ވާހަކަ

މޮޔަކޮށްލި މާ - 01

4

ފުރަތަމަ ބައި

އާވި އަރަމުންދިޔަ ކޮފީ ތައްޓަށް ބަލަން ހުރެފައި އޭނާ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ވެހެމުންދިޔަ ވާރެއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ލައިގެން ހުރި ރީނދޫ ކުލައިގެ ބޯ ޓީޝާޓް މަތިން ސުވެޓަރެއް ލައިގެން ހުރިއިރުވެސް ފިންޏަށް އޭނާގެ ހަށިގަނޑު ރޫރު އަޅަމުން ދިޔައެވެ. ދެޖީބަށް އަތް ޖަހައިގެން ހުރީ ދެއަތްތިލައަށް ވަމުން ދިޔަ ފިނި ކުޑަ ކުރުމަށެވެ. ކުޑަކޮށް ބޯ ގުދުކޮށްލާފައި ވަށައިގެންވި ހުރިހާ ދިމާލަކަށް އޭނާ ނަޒަރު ހިންގާލިއެވެ. ވިއްސާރަ ވިލާތަކުން މުޅި ދުނިޔެ ވަނީ ބައްދާލައިފައެވެ. ވާރޭ ބޯ ކަމުން މުޅި ޖައްވުތެރެވަނީ ފުސްވެފައެވެ. ކުޑަދޮރު ކައިރީ ހުރެފައި ބަލައިލާއިރު އެހިސާބުން އެންމެ ހިތްގައިމު އެއް މަންޒަރަށް ދުރުން ފެންނަން ހުރި ފަރުބަދަތައް ވާނެއެވެ. އެހެންނަމަވެސް ވިއްސާރައިގެ ސަބަބުން އެމަންޒަރުގެ ރީތިކަން ވަނީ ގެއްލިފައެވެ. ވަށައިގެން ރުކެއް ގަހެއް ފެންނަން ނެތަސް ވައި ބާރުކަން ޖައްވުގައި ހިފާލާފައި ހުރި އަޑުފަށްގަނޑުން އެނގެއެވެ.

ޖީބުން އަތް ނަގާފައި އަތުކުރީގައި އޮތް ގަޑިއަށް އޭނާ ބަލައިލިއެވެ. ހަވީރު ވެއްޖެއެވެ. އަދިވެސް އިކާނާއި ސިޔާގެ ހަބަރެއް ނުވެއެވެ. ފޯނު ނަގާފައި އެކުދިންނަށް ގުޅަން އުޅެފައި ހިޔާލު ބަދަލުވެއްޖެއެވެ. ޑްރައިވަރަށް އެކުދިން ބަލާ ދިޔުމުގައި ވިއްސާރައިރު ދަތިތަކެއް ދިމާވެދާނެކަން އޭނާއަށް ވިސްނުނެވެ. ކުޑަދޮރު ކައިރިން ދުރަށް ޖެހިލާފައި ދެން އޭނާ ގޮސް ހުއްޓުނީ ކޮފީތަށި ކައިރީގައެވެ. ކޮޓަރި ތެރޭގައި ހިފާލާފައިވާ ކޮފީގެ ހިތްގައިމު މީރުވަހަށް ނޭފަތް އެތެރެއަށް ދަމާލާފައި މަގު އަތަށް ނަގައިފިއެވެ. ކުރިއަށް ހިނގައިގަނެފައި ކުރިމަތީ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ފޮޓޯ ލޯގަނޑަށް އޭނާގެ ނަޒަރު ހުއްޓާލައިފިއެވެ. ހުދު ހެދުމެއްގައި ހުރި އަންހެންކުއްޖާގެ ފަރި ހިނިތުންވުން ފެނި ލުއިލުއި ކޮށް އޭނާއަށް ވެސް ހެވިއްޖެއެވެ. ފުން ހަނދާނެއް އޭނާގެ ހިޔާލީ ދޮރުގައި ޓަކި ޖަހާލީ ކުއްލިއަކަށެވެ.

އެއީ ވެސް މިފަދަ ތޫފާނީ ރެއެކެވެ. އުމުރުން ތިރީސް އަހަރާ ގާތްވެފައި ވަނިކޮށް އަލަތު ލޯތްބެއް ވެވުނު ހަމައެކަނި އަންހެންކުއްޖާ ގާތުގައި ހުއްޓެވެ. ދަރުބާރުގޭގައި އޮތް އޭނާގެ އެކުވެރިއެއްގެ ކައިވެނި ޕާޓީއަށް އެކުގައި އޭނާގެ ހިތުގެ މަލިކާވެސް ދިޔައެވެ. އަންހެންކުއްޖާ އެ ޕާޓީއަށް ދާން އެއްބަސްވީ ހަމައެކަނި އޭނާގެ އެދުމަކަށެވެ. ޕާޓީގެ ތެރެއިން އެކުވެރިންނަށް އޭނާ އެ އަންހެންކުއްޖާ ތައާރަފުކޮށްދިނީވެސް ހަމައެކަނި އެކުވެރިއެއްގެ ގޮތަށެވެ. ކޮޅިގަނޑުގައި ލައްވާލީ ޕާޓީ ނިންމާފައި ދެ އެކުވެރިން ގެއަށް ދިއުމަށް ކާރުގައި ނައްޓާލި ފަހުންނެވެ. ކާރުގެ ބިއްލޫރިގަނޑަށް އޮއްސަމުންދިޔަ ވާރޭ ތިކިތަކަށް ބަލަން އިން އަންހެންކުއްޖާ ކުއްލިއަކަށް ކޮށްލި ސުވާލާއެކު އޭނާއަށް ކާރުގެ ބުރަކި ޖައްސައިލެވުނެވެ. ހިތުގައި ޖަހަމުންދިޔަ ވިންދު އޮޅުންބޮޅުން ވެގެން ދިޔައެވެ.

