ވާހަކަ

މޮޔަކޮށްލި މާ - 04

1

ހަތަރުވަނަ ބައި

ދުވަހަކުވެސް އެފަދަ ތަފާތު ރީތިކަމެއް އިކާނަށް ފެނިފައެއް ނެތެވެ. ޝެލީ މަޑުކޮށްގެން ހުރި ފަޅި ނޫން އަނެއް ފަޅީގައި ކާރުގައި އިން އިކާން ކާރުގެ ބިއްލޫރިގަނޑު ކަހާލިއެވެ. އެހިނދު ޝެލީގެ ނަޒަރު އިކާނަށް ހުއްޓިއްޖެއެވެ. އިކާން އަތް އުފުލައިލިއެވެ. އެއީ ކާކުކަން ނޭނގުނަސް އެމީހާއަށް ޝެލީ އެނގިފައި އޮވެދާނެކަމަށް ޝެލީ ހީލިއެވެ. ދެން ކުރިއަށް ހިނގައިގަތެވެ. މިއަދުވެސް އޮފީހުން އޭނާއަށް ނުކުމެވުނީ އެންމެން ނުކުތް ފަހުންނެވެ. ސަމީރާ ޑޮކްޓަރަށް ދައްކަން ދާން ޖެހޭތީ މާކުރިން ސާޖިދު ގެއަށް ހިނގައްޖެއެވެ.

ކުރިއަށް ހިނގާފައި ދިޔަ ޝެލީ އިރުކޮޅަކާ ފަހަތް ބަލައިލައެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް މަޑުމަޑުން ކާރު ދުއްވަމުން އިކާން އައެވެ. އެކަން ވީ ޝެލީ އިތުރަށް ބިރުގަތް ކަމަކަށެވެ. ދެރައީ އެމީހަކީ ކާކުކަން އޭނާއަށް ނޭނގޭތީއެވެ. ހިނގާފައި ގެއަށް ދިޔުމަށް އަދި ވަރަށް ވަގުތު އޮތްކަން އެނގުމުން ޝެލީ ކަންބޮޑުވިއެވެ. ހަދާނެގޮތެއް ނޭނގި ހިނގަމުން ދިޔައިރުވެސް އޭނާއަށް ހުރެވުނީ ނިޔަފަތީގައި ދަތް އަޅާލައިގެންނެވެ. އެންމެފަހުން ވިސްނާލާފައި ހުޅުވާފައި ހުރި ފިނިފެންމާ ވިއްކާ ފިހާރައަކަށް ޝެލީ ދެމިގަތެވެ. އެތެރެއަށް ވަދެފައި ސިއްރުން ބޭރު ބަލައިލިއެވެ. އެއްފަރާތުގައި ކާރު ބާއްވާފައި އިކާން ނުކުމެ ކާރުގެ ދޮރުފަތުގައި ލެނގިލައިގެން ހުއްޓެވެ. އިކާން ހުރިގޮތުން ޝެލީއަށް ހީވީ އޭނާ ނުކުންނަން ދެން މަޑުކޮށްލައިގެން ހުރި ހެންނެވެ. އިކާންގެ ފައިން ފެށިގެން ބޮލާ ހަމައަށް ޝެލީ ބަލައިލިއެވެ. ދުވަހަކުވެސް އޭނާ ދެކުނު މީހެއް ނޫނެވެ. ދެން ހިތަށް އެރި އެއްޗަކުން ޝެލީ ހަމަޖެހުމުގެ ނޭވައެއް ލައިފިއެވެ. ނިމާނަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެވެ. ރާއްޖޭގައި ދިރިއުޅޭތާ ވިހި އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. އެވާނީ ނިމާންގެ ފަރާތުން ޝެލީ އެނގޭތީ ފަހަތުން އަޅުވާލައިގެން އުޅޭ މީހެއް ކަމަށެވެ.

"ފަހަރެއްގަ ބައްޕަގެ ވާހަކައެއް ދައްކަން އުޅޭ މީހެއް ކަމުގައިވެސް ވެދާނެ" ޝެލީ އަމިއްލަ ހިތާ ވާހަކަދައްކާލިއެވެ. އެހެންނަމަވެސް އޭނާއަށް ފިހާރައިން ނުކުންނަން ނުކެރުނެވެ. ދެން ދަބަހުގައި އޮތް ފޯނު ނަގާފައި ގުޅީ ނިމާނަށެވެ. އޭނާ ގެއަށް ނުދެވިގެން ފިހާރައެއްގައި މަޑުކޮށްލައިގެން ހުރި ވާހަކަ ބުންޏެވެ. އެއްޗެއް ނުގަތަސް ނިމާން އަންނަންދެން ޝެލީ ފިހާރައިގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭރުވެސް ބޭރުގައި އިކާން ހުއްޓެވެ. ދެން ފެނުނީ ފިހާރައާ ދިމާލަށް އިކާން ހިނގައިގަތް މަންޒަރެވެ. މޭގައި އަތް އަޅާފައި ޝެލީ ފަރާތް ފަރާތް ހޯދައިލިއެވެ. މާބޮޑު ފިހާރައެއް ނޫނެވެ. ފިލަން ވަންނާނެ ތަނެއްވެސް ނެތެވެ. އޭނާއަށް އެނގޭ ކަމަކީ އިކާން ފިހާރައަށް ވަންނަން އެ އަންނަނީ އޭނާ ހޯދަން ކަމެވެ. ނޭނގެނީ އިކާންގެ ނިޔަތެވެ. ފިކުރެއްގައި ހުރި ޝެލީ ކުއްލިއަކަށް ސިހުނީ އަތު ތެރޭގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ބަލައިލިއިރު ގުޅަނީ ނިމާންކަން އެނގިގެން ޝެލީ އަވަހަށް ފޯނު ނަގައިފިއެވެ.

