ތިންވަނަ ބައި
"ވެއިޓް ވެއިޓް..." އެކޮޅުން ފޯނުގައި ހުރި ސާޖިދު ކެތްތެރިކަން ކުޑަ ރާގެއްގައި ބުންޏެވެ. ކަންފަތާ ފޯނު ދުރުކޮށްލާފައި ވެސް ހީލަމުން އަނެއްކާ ފޯނު ކަންފަތުގައި ޖައްސައިފިއެވެ.
"ބޭއްވުމުގެ ކުރިން ހަދިޔާއެއްދީ" ސާޖިދު ބުންޏެވެ. އޭނާ އަޑުގައިވީ ލާނެއް ކަމެވެ.
"ދެން... ޖޭޑީ.... ފަހުން. ބައި" ރަކިވެފައި ހުރި ޝެލީ ފޯނު ކަނޑާލާފައި ކޮޓަރިން ނުކުތެވެ.
ފަޒްނާއަށް ތަށި ކައިރިކޮށްލަދީފައި އަލްމާޝް ޖެހިލީ ފިރިހެން ދަރިފުޅު ކައިރިއަށެވެ. މިކާލްގެ ތައްޓަށް ރޮށި ފިލުވައިދީފައި ރިހަ އަޅައިދިނެވެ. ވިހި އަހަރަށް ވުރެ ގިނަވިއިރު މިކާލް އަމިއްލަ އަތުން މޮޑެގެން ކެއި ދުވަހެއް ހަނދާނެއްވެސް ނެތެވެ. އަލްމާޝް ގޭގައި ނެތިއްޔާ މިކާލްއަށް ކާއެއްޗެހި މޮޑެދެނީ ފަޒްނާއެވެ.
"މީހަކާ އިންނަ އުމުރަށް ދިޔައިރުވެސް މިކީއަށް އަމިއްލައަށް ބަތް މޮޑެން ނޭނގޭ. މަންމަވެސް މިކީ މާ ޅަކޮށްގެން ވިއްޔާ ގެންގުޅެނީ" ނިމާންގެ ވައަތް ފަރާތުގައި އިން ޝެލީ ބުނެލިއެވެ. އެހެން ބުނިއިރު ޝެލީގެ ތައްޓަށް ލުނބޯ ހުތް ޖަހަން އިނީ ނިމާނެވެ. އެމަންޒަރު ފެނުމުން ސަކަރާތް ބޮޑު މިކާލް ހިނިގަނޑެއް ޖަހާލައިފިއެވެ.
"ފޮޓޯ ލާނީ ދޮންތަގެ އޮފީސް ގުރޫޕަށް" އެމަންޒަރުގެ ފޮޓޮއެއް ނަގާފައި މިކާލް ބުންޏެވެ. ޝެލީ ދެލޯ އަޅާލާފައި ނިމާން ކައިރީގައި ޝަކުވާކޮށްލިއެވެ. ދެކުދިންގެ ކޯޅުންގަނޑު ފެނި ބޮޑެތި މީހުން ތިބީ ހެވިފައެވެ.
*****
ކަރަންޓް ކެނޑުނުފަހުން އިރުކޮޅެއް ވެއްޖެއެވެ. ފާނޫޒްގެ ތެރެއިން ފާޅުވާން ހުރި އަލިކޮޅަށް ބަލަހައްޓައިގެން އިން ސާޖިދަށް ސިހުމެއް ލިބުނީ މޭޒުމަތީގައި ތަށި ބެހެއްޓި އަޑަށެވެ. ބަލައިލިއިރު ރޭގަނޑުގެ ކެއުން ސަމީރާ މޭޒު މައްޗަށް އަރުވަމުން ދިޔައެވެ. ސާޖިދު ގޮނޑިން ތެދުވިއެވެ. އަސާގެ އެހީގައި ސަމީރާ ހުރިހާ ކަމެއް ކުރަން އޭނާއަށް ދޫކޮށެއް ނުލެވުނެވެ. ސަމީރާ އަތުގައި ހިފައިގެން އައިސް ގޮނޑީގައި ބައިންދައިފިއެވެ. އަސާގަނޑު ލައްގާލީ ސަމީރާ އިން ގޮނޑި އާ ޖެހިގެން އިން ގޮނޑީގައެވެ. ހިނިތުންވެފައި ސަމީރާ ސާޖިދަށް ބަލަހައްޓައިގެން އިނެވެ. ލައިގެން ހުރި ވިލު ނޫކުލައިގެ އަތްދިގު ގަމީހުގެ އަތުކުރި އޮޅާލާފައި އޭނާ ވަނީ ބަދިގެއަށެވެ. ސިމެންތި ނުޖަހާ އެޅި ގަލުން ރާނާފައި ހުރި ބަދިގޭ ދޮރުން އެތެރެއަށް ސާޖިދު ވަނީ ކުޑަކޮށް ގުދުވެގެންނެވެ. ބަދިގޭ ދޮރުގެ ދާރައަށް ވުރެ ސާޖިދު އިސްކޮޅުން ދިގެވެ.
"އަސާ ގެންގުޅެނީ މަންމައަށް ނުހިނގޭތީއެއް ނޫނޭ" ދެ ތައްޓަށް ބަތް އަޅައިގެން އައިސް މޭޒުމަތީގައި ސާޖިދު ބެހެއްޓި ވަގުތު ސަމީރާ ބުންޏެވެ.
