"މިއަތޮޅު ރިސޯޓުން އަހަރެންނަށް ލޯންޗު ކައްޕިއެއްގެ ވަޒީފާ ހަމަޖެހިއްޖެ. ދެ ދުވަސްތެރޭ ފުރަންޖެހޭ" ޝާރިގް ބުންޏެވެ.
"ދެން؟ ތިކަމުގަ އަހަރެންނަށް ކޮންކަމެއް ކޮށްދެވޭނީ؟" ރިކްޒާ އެހިއެވެ.
"އަހަރެންނަށް ރައިކާގެ ބައްޕައަކަށް ވާން ބޭނުން. އެފުރުސަތު އަހަރެންނަށް ލިބިދާނެތަ؟" ޝާރިގްގެ އެ ޖުމްލައާއެކު ރިކްޒާއަށް ސިހުން ލިބުނެވެ. ޙައިރާންކަމާއެކު ޝާރިގްގެ މޫނަށް ބަލައިލެވިއްޖެއެވެ.
"އަހަރެން ރިކީ އާ އިންނަން ބޭނުން" ޝާރިގް ބުންޏެވެ. ރިކްޒާ ނަޒަރު ބަދަލުކޮށްލިއެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި ޝާރިގްގެ އުނގުގައި އިން ރައިކާ އުރާލައިފިއެވެ.
"ޝާރިގަށް ތިބުނެވުނު އެއްޗަކާ މެދު ވަރަށް ފުންކޮށް ވިސްނާފަ އާދޭ" ރިކްޒާ ބުންޏެވެ. ތެދުވެގެން ހިނގައިގަންނަން އުޅުނު ވަގުތު ރިކްޒާގެ އަތުގައި ޝާރިގް ހިފަހައްޓައިފިއެވެ.
"މިއަތުން އަހަރެން ދޫކޮށްލާނަން މިތާ އިށީނީމަ" ޝާރިގް ބުންޏެވެ. އެންމެފަހުން ރިކްޒާއަށް މަޖުބޫރުވީ ކުރިން އިން ތަނުގައި އިށީންނާށެވެ.
"އަހަރެންނަށް ރިކީ ފެނުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ކިތައް މަސްވެއްޖެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް އަހަރެން ވިސްނީ ހަމައެކަނި ތި އަންހެންކުއްޖާއާ މެދު. ކޮންކަމަކާ ރިކީ ހާސްވެ ބިރުގަންނަނީ. އަހަރެންގެ އާއިލާއެއް ނެތް. ހުރި މީހަކީ ހަމައެކަނި ބޭބެ. އަހަރެންގެ ކޮންމެ ނިންމުމަކަށް ބޭބެ ރުހި ގަބޫލުވާނެ" ޝާރިގް ވާހަކަދެއްކިއެވެ.
"ތިއެއް ނޫން މައްސަލައަކީ" ރިކްޒާ ބުންޏެވެ.
"ދެން؟ ކައިވެނިން ބޭރުން ދަރިއަކު ލިބިފައި ހުރުންތަ؟ ކުރި ކުށަށް އަދަބު ނުލިބޭތީތަ؟ ނޫނީ އަހަރެން ދޮގުހަދަނީއޭ ހީވަނީތަ؟"
އަންބަރް ގޮވައިގެން އައިސް ސައިކަލުގައި ޖޫދު މަޑުކޮށްލީ ސުމައްޔާ އުޅޭ ގޭ ދޮރުމައްޗަށެވެ. ދެމަފިރިން އެކުގައި ގޭތެރެއަށް ވަންއިރު ސިޓިންރޫމުން އެއްވެސް މީހަކު ފެންނަން ނެތެވެ. ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓިވީން މެންދުރު ނަމާދުގެ ބަންގި ދިނީވެސް އެވަގުތުއެވެ.
"ހިނގާ އިހަށް ނަމާދުކޮށްލަން" އަންބަރް ބުންޏެވެ. "މަންމަ ނިކުންނާނީ ނަމާދުކޮށްގެންހެން ހީވަނީ" އަންބަރް ބުންޏެވެ.
ދެމަފިރިން އެކު ގޮސް ވަނީ އަންބަރްގެ ކޮޓަރިއަށެވެ. އެއީ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް އެކޮޓަރިއަށް ޖޫދު ވަން ފަހަރެވެ. ފުރަތަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ކައިވެނީގެ ރަނަށް އަންބަރް ކިއީ ބޮޑު ޓެޑީ ބެއާއެވެ. އެނދުގެ ކަނެއްގައި އެ ބައިންދާފައި އިން އިރު، އެނދުން ބޮޑު ޖާގައެއް ގެއްލިފައިވެއެވެ. ބޮޑު އަލަމާރިއަކާއި ޑްރެސިންޓޭބަލެއްގެ އިތުރުން ދަބަސް އަޅުވާ ހަރެއް ހުއްޓެވެ. މުޅި ކޮޓަރި ތެރެއިން ފެންނަން ހުރީ ތަރުތީބުކަމާއި ސާފުތާހިރު ކަމެވެ.