ނިމާން ބޭރުގައި އިން ވާހަކަ ރަނގަޅަށް ނުބުނަނީސް ޝެލީ ދޮރާ ދިމާލަށް ދިޔައެވެ. ދޮރުން ނުކުންނަން ދިޔަ ވަގުތު އެތެރެއަށް ވަން އިކާންގެ ގައިގައި ޝެލީ އަޅައިގަތެވެ. އަރައިގެން ހުރި އުސް ބޫޓުގެ ކަށި ބެލެންސް ނުކުރެވި ޝެލީ ވެއްޓެންދިޔަ ވަގުތު ހިފެހެއްޓީ އިކާނެވެ. ކައިރިން ޝެލީ ފެނުނު ވަގުތު އިކާން ތަލިން ކުޅު ހިކުނެވެ. މުށި ކުލައިގެ ކަޅިއެއް ލިބިފައިވާ ޝެލީގެ ރީތިކަމުގެ ޖާދޫގައި އިކާން މުޅިން ހައްޔަރުވިއެވެ. ޝެލީ އަވަސް އަވަހަށް އިކާންގެ އަތު ތެރެއިން ދެމިގަތެވެ. މައާފަށް އެދިފައި މަގުމައްޗަށް ނުކުތެވެ. ސައިކަލުގައި އިން ނިމާން ފެނުމާއެކު އެ ދިމާލަށް ޝެލީއަށް ދެވުނީ ކުޑަކޮށް ދުވެލައިފައެވެ.

"ކާކު އެއީ؟" ސައިކަލަށް ޝެލީ އަރައި ހަމަޖެހިލުމާއެކު ކުރިއަށް ދުއްވާލާފައި ނިމާން އެހިއެވެ. ޝެލީގެ ފަހަތުން ފިހާރައިން ނުކުމެގެން ވަކި ހިސާބަކަށް އައި އިކާން ނިމާނަށް ފެނުނެވެ. ޝެލީގެ ދެލޮލުން ސިހުމާއި ކަންބޮޑުވުން ވެސް ނިމާން ދުއްޓެވެ.

"ޝެލީ ދަރިފުޅު ރައްޓެއްސެއްތަ؟" އަނެއްކާވެސް ނިމާން އެހިއެވެ.

"ބައްޕަގެ ރައްޓެއްސެއް ކަމަށް ހީކުރީ"

"އެނ؟ ބައްޕަ އަދި އަލަށް މިދެކުނީ. ދަރިފުޅު ފަހަތުން ފިހާރައިން ނުކުތީ"

"ނޭނގެ ކާކު ކަމެއް. ހީކުރީ ބައްޕަ ދަންނާތީ އަޅުގަނޑު ފަހަތުން އައި މީހެއް ކަމަށް" ޝެލީ ބުންޏެވެ. ދެން އިވުނީ ނިމާންގެ ހިނިގަނޑެއް ޖަހާލި އަޑެވެ. އޭނާއަށް ވިސްނިއްޖެއެވެ. އިކާނަކީ ކާކުކަން ނޭނގުނަސް ޝެލީގެ ފަހަތުން އެވަރުގެ ޒުވާން ފިރިހެނަކު އުޅޭނީ ކީއްވެގެން ކަން ނިމާނަށް އެނގުނެވެ. ކޮންމެ ގޮތެއްވިޔަސް އެއީ ހިފެހެއްޓޭނެ ކަމެއް ނޫނެވެ. ޝެލީ އަކީ ޒުވާން އަންހެން ކުއްޖެކެވެ. ގުދުރަތުން ރީތިކަމާއި ސާދާކަން ދެއްވާފައިވާ ލޫޅާފަތި އަންހެން ކުއްޖެކެވެ. ޝެލީގެ ހުރި ދޮންކަމަކީ ނިމާންގެ މަންމަގެ ދޮން ކަމެވެ. ސިފައިގެ ގޮތުން އަލްމާޝްއާ ވައްތަރުގޮތެއް ހުއްޓަސް ޝެލީ އެންމެ އެއްގޮތީ ނިމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ މޯނާއާއެވެ.

