ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާ، އޭސީ މިލާނަށް ސޮއިކޮށްފިއެވެ.
އެތުލެޓިކޯ މެޑްރިޑް ދޫކޮށް މޮރާޓާ އޭސީ މިލާނަށް ގޮސްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި މިލާނުން ބޭނުންވާނަމަ، އެ އެއްބަސްވުން އިތުރު އަހަރަކަށް އާކުރުމަށްވެސް ފުރުސަތު އޮންނާނެއެވެ. މިލާނުން މޮރާޓާގެ ސޮއި ހޯދާފައި ވަނީ އެތުލެޓިކޯގެ އެއްބަސްވުމުގައިވާ 11 މިލިއަން ޕައުންޑްގެ ރިލީސް ފީ ދައްކައިގެން ކަމަށް ނޫސްތައް ބުނެއެވެ.
އުމުރުން 31 އަހަރުގެ ފޯވަޑް މޮރާޓާއަކީ ސްޕެއިންގެ ކެޕްޓަނެވެ. އޭނާ ވަނީ ޔޫރޯ 2024 ގެ ޗެމްޕިއަންކަން ސްޕެއިނާ އެކު ހޯދައިފައެވެ. މޮރާޓާ އެޓީމުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ އިރު، ޓީމުގައި ބޮޑަށް ހިމެނުނީ ޒުވާން ކުޅުންތެރިންނެވެ. މޮރާޓާ ވަނީ މިހާތަނަށް ސްޕެއިނަށް 80 މެޗުން 36 ގޯލު ޖަހައިދީފައެވެ.
މޮރާޓާ ސީނިއާ ފުޓުބޯޅައިގެ ތެރެއަށް ވަދެފައި ވަނީ ރެއާލް މެޑްރިޑުންނެވެ. އެ ކްލަބަށް ދެ ފަހަރެއްގެ މަތިން މޮރާޓާ ކުޅެފައިވާ އިރު، މޮރާޓާ ވަނީ ރެއާލާ އެކު ދެ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިފައެވެ.
އޭގެ ފަހުން މޮރާޓާ ޔުވެންޓަސް އާއި ޗެލްސީއަށް ވެސް ކުޅެފައިވެއެވެ. ޔުވެންޓަސްއާ އެކު މޮރާޓާ ދެ ފަހަރަށް ލީގު ހޯދި އިރު، ޗެލްސީއާ އެކު އެފްއޭ ކަޕް ކާމިޔާބު ކުރިއެވެ.