ސާޅީސްހަތްވަނަ ބައި
"ތީ މަންމަ. ފަރީހާ. ވަރަށް ކުރީގެ ފޮޓޯއެއް" ނީލަމް ބުންޏެވެ. އެބަސްތައް އަލިޝްބާގެ ކަންފަތުގައި ގުގުމަން ފެށިއެވެ. ލަސްލަހުން ނީލަމްއަށް އަލިޝްބާ ބަލައިލިއެވެ. ނީލަމްގެ ހިނިތުންވުން ފެނި އަލިޝްބާގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ.
"އަހަރެން އެބަ އަންނަން" އަލިޝްބާ ތެދުވެގެން ހިނގައިގަތެވެ. ހުރިހާ މީހުންނަށް ތިބެވުނީ އަލިޝްބާ ދިޔަ މަންޒަރު ބަލަހައްޓައިގެންނެވެ. ވީނުވީއެއް އެއްވެސް މީހަކަށް ނޭނގުނެވެ.
"ލިބާއަށް ކިހިނެއްބާ އެވީ" ނިތަށް ރޫ އަރުވާލަމުން ނީލަމް ބުންޏެވެ. ކޮންމެސް ބޮޑު ކަމެއްވެއްޖޭ އޭނާގެ ހިތް ބުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަލިޝްބާ އިން ދިމާލުގައި ބާއްވާފައި އޮތް ފޮޓޯ ނަގައި އޭނާ ބަލައިލިއެވެ.
"ކޮންމެސް ކަމެއްވެއްޖެ. އެހެންނޫނީ ދޮންތައަށް އެހާ ބޮޑު ޗޭންޖެއް ނާންނާނެ" އަންބަރް ބުންޏެވެ.
"ދެން ތިބެމާ ބަލަން. ބުނެފައެއްނު އެދިޔައީ އެބަ އަންނަމޭ" ޒަހާ ބުންޏެވެ. "ވެދާނެއްނު މުހިންމު ކަމަކު ދިޔަ ކަމަށްވެސް"
ރޮވިފައި ހުރި އަލިޝްބާ ގޭތެރެއަށް ވަދެގެންދާ މަންޒަރު ފެނި ސިޓިންރޫމު ފެންނާނެހެން ބަދިގެތެރޭގައި ފިޔާތަކެއް ކޮށަން އިން ޝަމްސު ބަލައިލިއެވެ. އަލިޝްބާއަށް ބަދަލުތަކެއް އައިސްފިއޭ އޭނާގެ ހިތް ބުނެލައިފިއެވެ. މޭޒުމަތީގައި ތަށި ބަހައްޓާފައި ބަދިގެއިން ނުކުތް ޝަމްސު ބަލައިލިއިރު ގޭތެރޭގެ މަކުނުވާ ފޮޅަން ހުރި އައިމަންވެސް ހުރީ އަލިޝްބާ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. އަލިޝްބާ ވަދެގެން ދިޔައިރު ކުރިމަތީގައި ހުރި އައިމަންވެސް ނުފެންނަ ކަހަލައެވެ. ގޮވާލީމާ އަލިޝްބާއަށް އަޑެއްވެސް ނީވުނެވެ. އައިމަން ޝަމްސުއަށް ބަލައިލިއެވެ. އެހިނދު އިޝާރާތުން ޝަމްސު އައިމަން އާ ސުވާލުކުރިއެވެ. އައިމަން ދެކޮނޑު އަރުވާލިއެވެ.
އަރައިގެން ހުރި ހަރުގަނޑުން ފައިބައިގެން އައިމަން ކޮޓަރި އާ ދިމާލަށް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އައިމަންއަށް ލިބުނީ ސިހުމެކެވެ. ކޮންމެވެސް ވަރަކަށް ނުކުމެފައި ހުރި ބަނޑާއެކު ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑި، އަލަމާރިއާ ގާތްކޮށްލައިގެން އޭގެ މައްޗަށް އަރައިގެން އަލަމާރި މަތީގައި ހުރި ބޮޑު ފޮށި ނަގަން އުޅުނު އަލިޝްބާ ފެނިފައި އައިމަންއަށް ތެޅިގަނެވުނެވެ. އޭނާއަށް އަލިޝްބާއަށް ގޮވާލެވުނީވެސް ފުދޭވަރަކަށް ބާރަށެވެ. އެ އަޑަށް އަލުން މަސައްކަތައިގެން އުޅުނު ޝަމްސުވެސް ތަށި ބަހައްޓާފައި ކޮޓަރި އާ ދިމާލަށް ދުއްވައިގަނެއްޖެއެވެ.
"ލިބާ މޮޔަވީތަ؟" އަލިޝްބާ އުފުލާލާފައި ތިރީގައި ބަހައްޓަމުން އައިމަން ބުންޏެވެ.
"ކިހިނެއްވީ އަނެއްކާ؟" ކޮޓަރިއަށް ވަން ޝަމްސު އެހިއެވެ. "ކީއްވެ ލިބާ ރޮނީ؟ ތަނަކަށް ތަދުވަނީތަ؟"
އައިމަން އަލިޝްބާގެ މޫނަށް ބަލައިލީ އެވަގުތުއެވެ. އަލިޝްބާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނި އައިމަން އަލިޝްބާގެ ގާތަށް ޖެހިލިއެވެ. ހައިރާންވެފައި އޭނާ އަލިޝްބާގެ މޫނުގެ ދެފަރާތުގައި ހިފާފައި އޭނާ އާ ހަތަރުކަޅި ހަމަކުރުވިއެވެ. ސަބަބު އެނގެން ބޭނުންވާ ފަދައިން އޭނާ އަލިޝްބާގެ ލޮލަށް ބަލަހައްޓައިގެން ހުއްޓެވެ.
