އައްމާރުގެ އެދުމަކަށް ނީލަމް ބަނދަރަށް ނުކުތެވެ. އެކަނި ދާންޖެހުމުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އެހެންނަމަވެސް ހަވީރުގެ ވަގުތަށް ވުމާއެކު ބަނދަރުމަތީގައި ވަނީ އެކި އުމުރުފުރައިގެ މީހުން ތަކުން ހަލަބޮލި ކުރުވައިފައެވެ. ނެރުބައްތިއާ ވީ ދިމާލުގައި ހުރި ހިލަ ގޮނޑިއެއްގައި އިން އައްމާރު ނީލަމްއަށް ފެނުމާއެކު އެދިމާލަށް ހިނގައިގަތެވެ. އައްމާރަށް ހިލަމެއްވެސް ނުވެ އިންދައި ކައިރީގައި މީހަކު އިށީންތަން ފެނުނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއީ ނީލަމް ކަން އެނގުނު ހިސާބުން ފެށިގެންނެވެ. ދެކުދިން ދެމެދުގައި އަދި އެކަކަ އިށީނދެވޭނެހާ ޖާގަ ހުއްޓެވެ.
"ކީއްކުރަން މިތަނުން ބައްދަލުކުރަން ބުނީ" ނީލަމް އެހިއެވެ.
"ހަމަ ހިތަށް އެރީ މިކަހަލަ ހިތްފަސޭހަ ތަނަކުން ނީލަމް އާ ވާހަކަދައްކާލާނީއޭ" އައްމާރު ބުންޏެވެ. އެހެން ބުނެފައި އޭނާ ހީލިއެވެ. ދެން އޭނާގެ ނަޒަރު ސީދާކޮށްލީ މާދުރު ނޫން ހިސާބެއްގައި ފެންނަން އޮތް ކަނޑުގެ ލޮނުގަނޑަށެވެ. ތިބެވުނު ތަނުގެ ގޮތުން ކަނޑުން ނަގައިގެން އަންނަ ތާޒާ ވައިރޯޅި އެއްވެސް ހުރަހެއްނެތި ބީހިލަނީ ދެކުދިންގެ މޫނުގައެވެ. މިނިވަންކަމާއެކު ޖައްވުތެރޭގައި ދެފަރާތަށް އުދުހެމުން ދިޔަ ދޫނިތައް ފެނުމުންވެސް ހިތަށް ހަމަޖެހުން ގެނުވައެވެ.
"ކޮންއިރަކުން އައްމާރު މާލެ ދަނީ" ހިނދުކޮޅަކަށްފަހު ނީލަމް އެހިއެވެ.
"އަހަރެން މާލެ ދާންވީތަ؟ ނީލަމް ބުނެފިއްޔާ މިހާރުވެސް ހިނގައިދާނަން" އައްމާރު ބުންޏެވެ.
"ހެހެހެ... އުނހު. އަހަރެން މިއެހީ އަބަދު މާލޭގައި އުޅޭ މީހެއްވީމަ" ނީލަމް ބުންޏެވެ.
"މިހާރު މާލޭގައި އުޅޭހިތެއްނުވޭ. އިނގޭތަ މިކޮޅުގައި މަންމަމެންވެސް އައިސް އެބައުޅޭ" އައްމާރު ބުންޏެވެ. ހައިރާންކަމާއެކު ނީލަމް އައްމާރަށް ބަލައިލިއެވެ. ދެން އަނެއްކާ ނަޒަރު ދުރަށް ހުއްޓާލިއެވެ.
"އައްމާރު އަހަރެންނާ ތިގޮތަށް ބައްދަލުކުރާކަން އެމީހުންނަށް އެނގުނިއްޔާ އަހަރެން މިރަށުގައި އުޅުނަވެސް ނުދޭނެ" ނީލަމް ބުންޏެވެ.
"ނީލަމް އެމީހުންދެކެ ހާދަ ބިރެކޭ ތިގަންނަނީ" އައްމާރު ބުންޏެވެ.
"އާނ. ރަނގަޅަށް ތިބުނީ. އަހަރެންނަކީ ނިކަމެއްޗެއް. މިދުނިޔޭގައި އަހަރެންގެ އެކަކުވެސް ނެތް. އެހެންވީމަ ބިރުގަންނާނެތާ" ނީލަމް ބުންޏެވެ.
