މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސްޕެއިންގެ ރޮޑްރީ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ސްޕެއިންގެ ލަމީން ޔަމާލް.
މެޗުގެ ކުޅުން ނިންމާލައިފި. އިންގްލެންޑް ބަލިކޮށް، ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިނަށް.
'90+2 - ނާޗޯއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ އޮލީ ވޮޓްކިންސްއަށް ރީނދޫ ކާޑެއް.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.
'90 - އިންގްލެންޑްގެ ނުރައްކަލެއް. ކޯލް ޕާމާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑެކްލަން ރައިސް ބޮލުން ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން މާކޭ ގޭހީ ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ދިފާއުކުރީ ސްޕެއިންގެ ޑެނީ އޮލްމޯ.
'89 - ސްޕެއިނުން ވެސް ބަދަލެއް. ޔަމާލްގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް މެރީނޯ.
'89 - އިންގްލެންޑުން ބަދަލެއް. ފިލް ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތީ އިވާން ޓޯނީ.
'86 - ސްޕެއިނުން ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފި. މާކް ކުކުރެއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިކެލް އޮޔާޒަބަލް.
'83 - ސްޕެއިނުން ބަދަލެއް. ލެ ނޯމަންޑްގެ ބަދަލުގައި ކުޅެން ނުކުތީ ނާޗޯ.
'82 - ސްޕެއިންގެ ނުރައްކަލެއް. ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލަމީން ޔަމާލް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައި.
'73 - އިންގްލެންޑުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ބުކަޔޯ ސަކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކޯލް ޕާމާ. އޭނާގެ ބޯޅަ އަމާޒުކޮށްލީ ސްޕެއިން ގޯލުގެ ތިރީ ކަނަކަށް.
'71 - އިންގްލެންޑުން ބަދަލެއް. ކޮބީ މައިނޫގެ ބަދަލުގައި ކުޅެން ނުކުތީ ކޯލް ޕާމާ.
'70 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ބާރު ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.
'67 - ސްޕެއިނުން ބަދަލެއް. އަލްވާރޯ މޮރާޓާގެ ބަދަލުގައި ކުޅެން ނުކުތީ މިކެލް އޮޔާޒަބަލް.
'66 - ސްޕެއިންގެ ނުރައްކާތެރި ކައުންޓާ އެޓޭކެއް. ޑެނީ އޮލްމޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލަމީން ޔަމާލް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'64 - އިންގްލެންޑްގެ ނުރައްކަލެއް. ރީތިކޮށް އެނބުރިލާފައި ޕެނަލްޓީ އޭރިއާ ބޭރުން ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'61 - އިންގްލެންޑުން ބަދަލެއް. ކެޕްޓަން ހެރީ ކޭންގެ ބަދަލުގައި ކުޅެން ނުކުތީ އޮލީ ވޮޓްކިންސް.
'56 - ސްޕެއިންގެ އިތުރު ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ބޭރުން ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.
'55 - ސްޕެއިންގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު، ކެޕްޓަން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން އިންގްލެންޑް ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ބްލޮކްކޮށްފައި.
'53 - މާޓިން ޒުބިމެންޑީއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑްގެ ޑެކްލަން ރައިސްއަށް ރީނދޫ ކާޑެއް.
'49 - ސްޕެއިނަށް އިތުރު ފުރުސަތެއް. ނިކޯ ވިލިއަމްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'47 - ސްޕެެއިނުން ގޯލެއް ޖަހައި ލީޑު ހޯދައިފި. ލަމީން ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސް. އޭނާގެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަކަށް.
ސްޕެއިނުން ނުކުތީ ބަދަލަކާއެކު. ރޮޑްރީގެ ބަދަލުގައި ކުޅެން ނުކުތީ މާޓިން ޒުބިމެންޑީ.
ދެވަނަ ހާފުގެ ކުޅުން ފެށީ ސްޕެއިނުން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން.
'45+1 - އިންގްލެންޑުގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ފިލް ފޮޑެން ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައި.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.
'44 - އިންގްލެންޑްގެ ހަމަލާއެއް. ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ހެރީ ކޭން ފޮނުވާލި ހަމަލާ، ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ވަނީ ބްލޮކްކޮށްފައި.
އިންގްލެންޑް ކުޅުންތެރިން ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅެމުންދާތީ، ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް ސްޕެއިނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި. އިންގްލެންޑުން މަސައްކަތްކުރަނީ ކައުންޓާ އެޓޭކުގައި ނުރައްކާކުރުމަށް.