"އެ ފޮށި ނަގައިދީ. އޭގެއިން މުހިންމު އެއްޗެއް ނަގަން އަހަރެން ބޭނުން" އަލިޝްބާ އެދުނެވެ. އައިމަން ބަހެއް ނުބުނެ އަލިޝްބާ އެދުނު ފަދައިން ކަންތައް ކޮށްދިނެވެ. އަލިޝްބާގެ ދެލޮލުން ފައިބަމުންދާ ކަރުނަތަކުގެ ފަހަތުގައި ވަނީ ކުޑަކަމެއް ނޫން ކަން އޭނާއަށް އެނގެއެވެ. އެހެންނޫނީ ގެއިން ނުކުމެގެން ދިޔައިރު ހަމަޖެހިފައި ހުރި މީހަކު އެނބުރި އައިރު ހިތްހަލާކުވެފައިވާ މީހަކު ފަދައިން ނުހުންނާނެއެވެ.
އެނދުމަތީގައި ފޮށި ބެހެއްޓުމާއެކު އަލިޝްބާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. އޭނާގެ ބާ ހެދުންތަކާއި ސްކޫލު ދައުރުގައި ކިޔަން ގެންގުޅުނު ފޮތްތަކުގެ ތެރެއިން އޭނާ ނެގީ ދުވަސްވެފައިވާ ފޮޓޯ ފްރޭމެކެވެ. އެއީ ކާކުކަން ކައިވެނިކޮށްގެން އެގެއަށް އައި ފުރަތަމަ ދުވަހު އޭނާ ވަނީ އައިމަންއަށް ބުނެދީފައެވެ. އެހެންނަމަވެސް އެ ފޮޓޯ ހިފައިގެން އަލިޝްބާ ހިނގައިގަންނަން އުޅުނު ވަގުތު އައިމަން ހިފެހެއްޓިއެވެ.
ފަސްއެނބުރި ބަލައިލުމަށްފަހު އަލިޝްބާ އައިމަންގެ މޭގައި ލައްވެލިއެވެ. އެއް އަތުގައި އޮތް ފޮޓޯއަށް ބަލައިލުމާއެކު އޭނާއަށް ރޮވިއްޖެއެވެ. ޝަމްސުވެސް ހުރީ ވާނުވާ ނޭނގިފައެވެ.
"ބުނީމެއްނު އަންހެން ކޮއްކޮއެއް ހުންނަ ވާހަކަ. އެދުވަހު ބައްޕަ ދެއްކި ވާހަކަތައް އަހަރެން އައިމަންއަށް ކިޔައިދިނީމެއްނު. މަންމައަށްވެސް އެނގެއެއްނު" އަލިޝްބާ ވާހަކަދެއްކިއެވެ.
ގޭތެރެއަށް ވަދެގެން އައި ތިން މީހުން ފެނިފައި ޒަހާ ހިނިތުންވެލިއެވެ. މެދުގައި ހުރި އަލިޝްބާ މޭގައި ލައްކޮށްލައިގެން ހުރި ފްރޭމް ފެނިފައި އަންބަރްގެ ދެބުމަ ގޮށްޖެހުނެވެ. ކުއްލިއަކަށް ދޮންތައަށް ވީ ކީއްބާއޭ ހިތަށް އެރިއެވެ. އެމީހުންނަށް މާބޮޑު ހައިރާންކަމެއް ލިބުނީ ދެވަނަ ފަހަރަށް އަލިޝްބާ އައިއިރު އެކުގައި އައިމަން އަދި ޝަމްސު ހުރުމުންނެވެ.
އެތެރެއަށް ވަދެގެން ދިޔަ އަލިޝްބާ ގޮސް ހުއްޓުނީ ނީލަމް ކައިރީގައެވެ. ނީލަމްގެ މޫނަށް މިފަހަރު އޭނަ ބަލައިލީ މުޅިން ތަފާތު ނަޒަރަކުންނެވެ. ކުރިން ނުކުރެވޭ އިހުސާސެއް މިފަހަރު އޭނާއަށް ކުރުވައިފިއެވެ. އޭރުވެސް އަލިޝްބާގެ ދެލޯ ވަނީ ކަރުނުން ތެންމާލާފައެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން އަލިޝްބާއަށް ބަލަހައްޓައިގެން ހުރި ނީލަމް ހީލައިފިއެވެ. އަލިޝްބާގެ އަތުގައި ހިފާލާފައި ބާކީ ހުރި ފޮޓޯތައް ބަލަން ހިނގާށޭ ނީލަމް ބުނެލައިފިއެވެ. އެހިނދު އަލިޝްބާ ނީލަމްގެ އަތަށް ބާރުކޮށްލިއެވެ.
