އިޓަލީ ލީގުގައި ރޭ އޭސީ މިލާނުން ކުޅުނު މެޗުގައި އެޓަލާންޓާ ކައިރިން ބަލިވި އިރު، އިންޓަ މިލާނުން ޕާމާ ބަލިކޮށްފިއެވެ.
އިންޓައިން ރޭ އަމިއްލަ ދަނޑުގައި ޕާމާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި އޭސީ މިލާނުން އެޓަލާންޓާ އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިވަގުތު އިޓަލީ ލީގުގެ ތާވަލަށް ބަލާ އިރު، ރޭގެ މޮޅާއެކު އެޓަލާންޓާ ވަނީ އެއްވަނައަށް ޖެހިލައިފައެވެ. އެއީ 15 މެޗުން 34 ޕޮއިންޓާއެކުގައެވެ.
ދެވަނައިގައި ނަޕޯލީން 14 މެޗުން 32 ޕޮއިންޓާއެކު އޮތް އިރު، އިންޓަ ތިންވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓާއެކުގައެވެ. ރޭ އެޓަލާންޓާ އަތުން ބަލިވެ، އޭސީ މިލާން ހަތް ވަނައިގައި އޮތީ 14 މެޗުން 22 ޕޮއިންޓާއެކުގައެވެ.
އެޓަލާންޓާއިން މެޗުގައި ފުރަތަމަ ލީޑު ނެގި އިރު، އެ ގޯލު ޖަހައިދިނީ ޗާލްސް ޑި ކެޓެލައޭ އެވެ. އޭގެ 10 މިނެޓުފަހުން އަލްވާރޯ މޮރާޓާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި އިރު، އެޓަލާންޓާ މޮޅުވި ގޯލު ޖެހީ އަޑެމޯލާ ލުކްމަންއެވެ. އެ ގޯލަކީ 87 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލެކެވެ.
ރޭގެ މެޗަށްފަހު އޭސީ މިލާންގެ ކޯޗު ޕައުލޯ ފޮންސެކާ ވަނީ މެޗުގެ ރެފްރީ ފެޑެރީކޯ ލަ ޕެންނާއަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ. އޭނާ ބުނީ ރެފްރީއަށް އިހުތިރާމު ކުރާ ނަމަވެސް، ކޮންމެ ހަފުތާއަކު މައްސަލަތައް ދިމާވުމުން ވާހަކަ ދައްކަން ޖެހިލުމެއް ނުވާނެ ކަމަށެވެ. އަދި ބިރެއްވެސް ނުގަންނާނެ ކަމަށެވެ.
ފޮންސެކާ ބުނީ ރެފްރީ ހުރީ އޭސީ މިލާނާ ޖައްސައިލާފައި ކަމަށާއި، އެޓަލާންޓާގެ ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކުރީވެސް ފައުލް ކޮށްފައި ނަމަވެސް، ރެފްރީ ކަށިގަނޑުފުމެން ޖެހިލުންވި ކަމަށެވެ.
ރޭ އިންޓަ މިލާނުން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ފެޑެރީކޯ ޑިމާކޯއާއި ނިކޮލާ ބަރޭލާ އަދި މާކަސް ތުރާމެވެ. ޕާމާގެ ގޯލަކީ މަޓެއޯ ޑާމިއަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރޭގެ މެޗުގައި އިންޓައަށް ދިން ދެޕެނަލްޓީއެއް ވީއޭއާރް ބަލައި ރެފްރީ ކެންސަލް ކުރިއެވެ. އިތުރު ގޯލުތަކަށް ލައުޓާރޯ މާޓިނޭޒަށް ފުރުސަތު ލިބި، އެ ފުރުސަތުތައް ވީ ބޭކާރެވެ.