******

މަޣްރބް ނަމާދަށް ދިޔުމަށް ވުޟޫކޮށްގެން ނިމާން ނިކުތްއިރު އަލްމާޝް އެނދުގައި އިނެވެ. ހިއްކައިގެން ވެއްދި އަންނައުނުތައް ފަތްޖެހުމުގައި އަލްމާޝް އުޅުނެވެ. ތުވާލިން މޫނު އަދި ބޮލުގެ އިސްތަށިގަނޑު ފޮހެމުން ނިމާން އައިސް އެނދުގައި އިށީނެވެ. ޝެލީގެ ފަރާތުން ހަވީރު ދިމާވި ހާދިސާ ހިނި އައިސްފައި އިނދެ ނިމާން އަލްމާޝްއަށް ކިޔައިދިނެވެ. އަލްމާޝްއަށް ހެވިއްޖެއެވެ.

"މާން ވެއްޖެއެއްނު ޝެލީއަށް ކާރު ދުއްވަން ދަސްކޮށްދޭން" ހިނިއައިސްފައި އިން އަލްމާޝް ބުންޏެވެ.

"މިއަދު ބުނިން. ބުނި ދަސްކުރާނަމޭ" ނިމާން ބުންޏެވެ.

"މިކީ އާ އެ މަސައްކަތް ހަވާލުކުރާ ވާހަކަ ބުނާއިރަށް ރޮއެގަނެއްޖެ. ހެހެހެ...." ނިމާނަށް ހެވުނެވެ. "ބުނެފި މިކީ އާއެކު ދުއްވަން ދަސްކުރަން ބިރުގަނެއޭ. ބައްޕަ ދަސްކޮށްދޭށޭ"

"ދެން އުޅެންވީނުން އެކަމާ. އަންހެން ކުދިން ފަހަތުން ފިރިހެނުން އުޅޭނެ. އެއީ ނުހުއްޓުވޭނެ ކަމެއް" އަލްމާޝް ބުންޏެވެ. ފަތް ޖަހާފައި ހުރި ހެދުންތައް އަލަމާރިއަށް އަޅާފައި އައިސް ނިމާންގެ ކައިރީގައި އަލްމާޝް އިށީނެވެ.

"ހަނދާން އެބަހުރިތަ؟ ޝެލީ އުމުރުން އަށް އަހަރުގައި ޝެލީގެ ނަން ބަދަލުކުރަން ޖެހުނީ ކީއްވެގެންކަން. އަހަރެމެން ދެމަފިރިން ލޯބިން މާޝަލް ކިއީމަ އެނަން ޝެލީ ބޮޑުވަމުން އައިރު ކަމުނުދިޔަ. ކީކޭ އެއްދުވަހު ސްކޫލުން އައިސްފަ ބުނީ. މާޝްމެލޯއެކޯ ތިމަންނައަކީ. ހިނިއަރާނޭ. ކްލާސް ކުއްޖެއް ބުންޏޭ މާޝްމެލޯ ފަހަތުން ބައިވަރު ބޯއީސް ދުވާނޭ. ސަލާމަތެއްވެސް ނުވާނޭ. އަވަހަށް އެހެން ނަމެއް ކިޔާށޭ. ބޮޑުވީމަ އެއްވެސް ކުއްޖެއް މަންމިވެސް ބައްޕިވެސް ނުކިޔާނޭ" މާޒީގެ ތެރެއިން ދުވަސްވަރެއް އަލްމާޝް ހަނދާންވިއެވެ. އެއީ މާޝަލްގެ ނަން ޝެލީއަށް ބަދަލުވެގެންދިޔަ ގޮތެވެ. 'މާޝަލް' އެ ނަމާ މެދު ހިތްހަމަނުޖެހުނީ ޝެލީ އެވެ. އެންމެފަހުން ޝެލީ ހުއްޓާލީ އެ ނަން ބަދަލުކުރުމުންނެވެ.

******

ކައިގެން ކޮޓަރިއަށް ވަންގޮތަށް އިކާން އެނދުމައްޗަށް ވެއްޓިގަތެވެ. ޝެލީ ފެނުނު ފަހުން އިކާނަށް ރަނގަޅަށް އެއްވެސް ކަމެއް ނުކުރެވެއެވެ. ފިހާރައިން ނުކުންނަން އައި ވަގުތު ޝެލީ ވެއްޓެންދިޔަ ގޮތާއި އޭނާގެ އަތުތެރޭގައި ޝެލީ އޮތް ގޮތް އިކާނަށް ސިފަވަމުން ދިޔައެވެ. އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލިގޮތަށް އިކާނަށް ހެވުނެވެ. މާލޭގައި މަޑުކޮށްގެން ހިތްހަމަޖެހޭ ކަހަލަ ކަމެއް ވީތާއޭ އިކާންގެ ހިތަށް އެރިއެވެ.

"އެކަމަކު ކޮން ނަމެއްބާ އެ ގާލްއަށް ކިޔަނީ؟" އިކާން އަމިއްލަ ހިތާ ސުވާލު ކުރިއެވެ. "ކޮން ފިރިހެނެއްގެ ސައިކަލް ފަހަތުންބާ އެ ދިޔައީ. އަނެއްކާ އެ ގާލްގެ ބީއެފްތަ؟ އެކަމަކު ހިއެއް ނުވޭ" އެނދުގައި އުއްޑުން އޮތް އިކާން ވާހަކަދެއްކިއެވެ.