"އަހަރެންނަށް ނީލޫގެ މަންމަގެ ފޮޓޯ ދައްކައިފީމެއްނު. ހިތަށް އެރީ ނީލޫއަށް އަހަރެންގެ މަންމަގެ ފޮޓޯވެސް ދައްކާލާނަމޭ" އަލިޝްބާ ބުންޏެވެ. ނީލަމް ހީލާފައި އަވަހަށް ދައްކާށޭ ބުންޏެވެ. އެވަގުތު އަތުގައި އޮތް އޭފޯ ކަރުދާހެއްގެ ސައިޒަށް އޮތް ފްރޭމް ނީލަމްގެ އަތަށް ދިނެވެ. ބާކީ ތިބި މީހުން ތިބީ ދެކުދިންގެ ހަރަކާތްތަކަށް ބަލާށެވެ. ޒަހާ އާއި އަންބަރްގެ މޫނުމަތިން ހައިރާންކަމެއް ފާޅުވާން ހުރިއިރު އައިމަން އާއި ޝަމްސު ހުރީ ހިނިތުންވެލައިގެންނެވެ. ދެމައިންގެ ލޮލުންވެސް ކަރުނަ ފާއްދާލާފައި ވިއެވެ.
"ތިއީ އަހަރެންގެ މަންމަ. ފަރީހާ" އަލިޝްބާ ބުންޏެވެ. ފޮޓޯ ފްރޭމަށް ބަލަހައްޓައިގެން ހުރި ނީލަމް އެއްވެސް ހަރަކާތެއް ނެތް ބުދެއް ފަދައިން ހުއްޓެވެ. ވަށައިގެން އިވެމުންދާ އަޑުތަކާ މަންޒަރުތަކަށް ލަސްކަމެއް އައިސްފައިވިހެން އޭނާއަށް ހީވިއެވެ. ފޮޓޯ ފްރޭމުން ނަޒަރު ވަކިކޮށް އޭނާ ކުރިމަތީގައި ހުރި އަލިޝްބާއަށް ބަލައިލިއެވެ. ދެކުދިންގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައިރު ނީލަމްގެ ހިތް އެއީ ހަގީގަތްކަމަށް ގަބޫލުކުރުމަށް ގޮވަމުން ދިޔައެވެ. ޒަހާ އާއި އަންބަރް ހުރީ ނިއުޅުވެމުންދިޔަ މަންޒަރުން ހަގީގަތް ގަބޫލުކުރަން ދަތިވެފައެވެ.
"އާނ ނީލޫ.... މިވީ އަހަރެމެން ބޭނުންވި ގޮތަށް" އަލިޝްބާ ބުންޏެވެ. ނީލަމް ކަރުނަތަކާއެކު ހީލިއެވެ. އަލިޝްބާގެ ގައިގައި އޭނާ ބައްދައިގަތެވެ. ދެކުދިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުން ދިޔައެވެ.
"ވެއިޓް.... ވަޓް؟" މިހުރިހާއިރު ހިމޭނުން ހުރި އަންބަރްގެ އަޑު އިވުނެވެ. އެ އަޑަށް އަލިޝްބާ އެނބުރި އަންބަރަށް ބަލައިލިއެވެ.
"ޖެލަސްނުވާތި. އިބާ ގޮތަށް ނީލޫ އަކީވެސް ދޮންތަގެ ސިސްއެއް" އަލިޝްބާ ބުންޏެވެ.
"ވަޓް؟ އެހެން ކިހިނެއްވާނީ؟" އަންބަރަށް ގަބޫލުކުރަން އުނދަގުވިއެވެ. އަންބަރު ދެފަރާތަށް ބޯހޫރާލައިފިއެވެ.
"ދަރިފުޅާ އިބާ އެއީ ގުދުރަތީގޮތުން ލައްވާފައިވާ ގުޅުމެއް. އެކަކަށްވެސް ބަދަލެއް ނުކުރެވޭނެ. ނިކަން އެކަލާނގެ ދީލަތިވަންތަކަމާއި ރޭވުންތެރިކަން ދެކިބަލަ. އަހަރެން ހަމަ އަޖައިބުވެއްޖެ. ﷲ اكبرز ހަމަ އެންމެ ބޮޑީ ﷲ." ޒަހާ ވާހަކަދެއްކިއެވެ. އަންބަރް މަޑުމަޑުން ހިނގާލާފައި ގޮސް ހުއްޓުނީ އަލިޝްބާ އާއި ނީލަމް އާ ދެމެދުގައެވެ. އަލިޝްބާގެ އިތުރު ކޮއްކޮއެއް ހުންނަކަން އެނގުމުން އަންބަރް ހަސަދަވެރިވާނޭ އަލިޝްބާއަށް ހީވިޔަސް ހަގީގަތުގައި އެފަދަ ނުބައި ކަމެއް އަންބަރްގެ ހިތުގައި ނެތެވެ. އަލިޝްބާ ފަދައިން އަންބަރްވެސް ނީލަމްގެ ގައިގައި ބައްދާލިއެވެ.
ކޮޓަރިއަށް ވަންގޮތަށް އަންބަރް ގުޅީ ޖޫދަށެވެ. ގޭތެރޭގައި ކަންތައްތައް ވީގޮތް އޭނާ ޖޫދަށް ކިޔައިދިނެވެ. އެންމެ ފުރަތަމަ ޖޫދަށްވެސް އެކަން ގަބޫލުކުރަން އުނދަގުވިއެވެ. އެކަމަކު ގަބޫލުނުކުރިޔަސް އެ ހަގީގަތް ބަދަލުނުވާނެތީ އޭނާ ހައިރާންކަމާއެކު އެ ހަގީގަތް ގަބޫލުކުރިއެވެ، ނީލަމަށްޓަކައި އޭނާ އުފާކުރިއެވެ. މިދުނިޔޭގައި އެއްވެސް މީހަކު ނެތި ނިކަމެތި އަންހެންކުއްޖެއްގެ ހަޔާތް ކުއްލިއަކަށް އުފާވެރި ކަމަކަށް ބަދަލުވިގޮތް ހިތަށް އަރާފައި ޖޫދުގެ ދުލު ކުރިއަށް އައީ މަތިވެރި އިލާހުގެ އިސްމަ ފުޅެވެ.