"އެނގެޔޭ" ސާޖިދު ބުންޏެވެ. "އެބަ އަންނަން"
މޭޒުމަތީގައި ހުރި ގަރުދަޔި ތަށިން ސާޖިދަށް ވީ ބަތްތަށި މޮޑެން ސަމީރާ ފެށިއެވެ. ދެން އޭނާ ތަށި ކައިރީގައި ސަމްސަލެއް ބޭއްވިއެވެ. ކުޑަ ބޯތައްޓެއް ހިފައިގެން ސާޖިދު ބަދިގެއިން ނުކުތީ އެވަގުތުއެވެ.
"އަހަރެންނަށް ފޮޅިކޮށްފައި ހުރި މިރުސް. މަންމައަށް ތެލުލި މިރުހެއް" ސާޖިދު ބުންޏެވެ. ސަމީރާއަށް ހެވުނެވެ. ކައިރީގައި ސާޖިދު އިށީނުމާއެކު ސާޖިދު ލައިގެން އިން ގަމީހުގެ ކޮނޑާ ދިމާލުން ހިފަހައްޓާލާފައި ނޭފަތާ ކައިރިކޮށް ސަމީރާ ވަސް ބަލައިލިއެވެ.
"މިހެންވެގެނޭ ސާޖިދު ކައިރީގައި މަންމަ ބުނަނީ ބަދިގެއަށް ނުވަންނާށޭ. މިހާރު އެދުވަނީ ކާއެއްޗެހި ވަސް" ސަމީރާ ބުންޏެވެ.
"ރަނގަޅުވާނެ. މި ދޮންނަންވީއޭ ދެން" ސާޖިދު ބުންޏެވެ.
"މިއަދު ދޮންބެ ގުޅި. ބުނި މެންދުރު މަންމައަށް ގުޅީމަ ފޯނެއް ނުނަގައޭ" ސާޖިދު ބުންޏެވެ.
"މަންމައަށް ނިދިފަ އޮތް ގަޑި އެއީ. ފަހުން އެ ބޭރު ނަންބަރަށް ގުޅަން މަންމައަށް ނޭނގުނު" ސަމީރާ ބުންޏެވެ. "ކީކޭ ދޮންބެ ކިއީ"
"އަބަދުވެސް އެއްވާހަކައެއް. ދޮޅު އަހަރު ފަހުންނޯ ދެވޭނީ. އެތާ ހުންނަން ބޭނުންނުވެޔޯ. މަންމަ ކައިރިއަށް އަންނާށޯ ބޭނުންވަނީ" ސާޖިދު ބުންޏެވެ. ސަމީރާއަށް ހެވުނެވެ. މިފަހަކަށް އައިސް އަބަދުވެސް ގުޅައިފިއްޔާ ސާހިލްގެ ވާހަކަތައް ހުންނަނީ އެހެންނެވެ.
ކައި ނިމިގެން ދެމައިން އެއްކޮށް ބަދިގެ އިން ނުކުތްއިރު އެގެއަށް އައިސް އުޅުނު ސްޓެލްކޯ މީހުން ނުކުމެއްޖެއެވެ. ސާޖިދު ފުން ނޭވައެއް ލިއެވެ.
"މިރޭ ދެން ކަރަންޓް ދާނެހެން ހިއެއް ނުވޭ" ސަމީރާ ކޮޓަރިއަށް ވަންނަން ދެން ބަލަން ހުރެފައި ސާޖިދު ބުންޏެވެ. އޭނާ ކޮޓަރިއަށް ވަނީ ކާ މޭޒު މަތީގައި ދިއްލާފައި ހުރި ފާނޫޒް ނިވާލައިފައެވެ.
*****
ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. ދައްކާނީ ތަފާތު ކުލަވަރެވެ. އިއްޔެ މުޅި ދުނިޔެ އޮތީ ރަތް އަވިން ދިއްލާލައިފައެވެ. މިއަދު ކަޅު ވިލާތަކުން އުޑުމަތި ބައްދާލާފައި ހުރިއިރު ވާރޭ ކޮންމެ ގަޑިއަކުވެސް ވެހިގަނެދާނެއެވެ. މަޑުމަޑުން ބާރުވަމުން އަންނަ ވައިން މޫސުން ރަނގަޅު ނޫންކަން ދޭހަކޮށްދެއެވެ.
ވައި ޖެހެމުން އަންނަ ގޮތުން ވާރޭ ވެހިގަނެއްޖެނަމަ ގޭތެރެ ތެންމާލާނެތީ ކޮޓަރީގައި ހުރި ޝިއުރާ ނުކުތީ ކުޑަދޮރުތައް ލައްޕާށެވެ. އޭރު ބޮޑުތިކި ވާރޭގެ އަސަރު ބިމަށް ފޯރައިފިއެވެ. ސޯފާއަށް ވެއްޓިގަނެގެން ފޯނާ ކުޅެން އޮން އިކާނަށް ބަލައިލާފައި ޝިއުރާއަށް ހެވުނެވެ. މާލެ އައިފަހުން އަބަދުވެސް އިކާންގެ ކަމަކީ އެއީއެވެ. ދާނެ ތަނެއް ނެތި އަބަދު އޮންނަނީ ސޯފާއަށް ވެއްޓިގަނެފައެވެ. ހުރިހާ ދޮރުތަކެއް ލައްޕާފައި ޝިއުރާ އެނބުރުނުއިރު ވިއްސާރައިގެ ސަބަބުން ގޭތެރެ ފެންނަނީ އަނދިރިކޮށެވެ. އެހެންކަމުން ލައިޓްތައް ޖައްސާފައި އައިސް އިކާން ކައިރީގައި އިށީނެވެ. ހިނިއައިސްފައި އެއްފައި ސޯފާ މައްޗަށް އަރުވާފައި ކުޝަން ގެނެސް އުނގަށް ލިއެވެ.
