ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާ ނިންމާލައިފި. ދެން މަޖިލިސް ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު.
ރައީސް ރިޔާސީ ބަޔާން އިއްވަވައި ނިންމަވައިލައްވައިފި.
"މި ސަރުކާރުން ދެމި އޮންނާނީ ރައްޔިތުންނަށް އަޅުގަނޑު ވީ ވައުދުތައް ފުއްދުމުގައި، ނަތީޖާ ނެރެދިނުމުގައި. ހީވާގިކަމާއި، ކެރުމާއި،، މުރާލިކަމާއެކު، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި ނުހަނު ސާބިތުކަމާއެކު، ރައްޔިތުންގެ ގާތަށްގޮސް، ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބީ ހޯދުމަކީ އަޅުގަނޑުގެ އުފާ، އަޅުގަނޑުގެ ވާޖިބު، މަސްއޫލިއްޔަތު، މި މަސްއޫލިއްޔަތު އަދާކުރުމުގައި ހަމަ ކޮންމެ ރައްޔިތެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެއްވަރު،" ރައީސް
"ކޮރަޕްޝަން ހުއްޓުވުމަށްޓަކާ އެންޓި ކޮރަޕްޝަންގެ ޤާނޫނަށާއި ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް މިއަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން. މީގެ އިތުރުން، އެކިފަރާތްތަކުން ނުއަގުގައި ހޯދާފައިވާ ދައުލަތުގެ އެސެޓްތަކުގެ ހަމައަގު ހޯދައި، ގާނޫނާ ހިލާފަށް އެކިފަރާތްތަކުން ހޯދާފައިވާ ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށްޓަކާ އެސެޓް ރިކަވަރީއާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާރު ދަނީ ކުރަމުން. އެ ބިލު ވެސް މިއަހަރުގެ ތެރޭގައި ސަރުކާރުން މަޖިލީހަށް ހުށަހަޅަން ވާނީ ނިންމާފައި،" ރައީސް
"އަދި ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައި. ހަމައެއާއެކު ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސްގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލު މި ފެށޭ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނަން،" ރައީސް
"މީގެ އިތުރުވެސް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާންޖެހޭ ކަންކަމުގައި އެވޯޓު ނެގޭނެ ގޮތުގެ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވާތީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކުރަން،" ރައީސް
"މިއަހަރު ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދުކުރާ މުހިންމު ބައެއް އިސްލާހުތަކަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުން،" ރައީސް
"ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ހާއްސަ ކޯޓުތައް އިރާދަކުރެއްވިއްޔާ ގާނޫނީ ނިޒާމު ތެރެއިން ތައާރަފު ކުރާނަން،" ރައީސް
ސުޕީރިއާ ކޯޓު ކޮމްޕްލެކްސް މިއަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނަން، ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް ޖާގަ ތަނަވަސް އިމާރާތަކަށް އޮގަސްޓު މަހުގެ ކުރިން ބަދަލުކުރުމަށް ހުޅުމާލޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމާލެވޭނެ: ރައީސް
"ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ، އެކަމަށް ތަޚްސީސް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ. އެހެންކަމުން އަޅުގަނޑު ގަސްދުކުރަނީ މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާބެހޭ ހާއްސަ ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅައި މި ނިޒާމު ގާއިމުކޮށްދޭން،" ރައީސް
"ކިތަންމެ ގިނަ ކޯޓުރޫމްތަކެއް ހެދިޔަސް ޤާޟީންގެ ޢަދަދު ކިތަންމެ ގިނަ ކުރިޔަސް މި ދެ ނިޒާމް ރަނގަޅަށް ނުހިންގާ ޖިނާއީ އަދުލުގެ ނިޒާމަށް އެކަށީގެންވާ ހައްލެއް ނާންނާނެ. އެހެންކަމުން، ނަސޭހަތުގެ އެއްބަސްވުމާއި، އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ގަސްތުކުރަން،" ރައީސް
"މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުމުގެ އެހީގަ. އޭގެ ސަބަބުން ކޯޓުތަކުގެ ބުރަ ލުއިވެ، މައްސަލަތައް ފުނިޖެހުން ކުޑަވެގެން ދޭ،" ރައީސް
"ނަސޭހަތްދީ މައްސަލަ ފައިލްކުރާ ނިޒާމު ހަރުދަނާކޮށް ހިނގާނަމަ، ޝަރުއީ ކޯޓުތަކަށް ހުށަހެޅިގެންދާ ޖިނާއީ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެން ދާނެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖުޑިޝަރީގެ ވަސީލަތްތައް ބޮޑެތި، ހައްސާސީ ޖިނާއީ މައްސަލަތަކަށް ބޭނުންކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ. މީގެ އިތުރުން ހުށަހެޅޭ މައްސަލަތައް ނުނިމި ކޯޓުގައި ހޭދަވާ މުއްދަތު ކުރުވެ، ޖަލުތައް ފުރިބާރުވުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ،" ރައީސް
"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަޅުގަނޑު ވެފައިވާ ވައުދު ފުއްދުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަންޖެހޭ އިސްލާޙުތައް މި މަހު ހުށަހެޅޭނެ. މި ދެ އިސްލާހުގެ ނަތީޖާއަކަށް ވާނީ މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުން. އަދި އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ހައްލު ލިބުން،" ރައީސް
"އަޅުގަނޑަށް މިހާތަނަށް އެންމެ ކައުންސިލެއް ފިޔަވައި ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރެވިއްޖެ. އަދި ހުރިހާ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ވަނީ ބައްދަލުކުރެވިފައި. މީގެ އިތުރުން، ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކުރަން ފަށައިފިން،" ރައީސް
"މި ކަންކަމުގެ އިތުރަށް ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް 500 ޒުވާނުންނަށް އަމާޒުކޮށްގެން މި އަހަރުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމުތަކެއް ހިންގުމަށް ވަނީ ކަނޑައެޅިފައިކަންވެސް ފާހަގަކުރަން،" ރައީސް
"ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައަލެންސް ޝެލްޓާސްތަކެއް ގާއިމުކުރުމަށް ވަނީ ޕްލޭން ކުރެވިފަ. އޭގެ ތެރެއިން ފުރަތަމަ ޝެލްޓާގެ މަސައްކަތް އައްޑޫސިޓީގައި ފެށުމަށް މި ފެބްރުއަރީ މަސްތެރޭގައި އިއާލާނުކުރެވި، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމައި ހިދުމަތް ފޯރުކޮށްދޭން ފެށޭނެ،" ރައީސް
"އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށްޓަކައި ލުއިލޯނު ދޫކުރުމަށް 2024 ވަނަ އަހަރު 100 މިލިއަން ރުފިޔާގެ ހާއްސަ ސްކީމެއް ވަނީ ތައާރަފުކުރެވިފައި. މި ސްކީމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި 60 ފަރާތަކަށް މިހާރު ވަނީ ލޯނު ދޫކުރެވިފައި. މި ހާއްސަ ލޯން ސްކީމްގެ 25 އިންސައްތަ ހާއްސަކުރެވިފައިވާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް. މި ލޯނު ސްކީމްގެ ދެވަނަ ފިޔަވަހި މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ،" ރައީސް
"ދިވެހި ގައުމުގެ ޒުވާނުންނަކީ ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދޭނެކަމީ އަޅުގަނޑު ކުޑަވެސް ޝައްކެއް ކުރާކަމެއް ނޫން. އަޅުގަނޑަށް ދިވެހި ޒުވާނުންނާ މެދު ކުރެވޭ އުންމީދު އެ ޒުވާނުންގެ މައްޗަށް ކުރެވޭ އިތުބާރު އެ އަށްވުރެ މާ މަތިވެރި. ޒުވާނުންނަކީ ދިވެހި ހިދުމަތުގެ އުދަރެހަށް އުދަވަމުންދާ ތަރިތައް. އެ ތަރިތަކުގެ ވިދުމާއި ބެބުޅުމަށް ޖާގަދޭން ޖެހޭނެ،" ރައީސް
"ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނެތި، ގޯޅިގޯޅީ ކަންކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި މި އޮންނަ ހާލަތަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މިއީ ދިވެހި ޒުވާނުންނާ ދިވެހި ދައުލަތުން ހަވާލުވުން،" ރައީސް
"ޒުވާނުން މުޖުތަމައުގައި ހަވާސާ ވިޔަނުދީ ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ ފުރުސަތުތައް އެބަ ފަހިކުރަން،" ރައީސް
"ހުޅުމާލޭގައި ގާއިމުކުރެވޭ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސްއާއި، މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސް އަދި ޑްރިފްޓިން ސްޓޭޑިއަމްއާއި، މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ގާއިމުކުރެވޭ އިންޓަނޭޝަނަލް ސާފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތްތައް މިއަހަރު ފެށިގެންދާނެ،" ރައީސް
"ވިހި އަހަރުގެ ގައުމީ ކުޅިވަރު ތަރައްގީގެ ޕްލޭނެއް މިހާރު ވާނީ އެކުލަވާލާފައި. ހަމައެއާއެކު ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑު މިހާރު ވާނީ އެކުލަވާލާފައި،" ރައީސް
"ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތް ހަމަ، ފެންވަރު ރަނގަޅު ކުޑަކުޑިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމެއް އަދި ވަސީލަތް ހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުޅުވިގެންދާނެ،" ރައީސް
"ރާއްޖޭގެ އާބާދީގައި ތިބި 65 އަހަރުން މަތީގެ އެންމެހާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އަދާހަމަކޮށް އެއްތަނަކުން ޓްރެކްކޮށް ބެހެއްޓޭނެ ނިޒާމެއް މިހާރު ވާނީ ގާއިމުކުރެވިފައި،" ރައީސް
"ހާލު ކިހިނެއް ޕްރޮގްރާމް މިދިޔަ އަހަރު ތަޢާރަފުކޮށް، މާލެއާއި އަތޮޅުތެރޭގައި، ޖުމުލަ 12,128 ގޭބީސީއަކަށް ސަރުކާރުގެ ޓީމުތައް ޒިޔާރަތްކޮށް އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުވައި ހަދާފައިވޭ. މި ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި،" ރައީސް
"ކޮންމެ ކުއްޖަކަށް އާއިލާއެއް، މި ނަމުގައި ޕްރޮގްރާމެއް 2024 ވަނަ އަހަރު ވާނީ ތައާރަފުކޮށްފައި. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މި ފަދަ ކުދީން ހެދިބޮޑުވުމަށް އެކަށޭނަ ރަނގަޅު އާއިލީ ވެށްޓެއްގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތެރޭން މިހާތަނަށް ޖުމުލަ 65 ކުދިންނަށް ވަނީ އާއިލީވެށްޓެއް ހޯދައިދެވިފައި،" ރައީސް
"ވިލިމާލެ ރައްޔިތުންނަށް ދިމާވެފައިވާ ހޮސްޕިޓަލުގެ ދަތިކަން ހައްލުކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފެށިގެންދާނެ،" ރައީސް
"އައިޖީއެމްއެޗުގައި އިތުރު 75 އެނދުގެ ވޯޑެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން. މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައި މި މަސައްކަތް ނިންމައި، މޭ މަހުގެ ކުރިން އިރާދަކުރެއްވިޔާ ރައްޔިތުންނަށް ހިދުމަތް ދޭން ފެށޭނެ،" ރައީސް
"އަންހެނުންނަށް ހާއްސަ ބަލިތަކަށް ފަރުވާ ދިނުމަށް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ސާޖަރީ ކުރާ ފަދައިން މިނިމަލީ އިންވޭސިވް ގައިނޮކޮލޮޖިކަލް ސާޖަރީތައް ރައްޖޭގައި ފުރަތަމަ ފަހަރަށް، ރޭގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ވަނީ ހަދަން ފަށާފައި. މީގެ ތެރޭގައި ހަތަރު ސާޖަރީއެއް ވަނީ ތައާރަފުކޮށްފައި،" ރައީސް
"އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އައިވީއެފް އާއި އައިޔޫއައި ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ހިދުމަތް ހޯދަން ފަށާފައި. އަދި މި ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން 15 މިލިއަން ރުފިޔާ ކަނޑައަޅައި ފަރޓިލިޓީ ކެއާ ފަންޑެއް ވާނީ ގާއިމުކުރެވިފައި،" ރައީސް
"އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލަކާއި، ގދ. ގައްދޫ ހޮސްޕިޓަލާއި، ތ. ވިލުފުށި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކުރަން،" ރައީސް
"އަޅުގަނޑުގެ ވައުދާއެއް ގޮތަށް ސްޓޭޓް އޮފް ދި އާޓް ތެލެސީމިއާ ހޮސްޕިޓަލެއް އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމި މި އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގެ، އަމަލީ މަސައްކަތް ހުޅުމާލޭގައި މި މަޝްރޫއަށް ހާއްސަކުރެވިފައިވާ ބިމުގައި އިރާދަކުރެއްވިޔާ ފެށިގެންދާނެ،" ރައީސް