"ޝީޒް ޑިފަރެންޓް. ޔުނީކް.... " ޝެލީގެ އެންމެ ފުރަތަމަ ފެނިލުމާއެކު އިކާންގެ ހިތް މޮޔަވެއްޖެއެވެ. ދެން އޭނާ ކިޔާލީ ލޯބީގެ އިނގިރޭސި ލަވައެއްގެ ތަންކޮޅެކެވެ.

******

ނިދަން އެނދަށް އެރުމުގެ ކުރިން އަލަމާރި އާއި ފާރާ ދެމެދަށް ލައްވާލާފައި ހުރި ބޮޑު ފޮޓޯ ފްރޭމް ލަކްޔަން ދަމާލިއެވެ. ޑްރެސިން ޓޭބަލް މަތީގައި ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ދަމާލުމަށްފަހު ފްރޭމްގެ ވަށައިގެން ސާފުކޮށްލިއެވެ. މާލެ އައިފަހުން އެ ބޮޑު ފްރޭމް އޭނާ ގެންގުޅެނީ ފޮރުވައިގެންނެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ލޮލުގައި އެ ފްރޭމް އަޅައިގަންނަން ލަކްޔަން ބޭނުމެއް ނުވެއެވެ. އެހެންކަމުން އެ ފޮޓޯ ބޭރަށް ނެރެލަނީ ކޮންމެ ރެއަކު އޭނާ ނިދާ ވަގުތުގައެވެ. ފޮޓޯ ސާފުކޮށްލާފައި ރީއްޗަށް ފާރުގައި ލައްގާލާފައި ދެން ކޮޓަރީގެ ލައިޓުތައް ޖެއްސިއެވެ. ދެން އައިސް އިށީނީ އެނދުގައެވެ. ފޮޓޯއަށް ކުރިމަތިލައިގެން އިނީ ހިތްހަމަޖެހެންދެން އެ ފޮޓޯއަށް ބަލައިލުމަށެވެ. އޭނާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައީ އޭނާއަށް ވެސް ނޭނގިއެވެ.

"މާޝް ..." ވައި އަޑުން ލަކްޔަންގެ ހިތުގެ ގޮވުމުގެ އަޑު އިވިލިއެވެ. ދެން އޭނާގެ ތުންފަތަށް ވޭނީ ހިނިތުންވުމެއް ވެރިވިއެވެ. ފޮޓޯ ކައިރިއަށް ގޮސް އަލްމާޝްގެ މޫނުގައި ފިރުމާލިއެވެ.

"މި މާލޭގައި މާޝް އުޅޭނެ ދޯ. އަހަރެމެން އަދި ބައްދަލުވާނެތަ؟ އަހަރެން ފެނުނީމަ މާޝްއަށް އެނގޭނެތަ؟ އަހަރެންނާ ވާހަކަ ދައްކާނަންތަ؟ އަދިވެސް މާޝް ހަމަ އެހާ ލޯބިކޮށްތަ ހުންނަނީ؟" ލަކްޔަންގެ ހިތަށް އެއްފަހަރާ އެތައް ސުވާލެއް އެރިއެވެ. ދެން މޮޔައެއްހެން ހީލައިފިއެވެ.

******

ކޮންމެ ރެއަކު ނިދުމުގެ ކުރިން އައްބާސަށް ބޭސްދިނުމަށް އެ ކޮޓަރިއަށް ޝިއުރާ ވަދެއެވެ. އެހެން ރޭތަކާ ހިލާފަށް އެނދުގައި ފިކުރެއްގައި އިން އައްބާސް ފެނިފައި ޝިއުރާ ކަންބޮޑުވިއެވެ. ބޭސްގުޅަ ކަނޑާލާފައި ޝިއުރާ އައްބާސަށް ގޮވައިލިއެވެ.

"ބައްޕާ" އައްބާސަށް ހިލަމެއް ނުވުމުން ޝިއުރާ، އައްބާސްގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެއާއެކު ފިކުރުތަކުގެ ދުނިޔެއިން އައްބާސް ނުކުމެ ޝިއުރާއަށް ބަލައިލިއެވެ.

"ދަރިފުޅުތަ؟. ބޭސް ކާންވީ ގަޑި ޖެހުނީދޯ" އައްބާސް ބުންޏެވެ. ޝިއުރާ ދިއްކޮށްލި ބޭސްގުޅަ އާއެކު ފެންތަށި ބޯލާފައި ހުސް ތަށި އައްބާސް ޝިއުރާ އަތަށް ދިނެވެ. ކޮޓަރިން ނުކުތުމުގެ ހިޔާލު ދޫކޮށްލާފައި ޝިއުރާ އައްބާސްގެ ގާތުގައި އިށީނެވެ.