"ކިހިނެއްވެފަ؟" ޝިއުރާ އެހިއެވެ. "ކޮބާ ސިޔާ؟"
"އެބައިން އެއްޗެއް ލިޔަން" ސޯފާގައި ހަށިގަނޑު ސީދާކޮށްލަމުން އިކާން ބުންޏެވެ.
"ފޫހިވެފަ ދޯ. ކަމަކުނުދޭ ދޯ މިތަން" ހިނިއައިސްފައި ޝިއުރާ އެހިއެވެ.
"ވަރަށް ފޫހި. އެކުވެރިއެއްވެސް ހުރި ތަނެއް ނޫން. ކާރު ދުއްވާލަން ނުކުންނަން ބައްޕަ އެއްބަހެއްނުވި. އަހަރެން މޮޔަވެއްޖެ" އިކާން ބުންޏެވެ. ލައިގެން ހުރި ޖީންސްގެ ކުރިމަތީ ޖީބަށް ފޯނު ކޮށްޕާލާފައި ޝިއުރާގެ އުނގުގައި ބޯއަޅައިގެން ދިގަށް އިކާން އޮށޯތެވެ.
"އިއްކު ޖޮބަށް ނުކުންނަންވީނުން" ޝިއުރާ ބުންޏެވެ.
"ކޮންތާކަށް؟ މި ރާއްޖޭގައި ހުރޭތަ ވަޒީފާ" ފޫހި ގޮތަކަށް އިކާން އެހިއެވެ.
"ބައިވަރު. ކިޔަވައިގެން ހުރިއްޔާ އެއީ ހޯދަން އުނދަގު އެއްޗެއް ނޫން. މިޒަމާނުގައި ކަރުދާސްކޮޅެއް އޮތިއްޔާ ވަޒީރުކަން ވެސް ލިބިދާނެ" ޝިއުރާ ބުންޏެވެ.
"ޗި. ރާއްޖޭގެ ޕޮލިޓިކްސް. އައި ޑޯންޓް ލައިކް. އެހެންނޫނަސް ފަރަށްދާން ޖެހުނަސް އިއްޒަތްތެރިއެއްގެ އަތްދަށުވާކަށް ނުދާނަން" އިކާން ބުންޏެވެ.
އެހިސާބުން ކޮޓަރިން ލަކްޔަން ނުކުތެވެ. ޝިއުރާގެ އުނގުގައި އިކާން ބޯ އަޅައިގެން އޮތް ގޮތް ފެނިފައި ލަކްޔަންއަށް ހެވުނެވެ. އިކާން ފޫހިވެގެން އެހެން އުޅޭނެކަން މާކުރިންވެސް އޭނާއަށް އެނގެއެވެ.
"ކޮފީއެއް ގެނެސްދޭންވީ ދޯ" ލަކްޔަން ފެނުމުން ޝިއުރާ އެހިއެވެ. ލަކްޔައް ދެފަރާތަށް ބޯހޫރާލާފައި ކޮފީ ހަދާނީ އޭނާ އަމިއްލައަށޭ ބުނެފައި ބަދިގެ އާ ދިމާލަށް ހިނގައިގަތެވެ. އިރުކޮޅަކުން ދެކޮފީ ތަށި ހިފައިގެން އައިސް އެއް ތަށި ދިއްކޮށްލީ އިކާނަށެވެ.
"ސީރިޔަސްލީ ބައްޕާ" އިކާން ބުންޏެވެ. ކޮފީތަށީގައި ކިރިޔާ ތުންފަތް ޖެހިލާއިރަށް ލަކްޔަން އިކާނަށް ބަލައިލިއެވެ.
"މީތަ ދެން ކޮންމެ ދުވަހެއްވެސް އެޖެންޑާ އޮތް ގޮތަކީ. ނިދާ ހޭލައިގެން ކޮފީ ބޮއެގެން ހެނދުނު ސައި ބޮއެގެން މެންދުރު ކައިގެން ހަވީރު ސައި ބޮއެގެން ރޭގަނޑު ކައިގެން އެވީ އަނެއްކާ އެނދަށް އަރަން" އިކާން ވާހަކަދެއްކި ގޮތުން ލަކްޔަންއަށް ހެވުނެވެ. ޝިއުރާއަށް ވެސް ހެވުނެވެ.
"މާދަމާ ހިނގާ ބައްޕަ އާއެކު އޮފީހަށް ނުކުމެލަން. ވިޔަފާރިއަކީ ސަހުލާގެވެސް ހިއްސާ އޮތް ވިޔަފާރިއެއް. ސަހުލާ ދުނިޔޭގައި ނެތަސް ދަރިފުޅުމެން ދެކުދިން ވާނެ ސަހުލާގެ ދިރިހުރި ނިޝާނަށް. އެހެންވީމަ މަންމަގެ ވިޔަފާރި ތެރެއަށް ވަނުމަކުން ގޯހެއް ނެތެއްނު" ލަކްޔަން ބުންޏެވެ.
