ވާހަކަ

މޮޔަކޮށްލި މާ - 02

ދެވަނަ ބައި

**** ސަމާލުކަމަށް ****

މިވާހަކައިގެ ފުރަތަމަ އެޕިސޯޑުގައި ޝެލީގެ މާމަގެ ބައި އަދާކުރާ ކެރެކްޓާއަށް "ޒާހިދާ" މި ނަން ބޭނުންކުރެވިފައި ވަނީ އޮޅުމަކުންނެވެ. މީގެފަހުން ބޭނުންކުރާނީ މިވާހަކައިގެ ސީޒަން އެކެއްގައިވެސް ބޭނުންކޮށްފައިވާ ނަން "ފަޒްނާ" އެވެ. އަދި މި އެޕިސޯޑުން ފެށިގެން ޝެލީގެ ކޮއްކޮ "މިކްޔަން" މި ނަން "މިކާލް" އަށް ވަނީ ބަދަލުކުރެވިފައެވެ. މިގޮތަށް މި ނިންމީ ވާހަކައިގެ ތެރެއިން އެއްގޮތް ނަންތަކެއް ހުރުމުން ކިޔުންތެރިންނަށް އޮޅުންއަރާ ގޮތް ވެދާނެކަމަށްޓަކައެވެ.

********

މޭޒުމަތީގައި އޮތް ގަލަން ނަގާފައި އިސްއޮބާލައިގެން އިން ޝެލީ ދަތްދޮޅީދަށަށް ލައްވާލުމަށްފަހު އުފުލާލިއެވެ. އެއާއެކު ދެ ޒުވާނުންގެ ނަޒަރު ބައްދަލުވެލިއެވެ.

"އަހަރެން ހީކުރީ ޖޭޑީ ދިޔަކަމަށް އެމީހުންނާއެކު" ޝެލީ ބުންޏެވެ. ކީބޯޑުމަތީގައި އިނގިލި ޖައްސަމުން ދިޔަސް ޝެލީ އެއްވެސް އެއްޗެއް ޓައިޕެއް ނުކުރެއެވެ. ސާޖިދު ގާތުގައި ހުރިއްޔާ އެއީ އަބަދުވެސް އޭނާއަށް ވާވަރެވެ.

"ނުދަން. އަދި އެބައޮތް ބައި ގަޑިއިރު. މީޓިން އޮތީ ދޭއް ޖަހާއިރު. ހިނގާބަލަ ތަނަކަށް ދާން" ސާޖިދު ބުންޏެވެ. ޝެލީ އިސްއުފުލާ ސާޖިދަށް ބަލައިލިއެވެ. އެވަގުތު ސާޖިދު ބުމަ އަރުވާލިއެވެ.

"ކޮންތާކަށް؟ މިހާރުތަ؟" ޝެލީ އެހިއެވެ.

"ވަރަށް މީރު އެއްޗެއް ދޭނަން." ސާޖިދު ބުންޏެވެ.

"މިގަޑިއަކީ ހުރިހާ މީހުންނަށްވެސް ފްރީ ވަގުތެއް. ދެން ހިނގާބަލަ" ދާން ނުކެރިފައި ޝެލީ އިންހެން ހީވެ ސާޖިދު ބުންޏެވެ. ޝެލީ ހީލިއެވެ. އެއަށްފަހު ސިސްޓަމް ލޮކް ކޮށްލާފައި އެއްފަރާތުގައި ހުރި ދަބަސް ނަގާފައި ހުރަހަށް އަޅުވާލިއެވެ. ދެން ފޯނު ނަގައިގެން ހިނގައިގަނެއްޖެއެވެ. ސާޖިދު އެއްލި އަތުން ހިފީ ޝެލީގެ އަތުގައެވެ. ސިހިފައި ޝެލީ ބަލައިލުމާއެކު އެ އަތުގައި ހިފައި ގާތަށް ލުއްކެއް ޖަހައިފިއެވެ. އެކަމަށް ނުވިސްނާ ހުރި ޝެލީ ގޮސް ޖެހުނީ ސާޖިދުގެ މޭގައެވެ. ކަންބޮޑުވެފައި ހުރި ޝެލީ ދެފަރާތް ބަލައިލުމަށްފަހު ސާޖިދުގެ މޭގައި އެއް އަތް އަޅުވާލާފައި ރަކި ހީލުމަކާއެކު ކުޑަކޮށް ދުރަށް ޖެހިލައިފިއެވެ.

"މިއަދު ހާދަ ތަފާތޭ. ތިހެން އުޅެނިކޮށް މީހަކަށް ފެނިދާނެ" ޝެލީ ބުންޏެވެ. ސާޖިދު ހީލާފައި ސޮރީ އޭ ބުނެލައިފިއެވެ. ސާޖިދަކީ ސަމާސާގެ ބައި ވަރަށް ބޮޑު ޒުވާނެކެވެ. އެހެންނަމަވެސް އަހުލާގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ރީތި ފިރިހެނެކެވެ.

