އިޓާލިއަން ސެރީއާ

ރޯމާ ކައިރިން މިލާނަށް ޕޮއިންޓެއް، ކޯޗު ފޮންސެކާ މަގާމުން ވަކިކޮށްފި

އިޓަލީ ލީގުގައި ރޭ އޭސީ މިލާނާއި ރޯމާ ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު، އެ މެޗަށްފަހު މިލާންގެ ކޯޗު ޕައުލޯ ފޮންސެކާ މަގާމުން ވަކިކޮށްފިއެވެ.

ރޭގެ މެޗު މިލާން ދަނޑުގައި 1-1 އިން އެއްވަރުވި އިރު، އެ ނަތީޖާއާއެކު މިލާން އޮތީ ތާވަލުގެ 8 ވަނައިގަ އެވެ. އެއީ 17 މެޗުން 27 ޕޮއިންޓާއެކުގައެވެ. ރޯމާ 10 ވަނައިގައި މިވަގުތު އޮތް އިރު، އެޓީމަށް 18 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.

ރޭގެ މެޗު ރަނގަޅަށް ފަށައި، 16 ވަނަ މިނެޓުގައި ޓިޖާނީ ރެއިންޑާސް ވަނީ މިލާނަށް ލީޑު ނަގައިދީފައެވެ. އެއީ ކައުންޓާ ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން އަލްވާރޯ މޮރާޓާއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ކުރީކޮޅުގައި މުހިއްމު ފުރުސަތުތަކެއް ނަގައިލުމުގެ ފައިދާ ރޯމާއިން ނެގިއެވެ.

ހާފު ނިމުމުގެ ކުރިން 23 ވަނަ މިނެޓުގައި ރޮމާއަށް އެއްވަރުކޮށްދިނީ ޕައުލޯ ޑީބާލާ އެވެ. އެއީ ހިތްގައިމު ވޮލީއަކުން ކާމިޔާބުކުރި ގޯލަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ތިއޯ ހެނާންޑޭޒަށް ރެފްރީ ދެއްކި ރީނދޫ ކާޑަކަށް ރުޅިގަދަވެ ޝަކުވާކޮށްގެން، މިލާން ކޯޗު ފޮންސެކާއަށް ރަތް ކާޑެއް ދައްކައިފައިވެއެވެ.

ރޭގެ މެޗު ނިމުނުތާ މާ ގިނައިރެއް ނުވެ، މިލާނުން ފޮންސެކާ ބާރުކޮށްލައިފައިވާ އިރު، އެކްލަބުގެ މަގާމާ ހަވާލުވުން އެންމެ ގާތީ ޕޯޗުގަލްގެ ކޯޗު ސާޖިއޯ ކަންސެއިކާއޯ އެވެ. އޭނާ މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.