"މިރޭ ހީވޭ ބައްޕަ ކަމަކާ ވިސްނާހެން" މަޑުމައިތިރިކަމާއެކު ޝިއުރާ އެހިއެވެ.

"ވިސްނޭނެތާ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ދިރިއުޅުން ނިންމާލަން އެ އުޅެނީ އެގޮތަށް ހުސްހަށިބައިކޮށް ހުރެ. ބައްޕައަށް އެނޫން ކަމަކާ ފިކުރު ނުކުރެވޭ" އައްބާސް، އޭނާގެ ކަންބޮޑުންވުން ގުޅިފައިވާ ސަބަބު ހާމަކުރިއެވެ.

"އަސްލު ކީއްވެތަ ލަކީ ކޮސްކޮށް އެހެން އުޅެނީ. ބައްޕައަށް އެއްވެސް އެއްޗެއް އެނގޭތަ ލަކީ ކޮއްކޮގެ،" ޝިއުރާ އެހިއެވެ. ލަކްޔަންގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަން އެނގެން ޝިއުރާވެސް ބޭނުމެވެ. ދިރިއުޅުމުގެ ބޮޑު ބައެއް ލަކްޔަންއާ ދުރުގައި އުޅެން ޖެހުމުން އެއްވެސް ކަމެއް ޝިއުރާއަށް ނޭނގެއެވެ. އަހައިގެންވެސް ލަކްޔަންގެ ފަރާތުން އެއްވެސް ޖަވާބެއް ހޯދިފައެއް ނެތެވެ.

"ބައްޕައަށް އެނގޭ މީގެ އަހަރުތަކެއް ކުރިން އެސޮރު އަންހެން ކުއްޖަކު ދެކެ ވަރަށް ލޯބިވިކަން. ކުއްލިއަކަށް ވީކަމެއްވީ" އައްބާސް ވާހަކަދެއްކިއެވެ. "ހިތަށް އަރާ މި ބައްޕަ ދުނިޔޭގައި އެ ސޮރު މީހަކާ ގުޅޭނެ ތަން ފެންނާނެބާއޭ" އައްބާސް ބުންޏެވެ.

"ބައްޕަ ދެން އެވަރަށް ނުވިސްނާ. ކޮންމެ ކަމަކަށްވެސް އެންމެ ރަނގަޅު ވަގުތެއް އޮންނާނެ. އަހަރެން ލަކީއާ ވާހަކަދައްކާނަން" ޝިއުރާ ބުންޏެވެ.

******

އޮފީސްތެރެއިން ޝެލީއާ އެންމެ ގުޅޭ ކުއްޖަކަށް ހުރީ އިމާއެވެ. ދެކުދިންގެ ތެރޭގައި މާބޮޑު އެކުވެރިކަމެއް ނެތަސް ސަމާސާކޮށް ހަދައެވެ. އެހެން ދުވަސްތަކަށް ވުރެ ކުރިން ޝެލީ އޮފީހަށް އައިއިރު ޖަމާލު ނޫނީ އެއްވެސް މީހަކު ނެތެވެ. ޝެލީ، އޭނާގެ ކެބިންއާ ދިމާލަށް ދިޔައިރު މޭޒުގައި ބޯއަޅައިގެން އިން އީމާ ފެނި ދެބުމަ ގޮށްޖެހުނެވެ. އަނެއްކާ އީމާއަށް ކިހިނެއްވީބާއެވެ؟ އަތުކުރީގައި އޮތް ގަޑިއަށް ޝެލީ ބަލައިލިއެވެ. އިރުކޮޅަކުން އޮފީހަށް މީހުން އަންނަން ފަށާނެއެވެ. އެގޮތަށް އީމާ އޮންނަ ތަން ފެނިއްޖިއްޔާ ފާޑުފާޑުގެ ވާހަކަތައް ދައްކާނެއެވެ. ޝެލީ އެތެރެއަށް ވަނުމުގެ ބަދަލުގައި އީމާގެ މޭޒު ކައިރިއަށް ގޮސް މަޑުޖެހިލިއެވެ. މަޑުމަޑުން އީމާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. އީމާ ގޮނޑިއާއެކު ދުރަށް ޖެހުނީ ސިހިފައެވެ. ހީވީ އަތްލައިގެން ނުވާނެ މީހަކު އޭނާގެ ގައިގައި އަތްލިހެންނެވެ.

"އީމް. ޔޫ އޯކޭ؟" ޝެލީ އެހިއެވެ. އީމާގެ ދެލޮލުން ވަރުބަލިކާމާ ރަތްކަމެއް ޝެލީއަށް ފެނުނެވެ.