"އަންނާނަން ދޯ" ފޯނު ކޯލު ނިންމާލަމުން އަންބަރް އެހިއެވެ.
"ދާންވާނެއްނު. ސެލެބްރޭޓްކުރަންވާނެއްނު" ޖޫދު ބުންޏެވެ.
"ޔެސް. ގުޑް އައިޑިއާ" އަންބަރް ބުންޏެވެ.
"ކިހިނެއް ހަދަންވީ. އަހަރެން ދާއިރު ކޭކެއް ހިފައިގެން ދާންވީ ދޯ" ޖޫދު ބުންޏެވެ. ވަގުތުން އަންބަރް އެއްބަސްވެއްޖެއެވެ.
"އިހަށް މަޑުކޮށްބަލަ" އަންބަރް ބުންޏެވެ. ހީލަމުން ޖޫދު އަދި ފޯނު ކަނޑާނުލަމޭ ބުންޏެވެ.
"ކިހާ އިރަކު އަންނާނީ" ކެތްތެރިކަން ކުޑަވެފައި އަންބަރް އެހިއެވެ.
"ބޭބީ ތިހާ ކެތްތެރިކަން ކުޑަވެފައި ބުނީމަ ދެން މިތާ އިތުރަކަށް ކެތެއްނުވާނެ. މިދަނީ އިނގޭ. އިންތިޒާރުކުރައްޗޭ. ވަރަށް ލޯބިވޭ" ފަހުބަސް ޖޫދު ބުނެލީ ސިއްރެއް ބުނެލާ ފަދައިންނެވެ. އަންބަރަށް ހެވުނެވެ.
"ނުބުނެއެއްނު" ޖޫދު ބުންޏެވެ.
"ގެއަށް އައީމަ ބުނާނީ" ހީލަމުން އަންބަރް ބުންޏެވެ.
*****
މޫސަ ދިއްކޮށްލި ސިޓީ އުރައިގައި ހިފަމުން ވާރިޝް މޫސަގެ މޫނަށް ބަލައިލިއެވެ. މިއީ ކޯޗެއްހޭ އަހާލާ ކަހަލަ ގޮތަކަށް އޭނާ ސިޓީ އުރައިގެ ބޭރުގައި ޖަހާފައިވާ ނަމަށް ބަލައިލިއެވެ.
"ކަލެއަކީ މިހާރުން ފެށިގެން މިތާގެ މުވައްޒަފެއްނޫން. ތީގައި ތިވަނީ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމާއި އެގާރަ ދުވަހަކަށް ކަލެއަށް ވާ މުސާރަ" މޫސަ ބުންޏެވެ.
ވާރިޝްގެ އަތުގައި ސިޓީއުރަ ބޮނޑިކޮށްލިއެވެ. ނުރުހުންވެފައި އޭނާ މޫސައަށް ބަލަން ހުރި ގޮތުން މޫސަ ޖެހިލުންވިއެވެ. ނުބައި މީހަކާ ކުރިމަތިލާން ޖެހުމުން ހިސާބެއްގެ ނުތަނަވަސްކަމެއް މޫސަގެ ހިތުގައި ވިއެވެ.
"ވަޓް؟ ކަލޭމެންނަށް ތިގޮތަށް އަހަރެން ވަޒީފާއިން ވަކިނުކުރެވޭނެ" ވާރިޝް ހިފީ މޫސަ ލައިގެން ހުރި ޓީޝާޓްގެ ގިރުވާނުގައެވެ.
"އެއީ ކީއްވެ؟ ހަމަ މިހާރު މޫސަބެގެ ގައިން ދޫކޮށްލާ" އެ އިވުނީ ޖޫދުގެ އަޑެވެ. "އަހަރެންގެ ވިޔަފާރިއެއް. އަހަރެންނަކީ ކަލޭގެ ވެރިމީހާ. އަހަރެން ބޭނުން އިރަކު ކަލޭ މިތަނުން ވަކިކުރެވޭނެ" ހިތްހަމަނުޖެހިފައި ވާރިޝް ޖޫދަށް ބަލައިލިއެވެ. އޭނާގެ ދެލޮލުގައި ނުރައްކާތެރި ބެލުމެކެވެ.
"ކީއްވެ ބަލަހައްޓައިގެން ތިހުންނަނީ. ގެޓް އައުޓް" ޖޫދު އިނގިލިން ފުއްޓައްކެއް ޖަހައިލަމުން ވާރިޝްއަށް އަމުރު ކުރިއެވެ. އެހިނދު ވާރިޝްގެ ލޭ އެތެރެހަށީގައި ކެކިގަތެވެ. ޖޫދުގެ އަނގަމަތި ފަޅާލަން ހިތަށް އެރިއެވެ. އެގޮތަށް ބޮޑާ ކަންމަތީގައި އޭނާ ވަޒީފާއިން ވަކިނުކުރެވޭނޭ ތަކުރާރުކޮށް ހިތް ބުނަމުން ދިޔައެވެ. އެހެންނަމަވެސް އެންމެ ބުއްދިވެރިގޮތަކީ އެވަގުތު އެތަނުން ދިޔުންކަން ވާރިޝްއަށް ވިސްނުނެވެ. ތަޅާފޮޅުންގަނޑަކަށް ގޮސްގެން ދާންޖެހޭނީ ޖަލުގެ ތޭރިތަކުގެ އެތެރެއަށްކަން އޭނާ ހަނދާންވިއެވެ. އޭނާގެ ބޮޑު ބަދަލުހިފުން އޮތީ އަދި ކުރިއަށެވެ. ޖަލަށް ދާންޖެހުނަސް ޖޫދުގެ އާއިލާ މުޅި އުމުރަށް ކަރުނައަޅާވަރު ކުރަން އޭނާ ހުރީ ހުރިހާ ކަމެއް ތައްޔާރުކޮށްފައެވެ. އެއީ އޭނާގެ ފަހުގެ އެތިފަހަރެވެ. ނުބައި ފާޑަކަށް ވާރިޝް ހީލައިފިއެވެ. އިންޒާރެއް ފަދައިންނެވެ.
"ހަނދާންކުރާތި!" ވާރިޝް ޖޫދަށް އިނގިލި ދިއްކުރިއެވެ. "ކަލޭމެން އެންމެން ހަނދާންކުރާތި! ދެން އަހަރެން ނަގާ ރާޅު ބޮޑުވާނެ ވިސްނައިގެން ކަލޭ ހުންނާތި" ވާރިޝް ނުކުމެގެން ދިޔައެވެ. ޖޫދަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ފުލުހުންނާ ހަވާލުނުކޮށް ވާރިޝް އެގޮތަށް ފޮނުވާލުން އެއީ އަނެއްކާ އޭނާއަށް ހެދުނު ގޯހެއް ނޫންބާއޭ ހިތަށް އެރިއެވެ.
****
ދުވަހުގެ ހަވީރު ވަގުތު ތިން އަންހެންކުދިން ސުމައްޔާ އާއި ހާތިމް އާ ބައްދަލުކުރިއެވެ. ދެކުދިންގެ މެދުގައި އޮތް ގުޅުން އެނގުނު ހިނދު ސުމައްޔާ އާއި ހާތިމްގެ މޫނުމަތިން ހައިރާންކަން ފާޅުވެލިއެވެ. ދެމަފިރިންނަށް ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމާމެދު ވިސްނުން ހިންގާލެވުނެވެ.
"މީގެފަހުން ނީލަމް ސުމައްޔާތަގެ ބަދަލުގައި މަންމަ ކިޔަންވާނީ" ނީލަމްގެ ބުރަކަށީގައި ފިރުމައިލަމުން ސުމައްޔާ ބުންޏެވެ. ސުމައްޔާއަށް ބަލަހައްޓައިގެން އިން ނީލަމްގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. ސުމައްޔާގެ ދުލުން 'މަންމަ' މި ލަފްޒު ބޭރުވެގެން ދިޔަ އަޑު އިވުމާއެކު އޭނާއަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ފަރީހާ މަތިން ވަރަށް ބޮޑަށް ހަނދާންވި ވަގުތުކޮޅެކެވެ.
"މިއަދުން ފެށިގެން އަހަރެންގެ އިތުރު އަންހެން ދަރިއެއް އުފަންވެއްޖެ. އަހަރެން އެދެނީ އިބާ އާއި ލިބާ ފަދައިން ނީލަމްވެސް އަހަރެންނަށް ބައްޕަ ކިޔަން. މާޒީގައި އަހަރެންނަށް ހެދުނު ގޯސްތަކާއި ވެވުނު އިހުމާލުތައް ފޫބައްދަން އެކަލާނގެ ފަހިކޮށްދެއްވި ވަރަށް ރަނގަޅު ފުރުސަތެއް މިއީ" ހާތިމް ވާހަކަދެއްކިއެވެ.
ބަފައެއް ފަދައިން އޭނާ ނީލަމްގެ ބޮލުގައި ފިރުމާލިއެވެ. ނީލަމް ހަތަރުކަޅި ހަމަކޮށް ހާތިމްއަށް ބަލައިލިއެވެ. އެހިނދު ނީލަމްގެ ދެލޮލުގެ ތެރެއިން އޭނާއަށް ފަރީހާގެ ދެލޯ ސިފަވިހެން ހީވިއެވެ.
"އިބާ އާއި ލިބާ ފަދައިން މިގޭތެރޭގައި ނީލަމްއަށް ވެސް ކޮޓަރިއެއް ތައްޔާރުކުރާނަން. ބައްޕަމެން އެދެނީ ދޭތެރެއަކުން މިގޭގަވެސް މަޑުކޮށްލުން"
****
ބަދިގޭގައި ކައްކަން އުޅުނު ރިކްޒާ މިނެޓަކު ތިން ފަހަރު ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލައެވެ. އޭނާގެ ތުންފަތަށް އިރުކޮޅަކާ ހިނިތުންވުމެއް ވެރިވެއެވެ. ބަދިގޭ ކެބިނެޓް މަތީގައި އޮތް ފޯނުން ކޮޓަރީގައި ނިދާފައި އޮތް ރައިކާ ފެންނަން ހުއްޓެވެ. ރައިކާ ހަރަކާތްކޮށްލާ މަންޒަރު ފެންނައިރަށް ރިކްޒާގެ ހަރަކާތްތައް މަޑުޖައްސާލައެވެ. ހީވީ އެކުއްޖާ ހޭލައިގެން އަމިއްލައަށް ތެދުވެ އިށީންނާނެ އިރަކަށް ބަލަބަލާ ހުރި ހެންނެވެ.
