ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގައި، އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީގެ މައްސަލައިގައި ޔޫއެފާއިން ބަޔާން ނެރެފިއެވެ.
ރޭ އެތުލެޓިކޯ ދަނޑުގައި ރެއާލާއި އެތުލެޓިކޯ ވާދަކުރި ދެވަނަ ލެގުގެ މެޗު ޕެނަލްޓީއަށް ދިޔައީ އެގްރިގޭޓް 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ފުރަތަމަ ލެގު ރެއާލުން 2-1 އިން ކާމިޔާބު ކޮށްފައިވަނިކޮށް، ރޭ ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެތުލެޓިކޯ މޮޅުވެފައި އޮތީ 1-0ގެ ނަތީޖާއަކުންނެވެ. އެގްރިގޭޓް 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ރެއާލް މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.
އެތުލެޓިކޯ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް، ހަތަރު ޕެނަލްޓީ އަލްވަރޭޒް އަތުން ބޭކާރުވިއެވެ. އަލްވަރޭޒް ޕެނަލްޓީ ފޮނުވާލަން ދިޔަ ވަގުތު ކައްސާލުމާއެކު، އޭނާ ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ފައިގެ އިތުރުން އަނެއް ފައިގައިވެސް ބޯޅަ ޖެހުމާއެކު ރެފްރީ ނިންމީ އެ ޕެނަލްޓީ ނާކާމިޔާބުވި ކަމަށެވެ. އެއީ ވީއޭއާރް ބަލައި ރެފްރީ ނިންމި ނިންމުމެކެވެ.
އެ ޕެނަލްޓީގެ މައްސަލައިގައި ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނީ ރެފްރީ ނިންމުން ނިންމަން އަމަލުކޮށްފައި ވަނީ ރަނގަޅަށް ކަމަށާއި އެއީ މިވަގުތު ފީފާގެ ގަވާއިދުގެ އާޓިކަލް 14.1 ގައި ބަޔާން ކުރާ ގޮތް ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މިހާރު އޮތް އުސޫލު ބަދަލުކުރަން އެކަމުގައި އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އަދި ފީފާއާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޕެނަލްޓީ ފޮނުވާލާ އިރު، ގަސްދުގައި ނޫން ގޮތަކަށް ކުޅުންތެރިޔާއަށް ދެވަނަ ފަހަރަށް ބޯޅައިގައި ޖެއްސިއްޖެ ނަމަ، އެ ޕެނަލްޓީ ރަނގަޅު ކަމަށް ނިންމަން ހުށަހަޅާނެ ކަމަށްވެސް ޔޫއެފާއިން ބުންޏެވެ.