މަގުމައްޗަށް ނުކުމެފައި ޝެލީ ހުއްޓުނެވެ. ސާޖިދު ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. ދުރުން ބަލާ މީހަކަށް އެދެކުދިންގެ މެދުގައި އެއްވެސް ގުޅުމެއް އޮވެދާނެކަމަށް ނުވިސްނާނެހާ ދުރުގައެވެ. އިރުކޮޅަކުން ޝެލީ ފޯނު ނަގާފައި ކަންފަތުގައި ޖަހައިފިއެވެ. އޭގެފަހުން ދެކުދިން ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ. ސާޖިދުގެ ކަންފަތުގައި ބްލޫޓޫތު ޖާހާލާފައި ވާއިރު އޭނާގެ އެއް އަތް ވަނީ ލައިގެން ހުރި ފަޓްލޫމުގެ ޖީބަށް ޖަހާލާފައެވެ.

މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވައިގެން ޝެލީ އަރަންދެން ބަލަން ހުރެފައި ސާޖިދު ގޮސް އެރީ އޭނާގެ ސައިކަލަށެވެ. ދެކުދިންގެ ގުޅުން އެއްވެސް މީހަކަށް އެނގިފައި ނުވާތީ އެކުގައި ސައިކަލް ދުއްވަން ދިޔުމާ މަގުމަތިން ބައްދަލުކޮށް ނަހަދައެވެ. އެގުޅުން އެއްވެސް މީހަކަށް އަންގަން އަދި އެއްވެސް ކުއްޖަކު ބޭނުމެއްނުވެއެވެ. އެއްތަނެއްގައި އުޅޭ ދެމީހަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގޭ ހިސާބުން އެކަކު އެހެން އޮފީހަކަށް ބަދަލުކުރުމަކީ އެ އޮފީހުގައި ޒަމާނުއްސުރެ އަމަލުކުރަމުންދާ އުސޫލެވެ.

މާލޭގެ މާފަންނުގައި ހުރި ގެއެއްގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު ޑްރައިވަރަށް ފައިސާ ދީފައި ޝެލީ ފޭބިއެވެ. އެތެރެއަށް ނުވަދެ ދޮރާށި ކައިރީގައި މަޑުކޮށްލާފައި ނަން ބޯޑަށް ބަލައިލިއެވެ. މ. ޖަންބުގެ އުތުރުބައި ނަމުން ނަން ދީފައިވާ އެގެއަކީ ސާޖިދުގެ ގެ ކަން ޝެލީއަށް އެނގުނެވެ. ގަދަ ފެހިކުލައިގެ ދޮރާއްޓެއް ލާފައިވާ އެގޭ މައްޗަށް ބަލައިލުމުން އައިބުކަމެއް ހުއްޓެވެ. މާލޭގެ ބޮޑު މަގެއްގައި ބުރުބުރިއަށް ނަގާފައި ހުރި އިމާރާތްތަކުގެ ތެރޭގައި އެއްވެސް ބުރިއަކަށް ހިއްލާނުލައި ޖަންބުގެ ހުރުމުން އައިބު ކަމެއް ހުންނާނެތާއެވެ.

"ކޮބާ ހިނގާ" ޝެލީ އާ އަރާ ހަމަވެފައި ސާޖިދު ބުންޏެވެ. އޭނާ ކުރީގައި ހުރެފައި ދޮރާށި ހުޅުވާލިއިރުވެސް ޝެލީ ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. އެހެންކަމުން ސާޖިދު ބަލައިލާފައި ހީލައިފިއެވެ. ޝެލީ ދުލުން ނުބުނި ކަމުގައި ވިޔަސް ޝެލީގެ ކަންބޮޑުވުން ގުޅިފައިވާ ކަންތައް އޭނާއަށް ވިސްނިއްޖެއެވެ.

"ހާސްނުވޭ. އަހަރެން ކުރިމަތީގައި މިދުނިޔޭގައި އަގުބޮޑު ދެ އަންހެނުންވޭ. އެތަނުން އެކަކު ޝެލީއަކީ" ސާޖިދު ބުންޏެވެ. ޝެލީ ހީލިއެވެ. އެހެންނަމަވެސް އޭނާއަށް ހަގީގީ ހިތްހަމަޖެހުމެއް ނުލިބުނެވެ. ސާޖިދު ދިރިއުޅޭ ގެއަށް އޭނާ އެ އައީ އަދި އަލަށެވެ. އެގޭތެރޭގައި އުޅޭ އެއްވެސް މީހަކީ އޭނާ ދަންނަ މީހެއް ނޫނެވެ. އެގޭތެރޭގައި އުޅެނީ ކިތައް މީހުން ކަމެއްވެސް ޝެލީއަށް ނޭނގެއެވެ.

"އާދޭ. ޝެލީ ފެނުނީމަ މަންމަ ވަރަށް އުފާވާނެ" ސާޖިދު ބުންޏެވެ.