"ކީކޭ...؟ ކީކޭ ތިބުނީ؟" އަދި އެއްފަހަރު އޭނާ އެހިއެވެ. ހިތް އަވަސްވަމުން ދިޔައިރު އޭނާގެ ނަޒަރު އަންހެންކުއްޖާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ވަކިނުވެއެވެ. އަތްފައި ފިނިވެގެން ދިޔައިރު އޭނާގެ ނޭވާވެސް އަވަސް ވެއްޖެއެވެ.

"ހަމަ އަހާލީ. ދެން ބުނެބަލަ. ވަރަށް ބޭނުންތަ މަށާ އިންނަން" އަންހެންކުއްޖާ އެ ސުވާލު ތަކުރާރުކޮށްލިއެވެ. ހިތަށް ވެރިވެގެންދިޔަ އުފާވެރިކަމާއެކު މޫނުމައްޗަށް ވެރިވެގެންދިޔަ ޖަޒުބާތުތަކުން އޭނާއަށް ޖަވާބުދޭން ދަތިވިއެވެ. އަންހެންކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ.

"ބޭނުމެއްނޫން ދޯ މިހާރު؟" އޭނާއަށް ހަމަ ބިމަށް އާދެވުނީ އަންހެންކުއްޖާގެ ދެވަނަ ސުވާލާ އެކުގައެވެ.

"މާޝް ދިރިހުރުމަށްޓަކައި ފެނަށް ބޭނުންވޭތަ؟" އޭނާ އަންހެންކުއްޖާ އާ ސުވާލެއް ކުރިއެވެ. އަންހެންކުއްޖާގެ ކުރި ސުވާލުގެ ޖަވާބު އޭނާ ކުރި ސުވާލުގައި ވާކަމައް އަންހެންކުއްޖާ ނުދެނަހުއްޓެވެ. އަންހެންކުއްޖާ ހީލައިފިއެވެ. ހަމަ އެހާ އަވަހަށް އޭނާގެ މޫނަށް ބަލައިލިއެވެ. ދެން ބޯޖަހާލައިފިއެވެ.

"ހަމަ އެ މިންވަރަށް އަހަރެން މާޝް ބޭނުން. ވަރަށް ވަރަށް ލޯބިވޭ. ދެރަވޭ މީހެއްގެ އަންބެއްދެކެ ލޯބިވެވުނީތީ" އޭނާ މަޑުމަޑުން ބުންޏެވެ.

"އެހެންވިއްޔާ ލަކީ ކުޑަކުޑަ ދުވަސްކޮޅަކަށް އިންތިޒާރުކޮށްލަދީ. މިބުނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް. އައި ޕްރޮމިސް މި ހާލަތު ބަދަލު ނުވާހާ ހިނދެއްގައި އަހަރެން ލަކީ މާޔޫސްކޮށްނުލާނަން" އަންހެންކުއްޖާ ބުންޏެވެ. އޭނާގެ ދެލޮލުން އުންމީދުގެ އަލިކަމެއް ފާޅުވެލިއެވެ.

"މުޅި އުމުރަށްވެސް ތި ލޯތްބަށްޓަކައި އިންތިޒާރުކުރާނަން. އުމުރުން ހަތްދިހަ އަހަރުވިޔަސް އިންނާނަން. ހެޔޮ ކިތަންމެ ބައިވަރު ދަރިން ތިއްބަސް" ޖަޒުބާތީ ވެވުނު ވަރުން އޭނާއަށް އަންހެންކުއްޖާގެ އަތުގައި ހިފައިލެވުނެވެ. އެއާއެކު އަންހެންކުއްޖާ އަތް ދަމައިގަތެވެ. އެކަމަށް އޭނާ އަންހެންކުއްޖާގެ ކިބައިން މައާފަށްއެދުނެވެ. ދެން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގައި ބުންޏެވެ.

އެހެންނަމަވެސް އެކަން ދެމިގެން ދިޔައީ ކުޑަ ހިނދުކޮޅަކަށެވެ. ވާރޭގެ ތެރޭގައި އޭނާ ދުލުން ބުނި ބަސް ހަނދާނުން ކައްސާލީއެވެ. ހާލަތު އޭނާއަށް ކެހިދިނީއެވެ. އެހެންނަމަވެސް އެކަމުގައި އޭނާ އަންހެންކުއްޖާއަށް ގަދަބާރެއް ނުދައްކައެވެ. ދެމީހުން ދެމެދުގައި ކަމެއް ހިނގީ ދެފަރާތުގެ ރުހުމުގައެވެ. އެހެންނަމަވެސް ކުޑަކުޑަ ހިނދުކޮޅަކަށެވެ. އަންހެންކުއްޖާ އޭނާ ދުރަށް ކޮށްޕާލާފައި ދުވެފައި ހިނގައްޖެއެވެ. އަމިއްލަ ނަފުސުދެކު އޭނާއަށް ރުޅިއާދެވުނެވެ. ދެމީހުންގެ މެދުގައި ކައިވެންޏާ ގުޅިގެން ވާހަކަދެކެވުނީ މީގެކުޑައިރުކޮޅެއް ކުރިންނެވެ. ހަގީގަތުގައިވެސް ވާރޭ އޭނާއަށް ކެހި ދިނީ ހެއްޔެވެ؟ މަހެއްހާ ދުވަހު މަޑުކޮށްލަދޭށޭ ބުނުމުންވެސް އެހާ އަވަހަށް ހަނދާން ނެތުނީއެވެ. އޭނާ ފަހުން އަންހެންކުއްޖާއަށް ގުޅައިގެން މައާފަށްއެދުނެވެ. އަންހެންކުއްޖާ އޭނާއަށް މައާފުވެސް ކުރިއެވެ. އެހެންނަމަވެސް ތަގުދީރު ކުޅުނީ އެހެން ކުޅިވަރެކެވެ. އޭނާއަށް މަޖުބޫރުވީ އެލޯތްބާ ދުރަށްދާށެވެ. އަބަދުގެ އަބަދަށެވެ.

ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނުގެ ރިންގުގެ އަޑަށެވެ. ފޯނަށް އަރާފައި އިނީ ދައްތަ ޝިއުރާގެ ނަމެވެ. ފޮޓޯގަނޑު ކައިރިން ދުރަށް ޖެހިލާފައި ފޯނުން ވާހަކަދައްކަމުން ގޮސް އޭނާ އިށީނީ ސޯފާ ގޮނޑީގައެވެ.

"އެނގޭ ދައްތަގެ ކޯލެއް ލިބޭނެކަން. ދާނަމޭ އަހަރެން. ޔަގީންކުރޭ. އެކުދިން ކައިރީގައިވެސް ބުނެފިން ދާ ވާހަކަ" ފޯނުގައި އިން ލަކްޔަން ވާހަކަދެއްކިއެވެ. އަހަރުތަކަކަށް ފަހު އެނބުރި ރާއްޖެ ދާނެ ކަމުގެ އުފާވެރި ހަބަރު ލަކްޔަން ޝިއުރާއަށް ދިނެވެ.

ލަކްޔަންއަކީ ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކާ ދެމެދު ވިޔަފާރި ހިންގާ މަޝްހޫރު ވިޔަފާރިވެރިޔާ އައްބާސް ހާމިދުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އުމުރުން ދުވަސްވެ ވިޔަފާރީގެ އެއްވެސް ކަމަކާ ނޫޅެވޭތީ އޭނާގެ ހުރިހާ ވިޔަފާރިއެއް ބަލަހައްޓަނީ ލަކްޔަންއެވެ. ސާޅީސް ހަތަރު އަހަރުގެ ލަކްޔަންއަކީ އުމުރުގެ ބޮޑު ބައެއް ރާއްޖެއިން ބޭރުގައި ހޭދަކޮށްފައިވާ ޒުވާނެކެވެ. އެންމެ ހެޔޮވަރެއްގެ އިސްކޮޅެކެވެ. ހަށިގަނޑު ހުރީ އެންމެ ރަނގަޅު ވަރަށެވެ. ހަތަރެސްކަން ތުނި މޫނެކެވެ. މާބޮޑަށް ދޮން ނޫނަސް ދޮނެވެ. މަތިމަހާ އެކުގައި ތުނބުޅި ހެޔޮވަރަކަށް ހުރިއިރު ކަޅުކަން ގަދަ ވަރުގަދަ ދެ ބުމައެވެ. ސާފުހުދުކުލައިގެ ލޮލުގެ ތެރޭގައި ވަނީ ކޮފީ ކުލައިގެ ކަޅި އެކެވެ. ވިޔަފާރީގައި ކުރި އަރާފައިވާ ޝަހުސިއްޔަތެއްގެ ވެރިއަކަސް ލޯބީގައި ނާކާމިޔާބު ވެފައިވާ އިންސާނެކެވެ.

އައްބާސްގެ އެކުވެރި މަނިކު ވިޔަފާރި ޕާޓްނަރަށް ވި ހިސާބުން ލަކްޔަން މަނިކުގެ އާއިލާގެ ތެރެއަށް ވަންނަން މަޖުބޫރު ވެއްޖެއެވެ. މަނިކުގެ ވިޔަފާރީގެ ބަޖެޓްގެ ހުރިހާ ކަމެއް ބެލެހެއްޓީ ލަކްޔަންއެވެ. އެމަސައްކަތް އޭނާ ކުރީ ވަރަށް ޝައުގާއެކުގައެވެ. މަނިކުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ފުރަތަމަ ފެނިލުމާއެކުގައި އެ އަންހެން ކުއްޖާއަށް އޭނާގެ ހިތް ދެވުނެވެ. އެއީ މީހެއްގެ އަންބެއްކަމާއި ދެ ދަރިންގެ މަންމައެއް ކަން އެނގިހުރެވެސް އޭނާ އެދުނީ އެ އަންހެންކުއްޖާއާ ކައިވެނި ކުރުމަށެވެ. ދެކުދިންގެ މެދުގައި އުފެދުނު އެކުވެރިކަން އެއަށް ވުރެ ގާތްކުރަން އޭނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ ވީ ފިރިމީހާއަށް ވަފާތެރި ތެދުވެރި އަންބަކަށެވެ. ތަގުދީރު އެ އަންހެންކުއްޖާއާ ހިތި ސަމާސާއެއް ކޮށްފައި ވީނަމަވެސް ރެއާއި ދުވާލު ފިރިމީހާއަށް އިންތިޒާރު ކުރިއެވެ. ފިރިމީހާ އެނބުރި އަންނާނެކަމަށް އަންހެންކުއްޖާގެ ހިތުގައިވި އުންމީދުގެ އަލިކޮޅު ފަޅި ސިކުންތަކަށްވެސް ފަނޑުކޮށްނުލައެވެ. ފިރިމީހާގެ ޣައިރު ހާޒިރުގައި ލޯބީގެ ކުޅިގަނޑެއް ކުޅެން އަންހެންކުއްޖާ ބޭނުމެއްނުވިއެވެ.