"އަދި ހަބަރެއްނުވޭ. މިއަދު މިއީ އަންނަން ބުނި ދުވަސް" ރިކްޒާ އަމިއްލަ ހިތާ ވާހަކަދައްކާލިއެވެ. ޝާރިގް ފުރައިގެން ދިޔަފަހުން ސައުވީސް ދުވަސް ފަހުން މިއަދަކީ ކައިވެންޏަށް ތައްޔާރުވާން އަންނަން ބުނި ދުވަހެވެ. އިރުއެރީއްސުރެ ފެށިގެން އޭނާ އިންތިޒާރު އެކުރަނީ ޝާރިގް އަންނާނެ ވަގުތަކަށެވެ. ފާޅުގައި ނުބުނި ކަމުގައި ވިޔަސް އެސޫރަ ދެކިލާހިތުން އޭނާގެ ދެލޯ ހީވަނީ މަގާމުން ބިންމައްޗަށް ފުންމާލަން އުޅޭ ހެންނެވެ. ގޭތެރެއިން މީހަކު ކެއްސާލި އަޑު އިވުމާއެކު ސިހިފައި ރިކްޒާ އެދިމާ ބަލައިލިއެވެ. ކޮޓަރިން ނުކުތް އިސްހާގު ފެނުމާއެކު ރިކްޒާ މޫނުމައްޗަށް ސީރިޔަސްކަން ގެނައެވެ. ރޯގާގަނޑެއް ޖެހިގެން ރިސޯޓުގައި ހުރެފައި އިސްހާގު އައީ މިއަދުއެވެ.
"ދަރިފުޅާ! ބައްޕައަށް ހޫނު ފެންފޮދެއް ގެނެސްދީބަލަ" ސޯފާގައި އިށީންނަމުން އިސްހާގު ބުންޏެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ރިކްޒާ އަވަސްވެގަތީ އިސްހާގު އެދުނު ކަންތައް ކޮށްދިނުމަށެވެ.
"އަޅެ މަންމަ ރަނގަޅެއްނު. މިއަދު އަވަހަށް އަންނާނަމޭ ބުނި މީހާ ވިއްޔަ" ރިކްޒާ ދިއްކޮށްލި ފެންތަށީގައި ހިފަމުން އިސްހާގު ބުންޏެވެ.
"އެވާނީ މަންމަ މިއަދު މާ ބިޒީވީކަމަށް" ރިކްޒާ ބުންޏެވެ.
"ބައްޕަ ސައިބޯންވީނުން. މަންމަ ފޮނުވި ހެދިކާ އެބަހުރި" ރިކްޒާ ބުންޏެވެ.
"ބަނޑުހައިވެސްއެބަވޭ. އެކަމަކު މަންމަ އައިމަ އެކުގައި ސައިބޯންވެގެން މި އިންނަނީ" އިސްހާގު ބުންޏެވެ.
"ދަރިފުޅާ އިހަށް މަޑުކޮށްބަލަ. ޝާރިގްގުގެ ހަބަރެއްވިތަ؟ ބައްޕަ ގުޅާލީމަ ފޯނެއްވެސް ނުނަގާ. އެކުއްޖާވެސް ބައިވެރިކޮށްގެން ސައިބޯން ބޭނުމީ. އެކުން ބައްޕަ ތިދެކުދިން ކައިރީގައި ވާހަކައެއްދައްކަންވެފައި އޮތީމަޔާވެސް އެއްކޮށް" އިސްހާގު ބުންޏެވެ.
*****
ސްކޭނެއް ހެދުމަށް އަލިޝްބާއަށް ލިބުނު އެޕޮއިންޓްމަންޓް އިން ގަޑިއަށް އައިމަންއަށް ރަށަށް ނާދެވުނެވެ. ކައިރި ރަށެއްގެ ސްކޫލުގެ ޕްރިންޓަރު ހަލާކުވެގެން ކުއްލިއަކަށް އޭނާ ފުރައިގެން ދާންޖެހުނީއެވެ. އެހެންކަމުން އަލިޝްބާ ގުޅީ ނީލަމްއަށެވެ. އަންނައުނުތައް ދޮވުމުގެ މަސައްކަތުގައި އުޅުނު ނީލަމްއަށް ވެސް އަލިޝްބާއާ އެކު ދެވޭގޮތެއް ނުވިއެވެ. އެހެންކަމުން އަލިޝްބާ އަންބަރާ އެކުގައި ދާން ބޭނުންވިއެވެ.
"ދޮންތަ އެގުޅީ. ހޮސްޕިޓަލަށް ގޮސްލަންވީ އޯ ދޮންތައާއެކު" އަންބަރް ބުންޏެވެ. ޖޫދު އަތްމަތިން ކުޑަކޮށް ބޯހިއްލާލާފައި އަންބަރް ބުންޏެވެ.
"މިހާރުތަ؟" ޖޫދު އެހިއެވެ. ވަގުތުގެ ގޮތުން އޭނާ އޮތީ އެއްވެސް ތަނަކަށް އަންބަރް ފޮނުވާހިއްނުވެފައެވެ.
"ހޫމް. ވަރަށް އަވަސްވާނެ ކަންނޭނގެ" އަންބަރް ބުންޏެވެ.