"ހެހެހެ... އަހަރެން މޮޔަކަމުން އެކަހަލަ އެއްޗަކަށް ރަންކިޔުނީ" އޭގެއަށް ޖޫދު ބަލަހައްޓައިގެން ހުރިތަން ފެނުމުން އަންބަރް ބުންޏެވެ. ޖޫދު އަންބަރްގެ މޫނުގައި ފިރުމާލިއެވެ.
"އެއީ އެވަރު ކަމެއްނޫން" ޖޫދު ބުންޏެވެ. "ދޭ ވުޟޫކޮށްގެން އަންނަން"
ނަމާދުގެ ހުރިހާ ހަރަކާތްތަކާ ކިޔާ އެއްޗެހި އަންބަރަށް އެއްވެސް ކުށެއްނެތި ކިޔެވޭ ވަރު ވަންދެން ޖޫދު ބޭނުންވީ އަންބަރާ އެކުގައި ނަމާދުކުރާށެވެ. އަދި އަނބިމީހާއަށް ދަސްވަންދެން ނަމާދު ކިޔާ އެއްޗެހި ބާރަށް ކިޔުމަށެވެ. އަންބަރަށް ޤުރުއާން ކިޔަވައިދެނީ ފަތިސް ނަމާދަށް ފަހުގައެވެ. މަސް ދުވަސް ހަމަނުވަނީސް ހަތިމެއް އަންބަރް ލައްވާ ކުރުވުން އެއީ އޭނާގެ އެއް އަޒުމެވެ.
ޙާތިމް މިސްކިތުން އައިސް ގެއަށް ވަންއިރު ބަނޑު ފުރިގެން އަރާ ކަހަލަ މީރު ވަހެއް ގޭތެރޭގައި ހިފާލާފައި ހުއްޓެވެ. ސުމައްޔާ ބަދިގެތެރޭގައި އުޅޭހެން އޭނާއަށް ހީވީ ތަށި ތަޅުވާ އަޑު އިވޭތީއެވެ. މޭޒު ކައިރީގައި ފުރަގަހަށް އިން ޖޫދު އޭނާއަށް ނުފެނެއެވެ. އެހެންނަމަވެސް ނޫޑްލްސް ތަށި ހިފައިގެން މޭޒު ކައިރިއަށް އައި އަންބަރަށް ސޯފާގައި އިން ޙާތިމް ފެނުނެވެ. އޭނާ ވައި އަޑުން ބައްޕައޭ ބުނެ އިޝާރާތްކޮށްލިއެވެ.
މެންދުރުގެ ކެއުން މޭޒު މައްޗަށް އަރުވަން ކޮޓަރިން ނިކުތް ސުމައްޔާއަށް މޭޒު ކައިރިން ފިރިހެނަކު ފެނުމާއެކު އަލުން ކޮޓަރިއަށް ވަދެ ބުރުގާ އަޅައިފިއެވެ. ސޯފާގައި އިން ޙާތިމްގެ ކޮނޑުމަތީގައި އަތް ބާއްވާލުމާއެކު އެނބުރި ބަލައިލިއެވެ.
"ކޮންބައެއް ބަދިގޭގަ؟" ސުމައްޔާ އެހިއެވެ.
"އަހަރެން ހީކުރީ ސުމައްޔާ ކަމަށް" ޙާތިމް ތެދުވިއެވެ. އެ ދެމަފިރިން އެހިސާބާ އަރާ ހަމަވުމުގެ ކުރިން ޖޫދު ގޮނޑިން ތެދުވެ އެނބުރި ބަލާލައިފިއެވެ. އެވަގުތު އެ ދެމަފިރިންނަށް ޙައިރާންކަމެއް ލިބުނެވެ.
"ދަރިފުޅުތަ؟ މަންމަ އުޅުނިން ކޮޓަރީގަ ގޮވާލިނަމައެއްނު"
"އަނހަ. ކާންވެސް ހަދާފަ މިހެރީ. ކާކު ނޫޑްލްސް ކެއްކީ" ސުމައްޔާ އެހިއެވެ. ޖޫދު ޒާތަކަށް ހިނިއައިސްފައި ހުއްޓެވެ. އުނދުން ކައިރީގައި ފުރަގަހަށް ހުރި އަންބަރް ސުމައްޔާއަށް ފެނުނީ ތަންކޮޅެއް ބޮޑަށް އެތެރެއަށް ވަން ފަހުންނެވެ.
"ކާކު؟" ސުމައްޔާ އެހިއެވެ. ޙާތިމް އެދިމާ ބަލައިލީ ސުމައްޔާގެ އަޑު އިވިފައެވެ. އޭނާގެ ދެބުމަ ގޮށްޖެހުނެވެ. އެއިން އެއްވެސް މީހަކު އެވަގުތު ޖޫދުގެ މޫނަށް ބަލައިލިނަމަ ޙައިރާންކަން އިތުރުވީހެވެ. ބުރުގާ އަޅާފައި ހުރީ ކާކުކަން ވަގުތުން އިނގުނީހެވެ.
