ޔޫއެފާ ޗެމްޕިއަންސް ލީގު

ޑިއާޒްގެ ހެޓްރިކާއެކު ލިވަޕޫލް އެއްވަނައަށް، ސިޓީއާއި ރެއާލްވެސް ބަލި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް ބަޔާން ލެވަކޫސަން ބަލިކުރި އިރު، މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި 4-0 އިން ލެވަކޫސަން ބަލިކުރި އިރު، އެ ނަތީޖާއާއެކު އެޓީމުން ވަނީ ލީގު ބުރުގެ ތާވަލު އެއްވަނައަށް ޖެހިލައިފައެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގު މުޅިން އާ ފޯމެޓަކަށް ކުޅެމުން އަންނައިރު، ލީގު ބުރުގައި ހުރިހާ ޓީމަކުންވެސް ވާދަކުރަނީ ރޮބިން ރައުންޑް އުސޫލުންނެވެ.

ލިވަޕޫލް މިވަގުތު އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ރޭ މެންޗެސްޓާ ސިޓީ އަތުން ތިން ޕޮއިންޓް ހޯދި ސްޕޯޓިން ލިސްބަންއެވެ. ސްޕޯޓިންނަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް މޮނާކޯއަށްވެސް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ.

ރޭގެ ބައްޔާއެކު ލެވަކޫސަން ހަތަރު މެޗުން ހަތް ޕޮއިންޓާއެކު 11 ވަނައިގައި އޮތް އިރު، އޭސީ މިލާން އަތުން ބަލިވި އެންމެފަހުގެ ޗެމްޕިއަން ރެއާލް އޮތީ 17 ވަނައިގައެވެ. އެއީ ހަތަރު މެޗުން ހަ ޕޮއިންޓާއެކުގައެވެ.

ލިވަޕޫލާއި ލެވަކޫސަން ރޭ ވާދަކުރި މެޗުގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ 60 ވަނަ މިނެޓުގައެވެ. އެ ގޯލަކީ މެދުތެރެއިން ކާޓަސް ޖޯންސް ދުއްވާލި ބޯޅައެއް ކީޕަރު ބޯމަތިން ގޯލަށް ފޮނުވާލައިގެން ލުއިސް ޑިއާޒް ޖެހި ގޯލެކެވެ. އެ ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން 63 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ލިވަޕޫލަށް ލީޑު ފުޅާކޮށްދިން އިރު، ޑިއާޒް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 83 ވަނަ މިނެޓާއި 91 ވަނަ މިނެޓުގައި ޖެހި ގޯލުތަކުންނެވެ.

ރޭ ރެއާލް އަމިއްލަ ދަނޑުގައި އޭސީ މިލާން ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މިލާނަށް މިހާތަނަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ވަނީ 18 ވަނައަށް ޖެހިލައިފައެވެ. ރޭގެ މެޗުގައި ރެއާލްގެ ޑިފެންސް ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، އަނެއްކާވެސް އެޓޭކް ފެނުނީ ވަނދުކޮށެވެ. ހާއްސަކޮށް ކިލިއަން އެމްބާޕޭގެ ފަރާތުން މާ ބޮޑު ނުރައްކަލެއް ރޭގެ މެޗުގައިވެސް ފާހަގަވެގެން ނުދިޔައެވެ.

ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު، އެލް ކްލެސިކޯގައި ބާސެލޯނާ ކައިރިން ރެއާލަށް ގެއްލުނު އިރު، ރޭގެ މެޗުގެ ކުރީކޮޅުގައި އެޓީމު ކޮޅަށް ގޯލު ވަނީ ކޯނަރެއްގަ އެވެ. އޭސީ މިލާނަށް ލިބުނު ކޯނަރުގައި އެޓީމަށް ލީޑު ނަގައިދިނީ މައީކް ތިއާއޯ އެވެ.

އެ ގޯލާއެކު އޭސީ މިލާނުން ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީގައި ވިނީޝިއަސް ޖޫނިއާ ވަނީ މެޗު އެއްވަރު ކޮށްފައެވެ. އެހެން ނަމަވެސް، ދެވަނަ ހާފުގައި މިލާން ވަނީ ކައުންޓާގައި ރެއާލް ޑިފެންސް ފޫއަޅުވާލައިފައެވެ. ކުރިއަށް ޖެހި، ހައި ލައިނެއްގައި ކުޅުނު ރެއާލް ކޮޅަށް ދެވަނަ ހާފުގައި ގޯލުތައް ޖެހީ އަލްވާރޯ މޮރާޓާއާއި ޓިޖާނީ ރެއިންޑާސް އެވެ.

ފަހު ކޮޅުގައި ރެއާލުން ގޯލެއް ޖެހޭތޯ ބުރަކޮށް މަސައްކަތް ކުރި އިރު، އެންޓޯނިއޯ ރުޑިގާ ފޮނުވާލި ބޯޅައެއް ގޯލަށް ވައްދައިވެސް ލިއެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ އެ ބޯޅައަށް ފުރުސަތު ތަނަވަސްކުރި އިރު، ލޫކަސް ވަޒްކޭޒް އޮފްސައިޑުގައި ހުރި ކަމަށެވެ.

ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުގައި ސްޕޯޓިން އަތުން 4-1 އިން ބަލިވި އިރު، މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާން ނިންމާފައިވާ ރުބެން އަމޯރިމްގެ ސްޕޯޓިން ފެނުނީ ތަފާތު ކޮށެވެ. އެޓީމުން ސިޓީ ބަލިކުރީ ފަހަތުން އަރައެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ސިޓީން ރޭގެ މެޗުގެ ފުރަތަމަ 11 އަށް ޖޯން ސްޓޯންސްއާއި ރުބެން ޑިއާޒްގެ އިތުރުން ރޮޑްރީ ނެރެފައެއް ނުވެއެވެ. އޭގެ ސަބަބުން ސްޕޯޓިން ވަނީ ރަނގަޅު އެޓޭކްތަކެއް މެޗުގައި އުފައްދާ ސިޓީ ހާސްކޮށްލައިފައެވެ.

ފިލް ފޮޑެންގެ ގޯލުން ހަތަރު ވަނަ މިނެޓުގައި ލީޑު ނެގި ސިޓީ ކޮޅަށް ސްޕޯޓިންގެ ފުރަތަމަ ގޯލު ވިކްޓޯ ގްޔޮކެރެސް ޖެހި އިރު، ދެވަނަ ހާފަށް ނުކުމެ ސްޕޯޓިންނަށް ލީޑު ނަގައިދިނީ މެކްސިމިލިއާނޯ އަރައޫހޯއެވެ. އަދި ގްޔޮކެރެސްގެ އިތުރު ގޯލަކާއެކު ސްޕޯޓިން ލީޑު އިތުރަށް ފުޅާކުރި އިރު، އެޓީމުގެ ހަތަރުވަނަ ގޯލު ޖެހީވެސް ގްޔޮކެރެސްއެވެ.

މެޗުގައި ސިޓީއަށް ލިބުނު ޕެނަލްޓީ އާލިން ހާލަންޑް އަތުން ވަނީ ނާކާމިޔާބު ވެފައެވެ.

ރޭގެ މެޗަކީ ސްޕޯޓިން ކޯޗު އަމޯރިމް، އެ ކްލަބަށް ހޯމްގައި އިރުޝާދު ދިން ފަހު މެޗެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު ޔުނައިޓެޑާ ހަވާލުވާން ތައްޔާރަށްހުރި އަމޯރިމްއަށް ރޭ ވަނީ ހާއްސަ ޝަަރަފެއް އަރުވާފައެވެ.