ދުނިޔެ

އިރާނުން އިސްރާއީލަށް މިސައިލު ހަމަލާތަކެއް، ހައިޕާސޮނިކް މިސައިލުތައް ވެސް ބޭނުންކުރި!

02 Oct 02:05

ބަދަލުގައި އިޒްރޭލުން ހަމަލާއެއް ދީފާނެ ކަމަށް ބަލައި އެ ހަމަލާތަކުން ދިފާއުވުމަށް އިރާން އޮތީ ތައްޔާރަށް ކަމަށް އިރާންގެ ފޮރިން މިނިސްޓްރީން ބުނެފި.

އިރާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިރާނުން ހަމަލާތައް އަމާޒުކޮށްފައިވާނީ ހަމައެކަނި އިޒްރޭލުގެ މިލިޓަރީ އަދި ސެކިއުރިޓީ ފެސިލިޓީތަކަށް ކަމަށާއި އދ. ގެ ސެކިއުރިޓީ ކައުންސިލުން ސަރަހައްދީ އަމާންކަމާއި ސެކިއުރިޓީއާ މެދު މަޝްވަރާކުރަން ޖެހޭ ކަމަށް.

02 Oct 02:01

އިރާނުން ބޭނުންވި ގޮތަށް ހަމަލާތައް ދެވިފައިނުވާ ކަމަށާއި މިސައިލުތަކަށް ހަމަލާދީ ގޮއްވާލުމުގެ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ޓީމުން އިޒްރޭލަށް ފުރިހަމަ އެހީތެރިކަން ދީފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބައިޑަން ވިދާޅުވީ ދެން އަޅާނެ ފިޔަވަޅަކާ މެދު އިޒްރޭލާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް މަޝްވަރާކުރާނެ ކަމަށް. އަދި އެކަމުގެ ގެއްލުން އިރާނަށް ކުރާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި.

02 Oct 01:56

އިރާނަށް ހަމަލާ ބަދަލުކުރުމާ ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމަށް އިޒްރޭލާއެކު މަޝްވަރާކުރަމުންދާ ކަމަށް އެމެރިކާ އިން ބުނެފި.

އެމެރިކާގެ ނެޝަނަލް ސެކއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވިދާޅުވީ އިރާނުން ދިން ހަމަލާއާ ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރު އިޒްރޭލާއެކު ކުރިއަށްގެންދާ ކަމަށް.

އިރާނުން ދިން ހަމަލާގެ ކުރިން އެމެރިކާއަށް އެކަމުގެ އިންޒާރެއް ނުވަތަ މައުލޫމާތެއް ވެސް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި.

02 Oct 01:51
02 Oct 01:45

އިޒްރޭލަށް ދިން ހަމަލާގެ ކުރިން އެމެރިކާއަށް އެކަމުގެ މައުލޫމާތު ދީފައިނުވާނެ ކަމަށް އދ. ގެ އިރާން މިޝަނުން ބުނެފި.

"ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު އެމެރިކާއަށް ދީފައެއް ނުވާނެ. ނަމަވެސް އޭގެ ފަހުން ސީރިއަސް އިންޒާރެއް ދިފައިވާނެ،" އިރާންގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނި.

02 Oct 01:35
02 Oct 00:55

އިރާނުން އިޒްރޭލަށް ހަމަލާ ދީފައިވަނީ އެގައުމުގެ ހަރުކަށި އަމަލުތަކާއި ހަމަލާތަކާ ގުޅިގެން ކަމަށާއި އިރާނުން ހަނގުރާމައެއް ބޭނުން ނުވާ ކަމަށް އިރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެއްޖެ.

"މިއީ އިރާންގެ ރައްޔިތުންގެ ދިފާއުގައި ދިން ހަމަލާއެއް. ނަތަންޔާހޫއަށް ދަންނަވާލަން ބޭނުންވަނީ އިރާނުން ހަނގުރާމައެއް ބޭނުންނުވާކަން. އަދި ދެމުންދާ އިންޒާރުތަކާ ވެސް އިރާން ދެކޮޅު. އިރާނާ ދެކޮޅަށް ނުނިކުތުމަށް އެދެން،" އިރާންގެ ރައީސްގެ ބަޔާނުގައި ވިދާޅުވި.

02 Oct 00:45
02 Oct 00:42

އިރާންގެ މިލިޓަރީން ފަހުން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތައް އަމާޒުކުރީ އިޒްރޭލުގެ ތިން މިލިޓަރީ ބޭސްއަކަށް ކަމަށް.

އިރާންގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ފަހުން އުފެއްދި ފަތަހް ހައިޕާސޮނިކް މިސައިލްތަކެއް ވެސް ހަމަލާތަކުގައި ވަނީ ބޭނުންކޮށްފައި.

01 Oct 23:51

ފަލަސްތީނުގެ ގާޒާގެ ރައްޔިތުން އަންނަނީ އިޒްރޭލަށް އިރާނުން ދިން ހަމަލާ ފާހަގަކޮށް އުފާފާޅުކުރަމުން. ބައެއް މީހުން ގެންދަނީ އެ މަންޒަރުތައް ރެކޯޑުކޮށް ސޯޝަލް މީޑިއާގެ ޕޯސްޓުތަކުގައި ވެސް އެކަން ފާހަގަކުރަމުން.

01 Oct 23:48

އިޒްރޭލުގެ އިމަޖެންސީ ސާވިސަސް އިން ބުނާގޮތުގައި ހަމަލާތަކުގައި ދެ މީހަކަށް ވަނީ އަނިޔާވެފައި. އަދި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ އިދާރާ އިން ބުނޭ.

