ސްޕެއިނުން ޔޫރޯ 2024 ކާމިޔާބުކޮށް، އުފާފާޅުކުރުމުގެ ތެރޭގައި ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާ އާއި ރޮޑްރީ، ޖިބްރާލްޓާއާ ގުޅޭގޮތުން ކިޔާފައިވާ ޗޭންޓެއްގެ މައްސަލަ ބަލައި، ޔޫއެފާއިން އަދަބު ދީފިއެވެ.
ޔޫރޯ 2024 ކާމިޔާބުކޮށް، ގައުމަށް އެނބުރި ގޮސް ސްޕެއިނުން ވަނީ އުފާފާޅުކުރުމުގެ ހާއްސަ ހަރަކާތެއް މެޑްރިޑްގައި ބާއްވައިފައެވެ. އެ ހަރަކާތުގައި އެކިއެކި ޗޭންޓްތައް ސަޕޯޓަރުންނާ އެކުގައި ކިޔާފައިވާ އިރު، ޖިބްރާލްޓާއަކީ ސްޕެއިންގެ ސަރަހައްދެއް ކަމަށް ބުނެ އަޑު އުފުލާފައިވާ ޗޭންޓަކަށް ވަނީ ސަމާލުކަން ހުއްޓިފައެވެ. ޖިބްރާލްޓާއަކީ ސްޕެއިންގެ އެންމެ ދެކުނު ސަރަހައްދުގައި އިނގިރޭސީންގެ ދަށުގައި އޮންނަ ވަކި ގައުމެކެވެ. އެގައުމު އަނބުރާ ދޭން ސްޕެއިނުން އަބަދުވެސް ދަނީ އެދެމުންނެވެ. އަދި އެކަމަށް ދެ ގައުމުގެ ދެމެދުގައި ހިޔާލުވެސް ތަފާތު ވެފައިވެއެވެ.
ސްޕެއިން ކެޕްޓަން މޮރާޓާ އާއި ރޮޑްރީގެ ޗޭންޓްގެ މައްސަލައިގައި ޖިބްރާލްޓާގެ އެފްއޭއިން ޔޫއެފާއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފައިވެއެވެ. އެ ޝަކުވާގައި ބުނެފައި ވަނީ ޔޫރޯ ކާމިޔާބީއާ އެކު ސްޕެއިންގެ އުފާފާޅުކުރުންތަކުގައި އެގައުމުގާ ދިމާކޮށްލުމުގައި ހައްދުފަހަނަ އަޅާ ގޮސްފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ފުޓުބޯޅައިގައި އެފަދަ ކަންކަމަށް ޖާގަ ނޯންނާނެ ކަމަށް ދެކޭ ކަމަށްވެސް ޖިބްރާލްޓާއިން ބުނެފައިވެއެވެ.
އެ މައްސަލައިގައި ޔޫއެފާއިން ބުނީ ރޮޑްރީއާއި މޮރާޓާ ބޭނުންކުރި ޗޭންޓްގެ ސަބަބުން ކުޅިވަރުގެ ތެރެއިން ދެބަސްވުން އުފެދެން ފުރުސަތު ހުޅުވުނު ކަމަށާއި، އެ އަމަލުގެ ސަބަބުން ޔޫއެފާގެ އަގު ވެއްޓުމަށްވެސް ފުރުސަތު ފަހިވާ ކަމަށެވެ.
އެހެން އެކަން އޮތުމާއެކު ޔޫއެފާއިން ނިންމާފައި ވަނީ ސްޕެއިނުން ދެން ކުޅޭ މެޗެއްގައި ރޮޑްރީއާއި މޮރާޓާއަށް ނުކުޅެވޭނެ ގޮތަށް ސަސްޕެންޑް ކުރުމަށެވެ. އެ މެޗަކަށްވާނީ އަންނަ ސެޕްޓެމްބަރު މަހުގައި ސާބިއާއާ ދެކޮޅަށް އެގައުމުން ކުޅޭ މެޗެވެ.
ޖިބްރާލްޓާ ވަކި ގައުމެއްގެ ގޮތުގައި އޮތް އިރު، އެ ގައުމަކީ 2013 ވަނަ އަހަރުން ފެށިގެން ޔޫއެފާގެ މެމްބަރު ގައުމެކެވެ.