"އޯކޭ. މާކުރިން އާދެވުނީމަ އޮތީ" ހަމަޖެހިލާފައި އީމާ ބުންޏެވެ. އޭނާ ގޮނޑި މޭޒާ ކައިރިކޮށްލާފައި އިސްތަށިގަނޑު ރީތިކޮށްލިއެވެ. ހުރިހާ ކަމެއް ރަނގަޅު ނޫންކަން ޝެލީއަށް އެނގުނެވެ. އެކަމަކުވެސް އީމާއާ އިތުރަށް ސުވާލުނުކޮށް އޭނާ މޭޒާ ދިމާލަށް ދާން ހިނގައިގަތެވެ. އެކަމަކު ފެނުނު މަންޒަރަކުން ހީވީ ބިންމަތީގައި ޝެލީގެ ފިޔަވަޅު ތަތްވި ހެންނެވެ. އީމާއަކީ ބުރުގާ އަޅާ ކުއްޖެއް ނޫނެވެ. އާންމުކޮށް އޮފީހަށް އައުމަށް އީމާ ލައި އުޅެނީ އަތްކުރު ގަމީސްކޮޅާ ސްކިނީއެވެ. ކޮނޑަށް ވުރެ ތިރިއަށް އޮންނަ ފަން އިސްތަށިކޮޅު އާންމުކޮށް އޮންނަނީ ހުޅިއެއް ޖަހާލާފައި ފަންސުރަކުން ހައްޔަރުކޮށްފައެވެ. އެއް ކަންފަތް ކައިރިން ނުފޯރާ އިސްތަށިކޮޅެއް ވެއްޓިފައި އޮންނައިރު ކަރުގައި ރިހިކުލައިގެ ހިމަ ފަށެއް ފެންނަން އޮވެއެވެ. އެހެންނަމަވެސް މިއަދު އީމާ ލައިގެން އިން ހެދުމުގެ ކަރު ބޮޑުއިރު މޭމައްޗާ ދިމާލުން ރަތް ތަންގަނޑެއް ޝެލީއަށް ފެނުނެވެ. އީމާއަކީ މީހަކާ އިނދެގެން އުޅޭ ކުއްޖެއް ނޫނެވެ. ޝެލީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީމާ މާލޭގައި ހުންނަނީ ވަޒީފާއަށް ދާ ކުދިން ބައިތިއްބާ ގެއެއްގައެވެ. އޮފީސްތެރޭގައި އުޅޭ އުޅުމުގައި އީމާ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމެއްވެސް ފާހަގައެއް ނުވެއެވެ. ވީއިރު އެފަދަ ފާހަގައެއް އީމާގެ ހަށިގަނޑުން ފެނުމުން ޝެލީ ހައިރާންވިއެވެ.

"އީމާ،" ޝެލީއަށް އީމާއަށް ގޮވައިލެވުނެވެ. އީމާގެ ހަށިގަނޑުން ޝެލީއަށް ފެނުނު މަންޒަރު އެހެން މީހަކަށް ފެންނަން ޝެލީ ނޭދެއެވެ. އެއީ ވަކި އީމާއަށް ވީމައެއް ނޫނެވެ. ކޮންމެ މީހަކީވެސް އިހުތިރާމް ލިބެންޖެހޭ މީހެކެވެ.

"ހިނގާބަ ޓޮއިލެޓަށް" އީމާ ބަލައިލުމާއެކު ޝެލީ ބުންޏެވެ. ހައިރާންވެފައި ތެދުވެގެން ޝެލީ ފަހަތުން އީމާ ހިނގައިގަތެވެ. އޭރު އޮފީސް ތެރެއަށް މީހުން ވަންނަން ފަށައިފިއެވެ.

******

ހެނދުނުގެ ސަޔަށްފަހު އާދައިގެ މަތިން ސިޔާ އިށީނީ ލެޕްޓޮޕް ހިފައިގެންނެވެ. ފަތިހު ހިނގަން ގޮސްފައި އައިގޮތަށް ސައިބޮއެގެން އައްބާސް ކޮޓަރިން ނުނިކުމެއެވެ. ކޮޓަރިން ތައްޔާރުވެގެން ނުކުމެ އިން ލަކްޔަން ފެނުމުން ބަދިގޭގައި އުޅުނު ސަމީރާ ހީލައިފިއެވެ. އޭނާ އުޅުނީ މެންދުރު ލޫހް ސްކޫލަށް ގެންދަންވާއިރަށް ބަދިގެ ނިންމާށެވެ.

"ކިހިނެއްވެފަ ތި އިންނަނީ ނުގޮސް" ޝިއުރާ އެހިއެވެ.

"އިއްކު ނުކުންނަންދެން. ރޭގަ ބުނި ކޮންމެ ދުވަހަކު އޮފީހަށް ދާން ބޭނުންވާ ވާހަކަ. ނޭނގެ ކީއްވެގެން ކަމެއް" ލަކްޔަން ބުންޏެވެ.

"އިކާން ކޮފީތަށި ބޮއެގެން މަޑެއްނުވެ ނުކުމެއްޖެ. ވަރަށް ހެދިލައިގެން ހުރީ" ޝިއުރާ ބުންޏެވެ. ލަކްޔަންއަށް ގަބޫލެއް ނުކުރެވުނެވެ. އެހާ ހެނދުނާ އިކާން ދާނެ ތަނެއް ނޯންނާނެއެވެ.