ސަހުލާއަކީ އައްބާސް ގެ ހަގު ދަރިއެވެ. ސަހުލާއަކީ މުޅި ރާއްޖެއަށް މަޝްހޫރު އޮޕަރޭޝަން ޑޮކްޓަރެކެވެ. އަތޮޅު ތެރެއަށް ކުރި ދަތުރެއްގެ ތެރެއިން ދިމާވި މައުރޫފުއާ ލޯބިވެގެން މާލެ އައިސް އެގުޅުން ކައިވެންޏަކާ ހަމައަށް ގެނައެވެ. ސިންގަޕޯގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމަފިރިން ނިޔާވިއިރު ސިޔާއަށް އަހަރު ނުވެއެވެ. އޭގެފަހުން ސިޔާ އާއި އިކާން އޮސްޓްރޭލިޔާއަށް ބަދަލުކޮށް އެދެކުދިންގެ ހުރިހާ ކަމެއް ބެލެހެއްޓީ ލަކްޔަންއެވެ.
"ތިވަރަށްވެސް ބައްޕަ ކުރިން ނުބުނޭ ވިއްޔާ. ބައިދަ ވޭ. މާދަމާ ކިހާ އިރަކުން ދާނީ" އިކާން އެހިއެވެ.
ދުވަހުގެ ބާކީ އޮތް ވަގުތުތަކުން ވަގުތެއްގައި ލަކްޔަން ސިރާޖަށް ގުޅިއެވެ. އަންހެނުން ޒުމްރާގެ ކިޔެވުން ފުރިހަމަ ކުރުމަށް ސިރާޖް ހުރީ ކެނެޑާގައެވެ. ސިރާޖާއި ޒުމްރާގެ ފިރިހެން ދަރިފުޅު ރާވީ އަކީ އިކާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ސިރާޖްގެ ކިބައިން ލަކްޔަން ކަމަކު އެދުނެވެ. ޒުމްރާގެ ކިޔެވުން ނިމުނުހާ އަވަހަކަށް މާލެ އައުމަށް އެދުނެވެ. އެކުވެރިޔާ އާ ހިއްސާކުރުމަށް ވަރަށް ބައިވަރު ވާހަކަ އޮތް ކަމަށް ބުންޏެވެ.
*****
ފަތިހާ ބަދިގެއަށް ވަންގޮތަށް އަލްމާޝްގެ އަތްމަތި ވަރަށް އަވަސްކޮށްލިއެވެ. ނިމާން މިއަދު އޮތީ ހެނދުނު ޑިއުޓީއެވެ. ހެނދުނު އަށެއް ޖަހަންވާއިރަށް ނިމާން ގެއިން ފޮނުވާލަން ޖެހެއެވެ. ދެން އޮތީ ޝެލީއެވެ. ނުވައެއް ޖަހާއިރަކީ ޝެލީ އޮފީހަށް ދާންޖެހޭ ގަޑިއެވެ. މިކާލް ނުވަގަޑި ސާޅީސް ފަހަކަށް ފޮނުވާލަން ޖެހެއެވެ. އެހެންކަމުން އެންމެ ހެނދުނުގެ ވަގުތަކީ އަލްމާޝް އެންމެ ބުރަ ވަގުތެވެ.
"މިއަދު އޮތީ ވަރަށް ބޮޑު ސާޖަރީއެއް" އަލްމާޝްގެ ކޯތާފަތުގައި ލޯތްބާއެކު ފިރުމާލާފައި ނިމާން ބުންޏެވެ.
"ކާމިޔާބު ދެއްވާށި" އެ އަތުގައި އަލްމާޝް ހިފާލިއެވެ. ހުސް ޖޯޑު ނިމާން ދިނުމާއެކު އަލްމާޝް ހިފައިފިއެވެ. ދެން އެނދުމަތީގައި އޮތް ލެޕްޓޮޕް ނަގާފައި ނިމާން އަތަށް ދިނެވެ. އަލްމާޝްގެ ނިތް ކުރިއަށް ބޮސްދީފައި ނިމާން ނުކުންނަން ހިނގައިގަތެވެ. ފަހަތުން ނިމާންގެ ބެގީ ރީތިކުރަމުން އަލްމާޝް ދޮރާ ހަމައަށް އައެވެ.
އިހަށް މަޑުކޮށްބަލަ" ސިޓިންރޫމު ދޮރުން ނިމާން ނުކުތް ވަގުތު އަލްމާޝް ބުންޏެވެ. ނިމާން ބަލައިލުމާއެކު އަލްމާޝް ހިނިތުންވެލިއެވެ.
"ގުޑް ލަކް" އަލްމާޝް ބުންޏެވެ. ނިމާން ހީލާފައި ހިނގައިގަތެވެ. ދަގަނޑު ގޭޓުން ނިމާން ނުކުންނަންދެން އަލްމާޝް ބަލަހައްޓައިގެން ހުއްޓެވެ.