އެންމެފަހުން އެވޭނަށް ކެތްނުވެގެން ލަކްޔަން ރާއްޖެއިން ފުރިއެވެ. އަންހެންކުއްޖާގެ ހަނދާންތަކުގައި ދުވަސްތައް ހޭދަކުރަމުން ދިޔައެވެ. ހަޔާތަށް ދުވަހަކުވެސް އެހެން އަންހެނަކު ގެންނަން ލަކްޔަން ބޭނުމެއްނުވިއެވެ. ލަކްޔަން އާ އިންނަން އެތައް ކުދިންނެއް އެދުނެވެ. އޭނާ ބޭނުންނުވީއެވެ. އޮސްޓްރޭލިޔާ އިން އައްބާސް ގަނެފައި ހުރި ގެއެއްގައި އޭނާ ދިރިއުޅުނީ އާއިލާގެ އެއްވެސް މީހަކު ނެތް އެކުވެރި ސިރާޖާއެކުގައެވެ. ސިރާޖަކީ އޮސްޓްރޭލިޔާގައި ކިޔަވަމުން ދިޔަ ދިވެހި ކުއްޖެކެވެ. އެ އަންހެންކުއްޖަކާ ހެދި ލަކްޔަން މުޅި ދިރިއުޅުން ގުރުބާންކުރަން ބޭނުންވި އަންހެންކުއްޖާގެ ހަނދާންތަކާ ދުރުވުމަށް ލަކްޔަން އިހުތިޔާރުކުރި މަގަކީ އެކުވެރި ސިރާޖެވެ. ސިރާޖާއެކު އޭނާ ގިނަ ވަގުތު ހޭދަކުރިއެވެ. ކިޔެވުމުގައި ސިރާޖަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އޭނާގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިޔާ ކަމުގައި ސިރާޖް ވިއެވެ. މާގިނަ ދުވަހެއްނުވެ ސިރާޖްގެ ކައިވެނި ދިވެހި ކުއްޖަކާ ކުރެވުނެވެ. އެހިސާބުން އާއިލާ ބޮޑުވިހެން އޭނާއަށް ހީވިއެވެ.

******

އެނދުމަތީގައި ދީނީ ފޮތެއް ހިފައިގެން އުމުރުން ދުވަސްވީ އަންހެނެއް އިނެވެ. ލޮލުގައި އިން ނަމްބަރު އައިނު ނަގާފައި ދޮރާ ދިމާލަށް އޭނާ ބަލައިލީ ދޮރުން އެތެރެއަށް މީހަކު ވަން އަޑު އިވުމުންނެވެ. އޭރު ޒުވާން ފުރައިގެ ފިރިހެން ކުއްޖެއް ހީލައިގެން ދޮރުމަތީގައި ހުއްޓެވެ. އޮރެންޖް ކުލައިގެ ޓީޝާޓަކާއެކު ކެރެޓް ޖީންސެއް ލައިގެން ހުރި މިކްޔަން ކުރިއަށް ޖެހެންވާއިރަށް ޒާހިދާ އަތުގައި އޮތް ފޮތް ލައްޕާލާފައި އެނދުގެ ހެޑްބޯޑުމަތީގައި ބާއްވައިފިއެވެ. މާމަ ދަރިފުޅު އައިސް ކައިރީގައި ހުއްޓުމާއެކު ޒާހިދާ ތެދުވެއްޖެއެވެ. އިސްކޮޅުންދިގު ފިރިހެން ދަރިފުޅުގެ މޫނަށް ޒާހިދާ ބަލައިލާފައި ހީލައިފިއެވެ.

"އަޅުގަނޑުގެ ބެސްޓްފްރެންޑް ލަސްވެގެން މިއައީ" މިކްޔަން ބުންޏެވެ. އަދި ޒާހިދާގެ ލޮލުގައި އިން އައިނު ރަނގަޅުކޮށްލާފައި ޒާހިދާގެ ކޮނޑަށް އަތްލައިގެން ހިނގައިގަނެއްޖެއެވެ.

"ކޮންތާކު؟ މިގޭގަވެސް ނުހުންނާނެ މާމައަށް ވުރެ ކުރިން ތައްޔާރުވި މީހެއް؟ ދަރިފުޅުމެން ލަސްވާނެތީވެ މާމަ އިނީ ކޮޓަރިން ނުނިކުމެ" ޒާހިދާ ވާހަކަދެއްކިއެވެ.

"މިހާރު ކޮބާ ދޮންތަ؟" ޒާހިދާ އެހިއެވެ. އޭރު ދެމައިން ވާހަކަދައްކަމުން ސިޓިންރޫމަށް ނުކުމެއްޖެއެވެ.

"ތިވާހަކަނުދައްކާ މާމާ. އެއީ ބޮޑު ތަތްބޮނޑިއެއް. ކޮޓަރީގައި ޓަކިޖަހާޖަހާ ނުހުޅުވި" މިކްޔަން ބުންޏެވެ. ޒާހިދާ ގޮނޑީގައި ބައިންދާފައި އޭނާ ހަމަޖެހިލި ވަގުތު ޖީބުގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ.

"މިހާރު އެގުޅަނީ މަންމަ. ލަސްވެގެން އެގުޅަނީ. ބައްޕަވެސް ހޮސްޕިޓަލް ނިންމި ގޮތަށް އެތަނަށް އެދިޔައީ. މަންމަ އަފޫދައްތައާއެކު ގޮސް އެއިނީ. މިގޭގަ އުޅޭ އަންހެންވެރިން އެހާ ތަތީ ކީއްވެތަ؟ މިހާރު ގަޑިން ނުވައެއްޖަހާ ބޮޑުވެއްޖެ" ޒާހިދާ އިން ގޮނޑީގެ އަތްގަނޑު މަތީގައި އިށީނދެފައި އޭނާ ފޯނު ނަގައިފިއެވެ.

