ޔުވެންޓަސް

މޮޓާ ވަކިކޮށް، ޔުވެންޓްސްގެ ކޯޗަކަށް ޓޫޑޯ

ޔުވެންޓަސްގެ ކޯޗުގެ މަގާމުން ތިއާގޯ މޮޓާ ވަކިކޮށް، އެ މަގާމަށް ކްރޮއޭޝިއާގެ އީގޯ ޓޫޑޯ ހަމަޖައްސައިފިއެވެ.

އުމުރުން 42 އަހަރުގެ މޮޓާ، ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވީ މި ސީޒަނުގެ ކުރިން ގާތްގަނޑަކަށް މީގެ ނުވަ މަސްކުރިންނެވެ. މޮޓާ ހަވާލުވި އިރު، ޔުވެންޓަސް އުނދަގޫ ހާލަތެއްގައި އޮތް އިރު، އެ ހާލަތުން އަދިވެސް ރަނގަޅަށް އަރައެއް ނުގަނެވެއެވެ.

މިވަގުތު އެޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއީ 29 މެޗުން 51 ޕޮއިންޓާއެކުގައެވެ. ޔުވެންޓަސް ޗެމްޕިއަންސް ލީގަށް ކޮލިފައިވާން މަސައްކަތް ކުރަމުންދާ އިރު، އެޓީމުގެ ކުރިން ހަތަރު ވަނައިގައި އޮތް ބޮލޯނިއާއަށް 29 މެޗުން ވަނީ 52 ޕޮއިންޓް ލިބިފައެވެ.

ލީގުގައި އެ ހާލަތުގައި އޮތް އިރު، ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް ބުރުގައި ޕީއެސްވީ އަތުން ބަލިވެ ޔުވެނަޓަސް ވަނީ ކަޓައިފައެވެ. އަދި ކޮޕާ އިޓާލިއާއިންވެސް އެޓީމު ވަނީ ކަޓައިފައެވެ.

ޔުވެންޓަސްއާ އަލަށް ހަވާލުވި ޓޫޑޯއަކީ ކުރިން އެޓީމަށް ކުޅުނު މިޑްފީލްޑަރެކެވެ. އެގޮތުން އޭނާ ވަނީ 150 މެޗު އެ ކްލަބަށް ކުޅެފައެވެ. އެއީ 1998 ވަނަ އަހަރުން 2007 ވަނަ އަހަރާ ދެމެދުއެވެ.

ޓޫޑޯ ފުރަތަމަ ކޯޗުކަން ކޮށްދިން ކްލަބަކީ ހަޑޫކް ސްޕްލިޓެވެ. އެއީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން ޓޫޑޯ ވަނީ ގަލަޓަސަރާއީއާއި އުޑިނޭޒީ، ވެރޯނާ އަދި މާސޭއަށްވެސް ކޯޗުކަން ކޮށްދީފައެވެ.

އުމުރުން 46 ޓޫޑޯ އެންމެފަހުން ކޯޗުކަން ކޮށްދީފައި ވަނީ ލާޒިއޯއަށެވެ. އެއީ ތިން މަސް ވަންދެންނެވެ.