"ނިކަމެއްޗަކަށް ތިވަނީ އަމިއްލައަށް. އަމިއްލަ މީހާގެ ދިފާއުގައި ވާހަކަދެކެވެން ޖެހޭނެ. އެއްވެސް މީހަކު ބޭނުންހާގޮތެއް ހަދަންދެން ހުންނާކަށް ނުޖެހޭ. މީހުންނާ ޒުވާބުކުރާށެކޭ ނޫން. އެކަމަކު ތިމާއަކީ މީހަކު އެއްޗެކޭ ބުނާއިރަށް ބިރުން ފަހަތަށް ޖެހޭނެ މީހެއް ނޫން ކަން އަންގައިދޭންޖެހޭ" އައްމާރު ވާހަކަދެއްކިއެވެ. އެވާހަކަތަކާމެދު ނީލަމް ވިސްނާލިއެވެ. ދުވަހަކުވެސް މީހެއްގެ ކުރިމަތީގައި ހިތްހަމަނުޖެހިގެން ޗުއްޕެކޭވެސް އޭނާ ބުނެފައި ނެތެވެ. އައްމާރު ބުނާހެން ދިފާއުގައި ވާހަކަދެއްކުން އެއީ މީހާގެ އަހުލާގެއް ނެތްކަން އަންގައިދޭ ހެއްކެއް ނޫނެވެ. ދިރިއުޅުމުގައި އެތަކެއްފަހަރު އޭނާ ވެއްޓިއްޖެއެވެ. ހިތްވަރާއެކު ތެދުވެފައި ކުރިއަށް ހިނގައިގަނެއެވެ. މިއަދު އައްމާރު އޭނާއަށް ކުރިއަށްދާނެ އާ މަގެއް ކޮށައިދީފިއެވެ.
ރިކްޒާ އުޅޭ ބަޔަށް ދާން އުޅެފައިވެސް އަންބަރްގެ ހިޔާލު ބަދަލުވިއެވެ. ހަބަރެއް ނުވެ ހުރެފައި ކުއްލިއަކަށް ރިކްޒާގެ ކުރިމައްޗަށް އަރަން އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ޒަހާ އަތުން ރިކްޒާގެ ނަންބަރު ހޯދައިގެން ގުޅުމަށެވެ. އެނދަށް އަރައި އިށީނދެފައި އޭނާ ރިކްޒާގެ ނަންބަރަށް ގުޅިއެވެ. ކޯލް ކެނޑޭވަރުން އޭނާއަށް ގުޅޭ ގޮތެއް ނުވިއެވެ. ދެން ހަދާނެގޮތެއް ނޭނގި ވިސްނަން އިނދެފައި ރިކްޒާ އޮންލައިންގައި އިންތޯ ޗެކް ކޮށްލިއެވެ. އެންމެފަހުން ރިކްޒާ އޮންލައިންގައި އިނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެހެންވިޔަސް އޭނާ ރިކްޒާއަށް މެސެޖެއް ލިޔެފައި ފޮނުވިއެވެ. އޭނާއަށް ހަބަރެއްނުވެ އެހާ ދުވަހު ހުރެވުނު ކަމަށްޓަކައި މައާފަށް އެދުނެވެ.
ކޮޓަރީގައި އިނދެފައި އޭނާ ބޭރަށް ނުކުތީ ޖިޔާ ގޮވާލި އަޑަށެވެ. ބޭރަށް ނުކުތްއިރު ކާމޭޒު ކައިރީގައި އެންމެން ހަމައަށް ތިއްބެވެ. އަންބަރް ފެނުމާއެކު ޒަހާ އަތްދިއްކޮށްލިއެވެ. އަވަހަށް ކާން އަންނާށޭ ބުނާ ކަހަލައެވެ.
"ޖޫދު ނުގުޅާތަ؟ މަންމައަށް މެސެޖެއްކޮށްލާފައި އިން ކާން ނުދެވޭނެ ވާހަކަ ބުނެފަ" ޒަހާ ބުންޏެވެ. އަންބަރް ބަހެއް ނުބުނެ އިނދެފައި ކައިރީގައި އިން ޖިޔާއަށް ބަލައިލާފައި ހީލިއެވެ.
"ޖީގެ ކިޔެވުން ކިހިނެއް؟" އޭނާ ވާހަކަދެއްކީ ޖިޔާއާއެވެ. ކާން އިން އަތުގެ ބޮޑުވާ އިނގިލި ކޮޅަށްޖަހާލާފައި ބެސްޓް އޭ ބުނެލިއެވެ.
