ. އެއްވެސް މީހަކު ނުހިފަހައްޓައެވެ.

"ރޭގަނޑު ވަރަށް ނުދަމެއްނު އޮފީހުގެ ކަމެއްގަވެސް. މިރޭ ދާންޖެހޭތީ" ޝެލީ ބުންޏެވެ.

"ދެން. އަވަހަށް ދޭ. އެހެން މީހުންވެސް ދާނެއްނު" އީމާ ބުންޏެވެ. އީމާއަށް ވިސްނުނީ އޮފީހުގައި މަސައްކަތެއް އޮތީ ކަމުގައެވެ.

"އީމް އަހަރެންނާއެކު ދާންވީނުން. އަހަރެން އަންނަންދެން އީމްއަށް އޮފީހުގައި އިނދެވޭނެއްނު. ނުވާނެ ގިނައިރެއް" ޝެލީ ބުންޏެވެ. އީމާގެ ބޮލުގައި ކޮށްޓާލީ އެހިސާބުންނެވެ.

"ވެއިޓް. ވަޓް؟ ޝެލީގެ ބީއެފް އެއް ހުރޭތަ؟ ދެމީހުން މިރޭ މީޓްކުރާ ރޭތަ؟" އީމާ އެހިއެވެ. އީމާ އިނީ ހިނިއައިއްސައެވެ. އިނގިލީގައި ދަތް އަޅައިލަމުން ޝެލީ ބޯޖަހާލިއެވެ.

*****

ތައްޔާރުވެގެން ނުކުތް ޝެލީ ފެނިފައި ބަދިގެއިން ނުކުތް އަލްމާޝް ހައިރާންވިއެވެ. އެހެން ރޭތަކަށް ވުރެ ބޮޑަށް ޝެލީ ތައްޔާރުވެގެން ހުރިކަން އަލްމާޝްއަށް ފާހަގަވިއެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ޝެލީ އާ ސުވާލުނުކުރީ ކައިރީގައި ބޭރަށް ނުކުމެވޭ ގޮތަށް ތައްޔާރުވެގެން ހުރި އީމާ ފެނިފައެވެ.

"މަންމާ، އެބަޖެހޭ އީމް ކުރިން އުޅުނު ގެއަށް ގޮސް ބައެއް އެއްޗެހި ގެންނަން. އޮފީހަށް ވަދެލާށާ އެއްކޮށް މިދަނީ" އަލްމާޝް ސުވާލު ކުރުމުގެ ކުރިން ޝެލީ ބުންޏެވެ. ފުރިހަމަ ތެދަކަށް ނުވީތީ ހިތާހިތުން ޝެލީ ދެރަވިއެވެ. ކަމަކާ ގުޅިގެން ޝެލީ ދޮގެއް ހަދަން ޖެހުނު ފުރަތަމަ ފަހަރު ކަމަށްވާތީ އެކަމުގެ އަސަރުތައް ކޮންމެވެސް ވަރަކަށް ޝެލީގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އެހެންނަމަވެސް ތެދަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭންވެސް ނުކެރުނެވެ.

"ހިނގާފަތަ ދަނީ؟ މިކީއަށް ގޮވާލަންވީނުން ގެންގޮސްދޭން" އަލްމާޝް ބުންޏެވެ. ރޭގަނޑު ބޭރަށް ނުދާ ކުއްޖަކު ބޭރަށް ނުކުންނަ ވާހަކަ ބުނުމުން މައެއްގެ ހައިސިއްޔަތުން އަލްމާޝް ކަންބޮޑުވިއެވެ.

"އުނހު. އެކަންޏެއް ނޫނެއްނު. އީމާ އާ އެކު މިދަނީ. ހިނގާލާފައި ދާނީ" ޝެލީ ބުންޏެވެ. އެހާ އަވަހަށް ޝެލީ ދެކޮޅު ހެދީތީ އަލްމާޝް ޝެލީގެ މޫނަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އަލްމާޝްގެ ނަޒަރު ތަފާތުވެއްޖެކަން އެނގުނު ހިނދު ޝެލީގެ ހަތަރެސްފައި ފިނިވިއެވެ.