"ވަޓް؟ އެހެންވެ ދޯ ސައިމޭޒުން މި ނުފެނުނީ. ދައްތައަށް އެނގޭތަ ކާކާ އެކުކަން ދިޔައީ" ލަކްޔަން އެހިއެވެ.

"ޅިޔަނު ކޮފީ ބޮއެގެން ނުކުންނަނިކޮށް އޭނަ ފަހަތުން ނުކުތީ. ވެދާނެ އިއްކު ބުނި ތަނަކަށް ގެންގޮސްދިނީ ކަމަށް" ޝިއުރާ ބުންޏެވެ.

ލަކްޔަން ނުކުމެ ލިފްޓުގައި ހުރިއިރުވެސް ވިސްނެނީ އިކާނާ މެދުގައެވެ. އިކާން ޝައުގުވެރިވާ ކޮންމެވެސް ކަމެއް ވެއްޖެކަން ޔަގީނެވެ. އެހެން ނޫނީ މާލެ ދެކެ ފޫހިވާ މީހަކު ނުކުމެގެން ދާން އޮންނާނީ ކޮންތަނެއް ހެއްޔެވެ؟ އަދި އެވެސް މާލޭގެ މަގުތައް މާބޮޑަށް ނޭނގޭ އިރުގައެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ލަކްޔަން އިކާންގެ ނަންބަރަށް ގުޅިއެވެ.

******

"މަށަށް އޭރުވެސް ހީވި އީމް ކަމެއް ސިއްރުކުރަނީއޭ" މޫނު ދޮންނަ ތަށީގައި އަތް އަޅުވައިގެން ހުރި އީމާގެ ކޮނޑުގައި ޝެލީ އަތް އެޅުވިއެވެ. ޝެލީ ހީކުރިގޮތަށް އީމާއާ މެދު ކަންތައްވެފައި ވަނީ ދެރަކޮށެވެ. ޖިންސީ އަނިޔާތަކުގެ ކަނޑެއްގައި އީމާ އެދަނީ ގެނބެމުންނެވެ.

"ރިޕޯޓުކުރަންވީނުން" ޝެލީ ބުންޏެވެ. އެއީ އޭނާއަށް ވިސްނުނު އެންމެ ރަނގަޅުގޮތެވެ. ކޮންމެގޮތެއް ވިޔަސް އެހާލުގައި އީމާ ދޫކޮށްލަން ޝެލީގެ ހިތް އެއްބަހެއް ނުވިއެވެ.

"ޝެލީ ސްޓޮޕް ކްރައިން" އީމާގެ ދެލޯ ކައިރި ފޮހެދެމުން ޝެލީ ބުންޏެވެ.

******

ވަދެގެން އައި ސާޖިދަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ ޝެލީގެ މޭޒާ ދިމާލަށެވެ. އޭނާގެ ދުވަސް ފެށުމަށް ބޭނުންވާ ހަކަތައަކީ ޝެލީގެ ސޫރައެވެ. އެހެންނަމަވެސް އެސޫރަ އޭނާއަށް ނުފެނުނެވެ. މީހަކު ކައިރީގައި އަހަން އުޅެފައި އެ ހިޔާލު ދޫކޮށްލީ މޭޒުމަތީގައި އޮތް ޝެލީގެ މޯބައިލް ފޯނު ފެނިފައެވެ.

"އަންހެންވެރިން ވާ މިއީ ބައެއް. ފާހާނާއަށް ދާންޖެހޭނީ އެއްކޮށް. ޝޮޕިންއަށް ދާންޖެހެނީ އެއްކޮށް. ނުވިތާކަށް އޮފީސް ގަޑީގައި ކާން ދާންޖެހޭނީވެސް އެއްކޮށް" ހުޝާމް މަޖާ ރާގެއްގައި ވާހަކަދެއްކިއެވެ. އޭނާ އެ ބަސްތަކުން ދިމާކުރީ ޝެލީ އާއި އީމާ ފާހާނާއަށް ދިޔަތަން ފެނިފައެވެ.

"ފާޑުފާޑަށް އަހަރެމެންނާ ދިމާނުކުރޭ އިނގޭ" އަޝްފާ ބުންޏެވެ.

ހެނދުނުގެ ސަޔަށް އިންސާފު ކުރުމުގެ ކުރިން އޮފީސް ތެރޭގައި ކޮންމެވެސް ކަމަކާ ގުޅުވައިގެން ބަހުސް ނުކުރެވޭ ދުވަހެއް ނުދެއެވެ. ހުރިހާ އެކުވެރިންގެ މަސައްކަތުގެ އެޖެންޑާ ފެށިގެންދަނީ އެކަހަލަ ގޮތަކަށެވެ. ކުއްލިއަކަށް ހުރިހާ މީހުންގެ ލޮލުގައި އަޅައިގަތީ ފާހާނައިން ނުކުމެގެން އައި އީމާ އާއި ޝެލީއެވެ. ޝެލީ، ސާޖިދަށް ހިނިތުންވުމެއް ދިނެވެ. ލޮލުގެ އިޝާރާތުން ސާޖިދު، ޝެލީއާ ވާހަކަދެއްކިއެވެ. ވީކީއްތޯ އެހީކަން ޝެލީއަށް އެނގުނެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން ޝެލީއަށް ޖަވާބެއް ނުދެވުނެވެ.

