ސާޅީސްހަތަރުވަނަ ބައި
އެހާ ހިސާބަށް ބުނެވުނުތަނާ ޖޫދަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ އަނގަ މަތީގައި އަންބަރް އަތް އެޅުމުންނެވެ. އިސްއުފުލާ އަންބަރަށް ބަލައިލިއިރު ކަރުނަތަކާއެކު ބޮޑު ދެލޮލުން އޭނާއަށް ބަލަން ހުރެ ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު ޖޫދުގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އަންބަރްގެ ދެލޮލުގައި ޖާދޫގައި އޭނާ ޖެހިއްޖެއެވެ. އެ ދެލޮލުން ބަންޑުންވަމުންދިޔަ ކަރުނަތައް ފެނި ޖޫދުގެ ހިތުގައި ރިއްސާލައިފިއެވެ.
"ތިހެން ނުބުނެފާނަންތަ" އަންބަރް ބުންޏެވެ. ޖޫދުގެ ދެލޮލުން ނަޒަރު ވަކިކޮށް އޭނާ އިސްޖަހާލައިފިއެވެ. ޖޫދުގެ އަނގަމަތީގައި އޮތް އަތް މަޑުމަޑުން ތިރިކޮށްލައިފިއެވެ.
"ކަމަނާ....ކަމާނާ ބޭނުންވަނީ ކޮންގޮތެއް؟" ޖޫދު އެހިއެވެ. އޭނާގެ އަޑުގައި މަޑުމައިތިރިކަން ވިއެވެ. އޭނާގެ ހިތުގައި އަނބިމީހާގެ މައްޗަށް އޮތް ސާފު ތެދުވެރި ލޯތްބެއްގެ ސަބަބުން އޭނާގެ ދެލޯވެސް ކަރުނުން ފުރިއްޖެއެވެ.
"ކަމަނަ ކީއްވެ ތިރޮނީ؟ އަހަރެން ކަމަނައަށް........"
"އިބާ... އިބާ ކިޔާބަލަ. ކަމަނަގެ ބަދަލުގައި އިބާ ކިޔާ" ރުއިމުގެ ތެރެއިން އަންބަރް ބުންޏެވެ.
"އެކަމަކު އަހަރެންނަށް މަނާ"
"އަހަރެން ގަބޫލުކުރަން މަނާކުރިންކަން. އެކަމަކު މިހާރު މިއީ އެދުވަހެއް ނޫނެއްނު" އަންބަރް ބުންޏެވެ. ޖޫދުގެ މޫނަށް ބަލައިލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
"އަހަރެންނަށް މައާފުކުރޭ ޖޫދު" އަންބަރްގެ އަނގައިން 'ޖޫދު' މި ނަން ބޭރުވެގެން ދިޔުމާއެކު ޖޫދުގެ ހިތަށް ވެރިވެގެން ދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ. މިނޫނީ އަންބަރް އޭނާގެ ނަން ކިޔާލި އަޑެއްވެސް ނުއިވެއެވެ.
"އައިއޭމް ސޮރީ" އަންބަރްގެ އެ ޖުމްލައާއެކު ތުރުތުރު އަޅަމުން ދިޔަ ޖޫދުގެ ދެ އަތުން އަންބަރްގެ ކަކޫ މަތީގައި ދެއަތް އަޅުވާލައިފިއެވެ.
"އަހަރެންނަށް ބުނެވުނު ބަހަކަށް. ކުރެވުނު ކަމަކަށް. ކައިވެންޏަށް މިހުރިހާ ދުވަހެއް ވެގެންދިޔައިރު އަހަރެންނަށް ފިރިމީހާއަށް ސިއްރުން ވަރަށް ގިނަ ކަންކަން ކުރެވުނު. އެހުރިހާ ކަމަކަށް. މާތްﷲ ގަންދީ ހުވާކޮށްފައި ބުނަން. އަހަރެން އިސްލާހުވެއްޖައިން. އަހަރެން ދިރިއުޅެން ބޭނުން. ވަރިވާކަށް ބޭނުމެއްނޫން. ﷲ އަށްޓަކައި ނަމަވެސް އަހަރެން ވަރިކުރާ ވާހަކަ ހުއްޓާލާ" ރޮމުން އަންބަރް ކިޔަމުން ދިޔައެވެ.
ޖޫދަށް އިނދެވުނީ އެވާހަކަތަކަށްފަހު ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގިފައެވެ. އެއީ ހަގީގަތް ކަމެއް އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ.
"ގަބޫލެއްނުކުރެވޭތަ؟ އަހަރެން މިއެދެނީ މައާފަށް. މިއީ އަހަރެން ކުރާ ސަމާސާއެއް ނޫން" އަންބަރް ބުންޏެވެ. ޖޫދު އަންބަރްގެ މޫނަށް ބަލައިލީ އެވަގުތުއެވެ. އަނެއްކާވެސް ހަތަރުކަޅި ބައްދަލުވެލިއެވެ. މިފަހަރު ދެމީހުންގެ ހިތަށްވެސް ވެރިވެގެން ދިޔައީ ތަފާތު އިހުސާސެކެވެ. އެކަކުވެސް ނަޒަރު ވަކިކޮށްލަން ނޫޅެއެވެ. ރަތް ފިޔައެއް ފަދަ ޖޫދުގެ ދެލޯ ކަރުނުން ފުރިފައިވިތަން ފެނުމުން ބޭއިހުތިޔާރުގައި އަންބަރްގެ ދެއަތް ޖޫދުގެ މޫނާ ދިމާލަށް އުފުލައިލެވުނެވެ. އެހެންނަމަވެސް އާހް.... އޭނާއަށް އެ އަތް ތިރިކޮށްލެވިއްޖެއެވެ. ޖޫދުގެ މައާފު ނުލިބޭހާ ހިނދެއްގައި ފިރިމީހާގެ ގައިގައި އޭނާއަށް ބީހުމުގެ އެއްވެސް ހައްގެއް ނެތެވެ. ފިރިމީހާގެ ދެލޯ ފޮހެދޭން ބޭނުން ވިޔަސް އެ ކަރުނަތަކަށް ބަލައިގެން އަމިއްލަ ހިތަށް ހިތްހަމަޖެހުން ހޯދުން ކަމެއް ކުރެވެން ނެތެވެ.