ދޮރާށިން އެތެރެއަށް ވަންގޮތަށް ސާޖިދު ދިޔައީ ކަނާތްފަރާތުން ހާމައަށް އޮތް ހުސްތަނާ ދިމާލަށެވެ. ފަހަތުގައި ހުރި ޝެލީ ވައަތް ފަރާތަށް ބަލައިލިއެވެ. އެއް ގެއެއް ނަމަވެސް ހީވަނީ ދެގެއެއް ހެންނެވެ. އެއްފަރާތް ހުރިގޮތަށް މައްޗަށް ހިއްލާލާފައި ވާއިރު އެއީ ޖަންބުގެ ދެކުނު ބައި ކަން ޝެލީއަށް އެނގުނެވެ. ފަޅޯ ގަސްތަކެއް ފަސްދީ ސާޖިދު ވަނީ ހިޔާކޮށްފައި ހުރި ފެންޑާއެއް ކަހަލަ ތަނަކަށެވެ. އެތަނުގައި ވަރުގަދަ ބޮޑު އުނދޯއްޔެއް ހުއްޓެވެ.

"މިތާ އިށިންނަންވީނުން. މިއަންނަނީ" ސާޖިދު ބުންޏެވެ. ފެންޑާގެ ހުރިހާ ދިމާލެއް ބަލަމުން ގޮސް ޝެލީ އުނދޯލީގައި އިށީނެވެ. އޭނާގެ ފުރަގަހުން ފެންނަން އޮތީ ވަލެއް ކަހަލަ ތަނެކެވެ. އެތަނުގައި އޮތީ ހުސް ގަހެވެ. އެންމެ ގިނައިން ހުރީ ފަޅޯ ގަހެވެ. ޖާގަބޮޑު ފެންޑާގެ ތެރެއިންވެސް އެއްކޮޅުން އަނެއް ކޮޅަށް ދަމާފައި ރޯނެއް ހުއްޓެވެ. ދެ މީހުންގެ ޖާގައިގެ ޖޯއްޔެއް ހުރިއިރު ފައި ދަށުގައި އޮތީ ވެލިގަނޑެވެ. އެއްވަރުކޮށް ކުނިކަހާލާފައި އޮތްއިރު ކުރިމަތިން ފެންނަން ހުރީ ދެކޮޓަރިއެވެ. ކަނާތަށް ހުރި ކޮޓަރި ދޮރުން ބޭރުގައި އެންމެ އިހު ޒަމާނުގެ ފަހާ ފޮއްޓެއް ހުއްޓެވެ. ފެންޑާގެ ކަނާތް ފަރާތަށް ދެވޭގޮތަށް ހިމަ ގޯޅިގަނޑެއް ހުއްޓެވެ. ސާޖިދު އެތެރެއަށް ވަދެގެން ދިޔައީ ގޯޅިގަނޑުންނެވެ. އެގެއިން އިތުރު މީހަކު ފެންނަން ނެތުމުން ޝެލީގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެއީ ސާޖިދު ދިރިއުޅޭ ގެކަން އެނގުމުން ޝެލީއަށް ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ވަށައިގެން ހޯދާލެވިއްޖެއެވެ. އުމުރުން ތޭވީސް އަހަރުވިއިރު ވެރިރަށް މާލެއިން އެކަހަލަ ގެއެއް އޭނާ ނުދެކެއެވެ. ކޮންމެއަކަސް އެގެއަކީ އޭނާ ވަރަށް ހިތްހަމަޖެހޭ މަންޒިލަކަށް ވެއްޖެއެވެ.

އިރުކޮޅަކުން ގޯޅިގަނޑާ ދިމާލުން މީހެއް ކެއްސާލި އަޑު އިވުނެވެ. އަވަސް އަވަހަށް ޝެލީ އެދިމާލަށް ބަލައިލިއެވެ. އުމުރުން ދުވަސްވީ އަންހެނެއްގެ ކޮނޑުގެ ދެފަރާތުގައި ހިފަހައްޓާލައިގެން ހުރި ސާޖިދުގެ ހިނިތުންވެފައިވާ މޫނު ފެނުމާއެކު އެއީ އޭނާ އާ ގުޅުމެއް އޮތް މީހެއް ކަން ޝެލީއަށް އެނގުނެވެ. ދިވެހި ލިބާހުގައި ހުރި އެ އަންހެންމީހާގެ އުމުރުން މިހާރު ފަސްދޮޅަހުގެ އަހަރުތައް ގުނާނެއެވެ. އެއް އަތުގައި އަސާގަނޑެއް ކަހަލަ އެއްޗެއް އޮތެވެ.

"ޝެލީ، ކީއްވެ ކޮޅަށް ތެދުވީ އިށީނދޭ" ޝެލީ ކޮޅަށް ތެދުވި ތަން ފެނުމުން ސާޖިދު ބުންޏެވެ.

"އެއީ ތެދެއް އިށީނދޭ" އަންހެންމީހާގެ އަޑު އިވުނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ޝެލީ އިށީނެވެ.

"މިއީ މަންމަ. މަންމާ، މިއީ"

"މިއީ ޝެލީ. މަންމައަށް އެނގެއޭ" ސާޖިދުގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. ޝެލީއަށް ހެވުނެވެ. ޝެލީއަށް ބީރައްޓެހިކަމެއް އިހުސާސް ނުކުރެވުނެވެ. ސަމީރާގެ ފަރާތުން އޭނާއަށް ފެނުނީ ހިތްހެޔޮކަމާއި ގާތްކަމެވެ. ސަމީރާގެ ވާހަކަދެއްކުމުގައި ހަލަނި ގޮތެއް ހުރިކަން ފާހަގަވިއެވެ.

"ދަރިފުޅާ ހެދި މަންމަ މިއައީ ކެއްކި ނޫޑްލްސްކޮޅު ވެސް އުނދުން މަތިން ނުބާލާ. ބުނެފިވިއްޔާ މަންމަ އާ ކުއްޖަކު ބައްދަލުކުރަން އައިސް އިން ވާހަކަ" ސާޖިދާ ދިމާލަށް ބަލައިލަމުން ސަމީރާ ބުންޏެވެ.

"ނޫޑްލްސް" ޝެލީ ބުނެލިއެވެ.

"އާނ. ޝެލީއަށް ބިސްއަޅައިގެން ކައްކާ ނޫޑްލްސް ވަރަށް ކަމުދާނެކަމަށް މިސޮރު ބުނެފި"

"އެއީ އެވަރު ކަމެއްނޫން. އަހަރެން ބުނީމަ މަންމަ އާދޭ ޝެލީ ގޮވައިގެން" ގޯޅިގަނޑުގެ ތެރެއިން ވަދެގެން ސާޖިދު ދިޔުމާއެކު ސަމީރާ ޝެލީއަށް ބަލައިލިއެވެ. އެ އަންހެންކުއްޖާގެ ފުރަތަމަ ފެނިލުމުންވެސް އެނާގެ ދަރިފުޅަށް އެ އަންހެންކުއްޖާ އެހާ ކަމުދިޔައީ ކީއްވެގެން ކަން އެނގިއްޖެއެވެ. ކަނޑު ނޫކުލައިގެ ޝޯލްގެ ތެރެއިން ފާޅުވާން ހުރި ދޮން މޫނުމަތިން ރާއްޖެއިން ބޭރު ކުއްޖަކާ ވައްތަރުގޮތެއް ހުއްޓެވެ. އެ އަންހެންކުއްޖާގެ ހުރީ އާންމުކޮށް ރާއްޖެއިން ނުފެންނަ ދޮން ކުލައެކެވެ. ހަންގަނޑު އޮމާންވެފައި ކޫރުމެއްހާ ހިސާބުވެސް ނެތެވެ. ތުންފަތުގައި ހަމައެކަނި މަޑު ފިޔާތޮށި ކުލައެއް ހުރި ކަމެވެ. އިތުރު އެއްވެސް މޭކަޕެއް ނެތެވެ.

"ސާޖިދަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު. އަހަރެންގެ ދޮން ދަރިއެއް ހުންނާނެ އަދި. އަހުމަދު ކިޔަނީ. މިވަގުތު އެސޮރު ހުރީ ޔުކްރެއިންގައި ކިޔަވަން. އެވެސް މަންމައަށް ވަރަށް ހެޔޮ ދަރިއެއް" ސަމީރާ ވާހަކަދައްކަމުން ދިޔައެވެ. ހީލުން ފިޔަވައި އިތުރުކަމެއް ޝެލީއަށް ނުކުރެވުނެވެ. ފުރަތަމަ ބައްދަލުވުމާއެކު ދައްކާނެ ވާހަކައެއް އޭނާއަށް ނޭނގުނެވެ. އެހެންނަމަވެސް ޔޫކްރެއިންގައި ކިޔަވަން ހުންނަ ދިވެހި ކުއްޖެއްގެ ވާހަކަ ބުނުމުން ޝެލީ އެތަންކޮޅުގައި އަޅައިގަނެއްޖެއެވެ. ހުދު ޝެލީވެސް ހަ އަހަރު ދުވަހު އެ ގައުމުގައި ކިޔަވަން ހުއްޓެވެ. ދިވެހި ކުއްޖެއް ވިއްޔާ އެކުއްޖަކު ވާނީ ޝެލީގެ ގާތް ރަހުމަތްތެރިއަކަށެވެ. މިހާތަނަށް އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ދެކެވުނު އިންސާނާއަކީ ވެސް ޝެލީ އާ އެކު ކިޔެވި ކުއްޖެކެވެ. ކިޔެވުން ނިންމާފައި ޝެލީ އެނބުރި އައި ހިސާބުން ދެކުދިންގެ އެކުވެރިކަން ކޮންމެވެސް ސަބަބަކާ ހެދި ވަނީ ހުއްޓުމަކަށް އައިސްފައެވެ.

"އެނގޭތަ! ދުވަހަކުވެސް މިނޫނީ ސާޖިދު މިގެއަށް އަންހެންކުއްޖަކު ނުގެނޭ. ޝެލީ ތިއީ އެސޮރަށް ވަރަށް މުހިންމު ކުއްޖެއް" ސަމީރާ ވާހަކަދެއްކިއެވެ. ޝެލީ ހީލާފައި އިސްޖަހާލައިފިއެވެ. ވާހަކަތައް އެހިސާބަށް ދިޔަތަނާ ކާން ތައްޔާރުކޮށްފައި ސާޖިދު ގޮވާލި އަޑު އިވުނެވެ.