'30 - ޑެކްލަން ރައިސްއަށް ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ ޑެނީ އޮލްމޯއަށް ރީނދޫ ކާޑެއް.
'28 - ސްޕެއިންގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ، އިންގްލެންޑް ޑިފެންޑަރު މާކް ގޭހީ ވަނީ ބްލޮކްކޮށްފައި.
'25 - ފަބިއަން ރުއިޒްއަށް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑް ކެޕްޓަން ހެރީ ކޭންއަށް ރީނދޫ ކާޑެއް.
'23 - ސްޕެއިންގެ ހަމަލާއެއް. ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ލަމީން ޔަމާލް ފޮނުވާލި ހަމަލާ، އިންގްލެންޑް ޑިފެންޑަރު މާކް ގޭހީ ވަނީ ބްލޮކްކޮށްފައި.
މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްޕެއިނުން. ނަމަވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް އަދި ތަނަވަސްކުރެވިފައެއް ނުވޭ.
'13 - ސްޕެއިންގެ ހަމަލާއެއް. ރޮޑްރީ ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮބިން ލެ ނޯމަންޑް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'12 - ސްޕެއިންގެ ނުރައްކަލެއް. ފަބިއަން ރުއިޒް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ، އިންގްލެންޑް ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ބްލޮކްކޮށްފައި.
'5 - ނިކޯ ވިލިއަމްސް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިން ކެޕްޓަން އަލްވާރޯ މޮރާޓާއަށް ލިބުމުގެ ކުރިން އިންގްލެންޑް ޑިފެންޑަރު ޖޯން ސްޓޯންސް ދިފާއުކޮށްފި.
މި މެޗުގައި ވެސް ސްޕެއިނުން ކުޅެމުންދަނީ އެޓީމުގެ ރަސްމީ ކުޅުން. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅެމުންދާ އިރު، އިންގްލެންޑުން ދަނީ ޕްރެސް ކުރުމަށް މަސައްކަތްކުރޭ.
މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންގްލެންޑުން.
މި މުބާރާތުގައި އެންމެ ބޮޑަށް ވިދާލި އެއް ކުޅުންތެރިޔަކީ ސްޕެއިންގެ ލަމީން ޔަމާލް. އޭނާ 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގައި މުބާރާތަށް ނުކުތް ނަމަވެސް، އިއްޔެ އޭނާއަށް ވަނީ 17 އަހަރު ފުރިފައި.
ސަސްޕެންޝަނަށްފަހު ސްޕެއިންގެ ދެ ޑިފެންޑަރުން ކަމަށްވާ ޑެނިއެލް ކާވަހާލް އަދި ރޮބިން ލެ ނޯމަންޑް ވަނީ ފުރަތަމަ 11 ގައި ހިމެނިފައި. އިންގްލެންޑުން ބަދަލަކަށް ފެންނަނީ ކިއެރެން ޓްރިޕިއާގެ ބަދަލުގައި ލޫކް ޝޯއަށް ފުރަތަމަ 11 އިން ފުރުސަތު ދިނުން.
ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިނާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ޔޫރޯ ފުޓުބޯޅަ ތާރީހުގައި ކުޅޭނެ 17 ވަނަ ފައިނަލް. ފައިނަލަށް ކުރެވެމުން އަންނަ އިންތިޒާރު ބޮޑު. އިންގްލެންޑުން އެގައުމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޔޫރޯ ތަށްޓެއް ހޯދަން ނުކުންނަ އިރު، ސްޕެއިން ނުކުންނަނީ އެގައުމުގެ ރަން ޖީލުން އެންމެފަހުން ހޯދި 2012 ވަނަ އަހަރު ޔޫރޯގެ ކާމިޔާބީ ތަކުރާރު ކުރުމަށް. އަދި ސްޕެއިން މިރޭ ތަށި ހޯދައިފިނަމަ އެގައުމު ވެގެންދާނީ ޔޫރޯގެ ތާރީހުގައި އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރި ޓީމަށް. މީގެ ކުރިން އެންމެ ގިނަ ޔޫރޯ ކާމިޔާބުކުރުމުގެ ރެކޯޑު އޮތީ ސްޕެއިނާއި ޖަރުމަނު އަތުގައި. އެއީ ތިން ޓަށްޓާއެކު.