"ދޮންތަ ނުލާހިކު ލަހުންނެއްނު އޮފީހުން އައީ" ޒާހިދާ ބުންޏެވެ.

"އަޅުގަނޑުވެސް ވަރަށް ބިޒީކޮށް އުޅެފައި މިއައީ" މިކްޔަން ބުންޏެވެ. މާމަ ދަރިފުޅު އަނގައިން ދެރަނުވާނެކަން އެނގޭތީ މިކްޔަންގެ ބުރަކަށީގައި ފިރުމަމުން ޒާހިދާ ބޯޖަހާލިއެވެ.

ކޮޓަރީ ދޮރުހުޅުވާލާފައި ނުކުތް އަންހެންކުއްޖާ ފެނި އެދިމާލަށް ބަލައިލީ ޒާހިދާ އާއި މިކްޔަން އެއްކޮށެވެ. ކަޅު ކުލައިގެ ދިގު މިޑީ ހުރީ އަންހެންކުއްޖާގެ ގަޔަށް ހިފާލާފައެވެ. އަޅައިގެން ހުރި ޝޯލްގެ ކުލަ އާއި ތުންފަތުގައި ހާކާފައި ހުރި ކުލައާ ގުޅުވާލާފައި ހުރިއިރު ތަފާތު ރީތިގޮތެއް ހުއްޓެވެ.

"އެ ނުކުތީ. އަވަހަށް ހިނގާ" ޝެލީ ފެނުމާއެކު މިކްޔަން ޒާހިދާގެ އަތުގައި ހިފައި ނެގިއެވެ.

"މިކީ...، މަޑުކޮށްބަލަ. ދޮންތަ ރީތިތަ؟" މޮޑެލްއަކު ސްޓޭޖްމަތީގައި ހުއްޓޭ ކަހަލަ ގޮތަކަށް ހުއްޓިފައި ޝެލީ އެހިއެވެ.

"ރީއްޗޭ...ރީއްޗޭ... މާމަގެ ދެދަރިންވެސް ރީތި" މިކްޔަންއަށް ވުރެ ކުރީން ޖަވާބުދިނީ ޒާހިދާއެވެ. ޝެލީއަށް ހެވުނެވެ.

ތިން މައިން އެކުގައި ދޮރުން ނުކުންނަން އުޅުނު ވަގުތު ޝެލީ އަނެއްކާ އެތެރެއަށް ދުއްވައިގަތެވެ. މިކްޔަން ދެފަރާތަށް ބޯހޫރުވާލާފައި އަޑުގެކޮޅަށް ޝެލީއަށް ގޮވާލައިފިއެވެ.

"މިއަންނަނީ ދޮންތަގެ ހައި ހީލްސް ހިފައިގެން. މިކީމެން ގޮސް ކާރުގައި މަޑުކޮށްލާ" ކޮޓަރިއާ ދިމާލަށް ދުވެފައި ދިޔަ ޝެލީ ބުނެލިއެވެ.

އޮފީހުގެ ބައްދަލުކުރާ ކޮޓަރިތެރެ ވަނީ ގާތް މީހުންތަކުން ފުރިފައެވެ. އެއްފަރާތުގައި ބަހައްޓާފައި ހުރި މޭޒުމަތީގައި ނޫކުލަ އާއި ހުދުކުލަ އެކުލެވޭ ތިންބުރިއަށް ނަގާފައި ހުރި ބޮޑު ކޭކެއް ހުއްޓެވެ. އެކުވެރި ޖިނާހް އާ އެކުގައި ދުރުގައި ހުރި ނިމާންގެ ނަޒަރު ވަނީ ވަކިން ހުރި މޭޒެއް ކައިރީގައި އިން އަލްމާޝްއަށް ހުއްޓިފައެވެ. ކައިވެންޏަށް އެތައް ދުވަހެއްވެ ދަރިން ބޮޑުވިއިރުވެސް ނިމާންގެ ހިތުގައި އަލްމާޝް އަށް އޮތް ލޯބި ޒައްރެއްގެ މިންވަރުވެސް ފަނޑެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހިތުގައި އަލްމާޝްއަށް އޮތް ލޯބި ދަނީ މޫލައި ވަރުގަދަ ވަމުންނެވެ. މެލޭޝިޔާ އިން އެންމެ ފުރަތަމަ ދުވަހު ފެނުނު އަލްމާޝް އޭ މިހާރު އޭނާގެ ކުރިމަތީގައި އިން އަލްމާޝް އެއްވެސް ތަފާތެއް ނެތެވެ. އަދިވެސް އެ ދޮންކަމެވެ. ހިމަ ހަށިގަނޑާއި ދިގު އިސްކޮޅެވެ. އުމުރުން ސާޅީސް ދެ އަހަރުވިއިރު ބޮޑުވެފައި ދެ ދަރިން ތިބި ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ.

"އަދިވެސް މާޝްގެ ޖާދޫގައި ޖެހިފައި ދޯ" ނިމާންގެ ކޮނޑުގައި ހިފައިގެން ހުރި ކޯކްތަށިން ޖައްސައިލަމުން ޖިނާހް ބުންޏެވެ. ޖިނާހް އަކީ ނިމާންގެ ޒަމާންވީ އެންމެ ގާތް އެކުވެރިޔާއެވެ. އަދި ނިމާން ފަދައިން ޑޮކްޓަރެއްވެސް މެއެވެ.

"ހެހެހެ... އެއީ އަހަރެންގެ މުޅި ދިރިއުޅުން. މިކީ އާއި ޝެލީ އެއީ އަހަރެންގެ ހިތުވިންދު. އަހަރެންގެ ހުރިހާވެސް އެއްޗަކީ އަހަރެންގެ އާއިލާ. އަދި މިހާރު އަނބިމީހާގެ މަންމަ އެއީ އަހަރެންގެ ބެލުމުގެ ދަށުގައިވާ ޒިންމާއެއް. ބައްޕަ މަރުވެގެން ދަމުން އަހަރެންނަށް ކުރި ވަސިއްޔަތެއް އެއީ މަންމަ ބެލުން" ނިމާން ވާހަކަދެއްކިއެވެ.

"ތިދެމީހުން އުޅޭލެއް އަދިވެސް ހާދަ ރޮމޭންޓިކޭ. ސީރިޔަސްލީ. މީހަކު ނުވެސްބުނާނެ ތިއީ ބޮޑުވެފައި ހުރި ދެ ދަރިންގެ މައިންބަފައިންނެކޭ" ޖިނާހް ދިމާކޮށްލިއެވެ.

"ޖިނާ އަބަދުވެސް ދައްކާނެ ތިކަހަލަ ވާހަކަ. ޖައިންއަށް މިއަހަރު 21 އަހަރު ފުރޭއިރު މިހާރު ޝަހާ އޭނީ އަނެއް ދަރިފުޅު ވިހަންވެފައި. އެހެންވީމަ ބުނެބަލަ ކޮން ބައެއް އިއްޔެ މެންދުރުގެ ޅަ ކުދިން އުޅޭހެން އުޅެނީ" ނިމާން ވާހަކަދެއްކިއެވެ. އެއްޗެއް ނުބުނެ ޖިނާހް ޖަހާލީ ހިނިގަނޑެކެވެ. ނިމާންގެ އެވާހަކަތައް އޭނާއަށް ދޮގުކުރެވޭކަށް ނެތެވެ.

"ކޮބާތަ ކުދިން؟ ވަރަށް ލަސްވެއްޖެ" ނިމާންގެ ފަހަތުން އިވުނު އަލްމާޝްގެ އަޑަށް ބަލައިލިއެވެ. ލައިގެން ހުރި ހުދު ކުލައިގެ މިޑީގެ ދެފަރާތުން ހިފާލައިގެން އަލްމާޝް ހުއްޓެވެ. އެހެދުމާއި ސްޓައިލްކޮށް އަޅާފައިވާ ޝޯލް އޭނާގެ ދޮން މޫނާ ނުހަނު ގުޅެއެވެ.

"ހޭ މަމް" މިކްޔަންގެ އަޑަށް އަލްމާޝް ބަލައިލިއެވެ. އޭރު ޒާހިދާގެ އަތުގައި ހިފާލައިގެން ހުރެ މިކްޔަން ވަދެގެން އާދެއެވެ. އަބަދުވެސް ޕާޓީތަކާއި ސަޕްރައިޒްތަކަށް ލޯބިކުރާ ޝެލީ ވަދެގެން އައިއިރު ވަށައިގެންވި މާހައުލަށް ބަލަމުން ދިޔައެވެ.

"މަންމަ ބުނީމެއްނު މިކަހަލަ ތަންތަނަށް މަންމަ އަންނަހިތެއްނުވެޔޭ" ޒާހިދާ ޝަކުވާކޮށްލިއެވެ.

"ދެން އަޅުގަނޑުމެން މާމަ އެކަނިކޮށްފައި ނާންނާނެއްނު. ޕްލީޒް ބެސްޓީ. ނޯ ޝަކުވާ. އޯކޭ" ޒާހިދާގެ ރޫޖެހިފައިވާ ކޮލުގެ ދެފަރާތުގައި ހިފައިލަމުން މިކްޔަން ބުނެލިއެވެ. ނީމާން ޒާހިދާގެ އަތުގައި ހިފާލިއެވެ. ގަޔާ ކައިރިކޮށްލައިގެން ހުރެ ޒާހިދާ ގޮވައިގެން ގޮސް އާއިލާ މީހުންނަށް ހާއްސަކޮށްފައިވާ ބައިގެ ސޯފާގައި ޒާހިދާ ބައިންދައިފިއެވެ.

"ހެޕީ ޓްވެންޓީ ފޯތް އެނިވާސަރީ މަމް އެންޑް ޑޭޑް" އަލްމާޝްގެ ގައިގައި ބައްދައިލަމުން ޝެލީ ބުނެލިއެވެ. ޝެލީގެ ކޮނޑުގައި ހިފާއި ގަޔާ ކައިރިކޮށްލާފައި އަންހެން ދަރިފުޅުގެ ކޮނޑުގައި ނިމާން ފިރުމާލިއެވެ.

"ޝެލީ، ދަރިފުޅަށް ހިއެއްނުވޭތަ ތުންފަތުގައި މާ ގަދައަށް ހެން ކުލަޖެއްސިފައި ތިހެރީ" އަތުގައި އޮތް ޓިޝޫކޮޅުން ޝެލީގެ ތުންފަތް ކައިރި ފޮހެލަމުން އަލްމާޝް ބުނެލިއެވެ.

"މަންމަ އަބަދުވެސް ބުނަމެއްނު ތުންފަތުގައި ގަދައަށް ކުލަ ނަހާކާށޭ"

"އަދިވެސް ކާއެއްޗެއް ކެވޭ ވަރެއް ނުވޭތަ؟ ވަރަށް ބަނޑުހައި" މިކްޔަން ބުނެލިއެވެ. ނިމާން ކައިރިއަށް ހިނިއައެވެ. މިކްޔަން އަކީ ކައިކައި ފަލަނުވެފައި ހުރި ކުއްޖެކެވެ. އެހެންނަމަވެސް މިކްޔަންއަކީ އެ އާއިލާގެ ދިރުމެވެ. އެއްވެސް މީހަކު މާޔޫސްވެ ދެރަވެފައި ހުރުން އެއީ މިކްޔަން މާ ގަޔާވާ ކަމެއް ނޫނެވެ. ރުއިމާއި ހިތާމަ އާއި ކަރުނައަކީ މިކްޔަން މާލޯބި ކުރާ އެއްޗެއް ނޫނެވެ.

"ދޭބަލަ ދެކުދިން. އޭނީ އަފޫދައްތަ. މީޓްކޮށްލަބަ ގޮސް" ދުރުގައި ފޯނެއްގައި ހުރި އަފާފް ދައްކައިލަމުން އަލްމާޝް ބުންޏެވެ. އެއާއެކު މިކްޔަން އާއި ޝެލީ އެދިމާލަށް ހިނގައިގަނެއްޖެއެވެ.

ދެމަފިރިން އެކަނިވުމާއެކު ނިމާން އަލްމާޝްއަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ނިމާން ހިފައިގެން ހުރި ކޯކް ތައްޓާއެކު އަލްމާޝް އާ ގާތަށް ފިޔަވަޅެއް އެޅިއެވެ. "މިއަންނަނީ ކުދިން ގޮވައިގެން" ފިރިމީހާގެ ބީހުމާއި ޖަޒުބާތު ވަރަށް ރަނގަޅަށް އެނގޭ އަލްމާޝް ބުންޏެވެ. އަލްމާޝްގެ އެ އަމަލުން ނިމާނަށް ހެވުނެވެ.

*****

އެނދުމަތީގައި ބަންދުކޮށްފައި ހުރި ފޮށި ތިރީގައި ބަހައްޓާފައި ލަކްޔަން އިށީނީ އެނދުގައެވެ. ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯގަނޑު ފެންނަން ނެތުމުން އޭނާގެ ހަށިގަނޑުން ބައެއް އުނިވެއްޖެކަމުގެ އިހުސާސް ކުރުވިއެވެ. ފޮށި ކައިރީގައި ބަންދުކޮށްފައި އޮތް ފްރޭމަށް އޭނާ ބަލައިލިއެވެ. އޭނާގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު މުދާގަނޑު އެވަނީ ޕާރުސަލް ކަރުދާހުން ބަންދު ކުރެވިފައެވެ.

ލަކްޔަން ސިހުނީ ދޮރުގައި ރަނގަބީލު އަޅާލި އަޑަށެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ޖެނީފާއެވެ. އެއީ މީގެ އެތައް ދުވަހެއް ކުރިން ގޭތެރޭގެ މަސައްކަތްކުރުމަށް އައްބާސް ހޯދާފައި ހުރި އެގައުމުގެ ރައްޔިތެކެވެ.

"ކާން ހެދިފައި ހުރީ" އިނގިރޭސި ބަހުން ޖޭނީފާ ވާހަކަދެއްކިއެވެ. ކޮޓަރި ދޮރުލައްޕާލާފައި ލަކްޔަން ނުކުތްއިރު ސިޓިންރޫމް އޮތީ ފަޅުކޮށެވެ. އެހެންޏާ އެގަޑިއަކީ ޓީވީ ހިފައިގެން ސިޔާ އިންނަ ވަގުތެވެ.

ސިޔާގެ ކޮޓަރި އާ ދިމާލަށް ލަކްޔަން މިސްރާބު ޖެހިއެވެ. ބޮޑު މެހެލެއް ފަދަ އެގޭތެރެއިން އޭނާއަށް ސިޔާގެ ކޮޓަރި އާ ހަމައަށް ދާން ކުޑައިރުކޮޅެއް ނެގިއެވެ. ސިޔާގެ ކޮޓަރި ހުންނަނީ ހަތް ބުރިއަށް ހުންނަ އެގޭގެ ހަތަރު ވަނަ ފަންގިފިލާގައެވެ. ނިދާ ވަގުތު ނޫން ހުރިހާ ވަގުތެއްގައި ސިޔާ އަބަދުވެސް ވަގުތު ހޭދަކުރަނީ ލަކްޔަން އުޅޭ އެޕާޓްމަންޓުގައެވެ. ކެއިން ބުއިމުގެ ކަންކަންވެސް ހަމަޖެހިފައި އޮންނަނީ އެބައިގައެވެ. ސިޔާ އާ ހިލާފަށް އިކާނަށްވެސް ފަސްވަނަ ފަންގިފިލާ ދިނެވެ. އެކަމަކު ލަކްޔަން އެކަނި ބަހައްޓަން ބޭނުންނުވާތީ އިކާން ބޭނުންވީ ހަމަ އެބައިގައި އުޅޭށެވެ.

"ސިޔާ.." ސިޔާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލާފައި ލަކްޔަން ގޮވާލިއެވެ. އެއާއެކު ކޮޓަރީގެ ދޮރުހުޅުވިއްޖެއެވެ. ކޮނޑާހަމައަށް އޮތް އާދައިގެ ވަރަކަށް ބުޅި އިސްތަށިގަނޑާއެކު ސިޔާ ހުރީ ދެލޯމެރިފައެވެ. ރަތްކުލައިގެ ޕިޖާމާއެއްގައި ހުރިއިރު އެއް އަތުގައި ބާލީހެއް އޮތެވެ.