"މަންމާ، ބައްޕާ، ކާން އިށީނދޭ. މިނިމުނީ ކާން ހަދާ" ރިހަ ބޯތަށި ހިފައިގެން އެނބުރުނު އަންބަރް ބުންޏެވެ. ސުމައްޔާއާއި ޙާތިމް ހުއްޓުން އެރިއެވެ. ކުރިމަތިން ފެންނަމުން ދަނީ ޙަޤީޤަތެއް ކަމެއް ޤަބޫލުކުރަން އެމީހުން ބޭނުމެއް ނުވިއެވެ. ކައިރިވަމުން އައި އަންބަރަށް ކަޅި ޖަހައިނުލާ ބަލަހައްޓައިގެން ތިއްބެވެ. އެ ދެމަފިރިންގެ ހަރަކާތްތައް އެއްގޮތަކަށް ހުރުމުން ޖޫދު ކައިރިއަށް ހިނިއައެވެ. އޭނާ ގޮސް ހުއްޓުނީ ސުމައްޔާއާއި ޙާތިމްއާ ދެމެދުގައެވެ. ދެފަރާތުން ދެމީހުންގެ ކޮނޑަށް އަތް އެއްލާފައި ބަލައިލީ ރިހަ ބޯތަށި މޭޒު މަތީގައި ބަހައްޓާފައި އައި އަންބަރަށެވެ.
"ތިފެންނަނީ ހަމަ ޙަޤީޤަތް" ޖޫދު ބުންޏެވެ. ސުމައްޔާގެ ދެލޮލުން ފައިބައިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ. ކުރިމަތީގައި ހުރި އަންބަރް ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. ނަންބަރު އައިނު ނަގާފައި ދެލޮލުން ވެއްޓުނު ކަރުނަތިކި ޙާތިމް ފޮހެލިއެވެ. ހޫނުފެން ކޯރަކުން ފިނިފެން ވާދީއެއްގެ ތެރޭގައި ދެފައި އެޅުނު ކަހަލަ އިހުސާސެއް ދެމަފިރިންނަށް ކުރެވުނެވެ.
"މަންމަ މިއަދު ވަރަށް އުފާވެއްޖެ. ދަރިފުޅުގެ ދިރިއުޅުމުން ފެނުނު މި ބަދަލުގެ ސަބަބުން މިއަދު މަންމަގެ ނޭފަތުގައި ސުވަރޫގެގެ ވަސް ޖެހުނުހެންވެސް ހީވެއްޖެ. ތިދެކުދިންގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވާށި. އާމީން"
ރައިކާ ނިންދަވާފައި ރިކްޒާ ނިކުތް އިރު، ސޯފާގައި އިނީ އިސްހާގެވެ. ކޮންމެ ރެއަކުވެސް ކައިގެން ވަކި އިރެއް ވަންދެން ޓީވީ ހުޅުވައިގެން އިސްޙާގު އިނދެއެވެ. ބަދިގެއިން ފެން ތައްޓެއް ހިފައިގެން އައި ސީނާ ފެންތަށި އިސްހާގަށް ދިއްކޮށްލާފައި ކޮޓަރި ދޮރުމަތީގައި ހުރި ރިކްޒާއަށް ބަލައިލިއެވެ.
"އެމަންޖެ ނިދީތަ؟" ސީނާ އެހިއެވެ. ރިކްޒާ ބޯ ޖަހައިލިއެވެ. ބެލްކަންޏަށް ނިކުމެވޭ ބިއްލޫރި ދޮރުގެ ބޭރުގައި ހުރި ޝާރިގް އޭނާއަށް ފެނުނެވެ.
"އާދެބަލަ ދަރިފުޅު" އިސްހާގް ގޮވައިލިއެވެ. ރިކްޒާ އައިސް އިސްހާގް ކައިރީގައި އިށީނދެއްޖެއެވެ.
"ދަރިފުޅު ޑޮކްޓަރަށް ދައްކާލަން މާލެ ދާންވީނުން. ބައްޕަ ހަމަޖައްސައިދޭނަން ހުރިހާ ކަމެއް" އިސްހާގު ބުންޏެވެ. ބުރުގާ މަތިން އޭނާ ރިކްޒާގެ ބޮލުގައި ފިރުމާލިއެވެ.
"އެއީ ކީއްކުރަން. ޑޮކްޓަރަށް ދައްކަނީ ބަލި މީހުނެއްނު. އަޅުގަނޑު ބައްޔެއް ނޫން" ރިކްޒާ ބުންޏެވެ.
"ތިގޮތަށް ދަރިފުޅު ހުންނާތީ ބައްޕަ ދެރަވޭ. ނުކެވެނީ ކޮންމެސް ކަމެއް ވީމައެއްނު" އިސްހާގު ބުންޏެވެ.
"ހެހެހެ.. އަދި ރަނގަޅުވާނެ" ރިކްޒާ ބުންޏެވެ. އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ބެލްކަނީގައި ހުރި ޝާރިގަށެވެ. މިފަހަރު ޝާރިގް ހުރީ ސީދާ ރިކްޒާއަށް ބަލަހައްޓައިގެންނެވެ. ރިކްޒާއަށް އުނދަގޫ ގޮތެއް ވިއެވެ. ޝާރިގް އެ އިންތިޒާރުކުރަނީ އޭނާއަށްކަން އިނގުނެވެ. ތެދުވެގެން ބެލްކަންޏަށް ނިކުންނަން އުޅެފައިވެސް މަންމައާއި ބައްޕަ ކުރިމަތީގައި އެފިޔަވަޅު އަޅަން އޭނާއަށް ނުކެރުނެވެ.
އިރުކޮޅެއް ފަހުން އިސްހާގާއި ސީނާ އެކަކު އަނެކަކަށް ބަލައިލާފައި ތެދުވެގެން ހިނގައިގަތެވެ. ޓީވީވެސް ނުނިއްވާ ހުރުމުން ރިކްޒާ އިސްހާގަށް ގޮވާލިއެވެ.
"ބައްޕަ އަދި އަންނަންތަ ތިދަނީ" ރިކްޒާ އެހިއެވެ. އިސްހާގު ސީނާއަށް ބަލައިލާފައި ހީލައިފިއެވެ. ރިކްޒާ ލަދުގަތެވެ.
"އެހެން މިއެހީ ޓީވީ ނުނިއްވާ ހުރީމަ" އަވަސް އަވަހަށް ރިކްޒާ އެހިއެވެ.
"ފަތިހާ ބައްޕަވެސް ފުރަންޖެހޭ. އެހެންވެ ނިދަން މިދަނީ" ހީލަމުން އިސްހާގު ބުންޏެވެ.
ޓީވީ އަޑުމަޑުކޮށްލާފައި ތެދުވަން ނުކެރިފައި ރިކްޒާ އިނެވެ. މީގެކުރިން ދުވަހަކުވެސް ނުތެޅޭ ވަރަށް އޭނާގެ ހިތް ތެޅެމުން ދިޔައެވެ. އެހެން އިންދާ އަތުގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ.
"އަހަރެން އެބަ އިންތިޒާރުކުރަން" ނުދަންނަ ނަންބަރަކުން އައި މެސެޖެކެވެ. އެއީ ޝާރިގްކަން ޔަގީންވީ ދެވަނަ މެސެޖުގައި 'ރިކީ' ޖަހާފައި އިނުމުންނެވެ. ރިކްޒާ މަޑުމަޑުން ތެދުވެގެން ހިނގައިގަތެވެ.
ރެއިލިންގައި އަތް އަޅުވާލާފައި ރިކްޒާގެ ނަޒަރު ސީދާކޮށްލީ އަނދިރިކަން ވެރިވެފައިވާ މަގަށެވެ. މަގު ބައްތިތައް ދިއްލާފައި ހުއްޓެއް ކަމަކު ކޮންމެ ގެއެއްގެ ކައިރީގައި މަގަށް ވާގޮތަށް ގަސްތައް އިންދާފައި ހުރުމުން އަލިކަމަށް ވުރެ ބޮޑަށް މަގުތަކަށް ވަނީ އަނދިރިކަން ވެރިވެފައެވެ. މަދު މީހެއް ނޫނީ މަގުން ނުފެނެއެވެ.
"ކޮބާ ޖަވާބަކީ؟" ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވައިލަމުން ޝާރިގް އެހިއެވެ.
"އަހަރެން ރައްޓެހިވާކަށް ބޭނުމެއް ނޫން" ރިކްޒާ ބުންޏެވެ. ޝާރިގަށް އިސްޖަހާލެވިއްޖެއެވެ. ރިކްޒާގެ ފަރާތުން އެކަހަލަ ޖަވާބެއް ލިބިދާނެ ކަމަށް އޭނާ އުންމީދެއް ނުކުރެއެވެ. އިތުރަށް ރިކްޒާއަށް މަޖުބޫރު ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ރިކްޒާގެ ޖަވާބު އިއްވައިފިއެވެ. ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ޙާއްސަކަމެއް ދެވުނު އަންހެންކުއްޖާ ނުލިބޭނެކަން ޔަގީންވި ވަގުތު ކޮޅެކެވެ. ޝާރިގަށް އައި ބަދަލު ރީއްޗަށް ރިކްޒާއަށް ފެނުނެވެ.
"އަހަރެން ކިހާ މުއްދަތެއް ދޭންވީ؟" ރިކްޒާ އެހިއެވެ.
"ކޮންކަމަކަށް" އިސްއުފުލާލާފައި ޝާރިގް އެހިއެވެ.