ޔޫރޯގައި އެންމެ ކާމިޔާބު އެއް ގައުމު ޖަރުމަނުގައި ޔޫރޯ ކުޅެވެމުންދާ އިރު، މިފަހަރުގެ ޔޫރޯ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ސްޕެއިން ނުކުންނާނީ ބާލިންގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި. މިއީ އިންގްލެންޑުން ޖެހިޖެހިގެން ކުޅޭ ޔޫރޯގެ ދެވަނަ ފައިނަލް މެޗު. އެންމެފަހުން ޔޫރޯ 2020 ގެ ފައިނަލުގައި އިންގްލެންޑުން ކުޅުނު ފައިނަލުގައި އިޓަލީ ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުން. އެއީ ޕެނަލްޓީގައި.
ސައުތުގޭޓަކީ 1966 ވަނަ އަހަރު ވޯލްޑް ކަޕަށްފަހު، އެގައުމުގެ ގައުމީ ޓީމު ގޮވައިގެން ފައިނަލަކަށް ދިޔަ ހަމައެކަނި ކޯޗު. އިންގްލެންޑަށް ތަށްޓެއް ނުލިބޭތާ 58 އަހަރު ވެފައިވާ އިރު، މިރޭ އެ އިންތިޒާރަށް ނިމުން ގެންނަން ނުކުންނަނީ އަމިއްލަ ގައުމުގައި މާޔޫސްވި ކޯޗެއް. 1996 ވަނަ އަހަރު އިންގްލެންޑުގައި ޖަރުމަނުން ޔޫރޯ ކާމިޔާބު ކުރި. އެ އަހަރު ޖަރުމަނުން ޔޫރޯ ތަށްޓާ ހަމައަށް ދިޔައީ ސެމީ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން އިންގްލެންޑް ކަޓުވާލުމަށްފަހު. ޔޫރޯގެ ތަށި އިންގްލެންޑަށް އަދި ހޯދިފައި ނުވާއިރު، ޖަރުމަނާ ދެކޮޅަށް ކުޅުނު 1996 ގެ ސެމީމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން.
ދެޓީމުންވެސް ފުރަތަމަ ފަސް ޕެނެލްޓީ ކާމިޔާބުކޮށް ޕެނެލްޓީ ޝޫޓްއައުޓް ދިގުލައިގެން ދިޔަ އިރު، ހަވަނަ ޕެނެލްޓީ ޖަރުމަނުން ވެއްދި ނަމަވެސް، އިންގްލެންޑަށް ވީ ނާކާމިޔާބު. އެ ފަހަރު އިންގްލެންޑަށް ނާކާމިޔާބު ވި ޕެނެލްޓީ ޖެހީ މިހާރުގެ ކޯޗު ސައުތުގޭޓް.
މިރޭގެ މެޗަށް ނުކުންނަ އިރު، ސައުތުގޭޓަށް އޮތީ ޖަރުމަނުގެ ފަސްގަނޑުގައި ގައުމަށް، އެފަހަރު ނުލިބުނު ޔޫރޯ ހޯދައިދިނުން. އެހެންނަމަވެސް، ސައުތުގޭޓްގެ ނަޒަރުގައި އެކަހަލަ ފެއަރީޓޭލް އޭނާ ގަބޫލެއް ނުކުރޭ.
"އަހަރެން އެކަހަލަ ފެއަރީޓޭލް ގަބޫލެއް ނުކުރަން. އަހަންނަކީ ހުވަފެންތައް ދެކެ، ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތް ކުރުން ގަބޫލުކުރާ މީހެއް. އަހަރެމެން މިފަހަރު ޔޫރޯއަށް ނުކުތީ ބޮޑެތި އުންމީދުތަކަކާ އެކުގައި. އަދި މި ޔޫރޯގެ މުހިއްމުކަން ވެސް ދަނެގެން. އެހެން އެކަން އޮތަސް، ހުވަފެންތައް ހާސިލްކުރަން ޖެހޭނެ މަސައްކަތް ކުރަން،" ސައުތުގޭޓް މެޗު ކުރިން ބުނި.
ސްޕެއިނުން 2012 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރޯގެ ފައިނަލަށް މިރޭ ނުކުންނާނީ ރެކޯޑު ހަތަރު ވަނަ ޔޫރޯ ތަށްޓެއް ހޯދުމަށް. މިހާތަނަށް މުބާރާތުގައި ސްޕެއިންގެ ފަރާތުން ހިތްގައިމު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ވަނީ ކުޅުނު ހަ މެޗުންވެސް މޮޅުވެފައި. ސްޕެއިނަކީ ހަ މެޗުން މިފަހަރުގެ ޔޫރޯގައި މޮޅުވެފައި އޮތް ހަމައެކަނި ޓީމު. އެހެން ނަމަވެސް، ކޯޗު ޑެ ލަ ފުއެންޓޭގެ ނަޒަރުގައި ސްޕެއިނަކީ ފެވަރިޓުންނެއް ނޫން.