ކައި ނިމިގެން ޒަހާ އާއި ޖިޔާ ކޮޓަރިއަށް ދިޔުމުން ނީލަމް އަވަސްވެގަތީ ތަށިތައް ނެގުމަށެވެ. ކުރީގައި ކަންތައްކުރާ އުސޫލުން އަންބަރަށް ނީލަމް އެކަނި ހުރިހާ ކަމެއް ކުރަން ބަހައްޓާފައި ކޮޓަރިއަށް ދާން ނުކެރުނެވެ. އޭނާ ތެދުވެފައި ނީލަމްއަށް އަތްގާތްކޮށްދޭން ފެށިއެވެ. ނީލަމް ތަށިތައް ދޮންނަން ހުރިއިރު ކާމޭޒުމަތި ސާފުކުރަން އޭނާ ހުއްޓެވެ. ނީލަމް އެނބުރިލާފައި އަންބަރަށް ބަލައިލިއެވެ. އޭނާއަށް ހީލެވުނެވެ. އަންބަރްގެ ބަދަލުވަމުންދާ އުޅުމުގެ ތެރެއިން ކައިވެނި ދަމަހައްޓަން އުޅޭކަހަލަ ނިޝާންތަކެއް މަޑުމަޑުން ފެންނަން ފަށައިފިއެވެ. ވާރިޝްއާ އިތުރަށް ގުޅުމެއް އޮންނަކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. ޔަގީނުންވެސް މިހާރު އެއްކަމެއް އޭނާއަށް ޔަގީންވެއްޖެއެވެ. ވާރިޝް އަންބަރާ ގުޅުން ބާއްވާފައި ވަނީ ވާރިޝްގެ ހިތުގައި އަންބަރްގެ މައްޗަށް އެއްވެސް އިހުސާސެއް އޮވެގެނެއް ނޫނެވެ. ބަދަލުހިފުމުގެ ރޫހުގައި އަންބަރްގެ އިހުސާސްތަކާ ވާރިޝް ކުޅެލީއެވެ. އެކަން އަންބަރަށް އެނގޭނެ ނަމައެވެ. ނީލަމްގެ ހިތުގައި އަންބަރާ މެދު ހަމްދަރުދީ އުފެދުނެވެ.
"އިބާ،" ބަދިގެއަށް ނުކުންނަން ދިޔަ އަންބަރަށް ނީލަމް ގޮވާލިއެވެ.
"ވަގުތު އޮތިއްޔާ އާދެބަލަ ވާހަކަދައްކާލަން" ޓިޝޫއަކުން އަތް ފޮހެމުން އައި ނީލަމް ބުންޏެވެ. ދެކުދިން ބަދިގެ ތެރޭގައި ހޭދަކުރި ދިހަ ވަރަކަށް މިނިޓް ތެރޭގައި އެކަކުވެސް އަނގައިން ބުނެފައެއް ނެތެވެ.
"ކިހިނެއްތަ؟" އަންބަރް ކައިރީގައި އިށީންނަމުން ނީލަމް އެހިއެވެ.
"ރަނގަޅު" އަންބަރް ބުންޏެވެ. އޭނާގެ ޖަވާބު ކުރެވެ. ނީލަމް ކޮށްފާނެ ސުވާލެއް ނޭނގޭތީ އަންބަރް ހާސްވަމުން ދިޔައެވެ.
"އެއްޗެކޭ ހީނުކުރައްޗޭ. އަހަރެން އަހާލަން ބޭނުން ވާރިޝް އާއި އިބާއާ މިހާރުވެސް އެއްވެސް ގުޅުމެއް އޮތްތޯ. އަހަރެންނަށް އެނގޭ ޖޫދު އާއި އިބާ ކައިވެނިކޮށްގެން މިގެއަށް އައިއިރުވެސް ތި ދެމީހުން އުޅުނީ ރައްޓެހިވެގެން ކަން" ނީލަމް ވާހަކަދެއްކިއެވެ. އަންބަރް ދެއަތް ދެއަތާ މޮޑޭމުން ދިިޔައިރު ނީލަމްގެ ވާހަކަތަކުން އޭނާއަށް އުދަގުވަމުން ދިޔައެވެ. ދޭނެ ޖަވާބެއް ނޭނގި ދެލޮލުގެ ކަޅި އެއްކޮޅުން އަނެއްކޮޅަށް ދައުރުކޮށްލަކޮށްލާ އިނެވެ.
"އަހަރެން އެހެން މިއެހީ އެއްގޮތަކަށްވެސް އިބާ ދަށްކޮށްލާ އެއްޗެހި ކިޔާކަށް ނޫން. އިބާއަށް ބަދަލުތަކެއް އަންނަކަން ފާހަގަވެގެން" ނީލަމް ބުންޏެވެ. އަންބަރްގެ ހާސްކަން ކުޑަކޮށްލުމުގެ ގޮތުން ނީލަމް އަންބަރްގެ އަތުގައި ހިފާލިއެވެ.
"އަހަރެންނާއި ވާރިޝްއާ މިހާރަކު އެއްވެސް ގުޅުމެއް ނެތް. އެއީ ދޮގުވެރިއެއް. މަކަރުވެރިއެއް. އަމިއްލަ އެދުމުން ފޯވެފައި ހުރި އިންސާނެއް. އޭނާ ކުރަން އުޅޭ ކަންތައް ދުވަހަކުވެސް ކާމިޔާބުނުވާނެ" އަންބަރް ބުންޏެވެ. ނީލަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އަހަރެން މިއަދު ވަރަށް އުފާވެއްޖެ. ތިހުރިހާ ކަމެއް އިބާއަށް ތަންކޮޅެއް ކުރިން އެނގުނަމަ ކިހާ ރަނގަޅު" ނީލަމް ބުންޏެވެ.