"ދޭ. އެކަމު އަވަހަށް އަންނައްޗެ. މިއަދު އެއްކޮށް ބޭނުމީ އަހަރެންގެ ކަމަނައާއެކު އުޅެން" އެނދުން ފޭބި އަންބަރްގެ އަތުގައި ހިފައި ގާތަށް ދަމައިލަމުން ޖޫދު ބުންޏެވެ. އަންބަރް ބޯޖަހާލިއެވެ. ޖޫދުގެ މޫނުގައި އަތުން ފިރުމާލާފައި އަންބަރް ތެދުވިއެވެ.
"އަލްހަމްދުލިއްލާހް. ބޭބީ ރަނގަޅު" ސްކޭން ރޫމުން ނުކުތް ގޮތަށް އަލިޝްބާ ގުޅީ އައިމަންއަށެވެ. ރިޕޯޓް ނަގައިގެން ދެކުދިން ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތްތަނާ އަންބަރަށް ފަހަތުގައި ހުރި މީހަކު ގޮވާލައިފިއެވެ. އެނބުރުނުއިރު ކުރިމަތީގައި ހުރި މީހަކު ފެނިފައި އަންބަރްގެ ދެބުމަ ގޮށް ޖެހުނެވެ. ދުވަހަކުވެސް މީގެކުރިން އޭނާ ވާހަކަދައްކާފައި ނުވާ މީހަކު ގޮވައިލުމުން ވަގުތުން އޭނާގެ ބޭނުމަކީ ކޮބައިކަން އަންބަރަށް ވިސްނުނެވެ. އެވަގުތު އޭނާ ހުރީ ޖޫދަށް ގުޅައިގެން ފޯނު ކަންފަތުގައި ޖަހައިގެންނެވެ. މީހަކު އަންބަރްގެ ނަމުން ގޮވާލި އަޑު އޭނާއަށްވެސް އިވުނެވެ. ފޯނު ކަނޑާލަން އުޅެފައިވެސް ހާނީ ދައްކާ ވާހަކަ ޖޫދަށް އިއްވަން އަންބަރް ބޭނުންވިއެވެ. އެހެންކަމުން ފޯނާއެކު އަތް ތިރިކޮށްލާފައި ހާނީއަށް ބަލައިލިއެވެ.
"އަންބަރާ އެކަނި ބައްދަލުވެދާނެތަ؟" އަލިޝްބާއަށް ބަލައިލާފައި ހާނީ ބުންޏެވެ.
"އެއީ ކޮންކަމަކުތޯ" އަންބަރް ބުންޏެވެ. އަލިޝްބާ ދުރަށްޖެހެން އުޅުމުން އަންބަރް އަލިޝްބާގެ އަތުގައި ހިފެހެއްޓިއެވެ.
"ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން" އަންބަރްގެ ހަރަކާތްތައް ހުރިގޮތުން ޖެހިލުންވެފައި ހުރި ހާނީ ބުންޏެވެ.
"ޑރ. ހާނީ އަކީ މިރަށުގެ ޑޮކްޓަރު ކަމުގައި ވިޔަސް އަހަރެންނަށް ތިއީ ނުދަންނަ މީހެއް. ހާނީ އަހަރެން ކައިރީގައި ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ. ދައްކަން ތިއުޅެނީ ވާރިޝްގެ ވާހަކައެއްވިއްޔާ ބުނެވޭނީ ތިވާހަކަތައް އަޑުއެހުމުގެ އެއްވެސް ޝައުގުވެރިކަމެއް އަހަރެންގެ ނެތޭ" އަންބަރް ބުންޏެވެ. ހާނީ އިސްޖަހާލިއެވެ. އަންބަރްގެ މޫނަށް ހައިރާންކަމާއެކު އަލިޝްބާ ބަލައިލިއެވެ. ވާރިޝް އާ ގުޅުވައިގެން އަންބަރް ވާހަކަދެއްކުމުން އެވާހަކަތަކާ އަލިޝްބާ ގަޔާވިއެވެ.
"އަދި އެއްވާހަކަ ބުނަންތަ ހެޔޮ އެދޭ މީހެއްގެ ހައިސިއްޔަތުން. ތިއީ މިރަށު ރައްޔިތުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ މީހެއް. ފަރުދާގެ ފުރަގަހުގައި ޑރ. ހާނީ ތިކުޅޭ ހަޑި ކުޅިވަރު ދާއިމަށް ސިއްރުވެފައި އޮންނާނޭ ހީނުކުރައްޗޭ. ކޮންމެސް އެއް ދުވަހަކުން ހުރިހާ މީހުންނަށް ތި ހުދު ހެދުމުގެ ނިވަލުގައި ފޮރުވިފައިވާ ހަގީގީ މޫނު ހާމަވާނެ. އެދުވަހަކުން ކަލޭ މިރަށުން ބޭރުކުރާނެ. އެންމެން ކުރިމަތީގައި ކަލޭގެ އަގުވެއްޓި ބޭޒާރުވާނެ. މީގެފަހުން އަހަރެން ކައިރީގައި ވާރިޝް ކަހަލަ މުޑުދާރު އިންސާނެއްގެ ވާހަކަދައްކަން ހިތަށްވެސް ނާރުވާތި. އަހަރެންނަށް އަހަރެންގެ ފިރިމީހާ ފުދޭ" ހުރިހާ އެއްޗެހިތަކެއް އަންބަރް ކިއީ އިރުވެސް ހާނީ އިސްއުފުލާ ބަލައިވެސް ނުލައެވެ. އެއްފަހަރު ހާނީއަށް އަނެއްފަހަރު އަންބަރަށް ބަލަމުންދިޔަ އަލިޝްބާގެ އަތުގައި ހިފައިގެން އަންބަރް ހިނގައިގަތެވެ. ހާނީ އާއި ވާރިޝްގެ ވާހަކަތައް އަލިޝްބާއަށް އަންބަރް ކިޔައިދިނީ ހޮސްޕިޓަލުން ނުކުމެފައެވެ. ވާރިޝްގެ ނުލަފާކަމާއި މަކަރުވެރިކަމުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އަންބަރްގެ ހިތްވަރުގަދަކަން އެނގުމުން އެކަމާ އަލިޝްބާ އުފާކުރިއެވެ. ދާއިމަށް އެގޮތުގައި އަންބަރް ލެއްވުމަށް އެދި ހިތާހިތުން ދުއާކޮށްލިއެވެ.