ދެން އޭނާ އަވަސްވެގަތީ ޝެލީ ތެދުވެގެން އުޅޭތޯ ބެލުމަށެވެ. އެކޮޓަރިއަށް ވަންއިރު ލޯގަނޑު ކުރިމަތީގައި ހުރެ ޝެލީ ތައްޔާރުވަމުން ދިޔައެވެ. އަލްމާޝް ހިނިތުންވެލާފައި ނުކުތްއިރު ފަޒްނާ ބަދިގެ ކައިރީގައި ހުއްޓެވެ. އަލްމާޝް ފެނުމާއެކު ފަޒްނާ ގޮވައި ގެނެސް ކައިރީގައި ބަހައްޓައިފިއެވެ.
"ކޮންކަމަކާ ތި ދުވަނީ. އަދި ނޫޅެޔޭ ފްލައިޓް ނައްޓާލާކަށް. އަދި ޕަސިންޖަރުން ހަމައެއް ނުވެއެއްނު" މަޖާ ރާގެއްގައި ފަޒްނާ ބުންޏެވެ. ލައިނުގަނެގެން އަލްމާޝް އުޅޭ މަންޒަރުން ފެނުމުން ފަޒްނާ އަބަދުވެސް ބުނާ ޖުމްލައަކީ އެއީއެވެ. އަލްމާޝްއަށް ހެވުނީ އެހެންވެއެވެ.
"ތިހާ ހާސްނުވެބަލަ. މަންމަ މިހިރީނު. މަންމަގެ އަތް ފައި އަދި ހެލެއޭ" ފަޒްނާ ބުންޏެވެ.
"އަޅުގަނޑު މިދަނީ ބަދިގެއަށް. ޕާން ޓޯސްޓްނުކޮށް ހުރިއްޔާ މިކީއަށް ކަމަކުނުދާނެ. މަންމަ ދާންވީނުން މިކީ ނަގަން. ފަތިސްނަމާދަށް ފަހު ނުނިދާށޭ ބުންޏަސް އެދަރި އެބަހެއް ނާހާނެ" އަލްމާޝް ބުންޏެވެ.
"ހޭވައްލާ ތައްޔާރު. އެއީ މާމަގެ ބެސްޓީއެއްނު. މާމަ ބުނިއްޔާ ބެސްޓީ ކޮންމެ ކަމެއްވެސް ކުރާނެ" ހިނގައިގަތް އަލްމާޝްއަށް ފަޒްނާގެ އެބަސްތައް އަޑު އިވުނެވެ. އޭނާއަށް ހެވުނީ ފަޒްނާ ކުރިއަށް ހިނގައިގަތް ގޮތުންނެވެ.
ދަރިންގެ ނާސްތާ ތައްޔާރުކުރަމުން ދިޔަ އަލްމާޝްގެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ. މިއަދު އޭނާ އުފާކުރެއެވެ. ހެއްދެވިފަރާތުން އޭނާއަށް ދެއްވާފައި އާއިލާއަކީ އަގުބޮޑު ނިއުމަތެކެވެ. އެކަކު އަނެކަކާ އޮތް ގުޅުން ނުލާހިކު ރަނގަޅެވެ. އަލްމާޝްގެ މާޒީގައި ހިނގާފައިވާ އެއްވެސް ކަމެއް އެއިން އެއްވެސް ކުއްޖަކާ ބޮޑު އެއްވެސް މީހަކު ހިއްސާނުކުރެއެވެ. އެހެނީ ނިމާނަކީ މެލޭޝިޔާއަށް އުފަން ރައްޔިތަކަށްވެފައި ނިމާންގެ މަންމަ އާއި ކޮއްކޮ ބައެއްގެ ރަހުމުކުޑަ އަނިޔާތަކެއްގެ ސަބަބުން ދުނިޔެ ދޫކޮށްފައިވާކަން އެއިން އެއްވެސް ކުއްޖަކަށް ނާންގަން މަނިކު ދުނިޔޭގައި އަލްމާޝް އާއި ނިމާނަށް ވަނީ އަންގާފައެވެ. އެއީ އާއިލާ ބަޔަކަށް އެކުދިންގެ ހިތުގައި ނަފުރަތުގެ ހުޅުރޯކުރަން ބޭނުން ނުވާތީއެވެ. މަނިކު ބޭނުންވަނީ ޝެލީ އާއި މިކާލް ބޮޑުވެގެން އަންނައިރު އެދެކުދިންގެ ހިތުގައި ވަށައިގެން ދިރިއުޅޭ ހުރިހާ މީހުންނާ މެދު ލޯބި އުފެދޭށެވެ. އެކަން އަލްމާޝް ކާމިޔާބުވެސް ކުރިއެވެ.
