އިޓަލީ ލީގުގައި ޔުވެންޓަސްއާއި އޭސީ މިލާނުން ރޭ ކުޅުނު މެޗުތައްވެސް އެއްވަރުވެއްޖެއެވެ.
ޔުވެންޓަސްއިން ރޭ ރަށުން ބޭރުގައި ކުޅުނު ޑާބީގައި ޓޮރީނޯ ކައިރިން އެއްވަރުވީ 1-1 އިންނެވެ. އަދި އޭސީ މިލާނުން އަމިއްލަ ދަނޑުގައި ކަގްލިއާރީ ކައިރިންވެސް 1-1 އިން އެއްވަރުވި އިރު، އެ މެޗުން އެއްވަރުވެ މިލާން އޮތީ 8 ވަނައިގައެވެ.
އެއީ 18 މެޗުން 28 ޕޮއިންޓާއެކުގައެވެ. ޔުވެންޓަސް ރޭ ހޯދި ޕޮއިންޓާއެކު އެޓީމު ތާވަލުގެ ފަސްވަނައިގައި އޮތް އިރު، އެޓީމަށް 19 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. ޓޮރީނޯ މިވަގުތު 11 ވަނައިގައި އޮތް އިރު، މިލާނުން އެއްވަރުވި ކަގްލިއާރީއަކީ ރެލިގޭޝަން ޒޯންގައި 18 ވަނައިގައި އޮތް އެޓީމެކެވެ. އެޓީމަށް 20 މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ.
ރޭ ޔުވެންޓަސްއިން ކުޅުނު މެޗުގެ އަށްވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލަކީ ކެނާން ޔިލްޑީޒް ޖަހައިދިން ގޯލެކެވެ. ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލި އިރު، ޓޮރީނޯ ގޯލުގައި ހުރި ވަންޖާ މިލިންކޮވިޗް-ސަވިޗަށް އެ ބޯޅަ މަތަކުރަން މާ ބޮޑު މަސައްކަތެއް ނުކުރެވެ.
ހާފު ނިމުމުގެ ކުރިން ޓޮރީނޯއިން މެޗު އެއްވަރުކުރި އިރު، އެ ގޯލަކީ ކުރިން ވެސްޓް ހޭމްއަށް ކުޅުނު ނިކޮލާ ވްލާސިޗް ޖަހައިދިން ހިތްގައިމު ގޯލެކެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.
ދެވަނަ ހާފުގައި މާ ގިނަ ހަމަލާތަކެއް ނުފެނުނު ނަމަވެސް ޔުވެންޓަސްގެ ފަކުންޑޯ ގޮންޒާލޭޒް ޖެހި ބޯޅައެއް ޓޮރީނޯ ކީޕަރު ސަވިޗް ވަނީ މަތަކޮށްފައެވެ.
ރޭ މިލާނުން އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި މިލާނަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާއެވެ. އޭގެ ތިން މިނެޓްފަހުން ނާދިރު ޒޯޓޭ ޖެހި ގޯލުން ކަގްލިއާރީ ނަތީޖާ ހަމަހަމަ ކުރި އިރު، މެޗު ނިމެންދަނިކޮށް ޓެމީ އަބްރަހަމް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއްގައިވެސް މިލާނަށް އިތުރު ގޯލެއް ނުޖެހުނެވެ.