*****
ބޮޑު ދުވަހެކެވެ. ގޭތެރެވަނީ ހަލަބޮލިވެފައެވެ. ދެކޮޅަށް ދުވެދުވެ ހުރި އަންބަރަށް އިރުކޮޅަކާ ޖޫދުގެ ލޯބީގެ ސަމާސާއެއްގައި ބައިވެރިވާން ޖެހެއެވެ. ވަގުތަކީ ހޮނިހިރު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ރޭގަނޑު އޮންނަ ދެ ހަފުލާއަކަށް ދިޔުމަށް އަންބަރްގެ އާއިލާ ދިޔައީ ތައްޔާރުވަމުންނެވެ. ކުރަންޖެހޭ މަސައްކަތްތައް ގިނަކަމުން ހެނދުނުގެ ސަޔަށްވެސް ހަދާލީ ކުޑަ ގޮތެކެވެ. ގެނައި ތަރުކާރީތައް ކޮށަން އުޅުނު އަންބަރްގެ ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއެވެ. ޖޫދު އޮތީ ފިނި ފެންތައްޓެއް ގެނެސްދޭން އެދިފައެވެ. އަތުގައި އޮތް ވަޅި މޭޒުމަތީގައި ބާއްވާފައި ފިނި ފެންފުޅިއަކާއި ބިއްލޫރި ތައްޓެއް ހިފައިގެން އަންބަރް ހިނގައިގަތެވެ.
އަންބަރް ކޮޓަރިއަށް ވަންއިރު ކޮޓަރި ތެރެއިން ޖޫދު ފެންނާކަށް ނެތެވެ. ފެންފުޅި ހިފައިގެން ނުކުންނަން އުޅެނިކޮށް ޖޫދު ނުކުތީ ފާހާނައިންނެވެ. އަންބަރް ފެނުމާއެކު ޖޫދު ހީލައިފިއެވެ.
"އަޅެ ދެން އެނގެއެއްނު އެންމެންވެސް މިއަދު އެ އުޅެނީ ނުލާހިކު ބިޒީކޮށް ކަން. އެތަނަށް އައިނަމަވެސް ފެން ދޭނަމޭ" ބިއްލޫރި ތައްޓަށް ފެންއަޅާފައި ދިއްކޮށްލުމުން ނުލަފާ ފާޑަކަށް ހިނިއައިއްސަ އިން ޖޫދު ތަށީގައި ހިފީ އަންބަރްގެ އަތާ އެއްކޮށެވެ. އަންބަރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޖޫދު ހަށިގަނޑަށް ގެނައި އަވަސް ހަރަކާތަކާއެކު އަންބަރް އޭނާގެ އުނގު ތެރެއަށް ލައިފިއެވެ.
"އޫމްމްމްމް.... ތިކަހަލަ ކަމެއްގަ ދޯ އެވަރަކުން ތިގެނައީ" އަންބަރް އެހިއެވެ.
"މަގޭ ލޯބިވާ އަނބިކަމަނާ ހާދަ ބުރަކޮށޭ މިއަދު ތިއުޅެނީ. ރެސްޓަށް އަންނާނީ ކޮންއިރަކުން؟" ޖޫދު އެހިއެވެ.
"ނިމުނީމަ. ވަރަށް ލަސްވޭ އެބަ. ދާންވެއްޖެ. ދޫކޮށްލާ. އަހަރެން ގެއްލިގެން އެމީހުން ހޯދާނެ" އަންބަރް ޖޫދުގެ އަތުން ވީއްލިގަތެވެ.
"ކޮއްކޮ ބަސް އަހައިގެން ހުންނައްޗެ. މަންމަ އަންނާނަމޭ ވަރަށް އަވަހަށް" ހެމުންހެމުން ފެންފުޅި ހިފައިގެން ކޮޓަރިން ނުކުންނަން ދިޔަ އަންބަރް ބުންޏެވެ.
ވަކި ހިސާބަކަށް ނުދެވެނީސް އަންބަރަށް ހީވީ ކޮޓަރީގެ ޓައިލްސްގަނޑު ތެޅިގަތްހެނެވެ. އަތުން ފެންފުޅި ދޫވެގެން ވެއްޓުނު ވަގުތު އަމިއްލަ ސަލާމަތަށް އޭނާއަށް އަތް ވިއްދުނީ ލައްޕާލާފައި ހުރި ކޮޓަރީގެ ދޮރުގައެވެ.
(ނުނިމޭ)