"މަންމަ ކަންބޮޑުނުވޭ. ލަސްވިއްޔާ ދެމީހުން އެކަނި ނާންނާނަން. މިކީއަށް ގުޅައިގެން ކާރުގައި އަންނާނީ" ޝެލީ ބުންޏެވެ. ޝެލީ އަލްމާޝްގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އަލްމާޝް ހިނިތުންވެލީ ގަދަކަމުންނެވެ.

ފިކުރުތަކެއްގައި ހުރެ ހިނގާފައި އައި އަލްމާޝް އެނދުގައި އިށިން ގޮތުން މެޑިކަލް ފޮތްތަކެއް ހިފައިގެން އިން ނިމާން ބަލައިލިއެވެ. އަނބިމީހާ ވިސްނުމެއްގައި އިންތަން ފެނުމުން ނިމާނަށް ކެތެއް ނުވިއެވެ. ފޮތްތައް ލައްޕާލާފައި އައިސް އަލްމާޝް އާ ޖެހިގެން އިށީނެވެ. ލޯތްބާއެކު އަލްމާޝްގެ ކޮނޑުގައި ހިފާލާފައި ގަޔާ ކައިރިކޮށްލައިފިއެވެ.

"މިހާރު އެދެމީހުން އެ އުޅެނީ މެރީކުރަންވެގެން. ފިރިހެންކުއްޖާގެ ބައްޕަ ވަރަށް ބަލި. އެހެންވެ މިކައިވެންޏަކީ ހަގީގަތުގައި އަންހެންކުއްޖާ ފިރިހެންކުއްޖާއަށް ދޭ ގުރުބާނީއެއް. އެހެންތާ ބުނާނީ. އަންހެންކުއްޖާ ކައިވެންޏެއް ކުރަން އުޅޭކަން އޭނާގެ މައިންބަފައިންނަކަށް ނޭނގޭ" ނިމާން ދައްކަން ފެށި ވާހަކައަކުން އަލްމާޝްގެ ހިތާ ސިކުނޑީގައި އުފެދިފައިވާ ނުތަނަވަސްކަމާއި ކަންބޮޑުވުން ފިލައިފިއެވެ. ކޮންމެގޮތެއް ވިޔަސް ނިމާން އެކިޔާލީ އޭނާ ދަންނަ ވާހަކައެކެވެ. ހައިރާންކަމާއެކު ނިމާންގެ މޫނަށް ބަލައިލެވުނީ އެހެންވެއެވެ.

"ކޮންބައެއްގެ ވާހަކަ ތިދައްކަނީ" ހައިރާންކަމާއެކު އަލްމާޝް އެހިއެވެ. ނިމާނަށް ހެވުނެވެ. އަލްމާޝްގެ ދެކޮނޑުގައި ހިފާލާފައި ނިމާނާ ވީކޮޅަށް އެއްކޮށް އަލްމާޝް އަނބުރާލިއެވެ.

"މިދައްކަނީ ލޯބީގެ ވާހަކައެއް. އޭގަ އުޅެނީ ޝޯނާ" ނިމާންގެ ބުންޏެވެ. "އަހަރެންގެ ޝޯނާ" އަލްމާޝްއަށް ހެވެން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ނިމާންގެ މޭގައި އަލްމާޝް ލައްވެލީ ހެމުންނެވެ. ނިމާންގެ އެކަހަލަ ލޯބީގެ ސަމާސާތަކަށް އަލްމާޝް ހުރީ އާދަވެފައެވެ. ދުވަހަކުވެސް ދެގޮތެއްނުވާ ލޯތްބެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އެ ލޯބީގައި އާ ކަންތައްތަކެއް ތަޖުރިބާކުރަން އަބަދުވެސް އަލްމާޝް އެދެއެވެ.

"ޝޯނާ އަބަދު ފިކުރުކުރާތަން ބަލަން ރޯ މަންޒަރު ބަލަން ހުންނަން އަހަރެންނަށް ކެތެއް ނުކުރެވޭ. އެހެންވެ ސަމާސާއެއް މިކޮށްލީ" އަލްމާޝްގެ ގައިގައި ދެއަތުން ވަށާލައިގެން އިން ނިމާން ބުންޏެވެ.

"އެނގޭ. މިކީވެސް ހަމަ ތިހެން. ލައިކް ފާދާ. ލައިކް ސަން" ހީލަމުން އަލްމާޝް ބުންޏެވެ.