*****
ޗާންސް އޮންލައިން މީޑިޔާ އަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހަބަރާއި މައުލޫމާތު ފަތުރާ މީޑިޔާއެވެ. އުމުރުން މާގިނަ ދުވަހެއްނުވާ ޗާންސް އޮންލައިންގެ ޗެއާޕާސަން މާޖިދަކީ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މުވައްޒަފުންގެ ހައްގުތައް ހޯދަން މަސައްކަތްކުރާ ހިތްހެޔޮ ވެރިއެކެވެ. ޗާންސް އޮންލައިން ހިންގާ އިމާރާތަކީ ތިން ބުރީގެ ބޮޑު އިމާރާތެކެވެ. މާލޭގެ ހިތްފަސޭހަ ހިސާބެއްގައި ހުރި މި އިމާރާތުގެ އެންމެ މަތި ހާއްސަކޮށްފައިވަނީ ނިއުސްރޫމަށާއި ވީޑިޔޯ ގްރަފީގެ އެންމެހާ މަސައްކަތްތައް ކުރުމަށެވެ. ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ޗާންސް އޮންލައިންގެ ޓީވީ ޗެނަލް ލޯންޗުކުރަން އުޅޭތީ އެކަމަށް ހާއްސަކޮށްގެންނެވެ. ތަނަވަސް ބޮޑު އެ ބައިގައި ބޮޑު ސްޓޫޑިޔޯއެއްގެ އިތުރުން އޮފީސް ބަޔަކާ މުވައްޒަފުންނަށް ބޭނުންވާ އެހެނިހެން ބައިތައް ހިމެނެއެވެ. އެންމެ ތިރި ހާއްސަކޮށްފައި ހުންނަނީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ބޭނުންވާ ދަރިވަރުންނަށް އެކަމާ ގުޅޭ ތަމްރީނުތައް ދިނުމަށެވެ. މިހާރުވެސް ޖުމްލަ 22 ދަރިވަރުން އެތަނުން އަންނަނީ އުނގެނެމުންނެވެ.
ޓައިޕްކުރަމުން ދިޔަ ޝެލީގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އޮފީސް ތެރޭގައި ހުރިހާ މީހުން ހަމައަށް ތިބި ވަގުތެކެވެ. ތަނަށް ވެރިވެފައި އޮތް ހަމަހިމޭން ކަމުގައި ފޯނުން ވާހަކަދައްކަން ޝެލީ ފަސްޖެހުނެވެ. އެއީ އަބަދުވެސް ޝެލީ ލަދުގަންނަ ކަމެކެވެ. އެއްވެސް މީހަކު ޝެލީއަށް މާބޮޑު ސަމާލުކަމެއް ދިނުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ.
"ކޮބާތަ ސާޖިދު؟ ދެންމެ އިން މިތާ" ޒިޔާދު އެހިއެވެ.
"ސިނގިރެޓެއް ބޯން ނުކުތީ ކަންނޭނގެ" އަޝްފާ ބުންޏެވެ.
"ނޫން. ޖޭޑީ ސްމޯކެއް ނުކުރާނެ" ޝެލީ ބުންޏެވެ. ބުނެވުނު އެއްޗަކާ މެދު އޭނާއަށް ވިސްނާލެވުނީ ދުލުން ބޭރުވި ފަހުންނެވެ. އެންމެންގެ ސަމާލުކަން ލިބިދާނެކަމަށް އަވަހަށް އެބަސްތަކުގެ މިސްރާބު އެހެން ދިމާލަކަށް ޝެލީ ބަދަލުކޮށްލިއެވެ.
"މިހެން މިބުނީ އެންމެން އެއްކޮށް ކޮފީތަކަށް ދާއިރުވެސް ޒިޔާމެން ސްމޯކް ކުރާއިރު ޖޭޑީ ގެ އެކަހަލަ މަންޒަރެއް ނުފެނޭ" ޝެލީ ބުންޏެވެ.
"ޝެލީ އިޒް ރައިޓް. ކީއްކުރަންތަ ޖޭޑީ ތިހޯދަނީ. އެސޮރުވެސް ހުންނާނެ ދޯ އަމިއްލަ ކަންތައްތައް" އީމާ ބުންޏެވެ.
"ހުޅުމާލޭ ސްކޫލެއްގައި މިއަދު އޮތް އިވެންޓެއް ކަވާ ކުރަން ދާންޖެހޭ. މާޖިދު ސާ ބުނެފައި އިނީ މަށާއި ޖޭޑީ އާ ދާށޭ" ޒިޔާދު ބުންޏެވެ.
އެންމެން ވާހަކައިގެ ތެރޭގައި ތިބި ވަގުތު ޝެލީ ފޯނު ނެގިއެވެ. ސާޖިދަށް މެސެޖެއް ލިޔެލާފައި ފޮނުވާލިއެވެ. ސަމީރާގެ މުހިންމު ބޭހެއް ނަގަން ޖެހިގެން ސާޖިދު ދިޔަކަން އެނގެނީ ޝެލީއަށް އެކަންޏެވެ. އެހެނީ ރަސްމީ ގަޑީގައި އަމިއްލަ ކަންތައްތަކުގައި މުވައްޒަފުން ބޭރަށް ނުކުތުން އެތަނުގައި އެއީ މައްސަލައެއް ނޫނެވެ.
"މިއޮށް އައީނު. އަވަހަށް ރެޑީވޭ" އެތެރެއަށް ވަން ސާޖިދު ފެނުމާއެކު ޒިޔާދު ބުންޏެވެ. އަވަސް އަވަހަށް ޝެލީގެ ކަޅި ސާޖިދަށް ދަތުރުކޮށްލިއެވެ. އެހިނދު ޝެލީ ހީލާފައި މަސައްކަތަށް ނަޒަރު ހުއްޓާލިއެވެ.
ކެމެރާތަކާއި ބޭނުންވާ ހުރިހާ ސާމާނުތަކެއް ހިފައިގެން ސާޖިދާއި ޒިޔާދާ ނުކުންނަން ހިނގައިގަތެވެ. ޝެލީގެ އަޑު އަހާނުލައި ދާން ބޭނުންނުވެފައި ހުރި ކަހަލަ ގޮތަކަށް ސާޖިދުގެ އަމަލުތައް ހުއްޓެވެ. ފާޅުގައި ޝެލީގެ ކުރިމަތީގައި އިށީނދެފައި ވާހަކަދައްކަންވެސް ނުކެރުނެވެ.