"އަހަރެމެން މިތިބީ ވަރަށް ހަމަޖެހިގެން. އަހަރެމެންގެ އަމާޒު ހާސިލު ކުރަން ފޯކަސް ގެއްލުވައެއް ނުލާނަން. އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭ ކަންތައް ކޮންޓްރޯލް ކުރުމަށް ވިސްނާނީ. އަހަރެމެންނަކީ ފެވަރިޓުންގެ ގޮތުގައި ނުބުނެވޭނެ. ފައިނަލް ވެގެންދާނީ ހަމަހަމަ ބެލެންސް މެޗަކަށް. އަހަރެމެން ފެވަރިޓުން ބަލައިގެން މިރޭގެ މެޗަށް ނުކުންނަން ބޭނުމެއް ނޫން،" ޑެ ލަ ފުއެންޓޭ މެޗުގެ ކުރިން ބުނި.
އޭނާ ބުނީ ސްޕެއިނަށް އެންމެ މުހިއްމު ކަމަކީ ސްޕެއިންގެ ގޮތުގައި އޮތުން ކަމަށާއި ސްޕެއިނުން އިންގްލެންޑް ވެގެން ސްޓައިލް ބަދަލުކޮށް ނަހަދާނެ ކަމަށް.
މިފަހަރުގެ ޔޫރޯ ކުރިން ސްޕެއިން ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭގެ ނަން ފުޓުބޯޅައިގައި މާ ބޮޑަކަށް ހިނގާފައެއް ނުވޭ. ފާޑަކަށް އާ މޫނެކެވެ. އެހާ ބޮޑު ފަސްމަންޒަރެއްވެސް ނެތް. ތަޖުރިބާއެއްވެސް ނެތް. ޑެ ލަ ފުއެންޓޭ ކޯޗަކަށް ނެރުމުން ސްޕެއިން ފެޑަރޭޝަނުން ކީއްކުރަންތޯ، މުބާރާތުގެ ކުރިން ބަޔަކު ސުވާލުވެސް އުފެއްދި. އެސޯސިއޭޝަން ނާޒަކު ހާލަތެއްގައި އޮތް އޮތުމުން ޓީމަށް އޮތް ޕްރެޝަރު ޑެ ލަ ފުއެންޓޭއަށް ހޭންޑްލް ނުކުރެވޭނެ ކަމަށްވެސް ގިނަ ބަޔަކު ދެކުނު.
ކޯޗިން ކެރިއަރު 1997 ވަނަ އަހަރު ފެށި ލުއިސް ޑެ ލަ ފުއެންޓޭ އަކީ މާބޮޑަށް ފާހަގަކޮށްލެވޭ ކޯޗެއް ނޫން. ވޯލްޑް ކަޕް 2022 ގެ ނާކާމިޔާބީއާއެކު ލުއިސް އެންރީކޭ މަގާމުން އިސްތިއުފާދިނުމަށްފަހު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓީމާ ހަވާލުވި ޑެ ލާ ފުއެންޓޭ ވަނީ މިދިޔަ އަހަރު ސްޕެއިނަށް ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދީފައި. އެއީ ހަމަ ޖެހުމެއް. އޭނާ ސްޕެއިނާއެކު ޔޫރޯ ފައިނަލަށް ދިޔައީ ޒުވާން ޓީމުތަކުން ކުޅުންތެރިންނާ ގުޅުނު ގުޅުމުގެ ބޭނުންކޮށްގެން.
ސްޕެއިންގެ 19 އަހަރުން ދަށާއި، 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ނެގި ޑެ ލަ ފުއެންޓޭ ނުދަންނަ ކުޅުންތެރިޔަކު މިހާރުގެ ފުރަތަމަ ޓީމުގައި މަދު. އެއީ ޖޫނިއާ ރޭންކްތަކުގައި އޭނާ ބޮޑަށް ހަރަކާތްތެރިވުމުން. އެ ޒކުޅުންތެރިން ގާތުން އެނގޭތީ ޑެ ލަ ފުއެންޓޭއަށް ލިބުނު އެންމެ ބޮޑު ފައިދާއަކީ އާއިލީ ގުޅުމެއް އޮންނަ ޓީމެއް ބިނާކުރުމަށް ފަސޭހަވުން.