01 Oct 23:47

އިޒްރޭލު މިލިޓަރީގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ވިދާޅުވީ އިރާނުގެ ގިނަ މިސައިލުތަކަށް ހަމަލާދީ، ގޮއްވާލެވުނު ކަމަށް. ނަމަވެސް މަދު މިސައިލުތަކެއް އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި.

01 Oct 23:44

އިޒްރޭލުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކުރާ ގޮތުގައި، އިރާނުގެ ހަމަލާތައް އަމާޒުކުރީ އިޒްރޭލުގެ ޓޭންކަރުތަކަށް. އެ ހަމަލާތައް އަމާޒުކުރީ އިޒްރޭލުގެ ޓޭންކަރުތައް ބަލަހައްޓާ ސަރަހައްދު، "ނެޓްޒަރިމް ކޮރިޑޯ" އަށް ކަމަށް ވަނީ ރިޕޯޓުކޮށްފައި.

01 Oct 23:42
01 Oct 23:40

އެމެރިކާގެ ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ވަނީ ހަމަލާތަކާ ގުޅިގެން އިރާނަށް ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައި. އެކަމާ ގުޅިގެން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައި.

01 Oct 23:35
01 Oct 23:33

މެދުއިރުމަތީގައި ހިންގާ ހަނގުރާމަ ހުއްޓާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ގޮވާލައްވައިފި. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގުޓެރޭސް ވިދާޅުވީ "ނިމުމެއް އަންނަން ޖެހޭ" ކަމަށް.

01 Oct 23:31

އިޒްރޭލު މިލިޓަރީގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ވިދާޅުވީ ހަމަލާތަކުން ދިފާއުވުމަށް އަދި ބަދަލުގައި ހަމަލާ ބަދަލުކުރުމަށް އިޒްރޭލުގެ މިލިޓަރީ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް.

01 Oct 23:28

މި ހަމަލާއާ ގުޅިގެން އެމެރިކާ އިން ވަނީ ބަޔާނެއް ނެރެފައި.

އެމެރިކާ އިން ބުނީ އިޒްރޭލަށް އެހީތެރިވުމުގެ ގޮތުން އިރާނުގެ މިސައިލުތައް ހުއްޓުވުމަށް މިސައިލުތަކަށް ހަމަލާދީ ގޮއްވާލުމަށް އެމެރިކާގެ މިލިޓަރީއަށް ރައީސް ޖޯ ބައިޑަން އަންގަވާފައިވާ ކަމަށް. އަދި ރައީސް ބައިޑަން އާއި ނައިބު ރައީސް ކަމަލާ ހެރިސް، އިޒްރާލުގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ބުނެފައިވޭ.

01 Oct 23:21

އިރާންގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އެ ހަމަލާއަކީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އާއި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުން އިޒްރޭލަށް ދިން ހަމަލާއެއް ކަމަށް.

01 Oct 23:16

އިޒްރޭލުގެ މިލިޓަރީން ނެރުނު އެންގުމެއްގައި ބުނީ ވަކި ގޮތެއް އަންގަންދެން ރައްކާތެރި ސަރަހައްދުތަކުގައި ތިބުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް.

01 Oct 23:12

އިސްރާއީލުން ބަދަލު ހިފަން ހަމަލާ ދީފި ނަމަ، އެގައުމު ފުނޑުފުނޑު ކޮށްލާނެ ކަމަށްބުނެ އިރާނުން ބަޔާނެއް ނެރެފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓުކުރޭ.

01 Oct 23:12

އިރާނުން ވަނީ އެގައުމުގެ މިލިޓަރީން މިސައިލުތައް ފޮނުވާލިކަން ކަށަވަރުކޮށްދީފައި.

އިރާނުން އިސްރާއީލަށް ހަމަލާދޭން ފަށައިފިއެވެ.

އިސްރާއީލުގެ މިލިޓަރީން ބުނެފައިވާ ގޮތުގައި އިރާނުން އިސްރާއީލަށް މިސައިލް ހަމަލާއެއް ވަނީ ލޯންޗުކޮށްފައެވެ.

އިރާނުން މިސައިލުތައް ފޮނުވާފައިވާ ކަމަށް އިސްރާއީލުން ބުނާ އިރު، މުޅި އިސްރާއީލު ވަނީ ސައިރަންގެ އަޑުން ގުގުމާލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ހަމަލާތަކުން ސަލާމަތްވުމަށް އިސްރާއީލުގެ އާންމުން ރައްކާތެރިކަން ހޯދައި، އެ ތަނެއްގައި އިތުރު މައުލޫމާތު ލިބެންދެން ތިބުމަށް އޮފިޝަލުން ވަނީ އަންގައިފައެވެ.

އިރާނުން އިސްރާއީލަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާއިން މިއަދު ވަނީ އަންގައިފައެވެ. އަދި އިސްރާއީލު އެކަމަށް ތައްޔާރުވުމަށް ވެސް އެމެރިކާއިން އަންގާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ވަނީ މިހާތަނަށް 250 މިސައިލު އިސްރާއީލަށް ފޮނުވާލައިފައެވެ. އެ ހަމަލާތަކުގައި ފޮނުވާލި މިސައިލުތައް އިސްރާއީލުގެ ޑިފެންސް ޑޯމް ތަކުން ގޮއްވާލަމުން ދިޔަ ނަމަވެސް، މަންޒަރުތައް ފެންނަ ގޮތުން ބައެއް މިސައިލުތައް އިސްރާއީލަށް ވެއްޓޭ މަންޒަރު ފެނެއެވެ.