"ކިހާ އިރަކު މިއަދު މީޓިން އޮތީ. ވީކް ނިމޭ މީޓިންގައި ހުރިހާ މީހުން ބައިވެރިވާންޖެހޭއެއްނު" ސާޖިދު އެހިއެވެ.
"މީޓިން ކަންތަކުގައި އުޅެނީ ޝެލީ" އަޝްފާ ބުންޏެވެ.
"ތިދެމީހުން އައިމަ މީޓިން ކުރިއަށް ގެންދަން ހަމަޖެހިފަ އޮތީ" ޝެލީ ބުންޏެވެ. ޝެލީގެ އަޑު ކަންފަތުގައި ޖެހުމާއެކު ސާޖިދު ހީލައިފިއެވެ. މޭގައި އަތް ހިންގާލެވުނީ ހިތަށް ވީ އަރާމަކުންނެވެ.
*****
"ކުޑާއްތަ ކޮންތާކަށް ތިއައީ މި ފުށްގަނޑު ގޮވައިގެން" ޓެކްސީގައި އިން ޝިއުރާ އަށް ސިޔާ އަހާލިއެވެ. ޝިއުރާގެ އުނގުގައި ބައިންދާފައި އިން ކޮށީގައި ފުށްގަނޑެއް ކަހަލަ ހުސް ހުދު ކުލައިގެ ކުޑަ މުސަޅެއް އިނެވެ.
"ކުޑާއްތައަށް މިއަދު ބުނެވިފައި އޮތީ ލޫ ސްކޫލު ނިމެންވާއިރަށް ރެބީ ޑޮކްޓަރަށް ދައްކާނަމޭ. އެހެންވެ ހިފައިގެން މިއައީ" ޝިއުރާ ބުންޏެވެ. ލޫހަށް ފާރޫގް ގެނެސްދިން ކުޑަ މުސަޅަށް ލޫހް ދިން ނަމަކީ ރެބީއެވެ.
"މިއީ އެތަން. ލޫ ކްލާސް ކުއްޖެއްގެ ޕޭރެންޓެއް ބުނީ މިއީ ވަރަށް ރަނގަޅު ޑޮކްޓަރެއް އިންނަ ތަނެކޭ" ޓެކްސީ އިން ފައިބަމުން ޝިއުރާ ބުންޏެވެ. ޝިއުރާ އާއި ސިޔާ ކްލިނިކަށް ވަންނަން ހިނގައިގަތުމާއެކު ފާރޫގް ޓެކްސީ ދުއްވާލީ ނިންމާފައި ދަމުން ގުޅާށޭ ބުނެފައެވެ.
ޖަނަވާރުންނަށް ފަރުވާ ދޭ އެ ކްލިނިކްގައި އޭރުވެސް ދެ ޖީންސުގެ ޒުވާނުން ތިއްބެވެ. ބުޅަލާއި ދޫނި ފަދަ އެއްޗެހި ހިފައިގެން ގޮސް ކިޔޫގައެވެ. މުޅި ހަޔާތުގައި ވެސް ސިޔާއަށް އަލަށް ފެންނަ މަންޒަރަކަށް ވާތީ އޭނާ ދިޔައީ ވަށައިގެން ހުރިހާ ދިމާލެއް ބަލަމުންނެވެ. ޖަނަވާރުން ދެކެ އެއްވެސް ވަރަކަށް ޖެހިލުމެއްނުވާ ސިޔާ އޭއްޗިއްސާ އިރުކޮޅަކާ ސަމާސާ ކޮށްލައެވެ.
ޑޮކްޓަރު ބަލާ ކޮޓަރިން އިރުކޮޅަކުން ނުކުތް ފިރިހެންކުއްޖާ ފެނިފައި އެހެން ދިމާލަކަށް ކަޅި ޖަހައިލަންވެސް ސިޔާއަށް ނޭނގުނެވެ. ފަން އިސްތަށިގަނޑެއްގެ ވެރި އެ ހިމަ ދިގު ޒުވާނާގެ ބޭރަށް ނުކުމެފައި އިން ލަގޮނޑި ޒުވާނާ ވާހަކަދައްކަމުން ދާވަރަކަށް ތެޅިލާ ގޮތް ސިޔާއަށް ވަރަށް ކަމުދިޔައެވެ.
"އެއީ ޑޮކްޓަރަކީ" ސިޔާގެ އަތުގައި ކޮއްޓާލާފައި ޝިއުރާ ބުންޏެވެ. އަނެއްކާވެސް ސިޔާގެ ނަޒަރު ހުއްޓުނީ ޒުވާނާގެ މޫނަށެވެ. އިރުކޮޅަކުން ޑޮކްޓަރު އިންނަ ރޫމަށް އެ ޒުވާނާ ވަދެފިއެވެ. ނަންބަރު ޖެހުމާއެކު ޝިއުރާ ހިނގައިގަނެއްޖެއެވެ. ފަހަތުން ސިޔާ ދިޔައީ ހަމައެކަނި ޒުވާނާ ދުށުމުގެ ބޭނުމުގައެވެ. އުމުރުން އަށާރަ އަހަރު ވިއިރު ދުވަހަކުވެސް އޭނާއަށް ކަމުދިޔަ އެއްވެސް ފިރިހެނެއް ދުނިޔޭގެ އެއްވެސް ތަނަކުން ފެނިފައެއް ނެތެވެ. އެކަމަކު މި ޒުވާނާ ސިޔާގެ ހިތާ އެންމެ ފުރަތަމަ ފެނިލުމާއެކުވެސް ކުޅެލައިފިއެވެ.
