މުހައްމަދު އައުޒަމް
ބެންކޮކުގެ އުސް އިމާރާތްތަކުގައި ތިބުން ރައްކާތެރި ނޫންކަމަށް އަންގައި އިންޒާރު ނެރެފިއެވެ.
މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު ތައިލެންޑުގެ ބެންކޮކަށްވެސް ކޮށްފައިވާއިރު ތައިލެންޑުގެ ސަރުކާރުން އިންޒާރު ނެރެފައިވަނީ، އެ ބިންހެލުމުގެ ލޮޅުމުގެ ސަބަބުން ބެންކޮކުގެ އުސް އިމާރާތްތައް ރައްކާތެރި ނޫންކަމަށް ބުނެއެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ޕައޭޓޮންޓާން ޝިނަވަޓްރާ ވަނީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި ބެންކޮކަކީ އިމަޖެންސީ ޒޯނެއް ކަމުގައި ކަނޑައަޅުއްވައިފައެވެ.
މި ބިންހެލުމާ ގުޅިގެން، ބެންކޮކުގެ ގަވަރުނަރު ވަނީ ހާއްސަ ސެންޓަރެއް ގާއިމްކުރައްވައި ލިބިފައި ހުރި ގެއްލުންތައް ބެލުމުގެ މަސައްކަތް ފެށުމަށް އަމުރުކުރައްވައިފައެވެ.
ބެންކޮކުގެ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ އެ ސިޓީގެ އެކި އިމާރާތްތައް ބަލައި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހާއްސަ ހަރަކާތެއްވެސް ފަށާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައިލެންޑުގެ ސަރުކާރުން އެ ގައުމުގެ އާންމުންނަށް ނެރެފައިވާ އިންޒާރުގައި ވާގޮތުން އެ ގައުމުގެ ހޮސްޕިޓަލުތަކާއި އެއާޕޯޓުތަކުގެ އިތުރުން ޕަބްލިކް ޓްރާސްޕޯޓު އޮންނާނީ ތައްޔާރީ ހާލަތުގައި އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބެންކޮކުގެ އުސް އިމާރާތްތަކުގައި މީހުން މިވަގުތަށް ނުތިބުމަށް ވަނީ އަންގައިފައެވެ.
މިޔަންމާއަށް އައި ބިންހެލުމުގެ ސަބަބުން އިތުރު ކުދި ބިންހެލުން އަންނާނެ ކަމަށް އޮފިޝަލުން ބުނާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.