*****

އީމާ އޮފީހަށް ވަނުމުން ޝެލީ އޮފީސް ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ޓެކްސީ އަންނަންދެނެވެ. މާގިނަ އިރެއްނުވެ އެހިސާބާ ކައިރިކޮށްލި ޓެކްސީއަށް ޝެލީއަށް އަރައިފިއެވެ. ޑްރައިވަރު ކައިރީގައި ދާންވީ ތަން ބުނެފައި ދަބަހުގައި އޮތް ފޯނު ނެގިއެވެ. ސާޖިދަށް މެސެޖްކޮށްލާފައި ޓެކްސީގައި އިން ވާހަކަ ބުނެލިއެވެ.

"ކޮއްކޮ ތިއީ އައްޑޫ ކުއްޖެއްތަ؟" ޑްރައިވަރު އެހިއެވެ. ޝެލީ ބޯޖަހާލިއެވެ.

"އެއްޗެކޭ ހީނުކުރައްޗޭ. ކޮއްކޮގެ މޫނުމަތިން ބޭބެއަށް ރައްޓިއްސަކާ ވައްތަރުގޮތެއް ހުރީމަ މިއަހާލީ" ޑްރައިވަރު ބުންޏެވެ. ޝެލީ ހީލާފައިވެސް އެއްޗެއް ނުބުނެއެވެ. އަންހެންކުއްޖަކު އެކަނި ކާރަކަށް އެރުމުން ޑްރައިވަރުގެ ފަރާތުން ތަފާތު ގޯނާތަކާ ކުރިމަތިވާ ވާހަކަތަކާ އަޑުތައް ޝެލީވެސް އަހައެވެ. އެހެންނަމަވެސް ޝެލީގެ ހިތުގައި ބިރުވެރިކަމެއް ނެތެވެ.

"ސަމަދު ކިޔާ މީހަކު ދަންނަންތަ؟" ޑްރައިވަރު އެހިއެވެ.

"ލައްބަ. އެއީ އަޅުގަނޑުގެ ބޮޑުބެ" ޝެލީ ބުންޏެވެ. ޑްރައިވަރު ކައިރިއަށް ހިނިއައެވެ. އޭނާގެ ހިތަށް ލިބުނު އުފާވެރިކަން ރަމްޒުކޮށްދޭ އެއްޗެއް ކަމުގައި އެ ހިނިތުންވާނެއެވެ.

"އެހެންތަ. ކޮބާ ބޭބެ ބުނީމެއްނު. ބޭބެގެ ހިތް މިހާތަނަށް ނެތް ގޯސް ހީކުރުމެއް ހީކޮށްފައެއް. ނަންބަރު އެބައިންތަ ސަމަދުގެ" ޑްރައިވަރު ބުންޏެވެ. ޝެލީ ޓެކްސީ އިން ފޭބީ ސަމަދުގެ ނަންބަރު ޑްރައިވަރަށް ދީފައެވެ.

ޖަންބުގޭ ކުރިމަތީގައި ސާޖިދު ހުއްޓެވެ. ޝެލީ އަރާ ހަމަވުމުގެ ކުރިން ސާޖިދު ގޮސް ޝެލީ ކުރިމަތީގައި ހުއްޓިއްޖެއެވެ ކަންބޮޑުވުމާއެކު ސާޖިދު ޝެލީއަށް ބަލައިލިއެވެ. ދެން ޝެލީގެ އަތްތިލައިގެ ތެރެއަށް ސާޖިދުގެ އަތް ލައްވާލާފައި ހިނގައިގަތެވެ. ދޮރާށިން އެތެރެ ވުމާއެކު ސާޖިދު ހުއްޓުނެވެ. ވާނުވާ ނޭނގިފައި ހުރެ ޝެލީ ސާޖިދުގެ މޫނަށް ބަލައިލިއެވެ.

"ކިހިނެއްވީ؟" ކަންބޮޑުވުމާއެކު ޝެލީ އެހިއެވެ.

"ރޭަގަނޑުގެ ވަގުތެއްގައި ޝެލީ ޓެކްސީގައި އައިމަ ކަންބޮޑުވީ" ސާޖިދު ބުންޏެވެ.