ޝިއުރާ ގެންގުޅުނު މުސަޅާ ލޯބިކޮށް އޭގެއަށް ފަރުވާ ދެމުން ޒުވާނާ ދިޔައިރު އެމަންޒަރުތައް ސިޔާގެ ފޯނުގައި ރައްކާކުރަމުން ދިޔައެވެ. ޒުވާނާއަށް އެކަން އެނގުނަސް އަޅައެއް ނުލައެވެ. އެހެނީ އޭނާގެ އެފަދަ މަސައްކަތްތައް އެއީ ގިނަމީހުން ބަލައިގަނެފައިވާ މަސައްކަތްތަކެކެވެ.
"ހަފުތާއެއް ވަންދެން މިބޭސްދީފަ ދައްކާލަންވާނެ" ޝިއުރާ އަތަށް ބޭސް ސިޓީ ދީފައި ޒުވާނާ ބުންޏެވެ. ސިޔާގެ ތަފާތު ނަޒަރު ޒުވާނާގެ ލޮލުގައި އަޅައިގަތީ ޑޮކްޓަރުގެ ކޮޓަރިން ސިޔާ ނުކުންނަން އުޅުނު ވަގުތުގައެވެ. ސިޔާއަށް ޒުވާނާ ދިނީ ހިނިތުންވުމެކެވެ. އެހިނދު ދެފައި ވާގި ގޮސް އެތަނަށް ސިޔާ ނުވެއްޓުނީ ކިރިޔާއެވެ.
"ސިޔާ" ކުއްލިއަކަށް ސިޔާއަށް ހައިރާންކަމެއް ލިބުނީ އޭނާގެ ނަމުން ޒުވާނާ ގޮވައިލުމުންނެވެ. ސިޔާ އެނބުރި ފަހަތް ބަލައިލި ވަގުތު ޒުވާނާ އަތް ހޫރާލިއެވެ. އެކަން ވީ ސިޔާއަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ. ނަން އެނގުނު ގޮތް ސިޔާއަށް އެނގުނީ ގެއަށް ދިޔުމަށް ޓެކްސީގައި އިންދައެވެ. އޭނާގެ ފޯނުގެ ކަވަރުގެ ފަހަތުގައި ބޮޑު އަކުރުން ނަން ލިޔެލާފައި އިނެވެ. ޒުވާނާގެ ލޮލުގައި އެތަން އަޅައިގަތީކަން ސިޔާއަށް ޔަގީންވިއެވެ.
ލަކްޔަން ކައިރީގައި ރޮއެގެން ކާރު ނަގައިގެން އިކާން މަގުމައްޗަށް ނުކުތެވެ. ހަވީރުގެ ވަގުތަކީ މާލޭގެ މަގުމަތި އެންމެ ހަލަބޮލިކޮށް ފެންނަ ވަގުތެވެ. އޭނާ ބޭރަށް ނުކުމެލީ ފޫހިވާތީ ތަންތަން ބަލައިލުމުގެ ބޭނުމުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ލަނބާލާފައި އަމީނީ މަގުން ކުރިއަށް ގޮސް ދެން އޭނާ އެޅީ އެ އާއިލާގެ އޮފީސް ހުންނަ މަގަށެވެ. ލަކްޔަންގެ އޮފީހާ ޗާންސް އޮންލައިން އިމާރާތް ހުންނަނީ ޖެހިހެހިގެންނެވެ. އެހިސާބާ އަރާ ހަމަވެފައި ކުއްލިއަކަށް ކާރުގެ ދުވެލި މަޑުކޮށްލީ ޗާންސް އޮންލައިން އިމާރާތުން ނުކުތް އަންހެންކުއްޖާ ފެނިފައެވެ. މާލޭގައި ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާއަށް ކަމުދާ ކަހަލަ އެއްވެސް މީހެއްވެސް އަދި އެއްވެސް މަންޒަރެއްވެސް ފެނިފައެއް ނެތެވެ. އެހެންމަވެސް ޑަސްޓީ ޕިންކް ކުލައިގެ ދަބަހުގެ ރިހިކުލައިގެ ޗޭނުކޮޅެއް ކަހަލަ ވާގަނޑުގައި ހިފަހައްޓާލައިގެން އިމާރާތުގެ ކުރިމަތީގައި އޮފީސް ހެދުމުގައި ހުރި އަންހެންކުއްޖާއަށް އިކާނަށް ބަލަހައްޓައިގެން ހުރެވުނެވެ. ދުވަހަކުވެސް އެފަދަ ތަފާތު ރީތިކަމެއް އިކާނަށް ފެނިފައެއް ނެތެވެ. ޝެލީ މަޑުކޮށްގެން ހުރި ފަޅި ނޫން އަނެއް ފަޅީގައި ކާރުގައި އިން އިކާން ކާރުގެ ބިއްލޫރިގަނޑު ކަހާލިއެވެ. އެހިނދު ޝެލީގެ ނަޒަރު އިކާނަށް ހުއްޓިއްޖެއެވެ.
(ނުނިމޭ)