"އަހަރެމެން ދެމީހުން ކައިވެނިކުރަން" ރިކްޒާ ބުންޏެވެ. "މިހާރު ބޭނުމެއްނުވޭތަ؟"
"ސީރިޔަސްލީ ރިކީ" ޝާރިގަށް ހެވުނެވެ.
"އަހަރެން ބުނީ ރައްޓެހިވާން ބޭނުމެއް ނޫނޭ. އިންނަން ބޭނުމެއް ނުވެޔޭ ނުބުނަމެއްނު" ރިކްޒާ ބުންޏެވެ. ހިނިއައިސްފައި ހުރެ އޭނާ ޝާރިގުގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ގިނަ ދުވަހެއް ނުވާނެ" ޝާރިގް ބުންޏެވެ. "ޓޫ ވީކްސް ދީ އަހަރެންނަށް"
"ދީފިން. އެކަމަކު އެއަށް ވުރެ ގިނަ ނުކުރާތި" ރިކްޒާ ބުންޏެވެ. އަވަސް އަވަހަށް ޝާރިގް ބޯޖަހާލައިފިއެވެ. ރެއިލިންގެ މަތީގައި އޮތް ރިކްޒާގެ އަތް މަތީގައި އޭނާއަށް އަތް އެޅުނީ ހިތަށް ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ. ރިކްޒާ އަތް މަޑުމަޑުން ގަޔާ ކައިރިކޮށްލިއެވެ.
"މިފަދަ ގާތްކަމެއް އަހަރެން ބޭނުންވަނީ ކައިވެންޏަށްފަހު" ރިކްޒާ ބުންޏެވެ.
އައްމާރުގެ ނަޒަރުން ސަލާމަތްވާން ނީލަމްއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ރަކިވެގެން އެސްފިޔަތައް ތިރިކޮށްލި ގޮތަށް އަތުގެ އިނގިލިތަކާ ކުޅެން ފެށިއްޖެއެވެ. އޭނާ ބަލައިލީ އައްމާރު ހީލި އަޑު އިވިފައެވެ.
"ނީލަމް ތިގޮތަށް ލަދުގަތީމަ ހާދަ ރީއްޗޭ" އައްމާރު ބުންޏެވެ. ދެކުދިން ވާހަކަދައްކަން މަޑުކޮށްލައިގެން ތިބީ ނީލަމް އުޅޭ ގޭގެ ބެލްކަނީގައެވެ. ވަގުތަކީ އިޝާ ނަމާދު ފަހުގެ ވަގުތެވެ. ސިޓިންރޫމުން މީހަކު ފެންނަން ނެތް ކަމުގައި ވިޔަސް ޓިވީ ހުޅުވާފައި ހުރުމުން ކޮންމެސް ވަރެއްގެ އަޑެއް އިވިއިވި ހުއްޓެވެ.
"ވަރަށް ހެއްވާ. އަހަރެންގެ މޫނު ފެންނަނީތަ؟" ނީލަމް އެހިއެވެ.
"އާނ. އެހެންވެ މިބުނީ. ތި ދެލޯ އެކަނި ފެންނަން ހުއްޓަސް އަހަރެންނަށް ނީލަމްގެ މޫނު ސިފަވޭ"
"ހޫމް... ދެން ހެވޭ" ނީލަމް ބުންޏެވެ. "އަސްލު ބުނެބަލަ ކޮންވާހަކައެއް ބުނަންތަ އުޅުނީ" ނީލަމް އެހިއެވެ.
"މަންމަ ފުރައިފި. އެކަމަކު ބައްޕަ އެބުހުރި" އައްމާރު ބުންޏެވެ.
"ދެން؟ ކައިވެންޏަށްފަހު އަހަރެން ގޮވައިގެން ދާނީތަ؟" ނީލަމް އެހިއެވެ.
"ނޫން. ނީލަމް ބޭނުން ތަނެއްގަ ދިރިއުޅެވިދާނެ. އެއްކަމެއްގެ ގެރެންޓީ ދީފާނަން. އަހަރެންގެ މަންމަ ކައިރިއަށް ދިރިއުޅެން ނީލަމް ގޮވައިގެން ނުދާނަން" އައްމާރު ބުންޏެވެ. ނީލަމް ހީލިއެވެ.
"އަހަރެންވެސް ގެރެންޓީއެއް ދީފާނަން" ހީލަމުން ނީލަމް ބުންޏެވެ.
"އަހަރެންވެސް ދުވަހަކުވެސް އައްމާރު ކައިރީގައި މައިމީހާއާ ބައްދަލުނުކުރާށޭ ނުބުނާނަން. އެކަމަކު..." ނީލަމް ހުއްޓާލިއެވެ.