ދެކުދިން ގޮސް މާޖިދުގެ ކެބިންއަށް ވަނެވެ. ޝެލީ އާއި އީމާ އެކަކު އަނެކަކަށް ތަފާތު ނަޒަރެއްދިނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެއޭ ހުޝާމް ބުންޏެވެ. އީމާގެ ދެލޮލުން އުދާހެއް ހުޝާމަށް ފެނުނެވެ. ބުނަން ނުކެރުނަސް އީމާއަކީ އަބަދުވެސް ހުޝާމަށް ހާއްސަ ކުއްޖެކެވެ.

******

މިކްޔަންގެ ކޯލު ލިބުމާއެކު ނުކުންނަންވީކަން ޝެލީއަށް އެނގުނެވެ. އޭނާ ދުރުގައި އިން އީމާއަށް ބަލައިލާފައި ދާންވީއޭ ބުނެލިއެވެ. ދަބަހާއި ފޯނު ހިފައިގެން ޝެލީގެ ފަހަތުން އީމާ ހިނގައިގަތެވެ.

"އެއީ އަހަރެމެންގެ ޝެލީ ރަނގަޅު ތަންކޮޅަކީ" އަޝްފާ ބުންޏެވެ.

"އަސްލުވެސް. އަމިއްލަ މީހާ ބަލިވެ އުޅޭއިރުވެސް އޮފީހަށް އަންނާނެ. އެކަމަކު އޮފީސް ތެރެއިން މީހަކު ބަލިވިއްޔާ އެމީހަކު ގެއަށް ރެސްޓުކުރަން ފޮނުވާނުލައި އެއްކަމެއްވެސް ނުކުރާނެ" އިތުރު ކުއްޖަކު ބުންޏެވެ. ވީނުވީއެއް ޝެލީގެ ފަރާތުން ނޭނގޭތީ ސާޖިދު ހިމޭނުން އިނެވެ. ސައިބޯށޭ ކިޔާފައި ސާޖިދު އެހާ އަވަހަށް ނިކުތްއިރު ޝެލީ ފެންނަން ނެތެވެ. ޝެލީގެ ފޯނަށް ގުޅަން އުޅެފައިވެސް އެ ހިޔާލު ދޫކޮށްލީ އީމާ ކައިރީގައި އިންދައި ޝެލީ ފޯނަށް ޖަވާބު ނުދޭނެކަން އެނގޭތީއެވެ. މާޔޫސްކަމާއެކު އޮފީހަށް ވަންނަން އުޅެނިކޮށް ފޯނަށް މެސެޖެއް އައި އަޑު އިވިގެން ބަލައިލިއެވެ.

"ސޮރީ ލަވް. އީމް ގޮވައިގެން މިއައީ ޝެލީގެ ގެއަށް. ލޯންގް ސްޓޯރީ. ފަހުން ކިޔައިދޭނަން. މަންމައާ އީމް ހަވާލުކޮށްފައި ދާނަން އޮފީހަށް. ޓިލް ދެން ވެއިޓް.... ލަވް ޔޫ" ޝެލީ ގެ މެސެޖު ކިޔާލުމާއެކު ސާޖިދު މޫނުމަތި އުޖާލާ ވެއްޖެއެވެ.

ކުރިމަތީގައި އިން އީމާއަށް އަލްމާޝް ވަރަށް ފަރުވާތެރިވެ ބަލައިލިއެވެ. އިސްކޮޅުން ކުރު ރީތި ކުއްޖެކެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ކޮންމެވެސް ހިތާމައަކާ ހިތްދަތިކަމެއް ތަހައްމަލު ކުރަމުންގެންދާކަން މޫނުމަތިން ހެކިދެއެވެ.

"މަންމާ. އީމް މިގޭގައި މިއަދު ބަހައްޓާނަން އިނގޭ" އަލްމާޝްގެ ކޮނޑުގައި ދެއަތުން ވަށާލާފައި ޝެލީ ބުންޏެވެ. ޝެލީގެ މޫނުގައި ފިރުމާލާފައި އަލްމާޝް ބޯޖަހާލިއެވެ.

"ރެސްޓްކުރޭ އިނގޭ. އޮފީސް ނިންމާފަ އައިސް ދެން އެހެން ކަމެއް ކުރާނީ" ޝެލީ ދަމުން އީމާގެ އަތުގައި ހިފާލިއެވެ. ޝެލީއަށް އީމާ ބަލައިލީ ޝުކުރުވެރިވާ ހާލުގައެވެ.

މަގުމައްޗަށް ނުކުތުމާއެކު ޝެލީއަށް ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. އެ ޒުވާނާ ޝެލީ ފަހަތުން ގެއާ ހަމައަށް އައީ އޭ ހިތާ އިންތިހާއަށް ކަންބޮޑުވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