"2024 ވަނަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ބޯންމެރޯ ޓްރާންސްޕްލާންޓް ޓްރީޓްމަންޓަށް ފޮނުވިން. ތެލެސީމިއާ ޕްރިވެންޝަން، ކޮންޓްރޯލް އަދި މެނޭޖްމަންޓް މާސްޓާ ޕްލޭނު 15 އޮކްޓޯބަރު 2024ގައި އިފްތިތާހުކޮށް ތަންފީޒީ މަރުހަލާ މިހާރު ވަނީ ފަށާފައި،" ރައީސް
"އާސަންދަ ހިދުމަތުގެ ނަން ފިލާގަނޑު ހުންނަ ކޮންމެ ބޭސްފިހާރަޔަކީ، ރައްޔިތުންގެ ދުޅަހެޔޮކަމަށް ހިދުމަތްކުރާ ތަނަކަށް ވާކަން ކަށަވަރުކުރާނަން. އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ އަގުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ލޮބުވެތި ރައްޔިތެއްގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް އިރާދަކުރެއްވިޔާ ބަދަލުކުރާނަން،" ރައީސް
"ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ކޮންމެ ރައްޔިތަކަށް ވެސް، އިތުރު ހަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަން ނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭކަން ކަށަވަރުކުރުމަށް މުހިންމު ހިދުމަތްތަކެއް މި އަހަރުގެ ތެރޭގައި ތައާރަފުކުރާނަން،" ރައީސް
އާސަންދައިން އިސްރާފު ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނަން، ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރާނަން، ރައްޔިތުންނަށް އެންމެ ފައިދާ ހުރި އެންމެ އިންސާފުވެރި ގޮތް އަބަދު ވެސް އިސްކުރާނަން: ރައީސް
"ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން އެއް "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ގާއިމުކުރުމަށް ވާނީ ނިންމާފައި. ހަމަ އެއާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ވާނީ ހަމަޖައްސާފައި،" ރައީސް
"ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެކަމަށްޓަކައި ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތު ކެއާ ޕްރޮގްރާމްތަކާ މަޝްރޫއުތައް ހިންގުމަށް،" ރައީސް
"ފާއިތުވި އަހަރު ޖުމުލަ 15300 އަށްވުރެ ގިނަ ދަރިވަރުންގެ މަތީ ތައުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދެވިފައިވޭ. އަދި ގައުމުގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ވަނީ ދެވިފައި. ހަމަ އެހެންމެ 640 އަށްވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ފަހިކޮށްދެވިފައިވޭ،" ރައީސް
"ފާއިތުވި އަހަރު ޖުމުލަ 15300 އަށްވުރެ ގިނަ ދަރިވަރުންގެ މަތީ ތައުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދެވިފައިވޭ. އަދި ގައުމުގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ވަނީ ދެވިފައި. ހަމަ އެހެންމެ 640 އަށްވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ފަހިކޮށްދެވިފައިވޭ،" ރައީސް
"ސަރުކާރުގެ ހުރިހައި ސްކޫލެއް ފިނިކުރުމަށް ޓަކައި، "ކޫލް ސްކޫލް" ޕްރޮޖެކްޓް ވާނީ ފަށާފައި. ﷲގެ ވާގިފުޅާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފާއިވާ ސަރުކާރުގެ ސްކޫލްތަކުގެ 3700 އަށްވުރެ ގިނަ ކުލާސްރޫމް ފިނިކުރުމަށް ބޭނުންވާ އޭސީ މި އަހަރު ފޯރުކޮށްދީ މި އަހަރުގެ ތެރޭގައި މި މަޝްރޫއު އިރާދަކުރެއްވިއްޔާ ނިންމާނަން. ހަމަ މިއާއެކު މުޅި މި މަޝްރޫއުގެ ހަކަތައިގެ 100 އިންސައްތަ ސޯލާ ހަކަތައިން ހޯދުމުގެ އަމާޒު ވެސް މި އަހަރު ހާސިލުކުރުމުގެ މަސައްކަތް ފަށާފައިވާ ވާހަކަ އުފަލާއެކު ދަންނަވަން،" ރައީސް
"މީގެ އިތުރުން ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުމުގެ ގޮތުން އިނގިރޭސި ބަސް ކިޔަވައިދޭ 380 ޓީޗަރުން ރާއްޖޭގެ ހުރިހާ އަތޮޅަކުން ވަނީ ތަމްރީނުކުރެވިފައި،" ރައީސް
""ކޮމްޕްލެކްސް ލާނިން ޕްރޮފައިލް"ގެ ކުދިން ޅަފަތުގެ އުމުރުފުރައިގައި ދެނެގަނެ، އުނގެނުމުގެ ތެރެއިން ދޭން ޖެހޭ ސަމާލުކަމާއި އަޅާލުން މުދައްރިސުންނަށް ދަސްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށި، ހަތް އަތޮޅަކުން، 220 މުދައްރިސުން ވަނީ ތަމްރީނުކުރެވިފައި،" ރައީސް
"ދަރިވަރުން ބޭނުންކުރާ ކޮންޓެންޓު ރިވައިސްކުރުމާއި މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ހާއްސަ މަސައްކަތްތައް މިއަހަރުގެ ޖަނަވަރީ މަހުގައި ވަނީ ފެށިފައި. މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިން. މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމާއި މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ އަޅުގަނޑުގެ ވައުދެއް،" ރައީސް
ގޯތި އިމާރާތްކުރުމަށް ދޫކުރާ ލޯނު، އަންނަ ޖުލައި މަހުން ފެށިގެން ދޫކުރަން ފެށޭނެ: ރައީސް
ގެދޮރުވެރިޔާ ސްކީމުގެ ފުލެޓު ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާންކުރާނަން، ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހައްގުވެރިންނަށް ފުލެޓުތައް ހަވާލުކުރާނަން: ރައީސް
"ހަމަ އެއާއެކު އުތުރުތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އިދާރީ މަސައްކަތް މިހާރު ދަނީ ކުރެވެމުން،" ރައީސް
"ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރުތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ،" ރައީސް
"އަދި ހަމައެއާއެކު އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީހައި ގުޅީފަޅުގައި 4000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް މިއަހަރު ފެށުމަށް ދަނީ މަސައްކަތްތައް ކުރެވެމުން،" ރައީސް