"ސިޔާ، ދަރިފުޅާ" އިސްކޮޅުން ކުރު ސިޔާއާ އެއްހަމައަކަށް ތިރިވެލަމުން ލަކްޔަން ގޮވާލިއެވެ. އެއާއެކު ލަސްލަހުން ސިޔާ ދެލޮލުގެ އެސްފިޔަ ތަޅުވާލިއެވެ. ހުޅުވިގެންދިޔަ ދެލޮލުން އޭނާ ލަކްޔަންއަށް ބަލައިލާފައި ހީލައިފިއެވެ.

"ވަރަށް ނިދި އާދޭ ބައްޕާ" ކުޑަކުއްޖެއްހެން ސިޔާ ބުންޏެވެ.

"ރެޑީވެގެން ތިރިއަށް އާދޭ. އެނގެއެއްނު ތިކުދިން ހަމަވީމަ ނޫނީ ބައްޕަ ނުކާނެކަން" ލަކްޔަން ބުންޏެވެ.

ސިޔާ އާއި އިކާންއަކީ ލަކްޔަންގެ ދިރިއުޅުމާ ގުޅިފައިވާ ދެކުދިންނެވެ. ދެކުދިންގެ ދެމެދުގައި ދެ އަހަރުގެ ތަފާތު ހުރިއިރު ދޮށީ މީހަކީ އިކާނެވެ. އެހެންކަމުން ލަކްޔަން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ހަގު ދަރިފުޅު ސިޔާއަށެވެ. އެއީ އަންހެންކުއްޖަކަށް ވުމާވެސް އެކުގައެވެ. މިޒާޖުގެ ގޮތުން ދެކުދިންވެސް ތަފާތެވެ. އެކެއްގެ ދެ ދަރިންނޭ އެއްވެސް މީހަކު ނުބުނާނެއެވެ. ސިޔާއަކީ މަޑުމައިތިރި ބަސްމަދު ކުއްޖެކެވެ. އެހެންނަމަވެސް އެއްޗެއް ބޭނުމިއްޔާ ލަކްޔަން އަތުން ރޮއެގެންވެސް އެ އެއްޗެއް ހޯދާނެއެވެ. ލަކްޔަން ކަމަކަށް މަނާ ކުރިއްޔާ ސިޔާ އެކަމެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާއަށް އެކަން މާނަ ކުރި ސަބަބެއް ހޯދަން މަސައްކަތް ކުރާނެއެވެ. އެއާ ހިލާފަށް އިކާންއަކީ އަނގަ ގަދަ ޒުވާނެކެވެ. މިނިވަންކަން ބޭނުންވާ އެކުވެރިން ގިނަ ޒުވާނެކެވެ. އިކާންގެ ދިރިއުޅުމުގައި އެންމެ މުހިންމު މީހުންނަކީ ކޮއްކޮ އާއި ބައްޕައެވެ. ލަކްޔަން އަޑުހަރުކޮށް އެއްޗެއް ބުނެފިއްޔާ އެވަގުތަށް މައިތިރިވެއެވެ. އިރުކޮޅެއްފަހުން އޭނާ އެކަން ހަނދާންނެތެއެވެ. ލަކްޔަން ނުބުނާހާ ހިނދެއްގައި އަޅުކަމެއް އިކާން ނުކުރެއެވެ. އުފާތަކާއި ރީތި އެއްޗިއްސަށް އިކާންގެ ހިތް ދޫވެގެން ދަނީ އެހާ އަވަހަށެވެ.

****

އޮފީސް ފާހާނައިން ނުކުތް ސާޖިދަށް ކޮމްޕިޔުޓަރު ކައިރީގައި އިން ޝެލީ ފެނި ހިނިތުންވެލެވުނެވެ. މެންދުރުގެ ކެއުމަށް ހުރިހާ ކުދިން ބޭރުގައި އުޅޭ ވަގުތަށްވުމާއެކު އޮފީސްތެރެ ހުސްކޮށް އޮތް ވަގުތެވެ. ކުރަން އިން މަސައްކަތަށް ގޮސް ގެއްލިފައި އިން ޝެލީއަށް ކައިރިވަމުން އައި ސާޖިދެއް ނުފެނެއެވެ. ފަހަތުން މީހެއްގެ ހިޔަނިވިހެން ހީވުމާއެކު ޝެލީގެ ސަމާލުކަން އެކަމަށް ދެވިއްޖެއެވެ. އޮފީސްތެރޭގައި މީހަކު ނެތްއިރު އެގޮތަށް މީހަކު ކައިރީގައި އުޅޭހެން ހީވުމުން އޭނާ ހާސްވެއްޖެއެވެ. އެހެންނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ. ނޭފަތުގައި އައިސް ޖެހުނު ހިތްގައިމު ވަސް އޭނާގެ ހިތުގެ އެންމެ ހިމަ ނާރާ ހަމައަށް ފޯރައިފިއެވެ. ޝެލީ ލަދުގެންފިކަން ފަހަތުގައި ހުރި ސާޖިދަށް އެނގުމުން ހީނުލައި ނުހުރެވުނެވެ. ލުއިލުއި ހުނުމަކާއެކު އައިސް އޭނާ ޝެލީގެ މޭޒުގެ ކަނެއްގައި ކުޑަކޮށް އިށީނދެލިއެވެ. މޭޒުމަތީގައި އޮތް ގަލަން ނަގާފައި އިސްއޮބާލައިގެން އިން ޝެލީ ދަތްދޮޅިދަށަށް ލައްވާލުމަށްފަހު އުފުލާލިއެވެ. އެއާއެކު ދެ ޒުވާނުންގެ ނަޒަރު ބައްދަލުވެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