"ކީއްވެ ތި އަތް ތިރިކޮށްލީ" އަންބަރް ތިރިކޮށްލި އަތުގައި ޖޫދު ހިފާލިއެވެ. މަޑު ކަފަކޮޅެއް ފަދަ އެ އަތް ތިލައަށް އޭނާ ބަލައިލިއެވެ. ކައިވެންޏަށްފަހު ހަލާލު އަނބިމީހާގެ އަތުގައި އޭނާ ހިފާލި ފުރަތަމަ ފަހަރެވެ. ހިތަށް ވެރިވެގެން ދިޔަ އުފާވެރިކަމުގައި އަންބަރްގެ އަތް ގެންގޮސް އޭނާގެ ތުންފަތުގައި ޖައްސާލައިފިއެވެ.
"އަހަރެންގެ އަނބިމީހާއަށް އަބަދުވެސް އަހަރެންގެ ހިތް ސާފު. އަހަރެންގެ އަނބިމީހާއަށް އަބަދުވެސް އިތުބާރުކުރާނަން" ޖޫދު ބުންޏެވެ. ފިރިމީހާގެ މައާފު ލިބިނުކަން އެނގުނު ހިނދު އަންބަރްގެ ހިތަށް މާބޮޑަށް އަސަރުކުރިއެވެ. އޭނާއަށް އިސްޖަހާލެވިއްޖެއެވެ. ރޮމުންދިޔަ ދެމަފިރިންގެ ނިއްކުރި ޖައްސާލައިގެން ތިބިއިރު ދެމަފިރިންގެ ދެއަތްތިލަ ވަނީ ޖޯޑުކޮށްލެވިފައެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. މެންދަމުގެ އެ ހަމަހިމޭން ވަގުތުގައި ދެމީހުންގެ މަޑުމަޑު ރުއިމުގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ.
"އަހަރެން ދިރިއުޅުން ބަހައްޓަންވީ ގޮތް ބުނެދީ. އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގޭ. ނަމާދަށް އެރިޔަސް ކިޔާ އެއްޗެހި ހަނދާނެއް ނުހުރޭ. ވުޟޫކުރެވޭ ގޮތްވެސް ރަނގަޅެއް ނޫނޭ ހިތް ބުނޭ. ހަތިމް ހިފައިގެން އިނަސް ބޮޑެތި ސޫރަތްތައް ކިޔަވާކަށް ނޭނގޭ. މުސްލިމަކަށް ވީތީ ޝަހާދަތުގެ ދެކަލިމަ ކިޔެވޭ. އެއީ އެކަލާނގެ ދެއްވި އެންމެ ބޮޑު އެއް ނިއުމަތް" އަންބަރް ބުންޏެވެ.
ޖޫދު އަންބަރްގެ މޫނަށް ބަލަހައްޓައިގެން އިނީ ދެންމެ އަންބަރްގެ ދެއްކި ވާހަކަތަކާމެދު ވިސްނާށެވެ. އަނބިމީހާއަށް ރަނގަޅު މަގު ދައްކަން އޭނާ އަތުކުރި އޮޅާލައިފިއެވެ. އިންތަނުން ތެދުވެ އަންބަރް ކައިރީގައި އިށީނދެއްޖެއެވެ. އެވަގުތު ޖޫދުގެ އަތް މަތީގައި އަންބަރް އަތް ބޭއްވިއެވެ.
"މިކަންކަން އަހަރެންނަށް ދަސްކޮށްދީ. އަހަރެންގެ ފިރިމީހާ ފަހުރުވެރިވާފަދަ އަންބަކަށް ވާން މަސައްކަތްކުރާނަން" އަންބަރް ބުންޏެވެ.
ޖޫދު ދެއަތް އުފުލާލާފައި އަންބަރްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އޭނާގެ ދެއަތުގެ ތެރޭގައިވި އަނބިމީހާގެ ދޮން މޫނަށް ކައިރިން ބަލައިލިއެވެ. އެ މޫނު ކައިރިކޮށްލާފައި އަންބަރްގެ ނިތުގައި ބޮސްދިނެވެ. އެއަށްފަހު އަންބަރްގެ ބޮލުގައި ފިރުމާލިއެވެ. އެހިނދު ހިތާހިތުން އަނބިމީހާއަށްޓަކައި އޭނާ ދުއާކޮށްލިއެވެ.
"އަހަރެން ފިރިއެއްގެ ގޮތުގައި ގަބޫލުކުރަންޏާ އެންމެ ފުރަތަމަވެސް އަހަރެން އެދޭނީ ވަރަށް ބޮޑު ކަމަކަށް. އިބާ އަހަރެންނަށް އެކަން ކޮށްދޭނަންތަ؟" ޖޫދު އެހިއެވެ.
"މަންމަވެސް ދޮންތަވެސް ބުނި ހެއްދެވި ފަރާތަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ކިޔަމަންވާން ޖެހޭނޭ. ކޮށްދޭން ޖެހޭނޭ ޖޫދު ތިއަހަނީ އަހަރެންނަށް ކުރިން ކުރެވުނު ކުށް އިހުސާސްކޮށްދޭންތަ؟" އަންބަރް އެހިއެވެ. ޖޫދު ދެފަރާތަށް ބޯހޫރާލިއެވެ.
"އެހެންވެގެނެއްނޫން. އަހަރެން ދުވަހަކުވެސް އިބާއަށް ދެރަގޮތެއް ނަހަދާނަން. އެބަ އަންނަން" ޖޫދު ބުންޏެވެ. އޭނާ ތެދުވެގެން ނިދާ ސޯފާ އާ ދިމާލަށް ދިޔައެވެ. އަންބަރް އިނީ އެދިމާ ބަލަހައްޓައިގެންނެވެ. ތިރީގައި ހުރި ފޮށި ކައިރީގައި އިށީނދެގެން އިނދެފައި ކޮތަޅެއް ނަގައިގެން އައިސް އަނެއްކާވެސް އަންބަރް ކައިރީގައި އިށީނދެއްޖެއެވެ.
"ﷲ ގެ ހެޔޮ ރަހުމަތްފުޅުން އިބާ ތިއެދުނު ހުރިހާ ކަމެއް އަހަރެން ކޮށްދޭނަން. އެހެން އެއްވެސް މީހަކަށް އަންގާކަށްވެސް ނުޖެހޭނެ. ތި ބުނި ހުރިހާ ކަމެއް އަހަރެންގެ އަނބިމީހާ އުނގަންނައިދޭނަން. އަހަރެންނަށް ލިބިފައިވާ އިލްމުން އަނބިމީހާ ފެންވަރުވައިދޭނަން. ބަދަލުގައި އަހަރެންނަށް އެންމެ ކަމެއް"
"ބުނޭ. އަހަރެން ނުކުރާނެކަމަށް ހީނުކުރޭ. މިއަދުގެ މިވަގުތުން ފެށިގެން އާ ދުވަސްތަކެއް އަހަރެން ގުނަން ފަށައިފިން" ޖޫދުގެ އަތުގައި ހިފަހައްޓައިލަމުން އަންބަރް ބުންޏެވެ.
އޭނާ އެވަގުތު ކައިރީގައި އޮތް ކޮތަޅުގެ ތެރެއަށް އަތް ލައްވާފައި ކަޅު ކުލައިގެ ދިގު ހެދުމަކާ ބުރުގާއެއް ނެގިއެވެ. ހެދުން އަންބަރްގެ އުނގުމަތީގައި ބާއްވާފައި ކަޅު ކުލައިގެ ބުރުގާ އޭނާގެ ދެއަތުން އަންބަރްގެ މޫނަށް ހެޔޮވަރުކޮށްލިއެވެ. އޭނާ ހުއްޓުވާކަށް އަންބަރް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ޖޫދަށް ބަލަހައްޓައިގެން އޭނާ އިނީ ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ. ބުރުގާގެ ތެރެއިން ފާޅުވާން ހުރި އަންބަރްގެ މޫނަށް ޖޫދަށް ބަލައިލެވުނެވެ. އެހިނދު އަނެއްކާވެސް އޭނާގެ ދެލޮލުން ވެއްޓިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ.
"ތެދެއް ބުނަންތަ؟" ޖޫދު ބުންޏެވެ. އަންބަރް ބޯޖަހައިލިއެވެ.
"އަހަރެންނަށްޓަކައި މިދުނިޔޭގައި ހުރި އެންމެ ފުރިހަމަ އަންހެނާއަކީ އަހަރެންގެ މަންމަ. ދެން އަހަރެންގެ އަނބިމީހާ" ޖޫދު ބުންޏެވެ. އަންބަރް ހީލަމުން އެސްފިޔަތައް ތިރިކޮށްލިއެވެ.
"އެހެން ފިރިހެނަކު އަހަރެންގެ އަނބިމީހާއަށް ބަލައިލަންވެސް އަހަރެން ނޭދެން. މާޝާﷲ. ގުދުރަތުން އަހަރެންގެ އަނބިމީހާއަށް ދެއްވާފައިވާ ރީތިކަމާއެވެ. ސުބްހާނަﷲ. ތި ރީތިކަން އިބާގެ ހަލާލު ފިރިމީހާގެ ކުރިމަތީގައި ނޫނީ ދުވަހަކުވެސް ފާޅުނުކުރާތި. މި ފޮތިތަކުގެ ތެރޭގައި އަހަރެންގެ އަނބިމީހާ މިފޮރުވީ ހުރިހާ ގޮތަކުން ވިސްނި ނަމަވެސް އެއީ އެންމެ ރައްކާތެރިގޮތް ކަމަށްވާތީ. ހެދުން ލައިގެން ބަރަހަނާ ހާލުގައި އުޅޭ މީހުންގެ ކުޑަކުޑަ މިސާލެއް އަހަރެން ކިޔައިދެންތަ؟" ޖޫދު ވާހަކަދެއްކިއެވެ. މައުސޫމު ގޮތަކަށް އަންބަރް ބޯޖަހައިލިއެވެ.
"މެޓައެއް ގަނެގެން އައިސް އެ އުރަގަނޑާ ވަކިކޮށްލާފައި ތަނެއްގައި ބާއްވަބަލަ. އޭގެއަށް ހިނި އަރަން ކުޑަ ހިނދުކޮޅެއްވެސް ނުނަގާނެ. އެކަމަކު އެ މެޓާ އުރަގަނޑުން ނުނަގާ ކިތަންމެ އިރަކު ބޭއްވިޔަސް އެ އޮންނާނީ ނެގި ގޮތަށް ސާފުތާހިރު ކަންމަތީގަ. އަންހެނުންވެސް އަދި ފިރިހެނުންނަކީވެސް އެގޮތަށް ނިވާވެގެން ތިބެންޖެހޭ ބައެއް. އެހެންވީމަ އަހަރެން މިއަދު އަނބިމީހާއަށް ވަސިއްޔަތްވެސް ކުރަން ބޭނުން. އަހަރެން ދުނިޔޭގައި ހުއްޓަސް އަދި ނެތަސް ދުވަހަކުވެސް އިބާ މި ފޭރާމާ ވަކިނުވާތި. މި ރީތި އިސްތަށިގަނޑު ހިލޭ ފިރިހެނުން ކުރިމަތީ ހާމަނުކުރާތި" ޖޫދު ވާހަކަދެއްކިއެވެ. ފިރިމީހާގެ އޯގާތެރި ނަސޭހަތްތައް މިއަދު އަންބަރަށް ފަސޭހައިން އަޑު އެހިއްޖެއެވެ. އެ ބަސްތަކުން އޭނާގެ ހިތަށް އަރާމުވެސް ވެއްޖެއެވެ.
"އަދި ވަރަށް މުހިންމު އެއްވާހަކަ" ޖޫދު ބުންޏެވެ. މިފަހަރުވެސް އޭނާ އަންބަރްގެ މޫނުގެ ދެފަރާތުން ހިފަހައްޓާލައިފިއެވެ. އެ މޫނު ކުޑަކޮށް އުފުލާލާފައި އޭނާ އާ ހަތަރުކަޅި ހަމަކުރުވިއެވެ.
"އަހަރެންގެ އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވަން. ކައިވެނި ކުރެވުނު ހިނދުން ފެށިގެން ތިނޫނީ އެއްވެސް އަންހެނަކަށް ދުވަހަކުވެސް ބަލައިނުލާނެކަމަށް އަމިއްލަ ނަފުސަށް ވައުދުވިން" ޖޫދު ބުންޏެވެ.
ކަޅިޖަހާނުލައި އަންބަރް އިނީ ޖޫދަށް ބަލަހައްޓައިގެންނެވެ.
"އަހަރެންވެސް ފިރިމީހާ ބޭނުން" އަންބަރް ބުންޏެވެ.
"ތީގެ މާނައަކީ؟" ޖޫދު ބުންޏެވެ.
"އަހަރެންވެސް ވަރަށް ލޯބިވޭ ފިރިމީހާދެކެ. ކޮންއިރަކު ކިހިނެއް ކަމެއް ނޭނގޭ. އެކަމަކު ޖޫދުގެ ހިތްހެޔޮކަމާއި ކެތްތެރިކަން. މިހެން ގޮސް ކިޔާނެކަމެއް ނެތް. ޖޫދުގެ ކޮންމެ ސިފައެއް އަހަރެންނަށް ކަމުދޭ" ޖޫދަށް ހީނލެވުނެވެ. އަންބަރް ގެނެސް އޭނާގެ މޭގައި ޖައްސާލައިފިއެވެ. ހިތާހިތުން ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނު ވަގުތު އެއީ ފަތިސް ނަމާދުގެ ބަންގީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނު ވަގުތެވެ.
****
ސައިމޭޒު ދޮށުގައި އެންމެން ހަމަވައިރުވެސް ޖޫދާއި އަންބަރްގެ ހަބަރެއް ނުވެއެވެ. ދެތިން ފަހަރު ޖޫދުގެ ކޮޓަރިއާ ދިމާލަށް ޒަހާ ބަލައިވެސްލައިފިއެވެ.
"ޖޫދު އަނެއްކާ މާ ހެނދުނާ ތެދުވެގެން ދިޔައީތަ؟" ޒަހާ އެހިއެވެ. އެހާ ލަސްވަންދެން ޖޫދަކީ ކޮޓަރިން ނުނިކުމެ އުޅޭ މީހެއް ނޫނެވެ. އޭނާ ލަސްވެގެން ޖިޔާ ގޮވައިގެން ސްކޫލު ކައިރިއަށް ވެސް ދިޔައީ ނީލަމްއެވެ.
"ހިއެއްނުވޭ. އަޅުގަނޑު ބަދިގެއަށް އައިސްފިން ހައެއް ނުހަޖަނިސް" ނީލަމް ބުންޏެވެ. "އެހެންޏާ ހައެއް ޖަހާއިރަށް އަޅުގަނޑު ބަދިގެއަށް ވަންނައިރު އިބާވެސް ހުންނާނެ. މިއަދު ނެތީމަ އެކުއްޖާ މަތިން ވަރަށް ހަނދާންވެސްވެއްޖެ"
މިހާރު ނުވައެއް ޖަހަން އެހެރަ ދަނީ. އަނެއްކާ ދެކުދިން ބޮޑު ހައިޖާނުގަނޑެއްގައި އުޅެނީކީ ނޫންބާ" ޒަހާ ބުންޏެވެ. ސައި ނުބޮއެ އޭނާ ޖޫދުގެ ކޮޓަރިއާ ދިމާލަށް ގޮނޑި އަބުރާލިއެވެ.
ބޭރުން ޒަހާގެ އަޑު އިވުމާއެކު އަންބަރް ފުންމައިގެން ތެދުވެއްޖެއެވެ. ޖަވާބެއްދޭން އަނގަ ހުޅުވާލިތަނާ އެނދުގެ އަނެއްފަރާތުގައި ނިދާފައި އޮތް ޖޫދު އޭނާގެ ލޮލުގައި އަޅައިގަތެވެ. ދިމާ ސީދަލަށް ނިދާފައި އޮތް ޖޫދުގެ މޫނަށް އަންބަރް ބަލައިލިއެވެ. ނޭވައާ އެއްވަރަށް މެއަށް ވުރެ ތިރިން އުފުލެމުންދާ ޖޫދުގެ ބަނޑަށް ބަލައިލުމާއެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
ފިރިމީހާގެ ޖަމާއަތުގައި އޭނާ ފަތިސް ނަމާދުކޮށްގެން އޮށޯވެލީ ކުޑަކޮށް ނިދާލުމަށެވެ. ދެހިތަށް ލިބިފައިވާ އާދަޔާ ހިލާފު ހިތްހަމަޖެހުމުގައި ދެމަފިރިންނަށް ދުވަހަކުވެސް ފިނައިނުގަނެވޭ ފަދަ އަރާމު ނިންޖެއްގެ ތެރެއަށް ފީނައިގަނެވުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.
"ލައްބަ މަންމާ. މިދަނީ" ޒަހާގެ އަޑު ކަންފަތުގައި ޖެހުމާއެކު އަންބަރް ބުންޏެވެ. ފަހުން ޒަހާގެ އަޑު ކެނޑުމުން އެނާގެ ޖަވާބާއެކު ޒަހާ އެތަނުން ހިނގައްޖެކަން އެނގުނެވެ. އެނދުން ތެދުވެ ފާހާނާއަށް ދިމާލަށް ދަމުން އަރިމަތީ ކަބަޑުމަތީގައި އޮތް ޖޫދުގެ ފޯނު ނަގައި ގަޑި ބަލައިލިއެވެ. ނުވައެއް ޖަހަން ފަސްމިނެޓް ހުއްޓާ ފެނުމުން ވަރަށް ލަސްވެއްޖެކަން އަންބަރަށް އެނގުނެވެ. އެނދު ވަށާލާފައި ގޮސް އޭނާ ހުއްޓުނީ ޖޫދުގެ އަނެއް ފަރާތުންނެވެ.
"ޖޫދް، ހޭލަބަލަ" އަންބަރް ޖޫދުގެ މޫނުގައި ފިރުމާލިއެވެ. ވަރުބަލިކަމާއެކު ޖޫދު ދެލޯ ތަގުޅިކޮށްލިއެވެ. ހުޅުވިގެންދިޔަ ދެ އެސްފިޔަ ދޭތެރެއިން ލޯބިވާ އަނބިމީހާގެ މޫނު ފެނުމާއެކު އޭނާއަށް ހިނިތުންވެވިއްޖެއެވެ. އެހެން ދުވަސް ދުވަހު އޭނާގެ ހިތުގައި އުފެދިފައި ހުންނަ ހުސްކަމާއި ނުތަނަވަސްކަން ނެތެވެ.
"ވަރަށް ލަސްވެއްޖެ. މަންމަ ގޮވައިވެސްފި" އަންބަރް ބުންޏެވެ.
"ކިހާ އިރެއްވީ ގަޑިން" ޖޫދު އެހިއެވެ. އަދިވެސް އޭނާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ.
"ނުވައެއް ޖަހައިފި" އަންބަރް ބުންޏެވެ. ބޮލުގެ އިސްތަށިގަނޑު އަތަށް އޮޅާލާފައި ހަރުގައި އޮތް ތުވާލި ނަގައިގެން އައިސް އެނދުގައި އިށީނދެގެން އިން ޖޫދުގެ އަތަށް ދިއްކޮށްލައިފިއެވެ.
"ދެންވެސް ތިހެން ނީނދެ ދޭބަލަ. އަހަރެން ދާނީ ޖޫދު ނިމުނީމަ" އަންބަރް ބުންޏެވެ. ޖޫދު ތެދުވެގެން ކަންނެތް ގޮތަކަށް ފާހާނާ އާ ދިމާލަށް ހިނގައިގަތެވެ. ދޮރާ ހަމައަށް ގޮސް ހުއްޓިފައި އެނދު އަޅަން އުޅުނު އަންބަރަށް ބަލައިލިއެވެ.
"ކިހިނެއްވާނެ ދެކުދިން އެކުގައި ފެންވަރާލުން މިއަދު" ޖޫދު ބުންޏެވެ. އަންބަރްގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެހާ އަވަހަށް ލަދުން އިސްޖަހާލައިފިއެވެ. ރަކިވެގެން ގޮސް ކިޔާނެ ބަހެއްވެސް އޭނާއަށް ނޭނގުނެވެ.
"އޯކޭ.. މި ނުކުންނަނީ ވަރަށް އަވަހަށް" އަނބިމީހާ ލަދުގަނެފިކަން އެނގުމާއެކު ޖޫދު ބުންޏެވެ.
އިސްއުފުލާ އަންބަރް ބަލައިލީ ފާހާނާގެ ދޮރު ލެއްޕުނު އަޑަށެވެ. ފިރިމީހާގެ އެ ލާނެއްކަން އޭނާއަށް ކަމުދިޔައެވެ. އެނދުގެ ހެޑް ބޯޑުގައި ލެގިލާފައި އޭނާ ވިސްނާލިއެވެ. ފިރިމީހާގެ މައާފު ލިބިއްޖެއެވެ. ފިރިމީހާގެ ކިޔައިދިން ގޮތަށް ރަނގަޅު ތައުބާއަކުން ތައުބާ ވެވިއްޖެއެވެ. ހެއްދެވިފަރާތުގެ ރުހުން ލިބިއްޖެއެވެ. އޭގެ ހެއްކަކީ އޭނާގެ ހިތަށް ލިބިފައިވާ ފިނިކަމެވެ. އެހެންނަމަވެސް އަދިވެސް ހިތުގައި ހުސްކަމެއް އެބަހުއްޓެވެ. އަންބެއްގެ ފަރާތުން ފިރިއަކު ބޭނުންވާނެ ކަންކަން ހުއްނާނެއެވެ. ފާޅުގައި އެވާހަކަ ޖޫދު ކައިރީގައި ދައްކަން އޭނާއަށް ނުކެރުނެވެ. އެއް އެނދުގައި ނިދިއިރުވެސް ޖޫދު އެކަހަލަ ވާހަކައެއް ނުދައްކައެވެ. ފަހަރެއްގައި ޖޫދު މަޑުކުރަނީ އޭނާގެ އިޝާރާތެއް އެކަމުގައި ވަންދެން ހެއްޔެވެ؟ އަންބަރް ދެފަރާތަށް ބޯހޫރާލިއެވެ.
ޖޫދާ އެއްހަމައެއްގައި ހުރެ ހިނގާފައި އައި އަންހެންކުއްޖާ ފެނި ނީލަމް އަތުން ބިއްލޫރި ތަށި ނުވެއްޓުނީ ކިރިޔާއެވެ. އަނެއް އަތުން ބިއްލޫރި ތަށީގައި ހިފިގޮތަށް އޭނާއަށް އަނެއްކާވެސް ނަޒަރެއް ދެވުނީ ޖޫދު ކައިރީގައި ހިނިތުންވެގެން ހުރި އަންބަރަށެވެ.
"ކިހިނެއް ތިހެދީ" ޒަހާ ބުންޏެވެ. "ކޯޗެއް ފެނުނީ؟" ފުރުޓް ތަށިން ނެގި އާފަލު ފޮއްޗާއެކު ޒަހާ ފަހަތަށް އެނބުރި ބަލައިލިއެވެ. އޭރު އަންބަރް އޭނާ އަރާ ހަމަވެއްޖެއެވެ. ބޮޑު ހެދުމުގައި ބުރުގާ އަޅައިގެން ހުރި އަންބަރް ފެނި ޒަހާއަށް ފުރަތަމަ ހަރަކާތެއްވެސް ގެންނަން ނޭނގުނެވެ. އަތުގައި އޮތް އާފަލު ފޮތި ވެއްޓުނު ކަން ވެސް އޭނާއަށް ނޭނގުނެވެ.
"މަންމާ" އޭނާއަށް ހަމަހޭވެރިކަމެއް ވީ އަންބަރް ގޮވާލުމުންނެވެ. ވަގުތުން ޒަހާއަށް މޫނުމަތީގައި އަތް އެޅިއްޖެއެވެ. އަންބަރް އެގޮތަށް ހުއްޓާ ފެނުމުން ހަގީގަތުގައިވެސް އޭނާއަށް ރޮވިއްޖެއެވެ. އެކަމަށް އެދި ﷲ ގެ ހަޟްރަތުގައި އޭނާ ދަންނަވާތާ ކިހާ ދުވަހެއް ހެއްޔެވެ؟ ކުރިމަތިން ފެންނަން ހުރި އަންބަރް ދުށުމަށް އޭނާ ދެލޯ އެދޭތާ ކިހާ ދުވަހެއް ވެއްޖެއެވެ. ހަގީގަތަކަށް ވެގެން އެދިޔައީ ޖޫދުގެ ކައިވެނީގެ މާކުރިން އޭނާ ދުށް ހުވަފެނެކެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ އަންބަކަށް ވާން އޭނާ ބޭނުންވީ އެކަހަލަ އަންހެންކުއްޖެކެވެ. އެކަމަކު ތަގުދީރުގައި އޮތީތީ އޭނާއަށް ޖެހުނީ ކެތްތެރިވާށެވެ. އެކަލާނގެ އެކި މީހުން އިމްތިހާން ކުރައްވާނީ އެކި ގޮތަށެވެ.
"މަންމާ، މީ އަޅުގަނޑޭ. އިބާ" އަންބަރް ބުންޏެވެ. ޒަހާ މޫނުމަތިން ދެއަތް ނަގުވަމުން އަންބަރް ޖޫދަށް ބަލައިލިއެވެ.
"އަލްހަމްދުލިއްލާހް. އަލްހަމްދުލިއްލާހް. މަންމަ މިއަދު ހާދަ އުފަލެއްވެއްޖޭ. މަންމަގެ ލޮލުން ފައިބައިގެން މިދަނީ ހަމަ އުފާވެރިކަމުގެ ކަރުނަ. މާތްﷲ ދަރިފުޅުމެންގެ ދެކުދިންގެ ކައިވެނީގައި ބަރަކާތްލައްވާށި. އަބަދުވެސް ތިގޮތުގައި އުފާވެރިކަމުގައި ލަހައްޓަވާށި" ޒަހާ ކިޔާލިއެވެ.
"މިހާރު އެނގިއްޖެއްނު މިދެމީހުންނަށް އެހާ އަވަހަށް މޯނިން ނުވީ ކީއްވެކަން" ނީލަމް ބުންޏެވެ. އަންބަރަށް އައިސްފައިވާ ބަދަލު ފެނިފައި އޭނާވެސް ހިތްހަމަ ޖެހިއްޖެއެވެ.
ބޭރަށް ނުކުތް ގޮތަށް ޖޫދު އަތް ދިއްކޮށްލައިފިއެވެ. އެ އަތުގެ ތެރެއަށް އަންބަރް އަތްތިލަ ލީ ހިނިތުންވެލަމުންނެވެ. ދެމަފިރިން އެކުގައި ދުރުގައި ހުރި ސައިކަލާ ދިމާލަށް ހިގައިގަތެވެ.
"އަހަރެންގެ ފަހަތަށް އަރާނަންތަ؟" ސައިކަލަށް އަރައި އިށީންނަމުން ޖޫދު އެހިއެވެ.
"މި ހިސާބަށް މިއައީ އެހެން ކަމަށް" ހީލަމުން އަންބަރް ބުންޏެވެ. އަނެއްކާ އަހަރެން އަރުވާނަންތަ؟ އަރުވާނެ އެހެން ކުއްޖަކު ހުރީތަ؟ އަންބަރްވެސް ގަސްދުގައި ލޯބިން ޖެއްސުމަށް އެއްޗެއް ބުނެލިއެވެ.
"ތި ނޫނީ ނެތް. އަވަހަށް އަރާ. ފިހާރަ ކައިރިއަށް ގޮސް ކުޑަކަމެއް ކޮށްލާފައި މަންމަމެން ގެއަށް ދާނީ ދޯ" ޖޫދު ބުންޏެވެ. އަންބަރް ހީލިއެވެ.
ކުރިއަށް ސައިކަލް ދުއްވާލުމުން އަންބަރް ޖޫދުގެ ގާތަށް ޖެހިލިއެވެ. ޖޫދުގެ ދެފަރާތުން ދެއަތް ގެންގޮސް އުނގުމަތީގައި ބާއްވާލިއެވެ. ފިހާރައަށް ދާ ވާހަކަ ބުނުމުން އަންބަރްގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. ވާރިޝްގެ ކުރިމައްޗަށް އަރަން ޖެހިލުންވިއެވެ. އެހެންނަމަވެސް ލޯބިވާ ފިރިމީހާ އައްޑަނައަކަށް ވެގެން ކުރިމައްޗަށް ނުކުންނާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. އެހެންކަމުން ޖޫދު ދާނެ ތަނަކަށް ދަންދެން އޭނާ ހިތްހަމަޖައްސާލިއެވެ.
ފިހާރައިގެ ހަރުގަނޑު މަތީގައި ކުޑަކޮށް އިށީނދެލައިގެން ފޯނެއްގައި އިން ވާރިޝް ފުންމައިގެން ތެދުވެއްޖެއެވެ. ސައިކަލުގައި އައި ޖޫދު އޭނާއަށް ފިހާރައިގެ ބިއްލޫރިގަނޑުން ފެނިއްޖެއެވެ. އޭނާއަށް ހައިރާންކަމެއް ލިބިގެން ދިޔައީ ޖޫދުގެ ސައިކަލް ފަހަތުގައި ބުރުގާ އަޅާފައި އިން އަންހެންކުއްޖެއް ފެނުމުންނެވެ. އޭނާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ހީކުރި ގޮތަށް ޖޫދުވެސް ސައިޑު ބިޓެއް ގެންގުޅެނީއޭ ހިތާ ނުލަފާ ވައްތަރަކަށް ހީލައިފިއެވެ.
"ޕުއާ އަންބަރް" އޭނާ ބުނެލިއެވެ.
ފިހާރައަށް ވަންނަން އުޅެފައި އަންބަރް މަޑުޖެހިލިއެވެ. ލޯގަނޑުން އޭނާއަށް އެތެރޭގައި ހުރި ވާރިޝް ފެނިއްޖެއެވެ. އެކަން ޖޫދަށް އިހުސާސްވިއެވެ. އަންބަރްގެ އަތްތިލައިގައި އޭނާ ހިފައި ބާރުކޮށްލިއެވެ. އެވަގުތު އަންބަރް އޭނާއަށް ބަލައިލިއެވެ. ފިރިމީހާ ކައިރީގައި އެބަހުރީމޭ ބުނާ ކަހަލަ ގޮތަކަށް އަންބަރްގެ އަތްތިލަ އޭނާގެ މޭގައި ޖައްސާލިއެވެ. ހިނިތުންވަމުން ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް ޖޫދުގެ އަނބިމީހާގެ ގޮތުގައި ފިހާރައިގެ ތެރެއަށް ފުރަތަމަ ފިޔަވަޅު އޭނާ އަޅައިފިއެވެ.
ޖޫދުގެ އަތުގައި ހިފައިގެން މަޖާ ވާހަކައެއް ދައްކަމުން ހެމުން އެތެރެއަށް ވަދެގެން ދިޔަ އަންބަރް ފެނި ވާރިޝް އަތުގައި އޮތް ފޯނުވެސް ދޫވިއެވެ. "ވަޓް؟" ގަބޫލުނުކުރެވިފައި އޭނާއަށް ކުރިއަށް ޖެހިލެވުނެވެ. ބުރުގާ އަޅައިގެން ހުރީ އަންބަރް ކަމާމެދު އޭނާއަށް ޝައްކުވިއެވެ. ދެލޯ ފޮހެފައިވެސް ބަލައިފިއެވެ. މަންޒަރު ބަދަލުނުވިއެވެ. އެއީ ހަމަ އަންބަރެވެ. އޭނާގެ ކުރިމަތިން ހުރަސްކޮށް އޮފީސް ބަޔަށް ވަނީ އޭނާއަށް ދައްކާށޭ ހީވިއެވެ. ވާރިޝްއަށް ދެއަތް މުށްކެވުނެވެ. ހިތުގައި ހަސަދަވެރިކަމެއްވެސް ހިނގާލިއެވެ. ހިތުގައި ޖެހުނު ނަމަވެސް އެކަން ގަބޫލުކުރަން އޭނާ ބޭނުމެއްނުވިއެވެ. ތިރިއަށް ވެއްޓުނު ފޯނު ނަގައިގެން އޮފީސް ބައިގެ ދޮރު ފެންނަ ހިސާބުގައި އޭނާ މަޑުކޮށްލައިގެން ހުއްޓެވެ.
****
ރަށު ކައުންސިލުން ސީނާއަށް ހަމަޖެހުނު ވަޒީފާއާ މެދު އިސްހާގު ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކުރިއެވެ. އެކަން ފާހަގަކޮށް ފުރުތަމަ ދުވަހު އަނބިމީހާ ގޮވައިގެން އޮފީހަށް ދިޔައީ އިސްހާގެވެ. ގޭތެރޭގައި ރިކްޒާ އާއި ޝާރިގް އެކަނިވިއެވެ. ރައިކާ ގޮވައިގެން ކޮޓަރިތެރޭގައި އުޅެފައި ސިޓިންރޫމަށް ރިކްޒާ ނުކުތީ ފެން ބޮވައިގަނެގެންނެވެ. ބަދިގެ ބަޔަށް ވަންނަން އުޅެނިކޮށް ބެލްކަނީގައި ފޯނުގައއި ހުރި ޝާރިގް އޭނާއަށް ފެނިއްޖެއެވެ. ފެންބޮއި ނިމިގެން ނުކުތްއިރު ޝާރިގް ހުރީ ބަދިގެ ބައިގެ ކުރިމަތީގައެވެ. އެހާ ކުއްލިގޮތަކަށް ކުރިމަތިން ޝާރިގް ފެނުމުން ރިކްޒާ ސިހުނެވެ. ކުޑަކޮށް ހިނިތުންވެލާފައި ކޮޓަރި އާ ދިމާލަށް ހިނގައިގަތްތަނާ ޝާރިގް ގޮވާލައިފިއެވެ.
"ކަމެއް ކުރަނީތަ؟" ރިކްޒާ ހުއްޓުމުން ޝާރިގް އެހިއެވެ.
"އުނހު. ކަމެއް ކޮށްދޭންވީތަ؟" ރިކްޒާ އެހިއެވެ.
"އަހަރެން ވާހަކައެއް ދައްކާލަންވެގެން. އާދެބަލަ އިށީނދެލަން" ޝާރިގް ބުންޏެވެ. ރިކްޒާ ހިނގައިގަތީ ދެ ވިސްނުމެއްގައި ހުރެފައެވެ.
"ބުނޭ" ރިކްޒާ ބުންޏެވެ.
"އަހަރެން އުރާލަން ރައިކާ ދީފާނަންތަ؟" ރިކްޒާ ޝާރިގަށް ބަލައިލިއެވެ. އުނގުގައި އިން ޝާރިގް ރައިކާ އުރާލިއެވެ. ރައިކާގެ ދޮން ކޮލުގައި ބޮސްދީފައި ދެއަތްތިލައިގެ ކުރީގައި ހިފާލައިގެން އެކުއްޖާއާއެކު ކުޑަކޮށް ސަކަރާތްޖަހާލިއެވެ. އެހުރިހާއިރު ރިކްޒާ އިނީ ޝާރިގަށް ބަލަހައްޓައިގެންނެވެ.
"މިއަތޮޅު ރިސޯޓުން އަހަރެންނަށް ލޯންޗު ކައްޕިއެއްގެ ވަޒީފާ ހަމަޖެހިއްޖެ. ދެ ދުވަސްތެރޭ ފުރަންޖެހޭ" ޝާރިގް ބުންޏެވެ.
"ދެން؟ ތިކަމުގައި އަހަރެންނަށް ކޮންކަމެއް ކޮށްދެވޭނީ؟" ރިކްޒާ އެހިއެވެ.
"އަހަރެން ރައިކާގެ ބައްޕައަކަށް ވާން ބޭނުން. އެފުރުސަތު އަހަރެންނަށް ލިބިދާނެތަ؟"
(ނުނިމޭ)