ސާޖިދަކީ ސަމީރާގެ އުމުރުން ވަރަށް ދުވަސްވީފަހުން ލިބުނު ދަރިއެކެވެ. ކުޑައިރުން ފެށިގެން ބަފައެއްގެ ލޯތްބާއި ނުލާ އޭނާ ސާޖިދު ބަލައި ބޮޑުކުރީ ނުހަނު ހިތްދަތިކަމަކާއި ތަކުލީފުތަކެއް އެއްފަރާތް ކުރުމަށްފަހުގައެވެ. މަސްވެރިކަމުގައި އުޅެނިކޮށް ފިރިމީހާ ޖަމާލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދުނިޔެ ދޫކޮށް ދިޔައީ އޭނާ ކުރިން އިން މީހާއަށް ލިބިފައިވާ ސާޖިދަށް ވުރެ ތިން އަހަރު ދޮށީ ދަރިފުޅު ސާހިލް ބަލައި ދިނުމަށް ވަސިއްޔަތް ކޮށްފައެވެ. އެހެންކަމުން ސާޖިދާއި ސާހިލް އެއްވެސް ތަފާތެއް ނުކޮށް އޭނާ ދެ ދަރިންނަށްވެސް މައެއްގެ ލޯބި ދިނެވެ. އުފަން ދަރިއެއް ނޫނަސް ސާހިލްދެކެވެސް ސަމީރާ ނުހަނު ލޯބިވެއެވެ.

މާލެއަށް އުފަން ސާޖިދާއި ސާހިލް އެއްކުއްޖަކު އަނެއް ކުއްޖަކާ ވަރަށް ގުޅެއެވެ. ދެކުދިން ކިޔެވީ ތަފާތު ދެ ރޮނގުންނެވެ. ޑޮކްޓަރަކަށްވުމަކީ ސާހިލް އަބަދުވެސް ދެކުނު ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާއަށް އެހީތެރިވެދިނީ ސަމީރާއެވެ. މީގެ ދެތިން އަހަރު ކުރިން ޖެހުނު ސްޓްރޯކެއްގެ ސަބަބުން އަސައެއްގެ އެހީގައި ސަމީރާ ހިނގާ އުޅުނަސް ފިރިމީހާގެ ގެދޮރުން ހަދާފައި ހުރި ބައި އޭނާ ކުއްޔަށް ދޫކުރިއެވެ. ގޭތެރޭގައި އިނދެގެން އަމިއްލަ ވިޔަފާރި ކުރެއެވެ. އޯޑަރުތަކަށް ހެދިކާ ހެދުމަކީ ސަމީރާގެ މައިގަނޑު މަސައްކަތެވެ. އޭނާ ސާހިލްގެ ކިޔެވުމަށް ހަރަދުކުރަނީ އެގޮތުން ލިބޭ ފައިސާއިންނެވެ.

*****

އެއާޕޯޓުން ނުކުމެގެން ވަކި ހިސާބަކަށް ހިނގާލިތަނާ ލަކްޔަންއަށް ފާރޫގް ފެނިއްޖެއެވެ. ވަގުތުން އޭނާއަށް އެއީ ޝިއުރާގެ ފިރިމީހާ ކަން އެނގިއްޖެއެވެ. ފާރޫގް އަތް އުފުލާލުމާއެކު ލަކްޔަންއަށް އިތުރަށް ޔަގީންވިއެވެ. ލަކްޔަން އެދިމާލަށް ހިނގައިގަނެއްޖެއެވެ. އޭނާއާ އެއް ހަމައެއްގައި ޓްރޮލީ ކޮށްޕަމުން އިކާން ދިޔައެވެ. އެތައް އަހަރަކަށްފަހު ރާއްޖެ އާދެވުމުން ސިޔާ ދިޔައީ ހުރިހާ ދިމާލެއް ބަލައި ދިރާސާ ކުރަމުންނެވެ. އާ ހޯދުންތައް ހޯދައި ދިރާސާކޮށް ލިޔުމަކީ ސިޔާ އެންމެ ކުރާހިއްވާ ކަމެވެ. ނޫސްވެރިއަކަށް ވުމުގެ ހުވަފެން އޭނާ އަބަދުވެސް ދެކެއެވެ. އެހެންކަމުން ސިޔާ ތައުލީމު އުނގެނުނީވެސް އެދާއިރާ އިންނެވެ.

"ދައްތަ ހުރީ ކަލޭމެންގެ އިންތިޒާރުގަ. ކައްކާލާފައި ހުރީ. މިދެބޭން މިހާރު ހާދަ ބޮޑޭ ދޯ. އާދޭ އާދޭ. އަވަހަށް އަރައި ހަމަޖެހިލާ" ޓެކްސީގެ ޑިކީއަށް ފޮށިތައް އަރުވަމުން ފާރޫގް ވާހަކަދެއްކިއެވެ.