"އެކަމަކު ކިހިނެއްވީ؟" އައްމާރު އެހިއެވެ. ފުރިހަމަކޮށްބަލަ"
"އަހަރެން އައްމާރުގެ އާއިލާ ކައިރިއަށް ދާން އަދިވެސް ޖެހިލުންވޭ. އައްމާރަށް ނޭނގުނަސް ވަރަށް ބިރުވެރި ކަންކަން ހިނގާފަ ހުރީ" ނީލަމް ބުންޏެވެ. އޭނާ ޖައިލަމް ލިޔެފައިވާ ސިޓީގައި ހުރި ވާހަކަތައް ހަނދާންވިއެވެ. އެހެންނަމަވެސް އެވާހަކަތައް އައްމާރާ ހިއްސާކުރަން ބޭނުންނުވިއެވެ. އެއީ ޖައިލަމް އޭނާއަށް ލިޔެފައިވާ ސިޓީއެކެވެ. އައްމާރުގެ ހިތުގައި އާއިލާއާ މެދު ރުޅިވެރިކަމެއް އުފެދިދާނެ ކަމަށްޓަކައި އޭނާ އެވާހަކަތައް ސިއްރުކުރިއެވެ. އޭނާއަށް ނޭނގުނީ އެކަންކަމަކީ މާކުރިންވެސް އައްމާރަށް އިނގިފައިވާ ކަންކަން ކަމެވެ.
"އަހަރެންގެ އަތުގެ މުލައްދަނޑީގައި ބާރު ހުރެފައި، އެކަލާނގެ ހެޔޮ ރަހްމަތްފުޅު އަހަރެންނާއެކު ވާހާ ހިނދެއްގައި ތިބުނާ ބިރުވެރިކަން ނީލަމް އާ ހަމައަށް އަންނަން ނުކެރޭނެ" ނީލަމް މާނަ ކުރި ކަންކަން އައްމާރަށް ވިސްނުނު ކަހަލައެވެ. ޖައިލަމް މަރުވުމުގެ ކުރިން ދެކުދިން ބައްދަލުކޮށް ދެކެވުނު ވާހަކަތައް އޭނާ ނީލަމް އާ ހިއްސާނުކުރެއެވެ.
"އެކަމަކު ޖައިލަމްބެގެ މައިންބަފައިން އެބަތިބި. އެމީހުންގެ އެއްވެސް ކުށެއް ނެތެއްނު. އެމީހުންނާ ވެސް ބައްދަލުނުކުރާނަންތަ؟" އައްމާރު އެހިއެވެ.
"އައްމާރުގެ ހުއްދަ ލިބުނިއްޔާ އެމީހުންނާ ބައްދަލުކުރަން ބޭނުން" ނީލަމް ބުންޏެވެ.
ފާހާނާއިން ނިކުމެގެން އައި އަންބަރް އަތުގައި ހުރި އަންނައުނުތައް ގެންގޮސް އަލަމާރީގައި އަޅުވާފައި ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ކިރިޔާ ބުޑު ނިވާވާވަރުގެ ސޯޓްކޮޅާ އަތްކުރު ޓީޝާޓްކޮޅުގައި އޭނާ ފެންނަނީ ކުޑަ ކުއްޖެއް ފަދައިންނެވެ. ފައިލްތަކެއް ހިފައިގެން އެނދުގައި އިން ޖޫދު އަންބަރް ހުރި ދިމާލަށް ބަލައިލިއެވެ. އޭނާއަށް ނަޒަރު ބަދަލުކޮށް ނުލެވުނެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ދެފައިގައި ލޯޝަން ހާކަމުންދިޔަ އަންބަރަށް އޭނާ ގެއްލިއްޖެއެވެ. އަނބިމީހާގެ ދޮންދޮން ދެފައި އެހާ ހާމަކަން ބޮޑު ގޮތެއްގައި ފެނުމުން އޭނާގެ ފައިލްތަކުން އޭނާގެ ސަމާލުކަން ކުޑަވެއްޖެއެވެ.
"އިނގޭތަ ޖިޔާއަށް އަހަރެން ފެނުމުން ވީގޮތް" އަންބަރް ޖޫދަށް ބަލައިލިއެވެ. އެހެންނަމަވެސް ޖޫދުގެ ނަޒަރު މާކުރިން އޭނާއަށް ހުއްޓިފައި ވިތަން ފެނުމުން ލަދުގަނެއްޖެއެވެ. ލައިގެން ހުރި ހެދުމާމެދު މާބޮޑަށް ވިސްނާލާފައި ހާސްވިއެވެ. ކައިވެނީގެ ކުރިން އޭނާ ނިދަން ލައި އުޅެނީ އެކަހަލަ އެއްޗިއްސެވެ. ކައިވެންޏަށް ފަހު ލޯބިނުވާ މީހަކާ އެއްކޮޓަރި ހިއްސާކުރަން ޖެހުމުން އޭނާ އެކުރު އެއްޗެހި ބޭނުން ނުކުރެއެވެ. އެހެންނަމަވެސް މިހާރު ހާލަތު ބަދަލުވެފައިވާތީ ކުރީގެ އެއްވެސް ކަމެއް ތަކުރާރުވާން ބޭނުންނުވީއެވެ.
"ކިހިނެކޭވީ ޖީ އަށް" އަނބިމީހާ ލަދުގެންފިކަން އިނގުމާއެކު ޖޫދު ބުންޏެވެ. އަނެއްކާވެސް އޭނާ އެނދުމަތީގައި ހުރި ފައިލްތަކަށް ނަޒަރު ހުއްޓާލިއެވެ.
"ޖީ ބުނީ ގަބޫލެއްނުކުރެވެޔޯ ދޮންބެދައްތަ ކަމެއް. ރަނގަޅަށް ބުނާށޯ ކޮބާހޯ ތިމަންނަގެ ދޮންބެދައްތަ. އެހެންނޫނީ ޕޮލިހަށް ދާނަމޭ" އަންބަރް މަޖާވެފައި ކިޔައިދިނެވެ.
"ހޭންވެގެން މަންމަވެސް ކިރިޔާ ކޮށި ނޭރީ" އަންބަރް އައިސް އަނެއްފަރާތުން އެނދަށް އެރިއެވެ.
"އެބަ އަންނަން" ފައިލްތައް ހިފައިގެން ޖޫދު ތެދުވިއެވެ.
އެނދުގައި އަންބަރް ހަމަޖެހިލިއެވެ. ކުއިލްޓުން ދެފައި އެއްކޮށް ނިވާކޮށްލިއެވެ. ހިތްއަވަސްވެފައި ހުރުމުން އަމިއްލަ ހިތަށް ވިސްނައިދޭން އޭނާ މަސައްކަތް ކުރިއެވެ. ޖޫދު އައިސް އެނދަށް އަރާފައި ލައިޓްގެ އަލި ކުޑަކޮށް ފަނޑުކޮށްލިއެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން" ޖޫދު އޮށޯތުމާއެކު އަންބަރް ބުންޏެވެ.
"އަވަހަށް ބުނޭ" ޖޫދު ބުންޏެވެ.
"އަހަރެން ދެކޭ ގޮތުގައި އަނބިމީހާގެ އެއްވެސް ކަމަކީ ފިރިމީހާއަށް ސިއްރުވެގެންވާނެ ކަމެއްނޫން" އަންބަރް ބުންޏެވެ.
"ޖޫދަށް އިނގޭތަ އަހަރެން ކުރިން ކައިވެންޏެއް" އަންބަރް ބުންޏެވެ.
"އާނ އިނގޭ. އެއީ އެހާ ކަމެއްތަ؟" ޖޫދު ބުންޏެވެ.
"އެއީ އަހަރެން ފިލައިގެން ގޮސް ކުރި ކައިވެންޏެއް. ވަރިވީ އެކުގަ ނޫޅެވިގެން. އޭނަ ރުޅިއައިމަ ބައެއްފަހަރު އަނިޔާކުރޭ. އެކަމަކު އަހަރެން ފޫހިނުވި. އަހަރެން އޭނަގެ ފަހަތުން އާދޭސްކުރަމުން ދުވިން" އަންބަރް ކިޔަމުން ދިޔައެވެ.
"އިބާ، ތިއީ އަހަރެންނަށް ކޮންމެހެން އިނގެންޖެހޭ މުހިންމު ވާހަކައެއްތަ؟" އަންބަރްގެ ލޯމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތް ކައިރިއަށް ލައްވައިލަމުން ޖޫދު ބުންޏެވެ.
"މުހިންމެއްނޫން ކަންނޭނގެ. އެކަމަކު އަހަރެން މިބުނާ މީހާއަކީ ކާކުކަން އިނގޭތަ؟" އަންބަރް ބުންޏެވެ. ޖޫދު ދެފަރާތަށް ބޯހޫރާލިއެވެ.
"އެއީ ވާރިޝް" އަންބަރް ބުންޏެވެ.
"ވަޓް؟" ޖޫދަށް ބުނެވުނެވެ. ފިހާރައިގައި އުޅޭ ވާރިޝްތަ؟"
އަންބަރް ބޯޖަހާލިއެވެ. އެވަގުތު ވާރިޝް އާ ގުޅުންހުރި ހުރިހާ ވާހަކަތަކެއް އޭނާ ޖޫދަށް ކިޔައިދިނެވެ. ވާރިޝްގެ ނުބައި ރޭވުމާ ކުރި ވައްކަންތަކެވެ. އަންބަރް ހީކުރީ ޖޫދު ރުޅިއަންނާނެ ކަމަށެވެ. އެހެންނަމަވެސް ޖޫދު ހީލިއެވެ. އަންބަރްގެ މޫނުގައި ފިރުމާލާފައި މޫނުގައި ބޮސްދިނެވެ.
"އެއީ ރަނގަޅު މީހެއްނޫން. ތި ފިހާރައިން އޭނަ ވަކިކުރޭ" އަންބަރް ބުންޏެވެ.
