ކުރީގެ ރައީސް ޔާމީން މިނިވަންވެގެން ގެއަށް ވަޑައިގަންނަވާ އިރު، އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ގޭ ދޮރުމަތީގައި ރަތް ދޫލަ އަޅާފައި.
ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭކަމަށް ފެންނަކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުއަށް ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދު ތާއީދުކުރެއްވި.
ފަނޑިޔާރު މަހާޒު ވިދާޅުވީ، އެސްއޯއެފްގެ ވެރީންގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާތީ ހައިރާންވާ ކަމަށް
ފަނޑިޔާރު މަހާޒް ވިދާޅުވީ، ހެކިންގެ ތެރެއިން އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ޝަރީއަތުގައި ދިނީ ދޮގު ހެކިބަހެއް ކަމަށް ޔާމީންގެ ފަރާތުން ބުނި ނަމަވެސް، އެގޮތަށް ބުނުން ފިޔަވައި އެކަމުގެ މައްޗަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، ޝަރީއަތުގައި މުއައްވިޒު ދިނީ ދޮގު ހެކި ބަހެއް ކަމަށް ކަނޑައެޅޭނޭ ހަމައެއް ނެތް ކަމަށް.
އެމްސީބީގެ އެކައުންޓް ސްޓޭޓްމަންޓްގައި ޗެކް ނަންބަރު ލިޔެފައިވާ ގޮތަށް ބަލާއިރު ހާމަވެފައިވާ ފުށުއެރުމާހެދި، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާ މެދު ޝައްކު އުފެދިފައި ކަމަށް މަހާޒުގެ ރައުޔުގައި ވިދާޅުވި
ޖޫރިމަނާގެ އެންމެ މަތީ މިންވަރު ކަނޑައެޅުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދެއްވުން އެދި ޔާމީން ހުށަހެޅި ނުކުތާގައި ފަނޑިޔާރު މަހާޒު ވިދާޅުވީ، ޖޫރިމަނާގެ މިންވަރު ކަނޑައެޅުމުގައި މަނީލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ 5 ވަނަ މާއްދާގައި ފަނޑިޔާރަށް އިހުތިޔާރެއް އޮންނަކަމަށްވީ ނަމަވެސް އެ އިހުތިޔާރުގެ ބޭނުން ހިފަންވާނީ އެކަމުގެ ސަބަބު ބަޔާންކުރުމަށް ފަހުގައި ކަމަށް. އެ ސަބަބު ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވާތީ، ޔާމީނަށް ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވި
ފަނޑިޔާރު މަހާޒު ވިދާޅުވީ، ދިވެހި ފައިސާގެ ބަދަލުގައި ބޭރު ފައިސާއަކުން ޖޫރިމަނާކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ޔާމީންގެ ފަރާތުން ބުނި ނަމަވެސް، ކުށުގެ އުގޫބާތެއްގެ ގޮތުން ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ދީފައި އޮންނަނީ ގާނޫނުގެ މަފްހޫމުތައް ބަޔާންކޮށްފައިވާ ގޮތަށް ދެމެހެއްޓުމަށާއި ގާނޫނުގައި ކަނޑައެޅިފައިވާ ކުށުގެ ތަބީއަތަށް ބަލައިގެންކަން ސާފުކޮށް އެނގޭ ކަމަށް. އެހެންކަމުން އެއީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށް ވިދާޅުވި.
ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، އިބްތިދާއީ އަޑުއެހުން ނިންމައި، ހަމަ އެދުވަހު ޝަރީއަތް ފެށުމާ ގުޅިގެން ޔާމީންގެ އަސާސީ ހައްގަކަށް އުނިކަމެއް އައިސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، އެ ޝަރީއަތް ފެށީ ލިޔުންތައް ދޫކުރެވުނުތާ 30 ދުވަސް ފަހުން ކަމަށްވާތީ އެކަމުގައި ގާނޫނާ ހިލާފު ކަމެއް ނެތް ކަމަށް.
ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، ތަހުގީގު މަރުހަލާގައި ދިން ގާނޫނީ އިންޒާރުގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރެވޭ ކަމަށް ބުނެފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، ވަކީލުގެ ހާޒިރުގައި ޔާމީން ސޮއިކުރެއްވި ބަޔާނުގައިވެސް މަނީ ލޯންޑަރިންގެ ކުށުގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށް. އަދި އެކަމާ ގުޅިގެން ސުވާލު ކޮށްފައިވާކަންވެސް އެނގޭ ކަމަށް ވިދާޅުވި
ފަނޑިޔާރު މަހާޒު ވިދާޅުވީ ހައި ކޯޓުގެ ހުކުމަކީ މިހާތަނަށް އެންމެ ދިގު ހުކުމް ކަމަށް. ނަމަވެސް ހުކުމުގައި ހުރީ ޝަރީއަތުގައި ހުށައެޅި ކަންކަން 'ވިއްސާލި ވިހާލިވެފައި' ކަމަށް ވިދާޅުވި.
ޔާމީންގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު. ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް
ޝަރީއަތުގެ މަޖިލިސް ފަށައިފި
ޝަރީއަތުގެ މަޖިލިސް ފަށަން ވަނީ ތައްޔާރުވެފައި. ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އެ ޝަރީއަތް ލައިވްކުރާނެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވީ މި މަހުގެ 18 ވަނަ ދުވަހު. ކުށުން ދިފާއުވުމުގެ ގޮތުން ޔާމީނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް އާ ހެކިތަކެއްވެސް ހުށަހަޅައިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހެކިތައް ބަލައި ނުގަތުމަށް ނިންމާފައި.
ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދު ކުރި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ އޭޕްރީލް މަހުގެ 19 ގައި
ސުޕްރީމް ކޯޓުގައި އޮންނަ ހުކުމް އިއްވާ ޝަރީއަތަށް މިވަގުތު ގޭބަންދުގައި ހުންނެވި ޔާމީން ގެންދިޔަ އިރު، އެމަނިކުފާނުގެ ގެ ކައިރީގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ ހިތްވަރު ދީފައިވޭ
މިއަދުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނު 9:00 އަށް. ނަމަވެސް އަދި އަޑުއެހުން ފަށާފައެއް ނުވޭ
ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމުގެ އިސްތިއުނާ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ހުކުމް އިއްވާ އިރު، އެކަމާ ގުޅޭ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!