އަންބަރް ރަށަށް އައިކަން ވާރިޝްއަށް އެނގުނީ ފިހާރަ ތެރެއިން އޭނާއަށް ޖޫދު ފެނުނު ހިސާބުންނެވެ. އަންބަރާ ބައްދަލުކުރުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ހިނގާލިއެވެ. ފާހާނާއަށް ވަދެފައި އޭނާ ފޯނު ނަގާފައި އަންބަރްގެ ނަންބަރަށް ގުޅިއެވެ. ފޯނު އޮތީ ނިވާލާފައެވެ.
"އިބާ ނަންބަރު ބަދަލުކުރީތަ އަނެއްކާ؟" ފާހާނާ އިން ނުކުމެފައި އޭނާ ކައުންޓަރަށް ބަލައިލިއިރު ލިޔުންތަކެއް ހިފައިގެން ޖޫދު އިނެވެ. ޖޫދުގެ ފޯނުގައި އަންބަރްގެ ނަންބަރު އިންނާނެ ކަމަށް ވާރިޝް ޔަގީންކުރިއެވެ. އޭނާއަށް ނުވިސްނުނީ ޖޫދުގެ ފޯނު ހާވާނެ ގޮތެކެވެ. ވަދެގެން އައި މޫސައަށް ގޮވާލާފައި ލިޔުންތައް ހިފައިގެން ޖޫދު ހިނގައިގަތެވެ. ފޯނު ބާއްވާފައި ޖޫދު ދިޔަކަން ނަސީބެހޭ ވާރިޝް ހިތަށް އެރިއެވެ. އޭނާ އަވަސް އަވަހަށް ކައުންޓަރުގައި އިށީނދެފައި އަދި ލޮކް ނުވެ އޮތް ޖޫދުގެ ފޯނު ނަގާފައި ކޮންޓެކްޓް ލިސްޓު ހާވާލިއެވެ. އަންބަރްގެ ފޯނު ނަންބަރު އޭނާއަށް ނުފެނުނެވެ. ހިތްހަމަނުޖެހިފައި ފޯނު ބާއްވާފައި ފިހާރައިން ވެސް ނުކުތެވެ. އައި ރުޅިމަތީގައި އޭނާ ގޮސް މަޑުކޮށްލީ އޭނާގެ ކޮޓަރީގައެވެ. އެނދުގައި އިށީންގޮތަށް ބާލީސްތައް ހުރިހާ ދިމާލަކަށް ހޫރާލައިފިއެވެ.
"އަންބަރް، އަހަރެންގެ މަގުސަދު ހާސިލު ނުވަނީސް ކަލޭ އަހަރެންނާ ގުޅުން ކަނޑާލަން ލާހިކެއްނޫން. ކޮންމެ ތަނެއް ފަޅާފައި ވިޔަސް އަހަރެން ކަލެ އާ ހަމައަށް ދާނަން" ހިތާ ހިތުން ވާރިޝް ބުނެލިއެވެ.
ފަހަކަށް އައިސް އެއްވެސް ކަމެއް ކާމިޔާބު ނުވާތީ ވާރިޝް ހުންނަނީ ހަމައިގައެއް ނޫނެވެ. ފިހާރަ ތެރޭގައިވެސް މޫސަ ވިއްދާފައި ހުންނާތީ އޭނާއަށް ކައުންޓަރުން ވައްކަން ކުރެވޭ ގޮތެއް ނުވެއެވެ. ފިހާރަތެރޭގައި ހިންގާ އޮފީސް ތެރެއަށް ވަންނަން އެތައް ދުވަހަކު އޭނާ މަސައްކަތް ކޮށްފިއެވެ. އެހެންނަމަވެސް އޭނާއަށް އެތަނަށްވެސް ވަދެވޭ ގޮތެއް ނުވިއެވެ. ބައެއްފަހަރު މޫސަގެ ފުރާނަ ދުއްވާލަންވެސް އޭނާގެ ހިތަށް އަރައެވެ. އޭނާ އާއި އޭނާގެ މަގުސަދާ ދެކޮޅަށް ނުކުންނަ ކޮންމެ މީހަކީ އޭނާގެ ދުޝްމިނެކެވެ.
"އެކަމަކު ކިހިނެއް އަހަރެން އަންބަރާ ހަމައަށް ދާނީ" އެނދުގައި އިނދެފައި ވާރިޝް ތެދުވެގެން ދެކޮޅަށް ހިނގަންފެށިއެވެ. އިރުކޮޅަކުން އެނދުގައި އިށީނދެފައި ނީލަމްއަށް ގުޅިއެވެ. އަންބަރާ ހަމައަށް ދިޔުމަށް އޭނާ ނީލަމްގެ އެހީ ހޯދަން ނިންމިއެވެ. ނުލަފާ ހިނިގަނޑަކާއެކު އޭނާ އެނދަށް ވެއްޓިގަތެވެ.
ކަޅު ކޮފީތަށި، ސޯފާގައި އިން ޝާރިގްއަށް ދިއްކޮށްލާފައި ރިކްޒާ ހިނގައިގަތެވެ. އޭނާއަށް ހުއްޓެން މަޖުބޫރުވީ ޝާރިގް އޭނާގެ ނަމުން ގޮވާލުމުންނެވެ. އެއް ފުރާޅެއްގެ ދަށުގައި ދެ ދުވަސް ވަންދެން އުޅުނުއިރު މިނޫނީ ޝާރިގް އޭނާއަށް ގޮވާލާފައެއް ނެތެވެ. އެހެންކަމުން އެގޮވާލުމަށް އިޖާބަނުދީ ރިކްޒާއަށް ކުރިއަށް ހިނގައިގަންނަން ނުކެރުނެވެ.
"އަހަރެން އެކަނި އިނީމަ ވަރަށް ފޫހިވާތީ މިއުޅެނީ؟ މިތަނުގައި އިށީނދެވިދާނެތަ؟" ޝާރިގް އެދުނެވެ. ދެ ވިސްނުމެއްގައި ހުރެފައި ރިކްޒާ އިށީނެވެ. ދެމީހުން ކުރެ މީހަކު ބަހެއް ނުކިޔައެވެ. ނުދަންނަ މީހެއް ކައިރީގައި އިންނަން ޖެހުމުން ރިކްޒާއަށް އުދަގުވިއެވެ.
"އެ އިވެނީ ރައިކާގެ އަޑު" ކޮޓަރިން ރައިކާ ރޯލި އަޑު އިވުނެވެ. އެދިމާލަށް ރިކްޒާ ދިޔަލެއް އަވަހެވެ. ހީވީ ތެދުވާނެ ފުރުސަތެއް ނުލިބިފައި އިންހެންނެވެ. ރިކްޒާގެ ހަރަކާތްތައް ހުރިގޮތުން ޝާރިގްއަށް ހެވުނެވެ.
ކޮޓަރިން ނުކުތް އިސްހާގު، ސޯފާގައި އިން ޝާރިގް ކައިރީގައި އިށީނެވެ. ދުވި މީރު ވަހުން އިސްހާގު ފެންވަރައިގެން ނުކުތީ ދެންމެއަކު ކަން އެނގެއެވެ.
"ބޭބެ ކޮންއިރަކުން މާލެ ދާން ފުރަނީ؟" ޝާރިގް އެހިއެވެ. އަތުގައި ހުރި ކޮފީމަގު މޭޒުމަތީގައި ބަހައްޓާފައި އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ.
"ޝާރިގު ފޫހިވީތަ؟ އެކޮޅަށް ދާން ބޭނުންވަނީދޯ. މަސައްކަތްތައް ހުއްޓާލާފައި މިގޮތަށް ރަށެއްގައި އައިސް ހުންނަން ބޭބެއަށް ވެސް ވަރަށް އުނދަގު. އެކަމަކު ކީއްކުރާނީ؟ ދިރިއުޅުމުގައި ހުރިހާ އެއްޗަކީ ފައިސާއެއް ނޫން ދޯ. މިހުރިހާ ދުވަހު އާއިލާއެއް އޮތްކަން ބޭބެ ހުރީ ހަނދާންނެތިފަ. އެ ދެމައިން ބޭބެއާ އެކު ދާން އެބަސްވުމާއެކު މިތަނުގައި އެންމެ ހިނދުކޮޅެއްވެސް ނުހުންނާނަން" އިސްހާގު ވާހަކަދެއްކިއެވެ.
"މިގޮތަށް ދެ އަންހެނުން އުޅޭ ގެއެއްގައި ތިބުން ރަނގަޅެއްވެސް ނޫން. އޭރުން ބޭބެގެ ދަރިފުޅަށް މިރަށު މީހުން މާ ގިނަ އެއްޗެހި ގޮވާނެ" ޝާރިގް ބުންޏެވެ.
"ވަރަށް ރަނގަޅު ވާހަކައެއް. މިޒަމާނުގައި ތިއުމުރުގެ ކުއްޖަކަށް ތިހާ ބުއްދި ހަމަޖެހޭ އެއްޗެހި ބުނާކަށް ނޭނގޭނެ. ޝާރިގު ގެ ތިހުންނަނީ ހަމަ ކަލޭގެ ބައްޕަގެ މިޒާޖު. މިއަދު އަހަރެން އުފާވޭ އުފަން ދަރިއެއް ނޫނަސް ފިރިހެން ދަރިއަކު ރަނގަޅަށް ބޮޑުކުރެވުނުކަމަށްޓަކައި" އިސްހާގު ބުންޏެވެ. އޭނާ އެއް އަތުން ޝާރިގްގެ ބުރަކަށީގައި ފިރުމާލިއެވެ.
"އަހަރެންނަށް ފެންނަނީ މިގޭ ސީނާ ދައްތައާ އަލުން ވާހަކަދައްކަން" ޝާރިގް ބުންޏެވެ. އެވަގުތު އިސްހާގު ބޯޖަހާލިއެވެ.
ރޭގަނޑު ނިދަންވީ ވަގުތު ޖެހުމާއެކު ފާހާނާއަށް ވަދެފައި އައިސް ރިކްޒާ އެނދަށް އަރައިފިއެވެ. ގަޑިން ދިހައެއް ޖަހައި ބޮޑުވެއްޖެއެވެ. ބޮޑު އެނދުގައި ރިކްޒާ އާއި ރައިކާ ތިބިއިރު ސީނާ އޮތީ ތިރީގައި ގޮދަޑިއެއް އަޅައިގެންނެވެ. އަރިމަތީ ކަބަޑުމަތީގައި އޮތް ފޯނު ނަގާފައިވެސް އޭގެ އާ ކުޅެން ރިކްޒާ ބޭނުމެއްނުވިއެވެ. އޭނާ ފޯނު ބާއްވާފައި ބާލީސް ދަށުގައި އޮތް އިނގިރޭސި ވާހަކަ ފޮތް ނެގިއެވެ. ފޫހިފިލުވުމަށްޓަކައި މިހާރު ރިކްޒާ ކުރާ ކަމަކީ އެއީއެވެ. އެހެން އޮވެފައި އެއްފަރާތަކަށް އެނބުރިލި ވަގުތު އޭނާއަށް ތިރީގައި އޮތް ސީނާ ހަރަކާތްކޮށްލި މަންޒަރު ފެނުނެވެ. އެއާއެކު އޭނާ ކުޑަކޮށް ތެދުވެފައި ބަލައިލިއެވެ. ބޯމަތީގައި އެއް އަތް ބާއްވައިގެން ސީނާ އޮތީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.
"މަންމާ،" ފޮތް ބާއްވާފައި ރިކްޒާ ގޮވާލިއެވެ. އެވަގުތު ސީނާ ހޫނއެއް ލައްވާލިއެވެ.
"ކޯޗެއް ތިވިސްނަނީ؟" ރިކްޒާ އެހިއެވެ. އެއާއެކު ސީނާ ތެދުވެފައި އަލަމާރީގައި ލެގިލައިފިއެވެ.
"ދަރިފުޅުގެ ބައްޕަ އެހުންނަނީ އަހަރެމެން ގޮވައިގެން ނޫނީ ނުދާންވެގެން. އެގޮތަށް މިގޭތެރޭގައި އެމީހުން ތިބޭތީ މަންމަ ވަރަށް ކަންބޮޑުވޭ. މިހާރުވެސް މީހުން ކިޔާ އެއްޗެހިން ދެލޮލުން ކަރުނަ އާދޭ" އަސަރާއެކު ސީނާ ބުންޏެވެ. ރިކްޒާ ފުން ނޭވައެއް ލިއެވެ. ސީނާ ދެއްކި ވާހަކަތަކާ އޭނާއަށް ދެކޮޅެއް ނުވެވެއެވެ.
"މަންމަ ރަނގަޅު ވާހަކައެއް ތިބުނީ. އަހަރެން މިހުރީ މަންމަ ބުނި ގޮތަކަށް ކަންތައްކުރަން" ރިކްޒާ ބުންޏެވެ.
"ދަރިފުޅު ބުނެބަލަ. މަންމަ ކިހިނެއް ހަދަންވީ. ދަރިފުޅުގެ ބައްޕަގެ ހަޔާތަށް އަލުން ދާންވީތަ؟ ވިސްނާ ވިސްނާ މަންމަގެ ބޮލުގައި ރިއްސާ. ރަނގަޅު ގޮތެއް ނުވިސްނުނު. ކައިވެންޏެއް ކުރުމަކީ ކުޑަ ކަމެއް ނޫން" ސީނާ ވާހަކަދެއްކިއެވެ.
"މަންމަ އިސްތިހާރާ ނަމާދުކޮށްފައި ފެންނަ ގޮތަކަށް ކަންތައްކުރޭ. އޭރުން ހަމަ ގައިމުންވެސް މަންމައަށް ދެރައެއް ނުލިބޭނެ" ރިކްޒާ ބުންޏެވެ.
"ތިބުނާ ނަމާދެއްކުރަން މަންމައަށް ނޭނގޭ" ސީނާ ބުންޏެވެ.
"ތިއީ އެއްވެސް ކަމެއް ނޫން މަންމާ. ނަމާދެއްކުރާ ގޮތް ނަމާދުގައި ކިޔާ އެއްޗެހި ނޭނގޭތީ މިޒަމާނަކު ހާސްވާކަށް ނުޖެހޭ. ބަލާލި ކޮންމެ ދިމާލަކުން އެމައުލޫމާތުތައް ލިބެން އެބަހުރި. އެހެންނޫނަސް މަންމައަށް އެހީވާން އަހަރެން މިހުރީނު" ހީލަމުން ރިކްޒާ ބުންޏެވެ.
"އިސްހާގު ބުނި މާދަމާ ޖަވާބެއްދޭށޭ" ސީނާ ބުންޏެވެ.
"ބައްޕަވެސް އެ އުމުރުގައި ދެން މަޖާކުރާކަށް ނުވިސްނާނެ ކަންނޭނގެ. ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް ބަދަލު އަންނާނެއެއްނު. އެކަލާނގެ އިރާދަކުރެއްވީތީ ބައްޕައަށް ވެސް އެވަނީ ހެޔޮވިސްނުން ދެއްވާފައި" ރިކްޒާ ބުންޏެވެ.
"ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ މަންމާ. މާދަމާ ހެނދުނާ ރައިކާއަށް ވެކްސިންދޭން ދާންޖެހެއެއްނު. ދެން ހިނގާ ނިދަން" ރިކްޒާ ބުންޏެވެ.
ކައިރީގައި މީހަކު ހުއްޓުނުހެން ހީވުމާއެކު އަންބަރް އިސްއުފުލާލާފައި ބަލައިލިއެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ރަތް ކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން ޖޫދު ފެނުމުން އަންބަރް ކުޑަކޮށް ސިހޭގޮތް ވިއެވެ.
"ސޮރީ. ސިހުނީ ދޯ" ޖޫދު ބުންޏެވެ. އަންބަރް އެއްޗެއް ނުބުނެއެވެ. އެވަގުތު ޖޫދު ކުރަން އުޅޭ ކަމެއް ނޭނގޭތީ އަންބަރް އިނީ ހާސްވެފައެވެ. ނިޔަފަތިގަނޑު ހަފަން ފެށުނީ ހިތަށް އައިސް ވަން އެއްޗެއްގެ ސަބަބުންނެވެ.
"އެބަ ދިއްލާލަން އިނގޭ ކޮޓަރި" ޖޫދު ބުންޏެވެ. އެނދާ ދިމާލުން ބެޑްލައިޓް ޖޫދު ދިއްލާލިއެވެ. ކޮޓަރިތެރެ އަލިވެގެން ދިޔައިރު އެނދުގައި ދެފައި ވަށްކޮށްގެން ނިޔަފަތި ހަފަން އިން އަންބަރަށް ޖޫދުގެ ނަޒަރު ހުއްޓުނެވެ. ދަނބު ކުލައިގެ ސެޓިން ފޮތީގެ ޕިޖާމާގައި އަންބަރް ފެންނަ ގޮތް ވަރަށް ރީއްޗެވެ. އޭނާގެ ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތްއިރު އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން ޖޫދަށް އުނދަގުވިއެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކޮށްފައި އެނދު ވަށާލާފައި އައިސް އަރިމަތީ ކަބަޑުމަތީގައި ހުރި އަންބަރްގެ ބޭސްއަޅާ ދަޅު ނަގައިފިއެވެ.
"އަހަރެން ދަމުން ހަނދާނެއް ނެތް މަންމަ ކައިރީގައި ބުނަން ކަމަނައަށް ބޭސްދޭށޭ" ޖޫދު ބުންޏެވެ.
"ކައިފަ މިހުރީ. ކައިގެން ކާންޖެހޭ ބޭސް ކެއިން ދޯ" ޖޫދު އެހިއެވެ. އޭނާ އަންބަރަށް ބަލައިލިއެވެ. އަނގައިން ބަހެއް ނުކިއެއް ކަމަކު އަންބަރް ނިކަން އަވަހަށް ބޯޖަހާލިއެވެ.
"ވެރީ ގުޑް" ޖޫދު ބުންޏެވެ. "ނޭވައަށް އެއްވެސް ބަދަލެއް އާދޭތަ؟ އައި މީން ބްރީތް ކުރާއިރު އެއްވެސް އުނދަގުލެއް ހުރޭތަ؟" އިތުރަށް ޖޫދު އެހިއެވެ. އަންބަރް ދެފަރާތަށް ބޯހޫރާލިއެވެ.
"އެހެންވިއްޔާ ނިދާލާ. ގުޑްނައިޓް" ޖޫދު ބުންޏެވެ. އޭނާ އަލުން ބެޑްލައިޓް ނިއްވާލާފައި ގޮސް އޭނާ ނިދާ ތަނުގައި އޮށޯތެވެ. ބާލީސްމަތީގައި ބޯއެޅުމަށްފަހު ކުއިލްޓުން ކަރާ ހަމައިން ހަށިގަނޑު އަންބަރް ފޮރުވާލިއެވެ. އެއްފަހަރު ޖޫދު އޮތް ހިސާބަށް ބަލައިލާފައި އަންބަރް ދެލޯ މަރާލިއެވެ. އެހެންނަމަވެސް ހިތުން ދައްކަމުންދިޔަ ވާހަކަތަކެއްގެ ސަބަބުން ނިދީގެ އަރާމު ދުނިޔެއަށް ފީނައިގަނެވޭ ގޮތް އޭނާއަށް ނުވިއެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނުން ބަރާވެއްޖެއެވެ.
"އަހަރެން މިހާރު ބޭނުންވާގޮތެއް އަހަރެންނަށްވެސް ނޭނގޭ. އަހަރެންނަށް އަދިވެސް ބަދަލެއް އައި ކަމަކަށް ގަބޫލެއްނުކުރެވޭ. ބަދަލެއް އައިނަމަ އަހަރެން އޭނައާ ވާހަކަނުދައްކަނީ ކީއްވެ؟ ކޮށްދޭ ކަންކަމަށް ކުޑަމިނުން ޝުކުރިއްޔާ އޭ ނުބުނަނީ ކީއްވެ؟ އޭނަ އަހަރެންނަށް ވަރަށް ރަނގަޅު. އަނެއްކާ އޭނަ އަހަރެންދެކެ ލޯބިވަނީތަ؟ ނޫން. އެއީ ހަމްދަރުދީ. އޭނަ އަހަރެންނާއެކު އުޅެން މަސައްކަތް އެބަކުރޭ. އެކަމަކު... އަހަރެން... މިވާގޮތެއް ނޭނގޭ..." ދެލޮލުން ފައިބައިގެން ދިޔަ ކަރުނަތަކާއެކު އަންބަރް ދެލޯމަރާ ބާރުކޮށްލިއެވެ.
ވިސްނުންތަކާއި ފިކުރުތަކެއްގެ ކަނޑަކަށް ގެނބިފައި އޮތް އަންބަރް ކައިރީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. މެންދަމުން އަލިވެ ދެގަޑި ބައި ވެއްޖެއެވެ. ތެދުވެ ނަމާދެއްކުރަން އޭނާ ހިތަށް އައިސް ވަނީ ކުއްލިއަކަށެވެ. ޖޫދު ނަމާދަށް ހޭލުމުގެ ކުރިން އޭނާ ތެދުވިއެވެ. އެ ދަންވަރުގެ ވަގުތުގައި ފެންވަރައިގެން ނުކުމެ ނަމާދަށް އެރިއެވެ. އާދައިގެ ދެ ރަކުއަތް ކޮށްފައި އެނދުގައި އިށީނދެފައި މޫނުމަތީގައި އަތް އަޅައިފިއެވެ. ދަމު ނަމާދަކީ މީހުން ދިގުކޮށް ކުރާ ނަމާދެކެވެ. އެކަމަކު އޭނާ އެ ފަސްމިނިޓް ތެރޭގައި އެ ނަމާދުކޮށް ނިންމާލައިފިއެވެ. ނަމާދުގައި ކިޔާ އެއްޗެހި ދަސްވެފައި ނެތުމުން ނަމާދު ދިގުކުރާނެ ގޮތެއް އޭނާއަށް ނުވިސްނުނެވެ. ސޫރަތުލް ފާތިހާ އާއި ފަލަގިއްނާސި ތިން ސޫރަތް ނޫން އެހެން އެއްވެސް ސޫރަތެއް އޭނާއަށް ނޭނގެއެވެ. ހުރިހާ ނަމާދެއްގައި އޭނާ ކިޔަނީވެސް އެ ސޫރަތް ތަކެވެ. ނަމާދުގެ ހަރަކާތްތައް މާބޮޑަކަށް އޭނާއަށް ނޭނގެއެވެ. އިންޓަނެޓް ބަލައިގެން ދަސްކުރަން އުޅުނަސް އެކަމެއް އޭނާއަށް ނުވެއެވެ.
ތެދުވަން އުޅޭ ކަހަލަ ގޮތަކަށް ޖޫދު ހަރަކާތްކޮށްލި މަންޒަރު ފެނުމާއެކު އޭނާ ފުންމައިގެން އެނދަށް އަރައިފިއެވެ. ނިދަންކަމަށް ހަދާފައި ދެލޯމަރާ ބާރުކޮށްލައިފިއެވެ.
(ނުނިމޭ)