ސާޖިދު ޝެލީ ގަޔާ ކައިރިކޮށްލި ގޮތަށް ޝެލީގެ ހަށިގަނޑުގައި ދެއަތުން ވަށައިލިއެވެ. ވަށައިގެންވި ހިސާބުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ސާޖިދު ދުރަށްލާކަށް ޝެލީ މިފަހަރު މަސައްކަތެއް ނުކުރެއެވެ. އެހެންނަމަވެސް އިންފަހަނައަޅާ ދާ ވަރުގެ ކަމެއް ސާޖިދުގެ ފަރާތުން ވާނަމަ އެކަން ޝެލީ ހުއްޓުވާނެއެވެ.

"ސިއްރުން އުޅޭނީ ކިހާ ދުވަހަކު؟" ޝެލީ ދުރުކޮށްލާފައި މޫނުގެ ދެފަރާތުގައި ހިފައިލަމުން ސާޖިދު ބުންޏެވެ. ޝެލީ ސާޖިދުގެ އަތުގައި ހިފާލިއެވެ. ލޯތްބާއެކު ސާޖިދުގެ ދެއަތުގައި ޝެލީ ބޮސްދިނެވެ.

"މިތަނުގައި ބަހައްޓައިގެން ވާހަކަދައްކަންތަ ބޭނުމީ" ޝެލީ އެހިއެވެ. ސާޖިދު ދެފަރާތަށް ބޯހޫރާލިއެވެ. ދެން ޝެލީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ފެންޑާއަށް ވަދެވުމާއެކު ސާޖިދު ޝެލީ ބޭންދީ ބޮޑު އުނދޯލީގައެވެ. ފެންޑާގެ ދެފަރާތުގައި ދިއްލާފައިވާ އޮރެންޖް ކުލައިގެ ދެ ބޮކީގެ އަލިން މުޅި ތަނަށް ފެތުރިފައިވަނީ ޖާދޫވީ ރަންކުލައެކެވެ. އެ ރަން ކުލައިގެ ތެރެއިން ޝެލީގެ މޫނަށް ސާޖިދު ބަލައިލިއެވެ.

"މާޝާﷲ. ހާދަ ލޯތްބޭ މިރޭ" ސާޖިދު ބުންޏެވެ. އެސްފިޔަތައް ތިރިކޮށްލި ގޮތަށް ޝެލީއަށް އިނގިލީގައި ދަތްއެޅުނެވެ. ސާޖިދަށް ހެވުނެވެ. ޝެލީ ލަދުގަންނަ ގޮތް ސާޖިދަށް އަބަދުވެސް ކަމުދެއެވެ. އެ އަންހެންކުއްޖާ އާ މެދު ސާޖިދުގެ ހިތް މޮޔަވީވެސް ޝެލީގެ މިފަދަ ލޯބި ސިފަތަކުގެ ސަބަބުންނެވެ.

"ދެން މަލެއްހެން ލަދުން މޯޅިވެފައި ތިހެން ނީނދެބަލަ. ބަލާލަބަލަ މަށަށް" ޝެލީގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން ސާޖިދު ބުންޏެވެ. ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު ސާޖިދު ޝެލީ އާ ކުޑަކޮށް ގާތްވެލިއެވެ. ގޯހެއް ހިނގައިފާނެކަމުގެ ބިރަށް ޝެލީ ސާޖިދުގެ ކޮނޑުގައި ކުޑަކޮށް ވިކާލިއެވެ.

"ވިލް ޔޫ މެރީ މީ" ސާޖިދަށް އަތްތިލަ ހުޅުވާލަމުން ޝެލީ ބުންޏެވެ. ޝެލީގެ އަތްތިލައިގެ މެދުގައި ރަތްކުލައަކުން ލިޔެފައިވާ އެ ހަތަރު ލަފްޒު ވަކިވަކިން ސާޖިދު ކިޔާލިއެވެ. ހިނިއައިސްފައި ޝެލީގެ މޫނަށް ސާޖިދު ބަލައިލިއެވެ. ދެން ޝެލީގެ އަތުގައި ހިފާލާފައި އެ އަތުގައި ބޮސްދީފިއެވެ.

(ނުނިމޭ)