"ކުރާނަން. އެކަމަކު އިހަށް ހުރިހާ ކަމަކަށް ހެކި ބޭނުންވާނެއްނު. މިޒަމާނަކީ އަމިއްލަ ދަރިންވެސް ސާބިތުކޮށްދޭން ހެކި ބޭނުންވާ ޒަމާން"
"ރަނގަޅަށް ތިބުނީ. ޒަމާން ބަދަލުވެއްޖެ. ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ބޭނުމިއްޔާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އެކަމެއް ކުރަންޖެހޭނީ" ސީނާ އިށީނދެގެން އިނީ ރިކްޒާގެ ކޮޓަރީގައެވެ. މުހިންމު ވާހަކައެއް ރިކްޒާ ދައްކަން ބޭނުންވާ ވާހަކަ ބުނުމުން ސީނާ އައިސް އިން އިނުމެކެވެ.
"ރަނގަޅަށް ޖަވާބުދިނީ. އެއްވެސް ފިރިހެނަކާ ރައްޓެހިވާނެކަމެއް ނެތް. ލޯބިވެގެން އެކީގަ ދިރިއުޅެން ބޭނުމިއްޔާ ހެޔޮ ގޮތުގައި ކައިވެނިކުރާށޭ ބުނޭ"
"އޭނަ އެގޮތަށް ޤަބޫލު" ރިކްޒާ ބުންޏެވެ.
"ދަރިފުޅު ޤަބޫލުތަ؟"
"ތެދަށް ބުނަންޏާ ކައިވެންޏެއް ކުރަން ބޭނުން. ރައިކާއަށް ބައްޕައެއްގެ ލޯބިދޭން ބޭނުން. ޝާރިގައަށް އިތުބާރުކުރަން އުނދަގުލެއްނޫން" ރިކްޒާ ބުންޏެވެ.
"އެންމެ ރަނގަޅު. މަންމަ ތިވާހަކަ ބައްޕަ އާ ދައްކާނަން"
"ކޮން ވާހަކައެއް؟" ޖޫދު އަންބަރާ ދިމާލަށް އެނބުރިލިއެވެ. ކޮޓަރި ތެރެއަށް ފެތުރިފައިވާ ފަނޑު އޮރެންޖް އަލިކަމުގެ ތެރެއިން އަންބަރްގެ މޫނު ފެންނަނީ އަޖައިބެއް ކަހަލަ ގޮތަކަށެވެ. އެމޫނަށް ބަލަން ޖޫދު އޮތްއިރު އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.
"އަހަރެންގެ ފިރިމީހާއަށް ޙައްޤު ލޯބި ދޭން ބޭނުން" ޖޫދު ދެބުމަ ގޮށްޖަހާލައިފިއެވެ. އަންބަރްގެ ވާހަކައިގެ މިސްރާބު ހުރި ދިމާ އިނގުމުން އޭނާ ކައިރިއަށް ހިނިއައެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލިއެވެ.
"މާނައަކީ؟ ނޭނގުނު" އަންބަރް ޖޫދަށް ބަލައިލިއެވެ. އެއް އަތުން ޖޫދުގެ މޫނުގައި ހިފަހައްޓާލިއެވެ.
"މިހުރިހާ ދުވަހު އަހަރެންނަށް ފިރިމީހާއަށް ނުކޮށްދެވި ހުރި ކަންތައްތައް. އަހަރެންނަށް ފަރުވާކުޑަ ކުރެވުނު ކަންތައްތައް. ނުކޮށް ދޫކޮށްލެވިފައި ހުރި ކަންތައްތައް. މިހުރިހާ ކަމެއް ރަނގަޅު ކުރަން ބޭނުން. އެފުރުސަތު އަހަރެންނަށް ހޯދައިދީ" އަންބަރް ބުންޏެވެ.
އަންބަރް އިސްޖަހައިލި ވަގުތު ޖޫދު ހީލިއެވެ. ދެމަފިރިންގެ ގުޅުން ރަނގަޅުވި ހިސާބުން ފެށިގެން އޭނާ މަޑުކޮށްގެން ހުރީ އަންބަރްގެ ފުށުން އެކަހަލަ އިޝާރާތެއް ވަންދެނެވެ. އެވަރަށް އަނބިމީހާ ނުތަޅުވާ އޭނާ ޖަވާބެއްދޭން ބޭނުންވިއެވެ. އެހެންނަމަވެސް އެޖަވާބަކީ ބަސްމޮށުންތެރިކަމަކާ ނުލާ އޭނާ ދިން ޖަވާބެކެވެ. ކުއިލްޓްގެ ތެރެއިން އަންބަރްގެ ހިމަ ހަށިގަނޑުގައި ހިފާލާފައި އޭނާގެ ދެއަތުގެ ތެރެއަށް ގެނައެވެ. އެއަށްފަހު ކޮޓަރީގެ އަލި ކުރިއަށް ވުރެވެސް ފަނޑުކޮށްލިއެވެ.