"އަހަރެން މިއަދު ދަތުރެއް ނެގިޔަ ނުދެއޭ ގުޅާވަރުން" ޓެކްސީއަށް އަރައި ކުރިއަށް ދުއްވައިލަމުން ފާރޫގް ވާހަކަދެއްކިއެވެ.

"އެ ކިހިނެއްވެގެން؟" ލަކްޔަން އެހިއެވެ. އޭނާ އިނީ ފާރޫގާ ޖެހިގެން ކުރީ ޝީޓުގައެވެ.

"ލަކީ ކޮއްކޮމެންނަށް ގެއަށް ނާދެވިދާނެޔޯ. ދުއްވާ އެއްޗެއް ނުލިބިދާނެޔޯ. ސިޔާ އާއި އިއްކުއަށް އެހައި ގިނައިރު ކޮޅަށް ނުހުރެވޭނެޔޯ" ހިނިގަނޑަކާއެކު ފާރޫގް އޭނާގެ އަނބިމީހާގެ ވާހަކަ ދެއްކިއެވެ.

"އެނގެއެއްނު އަހަރެންގެ އަނބިމީހާއަކީ ތި އާއިލާގެ އެންމެ ކެތްތެރިކަން ކުޑަ މީހާކަން. އަޅެ ލޫ ސްކޫލަށް ގެންގޮސްފައި އެބައުޅެޔޭ ނިމޭ ގަޑި ލަސްވެގެނޭ ކިޔާފައި. އަވަހަށް ހަތަރެއް ނުޖަހައޭ... ހެހެހެ..." ފާރޫގް މަޖާ ވާހަކަދެއްކިއެވެ. ފާރޫގަކީ މަޖާ މިޒާޖެއްގެ ހިތްހެޔޮ މީހެކެވެ. އަނބިމީހާދެކެ ވާ ލޯބި މުޅި އާއިލާދެކެ ވާ ހީވާގި މީހެކެވެ.

މާލޭގެ ހެންވޭރުގައި ދިހަ ބުރިއަށް ނަގާފައިވާ ގެއެއްގެ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލިއެވެ. ފާރޫގާއި ލަކްޔަން ފޮށިތައް ބާލަން އުޅުނު ވަގުތު ސިޔާ އާއި އިކާން ކަރު މައްޗަށް ނަގައިގެން ބަލަހައްޓައިގެން ހުއްޓެވެ. ނުވަވަނަ ބުރީގެ ބެލްކަނިން އަންހެނަކު ބޯ ނެރެގެން އޮތެވެ. އެހާ މަތިން ފެންނާތީ ސާފެއް ނުވެއެވެ. އެ އަންހެންމީހާ ދެއަތް ހޫރާލިއެވެ. އެހިސާބުންވެސް ލަކްޔަންއަށް ޝިއުރާ ފާހަގަވެއްޖެއެވެ.

"ހ.ވިންޓަރ ލޮޖް" ގޭގެ ނަން ބޯޑު ސިޔާ ކިޔާލިއެވެ.

"އެ އޮތީނު ބޯދިކޮށްގެން. ކޮބާ ދަރިންނޭ އަވަހަށް އެތެރެއަށް ވަދޭ. އިތުރަށް ލަސްވިއްޔާ ދެން ފެންނާނީ ދައްތަ މިތާ ތިރީގައި އޮއްވައި" ގޭޓުން އެތެރެއަށް ފޮށިތައް ވައްދަމުން ސަމާސާ ރާގެއްގައި ފާރޫގް ބުންޏެވެ. އަޅައިގެން ހުރި ދަބަހުގެ ދެފަރާތުގައި ހިފަހައްޓާލައިގެން ހުރި ސިޔާ ހިތްއަވަސްވެފައި ހުރިއިރު އިކާންގެ މޫނުމަތީގައި ވަނީ ފޫހިކަމެވެ. ރާއްޖޭގައި ދިރިއުޅުމަކީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ދިރިއުޅުމެއް ނޫނެވެ. އިތުރު ގޮތެއް ނެތިގެން އައީއެވެ. އޭނާ އެކަނި އެކޮޅުގައި ބަހައްޓާފައި އަންނަން ހަމަ ހިލާ ލަކްޔަން އެއްބަހެއް ނުވިއެވެ.

ލިފްޓު ހުޅުވުނުއިރު ކުރިމަތީގައި ހުރީ ޝިއުރާއެވެ. އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ފިރިހެން ކޮއްކޮ ފެނުމާއެކު ޝިއުރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އޭނާ ހީކޮށްގެން ހުރީ ދުވަހަކުވެސް ދެން ލަކްޔަން ފެނުމުގެ ނަސީބެއް ނުލިބޭނެ ކަމަށެވެ. މަރުވެގެން ދާންޖެހޭނީ ކޮއްކޮ ދުށުމުގެ ނަސީބު ނުލިބި ކަމަށެވެ. ރާއްޖެ އަންނަން ލަކްޔަން ބޭނުންނުވި ސަބަބެއް އަދިވެސް އޭނާއަށް ނޭނގެއެވެ. އޭނާ އެތައް ފަހަރަކު ލަކްޔަން އާ ސުވާލުކުރިއެވެ. އެއިން ކޮންމެ ފަހަރަކު ލަކްޔަން އެދެނީ އެ ސުވާލު އޭނާ އާ ނުކުރުމަށެވެ.

