ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑުން އެތުލެޓިކޯ މެޑްރިޑް ބަލިކުރި އިރު، އާސެނަލުން ޕީއެސްވީ ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ރެއާލުން އެތުލެޓިކޯ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޑްރިޑް ޑާބީ ފެށިގެން މާ ގިނައިރެއް ނުވެ، މެޗުގެ ހަތަރުވަނަ މިނެޓުގައި ރެއާލުން ލީޑު ނެގިއެވެ. އެއީ އޭރިއާ ތެރެއަށް ވަދެ، ޑިފެންޑަރު ހާވީ ގަލަން ނައްޓާލުމަށްފަހު ރޮޑްރީގޯ ގޯލުގެ ކަނައަށް އަމާޒުކޮށްލި ބޯޅައަކުން ޖެހި ގޯލެކެވެ.
އެ ގޯލާއެކު ރެއާލުން ވަރުގަދައަށް ފެށި ނަމަވެސް، އެތުލެޓިކޯއިން ދިޔައީ މަޑުމަޑުން މެޗު ތެރެއަށް ވަންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން ހާފު ނިމުމުގެ ކުރިން އެޓީމުން މެޗު އެއްވަރުވެސް ކުރިއެވެ. އޭރިއާގެ ވާތްފަޅިން ބޯޅަ ނަގައި، އެޑުއާޑޯ ކަމަވިންގާ ކައިރިން ނައްޓާލުމަށްފަހު ޖޫލިއަން އަލްވަރޭޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.
ރޭގެ މެޗުން ރެއާލް މޮޅުކޮށްދިން ގޯލު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަހައިދިނީ ބްރަހީމް ޑިއާޒެވެ. އެއީ ފާލެން މެންޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.
އާސެނަލުން ރޭ އަވޭ ގައި ކުޅުނު މެޗުގައި ޕީއެސްވީ ކައިރިން މޮޅުވީ 1-7 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ ގޯލުތައް ޖެހީ ޖޫރިއެން ޓިމްބާއާއި އީތަން އެންވަނޭރީ، މިކޭލް މެރީނޯ، މާޓެން އޮޑެގާޑް، ލެއާންޑްރޯ ޓްރޮސާޑްގެ އިތުރުން ރިކާޑޯ ކަލަފިއޯރީއެވެ. އޮޑެގާޑް މެޗުގައި ދެ ގޯލު ޖެހި އިރު، ޕީއެސްވީގެ ގޯލު ޖެހީ ނައޯ ލޭންގެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ އެސްޓަން ވިލާއިން ރަށުން ބޭރުގައި ކްލަބު ބްރޫޖް ބަލިކުރީ 3-1 އިންނެވެ. އަދި ޑޯޓުމަންޑާއި ލިލް، ޖަރުމަނުގައި އެއްވަރުވީ 1-1 އިންނެވެ.