"ހަމައެގޮތަށް ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ. މީގެ އިތުރުން ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެންދާނެ. އަދި ގުޅީފަޅާ، ގިރާވަރުފަޅާ، ހުޅުމާލެ ފަޅުތެރެއިން ހިއްކާބިމުން ގޯތިލިބިފައިވާ ފަރާތްތަކަށް އެ ގޯތީގެ ރެޖިސްޓްރީ ބިން ހިއްކައި ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމުގައި ދަންނަވަން،" ރައީސް
"ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުންމީދާ ގުޅިފައިވާ ތަނެއް. އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. ހަމަ އެއާއެކު އެ ތަނުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމަށް މިހާރު ވާނީ ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައި. މާތްﷲގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ، އޭގެ އަމަލީ މަސައްކަތް ފެށިގެންދާނެ،" ރައީސް
"މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން،" ރައީސް
އަމާޒަކީ، ކޮންޓްރެކްޓަރުން ހޯދަން އިއުލާންކޮށްފައި ހުރިހާ ރަށެއްގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށިގެން ދިއުން: ރައީސް
"މާލޭގައި އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިން އެހީގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާ ރަށްޓެހި، އިއާދަކުރަނިވި ހަކަތައިން ޕަވާ ޖެނެރޭޓްކުރާ ޕާކިން ބިލްޑިންތަކެއް އެޅުމަށްވަނީ ހަމަޖެހިފައި. މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކޮށްލަން،" ރައީސް
"މާލެ ސަރަޙައްދަށް ބަލާއިރު، ތިލަމާލެ ބުރިޖަކީ މި ސަރަޙައްދުގެ އުމްރާނީ ތަރައްގީގައި ވަރަށް މުހިއްމު މަސައްކަތެއް. ބުރިޖުގެ މަސައްކަތުގެ 50.88 އިންސައްތަ ވަނީ ނިމިފައި. ޑީޕްސީ ޕައިލް ކުރުމުގައި ލަސްވެގެން ގޮސްފައިވީނަމަވެސް އަދިވެސް އުއްމީދު މި ކުރަނީ ރާވާފައިވާ ގޮތަށް މަޝްރޫއު ނިމިގެންދާނެކަމަށް،" ރައީސް
"އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ. އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިއުލާން ކުރާނަން،" ރައީސް
"ހުއްޓިފައިވާ ފެނާއި ނަރުދަމާ މަޝްރޫއުތަކާއި، ސްކޫލް އިންފްރާސްޓަރަކްޗާ، ހެލްތު ސެންޓަރު އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި މަހާއި މާޗްމަހުގެ ތެރޭގައި ފެށޭނެ. ހުރިހާ ބާވަތެއްގެ މަޝްރޫއުތައް ހިމެނޭހެން ބަލާއިރު، ހުއްޓިފައިވާ މަޝްރޫއުތައް ފެށުމާއި، ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އަލަށް ފަށާ މަޝްރޫއުތަކާއެކު ޖުމުލަ 1043 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާނެ،" ރައީސް
"މިއަހަރުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަސައްކަތް ނިންމާ މާލެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅި ބޭނުންކުރަން ފެށޭނެ. އަދި މާލެ ސަރަހައްދުގައި ފެން އުފެއްދޭ މިންވަރު މި އަހަރު ތެރޭގައި 25 ޕަސަންޓު އިތުރު ކުރެވޭނެ. ހަމައެއާއެކު މާލޭ ސަރަހައްދުގައި ފެން ރައްކާ ކުރުމުގެ ގާބިލުކަން މިއަހަރުގެ ތެރޭގައި 30 ޕަސަންޓު އިތުރު ކުރެވޭނެ،" ރައީސް
"އިރާދަކުރެއްވިއްޔާ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެ. ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ 50 މަޝްރޫއު މިއަހަރު ކުރިއަށްދާނެ،" ރައީސް
"2024 ވަނަ އަހަރު ނުވަ ބަނދަރެއްގެ މަސައްކަތް ނިންމިން. އޭގެ އިތުރަށް 52 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން އެބަދޭ. އަދި މިއަހަރުގެ ތެރޭގައި މީގެ އިތުރުން 10 ރަށެއްގައި ބަނދަރުގެ މަޝްރޫއު ފެށިގެންދާނެ،" ރައީސް
"މަގޭ ސާފު ރާއްޖެގެ ނަމުގައި ކުނި މެނޭޖުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލާ ތަންފީޒުކުރަން ވެސް ވާނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ނިޒާމްތަކެއް މިއަހަރު ގާއިމުކުރުމަށް އަޅުގަނޑުމެން މި ވަނީ އަމާޒު ހިފާފައި. އަދި މި މަޝްރޫއުގެ ތެރެއިން ފާއިތުވެދިޔަ އަހަރު 17 ރަށެއްގައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ވަނީ ކުނީގެ މައްސަލަ މެނޭޖުކުރުމަށްޓަކާ މިހާރު ގާއިމުކުރެވިފައި،" ރައީސް
"އިރުގެ އަލިން 100 މެގަވޮޓް އުފައްދާ ނެޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށްޓަކައި މާލެ އަތޮޅު ފަޅެއްގައި ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕާމިޓް އިޝޫކުރުމަށް މިހާރު ވަނީ ނިންމާފައި. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު މެދުތެރޭ ފަށާ 2027 ވަނަ އަހަރުތެރޭ ނިންމާ އޭގެ ނަފާ ލިބެން ފަށާނެ،" ރައީސް
"މީގެ އިތުރަށް 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ޓާގެޓަށް ވާސިލުވުމަށް ވެސް މިދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން، އިރުގެ އަލިން 15 މެގަ ވޮޓްގެ ކަރަންޓު އުފައްދާ ނިޒާމު ފާއިތުވެދިޔަ އަހަރު ވާނީ އިތުރުކުރެވިފައި،" ރައީސް
"މޫސުމަށް އަންނަ ބަދަލުތަކަށް އެޑެޕްޓްވުމަށް ސަރުކާރުން އިސްނަގައިގެން އެތައް ކަންކަމެއް އެބަކުރަން. މީގެ ތެރެއިން "ފަސް މިލިއަން ގަސް މަޝްރޫއު" ގެ ދަށުން ފާއިތުވެދިޔަ އަހަރު 450,000 ގަސް ވަނީ އިންދާފައި. އަދި 4.2 މިލިއަން ގަސް އިންދުމަށް އެކިއެކި ފަރާތްތަކުން ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައި،" ރައީސް
"މިވީ އެއް އަހަރާއި ދެ މަސްތެރޭ މިހާރު އިތުރު 45 ރަށެއްގެ ފެނުގެ ހިދުމަތް އަދި 40 ރަށެއްގެ ނަރުދަމާގެ ހިދުމަތް ގާއިމުކޮށް ވާނީ ނިންމާފައި. ފެނުގެ ހިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ހިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ތެރޭ މުޅިން ނިންމާ 2026 ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީ ނިމޭނެ،" ރައީސް
ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 57 ރަށެއްގައި މަޝްރޫއެއް މިއަހަރު ކުރިއަށް ގެންދެވޭނެ: ރައީސް
މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" މަޖިލީހުން މި ފެށޭ ދައުރުގެ އެންމެ ކުރީކޮޅުގައި ފާސްކޮށްދޭނެ ކަމަށް އުންމީދުކުރަން: ރައީސް
"މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، އަޅުގަނޑު ވައުދުވެފައިވާގޮތަށް ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި މަރުކަޒުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ،" ރައީސް
"މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުން ހުއްޓުވުމުގެ ގޮތުން، ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި، "ވެސެލް ޓްރެކިން ޑިވައިސް" ހަރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ،" ރައީސް
"ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އަމާޒުކޮށް، 10 ޑިސެންބަރު 2023 ގައި އޮޕަރޭޝަން ފަނާރުގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައި ފަރުވާ ކުރިއަށް އެބަދޭ. އެގޮތުން ފަރުވާ ނުފެށިތިބި 700 މީހުންގެ ތެރެއިން 85 ޕަސަންޓް މީހުންގެ ފަރުވާ ވަނީ ފުރިހަމަކޮށްދެވިފައި،" ރައީސް
"މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައި،" ރައީސް
"އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ތައާރަފުކުރެވި، މިހާތަނަށް އިމިގްރޭޝަން ވޮޗްއަށް 1297 މައްސަލަ ވަނީ ހުށަހަޅާފާ. މީގެތެރެއިން ނުނިމި އޮތީ 11 މައްސަލަ،" ރައީސް
"މީގެ އިތުރުން، 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާހަމައަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6076 ބިދޭސީން ވަނީ ފުރުވާލެވިފާ. އޭގެ ކުރީ ފަސް އަހަރު އާދެ! 2018 އިން 2023 އަށް ފުރުވާލާފައިވަނީ 2649 ބިދޭސީން. މީގެ އިތުރުން 17 ނޮވެންބަރު 2023އިން ފެށިގެން މިއަދާ ހަމައަށް 24540 ބިދޭސީން ވަނީ ރެގިއުލަރައިޒް ކުރެވިފައި. އޭގެ ކުރީގެ ފަސް އަހަރު 2018 އިން 2023 އަށް ރެގިއުލަރައިޒް ކޮށްފައިވަނީ 21425 ބިދޭސީން،" ރައީސް
"މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ވަނީ އެއްކުރެވިފައި. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 43،294 ބިދޭސީންގެ މައުލޫމާތު ވަނީ އޮޕަރޭޝަން ކުރަނގިން އެއްކުރެވިފައި،" ރައީސް
"ދިވެހި އިގުތިސާދުގެ މުހިންމު ބައިވެރިއަކަށް ދިވެހި ދަނޑުވެރިކަން ބަދަލުކުރަން އަޅުގަނޑު ބޭނުން. އެގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން ހާއްސަ ތަރައްގީގެ މަސައްކަތްތަކެއް މިއަހަރު ކުރުމަށް ވަނީ ރޭވިފައި. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ހާއްސަ އިގުތިސާދީ ޒޯނެއް ގާއިމުކުރެވޭނެ. ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް ފުޑް ސެކިއުރިޓީ ގާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ހާއްސަ މަޝްރޫއެއް މިއަހަރު ފެށިގެންދާނެ. އަދި މި މަޝްރޫއު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ލިބޭނެ،" ރައީސް
"މިކަންކަމުގެ އިތުރުން، އަޅުގަނޑު ވައުދުވެފައިވާގޮތަށް މަސްވެރިންނާ އޮޑިވެރީން އަދި އާންމު ފަރުދުންގެ ފައިދާއަށްޓަކައި މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްކިޑް ގާއިމުކޮށް އެސްޓީއޯ ރޭޓުގައި ޑީސަލް ތެޔޮ ވިއްކަން ފެށޭނެ،" ރައީސް
"މީގެއިތުރުން 100 ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް ބެހެއްޓުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރްއެސްޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި،" ރައީސް
"މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކެއްވެސް ޒަމާނުއްސުރެ އެބަހުރި. އެ ކަން ހައްލުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސައުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" ރައީސް
"މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިން ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުސަތާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުސަތު މިއަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެ. އަޅުގަނޑު ބޭނުންވަނީ ގައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ހިދުމަތްތެރީން ދައުލަތުން ޝަރަފާއެކު ބަލައިގަނެ، މި ފަދަ އެތައް ފުރުޞަތެއް ފަހިކޮށްދޭން. މިއީ އެއް ގައުމެއް. އެއް އާއިލާއެއް،" ރައީސް
"މަސްވެރިކަމުގެ ދާއިރާއަށް މި ގެނެވޭ ޒަމާނީ ކުރިއެރުމާއި ނިޒާމީ ހަރުދަނާކަމުގެ ތެރެއިން އަޅުގަނޑު ވައުދުވެފައިވާ ގޮތަށް މަސްވެރިންގެ ގައުމީ ދަފުތަރެއް އުފައްދައި، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ ވަނީ ރަޖިސްޓަރީވެފައި،" ރައީސް
"މީގެ ގިނަ މަޝްރޫއުތަކަކީ ބޭރުގެ ފަންޑިން އެޖެންސީތަކުން އެހީދީގެން ހިންގާ މަޝްރޫއުތައް. މިގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖަކީ އިންޑިއަން އެގްޒިމް ބޭންކް ލޯނުގެ ދަށުން އަޅާ ފެސިލިޓީއެއް. މ. މުލައް އަދި ކޫއްޑޫގެ މަޝްރޫޢަށް ފަންޑު ކުރަނީ ސައުދީ ފަންޑުން. އަދި ހއ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖާއި، ހުޅުމާލެ ކަންނެލި ފެކްޓްރީއަކީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ގާއިމުކުރާ ފެސިލިޓީއެއް. އަދި ގދ ފިޔޮރީއާއި ފ. ނިލަންދޫ މަޝްރޫއަށް ފައިނޭންސްކޮށްދެނީ ޗައިނާގެ ލޯން ފެސިލިޓީއަކުން،" ރައީސް
"އަދި 2026ގައި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިން ޕްލާންޓުގެ މަސައްކަތް ނިމޭނެ. އަދި ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިން ޕްލާންޓްތައް 2027ގެ ކުރީކޮޅު ނިމޭނެ،" ރައީސް
"އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމާއި، މަސް ޕްރޮސެސިން ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެ. އަދި މީގެ ތެރެއިން ފެލިވަރާއި ގދ ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރު ނިމޭނެ،" ރައީސް
"މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ފެރީ ހިދުމަތް ދޭން ފަށާނެ. މިގޮތުން ދެން އެންމެ ފުރަތަމަ އާރްޓީއެލް ހިދުމަތް ފެށޭނީ ރ. އަތޮޅުގާ. އެއީ މިއަހަރުގެ ޖޫން މަހު. އޭގެ ހަމަ ކުޑަ ދުވަސްކޮޅެއް ފަހުން ޖުލައި މަހުގެތެރޭގައި ބ. އަތޮޅުގައި ފެށޭނެ،" ރައީސް
"މީގެ އިތުރުން އަޅުގަނޑު ވައުދުވެފައިވާ ފަދައިން، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއާޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށްދާނެ. މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް އަޅުގަނޑު ވައުދުވެފައިވާގޮތަށް މަސައްކަތްތައް މިއަހަރު ފެށިގެންދާނެ،" ރައީސް
"އާންމު ރައްޔިތުންނަށް ވެސް ޒަމާނުއްސުރެ އޮތް ދަތުރުފަތުރުގެ ދަތިކަމަށް ހައްލުހޯދައި ދިނުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރިއަށް އެބަގެންދަން. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމާއި، ހަނިމާދޫ އެއާޕޯޓާއި، އައްޑޫ ގަން އެއާޕޯޓް މިއަހަރު ހުޅުވުމާއި، މ. މުލީ އެއާޕޯޓް އެޕްރީލް މަހު ހުޅުވުމަށް މަސައްކަތްދަނީ ކުރެވެމުން،" ރައީސް
"ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ގައުމީ އެއާލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާ ކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުން. ހަމަ އެއާއެކު މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށްވަނީ ހަމަޖެހިފައި. މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ގައުމީ އެއާލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ،" ރައީސް
"މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ އަތޮޅު، ތ އަތޮޅު ފަދަ އަތޮޅުތަކުގައި މިއަހަރުތެރޭގައި އިންވެސްޓްކުރުމަށް ލުއިތައް ދީގެންނާއި، އެ ނޫން އިންސެންޓިވްތައް ދީގެން ރިސޯޓުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު. ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ފާއިތުވި އަހަރު ވަނީ ވައިޑްބޮޑީ އެއާކްރާފްޓް އިފުތިތާހުކޮށްފައި،" ރައީސް
"މިއަހަރުގެ އަމާޒަކީ، މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ޒިޔާރަތްކުރުން. މި އަމާޒު ހާސިލުކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ފެށިފައި،" ރައީސް
"މިދިޔަ ހަފުތާގައި މިކަމާބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ވާނީ ނިންމާފައި. އޭގެތެރޭގައި ސަރުކާރުގެ ޓެކްނޮލޮޖީ ގަވަރނަންސް ހަރުދަނާ ކުރުން، ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފުކުރުން، ޑޭޓާ ޝެއަރިންގް ޕްލެޓްފޯމެއް ބިނާކުރުން، ސައިބާ ސެކިޔުރިޓީ ހަރުދަނާ ކުރުން ފަދަ އެތައް ކަމެއް ހިމެނޭ،" ރައީސް
"ގައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި 2030 އާ ހަމައަށްދާއިރު އައިސީޓީ ދާއިރާގެ ހިއްސާ 15 އިންސައްތައަށް މަތިކޮށް، އަދި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ހާއްސަ އަހަންމިއްޔަތެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތެއް،" ރައީސް
"މި އަމާޒު ހާސިލުކުރުމަށް ރޭވުންތެރިކަމާއެކު އަޅުގަނޑުމެން އަޅަމުން މިދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްގީގެ މަޝްރޫޢުތަކުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް ނުގެނެސް، ފިސްކަލް ދެމެހެއްޓެނިވިކަން ޙާޞިލްވާނޭކަމުގެ ފުރިހަމަ ޔަގީންކަން އިރާދަކުރެއްވީތީ، އެބައޮތް،" ރައީސް
"އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ކުޑަކުރުން. މީގެ ކުރިން 2024 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވި،" ރައީސް
"ޒަމާންތަކެއް ވަންދެން، ލިބޭ އާމްދަނީއަށްވުރެ އިތުރަށް ދައުލަތުގެ ހަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތެއްކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މި ބޮޑު ގައުމީ އަދި މާލީ މައްސަލައަށް ހައްލު ހޯދަންޖެހޭ. އެހެންވެގެން، ދައުލަތުގެ މާލިއްޔާއިން ކުރަމުންދާ ހަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިޔަށް އެބަ ގެންދަން،" ރައީސް
"ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެކަމުގެ ހެޔޮ އަސަރުވެސް މިހާރު ވަނީ ދައުލަތުގެ މާލިއްޔާއަށާއި ބޭރު ފައިސާގެ ރިޒާވަށް ކުރަން ފަށާފައި. ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ،" ރައީސް
"އާމްދަނީއަށް ބަލާއިރު، 2024 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމުލަ 35 ބިލިއަން ރުފިޔާ ލިބިފައިވޭ،" ރައީސް
"އަދި ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާ ހަދާފައިވާ އެގްރީމަންޓްތަކުގެ ދަށުން ލޯކަލް ވެންޑަރުން ހުށަހަޅާފައިވާ ބިލުތަކަށް 6.4 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައި،" ރައީސް
"މީގެ އިތުރުން 1.8 ބިލިއަން ރުފިޔާ ކެޕިޓަލް އިކުއިޕްމަންޓާއި، އެފަދަ އެހެނިހެން ތަކެއްޗަށް ހަރަދުވެފައިވޭ. އަދި 0.7 ބިލިއަން ރުފިޔާ ލޯން އިޝޫކުރުމަށް ހަރަދު ކުރެވިފައިވޭ. 17 ނޮވެންބަރު 2023ގެ ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށް 2024 ވަނަ އަހަރުގެ ބަޖެޓުން ޖުމުލަ 3.9 ބިލިއަން ރުފިޔާ ބޭރުގެ ދަރަނި އަދާކުރަން ހަރަދުވެފައިވާ އިރު، އެތެރޭގެ ދަރަނި ދެއްކުމަށް 3.1 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައި،" ރައީސް
"ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ 18.3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު އޭގެތެރެއިން 11.4 ބިލިއަން ރުފިޔާ ހަރަދުވެފައިވަނީ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ހިންގުމަށް. ޕްރިންސިޕަލް ލޯން ރިޕޭމަންޓްތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދު ވެފައިވާއިރު 2.1 ބިލިއަން ރުފިއާ އިންވެސްޓްމަންޓްތަކަށް ހަރަދު ވެފައިވޭ،" ރައީސް
"މި އިއްޒަތްތެރި މަޖިލީހުން ފާސްކޮށްދެއްވި، 2024 ވަނަ އަހަރުގެ ޖުމްލަ 53.1 ބިލިއަން ރުފިޔާގެ ބަޖެޓު ޚަރަދު ކުރެވިފައިވާ ގޮތަށް ބަލައިލުމަކީ، މި ހިނދުގައި ކޮންމެހެން ކުރަންޖެހޭނެކަމެއް ކަމުގައި ދެކެން. މިގޮތުން ބަލާއިރު، ބަޖެޓުގެ 34.8 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވަނީ ރިކަރަންޓް ހަރަދުތަކަށް،" ރައީސް
"ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު މި ގެންދަނީ އަޅަމުން،" ރައީސް
"މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން، ނުވަތަ ތަކެތީގެ އަގުތައް އެވަރެޖްކޮށް އިތުރުވެފައިވަނީ 0.8 އިންސައްތައިން. މިއީ 2023 ވަނަ އަހަރު އިންފްލޭޝަން ހުރި މިންވަރު ކަމަށްވާ 2.9 އިންސައްތައަށްވުރެ ދަށް މިންވަރެއް. އަދި ދުނިޔޭގެ ބާޒާރުގެ އަގުތަކާއި ރާއްޖޭގެ އިގުތިސާދީ ހާލަތު ބަދަލުވަމުންދާގޮތަށް ބަލައި، މިއަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ އިރާދަކުރެއްވިއްޔާ ހިފެހެއްޓޭނެ،" ރައީސް
"ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރިއަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 މިއަހަރު މެއި މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި،" ރައީސް
"މި ނިންމުމުގެ ސަބަބުން، 2133 ފަރާތަކަށް 55 މިލިއަން ރުފިޔާގެ އިންޓަރެސްޓް މައާފުކުރެވި، އަދި މިހާތަނަށް ލޯނު ދައްކާ ނުނިމޭ 1811 ފަރާތަކަށް ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދެވުނު. އަދި، 2024 ވަނަ އަހަރުގެ ނޮވެމްބަރ 17 ގެ ނިޔަލަށް، ލޯނު އެއްކޮށް ދައްކާ ނިންމާފައިވާ 322 ފަރާތުގެ ތެރެއިން 316 ފަރާތަކަށް، އެ ފަރާތްތަކުން ކުރިން ދައްކާފައިވާ އިންޓަރެސްޓަށްވާ ފައިސާގެ ގޮތުގައި، 3.36 މިލިއަން ރުފިޔާ ވަނީ އެ ފަރާތްތަކަށް އަނބުރާ ރައްދުކުރެވިފައި،" ރައީސް
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ލުއިތަކެއް ވަނީ ފޯރުކޮށްދެވިފައި. އަދި އެ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް މަގުފަހިކުރުމުގެ ގޮތުން މި ލޯނުތަކުގެ އިންޓަރެސްޓް މުޅިން މައާފުކޮށް، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 8 އަހަރުން 10 އަހަރަށް ވަނީ އިތުރު ކޮށްދެވިފައި،" ރައީސް
"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގުތިސާދުގެ ހަކަތަ. މިހެންކަމުން މި ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރު ތެރޭގައި، 374 ވިޔަފާރިއަކަށް ޖުމުލަ 198 މިލިއަން ރުފިޔާގެ ލޯނު ފައިސާ ދޫކުރެވިފައިވޭ،" ރައީސް
"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ،" ރައީސް
"2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ. އަދި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ،" ރައީސް
"މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ އިތުރުވެފަ. 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި. މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް. އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން،" ރައީސް
"ގައުމުގެ އިގުތިސާދީ ހާލަތަށް ބަލާއިރު 2024 ވަނަ އަހަރަށްވުރެ މި އަހަރު އިގުތިސާދީ ކުރިއެރުން ހަލުއިވާނެ. އެ ގޮތުން 2025ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރަން،" ރައީސް
"ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިލްމީ ފިކުރީ އަދި އިޤުތިޞާދީ މި ހަރަކާތްތައް ކުރިޔަށް ދާ އިރު، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި، ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު އެކުލަވާލައި، ދިވެހި ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހުތައް ގެނެސް، ދިވެހި ގައުމިއްޔަތުގެ ދާއިރާގެ ހައިސިއްޔަތަށް ހާއްސަ އިސްކަމެއް ދިނުމުގެ މަސައްކަތްތައް ވެސް މި އަހަރުތެރޭ ކުރިޔަށް ދާނެ،" ރައީސް
"މި ލޮބުވެތި ދިވެހި ގައުމުގެ މިނިވަންކަމުގެ އަގާއި ޝަރަފާއި ޢިއްޒަތް ހަމަ ކޮންމެ ދިވެހި ދަރިޔަކަށް އިހުސާސްވެ، މި ލޮބުވެތި ދިވެހި ޤައުމާ މެދު ފަހުރުވެރިވާނެ ދިވެހި ދަރީންތަކެއް އުފެދެން އަޅުގަނޑު އިންތިހާޔަށް ބޭނުން. ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމި އޮންނާނީ އޭރުން،" ރައީސް
"ދިވެހި ގައުމިއްޔަތުގެ ދާއިރާއިން ހާއްސަ މަޝްރޫއެއްގެ ގޮތުގައި ގާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ގައުމީ މަޝްރޫއެއް ހއ. އަތޮޅުގައި މި އަހަރު ފެށޭނެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހއ. އުތީމު، ތަކަންދޫ، ބާރަށް ހިމެނޭނެ،" ރައީސް
"ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން މި އަހަރު ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފައްދަން ފަށާނެ. ހަމަ އެހެންމެ ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އުސްގެކޮޅާ ގުޅިފައިވާ ޕާކު އިންޓަރެކްޓިވް އިމަރސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ،" ރައީސް
"ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އާސާރީ ތަންތަން 3ޑީ ސްކޭނިންގ ހެދުމާއި، އެހެނިހެން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާއްދީ ތަރިކަ ދަފްތަރުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، އާންމުންނާއި ކިޔަވާ ކުދިންނާއި ދިރާސާކުރާ ފަރާތްތަކަށް ފަސޭހައިން ފެންނާނެ ޑޭޓާބޭސްއެއް ގާއިމުކޮށްފިން،" ރައީސް
"ވަކި ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން،" ރައީސް
"ގާޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ގާޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ،" ރައީސް
"ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން. އެހެން ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހި ރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ،" ރައީސް
"ރާއްޖެއަށް ކުރިއެރުން ލިބޭ ހުރިހާ ޤައުމަކާ ގުޅުން ބަދަހިކުރެވެންވާނެ. އަބަދުވެސް އަވަށްޓެރި ގައުމުތައް މުހިންމު ވާނެ،" ރައީސް
"މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެ. މީގެ އިތުރުން 20 ރަށެއްގައި ގާއިމުކުރެވިފައިވާ ފުލުހުންގެ ހިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ،" ރައީސް
"މިއަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެ، އަދި ގިރިފުށީ ޓްރެއިނިން މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރެވޭނެ،" ރައީސް
ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އަޅުގަނޑުގެ އަޒުމު، އެއީ ދުވަހަކު ވެސް ފަރުވާކުޑަކޮށްނުލާނެ ގައުމީ ވާޖިބެއް: ރައީސް
"މުޖުތަމައުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ،" ރައީސް
"ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ހަތް މިލިއަން ރުފިޔާ ހަރަދު ކުރެވިފައި. ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއު މިއަހަރު ކުރިއަށްގެންދެވޭނެ،" ރައީސް
"ލީޑާޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގައި، ވީމާ، އިސްލާމީ ލީޑާޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑާޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާ ގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށްގެންދާ ގޮތަށް ވާނީ ހަމަޖައްސާފައި،" ރައީސް
ދިވެހި މުޖުތަމައު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަގުސަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫއެއް ވާނީ ފަށާފައި: ރައީސް
މެދުކެނޑުމަކަށްފަހު މަޖިލިސް ޖަލްސާ ފަށައި، ރައީސް އަލުން ރިޔާސީ ބަޔާން ކުރިއަށްގެންދަވަން ފައްޓަވައިފި.
ނަން އިއްވި މެންބަރުން މަޖިލިސް ދޫކުރައްވައި ނުކުންނެވަންދެން، މަޖިލިސް ޖަލްސާ ވަގުތީގޮތުން މެދުކަނޑާލައިފި. މަޖިލިސް މެދުކަނޑާލީ ހެނދުނު 9:14 ގައި.
މަޖިލިސް ކުރާ މާލަން ދޫކުރައްވައި ވަޑައިގެންނެވުމަށް، މަޖިލިސް ރައީސް އަބްދުއްރަހީމް ނުވަ މެންބަރެއްގެ ނަން އިއްވައިފި.
ނުގުޑާފަދަ އަޒުމަކާއެކު މިދަނީ ކެނޑިނޭޅި މަސައްކަތްކުރުން، އިސްލާމީ އަގީދާ ވަރުގަދަކުރުމަށް ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު: ރައީސް
މިއީ އަމަލީ މަސައްކަތް ފެށުމުގެ އަހަރު، ކުރިއަށްއޮތީ ނަތީޖާ ނެރުން: ރައީސް
ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވާ އިރު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ދަނީ އަޑުގަދަކުރަމުން. އެއާއެކު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އެދިވަޑައިގެންފި.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި.
ޖަލްސާއަށް ހާޒިރުވީ 88 މެންބަރުން، ސަލާމުގައި އެއް މެންބަރު.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފަށައިފި. ރިޔާސަތުން ޖަލްސާ ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ.
ރައީސް ރިޔާސީ ބަޔާން އިއްވަވާ އިރު، "ރިޔާސީ ބަޔާން އަޑުއަހަން އެންމެން މަޖިލިސް ދޮށަށް" ނަމުގައި މަޖިލީހުގެ އިދާރާ ކައިރީގައި ހެނދުނު 9:00 ގައި އެއްވުމެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ވަނީ ނިންމާފައި.
މި ޖަލްސާއަށް މަޖިލިސް މެންބަރުންގެ އިތުރުން ދައުލަތުގެ އިސް ބޭފުޅުންނާއި ވަޒީރުން ވެސް ވަނީ ވަޑައިގެންފައި. އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލިސް އިދާރާއަށް ވަޑައިގެންފި. އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ލައިވްބްލޮގަށް "ވަން" ކިޔުންތެރީންނަށް މަރުހަބާ!
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.
މި ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެވެ. ރިޔާސަތު ބަލަހައްޓަވާނީ ވެސް އަބްދުއްރަހީމެވެ.
ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތަކެއް މިދުވަސްވަރު ވަނީ ގަދަވެފައެވެ. އެ ވާހަކަތައް ދެކެވެން ފެށީ އަބްދުއްރަހީމުގެ ދަރިފުޅު، އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެންނެވެ.
ފައިސަލް، މަގާމުން ވަކިކުރެއްވުމާ ގުޅިގެން އަބްދުއްރަހީމް އޮންލައިން މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އޭނާއާއި ރައީސް މުއިއްޒާ ދެމެދު ކުރިން އޮތް އިތުބާރާއި ގުޅުން އޮތްނަމަ ފައިސަލް މަގާމުން ވަކި ނުކުރައްވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާ ބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެ ޖަލްސާ ނިންމަވައިލައްވާނެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް، އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންވާނެއެވެ.
ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ތައްޔާރުކޮށް މަޖިލިސް ޖަލްސާއެއްގައި އިއްވަންވާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.
މިދިޔަ އަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައެވެ.