ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ އާސެނަލާއި ބާސެލޯނާއިން ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، އުނދަގޫ ހާލަތެއްގައި އޮތް މެންޗެސްޓާ ސިޓީން ޔުވެންޓަސް ކައިރިން ބަލިވެއްޖެއެވެ.
މުޅިން އާ ފޯމެޓަކަށް ކުޅެމުން އަންނަ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ދެން ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ދެމެޗެވެ. ގަދަ 8 ޓީމަށް ގަދަ 16 ގެ ސީދާ ޖާގައެއް ލިބޭއިރު، ދެން ގަދަ 16 އަށް ދާނީ ޕްލޭ އޮފް ބުރުގައި ވާދަކުރާ މެޗުތަކުން މޮޅުވާ ޓީމުތަކެވެ.
ރޭ ސިޓީން ޔުވެންޓަސް ކައިރިން ރަށުން ބޭރުގައި 2-0 އިން ބަލިވި އިރު، ސިޓީ އޮތީ ތާވަލުގެ 22 ވަނައިގައެވެ އެއީ ހަމެޗުން އަށް ޕޮއިންޓާއެކުގައެވެ. އެޓީމު ކައިރިން މޮޅުވި ޔުވެންޓަސް 14 ވަނައިގައި ހަމެޗުން 11 ޕޮއިންޓާއެކު އޮތް އިރު، މޮޅާއެކު ބާސާއާއި އާސެނަލް ވަނީ ކުރިއަށް ޖެހިލައިފައެވެ.
ބާސާއިން ރަށުން ބޭރުގައި ޑޯޓްމަންޑް ކައިރިން 3-2 އިން މޮޅުވި އިރު، އާސެނަލުން ރޭ ވަނީ މޮނާކޯ ކައިރިން އަމިއްލަ ދަނޑުގައި 3-0 އިން މޮޅުވެފައެވެ.
މިދިޔަ 10 މެޗުން އެންމެ މޮޅެއް ހޯދިފައި އޮތް ސިޓީއަށް ރޭ ޔުވެންޓަސް ކައިރީގައިވެސް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް އާލިން ހާލަންޑް އުފެއްދި ހަމަލާގެ އިތުރުން އެޓީމަށް ފުރަތަމަ ހާފުގައި އިތުރު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
އެ ހާލަތު އިތުރަށް ގޯސްވީ ދެވަނަ ހާފުގެ ކުރީކޮޅުގައި ޑޫސަން ވްލަހޮވިޗް ޖެހި ގޯލާއެކުގައެވެ. އެ ގޯލަށްފަހު ސިޓީން އެއްވަރުކުރަން ކުރިއަށް ޖެހުނު ނަމަވެސް، ކައުންޓާގައި ޔުވެންޓަސްއިން ވަނީ ދެވަނަ ގޯލެއް ޖަހައި ސިޓީ ސިއްސުވާލައިފައެވެ. އެ ގޯލު ޖެހީ ވެސްޓޮން މެކެނީއެވެ.
ބާސާއާއި ޑޯޓްމަންޑް ވާދަކުރި މެޗުގެ ހުރިހާ ގޯލެއްވެސް ދެވަނަ ހާފުގައި ފެނުނު އިރު، ބާސާއަށް ލީޑު ނަގައިދިނީ ކެޕްޓަން ރަފީނިއާއެވެ. އޭގެ އިރުކޮޅެއްފަހުން ޑޯޓްމަންޑްގެ ޒުވާން ތަރި ސާހޫ ގުއިރާސީ ގޯލެއް ޖަހައި މެޗު އެއްވަރުކުރި އިރު، އަނެއްކާވެސް ލީޑު ނެގިއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ގޯލު ޖެހީ ފެރާން ޓޮރޭސްއެވެ. އެ ގޯލާއެކު ބާސާއަށް ލީޑުގައި އޮވެވުނީ އެންމެ ތިން މިނެޓަށެވެ. ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީއެއްގައި އަނެއްކާވެސް ގުއިރާސީ ވަނީ މެޗު އެއްވަރު ކޮށްފައެވެ. މެޗު އެއްވަރުވާން ދަނިކޮށް، 85 ވަނަ މިނެޓުގައި ބާސާ މޮޅުކޮށްދިނީ ފެރާން ޓޮރެސް ޖެހި ގޯލުންނެވެ.
އާސެނަލުން ރޭ މޮނާކޯ ކައިިރިން ފަސޭހަ މޮޅެއް ހޯދި އިރު، އެޓީމުގެ ގޯލުތައް ޖެހީ ބުކަޔޯ ސަކާއާއި ކައި ހަވާޓްސްއެވެ. ސަކާ ވަނީ މެޗުގައި ދެ ގޯލު ޖަހައި، އެއް ގޯލަށް އެސިސްޓް ކޮށްދީފައެވެ.