"އަނހަ މިތިބީނު ލޫގެ ފްރެންޑްސް އައިސް" ސިޔާ އާއި އިކާން ފެނުމުން ނުވަ އަހަރުގެ ލޫހް ޝިއުރާގެ ފުރަގަހުގައި ނިވާވިއެވެ. އެކުއްޖާ ހުރީ ލަދުގަނެފައެވެ. އެމަންޒަރު ފެނުމުން އެންމެންނަށް ހެވިއްޖެއެވެ.

"ލަކީ ރަނގަޅުތަ؟" ލަކްޔަން އަތުގެ އުނޅަބޮއްޓާ ހަމައިގައި ހިފާލައިގެން ހުރެ ޝިއުރާ އެހިއެވެ. ލަކްޔަން ބޯޖަހާލިއެވެ. ދެން ޝިއުރާގެ ނިވަލުގައި ހުރި ލޫހް އަތުގައި ހިފައިގެން ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

"ކޮބާ ބައްޕަ؟" ލަކްޔަން ފުރަތަމަވެސް އެހީ އައްބާސްގެ ވާހަކައެވެ.

"މިތާ އިން ވަރަށް ގިނައިރު. ފާހާނާއަކަށޭ ކިޔާފައި ކޮޓަރިއަށް ވަނީ" ޝިއުރާ ބުންޏެވެ.

ކުރާނެ ކަމެއް ނެތި ފޫހިވެފައި އިން އިކާން ސޯފާގައި އިށީނދެގެން އިނީ މާޔޫސްވެފައެވެ. ރާއްޖޭގެ ފަސްގަނޑުގައި ދެފައި ޖެހުނު ހިސާބުން އޭނާ މުޅިން މާޔޫސްވެއްޖެއެވެ. ހިތްހަމަޖެހޭ އެއްވެސް ކަމެއް ނުވިތާ ހިތްހަމަޖެހޭ މަންޒަރެއްވެސް ނުފެނުނެވެ. އުމުރުގެ ބާކީ ދުވަސްތައް އެތަނުގައި ހޭދަކުރާނެ ގޮތަކާމެދު އޭނާ ވިސްނަމުން ދިޔައެވެ.

"މީނީ ކިހިނެއްވެފައި މީހަކާ ބަހެއް ނުކިޔާ" އިކާންގެ އަތް މަތީގައި ޖަހައިލަމުން ޝިއުރާ ބުންޏެވެ.

"ވަރަށް ޓަޔަޑް. ކުޑާއަށް އެނގޭތަ މިއައީ ވަރަށް ދިގު ދަތުރެއްކޮށްފަ ކަން. ދެ ދުވަސްވެއްޖެ ރަނގަޅަށް ނުނިދޭތާ" އިކާން ބުންޏެވެ.

"މިއަދު ދެން ދެ ދުވަހަށް ވާވަރަށް ނިދާބަލަ. އެކަމަކު ކައިގެން. ކުޑާ ކެއްކީ ތި ދެކުދިންނަށް މީރު އެއްޗެހި" ޝިއުރާ ބުންޏެވެ.

ކޮޓަރިން ނުކުތް އައްބާސް ފެނުމާއެކު ލަކްޔަން ކޮޅަށް ތެދުވެއްޖެއެވެ. ހަމަ ލޮލަށް ލޯބިވާ ބައްޕަ ފެނުމާއެކު ލަކްޔަންގެ ހިތް އުފަލުން ފުރިއްޖެއެވެ. އޭނާ އައްބާސްގެ ގައިގައި ބައްދާލިއެވެ. ލަކްޔަންގެ ބުރަކަށީގައި އައްބާސް ޖަހާލިއެވެ. ބަރު ފިރިހެންވަންތަ ހިނިގަނޑަކާ އެކުގައެވެ. ކުރިން މީހާ ހިކިކޮށް ހުއްޓަސް އައްބާސްގެ ހަށިގަނޑުގައި ދެއަތް ވަށާލި ހިސާބުން އައްބާސްގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ލަކްޔަންއަށް އަންދާޒާކޮށްލެވުނެވެ. ލަކްޔަންގެ ގައިން ދޫކޮށްލާފައި އައްބާސް ދެން ބަލައިލީ ބޮޑުވެފައި ހުރި އޭނާގެ ކާފަ ދަރިފުޅަށެވެ. އެ ދަރިފުޅުގެ މޫނު ފެނުމާއެކު އޭނާ ހަނދާންވި މީހެއްގެ ސަބަބުން ހިތުގައި ރިހުމެއް އުފެދުނެވެ. ދެލޮލުން ވޭނެއްގެ އަސަރު ފެނުނެވެ. އެހާ އަވަހަށް އިކާން ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

ދަރިފުޅުމެން ރަނގަޅުތަ؟ ކޮބާ އެމަންޖެ؟" އިކާންގެ ކޮނޑުގައި ޖަހައިލަމުން އައްބާސް ބުންޏެވެ.

