ދުނިޔެ

ބިންހެލުމުގައި މިޔަންމާގެ މިސްކިތެއް ވެއްޓި 3 މީހަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

މިޔަންމާ އަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި، މިސްކިތެއް ވެއްޓި 3 މީހުން މަރުވެއްޖެއެވެ.

މިޔަންމާ އަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވަނީ އެ ގައުމުގެ މަންޑަލޭގައި ހުންނަ މިސްކިތެކެވެ. މަރުވެފައިވާ 3 މީހުންގެ ތެރޭގައި ހިމެނެނީ އެވަގުތު މިސްކިތުގައި ނަމާދު ކުރަމުންދިޔަ މީހުންގެ ތެރެއިން 3 މީހަކު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާގައި ވެއްޓިފައިވާ މިސްކިތުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އަނިޔާވީ މީހުންގެ އަދަދެއް އަދި ހޯދިފައި ނުވާކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިޔަންމާއަށް އައި ބިންހެލުމުގައި އެ ގައުމަށް ލިބުނު ގެއްލުމުގެ ސަބަބުން ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރެސްކިއު އޮޕަރޭޝަންތައް ފަށައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ގައުމުގެ އެކި ސަރަހައްދުތަކުން މިހާތަނަށް 25 މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާއިރު އެއަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށްވެއެވެ.

މިޔަންމާއަށް ލިބުނު ގެއްލުމުގެ ސަބަބުން އެގައުމުގެ ސަރުކާރުން ބޭރުގެ އެހީއަށް އެދިފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެގައުމުން މިޔަންމާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.