"އެއީ ރާއްޖޭގެ ހާލަތު ބަލައި ދިރާސާކުރަން އެކޮޅުން ފޮނުވި ހާއްސަ މަންދޫބެއް. އެހެރީނު މަގުމައްޗަށް ކެމެރާ ދިއްކޮށްގެން" ބެލްކަންޏާ ދިމާލަށް އިޝާރާތް ކުރަމުން އިކާން ބުންޏެވެ. އައްބާސް ބޯ އަރިކޮށްލާފައި ބަލައިލިއެވެ.

"ދަރިފުޅާ ސިޔާ" ލަކްޔަން ގޮވާލިއެވެ. އެވަގުތު ސިޔާ ބަލައިލިއެވެ. އައްބާސް ފެނުމާއެކު ވަދެގެން އައި ގޮތަށް އައިސް ބައްދާލައިފިއެވެ.

"އަދިވެސް ހަމަ ކުޑަކުއްޖެއްހެން ދޯ" ސިޔާގެ ކޮލުގައި ކުޑަކުޑަކޮށް ހިފައިލަމުން އައްބާސް ބުންޏެވެ.

****

އިޝާނަމާދުކޮށްގެން އެނދަށް އެރި ގޮތަށް ޝެލީއަށް އޮވެވުނީ އަނެއްކޮޅުގައި ފޯނުގައި ހުރި ސާޖިދު ދައްކަމުންދިޔަ ވާހަކަތަކުގެ އަވައިގައި ޖެހިފައެވެ. ރޭގަނޑު އަށްގަޑި ބައި އެއީ ކާން މޭޒު ކައިރިއަށް ދާންޖެހޭ ގަޑިކަން އޭނާ ހަނދާނުގައި ހުރި ހެނެއް ހިއެއް ނުވެއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. މޭދަށް ބާލީސް ލައްވާލައިގެން އޮތުމުން އޭނާއަށް ދޮރުހުޅުވީ ކާކު ކަމެއް ނޭނގުނެވެ.

"ދަރިފުޅާ ޝެލީ" އިވުނީ އަލްމާޝްގެ އަޑެވެ. ފަހަތަށް އެނބުރިނުލާއި ދެ ކަންފަތަށް ޖަހާފައި އިން ހެޑްސެޓް އަލްމާޝްއަށް ނުފެންނާނެހެން ނައްޓާލައިފިއެވެ. ދެން ލަސްލަހުން އެނބުރި ބަލައިލިއެވެ. އެނދާ ދިމާލަށް އައި އަލްމާޝް ފެނުމުން ކަނޑާނުލާ އޮތް ފޯނު ބާލީސް ދަށަށް ލައްވާލައިފިއެވެ.

"ބަލީތަ؟ ނަމާދުކޮށްގެން އެހެންޏާ ބޭރަށް ނުކުންނަ ކުއްޖާގެ ހަބަރެއް ނުވީމަ" ޝެލީ ކައިރީގައި އިށީންނަމުން އަލްމާޝް ބުންޏެވެ.

"ބައްޔެއްނޫން. އަށެއް ނުޖަހާތީ އޮށޯވެގެން އޮތީ. ބައްޕަ އާއި މިކީ މިސްކިތުން އައީތަ؟ ދާންވީ ދޯ" ޝެލީ ބުންޏެވެ. އަލްމާޝް ބޯޖަހާލިއެވެ. އެނދުން ތެދުވަން އުޅުނު ގަޑީގައި ބާލީސް ދަށުން ދިއްލިފައި އެއްބައި ފެންނަން އޮތް ފޯނާ އެއާ ގުޅާލެވިފައި އޮތް ހެޑްސެޓް އަލްމާޝްގެ ލޮލުގައި އަޅައިގަތެވެ. ދެން އޭނާ ބަލައިލީ ޝެލީއަށެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ޝެލީގެ ދިގު އިސްތަށިގަނޑުގައި ފިރުމާލާފައި ހިނގައިގަނެއްޖެއެވެ. އަލްމާޝް ކޮޓަރި ދޮރުލައްޕާލަންދެން މަޑުކޮށްލައިގެން އިނދެފައި ފޯނު ބާލިސް ދަށުން ދަމައިގަތެވެ. އެއަށްފަހު ހެޑްސެޓް ވަކިކޮށްލާފައި ފޯނު ކަންފަތުގައި ޖެހިއެވެ.

"ކިރިޔާ ބަސްޓްނުވީ. ހަނދާންނެތި ދޮރު ލޮކް ނުކުރެވި އޮވެވުނީ. މިދަނީ ކާން" ޝެލީ ބުންޏެވެ.

"ވެއިޓް ވެއިޓް..." އެކޮޅުން ފޯނުގައި ހުރި ސާޖިދު ކެތްތެރިކަން ކުޑަ ރާގެއްގައި ބުންޏެވެ. ކަންފަތާ ފޯނު ދުރުކޮށްލާފައި ވެސް ހީލަމުން އަނެއްކާ ޝެލީ ފޯނު ކަންފަތުގައި ޖައްސައިފިއެވެ.

(ނުނިމޭ)